އޭޝިއަން ކަޕް ކޮލިފައިންގައި މިއަދު ގަލޮޅު ދަނޑުގައި ތަޖިކިސްތާނާ ދެކޮޅަށް ރާއްޖޭގެ އިބްރާހިމް މަހުދީ ހުސެއިން ބޯޅަ ހިފައިގެން ދަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އޭޝިއަން ކަޕް

މާލޭގައި ވެސް ރާއްޖެއަށް ބައްޔެއް، އެކަމަކު ކުޅުންގަނޑުން ފޫހިފިލުވައިދީފި

ތަޖިކިސްތާން 3-0 އިން މޮޅުވި ނަމަވެސް ރާއްޖެއިން ވަނީ ގިނަ ހަމަލާތަކެއް އުފައްދައި، އަހަރުތަކަކަށް ފަހު ގަލޮޅު ދަނޑުގައި ބެލުންތެރިންނަށް ރަނގަޅު މެޗެއް ދައްކުވައިދީފައި
14 އޮކްޓޯބަރު 2025

މެޗުގެ ފެށުން، ނަސީބު ދެރަކަމުން، ދިޔައީ ގޯސްކޮށެވެ. ތިން ވަނަ މިނިޓްގައި ޕެނެލްޓީ އޭރިޔާ ތެރެއަށް ހައިޝަމް ހަސަން ވެއްޓިފައި އޮއްވާ އަތުގައި ޖެހުނު ބޯޅައިގެ ސަބަބުން، ލިބުނު ޕެނެލްޓީއާ އެކު ތަޖިކިސްތާނާ ދެކޮޅަށް ރާއްޖޭގެ ފެށުން ނުބައި މަގަކަށް އެޅި އެވެ.

އޭގެ ފަހުން އިތުރު ލަނޑެއް ތަޖިކިސްތާނުން 38 މިނިޓްގައި ޖެހި އެވެ. ނަަމަވެސް އެ ހާފުގައި ދިވެހި ކުޅުންތެރިން ވަނީ ސަޕޯޓަރުންގެ މެއަށް ފިނިކަން ގެނެސްދިން އެތައް ހަމަލާއެއް އުފައްދައިފަ އެވެ. އެއީ ގައިން ހީބިހި ނެގި ބޯޅަތަކެކެވެ. ނަމަވެސް ގޯލު ދަނޑި މަތިންނާއި އަރިމަތިން ދިޔައީ ބޭރަށެވެ.

ޖުމްލަ ހަ ހަމަލާ އެވެ.

އެންމެ ފަހުން އޮތް އޭޝިއަން ކަޕްގެ ކްއާޓާ ފައިނަލްގައި ކުޅުނު ތަޖިކިސްތާނަކީ ހުރިހާ ގޮތަކުން ވެސް ރާއްޖެއަށް ވުރެ މޮޅު ޓީމެކެވެ. އެހެންކަމުން ފުރަތަމަ ހާފުގައި ރާއްޖެއިން ޓީމު އަތުރާލީ ބޮޑަށް ދިފާއަށް ފައިބައިގެން ލިބޭ ފުރުސަތުތަކުގައި ކުރިއަށް އަރާށެވެ. އެހެންކަމުން އުފެއްދި އެ ހަ ހަމަލާއަކީ، މީގެ ހަފުތާއެއްހާ ދުވަސް ކުރިން ތަޖިކިސްތާނުގައި ރާއްޖެ ކުޅުނު މެޗުގައި ދެއްކި ކުޅުމާ ބަލާއިރު ވަރަށް ރަނގަޅު ކުރިއެރުމެކެވެ. އެ މެޗުން ރާއްޖެ ބަލިވީ 2-0 އިންނެވެ.

މިއަދު ގަލޮޅު ދަނޑުގައި ރާއްޖެ ބަލިކުރީ، ފަހު ހާފުގައި ޖެހި ލަނޑާ އެކު، 3-0 އިންނެވެ.

ރާއްޖޭގެ ހަމްޒާ މުހައްމަދު (ހަމްޕް) ތަަޖިކިސްތާންގެ އޭރިޔާ ތެރެއަށް ބޯޅަ ހިފައިގެން ވަންނަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

މިއަދުގެ މެޗު ބެލި މީހުންގެ ހަނދާނުން ފިލުވާލަން އުނދަގޫވާނީ 25 ވަނަ މިނިޓްގައި އަހުމަދު އައިހަމް އެ ދުވެލި ދުވުމާއި އެ ހޯދި ފުރުސަތެވެ.

ރާއްޖޭގެ ހާފުގެ ތެރެއިން އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) ދިން ބޯޅަ ހިފައިގެން އައިހަމް ނެގީ ސްޕްރިންޓެކެވެ. އޭނާއާ ކުރިމަތިލި ތަޖިކިސްތާންގެ ކޮންމެ ކުޅުންތެރިޔަކު ވެސް ދިޔައީ ފަހަތަށެވެ. ޕެނެލްޓީ އޭރިޔާ ތެރެއަށް ވަންނަނިކޮށް އޭނާ ހުއްޓުވަން ގާތްވި ކޮންމެ ކުޅުންތެރިއެއްގެ ކައިރިން ވެސް ސަލާމަތްވެ، ގޯލުގެ ކުރިމައްޗަށް ބޯޅައާ އެކު އެރި އެވެ. ނަމަވެސް ފޮނުވާލި ހަމަލާ ދިޔައީ އަރިމަތިން ބޭރަށެވެ.

ދެވަނަ ހާފުގައި ވެސް، 65 ވަނަ މިނިޓްގައި، އައިހަމް އާއި މަހުދީގެ ޕާސްކުރުންތަކެއްގައި ތަޖިކިސްތާނުގެ ޕެނެލްޓީ އޭރިޔާގެ ކުރިމަތިން އެހާމެ ބާރު ހަމަލާއެއް ފޮނުވާލި އެވެ. އެކަމަކު މިފަހަރު ބޯޅަ ދިޔައީ ގޯލު ދަނޑި މަތިން ބޭރަށެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ރާއްޖެއިން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅުނެވެ. ފަހު ހާފުގައި ކުޅެން ނުކުތް އަލީ ފާސިރު (ސެންޓޭ) އާއި މުހައްމަދު ނައިމްގެ ވަރުގަދަ ދެ ހަމަލާއެއް، ތަޖިކިސްތާނުގެ ކީޕަރު އޮލެގް ބަކްލޯގެ ހުޝިޔާރުކަމުން ސަލާމަތްކުރި އެވެ.

ދިވެހި ސަޕޯޓަރުން ދިދައާ އެކު: މިއީ ގައުމީ ޓީމުގެ މެޗެއް ގަލޮޅު ދަނޑުގައި ނުކުޅޭތާ އަހަރުތަކަކަށް ފަހު ލިބުނު ފުރަތަމަ ފުރުސަތު  (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ގަލޮޅު ދަނޑުގައި ގައުމީ ޓީމުގެ މެޗެއް ނުުކުޅެ ދެ އަހަރެއްހާ ދުވަސް ފަހުން މިއަދުގެ މެޗު ބަލައިލަން ފުރުސަތު ލިބުމަކީ ފުޓްބޯޅައިގެ ފޯރިއަށް އައި ދިރުމެކެވެ. ގާތްގަނޑަކަށް ހަތަރު ހާހެއްހާ މީހުން ދަނޑަށް ވަނެވެ.

އެފްއޭއެމްގެ ހިންގުން ހުއްޓުމާ އެކު ދިވެހި ފުޓްބޯޅަ ހޭދަކުރި އަނދިރި ތިން އަހަރަށް ފަހު މިއަދު ކުޅުންތެރިން އަމިއްލަ ފަސްގަނޑުގައި ސާބިތުކޮށްދިނީ ހުނަރާއި ފެންވަރު އަދިވެސް މާ ބޮޑަށް ދަށަށް ނުދާކަމެވެ. މެޗުން ބަލިވި ނަމަވެސް ގައުމީ ކޯޗު މުހައްމަދު ޝިޔާޒުގެ ބެލުމުގެ ދަށުން ޓީމު ދެއްކި ކުޅުމާ އެކު ބެލުންތެރިންނަށް ހިތްހަމަޖެހުމެއް ލިބޭނެ އެވެ.

އޭޝިއަން ކަޕް ކޮލިފައިންގެ އިތުރު ދެ މެޗު ގަލޮޅު ދަނޑުގައި އަދި އޮންނާނެ އެވެ. އެގޮތުން:

  • 18 ނޮވެމްބަރު: ރާއްޖެ/ފިލިޕީންސް

  • 31 މާޗު 2026: ރާއްޖެ/ޓިމޯ ލެސްޓޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް