ފައްޔާޒު މިރޭ ވާހަކަދައްކަވަނީ (ކ) އަދި ނަޝީދު ގައުމީ މަޖިލީހުގެ ކުރީގެ ބައްދަލުވުމެއްގައި.
ފައްޔާޒުގެ ނުސީދާ ރައްދު ނަޝީދަށް: 'އަސްލު ބުރޯއަކީ ކާކުކަން ދިވެހިންނަށް އެނގޭ'
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަ ކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކުރައްވައި ނުސީދާކޮށް ބަހުގެ ހަމަލާތަކެއް މިރޭ ދެއްވައިފަ އެވެ. މިހާރު ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހޫނު ޖަލްސާގައި ނަޝީދުގެ ނަން ވިދާޅު ނުވެ، ފައްޔާޒު ދެއްވި އެއް ރައްދަކީ "އަސްލު ބުރޯއަކީ ކޮބާކަން ދިވެހިންނަށް މިއަދު އެނގޭނެ" ކަމެވެ.
ފަސްމަންޒަރު - ރާއްޖޭގެ ސިޔާސީ ދާއިރާގައި "ބުރޯ" ފުރަތަމަ މަޝްހޫރުވީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ ސިޔާސީ ބާރުވެރިކަމާއި ނުފޫޒަށް ނިސްބަތްކޮށެވެ. އެ ސިފަކުރުން އަނެއްކާވެސް އިއާދަވީ ނަޝީދު، ފައްޔާޒަށް ނިސްބަތްކުރައްވައި ބޭނުންކުރައްވަން ފެއްޓެވުމުންނެވެ. ސަރުކާރާއި ޕާޓީ ތެރޭގައި ފައްޔާޒު އުޅުއްވަނީ "ބުރޯ" ހެދިގެން ކަމަށް ވިދާޅުވެ އެމްޑީޕީގެ ވަޓްސްއެޕް ގުރޫޕެއްގައި ނަޝީދު މީގެ ކުރިން ނުރުހުން ފާޅުކުރައްވާފައިވެ އެވެ.
ވީ ކިހިނެއް؟ - ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ނަޝީދާ ދެމެދު ދެފަޅިވެފައި އޮތް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ތާރީހާ މެދު ގޮތެއް ނިންމުމަށް އިމާދުއްދީން ސްކޫލުގައި މިވަގުތު ކުރިއަށްދާ ގައުމީ މަޖިލީހުގެ ޖަލްސާގައި އަރާރުންވުން ބޮޑެވެ. މިހާތަނަށް މަޑުމައިތިރިކަން ދައްކަވަމުން ގެންދެވި ފައްޔާޒު ވެސް މިރޭގެ ޖަލްސާގައި ވާހަކަ ދެއްކެވީ ވަރަށް އަޑަށް ބާރުލަައްވައި ޖަޒުބާތާ އެކުގަ އެވެ. ވާހަކަ ފައްޓަވަމުން ފައްޔާޒު ފުރަތަމަ ވެސް ވިދާޅުވީ، "މިތީބީ ސަރުކާރާ އެކޮށް ހަމަ ގަދަކޮށް" ކަމަށެވެ. އަދި ނުސީދާކޮށް ވަރުގަދަ ހަމަލާތަކެއް ނަޝީދަށް ދެއްވި އެވެ.
"އަޅުގަނޑުމެންނަށް ބުރޯއޭ ވެސް ކީ ދާނެ. ނުފޫޒު ފޯރުވަނީއޭ ވެސް ކީ ދާނެ. ބުރޯއަކީ ކާކުކަން، އަސްލު ބުރޯއަކީ ކާކުކަން ދިވެހި ރައްޔިތުންނަށް މިއަދު އެނގޭނެ،" ފައްޔާޒު ވިދާޅުވި އެވެ.
ޖަލްސާގައި ނަޝީދު ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.
ނުފޫޒު ފޯރުވެން އޮތިއްޔާ އިންތިހާބަކަށް ނުފޫޒު ފޯރުވަނީ ކޮން ބައެއްތޯ ބައްލަވާލައްވާ. އެކިއެކި ގޭގެއަށް، އެކިއެކި މީހުންނަށް ފޯނު ކުރައްވައިގެން ތިމަންނަ ބޭރު ކުރަންށޭ ކިޔައިގެން ވާހަކަ ދައްކަވަނީ ކާކުތޯ؟ އެއީ ކޮން ނުފޫޒެއްތޯ؟ ވަގެކޭ، މިވެނި އެއްޗެކޭ، އެވެނި އެއްޗެކޭ ކިޔާފައި،"
އެނގުން މުހިއްމު - ގައުމީ މަޖިލީހުގެ ޖަލްސާއެއް މިރޭ މި ބާއްވަނީ ޗެއާޕާސަންގެ މަގާމާއެކު ފަސް މަގާމެއްގެ އިންތިހާބު ބޭއްވުމަށް ގައުމީ މަޖިލީހުން މިދިޔަ މަހު ނިންމި 16 އޭޕްރީލްގެ ތާރީހު ރޯދަ މަހަށް ދިމާވާތީ އިންތިހާބު ފަސްކުރުމަށް ފައްޔާޒުގެ ފަރާތުން ހުށަހަޅުއްވާފައިވާ މައްސަލާ މެދު ގޮތެއް ނިންމުމަށެވެ. ޗެއާޕާސަންކަމަށް ފައްޔާޒާ ވާދަ ކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ، އިންތިހާބު ފަސްކުރުމާ ދެކޮޅެވެ.
'މަޖިލިސް ތެރެއިންނާއި އެތައް ތަނަކުން ހުރަސްއަޅަމުން'
އިންތިހާބުގެ ތާރީހު ފަސްކުރުމާ މެދު ބަހުސަށް ހުޅުވާލައި ފުރުސަތު ދިނުމުން، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އޭނާގެ ވަގުތު ހަމަވި އިރު ވެސް މައިކު ދުލެއް ނުކުރެއްވި އެވެ. އެއާ އެކު، ފައްޔާޒާއި އޭނާއަށް ތާއީދު ކުރައްވާ މެމްބަރުން ހަޅޭއްލަވަން ފެއްޓެވި އެވެ. އެ ހިސާބުން ޖަލްސާ ހޫނުވި އެވެ. އެއަށް ފަހު، ވަގުތުކޮޅެއް ވަންދެން އާޒިމް ވާހަކަދެއްކެވުމަށް ފަހު، ދެން ވާހަކަ ދައްކަވަން ރިޔާސަތުން ފުރުސަތު ދިނީ ފައްޔާޒަށެވެ.
ޖޯޝާއި ފޯރީގައި ވާހަކަދައްކަވަމުން ފައްޔާޒު ނުސީދާކޮށް ބަހުގެ ވަރުގަދަ ހަމަލާތަކެއް ނަޝީދަށް ދެއްވި އެވެ.
"އަޅުގަނޑުމެން މި ސަރުކާރު ގެންނަ އުކުޅަހުން ފެށި ހިސާބުން، ބަގާވާތޭ ކިޔައިގެން އައިސް މިއަދު މި ހިސާބަށް އައި އިރު އާންމު ރައްޔިތުންނަށް އެނގޭނެ މިވަނީ ކިހިނެއްކަން މިތާނގައި،" ޖަލްސާ ހޫނުވުމާ ބެހޭގޮތުން ފައްޔާޒު ވިދާޅުވި އެވެ.
އެނގުން މުހިންމު - މިދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވި ނަޝީދުގެ މައްޗަށް އޭރު ކޮށްފައި އޮތް ޖަލު ހުކުމާ ގުޅިގެން ވާދަ ނުކުރެއްވޭތީ، ރިޔާސީ ޓިކެޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދިނީ އުކުޅަހުގައި ބޭއްވި އާދަޔާހިލާފު ކޮންގްރެސް އަކުންނެވެ. އެ ބައްދަލުވުމަކީ "ބަގާވާތެއް" ކަމަށް ނަޝީދާއި އެމަނިކުފާނުގެ އަރިސް މެމްބަރުން ފަހުން ސިފަކުރައްވަން ފެއްޓެވި އެވެ. ފައްޔާޒުގެ ވާހަކައިގައި "އުކުޅަހު ބަގާވާތޭ" ވިދާޅުވި އިރު އިޝާރާތް ކުރެއްވީ އެކަމަށެވެ.
އީވާ އާއި އިމްތިޔާޒު އާއި ހަސަން ލަތިފާއި ވައްޑެ އާއި ޗިކާއަކާ ނޫން ހަމައެކަނި މި ޕާޓީއަށް މަސައްކަތް ކުރީ. އަޅުގަނޑުމެން އެންމެން މިތިބީ އެކަން ކޮށްގެން،"
ފައްޔާޒު ވިދާޅުވީ އޭނާ ކުރައްވަން އުޅުއްވަނީ ރައީސް ސޯލިހް އަނެއްކާވެސް 2023ގައި ވެރިކަމަށް ގެނައުމުގެ މަސައްކަތް ކަމަށެވެ. ނަމަވެސް މި ސަރުކާރަށް މަޖިލިސް ތެރެއިންނާއި އެހެންވެސް ތަންތަނުން ހުރަސް އަޅަމުން ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ނޫޅެން ޕާޓީން މީހަކު ބާކީ ކުރާކަށް. އަޅުގަނޑުމެން މިއުޅެނީ 2023ގައި އަނެއްކާވެސް މި ސަރުކާރު ގެންނަން. އިރާދަކުރެއްވިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަނެއްކާވެސް ވެރިކަމަށް އިންތިހާބުކޮށްފައި އަޅުގަނޑުމެން ހުއްޓާލާނީ،" ވަރަށް ފޯރިއާ އެކު ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވި އެވެ.
"އާދެ، ދިވެހި ރައްޔިތުން އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް އިސްކުރީ، މި ގައުމަށް ގެންނަ ޖެހޭ މުހިންމު ބަދަލުތައް ގެނައުމަށްޓަކައި. އެކަމަށް ހުރަސް އަޅަމުން، މަޖިލިސް ތެރެއިންނާއި އެތައް ތަނަކުން ދާ ތަން ދިވެހި ރައްޔިތުންނަށް ފެންނާނެ. ހަމަ އެކަން އެހެންވިޔަ ނުދިނުމަށްޓަކައި އަޅުގަނޑުމެން މިއަދު އެބަ ޖެހޭ މި ޕާޓީއައިގެން ކުރިއަށް ދާން."
ފައްޔާޒު ދެން ތަކުރާރު ކުރެއްވީ "ޕާޓީ ނުހިނގާ" ވާހަކަ އެވެ.
"އަޅުގަނޑުމެންގެ މިތާ ތިބި ދާއިރާގެ ރައިސުންނަށް ވަރަށް ރަނގަޅަށް އެނގޭނެ، ޕާޓީ ހިނގާތޯ ނުހިނގާތޯ. މި ޕާޓީ ނުހިނގާ. ނުހިނގާ އިނގޭތޯ،" އަޑަށް ވަރަށް ބޮޑަށް ބާރުލައްވާފައި ފައްޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގައުމީ މަޖިލީހުންނާއި އާންމު މެންބަރުންގެ ކިބައިން ވެސް އިވެމުންދާ އަޑަކީ އެމްޑީޕީ "ހިންގުމަށްޓަކައި" ފައްޔާޒު ޗެއާޕާސަންގެ މަގާމަށް އިންތިހާބުކޮށްދިނުން ކަމަށެވެ.
"އާދެ އަޅުގަނޑުމެން މި ތިބީ ސަރުކާރާ އެކު ގަދަކޮށް. ... އަޅުގަނޑުމެން ނޫޅެން ކޮންމެހެން ތާހިރު ކެމްޕެއިނެކޭ ކިޔައިގެން އެއަކަށް އެއްޗެހި ކިޔާކަށް. އަޅުގަނޑުމެން ވަރަށް ބޮޑަށް ބަލަމުން މި އައީ އެއްޗެކޭ ނުބުނެ މިކަން ކުރެވޭތޯ،" ފައްޔާޒު ވިދާޅުވި އެވެ.
އިމްތިޔާޒުގެ ޓީމުން ތުހުމަތުކުރާ ގޮތުގައި އިންތިހާބު ފަސް ކުރެއްވުމަށް ފައްޔާޒު މަސައްކަތް ކުރައްވަނީ ނުފޫޒު ފޯރުވައި ވޯޓު ވަކި ގޮތަކަށް އަނބުރާލުމަށެވެ. އެ ވާހަކަތަކަށް ރައްދު ދެއްވައި ފައްޔާޒު ވިދާޅުވީ އިންތިހާބު ބާއްވަން ވާނީ ޕާޓީގެ ގިނަ މެންބަރުންނަށް ވޯޓު ލެވޭ ގޮތަަށް އަދި އަސާސީ ގަވައިދުން ކެމްޕެއިން ކުރުމަށް ލިބޭ 60 ދުވަހުގެ އިތުރު މުއްދަތު ދީގެން، ރޯދައަށް ފަހު ކަމަށެވެ.
"ނުފޫޒު ފޯރުވެން އޮތިއްޔާ އިންތިހާބަކަށް ނުފޫޒު ފޯރުވަނީ ކޮން ބައެއްތޯ ބައްލަވާލައްވާ. އެކިއެކި ގޭގެއަށް، އެކިއެކި މީހުންނަށް ފޯނު ކުރައްވައިގެން ތިމަންނަ ބޭރު ކުރަންށޭ ކިޔައިގެން ވާހަކަ ދައްކަވަނީ ކާކުތޯ؟ އެއީ ކޮން ނުފޫޒެއްތޯ؟ ވަގެކޭ، މިވެނި އެއްޗެކޭ، އެވެނި އެއްޗެކޭ ކިޔާފައި،" ފައްޔާޒު ވިދާޅުވި އެވެ.
"އީވާ އާއި އިމްތިޔާޒު އާއި ހަސަން ލަތިފާއި ވައްޑެ އާއި ޗިކާއަކާ ނޫން ހަމައެކަނި މި ޕާޓީއަށް މަސައްކަތް ކުރީ. އަޅުގަނޑުމެން އެންމެން މިތިބީ އެކަން ކޮށްގެން."
"އަޅުގަނޑުމެން ވެސް މީއީ މި ޕާޓީއަށްޓަކައި ގުރުބާންވެފައި ތިބި މީހުން. އަޅުގަނޑުމެން ވެސް،" މޭގައި އަތް ޖައްސަވާލައްވަމުން ފައްޔާޒު ވިދާޅުވި އެވެ.
ކޮމެންޓް (1)
މުޙައްމަދު