މަރަދޫ ދާއިރާގެ މެންބަރު އަހްމަދު ދީދީ އަދި މިނިސްޓަރު މުއްތޮލިބު.
ލިންކް ރޯޑް މަޝްރޫއު ނުފެށޭތީ ސުވާލުކުރުމުން މުއްތޮލިބު ފާޑުވިދާޅުވީ ކައުންސިލަށް
އައްޑޫ ލިންކު ރޯޑު މަޝްރޫއު ހަވާލުކުރިތާ އަހަރެއް ވެގެންދިޔައިރު ވެސް އެ މަޝްރޫއު ނުފެށެނީ ކީއްވެގެންތޯ ސުވާލުކުރުމުން އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ކައުންސިލަށް ފާޑުވިދާޅުވެއްޖެ އެވެ.
އެނގުން މުހިންމު - އައްޑޫ ލިންކް ރޯޑު ތަރައްގީކުރީ މީގެ 23 ވަރަކަށް އަހަރު ކުރިންނެވެ. ނަމަވެސް އެ މަގު ވަރަށް ބޮޑަށް ހަލާކުވެފައިވާތީ ލިންކް ރޯޑު އަލުން ތަރައްގީކުރަން އޭޕްރީލް 2025ގައި އާރުޑީސީއާ ވަނީ ހަވާލުކޮށްފަ އެވެ. އެއީ 830 މިލިއަން ރުފިޔާގެ އަގަކަށް، 3 އަހަރާއި 9 މަސްދުވަހުގެ ތެރޭގައި ނިންމުމަށެވެ.
އޭގެ ފަހުން މިދިޔަ ނޮވެމްބަރުގައި ރައީސް މުހައްމަދު މުއިއްޒު އައްޑުއަށް ކުރެއްވި ދަތުރުފުޅެއްގައި އެ މަޝްރޫއު ރަސްމީކޮށް ވަނީ އިފްތިތާހުކޮށްދެއްވާފަ އެވެ.
ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަރަދޫ ދާއިރާގެ މެމްބަރު އަހްމަދު ދީދީ، މިނިސްޓަރު މުއްތޮލިބުއާ ސުވާލުކުރެއްވީ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށް ނުގޮސް އޮންނަ އޮތުމާ ބެހޭގޮތުންނެވެ.
"މިއަދާ ހަމައަށް އެ މަސައްކަތް ނުފެށި އޮތީ ކީއްވެގެންތޯ؟ އިންސާނެއްގެ ލޮލަށް ފެންނަވަރަށް އަމަލީ މަސައްކަތް ފެށޭނީ ކޮން ތާރީހެއްގައިތޯ؟" މެމްބަރު އަހްމަދު ދީދީ ސުވާލުކުރެއްވި އެވެ.
ބުނީ ކީކޭ؟ - އެ ސުވާލަށް ޖަވާބުދެއްވަމުން މުއްތޮލިބު ވިދާޅުވީ ލިންކް ރޯޑަކީ ސަރުކާރުން އައްޑޫގައި ކުރަން ބޭނުންވާ އެންމެ މުހިންމު އެއް މަސައްކަތް ކަމަށެވެ.
އެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ނުގޮސް އޮތީ، އޭނާ ވިދާޅުވި ގޮތުގައި، މެޝިނަރީތައް ގެނައުމަށް ވަގުތުތަކެއް ހޭދަވުމުންނެވެ.
"މިހާރު މެޝިނަރީތައް އައިސްފައި ހުރީ. މެޝިނަރީތައް އައްޑުއަށް ގެންދެވުނުހާ އަވަހަށް އަމަލީ މަސައްކަތް ފެށިގެންދާނެ،" މުއްތޮލިބު ވިދާޅުވި އެވެ.
ތަފްސީލު - މެމްބަރުގެ ސުވާލަށް ޖަވާބު ދެއްވުމަށްފަހު މުއްތޮލިބު ވަނީ ލިންކް ރޯޑު ހަލާކުވެ، މިހާރު އޮތް ހާލަތާ ގުޅުވައި، އައްޑޫ ސިޓީ ކައުންސިލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
މުއްތޮލިބު ވިދާޅުވި ގޮތުގައި، މަގު މެއިންޓެއިންކޮށް ބެލެހެއްޓުމަކީ މިނިސްޓްރީގެ ޒިންމާއެއް ނޫން ކަމަށާއި އެއީ އެ ރަށެއްގެ ކައުންސިލުން ކުރަންޖެހޭ ކަމެއް ކަމަށެވެ.
"އައްޑޫ ސިޓީ ކައުންސިލަށް އެތައް ސަތޭކަ މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ދޭއިރު، މަގުގައި ހުންނަ 'ޕޮޓްހޯލްސް' (ވަޅުގަނޑުތައް) ހެދޭނެ މެކޭނިޒަމެއް ނެތް ކަމަށް ވެއްޖެ ނަމަ އަޅުގަނޑަށް ހީވަނީ ކައުންސިލް އެ އޮތީ ފެއިލްވެފައިހެން،" މުއްތޮލިބު ވިދާޅުވި އެވެ.
އައްޑޫ ސިޓީ ކައުންސިލްގެ އިތުރުން މުއްތޮލިބު ވަނީ މާލެ ސިޓީ ކައުންސިލަށް ވެސް ފާާޑުވިދާޅުވެފަ އެވެ.
"މާލޭގެ މަގުތަކުގައި ފެންބޮޑުވީމަ ދައުލަތުން މި ޖެހެނީ އެ ހުރިހާ ކަމެއް ކޮށްލަދޭން. މަގެއް ހަލާކުވެ، މަގެއްގެ ކަމެއް ކުރަންވިޔަސް ދައުލަތުން މި ޖެހެނީ އެކަމެއް ކޮށްލަދޭން. ކޮބައިތޯއޭ ދައުލަތުން އެތައް ސަތޭކަ މިލިއަން ރުފިޔާ ބްލޮކް ގްރާންޓުގެ ގޮތުގައި ކައުންސިލަށް ދިނީމަ އޭގެ ފައިދާއަކީ؟" އޭނާ ވިދާޅުވި އެވެ.
"ކައުންސިލުން ހަމައެކަނި ތިބެންވީތޯއޭ ރައްޔިތުންނާ ވާހަކަދައްކާ ބައެއްގެ ގޮތުގައި. ކޮން ކަމެއްތޯއޭ ކުރަނީ. ހަގީގަތުގައި އެ ދޭ ފައިސާއިން [މަގުތައް] މެއިންޓެއިންކޮށް ބެލެހެއްޓުމަކީ ކައުންސިލްތަކުގެ ޒިންމާއެއް."
އޭގެ އިތުރުން މުއްތޮލިބު ވިދާޅުވީ ސަރުކާރުން ހިންގާ މަޝްރޫއުތަކަށް މާލެ ސިޓީ ކައުންސިލުން އެއްބާރުލުން ވެސް ނުލިބޭ ކަމަށެވެ. މިސާލެއްގެ ގޮތުގައި ދެއްކެވީ މާލޭގެ އުތުރުފަރާތުން ބޮޑުތަކުރުފާާނުމަގު ފުޅާކޮށް، ތަރައްގީކުރާ މަޝްރޫއަށެވެ.
"އެތަނުގައި ހުރި މާރުކޭޓު ނަގައިދޭން ކިތައް ސިޓީތޯ [ކައުންސިލަށް] ފޮނުވީ. އެ މާރުކޭޓު ނުނަގައިގެން އަޅުގަނޑުމެން މަގު ނުނިންމިފައި އޮތީ. ޕޭވްމަންޓާ ނުލާ މަގު ނިންމާފައި އެ އޮތީ. މިއަދު އެ ތަނުގައި މާރުކޭޓެއް އަޅަންވެގެން ބަޔަކާ ސޮއިކޮށްފައި ހުރިހާ ފައިނޭންސެއް ހަމަޖައްސާފައި މޮބިލައިޒްކުރަން ސިޓީ ފޮނުވީމަ ޖަވާބެއް ވެސް ނުލިބޭ އެތަން ހަވާލުކުރާކަށް،" މުއްތޮލިބު ވިދާޅުވި އެވެ.
"އެހެންވީމަ އަޅުގަނޑުމެން އެބަޖެހޭ ކައުންސިލްތައް ޒިންމާދާރުކުރަން. ސަރުކާރުން މިތިބީ ރައްޔިތުންނަށް ކަންތައްތައް ކޮށްދޭން. އެއީ ރައްޔިތުން ވޯޓުދޭ ގޮތަކަށް ނޫން ކޮންމެހެން. އެހެން ނަމަވެސް ކައުންސިިލްތަކުން އެބަޖެހޭ ސަރުކާރުން ރައްޔިތުންނަށް ކޮށްދޭ ކަންތައްތައް ކުރެވޭނެ މަގުފަހިކުރަން. އަދި އެއާ އެކު އެމީހުންގެ ޒިންމާ ވެސް އަދަކުރަން."
ކޮމެންޓް (3)
އެޑްމުންޑޯ
ކޮސް
ކޮމޮޑަސް