ތަޖިކިސްތާނާ ދެކޮޅަށް މާލޭގައި ކުޅުނު މެޗުގައި އަހުމަދު އައިހަމް ބޯޅައެއް ފޮނުވާލަނީ (ފޮޓޯ/އެފްއޭއެމް)

އައިހަމް އާއި އެންމެންނަށް ވެސް އެއީ ފިލާވަޅެއް

އަންނަ ހަފުތާގައި ކުޅޭ އޭޝިއަން ކަޕް ކޮލިފައިން މެޗަށް ނެގި ގައުމީ ސްކޮޑުން ހުނަރުވެރި މިޑްފީލްޑް ކުޅުންތެރިޔާ ބޭރުކުރީ ރަށު ޓީމަށް ފުޓްސަލް ކުޅެން ދިއުމުން. އެކަމަކު ބައެއް މީހުން ނުކުތީ އޭނާގެ ދިފާއުގައި
13 ނޮވެމްބަރު 2025
4

"މިއަދުގެ މެޗު ބެލި މީހުންގެ ހަނދާނުން ފިލުވާލަން އުނދަގޫވާނީ 25 ވަނަ މިނިޓްގައި އަހުމަދު އައިހަމް އެ ދުވެލި ދުވުމާއި އެ ހޯދި ފުރުސަތެވެ.

ރާއްޖޭގެ ހާފުގެ ތެރެއިން އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) ދިން ބޯޅަ ހިފައިގެން އައިހަމް ނެގީ ސްޕްރިންޓެކެވެ. އޭނާއާ ކުރިމަތިލި ތަޖިކިސްތާންގެ ކޮންމެ ކުޅުންތެރިޔަކު ވެސް ދިޔައީ ފަހަތަށެވެ. ޕެނެލްޓީ އޭރިޔާ ތެރެއަށް ވަންނަނިކޮށް އޭނާ ހުއްޓުވަން ގާތްވި ކޮންމެ ކުޅުންތެރިއެއްގެ ކައިރިން ވެސް ސަލާމަތްވެ، ގޯލުގެ ކުރިމައްޗަށް ބޯޅައާ އެކު އެރި އެވެ. ނަމަވެސް ފޮނުވާލި ހަމަލާ ދިޔައީ އަރިމަތިން ބޭރަށެވެ."

މިއީ 14 އޮކްޓޯބަރުގައި އޭޝިއަން ކަޕް ކޮލިފައިންގައި ތަޖިކިސްތާނާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގައި ޒުވާން މިޑްފީލްޑް ކުޅުންތެރިޔާ ދެއްކި ހުނަރުން ތަންކޮޅެކެވެ. އަންނަ އަންގާރަދުވަހު ފިލިޕީންސްއާ ވާދަކުރަން ގަލޮޅު ދަނޑަށް ގައުމީ ޓީމު ނުކުންނަ އިރު މި ކުޅުންތެރިޔާ ފެންނާނެ ކަމަށް އެންމެން ވެސް އުއްމީދުކުރާނެ އެވެ.

ނަމަވެސް އެހެންނެއް ނުވި އެވެ. އައިހަމް ވަނީ ގައުމީ ސްކޮޑުން ބާކީކޮށްފަ އެވެ: މިދިއަ މަހެއްހާ ދުވަހުގެ ތެރޭގައި އޭނާގެ ކުޅުން ދަށްވެގެންނެއް ނޫނެވެ. ނަމަވެސް ކުޅިވަރުގެ އަހުލާގުގައި ޖެހުނު ކުންޏަކާ ހެދި އެފްއޭއެމުން އެޅި ކުއްލި ފިޔަވަޅަކާ ހެދި އެވެ.

ފިލިޕީންސްއާ ދެކޮޅަށް ކުޅެން ނެގި ގައުމީ ސްކޮޑް އިއުލާންކޮށް އެފްއޭއެމްގެ ފޭސްބުކް ޕޭޖުގައި މިދިއަ ހޯމަދުވަހު ހެނދުނު ޖެހި ޕޯސްޓްގައި ވެސް ހިމެނީ 23 އަހަރުގެ އައިހަމްގެ ފޮޓޯއެކެވެ. ނަމަވެސް އެރޭ އެފްއޭއެމުން އިއުލާންކުރީ ގައުމީ ސްކޮޑުން އޭނާ ބާކީކުރި ކަމަށެވެ: ސަބަބަކީ ގައުމީ ޓީމުގެ މެނޭޖްމަންޓަށް އެންގުމެއް ނެތި ފުޓްސެލް ކުޅެން ރަށަށް ދިއުމެވެ.

ތަޖިކިސްތާން މެޗުގައި ރާއްޖެއިން އެންމެ މޮޅު ކުޅުމެއް ދެއްކި އެއް ކުޅުންތެރިޔަކީ ވެސް 23 އަހަރުގެ އައިހަމް (ފޮޓޯ/އެފްއޭއެމް)

އައިހަމްއަކީ އުތީމުގެ ޒުވާނެކެވެ. އުތީމުގައި އޮތް ތިލައުތުރު ފުޓްސަލް މުބާރާތުގެ ފައިނަލް މެޗުގައި ޕެނެލްޓީ ޖަހައިގެން މުރައިދޫ ބަލިކޮށް އުތީމަށް ޗެމްޕިއަންކަން ރޭ ހޯދައިދިނުމުގައި އޭނާއަކީ މުހިންމު ކުޅުންތެރިއެއް ވެސް މެ އެވެ. ނަމަވެސް އޭޝިއާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތަށް ކޮލިފައިވާން ކުޅޭ ގްރޫޕް މެޗުތަކުގައި ފިލިޕީންސްއާ ދެކޮޅަށް ގައުމު ތަމްސީލްކުރަން އެރުމުގެ ފުރުސަތު އައިހަމްއަށް ބަންދުވީ އެވެ.

ގައުމީ ޓީމުގެ ފުރަތަމަ ޕްރެކްޓިސް އޮތީ މިިދިއަ ހޯމަދުވަހު އެވެ. ޕްރެކްޓިސް ފެށިއިރު ވެސް އައިހަމްއަށް ނާދެވޭނެކަން އަންގާފައެއް ނުވެ އެވެ. ގައުމީ ޓީމަށް ނަގާފައި އޮއްވާ ފުޓްސަލް މުބާރާތަކަށް، ނުވަތަ އެހެން މުބާރާތަކަށް ނަމަވެސް، ދިއުމަކީ މައްސަލައެކެވެ. ސްކޮޑުން އައިހަމް ބޭރުކޮށް އެފްއޭއެމުން ނެރުނު ބަޔާނުގައި ބުނީ "ގައުމު ތަމްސީލުކުރާ އިރު ކުޅުންތެރިންގެ ފަރާތުން ޕްރޮފެޝަނަލިޒަމް އާއި ގައުމީ ޓީމަށް އެންމެ މަތިން އެއްބާރުލުން ދޭން ޖެހޭނެ ކަމަށް ގަބޫލުކުރާ" ކަމަށެވެ.

ނަމަވެސް އެފްއޭއެމްގެ ފިޔަވަޅާ އެކު އައިހަމްގެ ދިފާއުގައި ވެސް އެތައް ބަޔަކު ނުކުތެވެ. ރަށް ތަމްސީލުކުރަން ދިޔުމަކީ ގައުމީ ސްކޮޑުން ބޭރުކުރަން ޖެހޭ ވަރުގެ ކަމެއް ނޫން ކަމަށް ބުނެ އެއް ބަޔަކު ނެރުނީ 'އުފަން ފަސްގަނޑު'ގެ ލޯތްބެވެ. އުތީމު ނިސްބަތްވާ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު އިބްރާހިމް ޝުޖާއު ވެސް ނުކުންނެވީ އެފްއޭއެމްގެ ނިންމުމާ ދެކޮޅަށެވެ.

"ފުޓްބޯޅަ އެސޯސިއޭޝަންގެ ނިންމުން ބަލައިގަންނަން ދަތި. އައިހަމް ސްކޮޑުން ވަކިކުރުމަށް ތިޔަ ދެއްކި އުޒުރުން ރަށު ފުޓްބޯޅައަށް ލިބެނީ ނިކަމެތިކަން،" އެފްބީ ޕޯސްޓްގައި ޝުޖާއު ލިއުއްވި އެވެ.

"އައިހަމްއަކީ އުތީމުގެ ފަޚުރުވެރި ދަރިއެއް. އަޅުގަނޑުމެންގެ އަތޮޅުގެ އެންމެ ޝަރަފްވެރި މުބާރާތް ކުޅުމުގެ ފުރުސަތު އަތޮޅުގެ ދަރިންނަށް ލިބެންވާނެ."

އޭނާ ގޮވާލެއްވީ އެފްއޭއެމްގެ ނިންމުން އަނބުރާ ގެންދިއުމަށެވެ.

ނަމަވެސް އެއީ އެ ހާލަތުގައި ކުރެވޭނެ ކަމެއް ނޫނެވެ. ޝުޖާއު އާއި އުތީމާއި އަދި ތިލަދުންމަތީގެ ރައްޔިތުންނަށް ވެސް ކުރެވެން އޮތީ އައިހަމްއަށް ހިތްވަރުދިނުމާއި ކުރިއަށް އޮތް ތަނުގައި އެކަހަލަ ގޯހެއް ނުހަދަން ވިސްނައިދިނުމެވެ.

މިދިއަ ސެޕްޓެމްބަރު މަހު ސްރީ ލަންކާއާ ދެކޮޅަށް ލަންކާގައި ކުޅުނު ދެ ޓީމު ހިމެނޭ މުބާރާތް ކާމިޔާބުކޮށްގެން ގައުމީ ޓީމު ގަލޮޅު ދަނޑަށް ވަންނަނީ: ގައުމީ ޓީމުން ޖާގަ ލިބުމަކީ ޝަރަފެއް (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އައިހަމްއަކީ ގައުމީ ޓީމަށް ވެސް އަދި އޭނާ ނިސްބަތްވާ މާޒިޔާއަށް ވެސް ވަރަށް މުހިންމު، ކުރިމަގު އެހާމެ އުޖާލާ ކުޅުންތެރިއެކެވެ. އޭނާގެ މަތީ ފެންވަރުގެ ހުނަރު، އުފަން ރަށަށް ވެސް ބޭނުންވާނެ އެވެ. ނަމަވެސް ގައުމީ ފެންވަރުގެ ކުޅުންތެރިން ގަބޫލުކުރަން ޖެހޭނެ އެއް ޒިންމާއަކީ ގައުމީ ޓީމާއި ރަށު ޓީމު ތަފާތުވާނެ ކަމެވެ. ބޭނުން ކޮންމެ އިރެއްގައި ރަށު ޓީމަށް ނުވަތަ ފުޓްސަލްގެ އެހެން ޓީމަކަށް ވިޔަސް ކުޅެން ދާން ހުރަސްތަކެއް ހުންނާނެ ކަމެވެ. އެއީ އާދައިގެ ކުޅުންތެރިޔަކާއި އައިހަމް ތަފާތުވާ ސަބަބެވެ. ޒިންމާ ބޮޑުވާ ހިސާބެވެ.

ގައުމީ ޓީމާއި ރަށު ޓީމާ އަޅާބެލުމުގައި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ވިސްނުން ވެސް ތަފާތުވާން އެބަ ޖެހެ އެވެ. ކުޅިވަރުގެ މަތީ ފަންތިއާ ހަމައަށް ދެވޭ ކުޅުންތެރިންނަށް އޭނާގެ ހުނަރަށް ވުރެ މާ އާދައިގެ ކަންކަން ބޮޑުކޮށް، އެ މަގުން ވިސްނައިދޭން އުޅުމުން ކުޅުންތެރިޔާ ހަލާކުވުން އޮންނާނީ ވަރަށް ކައިރީގަ އެވެ. އެކަހަލަ ހަލާކުތައް ރާއްޖޭގެ  ކުޅިވަރުގެ ދާއިރާއިން ފެނެ އެވެ.

މިސާލަކަށް ދަރިފުޅު ގައުމީ ޓީމަށް ނުނެގުމުން ސޯޝަލް މީޑިއާގައި ފަށާ ޒުވާބެވެ. ތިމާ ކޯޗުކޮށްދޭ ކުޅުންތެރިޔާ އުމުރު ފުރައިގެ ގައުމީ ޓީމަކަށް ނުނެގުމުން ފަތުރާލާ އަޑުތަކެވެ. ކުޅުންތެރިޔާގެ ކުރިމަގަށް ބެލުމެއް ނެތި، އެކަހަލަ ހުޅުވާލެވިފައި އޮންނަ ޒުވާބުތަކަށް ދިއުމުން އޭގެ ގެއްލުން ކުޅުންތެރިންނަށް ލިބެ އެވެ.

ރަނގަޅު މައިންބަފައިންނާއި ކޯޗުންނާއި ރައްޓެހިން އަމަލްކުރާނީ މިހެންނެވެ: މިއީ ތިބާގެ ފަހަރެއް ނޫނެވެ. އެކަމަކު ހިތްވަރުކޮށް މަސައްކަތްކޮށްގެން ދެން އަންނަ ފަހަރަކުން ތިބާއަށް ފުރުސަތު ލިބޭނެ އެވެ.

ކުޅިވަރުގެ ތަޖުރިބާކާރުން ބުނާ ގޮތުގައި ނަފުސާނީ ގޮތުން ކުޅުންތެރިޔާ ހަމަޖެއްސުމުގެ ފައިދާ، އޭނާގެ 'ދިފާއު'ގައި ޒުވާބަކަށް ދިއުމަށް ވުރެ މާ ބޮޑެވެ.

އައިހަމްއަށް ވިސްނައިދިނުން ވެސް ރަނގަޅީ އެގޮތަށެވެ. ޖަޒުބާތުގައި ޖެހިގެން އޭނާގެ ދިފާއުގައި ނުކުމެ އެފްއޭއެމްގެ ނިންމުން ގޯސްކޮށްގެން ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެވެ. ކުޅިވަރުގެ ނިޒާމު އޮންނަނީ އެގޮތަކަށް ނޫނެވެ. މި ނަޒަރުން ވިސްނާލަމާ ހިނގާށެވެ. ގައުމީ ފުޓްބޯޅަ ސްކޮޑަށް އަރަން ބޭނުން އެތައް ކުޅުންތެރިންނެއް އެބަ ތިއްބެވެ. ފުޓްސަލްއަށް ނުގޮސް، ރަށު ޓީމަށް ވެސް ނުކުޅެ ގައުމީ ޓީމުން ޖާގަ ހޯދުމުގެ އަޒުމުގަ އެވެ. މިހާރު ވެސް ގައުމީ ޓީމުގެ އެތައް ކުޅުންތެރިންނެއް އެ މީހުންގެ ރަށަށް ނުކުޅެ ވަގުތު ހުސްކޮށްގެން އެތިބީ ގައުމީ ޓީމަށެވެ. ރަށު ޓީމުން އެ ކުޅުންތެރިން އެހާ ބޭނުންއިރު ވެސް މެ އެވެ.

ގައުމީ ކޯޗު މުހައްމަދު ޝިޔާޒު، މޯހަން (ކަނާތް ފަރާތުން ދެވަނައަށް) ގައުމީ ޓީމާ އެކު: އައިހަމް ވަކިކުރަން ނިންމި ނިންމުން ކޯޗެއްގެ ގޮތުން ބަދަލުކުރެވޭކަށް ނޯންނާނެ (ފޮޓޯ/އެފްއޭއެމް)

ގައުމީ ސްކޮޑުން ޖާގަ ލިބުމުން ކުޅުންތެރިންގެ ޒިންމާ، އާންމު ކުޅުންތެރިންނަށް ވުރެ ބޮޑުވާކަން، ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ވެސް އެނގެން ވާނެ އެވެ. ކުޅިވަރުގެ މަތީ އަހުލާގު އަށަގަންނުވަން މައިންބަފައިން ފެށިގެން ކޯޗުންނާއި ރަށާއި އެ ރަށަށް ނިސްބަތްވާ މަޖިލިހުގެ މެމްބަރުން ވެސް މަސައްކަތްކުރަން ވާނެ ކަމަށް، ކުޅިވަރުގެ ތަޖުރިބާކާރުން ބުނެ އެވެ.

ފިލިޕީންސް މެޗު ރާއްޖެއަށް ވަރަށް މުހިންމެވެ. އެއީ ފުޓްސަލް މުބާރާތަކަށް ވުރެ ދުނިޔޭގެ ފެންވަރުގައި ވެސް މާ މަތީ ލެވެލްގެ މެޗެކެވެ. އެ ފެންވަރުގައި ގައުމު ތަމްސީލުކުރަން ފުރުސަތު ލިބޭ ކޮންމެ ކުޅުންތެރިޔަކަށް ވެސް އެއީ ޝަރަފެކެވެ. އެ ފުރުސަތު ދޫކޮށްލާ ނަމަ އެއީ ކުޅުންތެރިޔާ އަމިއްލަ އިހުތިޔާރެވެ. އޭގެ ބަދަލުގައި ގައުމީ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން)އަށް ދެވޭނެ އިތުރު ލުޔެއް ނޯންނާނެ އެވެ. އެފްއޭއެމްގެ ފިޔަވަޅު އަނބުރާ ގެންދާނެ އުޒުރެއް ވެސް ނުދެއްކޭނެ މެ އެވެ. އެނޫން ގޮތަކަށް އަމަލްކޮށްފި ނަމަ ގައުމީ ޓީމުން ޖާގަ ހޯދުމުގެ އުއްމީދުގައި ތިބި އެހެން ކުޅުންތެރިންނަށް އެކަން ވާނީ ބޭއިންސާފަކަށެވެ. ގައުމީ ޓީމުގެ މެނޭޖްމަންޓަށް އެ ދެއްކެނީ މުޅިން ގޯސް ނަމޫނާއެއް ވެސް މެ އެވެ.

ތަޖިކިސްތާނާ ދެކޮޅަށް އައިހަމް އެ ދުވެލި ގޮތާއި އޭނާގެ ހުނަރު، ފިލިޕީންސް މެޗުގައި ދެކެން އަޅުގަނޑު ބޭނުންވެ އެވެ. އެކަމަށް އުއްމީދު ވެސް ކުރީމެވެ. ނަމަވެސް އެ ފުރުސަތެއް ދެނެއް ނެތެވެ. އައިހަމްއަށް ހިތްވަރެއް ދޭ ނަމަ ބުނެލަން އޮތީ ތިޔަ އުމުރުގައި ގޯސް ހެދޭނެ ކަމެވެ. އެއީ އިބުރަތުގެ ފިލާވަޅެވެ. ހިތްވަރު ދޫނުކޮށް އަނެއްކާވެސް އެނބުރި އަންނާށެވެ.

ކޮމެންޓް (4)

ޖުހާަ

13 ނޮވެމްބަރު 2025
މިއީ މިނިވަން ކަމުގެ ޒަމާން. ހެޔޮކަމުގެ ތަރަހައިގައި މިނިވަންކަމަކީ އިންސާނާގެ ރޫހާ ގުޅިފައިވާކަމެއް. އެއަށް ހުރަސް އެޅުމަކީ އެތަކެއް މައްސލައެއްގެ ފެށުން. ވީމާ ބުނެލަން މިއޮތީ މިޒަމާނުގައި ފުޓްސަލް ކުޅުމަކީ ވަރުގަދަ ތަމްރީނެއް ލިބޭ ކަމެކޭ. ހުނަރޭ ހުރިހާ ވެސް އެއްޗަކީ. ފުޓްސަލް ކުޅެންވެސް އެވަރަށް ތައްޔާރުވާންޖެހެޔޭ. ވީމާ ގައުމީ ޓީމުގެ މެޗް ދުވަސްވަރު ކުޅުންތެރިޔާއަށް އުނިވާނެ އެއްޗެއް ނެތޭ ތަމްރީނުގެ ގޮތުން ބަލާއިރު. އަނިޔާ އެއްވެދާނެތީވެސް ނުޖެހެޔޭ ފުރުސަތު ނުދޭން. އެއީ ކުޅުންތެރިޔާގެ އަތްމަތީ ކަމެކޭ ގޮތަކަށް. އެހެންވީމަ ގައުމީ ޓީމް މެޗަށް އޭނާއަށް ހާޟިރުވެވެނިކޮށް އެ ނިމުނީއޭ އެހިސާބުން. އެހާ ހިފަހައްޓައިގެން ވަކިމުއްދަތަކަށް ގެންގުޅުންވެސް ވަކި ކާމިޔާބެއް ނުވެދާނޭ. އަޖުމަ ބަލަން ނަމަވެސް ކުޅުންތެރިންގެ އެދުން މިހެން ބޮލާލައި ނުޖަހައި ފުރުސަތު ދޭންޖެހެޔޭ ޒަމާނާއި އެއްގޮތަށް. ހީވާގޮތުގައި މި ކޭސްގައި އައިހަމް އެފްއޭއެމަށް ނުވެސް އެންގީ އެ ތަނުގެ އުސޫލު ހަރުކަށިކަމުން އެ ހުއްދަ ނުދޭނެ ކަމަށް ބަލާފައި ކަމަށްވުން ގާތް. އެ މެޗްވެސް ކުޅެފި. ގައުމީ ޓީމު ވެސް އަދިވެސް އެބައޮތް. ނުވީސް ގޯހެއ
1 9

ކޮސް

13 ނޮވެމްބަރު 2025
@ޖުހާަ ކޮސް ނުގޮވާ މަޑުން ހުރޭ.... ރާއްޖެ މީ ކޮންތަނެއް، މނިވަނޭ ކިޔަން..... މިނިވަން ޔޫރަޕު ތަންތާނގައި ވެސް އަދި މިއަށްވުރެ ހަރުކަށިކޮށް މި ކަންކަން އޮންނަނީިި...
2 1

ޏަން

15 ނޮވެމްބަރު 2025
@ޖުހާަ ކުޅުންތެރިޔާގެ އައްމަތީ އޮތް ކަމަކޭތޯ ތިބުނަނީ ބޭނުންވީމަ ކުޅެލާފަ ދާންވީމަ ދާ ގޮތައް….. ވަރިހަމަ ކޮންމެ ގޮތަކަށް އުޅުނަސް
2 0

ބާބޫ/ރ.އަނގޮޅިތީމު

13 ނޮވެމްބަރު 2025
ވ ރަނގަޅު ވާހަކައެއް. ކޮންމެ ކަމެއްގައިވެސް އުޞޫލުތަކަކާއި ޤަވާޢިދުތަކެއް އޮންނާނެ. އެކަން ތަންފީޒުވާންވީ މޮޅު ދެރަ ބެލުމެއްނެތި އޭރަށް ކަންކަން ހަމަމަގަށް އެޅި، ނަތީޖާ ފެންނާނީ...
8 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް