ސްޕޯޓްސް އެރީނާ އިމާރާތުގެ ތިރީގައި ހުންނަ ގުދަންތައް: ފީފާއިން ފައިސާ ދިން މި އިމާރާތް ނިންމައެއް ނުލެވުނު (ފޮޓޯ/ދައުރު)

އެފްއޭއެމްގެ ދުވެލި މި ފެންނަނީ ގުދަންތަކަކުން

އާބިޓްރޭޝަން ފޯ ސްޕޯޓްސްއަށް އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލު ހުށައެޅުއްވި މައްސަލަ އޭނާއަށް ނާކާމިޔާބުވި އިރު އަނެއްކާވެސް ފެންމަތިވީ ފައިސާގެ ބޮޑު މައްސަލައެއް

މުހިންމު ނުކުތާތައް

މާލޭގައި ސްޕޯޓްސް އެރީނާއެއް ހަދަން ފީފާއިން ދިން 1.4 މިލިއަން ޑޮލަރުގެ ތެރެއިން 1 މިލިއަން ޑޮލަރަށް ވީ ގޮތެއް ނޭނގޭ

ސްޕޯޓްސް އެރީނާ ހަދަން ހަވާލުކުރީ އެފަދަ މަސައްކަތެއް ކުރުމުގެ ގާބިލްކަން ވެސް ނެތް ކުންފުންޏަކާ. ފަހުން ސަބް ކޮންޓްރެކްޓްކުރީ އެޕޯލޯއަށް

އެޕޯލޯއިން ކުރި މަސައްކަތަށް އެފްއޭއެމުން ފައިސާ ނުލިބުމުން ބަދަލެއްގެ ގޮތުން ދިނީ ހުޅުމާލެއިން އެފްއޭއެމަށް އޮތް ބިމުން ބައެއް

މާފަންނު ސްޓޭޑިއަމް ބިމާއި ކަޅުތުއްކަލާ ކޮއްޓާ ދެމެދު އޮންނަ ހިލާލީ މަގުން ދާ އިރު، ބާސްކެޓްބޯޅަ ކޯޓާ ޖެހިގެން ދެ ބުރިއަށް ނަގާފައި ހުރި، މާލޭގެ އާންމު ތަންތަނަށް ވުރެ ނިސްބަތުން ދިގު، އިމާރާތެއް ފެންނާނެ އެވެ. އެ އިމާރާތުގެ ތިރީގައި، ހިލާލީ މަގަށް ވާ ގޮތަށް ހުންނާނީ ހުސް ގުދަނެވެ. ސްޓޭޑިއަމް ބިމުގެ އެތެރެއަށް ވަނުމުން ފެންނާނީ، އެ އިމާރާތުގެ ކުރިމައްޗެވެ. އެކަމަކު ނުނިންމާ ގިނަ ދުވަސް ވެފައި ހުރުމުން ތަނުގެ ސިފައެއް ނެތެވެ. ގޯތި ތެރޭގައި ބާ ދަގަނޑާއި ކުނިބުނިތަކެވެ.

ހަގީގަތުގައި އެއީ ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން 1.4 މިލިއަން ޑޮލަރު (21 މިލިއަން ރުފިޔާ) ދީގެން ހިންގި ސްޕޯޓްސް އެރީނާ މަޝްރޫއުގައި ހިމެނޭ އިމާރާތެވެ. އެފްއޭއެމުން ހުރިހާ ކަމެއް ބަރާބަރަށް ކުރިއަށް ގެންދިޔަ ނަމަ އެތަނުގައި ހުންނާނީ ފުޓްބޯޅައިގެ އެކި ތަމްރީންތައް ދޭން ކްލާސްރޫމްތަކެވެ. ރިހިބެލިޓޭޝަން ސެންޓަރެކެވެ. އެފްއޭއެމްގެ އިދާރީ ކަންކަމަށް ބޭނުންވާ އޮފީސް ބައިތަކެވެ. ކުރިމަތީގައި އޮންނާނީ ޓާފް ދެ ދަނޑެވެ.

ސްޕޯޓްސް އެރީނާ އިމާރާތް: ފީފާއިން ހޭދަކުރި މި މަޝްރޫއުގެ ފައިސާއަށް ވީ ގޮތެއް ނޭނގޭ (ފޮޓޯ/ދައުރު)

ނުނިމި ހުރި އިމާރާތުގެ އަސްލު ސިފަތަކާ އެކު ފޮރުވިފައި އޮތީ ހިޔާނާތުގެ މައްސަލަގަނޑެކޭ ބުނެވިދާނެ އެވެ. އެކަން އެންމެ ރަނގަޅަށް ތިލަވީ، އޭރު އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުންނެވި ބައްސާމް އަދީލް ޖަލީލު، ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސްއަށް ހުށައެޅުއްވި މައްސަލައިގެ ސަބަބުންނެވެ.

ކުޅިވަރުގެ މައްސަލަތަކަށް ހާއްސަ އާބިޓްރޭޝަން ކޯޓަށް ބައްސާމް ވަޑައިގަތީ، ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ނުވަ މަސް ދުވަހަށް އޭނާ ސަސްޕެންޑްކުރަން ފީފާއިން ނިންނި ނިންމުމާ ދެކޮޅަށެވެ. ތިން އާބިޓްރޭޓަރުން ހިމެނުނު ބެންޗުން 15 ފެބްރުއަރީ 2025ގައި މައްސަލަ ނިންމީ ފީފާއާ އެއްކޮޅަށެވެ.

އާބިޓްރޭޝަންގެ ނިންމުން

އާބިޓްރޭޝަން ފޯ ސްޕޯޓްސްއިން ނިންމީ ބައްސާމާ ދެކޮޅަށް 20 ޖޫން 2024ގައި ފީފާއިން އައި ސަސްޕެންޝަން ރަނގަޅު ކަމަށެވެ. ބައްސާމްގެ އަމިއްލަ ދިފާއުގައި ވާހަކަ ދައްކަން ލިބޭ ހައްގު ކޮންްމެވެސް ވަރަކަށް ގެއްލިފައި ވިޔަސް އެއީ އޭނާއަށް އިއާދަނުކުރެވޭނެ ގެއްލުމެއް ނޫން ކަމަށް، އެ ނިންމުމުގައިވެ އެވެ. ނުވަ މަސް ދުވަހުގެ ސަސްޕެންޝަނަކީ، އެކަށީގެންވާ  ފިޔަވަޅެއް ކަމަށް ވެސް ކަނޑައެޅި އެވެ.

ބައްސާމްއަށް ކުރިމަތިވި މި ނާކާމިޔާބީގެ ވާހަކައިގެ ތެރެއިން 'ދައުރު'އަށް ފާހަގަކުރެވުނު އެއް މައްސަލައަކީ ސްޕޯޓްސް އެރީނާ މަޝްރޫއު އެވެ. އެއީ މިހާތަނަށް ބައްސާމްއާ ދެކޮޅަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)އިން ކުރި ދައުވާތަކާ ގުޅުމެއް ހުރި މައްސަލައެއް ވެސް ނޫނެވެ. އެކަމަކު ފައިސާގެ ގޮތުން ބަލާ ނަމަ އެއަށް ވުރެ ވެސް އަގު ބޮޑު މަސައްކަތެކެވެ.

ސްޕޯޓްސް އެރީނާ މަޝްރޫއުގެ މުހިންމު ތާރީހުތަކާއި ކަން ހިނގި ގޮތް

  • 20 މާޗު 2018: އެފްއޭއެމް އާއި ފީފާއިން އެއްބަސްވުމުގައި ސޮއިކުރި

  • 1،480،000 ޑޮލަރު: މިއީ ފީފާއިން ދޭން އެއްބަސްވި ސީދާ އަދަދު

  • 28 އޮގަސްޓް 2019: އެ އިމާރާތް ހަދަން 1،555،038 ޑޮލަރުގެ ބިޑެއް ޓިބާރޯއިން އެފްއޭއެމްއަށް ހުށައެޅި

  • 16 ސެޕްޓެމްބަރު 2019: ޓިބާރޯގެ ހުށައެޅުން އެފްއޭއެމުން ގަބޫލުކުރިކަން އެ ކުންފުންޏަށް އެންގި

  • 2 އޮކްޓޯބަރު 2019: ފީފާއިން ދޭ އަދަދަށް ވުރެ ބޮޑުވާ އަދަދު ދައްކާނީ އެފްއޭއެމުން ކަމަށް، ފީފާގެ ޑިވެލޮޕްމަންޓް އޮފީހަށް އެންގި. އެއީ 75،038 ޑޮލަރު

  • 31 މާޗު 2020: ޓިބާރޯއިން މަޝްރޫއުގެ ސަބް ކޮންޓްރެކްޓަރަކަށް އެޕޯލޯ ހޯލްޑިންގްސް ހަމަޖެއްސި. އެއްބަސްވުމުގައި ވާ ގޮތުން އެޕޯލޯއަށް ފައިސާ ދޭނީ ސީދާ އެފްއޭއެމްއިން

  • 28 ޖެނުއަރީ 2021: އެފްއޭއެމުން ޓިބާރޯއަށް 444،000 ޑޮލަރު ޖަމާކުރި.

  •  އެފްއޭއެމުން ސީދާ އެޕޯލޯއަށް އެއްވެސް ފައިސާއެއް  ދޫކޮށްފައި އޮތް ކަމަކަށް، އެފްއޭއެމްގެ ބޭންކް ސްޓޭޓްމަންޓްތަކުން ނުދައްކާ

  • 23 ޑިސެމްބަރު 2021: އެފްއޭއެމުން އެޕޯލޯއާ އެކު ސެޓްލްމެންޓް އެގްރިމެންޓެއް ހެދި. އޭގައި އޮތީ 13 މިލިއަން ރުފިޔާ (ޑޮލަރުން ބަލާ ނަމަ ގާތްގަނޑަކަށް 845،000)ގެ ބަދަލެއްގެ ގޮތުން ބިން ދޫކުރުން

  • އެ ބިން ދޫކުރީ ހުޅުމާލެއިން އެފްއޭއެމްއަށް ދީފައި އޮތް ބިމުން

  • 20 މޭ 2023: އެ މަޝްރޫއުއަށް ފީފާއިން ދޭން ޖެހޭ ފަސް ވަނަ އަދި އެންމެ ފަހު އަދަދު ކަމަށްވާ 144،000 ޑޮލަރު ޖަމާކޮށްދޭން ފީފާގެ ޑިވެލޮޕްމަންޓް އޮފީހަށް އެންގި. އަދި އެގޮތަށް ފީފާއިން އެކަން ހަމަޖައްސައިދިން. އެ ފައިސާއަށް އެފްއޭއެމުން އެދުނީ މުޅި މަޝްރޫއު ނިމިއްޖެ ކަމަށް ބުނެ

ޓިބާރޯއަކީ ކޮން ބައެއް؟

ޓިބާރޯ ޕްރައިވެޓް ލިމިޓެޑް ރަޖިސްޓްރީކޮށްފައި ވަނީ 2017ގަ އެވެ. އެކަމަކު ސަރުކާރުގެ ލިއުންތަކުން އެނގޭ ގޮތުގައި އެ ކުންފުނިން އެއްވެސް ވިޔަފާރިއެއް ކުރާކަން ނުވަތަ ވިޔަފާރިއަކަށް ހުއްދައެއް ހޯދިކަން ވެސް އެނގޭކަށް ނެތެވެ. މިހާރު ޓިބާރޯ އޮތީ އުވާލުމުގެ މަރުހަލާގަ އެވެ. ޑިރެކްޓަރުންގެ ގޮތުގައި ތިބީ މުހައްމަދު ވަހީދު އަހުމަދު އާއި އަހުމަދު އަފްރާދް އެވެ. ސްޕޯޓްސް އެރީނާގެ މަޝްރޫއު ޓިބާރޯއާ ހަވާލުކުރީ އެ ކުންފުނީގެ ކޮން ކަހަލަ ގާބިލްކަމެއް ހުރުމުންތޯ ސުވާލު އުފެދެ އެވެ.

މަޝްރޫއު ނިމުނު ކަަން އެފްއޭއެމުން އެންގިޔަސް ކަން ހިނގާފައި އޮތީ އެހެންނެއް ނޫނެވެ. ފީފާގެ ޑިވެލޮޮޕްމަންޓް އޮފީހުގެ ޓީމެއް 22-24 ސެޕްޓެމްބަރު 2023އަށް ރާއްޖެއަށް ޒިޔާރަތްކޮށް އެ އިމާރާތް ބަލާފައިވެ އެވެ. އެ ޓީމުގެ ރިޕޯޓްގައި ބުނެފައި ވަނީ އިމާރާތުގެ ބޭރު ނިންމާފައި އޮތަސް އެތެރޭގެ މަސައްކަތް ނުނިމޭ ކަމަށެވެ. އޭގެ އިތުރުން އިމާރާތުގެ ޕްލޭންގައި ނެތް އެތައް ކަމެއް އެ ޓީމަށް ފެނުނެވެ. އޭގެ ތެރޭގައި އިމާރާތުގެ ތިރި ގުދަންތަކަކަށް ކުއްޔަށް ދިނުން ހިމެނެ އެވެ.

ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކި ބައެއް ފަރާތްތަކުން ފީފާގެ ޓީމަށް މައުލޫމާތު ދީފައި ވަނީ ގުދަންތައް ކުއްޔަށް ދީފައި ވަނީ 25 އަހަރަށް ކަމެވެ. އެއީ އެފްއޭއެމް ބަނގުރޫޓުވާ ހިސާބަށް ގޮސްފައި އޮތުމުން ކުރި ކަމެއް ކަމަށް ވެސް، އެމީހުންނާ ހަވާލާދީ، ފީފާގެ ރިޕޯޓްގައި އޮތެވެ.

އެޕޯލޯއަށް ފައިސާ ނުލިބުމުން ކޯޓަށް، ދެން ދިނީ ބިން

އިމާރާތުގައި އެޕޯލޯއިން ކުރި މަސައްކަތްތަކަށް ފައިސާ ނުލިބުމުން އެ ކުންފުނިން ދިޔައީ ސިވިލް ކޯޓަށެވެ. ޓިބާރޯއިން ސަބް ކޮންސްޓްރެކްޓަރެއްގެ ގޮތުން އެޕޯލޯއަށް މަޝްރޫއު ދޫކޮށްލީ، އެފްއޭއެމުން ސީދާ އެޕޯލޯއަށް ފައިސާ ދޭނެ ކަމަށް، އެއްބަސްވުމުގައި ކަނޑައަޅައިފަ އެވެ. އާބިޓްރޭޝަނަށް ފީފާއިން ހުށައެޅި ލިއުންތަކުން އެކަން އެނގެ އެވެ.

އެކަމަކު އެޕޯލޯއަށް އެއްވެސް ފައިސާއެއް ދިން ކަން އެފްއޭއެމްގެ ބޭންކް ސްޓޭޓްމަންޓްތަކުން އެނގެން ނެތް ކަމަށް، ފީފާއިން ބުނެ އެވެ. އޭގެ ބަދަލުުގައި، އެޕޯލޯއާ މަސައްކަތް ހަވާލުކުރި ފަހުން ޓިބާރޯގެ އެކައުންޓަށް އެފްއޭއެމުން 444،000 ޑޮލަރު (6.8 މިލިއަން ރުފިޔާ) ޖަމާކޮށްފައިވެ އެވެ.

އަލީ އުމަރުގެ ވާހަކަ ތަފާތު

އެފްއޭއެމްގެ ކުރީގެ އެއް ނައިބު ރައީސް އަލީ އުމަރު ވަނީ، ސްޕޯޓްސް އެރީނާގެ ބައިތަކެއް ގުދަނަށް ކުއްޔަަށް ދިނުމަކީ އޭނާއަށް އެނގިވަޑައިގެން ކުރި ކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. ފީފާގެ ތަހުގީގަށް އޭނާ ވިދާޅުވީ އެއީ ބައްސާމް އާއި އޭރު ހުންނެވި ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒު (ޖަވާ)ގެ ނިންމެވުމެއް ކަމަށެވެ. ގުދަންތަކާ ބެހޭ ތަފުސީލެއް އެފްއޭއެމްގެ އެގްޒެކްޓިވް ކޮމިޓީއަށް ވެސް ގެނެސްފައި ނުވާ ކަމަށް އަލީ އުމަރު ވިދާޅުވެފައިވެ އެވެ.

ފީފާއިން ބުނާ ގޮތުގައި ސްޕޯޓްސް އެރީނާ މަޝްރޫއުއަށް ފީފާއިން ކުރި ހޭދައިގެ ތެރެއިން 1،036،00 ޑޮލަރު (15.9 މިލިއަން ރުފިޔާ)އަށް ވީ ގޮތެއް ނޭނގެ އެވެ. އެނގެން އޮތީ އޭގެެ ތެރެއިން 444،000 ޑޮލަރު، ޓިބާރޯއަށް ދިން ކަމެވެ. އެހެންކަމުން ފީފާއިން ލަފާކުރަނީ ފައިސާގެ އަނެއް ބައި، މަޝްރޫއުގައި ނުހިމެނޭ، އެހެން ކޮންމެވެސް ބޭނުންތަކަކަށް ހޭދަކޮށްފައި އޮތް ކަމެވެ.

އެފްއޭއެމްއަށް ހުޅުމާލެއިން ދިން ބޮޑު ބިމުން ބައެއް އެޕޯލޯއަށް ދިނުމުން ގުދަންތަކެއް ހަދާފައި (ފޮޓޯ/ދައުރު)

އެކަމަކު އެޕޯލޯއާ އެއްކޮޅަށް ސިވިލް ކޯޓުން ނިންމި މައްސަލައާ ބެހޭ ގޮތުން އޭރު ރާއްޖޭގެ ބައެއް މީޑިއާތަކުން ކުރި ރިޕޯޓްތަކުގައި އެފްއޭއެމުން 5 މިލިއަން ރުފިޔާ އެޕޯލޯއަށް ދިންކަން އެނގެ އެވެ. ނުލިބި އޮތީ ގާތްގަނޑަކަށް 13 މިލިއަން ރުފިޔާ އެވެ. އެޕޯލޯއިން ބުނެފައިވާ ގޮތުން އެ މަޝްރޫއުއަށް ހޭދަވާނެ ކަމަށް އޭރު ބެލީ 2.6 މިލިއަން ޑޮލަރު (40 މިލިއަން ރުފިޔާ) އެވެ. 

ދެން ފެނުނީ ރާއްޖޭގެ ފުޓްބޯޅައިގެ މުސްތަގުބަލަށް ހުޅުމާލެއިން އެފްއޭއެމްއަށް ދިން ބޮޑު ބިން "ފޮތިފޮތިކޮށްލި" ތަނެވެ. އެއީ ފުޓްބޯޅަ ދަނޑުތަކާއި ކުޅުންތެރިން ތިބޭނެ އެކޮމޮޑޭޝަން ބްލޮކް އާއި އެހެން ވެސް ހިދުމަތްތައް ހިމަނައިގެން ފުޓްބޯޅައިގެ ހާއްސަ މަރުކަޒެއް ގާއިމްކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، 2017ގައި، ދިން ބިމެކެވެ.

ބައްސާމާ ދެކޮޅަށް ދައުވާކޮށްފައި ވަނީ އަދި އެހެން މައްސަލަތަކެއްގައި

ބައްސާމާ ބެހޭ ޝަރީއަތްތަކެއް ކްރިމިނަލް ކޯޓުގައި މިހާރު ވެސް ދަނީ ހިނގަމުންނެވެ. އެކަމަކު އެއީ ފީފާއިން ފައިސާ ދިން ސްޕޯޓްސް އެރީނާ މަޝްރޫއުއާ ގުޅޭ ކަމެއް ނޫނެވެ. މިހާރު ކުރިއަށް ދަނީ ފީފާއިން އެފްއޭއެމަށް ދިން ފައިސާގެ ތެރެއިން 10،000 ޑޮލަރު، އަމިއްލަ ބޭނުމަށް ހޭދަކުރެއްވުމުގެ ތުހުމަތާއި ފީފާގެ 1 މިލިއަން ޑޮލަރުން އަމީން އެވެނިއުއިން ޕެންޓްހައުސްތަކެއް ބައްލަވައިގެންނެވި ކަމުގެ ތުހުމަތުގައި އުފުލި ދައުވާތަކެކެވެ.

އެ ބިމުގެ ބޮޑު ބައެއް އެއްވެސް ކުއްޔެއް ނެތި 50 އަހަރަށް ދިނީ އެޕޯލޯއަށެވެ. މިހާރު އެ ބިން ވެސް ގުދަންތަކަކަށް އެ ދަނީ ބަދަލުވަމުންނެވެ. 

ބައްސާމްގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާއަށް ލިބުނު ގެއްލުން، ހަމައެކަނި ސްޕޯޓްސް އެރީނާ މަޝްރޫއުން ވެސް އެނގެ އެވެ. އެ މަޝްރޫއުގައި އަސްލު ކުލަ ނުޖެހި، ދެން ގުރުބާންކޮށްފައި އެވަނީ ފުޓްބޯޅައިގެ ތަރައްގީއަށް ހުޅުމާލެއިން ދިން ބިމެވެ.

ބައްސާމްގެ ނުވަ މަސް ދުވަހުގެ ސަސްޕެންޝަން ރަނގަޅު ކަމަށް އާބިޓްރޭޝަނުން ނިންމުމަކީ އެފްއޭއެމްއަށް އޮތް ކާމިޔާބީއެއް ނޫނެވެ. އެއަށް ވުރެ ބޮޑަށް އެފްއޭއެމް ވަނީ ހަލާކުކޮށްލައިފަ އެވެ. އެ ހަލާކާ އެކު ޖިނާއީ ތަހުގީގު ހިންގަން ދައުލަތުގެ އިދާރާތަކަށް މަޖުބޫރުވާ ވަރަށް އެހެން މައްސަލަތައް ވެސް މި ހުރީ ފެންނާށެވެ.

ކޮމެންޓް (7)

ޝަވީދުމޭންއެކޭ

13 މޭ 2025
ތިރީގައިވާ ހުރިހާ ގުދަނެއް ހުރީ ޝަވީދުގެ ކުންފުނީގެ އަތުގައި، ނުގާ ޕްރައިވެޓް ލިމިޓެޑަކީ އަދި ސިބްކޯއަކީވެސް ޝަވީދު. އެމީހުންވަނީ 5 ގުދަނުގެ ތެރެއިން 4 ގުދަން ނަގާފައި
1 0

އުވާލާތިތަން

12 މޭ 2025
ކުަލަބުތަކޭކިޔާފައި ގޭންގް ހިންގާބައެއް މިހާރު އުޅެނީ. ވަރަށް ފޫހި މިހާރު. ތި އެފްއޭއެމް އުވާލާފައި ސަރުކާރަށް ބިންތައް ނަގާ. ކީއްކުރަން ކުރާކަމެއް ދެން.
10 0

ވަގުންގެ ސަރުކާރު

12 މޭ 2025
އެފްއޭއެމް ގުދަން ކުއްޔަށް ދިނީވެސް ޓިބާރޯގެ އަފްރާދު، ހުޅުމާލޭގެ ބިންވިއްކަންވެސް ހުރީ ޓީބާރޯގެ އަފްރާދު، އޭނާއަކީ ޖޭޖޭ ސްޕޯޓްސް ކުލަބު ގެ އޯނަރު. އޭނާގެ އެކައުންޓް ޕޮލިހުން ބަލާބަލަ ކިހެނެއްތޯ ފައިސާ ދައުރުކުރީ. ވަގުޑޮލަރު ވިއްކުމުން ފެށިގެން މަނީލޯންޑަރިންގެ ތުހުމަތުކުރެވޭ މީހެއް.
8 0

ހާދަނުލަފޭ

12 މޭ 2025
ބައްސާމު ހައްޔަރު ނުކުރެވެނީ ކީއްވެ؟ ނެޕޯ އާއިލާގެ މީހަކަށްވާތީތަ؟ ރައީސް ޔާމީނާއި ގައްސާނުގެ އާއިލާ މީހަކަށްވާތީތަ؟ ކުރީ ޗީފްއޮފްޑިފެންސް ފޯސްގެ ކަޒިންއަކަށް ވާތީތަ؟ ކިހާބޮޑު
11 0

ދައުވާކުރޭ

12 މޭ 2025
އަލީއުމަރު ތީގެން ސަލާމަތެއް ނުވާނެ. އޭނައަކީ ވަރަށް ކަނިންމީހެއް. އަބަދުވެސް ހިހޫތަނުން ކާލައިގެން އުޅޭނީ. އަލީއުމަރަށް ދައުވާކުރަންޖެހޭ
15 0

ޓިބާރޯވަގުން

12 މޭ 2025
ޓިބާރޯ ތީ ޖޭޖޭގެ ސްޕޯޓްސްގެ އަފްރާދު ހިންގާ ކުންފުންޏެއް. ދަނގަޑޭއާއި ދެމީހުން އެޅިގާ އަޅަން ހެދި ކުންފުނިތީ.
11 0

ޓިބާރޫ

12 މޭ 2025
@ޓިބާރޯވަގުން އަސްލުވެސް އޭރުގައި އެމީހުން އުޅުނީ އެޅިގާ އަޅާދޯ. އަދިކިރިޔާ އެޅިގަލުން އެޅި ޑޮލަރަށް ވީގޮތް މި ހޯދުނީ. ހެޔޮނުވާނެ 1 މިލިއަން ޑޮލަރަށް ވީގޮތެއް ނޭގޭ.
5 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް