ދ. ކުޑަހުވަދޫގެ ބަނދަރުގައި މަސްދޯނިފަހަރު އަޅާފައި. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން(

މަސްވެރިކަން

ތެޔޮ ނުލިބި މަސްދޯނިފަހަރު ހުއްޓިއްޖެ؛ މަސްވެރިކަމުގައި ދިރުމެއް ނެތް

މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް މަސްވެރިންނާއި އަމިއްލަ މަސް ކުންފުނިތަކުން ބުނާ ގޮތުގައި އެއީ ހަމައެކަނި އަޅާލި ސުރުހީއެއް

އަމިއްލަ މަސް ކުންފުންޏެއްގެ އިސް ބޭފުޅަކު އިއްޔެ އަޅުގަނޑުގެ ގާތުގައި ވަރަށް ކަންބޮޑުވެފައި ވިދާޅުވި އެވެ: ރާއްޖޭގައި މަސްވެރިކަމެއް ނެތެވެ. މަސްވެރިން މަހަކަށް ނުދެ އެވެ. ދެވޭނެ ގޮތެއް ވެސް ނެތެވެ.

"ހަނގުރާމައިގެ ތެލުގެ އަގު ބޮޑުވިޔަސް، މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ ކަމަށް ސަރުކާރުން ބުނީ. އެކަމަކު ނުލިބޭ،" އަޅުގަނޑާ އިއްޔެ ފޯނުން ވާހަކަ ދައްކަވަމުން އަމިއްލަ މަސް ކުންފުންޏެއްގެ އިސް ބޭފުޅަކު ވިދާޅުވި އެވެ.

މައްސަލަ ފެށެނީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ބޮޑުވި ތެލުގެ އަގާ ހިސާބުންނެވެ. އެކަމަކު މި ވާހަކަ ނިމޭއިރު ގޯސްވެފައި އޮންނާނީ ދިވެހި ކަނޑުގައި އުޅޭ މަސްއައިންތަކެވެ.

ތެލުގެ އަގު ބޮޑުވުމާއި މަސްވެރިންނަށް އަޅައިދިން 'ސުރުހީ'

ހަނގުރާމަ ފެށުމާ އެކު ލަސްތަކެއް ނުވެ ރާއްޖޭގައި ވެސް ތެލުގެ އަގު ބޮޑުވި އެވެ. ސަރުކާރުގެ ތެޔޮ ކުންފުނި އެފްއެސްއެމް އާއި އަމިއްލަ ކުންފުނިތަކުގެ އިތުރުން މިފްކޯއިން ވެސް ތެލުގެ އަގު މައްޗަށް ހިއްލައިލި އެވެ. މަސްވެރިންގެ ނުތަނަވަސްކަން ވެސް ދިޔައީ މައްޗަށެވެ.

ތަކުލީފު ކުޑަކުރުމުގެ ގޮތުން މިފްކޯއިން ތެޔޮ އަގުބޮޑުކުރަން ނިންމި ނިންމުން އަނބުރާ ގެންދިޔަ އެވެ. އޭގެ ފަހުން، 23 މާޗުގައި ފިޝަރީޒް މިނިސްޓްރީން ވެސް އުފާވެރި ހަބަރެއް ވަނީ ދީފަ އެވެ. އެއީ ބޮޑުކަންނެލި މަސްވެރިކަން ކުރާ ދޯނިތަކަށް އެ ދުވަހުން ފެށިގެން އެސްޓީއޯއިން ސަބްސިޑައިޒް އަގުގައި ތެޔޮ ލިބޭނެ ވާހަކަ އެވެ.

އެކަމަކު މައްސަލައަކީ އެއީ ހަމައެކަނި ބުނި ބުނުމަކަށް ވާތީ އެވެ. އޭރު ކުރިމަތީގައި އޮތީ ލޯކަލް ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓެކެވެ. މިފަދަ އިންތިހާބުތަކުގެ ކުރިން ސުރުހީ އެޅުން ގިނަކުރަން ޖެހެ އެވެ. އަދި ކޮންމެ އިންތިހާބަކާ ދިމާކޮށް މަސްވެރިންނާއި އެމީހުންގެ ވަށައިގެންވާ ކަންކަން އޮންނަނީ ވަކިން މުހިންމުވެފަ އެވެ.

އެކަމަކު އޭގެ ތިން ހަފުތާއެއްހާ ދުވަސް ފަހުން ވިޔަފާރިވެރިޔާ އެ އަޅައިދިނީ މުޅިން ތަފާތު ސުރުހީއެކެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި މަސްވެރިކަން މިހާރު ނުވެސް ނެތީ ކަމަށެވެ.

"މަސްވެރިން އެ ތިބެނީ މަހަށް ނުފުރިފައި. ތެޔޮ ނުލިބިގެން."

އެހެންވީމާ ސަރުކާރުން މި ދެއްކީ ކޮން ވާހަކައެއް ހެއްޔެވެ؟

ކިރިޔާ ވެސް ތެޔޮ ލިބެނީ ކޫއްޑޫއިން

ފިޝަރީޒް މިނިސްޓްރީން ބުނީ މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނީ ހުޅުމާލެ އެފްއެސްއެމް ޓާމިނަލާއި ކ. ހިންމަފުށި އެފްއެސްއެމް ޝެޑުން ކަމަށެވެ. އަނެއްކޮޅުން ހަނގުރާމައާ އެކު ތެޔޮ ވިއްކާ އަގުބޮޑު ކުރުމަށްފަހު އޭރު އޮތީ އަލުން ކުޑަކޮށްފަ އެވެ.

އޭރު މިފްކޯއިން ބުނީ:

  • މިފްކޯއަށް މަސްކިރާ އުޅަނދުފަހަރަށް 16.54ރ.އަށް ޑީސަލް ލީޓަރެއް ލިބޭނެ

  • 3 ޓަނަށް ވުރެ އިތުރަށް ކިރާ ނަމަ، 16.04ރ.އަށް ޑީސަލް ލީޓަރެއް ލިބޭނެ

  • މިފްކޯއިން ޑީސަލް ގަންނަ އާންމު ފަރާތްތަކަށް ވިއްކާނީ ލީޓަރެއް 17.54ރ.އަށް 

އެކަމަކު އެ ބުނާ އަގުގައި މިފްކޯއިން ތެޔޮ ވިއްކަނީ، ވިޔަފާރިވެރިޔާ ބުނި ގޮތުގައި ހަމައެކަނި ގއ. ކޫއްޑޫގައި ހިންގާ ކާރުހާނާއިން އެކަންޏެވެ. އެއީ ދޯންޏަކަށް، ވަކި ލިމިޓެއް ވެސް ކަނޑައަޅައިގެންނެވެ.

ގއ. ކޫއްޑޫއާ ދިމާލުން މަސް ދޯނިތައް ކިއު ހަދާފައި. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

މިއީ ތެދެއްތޯ ބަލައިލަން ކުރި މަސައްކަތުން ނިއުޅުނީ އިތުރު މައްސަލަތަކެވެ. މިހާރު ވެސް ބަރާބަރަށް މަހަށް ދާ، ގދ. ތިނަދޫގެ ކެޔޮޅަކާ ސުވާލުކުރުމުން، ކޫއްޑޫއިން މަސްދޯނިފަހަރަށް ލިމިޓު ކަނޑައަޅައިގެން ތެޔޮ ވިއްކާކަން އޭނާ ކަށަވަރު ކޮށްދިނެވެ.

އެކަމަކު އޭނާ ބުނި ގޮތުގައި އެ ލިމިޓަކީ މަސްވެރިކަން ކުރަން އެކަށީގެންވާ މިންވަރެއް ނޫނެވެ. ސަބަބަކީ ރަށުން ތެޔޮ އަޅަން އަދި އެމާއި މަސްއައިން ހޯދަނީ ވެސް ދަތުރުކޮށްގެން ކަމަށްވާތީ އެވެ.

"ސަބްސިޑީ ރޭޓުގައި (16.04ރ.) 85 ފޫޓަށް ވުރެ ބޮޑު ދޯންޏަކަށް މި ދެނީ ދުވާލަކު 1،200 ލީޓަރު،" ކެޔޮޅު ބުންޏެވެ.

އޭނާ ހަނދާން ކޮށްދިނީ ކޮންމެ އަތޮޅެއްގައި އެސްޓީއޯ ރޭޓުން މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ރައީސް މުހައްމަދު މުއިއްޒު ވެވަޑައިގަތް ރިޔާސީ ވައުދުފުޅެވެ. އެކަމަކު އެ ވައުދުފުޅު އަދިވެސް އޮތީ ނުފުއްދި އެވެ.

"އެފްއެސްއެމްގެ ޝެޑުތައް އެބަހުރި. އެކަމަކު ސަބްސިޑީއެއް ނުލިބޭ. އެހެންވެ ސަބްސިޑީ ރޭޓުގައި ތެޔޮ ގަންނަން ވަރަށް ދުރަށް މި ޖެހެނީ ދަތުރުކުރަން،" އޭނާ ބުންޏެވެ.

ކޫއްޑޫއިން ހުސްނުވާ 'އެފްއެސްއެމް'ގެ ތެޔޮ؛ ސަބްސިޑީއެއް ނުލިބޭ

މިފްކޯއިން ވިއްކާ ލިމިޓަށް ވުރެ އިތުރަށް ތެޔޮ ގަންނަން ބޭނުންވާ ނަމަ، ކައްޕި ބުނީ އެ އިންތިޒާމު ވެސް ކޫއްޑޫއިން ހަމަޖެހޭ ކަމަށެވެ. އެކަމަކު އެއީ އެފްއެސްއެމް މެދުވެރިކޮށް، ބޮޑު އަގުގަ އެވެ.

ކޮންމެ މުދަލަކަށް ވިޔަސް އާންމުކޮށް މިހެން ލިމިޓު ކަނޑައަޅައިގެން ތަކެތި ވިއްކަނީ ސްޓޮކު މަދުވެގެންނެވެ. ނަމަވެސް ކައްޕި ބުނި ގޮތުގައި އެފްއެސްއެމްގައި ބަރާބަރަށް ތެލުގެ ސްޓޮކު އެބަހުއްޓެވެ. ލިމިޓުކޮށްގެން ވިއްކަނީ ސަބްސިޑީ ރޭޓުގަ އެވެ.

މީގެ ހަގީގަތް ބަލަން ކޫއްޑޫ އެފްއެސްއެމްގެ ނަންބަރަކަށް ގުޅައިފީމެވެ. އެއީ އެފްއެސްއެމްއަށް ގުޅޭ ނަންބަރެއްތޯ ޔަގީންކުރުމަށްފަހު ދެން އެ ފޯނުކޯލު ދިޔައީ މިހެންނެވެ:

އަޅުގަނޑު: މަސްދޯންޏަށް ޑީސަލް ލީޓަރެއް ވިއްކަނީ ކިހާ ވަރަކަށް؟

އޭނާ: ސަބްސިޑީ ނުލާ 31.33ރ، ސަބްސިޑީ ލައިގެން 28.24ރ.

އަޅުގަނޑު: ގިނަވެގެން ދޯންޏަކަށް ކިތައް ލީޓަރު ލިބޭނެ؟ ލިމިޓުކޮށްގެން ވިއްކާ ތެލުން މިކަމެއް ނުވާނެ.

އޭނާ: އާނ ލިމިޓުކޮށް އެއީ 85 ފޫޓަށް ވުރެ ބޮޑު ދޯންޏަކަށް ވެއްޖެއްޔާ 1،200 ލީޓަރު. އެއަށް ވުރެ ކުދި ދޯނިފަހަރަށް 800 ލީޓަރު. އޭގެ އިތުރަށް ވެއްޖެއްޔާ ބޭނުންވަރަކަށް އެޅޭނެ ލިމިޓެއް ނެތި. ރޭޓު ތަފާތު ވާނީ.

އެ ކޯލުން އުފެދުނީ އިތުރު ސުވާލުތަކެކެވެ. އެއީ ސަރުކާރުން ލިބޭނެކަމަށް ބުނާ ސަބްސިޑީ ރޭޓަށް ވުރެ މާ ބޮޑު އަގެކެވެ. މިފްކޯއިން ތެޔޮ ލިމިޓުކޮށްގެން ވިއްކަން ދައްކާ ބަހަނާއަކީ ތެޔޮ ލިބުން ދަތިވުމެވެ. އެކަމަކު ހަަމަ ކޫއްޑޫގައި އެފްއެސްއެމްއިން މަސްވެރިން ބޭނުން ވަރަކަށް، އަގުބޮޑުކޮށް ތެޔޮ އެބަ ވިއްކަ އެވެ. އެހެންވީމަ މި އުޅެނީ ތެޔޮ ނެތިގެނެއް ނޫނެވެ.

'މިފްކޯގެ މަސްކިރާ ބޯޓުތައް ގްރައުންޑުކޮށްފައި'

ކެޔޮޅު ބުނީ ސަބްސިޑީ ރޭޓުގައި ތެޔޮ ނުވިއްކަން ވެސް އެފްއެސްއެމްއިން އުޅެނީ މަސްވެރިންނަށް އޮޅުވާލައިގެން ކަމަށެވެ.

މިކަން ކުރާ ގޮތަކީ، އޭނާ ބުނި ގޮތުގައި ކޫއްޑޫއިން ހެނދުނު ތެޔޮ ނުވިއްކުމެވެ. ދެން މަސްދޯނިފަހަރު އެމަށް ގޮސް ތިއްބާ މާ ފަހުން ކުއްލިއަކަށް ގުޅާފައި ތެޔޮ ލިބިއްޖޭ، އަންނާށޭ ބުނަނީ އެވެ. ތެޔޮ ގަނެވެނީ ނަންބަރެއް ނަގައިގެން ކިޔޫގައި ޖެހިގެން ކަމަށްވާތީ، މަސްވެރިން ވީ އެންމެ އަވަހަކަށް މިސްރާބު ޖަހަނީ ކޫއްޑޫއަށެވެ. އެކަމަކު ނަންބަރު ޖެހޭއިރު ތެޔޮ ހުންނަނީ ހުސްވެފަ އެވެ.

ކޫއްޑޫ ކައިރީ ދޯނިތައް ކިޔޫ ހަދައިގެން. (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

"ކޮންމެ ގޮތެއް ވިޔަސް ޖެހިގެން އަންނަ ދުވަހު މަހަށް ދާން ބޭނުމިއްޔާ ޖެހޭނީ ތެޔޮ އަޅަންތާ؟ ދެން މި ޖެހެނީ ބޮޑު އަގުގައި ތެޔޮ ގަންނަން،" ކެޔޮޅު ބުންޏެވެ.

އަނެއް މައްސަލައަކީ މިފްކޯގެ މަސްކިރާ ބޯޓުތައް ގްރައުންޑުކޮށް، ކޫއްޑޫއަށް ހުރިހާ މަސްވެރިން ދާން މަޖުބޫރު ކުރުމެވެ. ކިތަންމެ ދުރުން ވިޔަސް، މަސް ބާނައިގެން މަސްކިރަން ދާން ޖެހެނީ އަނބުރާ ކޫއްޑޫއަށެވެ.

"މިފްކޯގެ ބޯޓުތައް މި ހުންނަނީ އެއްވެސް ދިމާލަކަށް ނުފޮނުވާ، ގްރައުންޑުކޮށްފައި،" އޭނާ ބުންޏެވެ.

"ދެން ބުނަނީ ހަލާކުވެގެންނޭ ގްރައުންޑުކުރީ. ނޫނީ ހަރަދު ކުޑަކުރަންވެގެންނޭ. މި ބޮޑު އަތޮޅުގެ އެއްވެސް ދިމާލަކަށް ބޯޓެއް ނުފޮނުވާ، ހަރަދު ކުޑަކުރަން ގްރައުންޑު ކޮށްގެން ތިބެފައި، އަނެއްކޮޅުން ކައުންސިލް އިންތިހާބަށް އިތުރު މީހުންނަށް ވަޒީފާ ދީ، ޕްރޮމޯޝަން ދީ، މުސާރަ ވެސް ބޮޑުކޮށްދިނީ. މީގެ ހުރިހާ ބުރައެއް މި އުފުލަން ޖެހެނީ މަސްވެރިންނަށް."

މަސްކިރާ ބޯޓުފަހަރު ގްރައުންޑުކޮށްފައި އޮންނާތީ، އެއްކަލަ ލިމިޓުކޮށްގެން އަޅާ ތެލުން މަސްވެރިކަން ކުރުމަށްފަހު އަނެއްކާ ވެސް މަސްކޮޅު ކިރަން އަންނަން ޖެހެނީ އަނބުރާ ކޫއްޑޫއަށެވެ. މިއީ، ކެޔޮޅު ބުނި ގޮތުގައި މަސްވެރިންގެ އަތުން ބޭކާރު ގޮތުގައި ހިނގާ ބޮޑު ހަރަދެކެވެ.

"އެއް ދުވަހު މަހަށް ދާން ކުރާ ހަރަދު އެބަދޭ މިހާރު ކޫއްޑޫއަށް ކުރާ ދަތުރަށް އެކަނި،" ކެޔޮޅު ބުންޏެވެ.

މި ހުރިހާ ތަކުލީފަކާ އެކު މަސްވެރިކަމުގެ ސިނާއަތް ކޮށި އަރާފައި އޮތުމުން އަމިއްލަ މަސް ކުންފުނިތަކުގެ އޮޕަރޭޝަންތަކަށް ވެސް ވަނީ ދަތިވެފަ އެވެ.

"މަސް ނުލިބިގެން އެންސިސް، ހޮރައިޒަން، ބިގް ފިޝް ކަހަލަ ކުންފުނިތަކުން އެބަ އާދޭ އެ މީހުންގެ ބޯޓުފަހަރުގައި މަސްކިރަން މި ހިސާބަށް. އެ މީހުން ދޭނެ ތަންކޮޅެއް ރަނގަޅު އަގެއް. އެހެން ގޮސް 18ރ.އަށް ވެސް އަގު އެރި،" ކެޔޮޅު ބުންޏެވެ.

"އެކަމަކު އަމިއްލަ ކުންފުންޏެއްގެ މަސްބޯޓަކަށް މަސް ކިރައިފިއްޔާ މިފްކޯއިން ސަބްސިޑީ ރޭޓުގައި ތެލެއް ނުދޭ."

"ދެން ސަރުކާރުން ބުނާނެ ތެޔޮ ލިބޭނޭ. ބޭނުމަކީ އެ ސުރުހީ އަޅާލުން. އެކަމަކު މިކަން ކުރާ މީހުންނަށް އެނގޭނީ މިކަމުގައި ހުރި ތަކުލީފުތައް."

މިފްކޯގެ ބޯޓަކަށް މަސްވެރިން މަސްކިރަނީ. (ދައުރު ފޮޓޯ/ ހުސައިން ސުނައިން)

މަސްވެރިންނަށް ހަމައެކަނި ކޫއްޑޫއިން ތެޔޮ ލިބޭ ގޮތް ހަދައިގެން އުޅުނަސް ފަހަރުގައި މިފްކޯ އާއި ސަރުކާރަށް ނޭނގޭ ކަމެއް އޮވެދާނެ އެވެ. ކުރިން ވާހަކަދެއްކި ވިޔަފާރިވެރިޔާ ވެސް ބުނީ މިހެންނެވެ:

ކޫއްޑޫއިން އެކަނި ތެޔޮ ލިބޭ ގޮތް ހެދިޔަސް މަސްއައިން އުޅޭނީ ކޫއްޑޫ ކައިރީގައި އެކަންޏެއް ނޫނެވެ. މަސްވެރިކަމަކީ މުޅި ރާއްޖެ އެވެ. ކޫއްޑޫއިން އެކަނި ތެޔޮ ވިއްކިޔަސް މަސްވެރިކަމެއް ނުކުރެވޭނެ އެވެ.

އެއީ ތެދެކެވެ. މިހާރު ފެންނަމުންދަނީ އެގޮތަށް މަސްވެރިކަން ހިފަހައްޓާނުލެވޭނެ ކަމެވެ. މަދު ބަޔަކަށް ފައިދާތަކެއް ވިޔަސް، މަސްކިރާ ކުންފުނިތަކަށް ވެސް ގެއްލުމެވެ. ބައެއް މަސްވެރިން އެއްގަމަށް އަރައި، ސަރުކާރު ކުންފުނިތަކުގެ ވަޒީފާތަކަށް ބަދަލުވި ނަމަވެސް، މަސްވެރިކަމުގައި ހިފަހައްޓާލައިގެން ތިބި މީހުންނަށް ގެއްލުމެވެ.

އެމީހުންނަށް މަހަށް ފުރޭނެ ގޮތް ނެތެވެ. އާމްދަނީ ލިބެން އޮތް ދޮރު ބަންދުވީ އެވެ. ތެޔޮ ގަންނަނީ ވެސް މަހަށް ގޮސްގެން އެ ލިބޭ އެއްޗަކުންނެވެ. ތެޔޮ ނުލިބި މަހަކަށް ނުފުރޭނެ އެވެ. މަހަށް ނުގޮސް ތެލެއް ނުގަނެވޭނެ އެވެ. ދެކޮޅުން މިއޮތީ ބެދިފަ އެވެ.

މިހާރު އަމަލުކުރާ ގޮތް ދިފާއުކުރަން 'ސަރުކާރުގެ އަޅުން' މާދަމާ ކުށްވެރި ކުރާނީ މަސްވެރިންނެވެ. ނޫނީ ކަނޑުގައި އުޅޭ މަސްއައިންތައް ވެސް ގޯސްކޮށްފާނެ އެވެ. ކޫއްޑޫއިން އެކަނި ތެޔޮ ވިއްކާއިރު މަސްއައިން ވެސް އެނބުރެން ވާނީ ކޫއްޑޫ ވަށައިގެންތާ އެވެ. އެހެން ނޫން ހެއްޔެވެ؟

ކޮމެންޓް (7)

ސިކުނޑި

18 އޭޕްރީލު 2026
މިސަރުކާރުން ރައްޔިތުންނަށް އޮޅުވާލުން ހުއްޓާލާނީ ކޮންދުވަހަކުންބާއޭ ހިތައްއަރާ؟ ރައްޔިތުން ގުނބޯ ހެއްދުމަކީ ސަރުކާރުން މަޖަލަކަށް ކުރާކަމެއްހެން ހީވަނީ! ދޮގެއް ހެދެން އޮއްވަ ތެދެއް ހަދާތަނެއް ނުފެނޭ!! މިފްކޯއިން ބޭރުގެ ކަސްޓަމަރުންނަށް އަޅުދާސްތުނުވެ ހަމައިސްކޮޅަށް ތެދުވި ދުވަހަކުން މެނުވީ ރާއްޖޭގެ މަސްވެރިކަން ރަނގަޅެއް ނުވާނެ! ސަބްސިޑައިޒްކޮށްގެން ކުރާވަރުގެ ކަމެއްނޫން މަސްވެރިކަމަކީ!
0 0

ބަނދަލާ

18 އޭޕްރީލު 2026
މުޢީޒު މިހާރުން މިހާރަށް އިސްތިއުފާ. މުއީޒު މަސްވެރިން މުޒާހަރާކުރާތި މިޔޮށް ބަދަލު ހިފާލަނީ. 2028 މަ ވޯޓު ހަމަ ހިލާ ނުލިބޭނެ.
1 1

މަސް ފެކްޓަރީ

18 އޭޕްރީލު 2026
ތިޔަ ސިނާއަތަކީ ރައީސް ޞާލިޙްގެ ދައުރުގަ މަރާލާފަވާ ސިނާއަތެއް. ފޮރިން އިންވެސްޓްމަންޓްރައް އިދަޖައްސާލާ އެތައް މާލީ ގެއްލުމެއް ދިން. ފުރަތަމަ ލޭނު މަސްވެރިކަން މާރާލީ. ދެން މަރާލީ ކަންނެލި މަސް ވެރިކަން. ފަޅުވެރިންނާ ކެޔޮޅުންނަށް ފެނަކަ އިން ވަޒީފާ އަޅާލީމަ ދޯނި ދޫކޮށްލާފަ އެރީ އޮޅުއަށިތަކަށް.
4 1

ސިކުނޑި

18 އޭޕްރީލު 2026
މިސަރުކާރުގެ ކޮންމެ ސިޔާސަތަކީވެސް އަޅާލާ ސުރުޚީއެއް ވެގެންދަނީ ސަބަބުތަކެއް ހުރެގެން! ކަމާބެހޭ އިދާރާތަކުން މަސައްކަތް ނުކޮށް، ރައީސަށް ބޭނުންވާ މައުލޫމާތު ނުދެއްވަނީ! ގައިމު އިކޮނޮމިކް މިނިސްޓްރީން ސައްހަ މައުލޫމާތު އެރުވިނަމަ ރައީސް ވިދާޅެއް ނުވާނެ ހަނގުރާމައިގެ ސަބަބުން އެއްވެސް އަސަރެއް ނުކުރާނެޔޭ! ކުޑަކުއްޖަކަށްވެސް އެނގޭނެ ކުރާނެކަން! އަނެއްކާ ބޭރު ދުނިޔޭގެ ޚަބަރުތައް ބަލާލިޔަސް އެވަރު އިނގޭނެ! ރައީސަށް ހުރިހާކަމެއް ނުބެލޭނެތީ ވަޒީރުން ތިބެނީ! އަނެއްކާ ވަޒީރުން ކައިރީ ކުރަންޖެހޭ މަސައްކަތް ދުވަހުން ދުވަހަށް ރައީސް ކިޔައި ދެއްވަން ވެއްޖިއްޔާ އެކަމެއް ނުވާނެ! ކޮންމެ އަކަސް ގައުމެއް ރައީސަކު ދޮގުހައި ރައްޔިތުންނަށް އޮޅުވާލަން އުޅެފާނެކަމަކަށް ސިކުނޑިއަކަށް ގަބޫލެއް ނުކުރެވޭ!
2 1

ހުސެން ސައީދު

18 އޭޕްރީލު 2026
@ސިކުނޑި "ކުޑަކުއްޖަކަށްވެސް އެނގޭނެ ކުރާނެކަން" އެހެންވީމަ ރައީސް މީހާ އަދި ވިހެއީތާ. މޮޅު އެއްޗެކޭ ހިތުން ކަލޭ ތިކީ..
1 0

ހަނގުރާމަ

18 އޭޕްރީލު 2026
ހަނގުރާމައިގައި ގައުމު ބަނޑަށް ޖެހިދާނެ ހަލަތެއް އަޔަސް ނޫސްވެރިން ތިބޭނީ ތިގޮތަށް ވާހަކަ ފެތުރުމުގަ. މިވަގުތު ދުނިޔޭގެ ހާލަތު ނާޒުކު ކަން ނުވިސްނާ. މުއްސަނދި ގައުމުތަކުން ތެޔޮ ވިއްކާ ވަރު އަގުބޮޑު. ދިވެހިރާއްޖޭގައި ދަރަނި ވެރި ވިޔަސް ސަރުކާރުން ސަބްސިޑީ ގައި. މީ ޓެކްސް ދައްކާ ރައްޔިތުންގެ ފައިސާ.
4 1

ހުސެން ސައީދު

18 އޭޕްރީލު 2026
@ހަނގުރާމަ ކީއްވެ ސައިކަލް ތަކަށް ބޮޑު ނުވީ އަގު؟ ބޭރު ފައިސާ ބަރޯސާވާ ގައުމަކުން ބޭރު ފައިސާ ހޯދާ ސިނާއަތެއް މަރާލާ އިރު އަދިވެސް ވޯޓް ހޯދަން އާންމުންނަށް ހެޔޮކޮށް ވިއްކަނީ، ހަމަ ނުލަފާ ކަމުން
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް