އެއްބަސްވެ ދެބަސްވަމާ: ހެދުމާއި ޔުނީފޯމުން މި ފަށަނީ ހައްގުތައް ހަނިކުރަން؟

ޔުނީފޯމު އެޅުން ފަދަ ދައުލަތުން ކޮންމެހެން ވަންނަން ނުޖެހޭ ކަންކަމުގެ ތެރެއަށް ވަންނަނީ ފަހަތުގައި ހީލަތްތެރި ރޭވުމެއް އޮވެގެން؛ ރޭވުންތެރިކަމާއެކު ހައްގަކުން ހައްގެއް އުނިކުރުމަށް ހުދުމުހުތާރު ވެރިން ގެންގުޅޭ އުކުޅުތަކާ އެއްގޮތް ކަމެއް

އިސްލާމް ދީން މުހިންމެވެ. އިސްލާމީ އުސޫލުތައް ދެމެހެއްޓުން ވެސް މުހިންމެވެ. ދައުލަތް ހިންގުމާއި ހިދުމަތް ދިނުމުގައި އިސްލާމީ ސިފަތައް ހުރުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ. 2008 އިން ފެށިގެން އަމަލުކުރަމުންދާ ގާނޫނުއަސާސީގެ ވެސް ރޫހަކީ އެއީ އެވެ. އެކަމަކު ކޮރަޕްޝަން ހުއްޓުވުމާއި، ހެޔޮ ވެރިކަމުގެ އަސާސްތަކަށްވުރެ ސަރުކާރުގެ މުޅި ހަކަތަ މި ފަހުން މި ދުއްވާލަނީ ހެދުން އެޅުމުގެ އުސޫލުތަކެއްގަ އެވެ. ހާއްސަކޮށް ކުޑަކުދިންނާއި އަންހެނުންނަށެވެ.

ސަރުކާރުގެ އަންހެން މުވައްޒަފުންގެ ހެދުން އެޅުން މި ވަރަށް ހަރުކަށި ކުރަން ޖެހޭތަ؟ 

'ދައުރު'ގެ 'އެއްބަސްވެ ދެބަސްވަމާ'ގެ ވޮޑްކާސްޓް މި ސުވާލަށް ހާއްސަކުރަން ޖެހުނީ ހަގީގީ، މާ ބޮޑު އެހެން ކަންބޮޑުވުމެއް މިއިން ފެންނާތީ އެވެ. އަންހެނުންގެ ޒީނަތްތެރިވުމުގެ ހައްގަކަށްވުރެ މީގެ މަންޒަރު މާ ދުރުން ފެންނަނީ އެތައް މަދަނީ ހައްގަކާ ދިމާއަށެވެ. އެ ހައްގުތައް އޮބަހައްޓަން، އޭގެ ފެށުން މާޒީން ފެންނަން އޮތުމުންނެވެ.

ގިނި ދުށް މީހާ ރަތްމަލަށް ބިރު ގަންނާނެތާ އެވެ. އެންމެ ރަނގަޅެވެ. އެކަމަކު މިއީ މާ ސީރިއަސް ބިރެކެވެ. ހުދުމުހުތާރުކަމަކީ މި ރާއްޖޭގައި ޒާމަންތަކެއް ވަންދެން އޮތް ހަގީގަތެވެ. އެ ސަގާފަތް ނިމުމަކަށް ގެންނަން ޖީލުތަކެއް ގުރުބާން ވެއްޖެ އެވެ. މިހާރުގެ ގާނޫނުއަސާސީއަކީ ވެސް އެ ގުރުބާނީތަކުގެ އަގެކެވެ. އެހެންވިއަސް 2008ގެ ފަހުން ވެސް އައި ކޮންމެ ވެރިކަމަކުން ހުދުމުހުތާރު ސިފަތައް، އެކި ނިސްބަތަށް ފެނުނެވެ.

މިހާރު ވެސް އެ ކަން ދަނީ އެ ބީދައިން ފެންނަމުންނެވެ.

މި ހުކުރު ދުވަހުގެ އެޕިސޮޑްގެ މެހެމާނަކީ އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ނައިބު ރައީސް އަދި ޒުވާން ސިޔާސީ އެކްޓިވިސްޓް އީމާ ޝަފީގެވެ. ހޯސްޓުންނަކީ 'ދައުރު'ގެ މެނޭޖިން އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ) އާއި ސީނިއާ އެސޯސިއޭޓް އެޑިޓަރު އަހްމަދު ނާއިފެވެ.

މަޖުބޫރަކީ ހައްލެއް ނޫން! ތަހައްމަލުގެ އާދަ ގެންނަން ޖެހޭ؟

ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ނޫސްވެރިޔާ ޒާހިރު ވިދާޅުވީ ސަރުކާރުން ގިނަ ކަންކަން ހައްލުކުރަން މަސައްކަތްކުރާ މަންޒަރު މި ފެންނަނީ އެންމެ މީހެއްގެ ވިސްނުމުގެ މައްޗަށް ކަމަށެވެ. އަދި އެ ވިސްނުމުގައި ހުންނަނީ މުޅިން ވެސް ކަންކަން މަޖުބޫރު ކުރުވުމާއި ހިފަހައްޓުވައިގެން ހައްލެއް ގެނެވިދާނެ ކަމުގެ ވިސްނުމެއް ކަމަށެވެ.

ނަމަވެސް ޒާހިރު ގަބޫލުކުރައްވާ ގޮތުގައި ދުންފަތާ ޖީލުތައް ދުރުކުރުމާއި ހެދުން އެޅުން މިފަދަ ކަންކަން ރަނގަޅުކުރުމަށް ގެންގުޅެނީ ވެސް މާ މާނަހުރި ސިޔާސަތުތަކެއް ނޫނެވެ.

"އިސްލާމީ މުޖުތަމައެކޭ މިއީ. އިސްލާމީ އުސޫލުތައް ދަމަހައްޓަން ޖެހޭ. ދެމެހެއްޓޭނީ އެ އުސޫލުތައް ޕްރޮމޯޓްކޮށްގެން. ލޯބި ޖައްސުވައިގެން. ފައުންޑޭޝަން ރަނގަޅުކޮށްގެން. ރަނގަޅު ގޮތް ކިޔައިދީގެން. ހޭލުންތެރި ވެސް ކުރުވައިގެން،" އެޑިއުކޭޝަން މިނިސްޓްރީގައި ދައުލަތަށް ހިދުމަތްތަކެއް ކުރައްވާފައިވާ ޒާހިރު ވިދާޅުވި އެވެ.

ޒާހިރުގެ ޅަފަތުގެ ދުވަސްވަރުގެ ތަޖުރިބާތަކަށް އިޝާރާތްކުރައްވަމުން ވިދާޅުވީ މި ތަނުގައި އެތައް އަހަރެއްގައި ތައުލީމު ވެސް މަނާކޮށްގެން ތިބި ކަމަށެވެ. ނަމަވެސް 1995ގައި ޒާހިރު ހުސައިންގެ އެޑިއުކޭޝަން މިނިސްޓަރުކަމުގައި ރާއްޖެ ތައުލީމަށް ވަރަށް ބޮޑަށް ހުޅުވާލި ކަމަށެވެ. ނަތީޖާއަކީ އިލްމީ އެކި ވިސްނުންތަކަށް ރާއްޖެ ހުޅުވާލެވުން ކަމަށް ވިދާޅުވި އެވެ.

"މަލްޓި ކަލްޗުރަލް ޔުނިވާސިޓީތަކުން ކިޔަވައިގެން އައިސް ތިބި މީހުން ރާއްޖޭގައި އެބަ ތިބި. އޭރު ވެސް އެފަދަ މީހުން މި ތަނަށް އައިސް އެކި މަގާމުތަކާ ވެސް ހަވާލުވި. [ދެން] އެއް ޑައިރެކްޝަނަކަށް ގެންދަން އުނދަގޫ ވާނެ،" ޒާހިރުގެ ތަޖުރިބާ ހިއްސާކުރެއްވި އެވެ.

ޒާހިރުގެ ގިނަ ވާހަކަތަކަށް އެއްބަސްވަމުން ނާއިފް ވެސް ވިދާޅުވީ ސައުދީ އަރަބިއްޔާ ފަދަ ގައުމުތަކުގައި ވެސް ވަރަށް ފަހަކާ ޖެހެންދެން އަންހެނުންގެ މިފަދަ ޒާތީ ބައެއް ކަންކަން ހިފެހެއްޓުމަށް މަސައްކަތްކުރި މަންޒަރު ފެނުނު ކަމަށާއި ނަމަވެސް އެ ގައުމުގައި ވެސް މިހެން ހިފަހައްޓައިގެން ކަންކަން ބަދަލުނުކުރެވުނު ކަމަށެވެ.

"މީހުންގެ ހިތާ ރޫހުން މި ކަން ކުރަން ޖެހޭނީ،" ނާއިފް ވިދާޅުވި އެވެ.

'އެއްބަސްވެ ދެބަސްވަމާ' ގެ ހަވަނަ އެޕިސޮޑްގެ ތެރެއިން؛ މައުލޫއަކީ ހައްގުތައް ހަނިކުރަން ވެރިން ގެންގުޅޭ އުކުޅުތައް އަދި ސަރުކާރުގެ އަންހެން މުވައްޒަފުންގެ ހެދުން އެޅުން ހަރުކަށިކުރުން --

ރާއްޖެއަކީ ޓުއަރިޒަމަށް ވެސް އިގުތިސޯދު ބަރޯސާވާ ގައުމެއްކަން ފާހަގަކުރައްވަމުން ނާއިފް ވަކާލާތުކުރެއްވި ކަމަކީ ރިވެތި ސިފަތަކަށް ލޯބި ޖެއްސުމާއި އެފަދަ އާދަތަކެއް ގެނައުމަށް މަސައްކަތްކުރުމަކީ މާ މުހިންމު ކަމެއްގެ ގޮތުގަ އެވެ. އިޖުތިމާއީ ފޭރާމުގައި ހުރި ބާގަނޑުތައް ބެއްދޭނީ އޭރުން ކަމަށް ވިދާޅުވި އެވެ.

"އިޖުތިމާއީ ފޭރާމުގެ ތެރެއަށް އަންނަންވީ. ތަހައްމަލުކުރުމުގެ ރޫހު. އިންސާނީ ހައްގުތަކުގެ ރޫހު. އެކަކު އަނެކަކަށް އިހުތިިރާމު ކުރުމުގެ ރޫހު،" ނާއިފް ވިދާޅުވި އެވެ.

ތަހައްމަލުކުރުމުގެ އާދަ އަށަގެންނެވުމުގެ ވާހަކައިގައި ޒާހިރު ވެސް އެއް ކަމަކަށް ފާހަގަކުރެއްވީ ރާއްޖެއަކީ އެކި ސަގާފަތާއި އަގީދާތަކުގެ މީހުން މި ތަނަށް ގެނެސްގެން ހިދުމަތް ދީގެން އާމްދަނީ ހޯދާ ބައެއް ކަމެވެ. އެ މީހުންނަށް އިހުތިރާމް ވެސް ދޭން ވާނެ ކަމެވެ.

"އަހަރެމެން އެއާ ފައިހަމަނުވާ ގޮތަކަށް ދަންޏާ އިގުތިސޯދުގައި ވެސް ފަހަތަށް ދާން ޖެހޭނީ،" ޒާހިރު ވިދާޅުވި އެވެ.

އޭނާ ދެން ފާހަގަކުރެއްވި ކަމަކީ އަންހެނުންނަކީ ފިރިހެނުންގެ މުދަލެއްގެ ގޮތުގައި ގިނަ ފަހަރު ދެކެވިފައި އޮތް ދެކެވުމުގެ މައްޗަށެވެ. 'ސެކްޝުއަލް އޮބްޖެކްޓް'އެއް ގޮތުގައި ދުށުމެވެ. އެ ވިސްނުން ދޫކޮށްލަން ޖެހޭ ކަމާއި ހޭލުންތެރިކުރުވަން ޖެހޭ އަނެއް ކަމަކީ އަންހެނުންނަށް އެ ޒާތުގެ ނަޒަރުން ދެކެން ނުޖެހޭ ކަމެވެ. ފިރިހެނުންގެ ވެސް އާދަތައް ރަނގަޅުކުރުމެވެ.

"އަހަރެންގެ ވެސް ވަރަށް ގިނަ އަންހެން އެކުވެރިން ތިބޭ. އެއިން ކޮންމެ އެކުވެރިއަކު ހަމަ ފެންނަ އިރަށް ހިތަށް އަރާކަށް ނުޖެހޭ. އޭނާގެ ހުންނަ ބުރުސޫރަކަމާއި ރީތިކަން ހުރުން އެއީ ހަމަ ކުއްލިއަކަށް އޭނާއަށް ޝައުގުވެރިކަން އުފެދެން ޖެހޭ ސަބަބަކަށް،" ޒާހިރު ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި އަންހެނުންނަށް ހާއްސަ ބާބު ރަސްމީކޮށް އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާއެއްގެ ތެރެއިން (ފޮޓޯ/ ޕީޕީއެމް)

ރާއްޖެއަކީ ހޫނު ގައުމެކެވެ. ހޫނުގެ ސަބަބުން ވެސް ބައެއް މީހުންނަށް ތަހައްމަލުކުރަން އުނދަގޫ ކަންކަމާއި އުފުލަން ޖެހިދާނެ ތަކުލީފުތަކެއް ހުރެދާނެކަން އެންމެން ވެސް ގަބޫލުކުރަން ޖެހެ އެވެ. ބައެއް ފަހަރު ހެދުން އަޅަން ޖެހޭ ގޮތް ގުޅެނީ ފިނިހޫނު މިނާއެވެ. ފިނީގައި އުޅެން ދަތި މީހުން، އޭރަށް ހަށިގަނޑު ވަރަށް ބޮޑަށް ނިވާވާނޭހެން ގިނަ ހެދުން އަޅާނެ އެވެ. ހޫނުވިއްޔާ ހަމަ އެ ބީދައިގެން ހަށިގަނޑަށް ލުއިކޮށް ހެދުން އަޅަން ވެސް ޖެހިދާނެ އެވެ. ސިއްހީ ގޮތުން މަޖުބޫރު ކަމަކަށް ވެސް ވެދާނެ އެވެ.

ތަހައްމަލުކުރުމާއި އަނެކާގެ ހާލަތަށް އިހުތިރާމު ކުރުމުގެ ވާހަކައިގެ ތެރެއިން ހިރިގާ، މޫސުމުގެ ވާހަކަ ވެސް ފާހަގަކުރެއްވި އެވެ.

"ދަރިވަރުންގެ ކަރުގައި ބާރު ބޮޑު މަޅިއެއް ބައްދާފައި [ފިރިހެން ދަރިވަރުންގެ ކަރުގައި ޓައީ އަޅަން މަޖުބޫރުކުރުން]، އަދި ބާރު ޓައިޓެއް އަޅުވަނީ. އަންހެނުން ވިއްޔާ ކަޅާއި ކުލަ ގަދަ ހެދުން ލުމަށް ވެސް މަޖުބޫރުކުރަން އުޅެފާނެ، ކަޅަކީ ވަރަށް މީހާ ހޫނުވާ ކުލައެއް،" ޒާހިރު ވިދާޅުވި އެވެ.

އީމާ ވެސް ވިދާޅުވީ ވަރަށް ބޮޑަށް ފެންނަނީ ސަރުކާރުގެ އިސްކަން ދިނުމުގައި ހުރި ގޯސްތަކެކެވެ. އިޖުތިމާއީ ގިނަ މައްސަލަތަކަށް އިސްކަން ދީގެން ސިޔާސަތު އެކަށައަޅަން ޖެހޭ އެތައް ކަމެއް އެބަ ހުއްޓެވެ. ނަމަވެސް ސަރުކާރަށް މުހިންމީ ބަޔަކު ހެދުން އަޅާ ގޮތް 'ޕޮލިސް' ކުރުމެވެ.

"ބެލެންސެއް ވެސް ގެންގުޅެން އެބަ ޖެހޭ މި ބަވަނަވަމުންދާ ދުނިޔޭގައި. ސަގާފަތް އާލާދިރުވުމުގައި ކޮންމެ ވެސް ވަރެއްގެ ހިފެހެއްޓުންތަކެއް ވެސް ހުންނަން ޖެހޭ، ކަންކަން އެހާ މަޖުބޫރުކޮށްގެން ކުރުމަށްވުރެ ވެސް،" އީމާ ވިދާޅުވި އެވެ.

ޔުނިސެފުން އެމްޖޭއެސްގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްގައި އެ ސްކޫލުގެ ދަރިވަރުންތަކެއް ބައިވެރިވަނީ (ފޮޓޯ/ޔުނިސެފްމޯލްޑިވްސް)

ހުދުމުހުތާރު ވެރިންގެ އުކުޅުތަކާ އެއްގޮތް ކަންކަން

ގައުމިއްޔަތުގެ ނަމުގައި ސަރުކާރުން ކުރާ ގިނަ ކަންކަން ނާއިފަށް ސިފަވަނީ ވެސް ހުދުމުހުތާރު ވެރިންގެ ބައެއް އުކުޅުތަކާ އެވެ.

"ފެސިސްޓް [ހުދުމުހުތާރު] ސަރުކާރުތަކުން ކުރާ ކަމެއް މިއީ. އާޓިފިޝަލް [އުފައްދާފައިވާ] ގައުމިއްޔަތެއް ގެނައުން. މި އުކުޅުތައް ކިޔައިދޭ ފޮތްތަކުގައި ވެސް ހުރޭ ފެސިސްޓް ލީޑަރުން ކުރާ ކަމެއް އެއީ ގައުމިއްޔަތުގެ ނަމުގައި ވަކި އެއްޗެހިތަކެއް ވިއްކުން،" ނާއިފް ވިދާޅުވި އެވެ.

"އާޓިފިޝަލް ނެޝަނަލިޒަމްއަކީ ވަރަށް ނުރައްކާތެރި އެއްޗެއް. ދާހިލީ ހަމަނުޖެހުމަކަށް ވެސް ގޮސްދާނެ ކަމެއް އެއީ،" އޭނާ އިތުރަށް ވިދާޅުވި އެވެ.

ރަނގަޅު ވެސް ވާހަކައެކެވެ. ހުދުމުހުތާރު ވެރިން އެންމެ ބޮޑަށް ބަލާނެ އެއް ކަމަކީ، އޭނާއަށް ވެރިކަން ކުރަން ލިބޭ މުޖުތަމައުގެ މީހުން އެއްވެސް ހިފެހެއްޓުމަކަށް ލޯބިކުރޭތޯ އެވެ. އެއީ އެ މީހުންގެ ޖަޒުބާތުތަކާ ގުޅިފައިވާ ކަމެއްގެ ނަމުގައި އިތުރު ހިފެހެއްޓުންތައް ގެންނަން ވެގެނެވެ. ފަހަރަކު ހައްގެއް ހަނިކުރަމުން ގެންދިއުމަށެވެ.

މައުލޫގެ ގޮތުން މިސާލެއްގެ ގޮތުގައި ފާހަގަކުރަން ބޭނުމީ ވެސް މުސްލިމެއްގެ ފޮތަކަށެވެ. އިތުރު އެހެން މީހެއް ނޫނެވެ. މިހާރުގެ ރައީސް މުހައްމަދު މުއިއްޒުގެ ބައްޕާފުޅު، ޝެއިހް ހުސައިން އަބްދުއްރަހްމާނުގެ ފޮތުގައި ހުދުމުހުތާރު ވެރިންގެ ބައެއް އުކުޅުތައް ބަޔާންކޮށްދެއްވާފައިވެ އެވެ. ގައުމިއްޔަތު، ދީން، މުޖުތަމައުގެ ނަމުގައި ހައްގުތައް ހަނިކުރާނެ ކަމެވެ.

"އެ ޑިކްޓޭޓަރަކު [ހުދުމުހުތާރު ވެރިއަކު] ނިސްބަތްވާ މުޖުތަމައަކީ ވަކި ދީނަކަށް ތަބައަވާ، އެ ދީނުގައި ވަރުގަދައަށް ހިފަހައްޓައިގެން ތިބި ބަޔަކު ކަމަށްވެފައި، އެ ޑިކްޓޭޓަރަކީ ވެސް އެ ދީނެއްގެ އިލްމު ހުރި ބޮޑެއް ކަމުގައިވާނަމަ އޭނާ އެ ހާލަތުގެ ބޭނުން ކުރާނީ އޭނާގެ ހުދުމުހުތާރު ވެރިކަން ދެމެހެއްޓުމަށް އޮތް ބާރުގަދަ ވަސީލަތެއްގެ ގޮތުގައި،" ފަނޑިޔާރުކަން ވެސް ކުރައްވާފައިވާ ޝައިހް ހުސައިން ލިއުއްވާފައިވެ އެވެ.

ރައީސް މުއިއްޒުގެ ބައްޕާފުޅު، ޝައިހް ހުސައިން އަބްދުއްރަހްމާން ލިއުއްވި ފޮތުގެ 350 ވަނަ ސަފްހާ --

މިހެން ފާހަގަކުރަން ޖެހެނީ މި ސަރުކާރުގެ ކުރީކޮޅުން ފެށިގެން ވެސް މި ކަހަލަ އެކި ކަންކަން ކޮށްފައިވާތީ އެވެ. އިޖުތިމާއީ ބޮޑު މައްސަލައަކަށް ވެފައިވާ ބަރަހަނާ ސައިޓްތައް ނަމެއްގައި ބްލޮކްކުރިކަން ހަނދާން ވޭ ހެއްޔެވެ؟ އެ ކަންކުރިތާ ދުވަސްތަކެއް ފަހުން ސަރުކާރަށް ފާޑުކިޔާފައި ހުންނަ ލިއުންތައް ގެނެސްދޭ ދެ ސައިޓެއް ވެސް ބްލޮކްކުރި އެވެ.

ޒުވާން އެކްޓިވިސްޓް އަދި ޕޮލިޓިކަލް ދާއިރާއިން ތައުލީމު ހޯއްދަވާފައިވާ އީމާ ވެސް ވިދާޅުވީ ސަރުކާރުން މަސައްކަތްކުރަމުން ދަނީ ފަހަރަކު ގްރޫޕެއް އޮބަހައްޓަން ވެގެނެވެ. ދެކޮޅުވެރިކަން ދައްކަން ދަތިވާނެ ގްރޫޕްތައް ފާހަގަކޮށް ހިފެހެއްޓުމުގެ ފުރަތަމަ ޓާގެޓަކަށް އެ ގްރޫޕްތައް ހެދުމުން، އެ މީހުންގެ އާއިލާތަކަށް އެ މަޖުބޫރުވުން ފޯރުކުރުމެވެ.

"ކުޑަކުދިންނަކަށް ނުނުކުމެވޭނެ އެ މީހުންގެ ޝުއޫރުތައް ފާޅުކުރަން. ސަރުކާރުގެ ސިވިލް ސާވިސް ވަޒީފާގައި ގިނައީ އަންހެނުން. 66% އެއީ. އެ މީހުންނަކަށް މި ހާލަތުގައި [އިގުތިސޯދު ދަށްވެފައިވާ ހާލަތު] ޝުއޫރު ފާޅުކުރުމަށްވުރެ އެ މީހުންގެ ވަޒީފާ މާ މުހިންމުވާނެ،" އީމާ ވިދާޅުވި އެވެ.

ޕީއެންސީ މިރޭ ހުޅުވި އެ ޕާޓީގެ ފަސް ފަންގިފިލާގެ އޮފީސް (ދައުރު ފޮޓޯ/ އަނޫފް ޖުނައިދު)

ނާއިފް ވެސް ފާހަގަކުރެއްވީ ސަރުކާރުގެ ވިސްނުމުގައި ހުރި ކަމަކީ ޕޮޕިއުލާރިޓީ ނުވަތަ މަގުބޫލުކަން ލިބިދާނެ ކަމުގެ ނިޔަތުގައި އެކަނި ސިޔާސަތު ބައްޓަން ކުރާ ތަނެވެ. ހެދުން އެޅުން ހަރުކަށިކުރީ ވެސް ދީނުގެ ނަމުގައި ދީން ކުރިއެރުވުމަށްކަން ދެއްކުމުގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރުގެ މި ވެރިމީހާ މި ހަދާހެން ދަނޑިމާރު އަޅުވައިގެން ފޫޓުފީތާ ބަހައްޓައިގެން އެ ކަން ކުރަން އުޅުމަކީ ތާއީދު އިތުރުވާނެ ކަމެއް ވެސް ނޫން، ހައްލެއް އަންނާނެ ކަމެއް ވެސް ނޫން. އިންޖިނިއަރިންގައި ފޫޓުފީތާ ބަހައްޓައިގެން މިންއެޅުން ވަރަށް މުހިންމު އެއްޗަކަށް ވެދާނެ،" ސިވިލް އިންޖިނިއަރިން އިން ރައީސް ޕީއެޗްޑީ ހާސިލްކުރައްވާފައިވާތީ އެ ކަމަށް އިޝާރާތްކުރައްވަމުން ނާއިފް ވިދާޅުވި އެވެ.

ޒާހިރު އޭނާ ކުރިން ވެސް ނެންގެވި ނުކުތާއަށް ވަޑައިގަތެވެ. ސަރުކާރުން މި ކަމުގައި ކުރަންވީ ކަމަކީ، ތައުލީމީ ނިޒާމު މެދުވެރިކޮށް ޖީލުތައް ދީނާ ގާތްކުރަންވީ އެވެ. ދީނުގެ މަތިވެރި އަސާސްތައް ވިސްނައިދޭންވީ އެވެ. ކޮރަޕްޝަން، ފަސާދަ، ވައްކަން ފަދަ ކަންކަމާ ފާޅުގައި ދެކޮޅު ހަދާނެ ޖީލެއް ބިނާކުރަންވީ އެވެ.

"ބައްޕައަކީ ވަގެކޭ ބުނީމަ ލަދު ގަންނަ ވަރަށް އެކަމާ ދެކޮޅު ޖީލެއް. މިއީ ސަރުކާރަކުން ވެސް ކުރަންވީ ކަމަކީ. ގައުމިއްޔަތުގެ ގޮތުގައި ދަސްކޮށްދޭންވީ ކަމަކީ ވެސް،" ޒާހިރު ވިދާޅުވި އެވެ.

ދީނުގެ ނަމުގައި މާ ބޮޑު މާނައެއް ނެތް މި ޒާތުގެ ކަންކަމަކީ ވެސް ހުދުމުހުތާރު ވެރިން ގެންގުޅޭނެ އުކުޅެއްކަން ރައީސްގެ ބައްޕާފުޅުގެ ފޮތުން އެނގެ އެވެ. ހެޔޮ ވެރިކަމުގެ އަސާސްތަކާއި އިސްލާމީ ޑިމޮކްރެޓިކް އުސޫލުތަކަށް ބާރު އަޅުއްވާފައިވާ އެ ފޮތަކީ ރައީސް ވެރިކަން ކުރެއްވުމަށް ބައްލަވާ ނަމޫނާ ކަމަށް ވިދާޅުވެފައި ވެސް ވާ ފޮތެވެ.

"[ޑިކްޓޭޓަރާއި އޭނާ ނިސްބަތްވާ މުޖުތަމައުގެ މީހުން ގަބޫލުކުރާ] ދީނަށް ނުހަނު ލޯބިއޮތް ކަމާއި އެހެން އެއްވެސް ވެރިއަކަށްވުރެ އެ ދީން ކުރިއެރުވުމަށް މަސައްކަތްކުރާ ލީޑަރެއްގެ ގޮތުގައި ދައްކައިގެން. އެބައިމީހުންގެ ދީނީ ބައެއް ފަސޭހަތަކާއި މުޒާހިރުތަކެއް ފަހިކޮށްދީ އެ މީހުން އެ ކަމުގައި މަސްއޫލުކޮށް، [ދީނާ ހިލާފަށް] ޑިކްޓޭޓަރުކުރާ ކަންކަން ގާފިލުކޮށްގެން،" ޝައިހް ހުސައިންގެ ފޮތުގެ 350ވަަނަ ސަފްހާގައިވެ އެވެ.

ކޮމެންޓް (9)

އަފީފު ދީދީ

20 ޖެނުއަރީ 2026
ސެންސަރު ކުރާ ކޮމެންޓްތަކަކީ ހާބިން ފޮނުވާ ެއްޗެއްސެއް ކިޔާ އޭގައި އޮްއްޓަރަށް ނުވިސްނާ މީހާއަށް ވިސްނާފައި ޑަސްބން އަށް ލާން ފަސޭހަވާނެ. އެކަމަކު ރަތް ރޮނގު ދަސްކުރޭ. އެ ދަސްނުކުރާ މީޙުން އެވަނީ ބޭކާޜު. އަންނި. ރަތް ރޮނގަކީ އިސްލާމް އަދި މިގައުމު. އެފަދަ ވާހައެއް ދައްކާނަމަ ނޫނީ ހަގީގަތުގައި ކްރިޓިކަލް ކޮށް ދާނަމަ ތިޔަތަނަށް އިސްލާމީ ޝަރީއާ ދަންނަ މީހެއްވެސް ލާނެ. ނުލާކަމީ ރެޑް ފްލެގެއް. ކަލޭމެން ހިތާވާ އެވައްތަރު މީޙަކު. ޝަހީމް ކައިރީ ބުްންޏަސް ދޭނެ. ކަލޭމެން ގަޔާ ވާ ވައްތަރު މީހެއް. އެވަރު ވެސް ނުކުރީމާ ތި ޕޮޑްކާސްޓަކި ޕްރޮޕެގެންޑާ އެކޭ ބުނެވޭނީ އެއްވެސް އިލްމެއް އެއްޗެއް އަސްލުކްރިޓިކް ކުރުމެއް އެއް ނެތް.
0 0

889393

20 ޖެނުއަރީ 2026
ބުނެވޭ ގޮތުގައި ހިސްޓްރީ ލިއެފައިވަނީ ސަހްޔޫނީން ބޭނުންވާ ގޮތަށް. އަދި އިޖްތިމާއީ އިލްމްވެސް ލިއެފައިވަނީ އެމީހުން ބޭނުންވާ ގޮތަށް އެމީހުންގެ ފިކުރަށް. މިހާރު މީޙުން ހޭލެވި ހުރިހާ އެއްޗަކަށް މުސްލިމުން ނޫންމީހުންވެސް އެބަ ސުވާލުކުރޭ. ދަސްކުރި އެއްޗެހި އަންލާން ކުރަންޖެހޭއޭ އެމީޙުންވެސް އެބަކިޔާ. ޗައިނާ ގޯހޭ ކިޔާއިރު 400 މިިލިަން މީޙުން އެގައުމުން ފަގީރުކަމުން އަރުވާފައިވޭ. ގައްޒާފީ ލީބިޔާގައި ކަރަންޓް ފެން ހިލޭ. ކައިވެނި ފްލެޓް ހިލޭ. މިއީ ޑިކްޓޭޓަރުން. އެހެންވީމާ ދިވެހި އިލްމުވެރިން ސަހްޔޫނީ މަކަރުވެރިކަމާއެކު ލިއެފައިވާ ފޮތްތަކުން އިލްމް ހޯދައިގެން ލިޔެފައިވާ އެއްޗެއްސާ މެދުވެސް ސުވާލު ކުރަންޖެހޭ. ޑީކްޓޭޓަރެއް ލީކްއާން ޔޫއަކީޥެސް. އެކަމަކު ރާއްޖެ މިއުޅެނީ ސިންގަޕޫރަށް ނުވެވިގެން. އެނގިފަިއވާ އިލްމު އަންލާނ ްކުރަންވީ ވަގުތު އައިސް ޖެހިއްޖެ. ގައުމު އޮޔާ ނުދަނީސް. ތި ފެމިނިސްޓުންގެ ވަބާތަކުން ސަލާމަތްވޭ. މި ޕޮޑްކާސްޓަކީ ޒަޔަނިސްޓް ފަލްސަފާ ރާއްޖޭގައި ފަތުރަން ލާރި ލިބިގެން ހިންގާ އެއްޗެއްތަ ނޫނީ ތިޔަތާ އުޅޭ ނޫސްވެރިންނަކީ އެފަދަ ބައެއްތަ؟ މިއީ ޖަވާބު ބޭނުްވާ ސުވާލުަތައް.
0 0

އެޑިޓަރަށް ނަސޭހަތް

20 ޖެނުއަރީ 2026
ލަތީފޫ ހެޔޮ އެދޭތީ މިބުނަނީ. މުއިއްޒަކީ ހުޅަގުން މިކިޔާ ޑިކްޓޭޓަރ (ގައްޒާފީ، ސައްދާމު) ފަދަ މީހެއް ނޫނެނޭ ނުބުނަން. އެކަމަކު ސަހްޔޫނީން ދީންތަކާ ހަސޯރަތްތައް ހަލާކުރުަން ގެންގުޅޭ އުކުޅުތަކުގައި ނުޖެހިބަލަ. ދީނާ ނުބެހިބަލަ. ކަރަޕްޝަންނާ އެތައް ފަސާދައެވާހަ އޮތްއި. ރާ ވިއްކުން ޕްރޮމޯޓް ކުރަން މިނޫހުގައި ލިއުނު ފަހުން ފޫހިވެއްޖެ. މުސްލިމުން ގޮތަކީ އެޭނަވެސް ބޯތީ މަށަށް ބޮވޭނޭ ކިއުމެއނޫން. އޭނަ ބުިއން ހުއްޓޫވާށޭ ކިއުން. ސަހުުޔޫނީގެ އަނގަތެރެއަށް އެއްކޮށް ނުވެއްޓޭ ކަމަށް ހީކުަން. އެކަމު މހާޜު ތިއޮތީ ވަދެފައި. މި ނާއިފް ކިޔާ ސޮރަށް ހެޔޮ ވިސްނުނު ހެނެއް ހިއެއް ނުވޭ. ފެމިނިޒަމް އަކީވެސް ސަހްޔޫނީންގެ ހަތިޔާރެއްކަން ހުޅަނގުގެ މީހުން އެގޮވަނީ. މުސްލިމުންނެއްވެސް ނޫން. މުޖުތައުތަކުގެ ސަރުކާރަށް ގޮތް ނުކިޔޭނަަމަ ގައުމެއް ނޯންނާނެ. ހެދުން އަޅާ ގޮތަށް އިސްލާމީ ގައުމެއްގައި ގޮތް ކިޔާނެ. ދީނާ ސަުރކާރު ވަކިކުރާށޭ ކއުމަކީ ދީން ނައްތާުލުމުގެ ފުރަތަމަ މަރުހަލާ. ނާއިފް ކިޔާ ސޮުރ އިސްލާހު ޖޑީއަށް ވައްދާ. ތިމާވސް ދުނިޔެެއެަށް ޓަކާ އާކިރަތް ގެއްލުވާނުލާ. ކްރިސްޓިއަނުންވެސް މިހާރު ހޭލަމުން ދާިރު ނިދާފައި ނޯވޭ.
0 0

އހަހަހަހަހަ

19 ޖެނުއަރީ 2026
ޒާހ ރ ބުނާހެން ހެދުން އަޅަން ޒާހ ރ ދޭ ޔޫރަޕަށް. ކަނޑައެޅިގެން ދީ ނ ގެ މުހިއްމު އަސާސްތަކާ ހި ލާފުވާހެން ލިޔެފައިވާ އޮއްޓަރެއް ނެތް ވަރަށް މުޑުދާރު ލިޔުމެއް. ހޫނު ގައުމެކޯ. ހެދުން ލުއިކުރާށޯ. 😂
1 0

ރައްޔިތުމީހާ

12 ޖެނުއަރީ 2026
ރައްޔިތުން އެދުނީ ދޯ .
0 1

ސަރަނގު

11 ޖެނުއަރީ 2026
ކަލޭމެން ތިޔަ ވާހަކަ ދައްކަން އެމެރިކާއަށް ކަނޑާލާ. މަށަކީ މުއިއްޒަށް ތާއީދު ކުރާ އާދަމެއްނޫން. އެކަމް އެ ސޮރު ހެދުން އެޅުމުގެ މިންގަނޑަށް މަ ތާޢީދު. އެހެނީ މަށަކީ މުސްލިމަކީން...
4 0

ސުހާބާ

9 ޖެނުއަރީ 2026
މި ވާހަކަތައް ދައްކާފައި މިތިބި މީހުން ބޭނުންވަނީ އަންހެނުންގެ ހަށިގަނޑު ވީހައިވެސް ހާމަކަންބޮޑުކޮށް ބަހައްޓަންބާ؟ މުސްލިމުން ދައްކަން ހުއްދަވާ ކަހަލަ ވާހަކަތަކެއްބާ މިމީހުން މިދައްކަނީ؟
8 0

ޢަސްޢަސް

9 ޖެނުއަރީ 2026
@ސުހާބާ ސިޔާސީ ބޭނުމަކަށްވެސް ދައްކަން ހެޔޮނުވާނެ ވާހަކަ. ސަރުކާރުގެ މައްސަލަތައް ވަކިން ދައްކާ. ސަލަފު ރުއްސަންކުރާ ކަމަކަށްވެސް ވެދާނެ. ތަންފީޛުކުރާގޮތްވެސް ކަމަކު ނުދޭ. އެކަމަކު މިކަމާ ނުގުޅުވާ. ވާހަކަ ގެނައިގޮތް އެއްގޮތަކަށްވެސް ރަނގަޅެއް ނޫން
3 1

ހިދާޔަތު ދައްކަވާށި

9 ޖެނުއަރީ 2026
އަސްތަޣްފިރުﷲ، ނާއިފޫ، ބައެއް ވާހަކަ ތަކަކީ ޢިލްމެއް ނެތި ދައްކަން ހެޔޮނުވާނެ ވާހަކަތައް. ޚާއްސަކޮށް ބުރުގާއާ ބެހޭގޮތުން. ތިބާއަށް މިވަގުތު ވިސްނޭ ގޮތަކީ އެބްސޮލިއުޓް ޓުރުތް އެއް ނޫން. ތިއީ ރާހުއްދަކުރަން ގޮވާލުން ކަހަލަ ކަމެއް. ތިހެން ހެދީމާ އަމިއްލަ މީހާގެ އަގު ވެއްޓެމުން ދަނީ
10 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް