ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް 17 ޖޫން 2019ގައި ކުރިއަށް ގެންދަނީ (ފޮޓޯ/ރައްޔިތުންގެ މަޖިލިސް)
ވިޝުއަލް އެކްސްޕްލެއިނާ: ރައްޔިތުންގެ މަޖިލިސް ޗާޓުން
ފަހުގެ ތާރީޚެއްގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އެންމެ ވާދަވެރި ބައި-އިލެކްޝަން ހޮނިހިރު ދުވަހު ނިމުނީ މިހާރު ވެސް މަޖިލީހުގައި އެންމެ ގިނަ ގޮނޑި ހޯދާފައިވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އެ ގޮނޑި ކާމިޔާބު ކުރުމާއެކު އެވެ. އެމްޑީޕީގެ މުހައްމަދު ރާޝިދު އިންތިހާބު ކާމިޔާބު ކުރެއްވީ 1401 ވޯޓުންނެވެ. އޭނާއާ އެންމެ ކައިރިން ވާދަކުރެއްވި ޕީޕީއެމްގެ މޫސާ ފަތުހީއަށް ލިބިވަޑައިގަތީ 1161 ވޯޓެވެ.
ކޮމަންޑޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހުސެއިން ވަހީދު 13 ޑިސެމްބަރު 2021ގައި އަވަހާރަވުމާ ގުޅިގެން ހުސްވި ގޮނޑި ހޯދައި އެމްޑިޕީން ވަނީ މަޖިލީހުގައި ތިބި އެ ޕާޓީގެ މެމްބަރުންގެ އަދަދު 65ގައި ދަމަހައްޓައިފަ އެވެ.
މަޖިލީހުގައި ގޮނޑިތައް ބެހިފައިވަނީ:
-
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ - 65 މެމްބަރުން
-
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް - 13
-
ޖުމްހޫރީ ޕާޓީ - 3
-
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް - 3
-
މޯލްޑިވްސް ނޭޝަނަލް ޕާޓީ - 3
-
މޯލްޑިވްސް ޑިވޮލަޕްމަންޓް އެލަޔަންސް - 2
-
މިނިވަން މެމްބަރުން - 5
ދާދިފަހުން އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ކޮމިޝަންގައި 11 ޕާޓީއެއް ރަޖިސްޓްރީކޮށްފައި ވާއިރު، 3،000 މެންބަރުން ހަމަވަނީ އަށް ޕާޓީއެއްގަ އެވެ.
ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީތައް އަދި ރަޖިސްޓްރީކުރި ތާރީޚް
-
1-
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) - 21 ޖޫން 2005
-
2-
ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) - 21 ޖުލައި 2005
-
3-
އަދާލަތު ޕާޓީ (އޭޕީ) - 18 އޯގަސްޓް 2005
-
4-
ޖުމްހޫރީ ޕާޓީ (ޖޭޕީ) - 3 އޯގަސްޓް 2008
-
5-
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) - 17 އޮކްޓޫބަރު 2011
-
6-
މޯލްޑިވްސް ޑިވޮލަޕްމަންޓް އެލަޔަންސް (އެމްޑީއޭ) - 20 ޑިސެމްބަރު 2012
-
7-
މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކް (އެމްޓީޑީ) - 27 ޑިސެމްބަރު 2018
-
8-
މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) - 20 ޖެނުއަރީ 2019
-
9-
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) - 31 ޖެނުއަރީ 2019
-
10-
މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) - 20 ނޮވެމްބަރު 2019
-
11-
މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) - 25 އޮކްޓޫބަރު 2021
އެންމެ ފުރަތަމަ ރަޖިސްޓްރީކުރި ސިޔާސީ ޕާޓީކަމުގައިވާ އެމްޑީޕީއަކީ މެމްބަރުން އެންމެ ގިނަ ޕާޓީ ވެސް މެ އެވެ. އެ ޕާޓީގައި 51،720 މެމްބަރުން ތިބިއިރު އެންމެ ކައިރިން ވާދަކުރަނީ 37،284 މެމްބަރުންނާ އެކު ޕީޕީއެމް އެވެ.
އާ ގާނޫނުއަސާސީއާ އެކު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު އިތުރުވުމަށް މަގުފަހިވެގެންދިޔަ އެވެ. އެއީ ގާނޫނުއަސާސީގެ 71 ވަނަ މާއްދާގައި މަޖިލީހުގެ މެމްބަރުންގެ އަދަދު ކަނޑައެޅުމުގެ އުސޫލާ އެއްގޮތަށް އިންތިޚާބާ ބެހޭ ގާނޫނަށް ގެނައި ބަދަލުތަކާ އެކު އެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު 1998ން 2019އާ ދެމެދު ވަނީ 50ން 87 އަށް އިތުރުވެފަ އެވެ. ގާނޫނުއަސާސީގެ 71 ވަނަ މާއްދާގައިވާ ގޮތުން:
-
ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީކޮށްފައިވާ އާބާދީގެ ފުރަތަމަ 5،000 މީހަކަށް ނުވަތަ 5،000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެންބަރުން ތިބެން ޖެހެ އެވެ.
-
އަދި އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީކޮށްފައިވާ އާބާދީ 5،000 އަށް ވުރެ އިތުރުވާ ނަމަ، އާބާދީގެ ފުރަތަމަ 5،000 މީހުންނަށް ވުރެ އިތުރުވާ ކޮންމެ 5،000 މީހަކަށް މެންބަރެއް.
ރައްޔިތުންގެ މަޖިލީހުގެ، 2014ގެ އިންތިޚާބަކީ އާ ގާނޫނުއަސާސީގެ ދަށުން، އިންތިޚާބީ ދާއިރާތައް 77 އިން 85 އަށް އިތުރުކުރުމަށް ފަހު ބޭއްވި ފުރަތަމަ އިންތިޚާބެވެ. އަދި 2019ގެ އިންތިޚާބުގައި އިންތިޚާބީ ދާއިރާތައް 87 އަށް ވަނީ އިތުރުވެފަ އެވެ.
-
2019 - 264،442، ވޯޓްލުމުގެ ހައްގުލިބިފައިވާ މީހުން؛ 87 މެމްބަރުން
-
2014 - 240,653، ވޯޓްލުމުގެ ހައްގުލިބިފައިވާ މީހުން؛ 85 މެމްބަރުން
މެމްބަރުންގެ އަދަދަށް އައިސްފައިވާ ބަދަލު:
-
1998 - 50 މެމްބަރުން
-
2009 - 77 މެމްބަރުން
-
2014 - 85 މެމްބަރުން
-
2019 - 87 މެމްބަރުން
ރާއްޖޭގެ ފުރަތަމަ ގާނޫނުއަސާސީ (1932) އާއެކު އުފެއްދި ފުރަތަމަ ރައްޔިތުންގެ މަޖިލީހުގައި ތިއްބެވީ 47 މެމްބަރުންނެވެ. އެއަށް ފަހު އެކި ދައުރުތަކުގައި މެމްބަރުންގެ އަދަދު މަދުވެ އަދި އިތުރުވެފައިވެ އެވެ. ފުރަތަމަ ގާނޫނުއަސާސީއަށް ހަތަރު އަހަރު ފަހުން 1936ގައި 33 މެމްބަރު ތިބި އިރު 1950ގެ ތެރޭގައި 34 އިން 54 އަށް ވަނީ އިތުރުވެފަ އެވެ. އެކަމަކު 1975ގައި މެމްބަރުންގެ އަދަދު 48 އަށް ދަށްވި އެވެ. އެއީ ކުރިން މާލެއިން ހޮވަމުން އައި އަދަދު އަށަކުން ދޭކަށް ބަދަލުކުރުމުންނެވެ. އިދާރީ ދާއިރާތައް 19 އިން 20 އަށް 1998ގައި ބަދަލުކުރުމުން މެމްބަރުންގެ އަދަދު 50 އަށް އިތުރުވި އެވެ. އެއިރު ތިއްބަވަނީ ރައީސް އައްޔަންކުރައްވާ އަށް މެމްބަރުންނާއި 20 އަތޮޅުން އިންތިޚާބުކުރާ 40 މެމްބަރުންގެ އިތުރަށް މާލެ އިން ހޮވާ ދެ މެމްބަރުންނެވެ.
-
ތިރީގައި މިވަނީ 1932ން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދަށް އައިސްފައިވާ ބަދަލުތައް ދައްކައިދޭ ޗާޓެއް:
ވޭތުވެދިޔަ 36 އަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖލީހުގެ މެމްބަރުންގެ މުސާރަ އާއި އެލަވަންސަށް ވަރަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފަ އެވެ. ކުރިން 1980ގައި މެމްބަރެއްގެ މުސާރައަކީ މަހަކު 260ރ. އެވެ. މިއީ އެ ދުވަސްވަރަށް ބަލާއިރު މާ ބޮޑު މުސާރައެއް ނޫނެވެ. ނަމަވެސް 1990 އިން ފެށިގެން މުސާރަ ބޮޑުވަމުންދިޔަ އެވެ. ކުރިއާ އަޅާބަލާ އިރު އެންމެ ބޮޑު ބަދަލެއް އައީ 2006ގަ އެވެ. އަދި 2008 އާއި 2011ގައި ވެސް މުސާރަ އާއި އެލަވަންސަށް އައި ކުރިއެރުން ވަރަށް ބޮޑެވެ. މުސާރަ އާއި އެލަވަންސާ އެކު މެމްބަރަކަށް މިހާރު މަހަކު 82،500ރ. ލިބިވަޑައިގަންނަވަ އެވެ.
މަޖިލީހުގެ މެމްބަރަކަށް މިހާރު ލިބިވަޑައިގަންނަވަނީ:
-
މުސާރަ: 42،500ރ.
-
ލިވިން އެލަވަންސް: 20،000ރ.
-
ކޮމިޓީ އެލަވަންސް (ހާޒިރީއަށް ބިނާކޮށް): 20،000ރ.