ފާތިމަތު ދީމާ އަލީ، ސާފް ގޭމްސްގައި ކުޅެނީ: މިއަދު ވޯލްޑް ޖޫނިއަ ޗެމްޕިއަންޝިޕްގައި ވާދަކޮށް، ބަލިވި -- (ފޮޓޯ/އޮލިމްޕިކް ކޮމިޓީ)

ދީމާ ބަލިވެއްޖެ، އެކަމަކު ރާއްޖެއަށް އެއީ މޮޅެއް

ވޯލްޑް ޖޫނިއަ ޗެމްޕިއަންޝިޕަށް ދީމާ ހޮވުމަކީ ވެސް ކުޅިވަރުގެ ތާރީހުގައި ފާހަގަކުރެވޭނެ ކަމެއް
5 ޑިސެމްބަރު 2021

ސްލޮވޭކިއާގެ ވިލްޒްސްކޮވާ ޑޮމިނިކާ އަތުން 4-1 ގޭމުން ރާއްޖޭގެ ފާތުމަތު ދީމާ އަލީ މިއަދު ބަލިވެއްޖެ އެވެ. އެކަމަކު މި ބައްޔަކީ، ޓީޓީ ކަހަލަ ބޭރުގެ މުބާރާތްތަކުގައި ދިވެހި ކުޅުންތެރިންގެ ފަރާތުން އާންމުކޮށް ފެންނަ ދެރަވުމެއް ނޫނެވެ: މި ބައްޔާ އެކު ވެސް، ދިވެހިން ވާން ޖެހޭނީ ފަހުރު ކަމަށް، އޭނާގެ ކޯޗު ދެކެ އެވެ.

ޕޯޗުގަލްގައި ކުރިއަށް ދާ ދުނިޔޭގެ ޖޫނިއަ ޓީޓީ ޗެމްޕިއަންޝޕްގެ ސިންގަލްސް ފުރަތަމަ ބުރުން ދީމާ ބަލިވެ ކެޓީ، ދުނިޔެއިން ވެސް ދެން އަރަން ތިބި އެންމެ މޮޅެތި ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔާގެ އަތުންނެވެ. ޓީޓީގެ ދެން އޮތް ޖީލުގެ ތަރިންގެ ތެރޭގައި ހިމެނިދާނެ ޒުވާން އެއް ތަރި އެވެ.

ދީމާއަށް މެޗު ގެއްލުނީ 11-3، 11-8، 11-3، 6-11، އަދި 11-9 އިންނެވެ.

ދުނިޔޭގެ ޖޫނިއަ ޗެމްޕިއަންޝިޕަށް ދީމާ ހޮވުމަކީ ވެސް، ރާއްޖޭގެ ކުޅިވަރުގެ ތާރީހުގައި، ވަރަށް ބޮޑަށް ފާހަގަކުރެވޭ ކާމިޔާބީއެކެވެ. ފުރަތަމަ ބުރުގައި ވާދަކުރި އެންމެ 32 ކުޅުންތެރިންގެ ތެރޭގައި މި ސަރަހައްދުން ވެސް ދެން ހިމެނެނީ އިންޑިއާގެ ސައިނީ ސުހާނާ އެވެ. ސައިނީގެ ދުނިޔޭގެ ރޭންކިއަށް ބަލާފައި އޭނާ ވަނީ ފުރަތަމަ ބުރު ނުކުޅެ ގަދަ 16 އަށް ދަތުރުކޮށްފަ އެވެ.

ދީމާއަށް މިއަދުގެ މެޗުން މޮޅުވެ އަދި ގަދަ 16ގެ މެޗުން ވެސް މޮޅުވި ނަމަ ކްއާޓާ ފައިނަލްގައި ޖެހުން ކައިރީ ސައިނީއާ އެވެ.

ދީމާގެ ކޯޗު އަދި ކުރީގެ ރާއްޖޭގެ އެއްވަނަ ފިރިހެން ޓީޓީ ކުޅުންތެރިޔާ އިބްރާހިމް ޝިއުރީ، މީގެ ކުރިން 'ދައުރު'އަށް ދިން އިންޓަވިއުގައި ވެސް އަދި މިއަދުގެ މެޗުގެ ކުރިން ދެއްކި ވާހަކާގައި ވެސް ބުނީ "މި މުބާރާތަށް ދީމާ އައުމަކީ ގައުމު ފަހުރުވެރިވާން ޖެހޭ ފަދަ ކަމެއް" ކަމަށެވެ.

ހަގީގަތް އެއްފަރާތުގައި ބާއްވާފައި ހިތުގެ އަޑިން މިއަދު ވެސް އޭނާ އުއްމީދުކުރީ ދީމާ މި މެޗުން މޮޅުވެ، ގަދަ 16 އަށް ދާނެ ކަމަށެވެ. ނަމަވެސް ޑޮމިނިކާއަކީ އާދައިގެ ކުޅުންތެރިއެއް ނޫނެވެ. އަދި ދިރިއުޅުމުގެ އެހެން ހުރިހާ ކަމެއް ބަހައްޓާފައި ހަމައެކަނި ކުޅެން ހުސްވެފައި ހުރި ކުޅުންތެރިއެއް ކަމަށް ވެސް، ޝިއުރީ ބުންޏެވެ.

"ދެން ކޯޗެއް ވީމާ އުއްމީދުކުރާނެތާ. އެކަމަކު އެއީ ވަރަށް ވަރުގަދަ ކުޅުންތެރިއެއް،" ދީމާ ބަލިވުމުގެ ކުރިން ޝިއުރީ ބުންޏެވެ.

މި މުބާރާތަށް ހޮވުމާއި މިކްސްޑް ޑަބަލްސްގެ ފުރަތަމަ ބުރުން ޗެކް ރިޕަބްލިކްގެ މާޓިން ސިޕްގެ ޕާޓްނަރެއްގެ ގޮތުން ކުޅެ އޮސްޓްރޭލިޔާގެ ޕެއާ އަތުން މޮޅުވުމަކީ ވެސް، ދީމާގެ ކާމިޔާބީއެކެވެ. ޓީޓީގައި ރާއްޖެއަށް ކުރިއަށް އެޅުނު އިތުރު ފިޔަވަޅެކެވެ.

އެކަމަކު ޝިއުރީ ބުނީ ދީމާއަށް ދެން ކުރިއަށް ދެވެން އޮތީ ޓީޓީގައި ދުނިޔޭގެ ރަނގަޅު ގައުމެއްގައި ގިނަ ދުވަހު ހުރެގެން ކަމަށެވެ. އެހެން ގޮތަކަށް ބުނާ ނަމަ ރާއްޖޭގައި އޭނާއަށް ދެން ލިބޭނެ ކުރިއެރުމެއް ނެތީ އެވެ.

"އެގޮތަށް ދެން ވިސްނަންވީ. މިހާރު އެ ހުރި ލެވެލްއިން ދީމާއަށް ދެން އިތުރަށް ކުރިއަށް ދެވޭނީ ބޭރުން ތަމްރީން ހޯދައިގެން،" ޝިއުރީ ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް