ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދު: ކެންސަރަށް ފަރުވާ ހޯއްދަވަނިކޮށް، 13 ޑިސެމްބަރު 2021 ވަނަ ދުވަހުގެ ރޭ، އޭޑީކޭ ހޮސްޕިޓަލުގައި ވަނީ އަވަހާރަވެފައި.

ކެންސަރަށް ފަރުވާ ހޯއްދަވަނިކޮށް މެމްބަރު ހުސައިން ވަހީދު އަވަހާރަވެއްޖެ

ރާއްޖެއަށް ޑިމޮކްރެސީ ގެނައުމުގެ ހަރަކާތުގައި ވެސް އުޅުއްވި ހިދުމަތްތެރި ބޭފުޅެއްގެ ގޮތުގައި އެކި ފަރާތްތަކުން މެމްބަރުގެ ހަނދާން އަންނަނީ އާކުރަމުން
14 ޑިސެމްބަރު 2021

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދު ކެންސަރަށް ފަރުވާ ހޯއްދަވަނިކޮށް އޭޑީކޭ ހޮސްޕިޓަލުގައި މިރޭ އަވަހާރަވެއްޖެ އެވެ.

އެނގުން މުހިއްމު - އެމްޑީޕީގެ މެމްބަރު ހުސައިން ވަހީދު ކެންސަރުގެ އާލާސްކަންފުޅުގައި އުޅުއްވާތާ ދުވަސްތަކެއް ވެއްޖެ އެވެ. ފަރުވާ ހޯއްދެވުމަށް ޔޫއޭއީގައި އަހަރެއްހާ ދުވަހު އުޅުއްވި އެވެ. އޭގެ ފަހުން މަޖިލީހުގެ ޖަލްސާތަކުގައި އަލުން ބައިވެރިވެވަޑައިގަންނަވަން ފެއްޓެވީ މިދިޔަ މާޗު 29ގަ އެވެ.

ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެން މަޖިލީހުގެ މެމްބަރުންނާއި ސަރުކާރުގެ ވަޒީރުންނާއި އޭގެ އިތުރުން ވެސް އެކި ފަރާތްތަކުން އަންނަނީ ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކޮށް އާއިލާއަށް ތައުޒިޔާ ކިޔަމުންނެވެ.

ހުސައިން ވަހީދު 10 ޖޫން 2019ގައި މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ: އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައި. (ފައިލް ފޮޓޯ/ މަޖިލިސް)

ޑިމޮކްރެސީ ގެނައުމުގެ ބައިވެރިއެއް؛ ހިތްހެޔޮ ބޭފުޅެއް

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ޓްވީޓެއްގައި ވިދާޅުވިގޮތުގައި ރާއްޖެއަށް ޑިމޮކްރެސީ ގެނައުމުގެ ހަރަކާތުގައި މުހިއްމު ދައުރެއް އަދާކުރެއްވި ހުސައިން ވަހީދަކީ "ހިތްތިރި، އިހުލާސްތެރި އަދި ހިތްވަރުގަދަ" ބޭފުޅެކެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ޓްވިޓާގައި ވިދާޅުވިގޮތުގައި ހުސައިން ވަހީދު ވަނީ 17 ވަނަ މަޖިލީހާއި 19 ވަނަ މަޖިލީހުގައި ގިނަަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ ޓްވީޓެއްގައި ހުސައިން ވަހީދު ސިފަކުރެއްވީ "ގައުމާއި ރައްޔިތުންނަށް ގިނަ  ހިދުމަތްތަކެއް ކޮށްދެއްވި އެކުވެރި އަދި ހިތްހެޔޮ" ބޭފުޅެއްގެ ގޮތުގަ އެވެ.

އިިދިކޮޅު ޕީޕީއެމްގެ ނާއިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އާއި ޕީއެންސީގެ ނާއިބު ރައީސް، މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވެސް ވަނީ ހިތާމައިގައި ބައިވެރިވެވަޑައިގެން ޓްވީޓްކުރައްވައިފަ އެވެ.

ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފު ވިދާޅުވިގޮތުގައި ހުސައިން ވަހީދަކީ "ނުހަނު ހިތްހެޔޮ އަދި ބޭބެއެއް ފަދައިން ރަނގަޅު ނަސޭހަތް ދެއްވި" ބޭފުޅެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް