މޮރިޝަސްއާ ދެކޮޅަށް ކުޅުނު ހަތަރު ވަނަ ސިންގަލްސް މެޗު ކާމިޔާބުކޮށް، ރާއްޖެއަށް ރަން މެޑެލް ކަށަވަރުކޮށް ދިނުމަށް ފަހު ފާތުމަތު ދީމާއަށް ރޮވިފައި (ފޮޓޯ/އެމްއޯސީ)

އައިއޯއައިޖީ 2023

އައިއޯއައިޖީ: އަންހެން ޓީޓީ ޓީމު ރަން މެޑެލްއާ އެކު ހިނިތުންވެލައިފި

އެންމެ ފަހުގެ މުބާރާތުގައި ވެސް ރަން މެޑެލް ހޯދި ދިވެހި އަންހެން ކުޅުންތެރިން މިއަދު މޮޅުވީ މޮރިޝަސް އަތުން 3-1
27 އޯގަސްޓު 2023

މީގެ ހަތަރު އަހަރު ކުރިން މޮރިޝަސްގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި އެ ގައުމުގެ އަންހެން ޓީމު ބަލިކޮށް ރަން މެޑެލް ގެނައި ރާއްޖޭގެ ގައުމީ އަންހެން ޓީމު މިއަދު މަޑަގަސްކަރައިގައި އޮތް މުބާރާތުގެ ފައިނަލްގައި ވެސް މޮރިޝަސްގެ މައްޗަށް ކާމިޔާބު ހޯދައި، ރަން މެޑެލް ދިފާއުކޮށްފި އެވެ.

މިހާރު ކުރިއަށް ދާ އައިއޯއައިޖީގައި ރާއްޖޭގެ ފުރަތަމަ މެޑެލްއާ ހަމައަށް އަންހެން ޓީޓީ ޓީމު ދިޔައީ މޮރިޝަސްއާ ކުޅުނު ހަތަރު މެޗުގެ ތެރެއިން 3-1 އިން މޮޅުވެގެންނެވެ. އޭގެ ތެރޭގައި ފާތުމަތު ދީމާ އަލީ ކާމިޔާބުކުރި ސިންގަލްސް ދެ މެޗު ހިމެނެ އެވެ.

ދެން މޮޅުވީ ޒުވާން އަނެއް ކުޅުންތެރިޔާ އައިޝަތު ރަފާ ނާޒިމް ކުޅުނު މެޗުންނެވެ.

މޮރިޝަސްއާ ދެކޮޅަށް އައިޝަތު ރަފާ ކުޅުނު މެޗުގެ ތެރޭގައި ޕޮއިންޓެއް ހޯދުމަށް ފަހު ހިތްވަރު ދައްކާލަނީ

މޮރިޝަސްއަށް ގެންދެވުނީ ލައިސާ ފަތުހުﷲ އިސްމާއިލް ވާދަކުރި މެޗު، 3-1 އިންނެވެ.

ފައިނަލްގެ ފުރަތަމަ ސިންގަލްސްގައި ރަފާ މޮޅުވީ 3-0 ގޭމުންނެވެ. ދީމާ ކުޅުނު ފުރަތަމަ މެޗުގެ ފުރަތަމަ ގޭމް މޮރިޝަސްގެ ކުޅުންތެރިޔާ ގެންގޮސްފައި އޮއްވާ ދީމާ މޮޅުވީ ފަހަތުން އަރައި 3-1 ގޭމް ހޯދައިގެންނެވެ.

ރާއްޖެ ކާމިޔާބުކުރި ތިން ވަނަ ސިންގަލްސް ދީމާ ކޮޅަށް އަނބުރާލީ ފަސޭހަކަމާ އެކު 3-0 އިންނެވެ. އެހާ ހިސާބުން އަންހެން ޓީޓީ ޓީމު ވީ މިހާތަނަށް ބޭރުގެ މުބާރާތެއްގައި ރަން މެޑެލް ދިފާއުކުރި ރާއްޖޭގެ ފުރަތަމަ ގައުމީ ޓީމަށް ވެސް މެ އެވެ.

މި މުބާރާތުގައި ރާއްޖޭގެ އަންހެން ގައުމީ ޓީޓީ ޓީމުގެ ކުޅުންތެރިންނާ މެދު އޮތް އުއްމީދު ބޮޑެވެ. ދެން ފަށާނީ އިންޑިވިޖުއަލް މެޗުތަކެވެ. މޮރިޝަސްގައި އޮތް މުބާރާތުގައި ރާއްޖެ ދީމާ ވަނީ ސިންގަލްސް ޗެމްޕިއަންކަން ހޯދައި ރަން މެޑެލް ކާމިޔާބުކޮށްފަ އެވެ. އަދި ދީމާ އާއި ރަފާގެ ޕއާ އަންހެން ޑަބަލްސްގެ ރަން މެޑެލް ވެސް ކަރުގައި އެޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް