ސަރުކާރު މުވައްޒަފުންތަކެއް އޮފީހަށް ވަންނަނީ

ސަރުކާރު މުވައްޒަފުންގެ ހެދުން އެޅުން ހަރުކަށިކޮށްފި: ފަލަމަސްގަނޑަށްވުރެ ކުރު ހެދުން ނުލެވޭނެ

ގަމީސް ހެދުން ލާ ނަމަ އެއްވެސް ދިމާލަކުން ފަޅައިފައި ހުންނަ ނަމަ، ފަޅައިފައި ހުންނަ ބައި ހުންނަންވާނީ މައްޗަށް އަތް ދަމާލީމާ އުނަގަނޑުން ތިރީ ބަޔާއި އުނަގަނޑުން މަތީ ބަޔާ ދެމެދުން ހަށިގަނޑުގެ އެއްވެސް ތަނެއް ނުފެންނަ ވަރަށް

ދިވެހި ލިބާހާއި ދިގު ހެދުން ސަރުކާރުގެ އަންހެން މުވައްޒަފުންގެ ރަސްމީ ހެދުމުގެ ތެރޭގައި ހިމަނައި، ފަލަމަސްގަނޑަށްވުރެ ކުރު ނުވާނެހެން ހެދުން އަޅަންޖެހޭގޮތަށް ސިވިލް ސާވިސްގެ ގަވާއިދު އިސްލާހުކޮށްފި އެވެ.

ވީ ކިިހިނެއް؟ - ސިވިލް ސާވިސް ގަވާއިދުގައި މުވައްޒަފުންގެ ހެދުން އަޅަންޖެހޭ މިންގަނޑު ބަޔާންކުރާ މާއްދާއަށް އަކުރެއް އިތުރުކޮށް ގެނައި އިސްލާހުގައި، ވަނީ އަންހެން އަދި ފިރިހެން މުވައްޒަފުން ވެސް ވަޒީފާގެ މާހައުލުގައި ހެދުން އަޅަންޖެހޭގޮތް އިތުރަށް ތަފްސީލުކޮށްފަ އެވެ.

ތަފްސީލް - އިސްލާހުގައި ވާގޮތުން އަންހެން މުވައްޒަފުންގެ ހެދުމުގެ ގޮތުގައި ލިބާސް ނުވަަތަ ދިގުހެދުން އަދި އޮފީސް ހެދުން ބޭނުންކުރެވިދާނެ އެވެ. އެގޮތުން އިސްލާހުގައި ވަނީ:

  • ދިގު ހެދުން އަދި ލިބާސް ނަމަ ހުންނަންވާނީ، ފައިގެ ތަނބިކަށްޓަށް ވުރެ ކުރުނުވާ ގޮތަށް؛ މި ހެދުމަކީ އޮފީހުގެ މާހައުލާ ގުޅޭ ފޮއްޗަކުން ތައްޔާރުކުރެވިފައިވާ ހެދުމެއްކަމުގައި ވާންވާނެ

  •  ގަމީސް އަދި ސޫޓު ޖެކެޓު ނަމަ ހުންނަންވާނީ، ބުޑުގެތިރީ ކައިރިން ފެށިގެން މައްޗަށް ދެ އިންޗިއަށް ވުރެ ކުރުނުވާ ވަރަށް 

  • ގަމީސް ގޮތަށް ހުންނަ ހެދުމުގައި، ހެދުމުގެ މަތީބައިގެ އަރިމަތިންނާއި ކުރިމަތިން އަދި، ފުރަގަހުންނާއި ތިރިން ފަޅައިފައި ހުންނަ ނަމަ، ފަޅައިފައި ހުންނަބައި ހުންނަންވާނީ މައްޗަށް އަތް ދަމާލީމާ އުނަގަނޑުން ތިރީބަޔާއި އުނަގަނޑުން މަތީބަޔާ ދެމެދުން ހަށިގަނޑުގެ އެއްވެސް ތަނެއް ނުފެންނަ ވަރަށް

  • ކޮންމެ ބާވަތެއްގެ ހެދުމެއްގެ ވެސް ކަރު ހުންނަންވާނީ މުޖުތަމައުގެ އަދަބާ ހިލާފުނުވާގޮތަށް ކަރުވަޅު ނިވައިވާ ގޮތަށް

  • އަތްކުރު ހެދުމެއް ނަމަ އަތް ހުންނަންވާނީ އެ މީހެއްގެ ކޮނޑުހުޅާއި އުޅަބޮށްޓާ ދެމެދަށް ވުރެ ކުރުނުވާ ވަރަށް؛ އަތްދިގު ހެދުމެއް ނަމަ، އަތް ހުންނަންވާނީ އަތުގެ ކުޑަހުޅަށް ވުރެ ދިގުނުވާ ވަރަށް 

  • ޒީނަތްތެރިވުމުގެ ގޮތުން ގަހަނާ އެޅުމާއި މޭކަޕްކުރުމަކީ ހުއްދަކަމެއް؛ އިސްތަށިގަނޑު ކަޅުކުރުން ފިޔަވައި، ފާޅުކަން ބޮޑު ކުލައެއްޖެއްސުމަކީ ނުވަތަ ކުލައިން ޝޭޑްކޮށް ހައިލައިޓްކުރުމަކީ ހުއްދަކަމެއް ނޫން

ފިރިހެން މުވައްޒަފުންގެ ހެދުމުގެ ގޮތުގައި ބޭނުންކުރެވޭނީ، ގަމީހުގެ ގޮތުގައި އަތްދިގު ނުވަތަ އަތްކުރު ގަމީސް ނުވަތަ ބުސް ގަމީސް ކަމަށް މި އިސްލާހުގައިވެ އެވެ. އެގޮތުން، އަތް ދިގު ގަމީހެއް ނަމަ އަތުގެ ކުޑަހުޅާ ހަމައަށް، އަތްކުރު ގަމީހެއް ނަމަ، ގަމީހުގެ އަތް ހުންނަންވާނީ އަތުގެ އުޅަނބޮށްޓަށް ވުރެ ދެ އިންޗި ކުރުނުވާ ވަރަށެވެ. ފިރިހެން މުވައްޒަފުންގެ ހެދުމުގައި ފަޓުލޫނުގެ ގޮތުގައި ބޭނުންކުރަންވާނީ ދިގު ފަޓުލޫނެވެ. 

އިތުރަށް އިސްލާހުގައި ވާގޮތުން:

  • ބޭރަށް ބަހައްޓާ ގޮތަށް، އޮފީސް ގަމީހުގެ ގޮތުގައި ފަހައިފައި ހުންނަ އަތްދިގު ބުސް ގަމީސް ފިޔަވައި އެހެން ގަމީސްތައް ދަށަށް ޖަހަންވާނެ؛ ދަށަށް ޖަހައިފައި ހުންނައިރު ހުންނަންވާނީ ބެގީކުރުމުން އަޅައިފައި ހުންނަ ކަމަރު އެއްކޮށް ނުފޮރުވޭ ވަރަށް 

  • ފިރިހެން މުވައްޒަފުންނަށް ގަހަނާއެއް ނުވަތަ ފާޅުކަންބޮޑު މޭކަޕެއް، ބޭނުން ކުރުމަކީ ހުއްދަ ކަމެއް ނޫން 

  • އަނގޮޓި ފިޔަވައި، އެއްވެސް ގުނަވަނެއްގައި ގަހަނާއަށްވާ އެއްޗެހި ލައިފައި ހުރުމަކީ ވެސް ހުއްދަކަމެއް ނޫން

ފާހަގަކޮށްލެވޭ ކަމެއް - ސަރުކާރު މުވައްޒަފުން ހެދުން އަޅަންޖެހޭގޮތް އިސްލާހުކުރިއިރު، މިފަހުން ރައީސް މުހައްމަދު މުއިއްޒު މާލޭ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުންތަކުގައި ރައްޔިތުންނަށް ހިދުމަތްދޭންތިބޭ ސަރުކާރުގެ އޮފީސްތަކުގައި ތިބޭ މުވައްޒަފުން މުޖުތަމައުގެ އަހުލާގީ މިންގަނޑުތަކާ ނުގުޅޭގޮތަށް ހެދުން އަޅާފައި ހުންނަކަމުގެ ޝަކުވާތައް އާންމުކޮށްފައިވެ އެވެ. އެ ޝަކުވާތަކާ ގުޅިގެން މިހާރު އަމަލުކުރަމުންދާ ހެދުން އެޅުމުގެ މިންގަނޑު ކުރިން އޮތްގޮތަށް އިސްލާހުކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް (1)

ދައިތަ

31 ޑިސެމްބަރު 2025
ފިރިހެން މުވައްޒަފުންގެ އިސްތަށިގަނޑު ދިގުކޮށްފަ، އައްސާފަ ނުވަތަ ހުޅިޖަހާފަ ފިއްތި ފަޓުލޫނާއެކީ ބާރު ގަމީސްލާން ހުއްދަވެފަ އެއީ ހަމަ އެގޮތް އޮފީސް މާހައުލާ ގުޅޭތީތަ؟ ނޫނީ ފިރިހެނުން ތިބެން މާތާހިރުގޮތަކީތަ؟
3 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް