ވީއައިއޭ އާ ޓާމިނަލްގައި ޓޫރިސްޓުންގެ ބަޔަކު ހިދުމަތެއް ހޯދަން ވާހަކަ ދައްކަނީ: އަގުބޮޑު ޓާމިނަލްގައި ރަނގަޅު ކުރަން ޖެހޭ ކަންކަން ބައިވަރު (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ހާސްކަމެއް ނުކެނޑުނު، މިވީ ކިހިނެއް؟

ވީއައިއޭގެ 600 މިލިއަން ޑޮލަރުގެ އާ ޓާމިނަލްގެ ހިދުމަތްތައް ހީކުރިވަރާ ގާތަށް ވެސް އަދި ނުދެވޭ. ޗެކިން ކައުންޓަރުތައް ދޮށް ފުރި، އެތައް އުނދަގޫތަކެއް ދިމާވޭ
22 އޭޕްރީލު 2026
11

މުހިންމު ނުކުތާތައް

ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި ޓާމިނަލްގެ ފުރަތަމަ ޑިޒައިންއަށް ބޭނުންވާ ތަފާތު އެކި މީހުންގެ ހިޔާލެއް ނުހޯދާ. މިހާރު އެ ފެންނަނީ އޭގެ ނަތީޖާ

އެއްބައެއްގެ ނަޒަރުގައި ބަޖެޓް އެއާލައިންތަކަށް ބާ ޓާމިނަލް ހާއްސަކޮށްގެން ނޫނީ އާ ޓާމިނަލްއިން ރަނގަޅު ހިދުމަތެއް ނުދެވޭނެ

ވީއައިއޭގެ ބައެއް ހިދުމަތްތަކުގެ އަގު ބޮޑުވިއިރު އެ އަގާ އެއްވަރަށް ހިދުމަތުގެ ފެންވަރު ރަނގަޅު ނުކުރެވޭ ކަަމަށް ވެސް ބައެއް މީހުން ބުނި

މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން 'ދައުރު'ގައި އަޅުގަނޑު ލިއުނީ 'މި ތޮއްޖެހުމުގެ ހާސްކަމުން ފިލުވައިދޭން' ޖެހޭ ކަމުގެ ލިއުމެކެވެ. އޭގެ ފަހުން ވީއައިއޭގެ އާ ޓާމިނަލް ހުޅުވައި، މިހާރު މި އަންނަނީ ބޭނުންކުރަމުންނެވެ.

ނަމަވެސް ޗެކިން ކައުންޓަރުތައް ހިމެނޭ ސަރަހައްދުގެ ތޮއްޖެހުން ވީ ބޮޑެވެ. ރާއްޖެ އައިސް ފޮށީގެ އިންތިޒާރުގައި އެތައް އިރެއް ހޭދަކުރަން ޖެހެ އެވެ. އެހެންކަމުން ވީއައިއޭގެ އާ ޓާމިނަލްގެ ތަޖުރިބާ ފުރިހަމައެއް ނޫނެވެ. އުނދަގުލާއި ހާސްކަމެވެ. ބައެއް ހިދުމަތްތަކުގެ ފެންވަރު ދަށެވެ.

މިވީ ކިހިނެއް ހެއްޔެވެ؟ ރާއްޖޭގައި މިހާތަނަށް އެއް ކަމަކަށް ހިންގި އެންމެ ބޮޑު މަޝްރޫއު، ގާތްގަނޑަކަށް 600 މިލިއަން ޑޮލަރު (9.2 ބިލިއަން ރުފިޔާ)ގެ ޓާމިނަލްގެ އެއްވެސް ހިސާބަކުން، މިހާ އަވަހަށް، ހާސްކަން އުފެދޭ ނަމަ އެއީ ސީރިއަސް މައްސަލައެކެވެ. 

މިއީ 30 ޑިސެމްބަރު 2025ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ބާ ޑިޕާޗާ ޓާމިނަލް އޮތް ހާލު: އާ ޓާމިނަލްގެ ޗެކިން ކައުންޓަރުތައް ވެސް ހަމަ މިފަދަ (ފޮޓޯ/ދައުރު)

އަޅުގަނޑު 5 ޖެނުއަރީ 2025ގައި 'މި ތޮއްޖެހުމުގެ ހާސްކަން ފިލުވަން 600 މިލިއަން ޑޮލަރު، އަދިވެސް އޮތީ އިންތިޒާރު' ރިޕޯޓް ލިއުނީ އިންޑިއާއަށް ކުރި ދަތުރެއްގައި އޭރުގެ ބާ ޓާމިނަލްގެ ހާލަތު ފެނިފަ އެވެ. އާ އަހަރާ ދިމާކޮށް ރާއްޖެ އަންނަ މީހުން ގިނަވެފަ އެވެ. ޗުއްޓީ ނިންމާފައި ފުރާ މީހުންނާއި ބޮޑު ޗުއްޓީގައި ބޭރަށް ދަތުރުކުރާ ދިވެހިންތަކުން، ޑިޕާޗާ ޓާމިނަލް ފުރިބާރުވެފަ އެވެ.

ފުރާއިރު ވެސް، އަންނަ އިރު ވެސް އުނދަގޫ

މި މަހު ހަތަރު ވަނަ ދުވަހު، ހުކުރު ވެސް ނުކޮށް، ދަތުރަށް ފެށީ ޗެކިން ކައުންޓަރުތައް ދޮށުގައި ބާރު ބޮޑުވާނެ ކަމަށް ބަލައިގެންނެވެ. ވީ އެހެންނެވެ. ޓާމިނަލް ތެރެއަށް ވަން އިރު އިންޑިގޯގެ ފްލައިޓްތަކަށް އަރަން ތިބި މީހުންތަކުން ތަން އޮތީ ފުރި ބާެރުވެފަ އެވެ. އޮންލައިންކޮށް ޗެކިން ހަދައިގެން ހުރި އިރު ވެސް ކައުންޓަރާ ހަމައަށް ދާން އެތައް އިރެއް ހޭދަވި އެވެ.

ޗެކިން އަސްލު ފަށަން އޮތް ގަޑީގެ ދޮޅުގަޑިއިރު ކުރިން ދިޔައިމާ ވެސް ކުރެވުނީ ގޯސް ތަޖުރިބާއެކެވެ.

މިހާ ބާރު ބޮޑީ ކީއްވެގެންތޯ ކައުންޓަރުގައި އިން މުވައްޒަފު ކައިރީގައި އަހާލުމުން ލިބުނީ އަޖައިބެއް ކަހަލަ ޖަވާބެކެވެ. އޭނާގެ ވާތް ފަރާތުގައި ހުރި ކައުންޓަރުތަކެއް ދައްކާފައި ބުނީ އެ ތަނުން ދެ ކައުންޓަރުގައި ތިބި ދެ މުވައްޒަފު، އަންގާ ވެސް ނުލައި، ދިޔައީ ކަމަށެވެ.

ރާއްޖޭގެ މައި އެއާޕޯޓްގެ އަގުބޮޑު އާ ޓާމިނަލްގެ ހިދުމަތެވެ. ޓޫރިޒަމަކީ ރާއްޖޭގެ އިގުތިސާދުގެ މައި އިންޖީނެވެ. ޓޫރިސްޓުންގެ ހިތްހަމަޖެހުން ފެށޭނީ ރިސޯޓަށް ނުވަތަ ގެސްޓްހައުސްއަށް ދިޔައިމައެއް ނޫނެވެ. އެއާޕޯޓުންނެވެ. އަރާމު ޗުއްޓީއަށް ފަހު ރާއްޖެއިން ފުރާއިރު ވެސް އެމީހުންގެ ހާސްކަމެއް، އެއާޕޯޓް ތެރޭގައި އޮވެގެން ނުވާނެ އެވެ.

4 އެޕްރީލް 2026ގައި ވީއައިއޭގެ އާ ޓާމިނަލްގެ ޗެކިން ކައުންޓަރުތައް ކައިރީގައި ކިއު ބޮޑުވެފައި: އާ ޓާމިނަލްގެ ޗެކިން ސަރަހައްދު ކުޑަވެ، ގިނަ ފަހަރަށް އޮންނަނީ ތޮއްޖެހިފައި (ފޮޓޯ/ދައުރު)

އާ ޓާމިނަލަށް 600 މިލިއަން ޑޮލަރު ހޭދަކުރީ ޓޫރިޒަމަށްޓަކަ އެވެ. އެކަމަކު ކިއޫތައް ދިގުވެ، ޓޫރިސްޓުން އުފުލަން ޖެހޭ ބުރައިގެ ޝަކުވާގައި ޓާމިނަލްގެ ރީތިކަމުން ލިބޭނެ ހިތްހަމަޖެހުމެއް ނެތެވެ. 

"އިމިގްރޭޝަން ނިންމާފައި ބެލްޓްތަކާ ހަމައަށް ދާއިރު ފޮށިތައް ހުންނަން ޖެހޭނީ ބެލްޓް މަތީގައި،" ޓޫރިސްޓުންނަށް ހިދުމަތް ދޭން އެއާޕޯޓްގައި މަސައްކަތްކުރާ ރިސޯޓެއްގެ ތަޖުުރިބާކާރު އެއާޕޯޓް ރެޕަކު ބުންޏެވެ.

"އެކަމަކު އެހެންނެއް ނޫން އާ ޓާމިނަލްގައި މިވަނީ. ވަރަށް ގިނައިރު ވޭ ބައެއް ފަހަރަށް ފޮށިތައް ލިބެން ވެސް. ޓޫރިސްޓް މީހާއަށް ޓާމިނަލުން ނުނިކުމެވި ބޭކާރު އެތައް ވަގުތެއް އެބަ ދޭ."

އެންމެން ވެސް އުއްމީދުކުރީ އާ ޓާމިނަލްގެ ޗެކިން ސަރަހައްދު ތަނަވަސްވާނެ ކަމަށެވެ. ނަމަވެސް ބާ ޓާމިނަލަށް ވުރެ ވެސް އެކަން ވީ ގޯހެވެ. އެކަކު ބުނީ ޗެކިން ކައުންޓަރުތަކާއި ވަންނަ ދޮރާ ދެމެދު އޮތް ޖާގަ މާ ކުޑައީ ކަމަށެވެ. ބޮޑުކުރެވޭކަށް ވެސް ނެތެވެ. އެހެންކަމުން މިއީ ފުރަތަމަ ޑިޒައިން ފެށި ހިސާބުން ވެސް އުފެދުނު ބޮޑު މައްސަލައެކެވެ.

ނަން ނުޖަހާ ގޮތަށް މި ރިޕޯޓަށް ވާހަކަދެއްކި ޓޫރިޒަމް ދާއިރާގެ ތަޖުރިބާކާރަކު ބުނި ގޮތުގައި ހުރިހާ ވެސް މައްސަލައަކީ ފުރަތަމަ ޑިޒައިން ހެދިއިރު ކަމާ ގުޅޭ ހުރިހާ ދާއިރާތަކުގެ މަޝްވަރާ ނެތުމެވެ.

މިދިއަ އާ އަހަރާއި ކްރިސްމަސް ފާހަގަކުރަން އައި ޓޫރިސްޓުންެ ބަޔަކާ ރިސޯޓެއްގެ ރެޕަކު ވާހަކަ ދައްކަނީ: ޓޫރިސްޓުންނަށް އެއާޕޯޓްގެ ހިދުމަތްތައް މަތީ ފެންވަރުގައި ހުންނަން ޖެހޭނެ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

"ޓާމިނަލްގައި ޓޫރިސްޓުންނަށް ދިމާވާ މައްސަލަތައް އެނގޭނީ ރިސޯޓްތަކުގެ މުވައްޒަފުންނަށް. އެއީ ރެޕުން. އެ މީހުންނާ ބައްދަލެއް ނުކުރޭ. ރިސޯޓްތަކުގެ މީހުންނާ ބައްދަލެއް ނުކުރޭ. ޓޫރިޒަމް ދާއިރާގެ ތަޖުރިބާކާރުން ކައިރީގައި އެއްވެސް އެއްޗެކޭ ނާހާ. ކޮންމެ ދުވަހަކު އެއާޕޯޓް ބޭނުންކުރާ މީހުންނަކާ ބައްދަލެއް ނުކުރޭ،" އޭނާ ބުންޏެވެ.

އެމްއޭސީއެލްގެ ވެރިންނާއި ބޯޑު ޑިރެކްޓަރުންގެ ވިސްނުމަށް އެކަނި ކަންކަން ދޫކޮށްލުމަށް ވުރެ އެއާޕޯޓްގެ ތަރައްގީގައި ހިމަނަން ޖެހޭ އެތައް ބަޔަކު ތިބޭކަން، އޭނާ ފާހަގަކުރި އެވެ.

"އެ ޕްރޮސެސް ނެތީމާ ހަގީގަތުގައި ވަރަށް ގޯސްކޮށް މި ދިމާވަނީ ކަންކަން. އަޅުގަނޑަކަށް ނޭނގޭ އެކި ސްޓޭކްހޯލްޑަރުންްގެ ހިޔާލު ނުހޯދާ ސަބަބެއް. އެ މަޝްވަރާތައް ނެތީމާ މިހާރު މި މައްސަލަތައް ދިމާވަނީ،" އޭނާ ބުންޏެވެ.

ހައްލަކީ ބަޖެޓް އެއާލައިންތައް ބާ ޓާމިނަލަށް ބަދަލުކުރުން

އެމްއޭސީއެލްގެ މިހާރުގެ ވެރިންނަކީ ޕީއެސްއެމް އާއި އެމްއެމްޓީވީ އަދި ސަރުކާރާ ގުޅުން އޮންނަ ބައެއް މީޑިއާތައް ފިޔަވައި އެހެން މީޑިއާތަކާ ވާހަކަ ދައްކާ ބައެއް ނޫނެވެ. އެހެންކަމުން މި ރިޕޯޓަށް އެމްއޭސީއެލްގެ ބަހެއް ނުލިބެ އެވެ.

އަޅުގަނޑު ވާހަކަ ދެއްކީ އެއާޕޯޓްގެ ތަޖުރިބާ ހުރި ބައެއް އެހެން މީހުންނާ އެވެ. އާ ޓާމިނަލްގައި މިހާރު ދިމާވާ މައްސަލަތަކަށް ބަލާފައި އެ މީހުން ބުނީ ރާއްޖެ އަންނަ ބަޖެޓް އެއާލައިންތައް ބާ ޓާމިނަލަށް ބަދަލުކުރުން ނޫން އެހެން ގޮތެއް ނެތް ކަމަށެވެ. ބާ ޓާމިނަލް މިހާރު ބޭނުންކުރަނީ ޑޮމެސްޓިކް ޓާމިނަލަށެވެ.

"ޑޮމެސްޓިކަށް ބައެއް ނަގާފައި ވެސް ބަޖެޓް އެއާލައިންތަކަށް ހިދުމަތް ދެވިދާނެ އެތަނުން،" އެއް ތަޖުރިބާކާރަކު ބުންޏެވެ.

"އެ ޓާމިނަލްގައި ހުންނާނެ ހުރިހާ ހިދުމަތެއް. ޑިއުޓީ ފްރީ ވެސް ހިންގިދާނެ. ކާ ތަންތަން ވެސް ހިންގޭނެ."

ވީއައިއޭގެ ބާ ޓާމިނަލް: ރާއްޖެ އަންނަ ބަޖެޓް އެއާލައިންތަކަށް މިތަން ހާއްސަކުރުން ރަނގަޅު ކަމަށް ބައެއް ތަޖުރިބާކާރުން ދެކޭ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އޭރުން އާ ޓާމިނަލް ހާއްސަވާނީ ރާއްޖެ އަަންނަ އެންމެ ބޮޑެތި އެއާލައިންތަކަށެެވެ. އެންމެ ބޮޑެތި ބޯޓުފަހަރަށެވެ.

މިއީ މެދުއިރުމަތީގައި ނުރައްކާތެރި ހަނގުރާމައެއް ފެށިފައި އޮތް ދުވަސްވަރެކެވެ. އެހެންކަމުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް މަދެވެ. އާންމު ހާލަތަށް ޓުރިޒަމް އެޅުމުން އާ ޓާމިނަލްގެ ތޮއްޖެހުން ވާނީ ބޮޑުކަން، ތަޖުރިބާކާރުން ބުނެ އެވެ. 

"މިހާރުން މިހާރަށް ކުރެވޭނެ ކަމަކީ ރާއްޖެ އަންނަ ހުރިހާ ފްލައިޓްތައް އާ ޓާމިނަލަށް ނުގެނައުން،" އެހެން ތަޖުރިބާކާރަކު ވެސް އެއްބަސްވި އެވެ.

ހިދުމަތްތައް ވެސް ރަނގަޅެއް ނޫން

ޓާމިނަލްގެ އެތެރޭގައި ދަތުރުވެރިންނަށް ލިބެން ހުރި ހިދުމަތްތައް ވެސް އެހާމެ މަދެވެ. މިސާލަކަށް ރެސްޓޯރެންޓް/ކެފޭ އެވެ. މައި ތަނަކަށް ހުރީ ކޭއެފްސީ އެވެ. އެތަނުގައި ދަމާލާ ކިއު ވެސް، ބައެއް ފަހަރަށް އެހާމެ ބޮޑެވެ. މިވަރުގެ ޓާމިނަލެއް ހިންގާ ނަމަ ދަތުރުވެރިންނަށް ލިބެން ހުންނަ ފުރުސަތުތައް ގިނަކުރަން ޖެހޭނެ އެވެ. ތަފާތު ވައްތަރުގެ ކެއުންތަކެވެ. އެންމެން ޖަންކް ފުޑަކަށް ނުދާނެ އެވެ.

އެމްއޭސީއެލްގެ އާމްދަނީ މަތިކުރަން ޓާމިނަލަކީ ރަންގަނޑެކެވެ. އެ ރަންގަނޑުގެ ބޭނުންހިފަނީ އަގުބޮޑުކޮށް ކުއްޔަށް ތަންތަން ދީގެންނެވެ. ކުލި ބޮޑުވާ ވަރަކަށް ތަނުން ވިއްކާ އެއްޗެހީގެ އަގު ވެސް ބޮޑުވެ އެވެ. އެހެންކަމުން ލިބޭ ހިދުމަތުގެ ފެންވަރަށް ވުރެ ދަތުރުވެރިންގެ އަތުން ކުރަން ޖެހޭ ހޭދަ މަތިވެ އެވެ.

އާ ޓާމިނަލްގައި ބޯޑިން ގޭޓްތައް ކައިރީގައި ދަތުރުވެރިން މަޑުކޮށްލައިގެން: ކެއިންބުއިމުގައި ލިބެން ހުރި ހިދުމަތްތައް މާ މަދު (ފޮޓޯ/އެމްއޭސީއެލް)

މިއީ ކޮން ކަހަލަ ނުބައި ތަޖުރިބާއެއް ހެއްޔެވެ؟ ހިދުމަތުގެ އަގު ބޮޑުވާން ޖެހޭނީ ހިދުމަތުގެ ފެންވަރު ވެސް ރަނގަޅުކޮށްގެންނެވެ. މިސާލަކަށް ސީއައިޕީއަށް ނަގާ ފީ އެމްެއޭސީއެލްއިން މިހާރު ވަނީ 219 ޑޮލަރުން 275 ޑޮލަރަށް ބޮޑުކޮށްފަ އެވެ. އެކަމަކު ހިދުމަތަށް އައި ބަދަލަކީ، ކުރިއަށް ވުރެ ލަހުން ފޮށިތައް ލިބުމެވެ.

"މިހާރު ސީއައިޕީއަށް އަންނަ ޓޫރިސްޓް މީހާގެ ފޮށި ލިބެން އެބަ ނަގާ ގަޑިއެއްހާ އިރު. ބަލަ، ޓޫރިސްޓް މީހާ ބޮޑު އަގު ދީފައި ސީއައިޕީއަށް އެ އަންނަނީ ހުރިހާ ކަމެއް އަވަހަށް ނިންމަން ދޯ. އޭނާ ބޭނުންވާނެ ރިސޯޓަށް ނައްޓާލަން އަވަހަށް،" މަތީ ފަންތީގެ ޓޫރިސްޓުންގެ ހިދުމަތުގައި އުޅޭ އެއާޕޯޓް ރެޕަކު ބުންޏެވެ.

"ތަނުގެ އަގު ބޮޑުވެއްޖެ. އެކަމަކު ހިދުމަތް ރަނގަޅެއް ނޫން. އާ ޓާމިނަލާ އެކު ވީ ގޯސް."

ރައީސް މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބުންނާއި އެމްއޭސީއެލްގެ ބޯޑު މެމްބަރުންނާއި ޓޫރިޒަމް މިނިސްޓްރީގެ އިސް ބޭފުޅުންނާއި ޓޫރިޒަމް ދާއިރާގެ ތަޖުރިބާކާރުން ވެސް ހިމެނޭ ގޮތަށް ބޮޑު ޓީމެއް އެކުލަވާލާށެވެ. އެ ޓީމު މުޅި އެއާޕޯޓްގެ ހުރިހާ މަސައްކަތަކާއި ހިދުމަތްތަކެއް، ކެތްތެރިކަމާ އެކު ބަލާށެވެ. ހަގީގީ މައްސަލަތައް ދެނެގަންނާށެވެ. 

އެތައް މިލިއަން ރުފިޔާއެއް ހޭދަކުރި ބޮޑު ރަސްމިއްޔާތަކަށް ފަހު ޓާމިނަލް އެ އޮތީ ހުޅުވައިފަ އެވެ. އޭގެ ފަހުން ފުރަތަމަ އަހަރު ފުރެނީ އެވެ. އެކަމަކު އުއްމީދުކުރި ވަރާ ގާތެއް ވެސް ނޫނެވެ. މީގެ މާނައަކީ ކަންކަން ރަނގަޅު ނުވުމެއް ނޫނެވެ. ރަނގަޅު ކުރެވޭނެ އެވެ. ކުރަން ވެސް މަޖުބޫރެވެ.

ކޮމެންޓް (11)

ގަސަމް 2

22 އޭޕްރީލު 2026
އަޅުގަނޑު އިތުރުކުރަން ބޭނުންވާ އަނެއް ކަމަކީ، 1ޕެކްސް (1Pax) އިން ބުނާ ގޮތުގައި އެމީހުން ޑިޒައިން ކުރި "ރިސޯޓް ޕްލާޒާ" އެއް ޓާމިނަލްތަކުގެ މެދުގައި ދަތުރުކުރުން އޮމާން ކުރުމަށް. އެމީހުންގެ ވެބްސައިޓް ޗެކް ކުރާށެވެ. މިކަމަށް ވީ ކިހިނެއް - މިއީ އަދިވެސް ބިނާކޮށްފައިވާ އެއްޗެއްގެ ބައެއްތޯ ނުވަތަ ބަދަލުކޮށްފައިވޭތޯ؟ މައިގަނޑު ކަމަކީ ހިއުމަން ރިސޯސިންގެ މައްސަލައެއް ނަމަވެސް ޑިޒައިން އަށް ކޮމެންޓް ހޯދުމަށް 1pax އާއި ގުޅުމަކީ ރަނގަޅު ކަމެކެވެ.
0 0

ގަސަމް

22 އޭޕްރީލު 2026
މޫސާ ލަތީފް، 26/07/2025 އިން ފެށިގެން މި ލިޔުމުގައި އަޅުގަނޑުގެ ކޮމެންޓް ޗެކް ކޮށްލައްވާ :dhauru.com/post/news/325 ޗެކްއިން އޭރިއާ ހުރިހާ މީހުންނައް ހުޅުވާލަން ޖެހޭ. ސެކިއުރިޓީ ކްލިއަރެންސް ފެށެނީ ބައިނަލްއަޤްވާމީ ހުރިހާ އެއަރޕޯޓްތަކެއް / ޗަންގީ، ހީތުރޯ، އަބޫދާބީ ފަދަ ތަންތަނުގައި ޗެކްއިން ކުރުމަށްފަހުގައެވެ. މިއީ މިވަގުތު ފިޒިކަލް ބޮޓޮލްނެކްވުމައް ލުއި ލިބޭނެ ކަމެކެވެ. އަނެއް ކަމަކީ މިއީ ސްޕެޝަލިސްޓް އެއާޕޯޓް ޑިޒައިން ފާރމެއް ކަމަށްވާ ސެޓެކް އާއި 1Pax އާއަ ސަބްކޮންސަލްޓަންޓުން ޑިޒައިން ކުރިތަނެއް. ބޮޑެތި މަޝްރޫއުތައް ކޯޑިނޭޓްކޮށް ޑިޒައިން ކުރެވެނީ ކިހާވަރަކަށް ކަމެއް މީހުންނަށް ނުވިސްނޭނެ. އެއީ ބޮޑު މަސައްކަތެއް. އާންމުކޮށް ކޮންސަލްޓަންޓުން ޕެސެންޖާ ދަތުރުކުރުމާއި ޓްރެފިކްގެ މައްޗަށް ސިމިއުލޭޝަންތައް ހިންގައި ޑިޒައިން އޮޕްޓިމައިޒް ކުރެއެވެ. މައިގަނޑު ޓްރެފިކް/ފްލޯ މައްސަލަތައް ދިމާއެވަނީ އަސްލު ޑިޒައިނަރުންގެ ފަރާތުން ނޫން ކަމަށް ބެލެވެ އެވެ. ރަނގަޅުކުރަން ބައިނަލްއަޤްވާމީ ސްޕެޝަލިސްޓް ޑިޒައިން ކުރާ ފަރާތްތަކާއި މަޝްވަރާ ކުރުމަކީ ރަނގަޅު ކަމެކެވެ.
0 0

ގަސަމް5

22 އޭޕްރީލު 2026
@ގަސަމް ޗެކް-އިން އޭރިއާ ހުޅުވާފައި ހުންނަންވާނީ އާންމު ޒިޔާރަތްތެރިންނާއި ފަސިންޖަރުންނަށް - އެމީހުންނަށް ހިނގާފައި ގޮސް ދަތުރުވެރިޔާ ޗެކް އިން ކުރާއިރު މަޑުކުރެވޭނެ - ދެން ގޮސް ސެކިއުރިޓީ ކްލިއަރެންސް އޭރިއާއަށް އާދެވޭނެ. ޗެކް-އިން އޭރިއާ އާއި އެ ހަނި ވޯކްވޭގެ ބޭރުގައި ހުންނަ އެންޓްރެންސް އާއި ދެމެދު ބިއްލޫރި ޑިވައިޑަރެއް ބޭނުން ނުވާނެއެވެ.
2 0

ހުސްވާހަކަ

22 އޭޕްރީލު 2026
ކުރަންވީކަންތައް ވަރަށްގިނަ. ފުރަތަމަ ހިނގާ ލަސްނުކޮށް ޱޮމެސްޓިކު ޓާރމިނަލް ހުރިތަނުގަ ތަނަވަސް ޱޮމެސްޓިކު ޓާރމިނަލްއެއް އަޅަމާ އޭގެ ފަހުން ބާޓާރމިނަލް ހުރިތަން ސާފުކޮށްފަ އަޅަންވީ ފުރިހަމަ ޓާރމިނަލްއެއް އޭގެ ފަހުން ޓާރމިނަލް އޭ ހަދާ ބަޖެޓް ޓާރމިނަލްއަކަށް ވާނެ ކުރީމާ މިކަންތައް.
2 0

ހަގީ

22 އޭޕްރީލު 2026
ކިއުގެ އެއްސަބަބަކީ އެތާ ޔޫސްކުރާ ސިސްޓަމްތައް އަބަދު ޑައުންވެފަ ހުރުން، ބުރޯސް.. އަދި ކޮބާ..މި ތަނެއް ހުޅުވިއްސުރެ ބޮލުގަ އެނބުރޭ ހެޑޭކެއް މީ، 10 ބިލިއަން ހަރަދުކޮށްގެން ހެދޭނީ މިވަރުގެ ދަތި ތަނެއްބާއެ؟؟ ލަގެޖު ބެލްޓް ގިނައެއްނުވެ. ތަނުގެ ޑިޒައިން ޕްރެކްޓިކަލްއެއް ނޫން. އަދިކޮބާ، ކާގޯ/ލަގެޖް ހެންޑްލިން އޭރިއާގެ ދަތިޖާގަ ފެނިއްޖާ ބަޔަކު އަންތަރީސްވާނޭ. އެމްއެސީއެލް ސްތާފުން ހާދަހާ ދައްޗެއްގައެ މިހާރު ކާގޯ ކަންކަންކަން ކުރަނީ.، ނޫސްވެރިން ކީއްތަތިކުރަނީ ހަގީގީ ވާނުވާ ނުބަލަ
7 0

ވަރަށްވާހަކަ

22 އޭޕްރީލު 2026
މައުމޫނުދައުރުގައި ދިރާސާކޮށް 2007 ވަނައަހަރު ފައިނަލްކުރި ޑިޒައިނަކަށް 2014 ވަނައަހަރު މަސައްކަތްފަށައި 2025 ވަނައަހަރު ނިންމާ ހުޅުވުނީމަ ތަން އޮންނާނީ 18 އަހަރު ފަހަތުގައި އިނގޭތޯ. އަދި ތިޔައީ ޑިޒައިންގެ 3ބައިކުޅައެއްބައިނިިމިފަ.
2 0

ފެކްޓް

22 އޭޕްރީލު 2026
"ހައްލަކީ ބަޖެޓް އެއާލައިންތައް ބާ ޓާމިނަލަށް ބަދަލުކުރުން" ފިތުނަވެރިންގެ ނުބައިކަމާއެވެ. ތިކަހަލަ ރޭސިސްޓު ޚިޔާލު ނުގެނަސް، މުޅި އެއާރޕޯރޓް އޮޓޯމޯޑަށް ލުމުން ފުދޭނެ. ނޫސްވެރިޔާއަށްވެސް އޮޅުންފިލާފަނޫންތޯ ތިވަނީ 2 މީހަކު ކައުންޓަރު ދޫކޮށް ދިއުމުންކަމަށް ޚިދުމަތްދިނުން ލަސްވަނީ... އެހެންވީމާ 100 ޕަސެންޓު މަސައްކަތަށް ދެވޭނެ ހީވާގި މުވައްޒަފުން ނެގީމާ ހުރިހާކަމެއްވެސް ހަމަޖެހޭނެ. ދެރައީ، ހުރިހާ ޚިދުމަތްދޭ ތަންތާނގައި ތިބޭނީ ފިންގަރ ޖަހާފައި ކޮފީގަ އާއި ޢާއިލީ ޒިންމާގައި އުޅޭ "ހީވާގި" މީހުން.
7 3

ހިމާރުލްގައުމު

22 އޭޕްރީލު 2026
މަގުމަތީގަ މުޒާހަރާ ކުރަން އުޅޭ އައްމައްކަޅޭއާ ޕައްލަންބެއާ ބެބެހުއްތުއާ ދެންވެސް އެބޯޅޭމިބޯޅޭ ސިޔާސީ ދާދާގިރީން ކުންފުނިތަކުގަ ބަސް ކިޔަން ތިބި ތަނެއްގަ ތިޔަވަރު ވީކަންވެސް ނަސީބެއްނު.
8 0

ވަނޫދު

22 އޭޕްރީލު 2026
އަނެއްކާ ޗެކިންގް ވެގެން ޑޮލަރު ނަގަންދާން މި ޖެހެނީ ގޭޓުތަކުގެވެސް އެންމެ ފަހަތަށް. ޑިއުޓީ ފްރީ ތެރެ އޮތީ ތޮއްޖެހިފަ. ސީލިންގް ތިރިވެފަ އަނދިރިކަމުން ނޭވާ ހާސްވެފަ ހުރީ. ދާންވީ ކޮޅެއް ނޭނގުނު. ޔުނިފޯމުގަ ކަމެއް ނެތިފަ ތިބި ސްޓާފުން ގިނަ ޕަސެންޖަރުންނަށްވުރެ.
5 0

ވަނޫދު

22 އޭޕްރީލު 2026
އިހަށްރޭ މިއައީ އިންޑިއާއިން ދަންވަރު. އޮތީ އެ ފްލައިޓް އެކަނި. ދޭއް ޖެހިއިރު ކެއްސި ފްލައިޓުން ފޮށި ނުލިބިގެން ތިނެއް ޖަހަންދެން ތިބެންޖެހުނު. ފުރިއިރުވެސް ކަންކަންހުރީ އެހެން. ކައުންޓަރުތަކުގަ ތިބޭ ކުދިންގެ އަތްމަތި އަވަހެއް ނޫން. ގިނަ ކައުންޓަރުތައް ހުސްކޮށް. ހިތަށް އެރީ އަހަރުމެން ރަނގަޅެއް ނުވާނޭ އުޑު ބޮލަށް ވެއްޓުނަސް
7 0

ދޮވެމި ކަލަމިންޖާ

22 އޭޕްރީލު 2026
ދިެވހި ރާއްޖޭގެ މައި އެއަރޕޯޓު މިވީ މައިކުރޯސޮފްޓު ވިންޑޯސް ކޯޑުކުރަން އުޅުނު ގޮތަށް. ވިންޑޯސް ބަދަލުކުރަން ޖެހޭކަން އެނގިހުރެ މަސައްކަތް ފައްޓައި ދެއަހަރުން މަސައްކަތް ފައްޓައި ނިމޭއިރަށް އޮންނަނީ 2 އަހަރު ކުރީ ވިސްނުން އަދި އައުޓްޑޭޓް ވެފަ. ރާއްޖޭގެ ޓާރމިނަލް ހެދީ 2015 ގެ ވިސްނުމަށް، މިޓާރމިނަލް 2015 ކިތަންމެހާވެސް ރަނގަޅު. 10 އަހަރުފަހުން އައުޓްޑޭޓް ވެއްޖެ. މައިކުރޯސޮފްޓުން ފަހުން އާ ވިންޑޯސް ހެދުމުގެ ބަދަލުގައި ހުރި ވިންޑޯސް އަޕްޑޭޓުކުރަން ފެށީ. އެގޮތަށް އެމް.އޭ.ސީ.އެލުންވެސް ހަދާ. ދެޓާރމިނަލް ބޭނުންކުރޭ. އަދި އަބަދުވެސް އަޕްގުރޭޑުކޮށްކޮށް ތިބެންޖެހޭނީ
7 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް