އައްޑޫ މޭޔަރު އަލީ ނިޒާރު (ކ) އާއި މިނިސްޓަރު އަބްދުﷲ މުއްތޮލިބު

އައްޑޫ

ލިންކް ރޯޑުގެ ވަޅުގަނޑުތަކާ މަޝްރޫއު ނުފެށި އޮތުމާ ގުޅޭ ކަމެއްތަ؟

ވީރާނާވެފައި އޮތް ލިންކު ރޯޑު އަލުން ހަދަން އާރުޑީސީއާ ހަވާލުކުރީ މީގެ އަހަރަކަށް ވުރެ ގިނަ ދުވަސް ކުރިން. އެ މަސައްކަތް ނުފެށި އޮތް ސަބަބުން އެހުމުން ޖަވާބުދެއްވުމަށްފަހު މިނިސްޓަރު ކޯފާވެވަޑައިގެން ދެއްކެވީ މިހާރު ހުރި ވަޅުގަނޑުތައް މަރާމާތު ނުކުރެވޭ ވާހަކަ
16 އޭޕްރީލު 2026

އައްޑޫ ލިންކު ރޯޑުން އެ އަތޮޅުގެ ފަސް ރަށް ގުޅުވައިދީފައި އޮންނަތާ 23 އަހަރު ވެއްޖެ އެވެ. އެ މަގުގެ މަތީގައި ލައްކަ ބައިވަރު ފިޔަވަޅުތަކެއް ހުންނާނީ އަޅާފަ އެވެ. ހާދަ ބަރު ވެހިކަލްތައް ވެސް ދުއްވާފައި ހުންނާނެ އެވެ. އެ މަގުގައި ހެދިފައި ހުރި ވަޅުގަނޑުތަކަކީ އުފުލި ބުރަތަކުގެ ހެކިތަކެވެ.

އެކަމަކު މިފަހަރު އެ ލިންކު ރޯޑަށް އުފުލަން މި ޖެހުނީ ސަރުކާރާއި އައްޑޫ ސިޓީ ކައުންސިލްގެ ޒިންމާއާ ބެހޭގޮތުން އިއްޔެ ކުރި ބަހުސެއްގެ ބުރަ އެވެ.

މަގުގެ (ބަހުސްގެ) އެއްކޮޅުގައި މި ހުންނެވީ އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބެވެ. އަނެއް ކޮޅުގައި އައްޑޫގެ މޭޔަރު އަލީ ނިޒާރެވެ.

ބަހުސް ފެށެނީ މީގެ އަހަރެއް ކުރިން އިއުލާންކޮށް، ފަސް މަސް ކުރިން އިފްތިތާހުކުރި ލިންކު ރޯޑު އަލުން ތަރައްގީކުރާ މަޝްރޫއުގެ އަމަލީ މަސައްކަތް އަދި ވެސް ނުފެށި އޮތީ ކީއްވެތޯ، ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މަރަދޫ ދާއިރާގެ މެމްބަރު އަހްމަދު ދީދީ ސުވާލުކުރެއްވުމުންނެވެ.

"މިއަދާ ހަމައަށް އެ މަސައްކަތް ނުފެށި އޮތީ ކީއްވެގެންތޯ؟ އިންސާނެއްގެ ލޮލަށް ފެންނަވަރަށް އަމަލީ މަސައްކަތް ފެށޭނީ ކޮން ތާރީހެއްގައިތޯ؟" މެމްބަރު ސުވާލުކުރެއްވި އެވެ.

މުއްތޮލިބު ދެއްވި ޖަވާބު ކުރުކޮށް ބުނާ ނަމަ، އެކަމަށް ބޭނުންވާ މެޝިނަރީ އަދި ލިބުނީ އެވެ. އެތަކެތި އައްޑުއަށް ގެންދެވުނުހާ އަވަހަކަށް މަސައްކަތް ފަށަންވީ އެވެ.

5 ނޮވެމްބަރު 2025: އައްޑޫ ލިންކް ރޯޑު އަލުން ތަރައްގީކުރާ މަޝްރޫއު އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު. (ފޮޓޯ/ރައީސް އޮފީސް)

ބަހުސް އުފެދެނީ އޭގެ ފަހުން މުއްތޮލިބު އައްޑޫ ސިޓީ ކައުންސިލަށް އަމާޒުކޮށް ވިދާޅުވި ވާހަކައަކުންނެވެ.

ލިންކް ރޯޑު ހަލާކުވެ، މިހާރު އޮތް ހާލަތާ ގުޅުވައި، އޭނާ ވަނީ އައްޑޫ ސިޓީ ކައުންސިލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

މުއްތޮލިބު ވިދާޅުވި ގޮތުގައި، މަގު މެއިންޓެއިންކޮށް ބެލެހެއްޓުމަކީ މިނިސްޓްރީގެ ޒިންމާއެއް ނޫން ކަމަށާއި އެއީ އެ ރަށެއްގެ ކައުންސިލުން ކުރަންޖެހޭ ކަމެއް ކަމަށެވެ.

"އައްޑޫ ސިޓީ ކައުންސިލަށް އެތައް ސަތޭކަ މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ދޭއިރު، މަގުގައި ހުންނަ 'ޕޮޓްހޯލްސް' [ވަޅުގަނޑުތައް] ހެދޭނެ މެކޭނިޒަމެއް ނެތް ކަމަށް ވެއްޖެ ނަމަ އަޅުގަނޑަށް ހީވަނީ ކައުންސިލް އެ އޮތީ ފެއިލްވެފައިހެން،" މުއްތޮލިބު ވިދާޅުވި އެވެ.

ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މިއަދުގެ މަޖިލިސް ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ (ފޮޓޯ/މަޖިލިސް)

އައްޑޫ ސިޓީ ކައުންސިލްގެ އިތުރުން މާލެ ސިޓީ ކައުންސިލަށް ވެސް މުއްތޮލިބު ވަނީ ފާޑުވިދާޅުވެފަ އެވެ. ނަމަވެސް އެއީ މި ރިޕޯޓުގެ މައުލޫއާ ނުގުޅޭ ވާހަކަތަކަކަށް ވާތީ އެ ބައި ނުހިމަނާނަމެވެ.

ސުވާލަކީ ލިންކު ރޯޑު ހަދާ މަޝްރޫއު ނުފެށި ލަސްވުމާއި އެ މަގުގައި ހުރި ވަޅުގަނޑުތަކާ އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟ މަގު އަލުން ހަދަން ޖެހުމުގެ ފަހަތުގައި އޮތް މައިގަނޑު އެއް ސަބަބަކީ ވެސް އެ ވަޅުގަނޑުތަަކެވެ.

ލިންކް ރޯޑު މަރާމާތު ކުރަނީ އާމްދަނީއިން؛ ބްލޮކް ގްރާންޓަކުން ނޫން

މިނިސްޓަރުގެ އެ ވާހަކައަކީ މޭޔަރަށް އެއްގޮތަކަށް ވެސް ކަމުދިޔަ ވާހަކައަށް ނުވި އެވެ. އަދި މިނިސްޓަރު އެ ވާހަކަ ދެއްކެވިއިރު 'އެނގިވަޑައިނުގަންނަވާ' ބައެއް ކަންކަން ސާފުކޮށްދެއްވި އެވެ.

ފުރަތަމަ ކަމަކަށް ނިޒާރު އޮޅުންފިލުވައިދެއްވީ ކައުންސިލަށް ލިބޭ ބްލޮކް ގްރާންޓުގެ ވާހަކަ އެވެ.

"މިނިސްޓަރަކަށް އެނގިވަޑައިނުގަންނަވާ އަޅުގަނޑުމެންނަށް ލިބޭ ގްރާންޓުން މިއަހަރު އައްޑޫ ސިޓީ ކައުންސިލް މުވައްޒަފުންގެ މުސާރަ ވެސް ނުދެވޭ. އަދި އޭގެ އިތުރަށް ކަރަންޓު ބިލާއި މިފަދަ ކަންކަން ހުންނާނެ،" ނިޒާރު ވިދާޅުވި އެވެ.

"އެހެންވީމަ ލިބޭ ގްރާންޓުން ކަންކަން ކުރެވޭ ވާހަކަ ދައުލަތުގެ އިސްފަރާތްތަކުން ދައްކަވާއިރު ކައުންސިލްތަކުން ތަކުރާރުކޮށް އަޅުގަނޑުމެން މި ދައްކަނީ ދައުލަތުން އަޅުގަނޑުމެންނަށް ލިބެންޖެހޭ ގްރާންޓު ބޮޑުކުރުމަށް. އަދި ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްދިނުމަށްޓަކައި މި ދެންނެވި ފައިސާގެ އެހީތެރިކަމަކީ މުހިންމު ކަމެއްގެ ގޮތުގައި."

އައްޑޫގެ މޭޔަރު އަލީ ނިޒާރު އައްޑޫ ސިޓީ ކައުންސިލްގެ ބައްދަލުވުމެއްގައި. (ފޮޓޯ/ އައްޑޫ ސިޓީ ކައުންސިލް)

އައްޑޫ ސިޓީ ކައުންސިލަށް ބްލޮކް ގްރާންޓުގެ ގޮތުގައި މިއަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވަނީ 95.6 މިލިއަން ރުފިޔާ އެވެ.

ނިޒާރު ވިދާޅުވި ގޮތުގައި ގިނަ ކައުންސިލްތަކަކީ ރައްޔިތުން ބޭނުންވާ ހުރިހާ ކަމެއް ކުރެވޭ ވަރުގެ މާލީ ތަނަވަސްކަން ހުރި ކައުންސިލްތަކެއް ނޫނެވެ.

ނަމަވެސް އެމްޑީޕީގެ ސަރުކާރުން ގާނޫނަށް ގެނައި ބަދަލުތަކާ އެކު އައްޑޫ ސިޓީ ކައުންސިލަކީ އާމްދަނީ އެންމެ ބޮޑަށް އިތުރުވި އެއް ކައުންސިލްކަން ފާހަގަކުރެއްވި އެވެ. ވެހިކަލްތަކުގެ ފީ ކައުންސިލްތަކަށް ލިބޭ ގޮތް ހެދުމަކީ އެ ބަދަލުތަކުގެ މިސާލެކެވެ.

"އޭގެ އިތުރަށް ކައުންސިލްގެ ބިމު ކުއްޔާއި އިތުރަށް ބިން ކުއްޔަށް ދީގެން އަޅުގަނޑުމެންގެ އާމްދަނީ 14 މިލިއަނުން 40 މިލިއަނަށް ބަދަލުކުރި ވާހަކައަކީ އަޅުގަނޑުމެން ދައްކާ ވާހަކައެއް. އޭގެން އައްޑޫ ސިޓީގެ ލިންކް ރޯޑު މި މަރާމާތު ކުރަނީ. އަދި އިތުރަށް ރައްޔިތުން ބޭނުންވާ ކަންކަން ކުރަނީ،" ނިޒާރު ވިދާޅުވި އެވެ.

"މިވަގުތު ވެސް ސަރުކާރަށް ވުރެ ގިނަ މަސައްކަތްތައް ކައުންސިލުން އެބަކުރަން މި ދެންނެވި ފައިސާ ބޭނުންކޮށްގެން. އެއީ ގްރާންޓުން ކުރާ ކަންތައްތަކެއް ނޫން."

އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ. (ފޮޓޯ/އައްޑޫ ލައިވް)

ނިޒާރު ވިދާޅުވީ ލިންކް ރޯޑުގެ މަރާމާތަށް ކައުންސިލްގެ އާމްދަނީއިން އެތައް މިލިއަން ރުފިޔާ ހަރަދުކުރެވިއްޖެ ކަމަށާއި އެ މަގު އޮތީ މަރާމާތު ކުރެވޭ ވަރަށްވުރެ ހާލަތު ގޯސްކޮށް ކަމަށެވެ.

"ކައުންސިލުން މިލިއަނުން ހަރަދުކޮށްފިން ލިންކު ރޯޑުގެ މަރާމާތަށް. އެހެން ނަމަވެސް މިހާރު މަރާމާތު ކުރެވޭ ހާލަތެއްގައެއް ނޫން އޮތީ. އެހެންވީމާ އެކަން ކޮށްދޭން ޖެހޭނީ [މަގު ހަދަން ޖެހޭނީ] ސަރުކާރުން،" ނިޒާރު ވިދާޅުވި އެވެ.

އައްޑޫ ލިންކް ރޯޑު. (ފޮޓޯ/އަބްދުﷲ ފަރާޝް ލުތުފީ)

އައްޑޫގައި ނުނިމި ހުރި ގިނަ މަސައްކަތްތަކުގައި ފަހަތުގައި މުއްތޮލިބު

އައްޑޫއަކީ މާލެ ނަގާފައި ދެން އޮތް އެންމެ ބޮޑު ސިޓީ އެވެ. އެކަމަކު އެއީ އާންމު ހިދުމަތްތަކަށް ބަލައިފި ނަމަ އެންމެ މައްސަލަ ވެސް ބޮޑު އެއް ސިޓީއަކީ އެއީ އެވެ. ކަރަންޓު ދެނީ ޖަނަރޭޓަރުތަކާއި އަވަށްތަކަށް ޑިއުޓީ ބަހައިގެންނެވެ. ފެން ކެނޑޭނީ ފެންވަރަން ސައިބޯނި ލައިގެން ހުއްޓާ ނޫން ކަމެއް ނޭނގެ އެވެ.

ނިޒާރު ވެސް ވިދާޅުވީ އެ ވާހަކަ އެވެ. ފެނާއި ނަރުދަމާގެ މައްސަލަ ވެސް ބޮޑެވެ. ހަމަ އެގޮތަށް ދުވާލަކު އެތައް ބަޔަކު ގަމާއި ހިތަދުއާ ދެމެދު ކުރާ ދަތުރުތަކުގައި ބޭނުންކުރާ ލިންކް ރޯޑު ހަލާކުވެފައި އޮތުމަކީ ވެސް ބޮޑު މައްސަލައެކެވެ.

ނިޒާރު ވިދާޅުވީ އެ މައްސަލަ ހައްލުކުރަން ނިމިދިޔަ އެމްޑީޕީ ސަރުކާރުން ޕްލޭންތަކެއް ކުރި ކަމަށެވެ. އައްަޑޫގެ މަގުތައް ހަދާ މަޝްރޫއުގެ ދެ ވަނަ ފިޔަވަހީގައި އޮތީ ލިންކް ރޯޑު މަރާމާތު ކުރުމެވެ.

ނަމަވެސް އެ މަސައްކަތް ފަށަން ތައްޔާރުވަމުންދަނިކޮށް ސަރުކާރު ބަދަލުވެ، އެ މަސައްކަތް އާރުޑީސީއާ ހަވާލުކުރީ އެވެ. އޭގެ ފަހުން އަހަރަކަށް ވުރެ ގިނަ ދުވަސް ވެގެންދިޔައިރު އަދި އެއްވެސް މަސައްކަތެއް ނުފެށެ އެވެ.

"އެއްވެސް މަސައްކަތެއް ނުއެއް ހިނގާ. މިއީ މިނިސްޓަރު މުއްތޮލިބު ބައްލަވަން ޖެހޭ ކަމެއް. އައްޑޫގައި އެ މިނިސްޓްރީގެ ދަށުން ހިނގާ އެއްވެސް މަސައްކަތެއް ރަނގަޅަކަށް ނުދޭ،" ނިޒާރު ވިދާޅުވި އެވެ.

"އެއާޕޯޓުގެ މަސައްކަތަށް ބަލާއިރު އެއާޕޯޓުގެ ނިމޭ އެއްވެސް ބިލްޑިންއަކަށް ކަރަންޓެއް ނުދެވޭ. ކަރަންޓު ނުދީގެން ކަރަންޓު ނުލިބިގެން އެ އުޅެނީ ސަރުކާރުން އެ މަސައްކަތަށް އެއްބަސްވިއިރު ސަރުކާރުން ލާރި ހިމަނައިގެން ނޫން ގޮތަކަށް އެ ތަންތަނަށް ކަރަންޓު ލެވެން ނެތީމަ. އެ ފައިސާ ހަމަނުޖެހި އެ އޮތީ، އެއީ މިނިސްޓަރު މުއްތޮލިބު ކުރައްވަން ޖެހޭ ކަމެއް. އެހެން ނަމަވެސް އެކަން ނުކުރެވި އެ ދަނީ."

"ދެން ވެސް އައްޑޫގައި ނުނިމި ހުރި ގިނަ މަސައްކަތްތަކަކީ އެ މިނިސްޓްރީގެ ދަށުން ހިނގާ ކަންކަން."

އައްޑޫ އެއާޕޯޓްގެ ރަންވޭގައި ފްލައިޓެއް ޖައްސާފައި

މިނިސްޓަރާއި މޭޔަރުގެ ބަސް އިވިއްޖެ އެވެ. ދެ ފަރާތުގެ ވާހަކައަށް ބަލާއިރު ލިންކް ރޯޑުގެ މަޝްރޫއު ނުފެށި އޮތް އޮތުމާއި އެ މަގުގައި ހުރި ވަޅުގަނޑުތައް މަރާމާތު ނުކުރުމާ އެއްވެސް ގުޅުމެއް ނެތްކަން ސާފެވެ. އެހެންކަމުން މުއްތޮލިބު އިއްޔެ އެހާ ކޯފާވެވަޑައިގެން އެ މޭރުމުން އެ ވާހަކަ ދެއްކެވީ ކީއްވެގެން ހެއްޔެވެ.

ނިޒާރު ވިދާޅުވާ ގޮތުގައި މުއްތޮލިބު އިއްޔެ ވާހަކަދެއްކެވީ ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅޭ ގޮތަށް، ގޯސް މައުލޫމާތު ދެއްވައިގެން ކައުންސިލާ މެދު ރައްޔިތުންގެ ވިސްނުން ބަދަލުކުރާ މޭރުމުންނެވެ.

"އެއީ އަޅުގަނޑުމެން ގަބޫލުކުރާ ކަމެއް ނޫން، އަޅުގަނޑު އެކަން ކުށްވެރިކުރަން،" ނިޒާރު ވިދާޅުވި އެވެ.

"ހަމައެއާ އެކު ކަންކަން ބައްލަވައި، ކަންކަން ހިނގާ ގޮތް އެނގުމަކީ ދައުލަތުގެ އެފަދަ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް އެނގެންޖެހޭ ކަންކަން. އެކަންކަން ބައްލަވާފައި ވާހަކަ ދައްކަން ޖެހޭނީ."

އެއީ ނިޒާރުގެ ވާހަކަ އެވެ. އާންމުންގެ މެދުގައި ދެކެވެނީ އެހެން ވާހަކައެކެވެ. މުއްތޮލިބު އިއްޔެ ކޯފާވެވަޑައިގަތީ އަސްލު ކޮން ކަމަކާ ހެއްޔެވެ؟

އޭގެ ފަހަތުގައި އޮތި، ބައެއް މީހުން ބުނާ ގޮތުގައި މިފަހުން ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރުން ބޭނުންވި ނަތީޖާ ނުނުކުތުމެވެ. ނޫނީ މުއްތޮލިބު އެ ނަތީޖާއާ މެދު ހިތްހަމަޖެހިވަޑައިނުގަންނަވަނީ އެވެ.

އެހެން ނަމަވެސް ރައީސް މުހައްމަދު މުއިއްޒު ވެސް ވަނީ ބަލި ގަބޫލުކުރައްވާފަ އެވެ. ކަންކަން ރަނގަޅުކުރަން ޖެހޭކަން ވެސް ގަބޫލުކުރެއްވި އެވެ. ރައްޔިތުންގެ ވިންދާ އެއްގޮތަށް މަސައްކަތް ކުރުމަށް ޖާގަ ހޯދުމުގެ ގޮތުން ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެންނަވައިފި އެވެ.

މޭޔަރުންނާއި ކައުންސިލަރުންނަކީ އެ ރަށެއް ނުވަތަ ސިޓީއެއްގެ ރައްޔިތުންގެ އަގުލަބިއްޔަތު ލިބިގެން، ރައްޔިތުން ހޮވާފައި ތިބޭ ބައެކެވެ. މިނިސްޓަރުކަމަކީ ރައީސް އައްޔަންކުރައްވާ މަގާމެކެވެ.

އައްޑޫގެ މޭޔަރު ނިޒާރު (ވ) އާއި ރައީސް މުއިއްޒު. (ފޮޓޯ/ރައީސް އޮފީސް)

ރައީސް މުއިއްޒު 'ރައްޔިތުންގެ ވިންދާ' އެއްގޮތަށް ބަދަލުތަކެއް ގެންނަން މަސައްކަތް ކުރައްވަމުން ގެންދަވާއިރު އެމަނިކުފާނު އައްޔަންކުރެއްވި މަގާމެއްގައި ހުންނެވި މުއްތޮލިބު ވެސް ހުންނަވަންވާނީ އެ ގޮތުގައި، ރައްޔިތުންގެ ފަޅީގަ އެވެ.

އެހެންކަމުން ހަދަން ނިންމައި، މަސައްކަތް ނުފެށި އޮތް މަގެއްގައި މިހާރު ހުރި ވަޅުގަނޑުތައް ނެގުމަކީ ސިޔާސީ ވާހަކައެކެވެ. މިހާރު އެ ވާހަކަ ދައްކައިގެން އައްޑޫގައި ދިރިއުޅޭ ރައްޔިތުންނަށް ވާނެ ފައިދާއެއް ނެތެވެ. އެ މީހުންނަށް ފައިދާއެއް ވާނީ ވީ އެންމެ އަވަހަކަށް އެ މަޝްރޫއު ފަށައި، ގަމުން ފެށިގެން ހިތަދުއަށް، ތާރުގެ އޮމާން ސާލެއް ދަމާލުމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް