26 ސެޕްޓެމްބަރު 2024: ސްކޫލްތަކުގެ މިޑްޓާމް ބަންދުއައިސް ކުދިންނާ ރިޕޯޓް ފޯމްތައް ހަވާލުކޮއްފި. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ތައުލީމު

ގްރޭޑް 4 އިން މަތީގެ ދަރިވަރުންގެ އާ ޔުނީފޯމުގައި ހަރުވާޅު ލާޒިމް

އެޑިއުކޭޝަން މިނިސްޓްރީން އަލަށް އެކުލަވާލި މި އުސޫލަށް އަމަލު ކުރަން ފަށާނީ 2027 ވަނަ އަހަރުން ފެށިގެން

ސްކޫލުތަކުގެ އާ ޔުނީފޯމުގެ އުސޫލުގައި، ގްރޭޑް ހަތަރަކުން މަތީގެ އަންހެން ދަރިވަރުން، ހަރުވާޅުލާން ޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.

ވީ ކިހިނެއް؟ - ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ޔުނީފޯމު ވަކި ކުލަތަކެއްގައި އެއްގޮތްކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފަ އެވެ. އެއާއެކު ޔުނީފޯމުތައް ހުންނާނެ ގޮތުގެ ކުރެހުން މިހާރު ސްކޫލުތަކަށް ވަނީ ފޮނުވާފަ އެވެ.

އާ އުސޫލުގައި އޮތްގޮތުން ކީ ސްޓޭޖް-2 ނުވަތަ ގްރޭޑް ހަތަރަކުން މަތީގެ ދަރިވަރުންގެ ޔުނީފޯމުގައި ހަރުވާޅު ވަނީ ލާޒިމްކޮށްފަ އެވެ. ބުރުގާ އަޅާ އަދި ނާޅާ ދަރިވަރުންނަށް ވެސް ދެ އިހްތިޔާރެއް ވަނީ ދީފަ އެވެ.

ތަފްސީލް - އަންހެން ކުދިންގެ ޔުނީފޯމަށް ބަލާއިރު:

  • ބުރުގާ ނާޅާ ދަރިވަރުން ސްކާޓާއެކު ހަރުވާޅު ލާން ޖެހޭނެ. އެ ކުދިންގެ ގަމީހުގެ އަތްކުރުކޮށް ވެސް އަދި ދިގުކޮށް ވެސް ބެހެއްޓޭނެ

  • ބުރުގާ އަޅާ ދަރިވަރުންނަށް ސްކާޓްލުމާއި ނުލުމުގެ އިހްތިޔާރު އޮވޭ. ސްކާޓުގެ ދިގުމިނުގައި ކަކުލުން ތިރިއަށް ދެ އިންޗި ހުންނައިރު އޭގެ ދަށުން ލަނީ ހަރުވާޅު

  • ބުރުގާ އަޅާ ކުދިން ސްކާޓް ނުލާ ނަމަ، ބެގީއެއް ނުކުރެވޭނެ

  • ގަމީހުގެ ދިގުމިން ހުންނަން ޖެހޭނީ ފޫކޮޅު ފޮރުވިފައި އެއަށް ވުރެ 2-4 އިންޗިއާ ދެމެދު ދިގުކޮށް

ފައުންޑޭޝަން ސްޓޭޖް ނުވަތަ ޔޫކޭޖީ-އެލްކޭޖީގެ ދަރިވަރުންނާއި ގްރޭޑް 1-3 އިން ހިމެނޭގޮތަށް، ކީ ސްޓޭޖް 1ގެ ދަރިވަރުންގެ ޔުނީފޯމު ވެސް ހުންނަނީ ހަމަ މިގޮތަށެވެ. އެކަމަކު އެ ކުދިންނަށް ހަރުވާޅުލުމާއި ނުލުމުގެ އިހްތިޔާރު އޮންނަނީ ދީފަ އެވެ.

ފިރިހެން ކުދިންގެ ޔުނީފޯމަށް ބަލާއިރު:

  • ކީ ސްޓޭޖް 3-5ގެ ދަރިވަރުން ރަސްމީ ޔުނީފޯމާއެކު ޓައީ އެޅުން އޮތީ ސްކޫލަށް ދޫކޮށްލާފައި

  • އެކަމަކު އެއަށް ވުރެ މަތީގެ ދަރިވަރުން ޓައީ އެޅުން ލާޒިމް 

  • އަދި ކީ ސްޓޭޖް-2ގެ ދަރިވަރުން ޓައީ އަޅާކަށް ނުޖެހޭ

  • ޔުނީފޯމުގެ ގަމީހުގެ އަތް ދިގުކޮށް އަދި ކުރުކޮށް ބެހެއްޓުމުގެ އިހްތިޔާރު ދެ ބަޔަށް ވެސް އޮވޭ

ހުރިހާ ދަރިވަރުންގެ ވެސް ރަސްމީ ޔުނީފޯމުގެ ގަމީހުގެ ކުލަ އަކީ ހުދު، މަޑު ރަތް، އުޑުނޫ ނޫނީ ޓީލް ގްރީން އެވެ. ހަރުވާޅާއި ސްކާޓް އަދި ސޯޓު ހުންނަން ޖެހޭނީ ކަޅު ކުލަ ނޫނީ ނޭވީ ބްލޫކުލައިގަ އެވެ.

ބުރުގާ އަޅާ ދަރިވަރުންގެ ބުރުގާގެ ކުލައިގައި ދެ އިހްތިޔާރެއް ވަނީ ދީފަ އެވެ. އެއީ ޔުނިފޯމާ އެއްކުލައެއްގެ އެކަމަކު އެއަށް ވުރެ ގަދަ ކުލައެއްގެ ބުރުގާ އެޅުން ނޫނީ ނޭވީ ބްލޫ އާއި ރޯޔަލް ގްރީން ޑާކް ރެޑް އާއި ހުދު ކުލައިގެ ބުރުގާއެއް އެޅުމެވެ.

އަޅާނެ ކުލައެއް ހަމަޖައްސާނީ ކުރާނީ ސްކޫލުންނެވެ.

ސްކޫލުތަކުގެ އިސްވެރިންނާ މަޝްވަރާކުރުމަށް ފަހު ހަމަޖެއްސި މި އުސޫލަށް 2027 ވަނަ އަހަރު އަމަލު ކުރަނީ، އެކަމަށް ތައްޔާރުވުމަށް ވަގުތު ދިނުމުގެ ގޮތުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ކޮމެންޓް (2)

ދޮނަޅަ

4 ޑިސެމްބަރު 2025
ޓައީ އެޅުން އެއްކޮށް ދޫކޮށްލަންވީއެވެ. ޓާއީގެ ބޭނުމަކީ ކޮބާތޯ. އެ ކަރުގަ ބައްދައިގެން ހެލިފެލިވެ އުޅުންވާނީ ބޮޑު ތަކުލީފަކަށެވެ. ސްކޫލްގެ ރަސްމީ އިވެންޓް ތަކުގަ ބޭނުން ކުރެވިދާނެ އެކަމަކު ކިޔަން ކުލާހުގަ ތިބޭއިރު އެވާނީ ތަކުލީފަކަށް.
1 0

ލަވަ

5 ޑިސެމްބަރު 2025
@ދޮނަޅަ ފިރިހެނުންނަށް އުނދަގޫ ވާތީ ޓައި އުވާލަންވީ ދޯ؟ އަންހެން ކުދިން ހެޔޮ ހޫނުގަ ލޭޔަރ ތައް ލައިގެން އުނދަގުލުގަ ހޫނުވެފަ ތިބެން. ފުރަތަމަ ފިރިހެން ކުދިންނަށް ދަސްކޮށްދޭންވީ އަންހެނުންނަށް ނުބަލަން. އޭރުން މި އާ ގަވައިދު ބޭނުމެއް ނުވާނެ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް