އެމްޑީޕީން 2022ގައި ބޭއްވި ޗެއާޕާސަންގެ އިންތިހާބުގެ ކެމްޕެއިންގައި ފައްޔާޒު އިސްމާއިލް ރަށަކަށް ކުރެއްވި ދަތުރުގައި މީހަކާ ވާހަކަ ދައްކަވަނީ
ފައްޔާޒު: ހަގީގަތުގައި އަޅުގަނޑަކީ ބުރޯއެކޭ
'ބުރޯ'އޭ ބުނެފި ނަމަ ސިޔާސީ ގޮތުން އެ ނަން ގޮސް ޖެހޭނީ ކުރީގެ ބާރުގަދަ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ ގައިގަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް އެތައް މިލިއަން ޑޮލަރެއްގެ ހިޔާނާތް ހިންގެވުމުގެ ފަހަތުގައި ހުންނެވި އަދީބު، އެ ދުވަސްވަރު ސިފަކުރަމުން އައީ 'ބުރޯ'ގެ ގޮތުގަ އެވެ.
އެއީ ސިޔާސީ ގޮތުން އެތައް ބަޔަކު ކޮންޓްރޯލްކުރައްވަން ފައިސާ ހޭދަކުރެއްވި 'ބުރޯ' އެވެ. ދައުލަތުގެ މުޅި ނިޒާމު، ޝަރުއީ ދާއިރާ އާއި ރައްޔިތުންގެ މަޖިލިހާއި ފުލުހުންނާއި ސިފައިންގެ އިތުރުން މިނިވަން މުއައްސަސާތައް ވެސް، އަތްދަށަށް ލާން އެ ނުފޫޒު ބޭނުންކުރެއްވި އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެންމެ ބާރުގަދަ މިނިސްޓަރަކީ ވެސް އަދި ސޯލިހުގެ އެންމެ ބޮޑު އިތުބާރެއް އޮތީ ވެސް ފައްޔާޒަަށެވެ. އެކަމަކު ފައްޔާޒުގެ އެ ނުފޫޒާ މެދު އޭރުގެ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ ވާގިވެރިން ދެކޮޅެވެ.
އެމްޑީޕީގެ ގައުމީ މަޖިލިސް ވެސް އޮތީ ސޯލިހާއި ފައްޔާޒުގެ ދަށުގަ އެވެ. ޕާޓީގެ މުޅި ކޮންޓްރޯލް ނެގެން އޭރު މަދުވަނީ ޗެއާޕާސަންގެ މަގާމެވެ. އެ މަގާމުގެ އިންތިހާބަށް ދެ ފެކްޝަނުން ހިފައިގަތީ އެވެ.
ސޯލިހުގެ ފަރާތްޕުޅުން ފައްޔާޒެވެ. ނަޝީދުގެ ތާއީދާ އެކު، މާފަންނު އުތުރު ދާއިރާގެ އޭރުގެ މެމްބަރު އިމްތިޔާޒު ފަހުމީ އެވެ.
އެ އިންތިހާބަށް ދޮންވަމުން އައި ދުވަސްވަރު އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕެއްގައި ނަޝީދު ވަނީ ފައްޔާޒަށް 'ބުރޯ'ގެ ނަމުން މުހާތަބުކުރައްވައިފަ އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ސަރުކާރާއި އެމްޑީޕީގައި ފަައްޔާޒު އުޅުއްވަނީ 'ބުރޯ ހެދިގެން'ނެވެ.
އެއީ 2022 އެވެ. ފައްޔާޒުގެ އަތްދަށަށް އެމްޑީޕީ ދިޔަ އެވެ. ނަޝީދާއި އެމަނިކުފާނުގެ މަދަދުވެރިން ޕާޓީން ވަކިވެ ދަ ޑިމޮކްރެޓްސް އުފެއްދި އެވެ.
އެމްޑީޕީއަށް ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ވެސް ގެއްލުނެވެ.
ދަ ޑިމޮކްރެޓްސް ވެސް އިންތިހާބުތަކުގައި ވީ ބައްޔެވެ.
މިހާރު ނަޝީދާއި ފައްޔާޒަކީ އެކައްޗެކެވެ. ފައްޔާޒުގެ ބޮޑު މަސައްކަތަކާ އެކު ނަޝީދަށް ޗެއާޕާސަންގެ އިންތިހާބު އިހަށް ދުވަހު އެ ކާމިޔާބުކޮށްދެއްވީ އެވެ. ދެ ބޭފުޅުން 'ބޮޑު ބަދަލު'ގެ ނަމުގައި ނިޒާމީ ބަދަލުތަކަކާ އެކު ކުރިމަގަށް ވަނީ މަސައްކަތް ފައްޓަވައިފަ އެވެ.
ނަޝީދު ހުންނެވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ފައްޔާޒަށް ތާއީދުކުރައްވާ ގޮތަށެވެ. ފައްޔާޒު ހުންނެވީ ނަޝީދު ބޭނުންފުޅުވާ ގޮތަށް ދައުލަތުގެ ނިޒާމަށް ބަދަލުތަކެއް ގެންނަވަން އެއްބަސްވެވަޑައިގެންނެވެ.
ކުރީގެ ދެބަސްވުން އެއްކައިރިކޮށް އަލުން ދެ ބޭފުޅުން ގުޅިވަޑައިގަތުމުން އޭރުގެ ހާލަތާ ބެހޭ ސުވާލުތައް ހުންނާނެ އެވެ. އެގޮތުން މިދިއަ ހުކުރު ދުވަހު ގެނެސްދިން 'އެއްބަސްވެ ދެބަސްވަމާ'ގައި 'ދައުރު'ގެ މެނޭޖިން އެޑިޓަރު ހިރިގާ އަހުމަދު ޒާހިރު ސުވާލުކުރެއްވީ ފައްޔާޒަށް އަމާޒުކުރައްވައި ނަޝީދު ބޭނުންކުރެއްވި 'ބުރޯ'ގެ ނަމާ ބެހޭ ގޮތުންނެވެ.
އެކަމަކު ފައްޔާޒު މިހާރު ވިދާޅުވަނީ އޭނާއާ ދިމާލަށް ނަޝީދު 'ބުރޯ' ކިއުއްވީ އަދީބަށް ކުރެވޭ ކޮރަޕްޝަން ކަހަލަ ތުހުމަތުތަކުގެ ނިޔަތް އޮވެގެން ނޫން ކަމަށެވެ. ސިޔާސީ ކަންކަމުގައި އޭނާގެ ނުފޫޒު ގަދަވުމުން، ނަޝީދުގެ ވާހަކައިގެ މާނައަކީ އެ ނުފޫޒު ކަމަށް، ވިދާޅުވި އެވެ.
"ހަގީގަތުގައި އަޅުގަނޑަކީ ބުރޯއެކޭ،" ފައްޔާޒު ވިދާޅުވި އެވެ.
އެކަމަކު ނަޝީދު އެ ނިސްބަތްކުރައްވަނީ އަދީބަށް ކަމަށް ހިރިގާ ސުވާލު ކުރެއްވުމުން ފައްޔާޒު އެކަން ދޮގުކުރެއްވި އެވެ.
""ނޫން ނޫން، އެއީކީ ނޫން. އޭގެ ދެ އެކްސްޕެކްޓެއް އާދޭ،" ތަފުސީލު ދެއްވަން ފައްޓަަވަމުން ފައްޔާޒު ވިދާޅުވި އެވެ.
"އަޅުގަނޑަށް އެ ބުރޯގެ ލަގަބު އެޅުވީ އެތިގަނޑު ހިފަހައްޓާ، އަޅުގަނޑުމެން ސަރުކާރު ސިޔާސީ ގޮތުން ހިފަހައްޓާ، ޑެލިވަކުރުމުގެ ވަރަށް ބޮޑު ރޯލެއް ކުޅުނު މީހެއް [އަޅުގަނޑަކީ]. އެ ނުފޫޒުގެ ވާހަކަ [ނަޝީދު އެ ވިދާޅުވަނީ]. އެ ނުފޫޒު އޮތް އަޅުގަނޑުގެ."
ފައްޔާޒު ވިދާޅުވީ އޭރު ސަރުކާރުގެ ވަރަށް ގިނަ ޒިންމާތަކެއް ނެންގެވި ކަމަށެވެ. އޭނާއާ ނުބެހޭ އެތައް ކަމެއް ވެސް ބޮލުއަޅަން ޖެހިވަޑައިގަތްކަމާއި އެކަންކަން ވެސް އޭނާ ކުރެއްވި ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އެންމެ ފަހު ސަރުކާރުގައި ބައިވަރު މިނިސްޓަރުން ތިއްބެވިއެއް ނޫންތޯ. ސިޔާސީ ގޮތުން ހުރިހާ ކަމެއްގައި ޒިންމާ ނަގަން ޖެހުނަސް، އަދި ބްލޭމެއް ނަގަން ޖެހުނަސް، ވައްކަމެއް ވިޔަސް، ކޮރަޕްޝަން ހުރިހާ ކަމެއްގައި ވެސް، އަޅުގަނޑާ ނުބެހޭ ކަމެއް ވިޔަސް، އަޅުގަނޑުތާ އޭގެ ހެޓް އަޅަން ޖެހިފައި އޮންނަނީ،" ފައްޔާޒު ވިދާޅުވި އެވެ.
"އެއީ އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުގެ ބާރުވެރިކަން އޮތް މިންވަރު."
އޭނާ ވިދާޅުވީ ކޮރަޕްޝަންގެ ތުހުމަތު އޭނާގެ މައްޗަށް ނަޝީދު ކުރައެްވާފައި ނެތް ކަމަށެވެ.
"އަޅުގަނޑު ނުދެކެެން ސީދާ ރައީސް ނަޝީދު އަޅުގަނޑާ ދިމާލަށް ސީދާ ކޮރަޕްޝަނޭ ކިޔާފައި އެއްޗެއް ވިދާޅުވި ތަނެއް،" ފައްޔާޒު ވިދާޅުވި އެވެ.
"އެހެނެއް ނޫން، އެ ފެކްޝަން ތެރެއިން [އަޅުގަނޑަށް އެ ތުހުމަތުތައް] އައިސް އެބަ ހުރި."
އޭރު ނަޝީދަށް ރައްދު ވެސް ދެއްވި
އޭނާއާ ދިމާއަށް 'ބުރޯ'އޭ ނަޝީދު ވިދާޅުވުމުން އޭގެ ރައްދު އެމްޑީޕީގެ ގައުމީ މަޖިލިހުގެ ޖަލްސާއެއްގައި، 8 މާޗު 2022ގައި ފައްޔާޒު ދެއްވި އެވެ. އެއީ ސޯލިހުގެ ވެރިކަމުގައި ގައުމީ މަޖިލިހުގެ އެންމެ ހޫނު އެއް ބައްދަލުވުން ވެސް މެ އެވެ.
ޗެއާޕާސަންގެ އިންތިހާބު ރޯދަމަހާ ދިމާވާތީ ފަސްކުރަން ހުށައެޅުއްވީ ފައްޔާޒެވެ. އެކަމަށް ނަޝީދާއި އެމަނިކުފާނުގެ ވާގިވެރިން ދެކޮޅެވެ. އެހެންވެ ޖަލްސާ ދިޔައީ ވަރަށް ހޫނުކޮށެވެ. އެ ހޫނުކަމުގައި ވަރުގަދައަށް ވާހަކަ ދައްކަވައި، ވަރަށް ސީދަލަށް ނަޝީދަށް ވެސް، އެކަމަކު އެމަނިކުފާނުގެ ނަންފުޅު ނުގެންނަވައި، ރައްދު ދެއްވި އެވެ.
"އަޅުގަނޑުމެންނަށް ބުރޯއޭ ވެސް ކީ ދާނެ. ނުފޫޒު ފޯރުވަނީއޭ ވެސް ކީ ދާނެ. ބުރޯއަކީ ކާކުކަން، އަސްލު ބުރޯއަކީ ކާކުކަން ދިވެހި ރައްޔިތުންނަށް މިއަދު އެނގޭނެ،" އެރޭ ފައްޔާޒު ވިދާޅުވި އެވެ.
އޭރު މާނަކުރެވެން އޮތީ ފައްޔާޒު އެ ވިދާޅުވާ 'ބުރޯ'އަކީ ނަޝީދު ކަމެވެ.
'އެއްބަސްވެ ދެބަސްވަމާ'ގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ އޭނާއަކީ އެއްވެސް މީހަކާ ދޭތެރޭގައި ޒާތީ މައްސަލައެއް ގެންގުޅުއްވާ ބޭފުޅެއް ނޫން ކަމަށެވެ. އޭގެ ތެރޭގައި ނަޝީދު ވެސް ހިމެނޭނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑަކީ އެއްވެސް އިރެއްގައި ރައީސް ނަޝީދާ ޒާތީ މައްސަލައެއް އޮތް މީހެއް ނޫން. އެކަކާ ދޭތެރޭގައި ވެސް އަޅުގަނޑު ޒާތީ އެއްވެސް ކަމެއް ގެންގުޅޭނެ މީހެއް ނޫން. އެކަކާ ދޭތެރޭގައި ވެސް،" ފައްޔާޒު ވިދާޅުވި އެވެ.
ކޮމެންޓް