ފީފާގެ މަޝްރޫއުގައި ދެ ދަނޑު ހަދަން އޮތް ބިމުގައި މިހާރު ބަހައްޓާފައި ހުރި ބާ އުޅަނދުތައް (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ފީފާގެ ރައީސްއަށް މި ގައުމުން ދެއްކެން އޮތީ ގުދަންތަކަކާއި ޓޯ ޔާޑެއް

ފުޓްބޯޅައިގެ އެންމެ މަތީ ވެރިޔާ އިންފަންޓީނޯ މިއަދު ރާއްޖެއަށް ޒިޔާރަތްކުރައްވާ އިރު ފީފާއިން ދިން އެތައް މިލިއަން ޑޮލަރަށް، ކުރީގެ މެނޭޖްމަންޓުން ހެދި ނުހެދިއެއް ނޭނގޭ. ފެންނަން ހުރީ ގުދަންތަކަކާއި ޓޯ ޔާޑެއް
24 އޮކްޓޯބަރު 2025
2

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މިއަދު ރާއްޖެއަށް ޒިޔާރަތްކުރެއްވުމަކީ އެފްއޭއެމްގެ އާ މަނޭޖްމަންޓަށް ހިތްވަރަކަށް ވެދާނެ އެވެ. ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ މަތީ ވެރިޔާ ވަޑައިގަތުމުން ދިވެހި ފުޓްބޯޅައިގެ ކުރިމަގުގެ ތަރައްގީއަށް ފެހި ސިގުނަލެއް ވެސް ލިބިދާނެ އެވެ. ނަމަވެސް ފީފާއިން ކުރިން ދިން އެތައް މިލިއަން ޑޮލަރަކަށް ވީނުވީއެއް ނޭނގެ އެވެ. ހިންގަން ފެށި މަޝްރޫއުތައް ހުރީ ހުއްޓިފަ އެވެ.

މިހާ ހިސާބުން އުފެދޭ ސުވާލަކީ އިންފަންޓީނޯއަށް މި ގައުމުން ދެއްކެން އޮތީ ކޮން އެއްޗެއް ހެއްޔެވެ؟ ޖަވާބު ވަރަށް ފަސޭހަ އެވެ: ގުދަންތަކަކާއި ޓޯ ޔާޑެކެވެ.

ގުދަންތައް ހުރީ މާފަންނު ސްޓޭޑިއަމްގައި، ކަޅުތުއްކަލާ ކޮށީގެ ކުރިމައްޗަށް ވާ ގޮތަށް ހަދާފައި ހުރި އިމާރާތުގަ އެވެ. އެކަމަކު އެއީ ގުދަން ހަދަން ނުވަތަ ގުދަނަށް ކުއްޔަށް ދޫކުރަން ވެސް ހިންގި މަޝްރޫއެއް ނޫނެވެ. އެއީ ސްޕޯޓްސް އެރީނާގެ ނަމުގައި ހަދަން ފެށި އިމާރާތެކެވެ. މި އަހަރުގެ މޭމަހު އަޅުގަނޑު ލިއުނު ރިޕޯޓަކުން ތަންކޮޅެއް ނަގާ ނަމެވެ.

ފީފާއިން 1.4 މިލިއަން ޑޮލަރު ހޭދަކުރި ސްޕޯޓްސް އެރީނާ އިމާރާތް: މިއީ މި ވަގުތު ގުދަން ބަރިއެއް (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

"ހަގީގަތުގައި އެއީ ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން 1.4 މިލިއަން ޑޮލަރު (21 މިލިއަން ރުފިޔާ) ދީގެން ހިންގި ސްޕޯޓްސް އެރީނާ މަޝްރޫއުގައި ހިމެނޭ އިމާރާތެވެ. އެފްއޭއެމުން ހުރިހާ ކަމެއް ބަރާބަރަށް ކުރިއަށް ގެންދިޔަ ނަމަ އެތަނުގައި ހުންނާނީ ފުޓްބޯޅައިގެ އެކި ތަމްރީންތައް ދޭން ކްލާސްރޫމްތަކެވެ. ރިހިބެލިޓޭޝަން ސެންޓަރެކެވެ. އެފްއޭއެމްގެ އިދާރީ ކަންކަމަށް ބޭނުންވާ އޮފީސް ބައިތަކެވެ. ކުރިމަތީގައި އޮންނާނީ ޓާފް ދެ ދަނޑެވެ."

މިއީ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މެނޭޖްމަންޓްގައި ހިންގާފައި އޮތް ހިޔާނާތާއި އޮޅުވާލުމުގެ ބޮޑު މައްސަލަގަނޑެކެވެ. ތިރީގައި އެ އޮތީ އޭގެ ބައެއް މައުލޫމާތުތަކެވެ.

ސްޕޯޓްސް އެރީނާ މަޝްރޫއުގެ މުހިންމު ތާރީހުތަކާއި ކަން ހިނގި ގޮތް

  • 20 މާޗު 2018: އެފްއޭއެމް އާއި ފީފާއިން އެއްބަސްވުމުގައި ސޮއިކުރި

  • 1،480،000 ޑޮލަރު: މިއީ ފީފާއިން ދޭން އެއްބަސްވި ސީދާ އަދަދު

  • 28 އޮގަސްޓް 2019: އެ އިމާރާތް ހަދަން 1،555،038 ޑޮލަރުގެ ބިޑެއް ޓިބާރޯއިން އެފްއޭއެމްއަށް ހުށައެޅި

  • 16 ސެޕްޓެމްބަރު 2019: ޓިބާރޯގެ ހުށައެޅުން އެފްއޭއެމުން ގަބޫލުކުރިކަން އެ ކުންފުންޏަށް އެންގި

  • 2 އޮކްޓޯބަރު 2019: ފީފާއިން ދޭ އަދަދަށް ވުރެ ބޮޑުވާ އަދަދު ދައްކާނީ އެފްއޭއެމުން ކަމަށް، ފީފާގެ ޑިވެލޮޕްމަންޓް އޮފީހަށް އެންގި. އެއީ 75،038 ޑޮލަރު

  • 31 މާޗު 2020: ޓިބާރޯއިން މަޝްރޫއުގެ ސަބް ކޮންޓްރެކްޓަރަކަށް އެޕޯލޯ ހޯލްޑިންގްސް ހަމަޖެއްސި. އެއްބަސްވުމުގައި ވާ ގޮތުން އެޕޯލޯއަށް ފައިސާ ދޭނީ ސީދާ އެފްއޭއެމްއިން

  • 28 ޖެނުއަރީ 2021: އެފްއޭއެމުން ޓިބާރޯއަށް 444،000 ޑޮލަރު ޖަމާކުރި.

  •  އެފްއޭއެމުން ސީދާ އެޕޯލޯއަށް އެއްވެސް ފައިސާއެއް  ދޫކޮށްފައި އޮތް ކަމަކަށް، އެފްއޭއެމްގެ ބޭންކް ސްޓޭޓްމަންޓްތަކުން ނުދައްކާ

  • 23 ޑިސެމްބަރު 2021: އެފްއޭއެމުން އެޕޯލޯއާ އެކު ސެޓްލްމެންޓް އެގްރިމެންޓެއް ހެދި. އޭގައި އޮތީ 13 މިލިއަން ރުފިޔާ (ޑޮލަރުން ބަލާ ނަމަ ގާތްގަނޑަކަށް 845،000)ގެ ބަދަލެއްގެ ގޮތުން ބިން ދޫކުރުން

  • އެ ބިން ދޫކުރީ ހުޅުމާލެއިން އެފްއޭއެމްއަށް ދީފައި އޮތް ބިމުން

  • 20 މޭ 2023: އެ މަޝްރޫއުއަށް ފީފާއިން ދޭން ޖެހޭ ފަސް ވަނަ އަދި އެންމެ ފަހު އަދަދު ކަމަށްވާ 144،000 ޑޮލަރު ޖަމާކޮށްދޭން ފީފާގެ ޑިވެލޮޕްމަންޓް އޮފީހަށް އެންގި. އަދި އެގޮތަށް ފީފާއިން އެކަން ހަމަޖައްސައިދިން. އެ ފައިސާއަށް އެފްއޭއެމުން އެދުނީ މުޅި މަޝްރޫއު ނިމިއްޖެ ކަމަށް ބުނެ

ނަމަވެސް ބައްސާމްގެ މައްސަލަ ފަޅާއެރުމުން ފީފާއިން ފޮނުވި އޮޑިޓް ޓީމަށް ފެނުނީ އެފްއޭއެމުން ފީފާއަށް ވެސް އޮޅުވާލައިފައި އޮތް ކަމެވެ.

އެފްއޭއެމްގެ އާ އިންތިހާބު ކާމިޔާބުކުރައްވާ ކުރީގެ ގައުމީ ފޯވަޑް އަދި މަހިބަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) އެފްއޭއެމްއާ ހަވާލުވަޑައިގަތުމަށް ފަހު މިހާރު ވަނީ ސްޕޯޓްސް އެރީނާގެ މައްސަލަ ބަލަން ފަށައިފަ އެވެ.

ސްޕޯޓްސް އެރީނާ އިމާރާތުގައި ހުރި ގުދަނެއްގެ މުވައްޒަފަކު އިށީދެގެން: މި މަޝްރޫއަށް ވީ ގޮތަކީ ބޮޑު ލަދެއް (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ސްޕޯޓްސް އެރީނާގެ ކުރިމަތިން ހަދަން އޮތީ ފުޓްބޯޅަ ދެ ދަނޑެވެ. ނަމަވެސް އެ މަސައްކަތް ނުކުރެވި، އެތަން ފަޅަށް އޮތުމުން ސަރުކާރުން އަންނަނީ ޓޯ ޔާޑެއްގެ ގޮތުގައި ބޭނުންކުރަމުންނެވެ. އެ ސަރަހައްދަށް އިންފަންޓީނޯ ވަޑައިގެންފި ނަމަ ތޯރިގާއި އެފްއޭއެމްގެ ވެރިންނަށް ދެއްކެވެން އޮތީ، ގަވާއިދާ ހިލާފަށް ޕާކްކޮށްގެން ނަގާފައި ހުރި އުޅަނދުތަކެކެވެ.

ދިވެއްސަކަށް ވީތީ ލަދުގަނޭ ހެއްޔެވެ؟ އަޅުގަނޑު މިހުރީ، އާންމު ބަހުރުވައިން ބުނާ ނަމަ، 'ލަދުން ބޯހަލާކުވެފަ' އެވެ. ދިވެހި ފުޓްބޯޅައިގެ ތަރައްގީއަށް ފީފާއިން ދިން އެތައް މިލިއަން ޑޮލަރަށް ހެދި ގޮތަކީ، ގައުމުގެ މުއައްސަސާތައް ހަލާކުވެފައި އޮތް ކަމުގެ ރީތި، ސާފު މިސާލެކެވެ.

އިންފަންޓީނޯ އާއި އޭއެފްސީގެ ރައީސް ޝެއިހު ސަލްމާން ބިން އިބްރާހިމް އަލް ހަލީފާއާ އެކު އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް 2023ގައި

ސިޔާސީ ބަހުސެއް އުފެދިދާނެތީ އެއް ކަމެއް ހަނދާންކޮށްދޭނަމެވެ: އެފްއޭއެމްގެ ތެރޭގައި ހިންގި ހިޔާނާތުގެ އެ އަމަލްތައް ކުރިއަށް ދިޔައީ އެމްޑީޕީގެ މިދިއަ ސަރުކާރު އޮތް އިރު އެވެ. އެފްއޭއެމްއަކީ ސީދާ ސަރުކާރުން ހިންގާ ތަނަކަށް ނުވާތީ، ވަކި ސަރުކާރެއްގެ ޒިންމާ އޭގައި ނޯވެދާނެ އެވެ. ނަމަވެސް ސަރުކާރާ ހަމައަށް މައުލޫމާތެއް ލިބިއްޖެ ނަމަ ހުއްޓުވޭނެ ކަންކަން، ނުވަތަ ބެލޭނެ ކަންކަން ހުންނާނެ އެވެ.

އެމްޑީޕީގެ ސަރުކާރުން ފަހުން ފިޔަވަޅު އެޅި އެވެ. އެގޮތުން ބައްސާމްގެ މައްސަލާގައި ޖިނާއީ ތަހުގީގެއް ކުރަން، އޭރުގެ ޕީޖީ ހުސެއިން ޝަމީމް އަމުރުކުރެއްވުމުން އެކަން ފުލުހުން ކުރި އެވެ. ބައްސާމް އާއި ބައެއް ހިޔާނާތްތަކުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކާ ދެކޮޅަށް ދައުވާ އުފުލި އެވެ. އޭގެ ތެރެއިން އެއް މައްސަލަ ސާބިތުވެ ބައްސާމް މިހާރު ވަނީ ޖަލަށް ލައިފަ އެވެ.

ކްރިމިނަލް ކޯޓުގައި އޮތް ޝަރީއަތަކަށް ބައްސާމް ވަޑައިގަންނަވަނީ: އޭނާގެ މައްޗަށް އުފުލި އެއް ދައުވާ ސާބިތުވެ މިހާރު ހުންނެވީ ޖަލުގައި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އެކަމަކު މި ސަރުކާރު އައި ފަހުން އެހެން ކަމެއް ކުރަން މަސައްކަތްކުރި އެވެ: އެއީ ފީފާގެ 1 މިލިއަން ޑޮލަރު ބޭނުކޮށްގެން އަމިން އެވެނިއުއިން ބައްސާމް ބައްލަވައިގެންނެވި ދެ ޕެންޓްހައުސްގެ މައްސަލާގައި އަމިން ކޮންސްޓްރަކްޝަންއާ ދެކޮޅަށް އުފުލާފައި އޮތް މަނީ ލޯންޑަރިންގެ ދައުވާ އަނބުރާ ނަގާށެވެ. އެކަން ނުވީ ފީފާގެ ފައިސާއަށް ވެފައިވާ ހިޔާނާތަކަށް ވަތީ އެ މައްސަލަ ކުރިއަށް ދާ ގޮތް ފީފާއިން ކައިރިން ބަލަމުންދާކަން އެނގޭތީ ކަމަށް ވެދާނެ އެވެ.

އަމިންގެ މައްސަލަ ކުރިއަށް ގެންދެވިދާނެތޯ ބެލުމުގެ އުޒުރު ދައްކަމުން ކްރިމިން ކޯޓުން އެ ޝަރީއަތް މެދު ވެސް ކަނޑާލި އެވެ. އެކަމަކު މިދިއަ ހަފުތާގައި އަލުން ވަނީ ފަށައިފަ އެވެ.

ސަރުކާރުގެ ނުފޫޒު ހުރި ރައްޔިތުންގެ މަޖލިހުގެ ދެ މެމްބަރަކު ބާރު އަޅުއްވައިގެން އަމިންގެ މަނީ ލޯންޑަރިންގެ މައްސަލަ ނަގަން އުޅުމަކީ ވެސް ލަދުވެތި ކަމެކެވެ. ފީފާގެ އެހީތެރިކަން ދިވެހި ފުޓްބޯޅަށް ބޭނުން ނަމަ ސަރުކާރުގެ އިހުލާސްތެރިކަން ވެސް މުހިންމެވެ. ފީފާގެ ފައިސާގައި ޖެހިގެން މިހާރު އުފުލާފައި ހުރި ދައުވާތައް ކުރިއަށް ގެންދިއުމުގެ ޒިންމާ، ޕީޖީ އައްބާސް ޝަރީފް އާއި އެޓާނީ ޖެނެރަލް އަހުމަދު އުޝާމަށް ވެސް އެބަ އޮތެވެ. 

އަމިން އެވެނިއުގެ އިމާރާތެއް: ފީފާގެ އެއް މިލިއަަން ޑޮލަރު ބޭނުންކޮށްގެން ބައްސާމް ދެ ޕެންޓްހައުސް ބައްލަވައިގެންނެވި (ދައުރޮ ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

އިންފަންޓީނޯއަށް މިއަދު ސަރުކާރުންނާއި އެފްއޭއެމުން ދޭން ޖެހޭނެ ޔަގީންކަމަކީ ވެސް އެ އެވެ. ފީފާގެ ފައިސާއަށް ވީ ގޮތް ދެނެގަތުމާއި އެކަމުގައި ގޯސް ހެދި އެންމެންނާ ދެކޮޅަށް ވެސް ފިޔަވަޅު އަޅާނެ ކަމެވެ. އިންފަންޓީނޯއާ އެކު ރައީސް މުހައްމަދު މުއިއްޒު ބައްދަލުވުމެއް ބާއްވަވަ އެވެ. އެ ބައްދަލުވުމުގައި އެ ޔަގީންކަން ރައީސްގެ ފަރާތްޕުޅުން ވެސް ދެއްވާނެ ކަމަށް، ބަލަމާ ހިނގާށެވެ.

އެފްއޭއެމް އޮތީ އެތައް މިލިއަން ރުފިޔާއަކުން ދަރައިފަ އެވެ. އެކަމަކު ރަނގަޅު އެއްބަސްވުންތައް ހުރި ދަރަނިތައް ފީފާއިން ދައްކައިދޭނެކަމުގެ އުއްމީދު ބޮޑެވެ. އެ އެހީތެރިކަމުގެ އިތުރުން ދެން އޮތީ އެފްއޭއެމް ރަނގަޅަށް ހިނގައިގަތުމާއި ފުޓްބޯޅައިގެ ހަރަކާތްތަކަށް އާ ދިރުމެއް ގެނައުމުގެ މަސައްކަތެވެ. އެކަމަށް ވެސް ފީފާގެ ހުރިހާ އެހީތެރިކަމެއް ލިބޭނެ ކަމަށް، ފުޓްބޯޅައިގެ ބޭފުޅުން ވިދާޅުވެ އެވެ.

ގުދަންތައް ހުރި އިމާރާތް ނިމި، އެތަނުގެ އަސްލު ބޭނުންކުރަން ފެށޭނެ ދުވަހާއި ޓޯ ޔާޑް ހުސްކޮށް އެ ތަނުގައި ފެހި ދަނޑުތަކެއް ފެންނާނެ ދުވަސް އޮތީ ކައިރީގައި ކަަމަށް ވެދާނެ އެވެ. އެކަމަކު ފީފާއިން އެންމެ ފަހުން ދިން އެހީ ބޭނުންކުރި ގޮތް ބައްލަވާލައްވަން ބޭނުން ނަމަ މި ވަގުތު އިންފަންޓީނޯއަށް ދެއްކެން އޮތީ އެ ދެ ތަނެވެ.

ކޮމެންޓް (2)

ތެފައާސާ.

24 އޮކްޓޯބަރު 2025
ފީފާގެ ރައީސްއާއި ގައުމުގެ ރައީސް އެކުގައި ވަޑައިގެން، ތި ގުދަންތަކާއި ޓޯޔާޑުގެ ރިބަން ކަނޑައި ރަސްމީކޮށް ތިތަންތަން ހުޅުވައިދެއްވާނޭކަމަށް އުންމީދުކުރަން.
5 0

މުޅި ގައުމު ފުޅަ އަޅާފަ

25 އޮކްޓޯބަރު 2025
@ތެފައާސާ. އެހެން އެހެން. އެއީވެސް ރައީސް މުއިއްޒުގެ ރިޔާސީ ވައުދެއް ފުއްދުނީ.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް