އެމްއެންޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: އެ ޕާޓީން މިހާރު ވަނީ 10،000 މެންބަރުން ހަމަކޮށްފައި. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އެމްއެންޕީ

އެމްއެންޕީން ކަނޑައެޅި 10،000 މެންބަރުންގެ ޓާގެޓް ހާސިލުކޮށްފި

ސިޔާސީ ޕާޓީތަކަށް ފައިސާ ލިބެނީ 10،000 މެންބަރުން ހަމަކުރުމުން؛ އެމްއެންޕީން މިހާރު ޓާގެޓުކުރަނީ 20،000 މެންބަރުން ހަމަކުރުމަށް

އަލަށް އުފެއްދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) މިދިޔަ މަހު ރަޖިސްޓްރީ ކުރުމަށް ފަހު 10،000 މެންބަރުން ހަމަކުރުމަށް އެ ޕާޓީން ކަނޑައެޅި އަމާޒަށް ކުރު މުއްދަތެއްގައި ވާސިލުވެ، ޕާޓީގެ މެމްބަރުންގެ އަދަދު 20،000އަށް އިތުރުކުރުމަށް އަމާޒު ހިފައިފި އެވެ.

އެނގުން މުހިންމު - ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް އިސްވެ ތިއްބަވައިގެން އެމްއެންޕީ އުފެއްދުމުގެ މަސައްކަތް ރަސްމީކޮށް ފެއްޓެވީ މި އަހަރުގެ މިނިވަން ދުވަހާ ދިމާކޮށް، މިދިޔަ ޖުލައި 26ގަ އެވެ. އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީ ރަޖިސްޓްރީކޮށްދިނީ މިދިޔަ އޮކްޓޯބަރު 25ގަ އެވެ. 

ރަޖިސްޓްރީ ކުރުމަށް އެމްއެންޕީން ހުށަހެޅީ 5،000 މެންބަރުންގެ ސޮޔާ އެކުގަ އެވެ. އޭރު އެ ޕާޓީން ބުނީ، އަހަރު ނިމުމުގެ ކުރިން 10،000 މެންބަރުން ހަމަކުރާނެ ކަމަށެވެ.

ބުނީ ކީކޭ؟ - އެ ޕާޓީގެ ކައުންސިލް މެންބަރު ހުސައިން ފަޔާޒު މިއަދު 'ދައުރު'އަށް ވިދާޅުވީ، އިއްޔެ އިތުރު ފޯމުތަކެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައި، މިހާރު 10،000 މެންބަރުން ހަމަކޮށްފައިވާ ކަމަށެވެ.

މިދިޔަ ދުވަސްތަކުގައި ޕާޓީއަށް މީހުން އިތުރުކުރުމަށް މާލެ އާއި އަތޮޅުތެރޭގައި ގިނަ ހަރަކާތްތަކެއް ހިންގާފައިވާކަން ފަޔާޒު ފާހަގަކުރެއްވި އެވެ.

އެމްއެންޕީއަށް މެންބަރުން އިތުރު ކުރުމަށް މި މަހުގެ ކުރީކޮޅު ރަށްރަށަށް ކުރި ދަތުރެއްގެ ތެރެއިން. (ފޮޓޯ/އެމްއެންޕީ)

އެމްއެންޕީގެ ވަގުތީ ނައިބު ރައީސްކަން ކުރައްވާ ތިމަރަފުށީ ދާއިރާގެ މެންބަރު ރިޔާޒް މިއަދު 'ދައުރު'އަށް ވިދާޅުވީ، މިހާރު ޓާގެޓުކުރަނީ އަންނަ އަހަރު ނިމެންވާއިރަށް 20،000 ހަމަކުރުން ކަމަށެވެ.

"މިއީ ވަރަށް ގިނަ ބައެއްގެ މަސައްކަތް. އެންމެންނަށް ވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ،" ރިޔާޒު ވިދާޅުވި އެވެ.

އެމްއެންޕީގެ ވަގުތީ ރައީސްކަން ކުރައްވާ ދަގެނތީ ދާއިރާގެ މެންބަރު ނާޒިމް ވެސް ވަނީ، އެ ޕާޓީއަށް 10،000 މެންބަރުން ހަމަކުރުމަށް މަސައްކަތްކޮށްދެއްވި ހުރިހާ މެންބަރުންނަށް މަރުހަބާ އާއި ޝުކުރު ދަންނަވާފަ އެވެެ.

"އެމްއެންޕީއަކީ ކުރިމަގު އުޖާލާ ޕާޓީއެއް،" ނާޒިމް އިއްޔެ ކުރެއްވި ޓްވީޓެއްގައިވެ އެވެ.

ނާޒިމްގެ ޓްވީޓް

އެނގުން މުހިންމު - ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 37 ވަނަ މާއްދާގައި ބުނާ ގޮތުން ދައުލަތުގެ ބަޖެޓުން ދޭ ފައިސާގެ އެހީ މިހާރު ލިބެނީ އިލެކްޝަންސް ކޮމިޝަންގައި 10،000 މެންބަރުންގެ ސޮއި ހަމަވާ ޕާޓީތަކަށެވެ. އެމްއެންޕީން އަލަށް ހުށަހެޅި ފޯމުތައް އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފި ނަމަ، އެ ޕާޓީއަށް ވެސް މެންބަރުންގެ އަދަދަށް ބަލައި އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައިވާ ގޮތުން، އެމްއެންޕީގައި އަދި ތިބީ 4،951 މެންބަރުންނެވެ. އެއީ ރަޖިސްޓްރީ ކުރުމަށް ފުރަތަމަ ހުށަހެޅި ފޯމުތައް އެކަނި ހިމަނައިގެންނެވެ. އިއްޔެ ހުށަހެޅި ފޯމުތައް އަދި ވެރިފައިކޮށް ސިސްޓަމަށް އަޕްޑޭޓްކޮށްފައެއް ނުވެ އެވެ.

އެމްއެންޕީން 10،000 މެންބަރުންގެ ސޮއި ހަމަކުރި އިރު، މިއީ އޭގެ ކުރިން އުފެއްދި ސަރުކާރު ކޯލިޝަންގައި ހިމެނޭ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ލީޑުކުރައްވާ އަދާލަތު ޕާޓީގައި މިހާރު ތިބި މެންބަރުންނަށް ވުރެ ވެސް އިތުރު އަދަދެކެވެ.

އިލެކްޝަސް ކޮމިޝަންގައި 11 ޕާޓީއެއް ރަޖިސްޓްރީކޮށްފައި ވާއިރު، 3،000 މެންބަރުން ހަމަވަނީ އަށް ޕާޓީގައި އެވެ.

ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ އަދަދު:

  • އެމްޑީޕީ - 51،720

  • ޕީޕީއެމް - 37،284

  • ޖޭޕީ - 13،174

  • އެމްޑީއޭ - 7،703

  • އަދާލަތު ޕާޓީ - 6،280

  • އެމްއެންޕީ - 4،951

  • ޕީއެންސީ - 3،856

  • އެމްއާރުއެމް - 3،003

އިތުރު އާޓިކަލް

އިތުރު އާޓިކަލް