މިނިވަން ދުވަހުގެ ހަފްލާގައި ރައީސް މުއިއްޒު، ގާސިމްއަށް ޝަރަފު އަރުވަނީ: ގާސިމްގެ ވިލާއަށް ބަދަލުގެ ގޮތުގައި ބޮޑު އަދަދެއް ދޭން ސަރުކާރުން ވަނީ އެއްބަސްވެފައި (ފޮޓޯ/ރައީސް އޮފީސް)

ގާސިމަށް 18 މިލިއަން ޑޮލަރު: މިއީ ބަދަލެއް ނޫން، ސިޔާސީ ހަދިޔާއެއް

ވިލާއިން ވަނީ ކާޑެއްދޫ އެއާޕޯޓް ތަރައްގީ ކުރަން ވީ އެއްބަސްވުމާ ހިލާފުވެފައި ނަމަވެސް، ސަރުކާރުން ވަނީ މިނިވަން އޮޑިޓެއް ކުރުމެއް ނެތި ބޮޑު ބަދަލެއް ދޭން ނިންމާފައި. އޮޑިޓާ ޖެނެރަލްގެ ބަހެއް ނެތި އަދި މިނިވަން އޮޑިޓެއް ނުހަދާ ބޮޑެތި ބަދަލުތައް ދިނުމަކީ ދައުލަތަށް ލިބޭ ބޮޑު ގެއްލުމެއް
25 އޯގަސްޓު 2025
4

މީގެ މަހެއްހާ ދުވަސް ކުރިން ރަހުމަތްތެރިއަކު އެދުނީ ގދ. ކާޑެއްދޫ އެއާޕޯޓް ހިންގާ ވިލާ ކުންފުނިން އެތަނާ އަޅާނުލާތީ އެއާޕޯޓްގެ ފެންވަރު ކުރިއަށް ވުރެ ވެސް ދަށްވެފައިވާ ވާހަކަ ލިޔެދޭށެވެ. އޭނާ ބުނި ގޮތުގައި އެތަން ވީރާނާވެގެން ދަނީ އެވެ. 

ޓާމިނަލް ބޭރުގައި ހުރި ގިނަ ގޮނޑިތައް ހުރީ މިހާރު މީހަކަށް އިށީންދެވޭ ހާލަތެއް ނޫނެވެ. ޓާމިނަލްގެ ބައެއް ތަންތަނަށް ވާރޭ ވެސް ވެހެ އެވެ. ޓޫރިސްޓުންނާއި އެއާޕޯޓަށް ފުރަން އަންނަ އާންމުންނަށް އަސާސީ ހިދުމަތްތައް ވެސް ލިބޭކަށް ނެތެވެ. އޭނާގެ ޝަކުވާ އަކީ 2022ގައި ކާޑެއްދޫ އެއާޕޯޓް ހިންގުމާ ވިލާއިން ހަވާލުވި ފަހުން އެތަނުގެ ހާލަތު އިތުރަށް ގޯސްވަމުން ދިޔުމެވެ. 

"މީގެ ކުރިން ވިއްޔާމުން މަރާމާތުތައްކޮށް ހަދާ. މިހާ ބޮޑަށް ފެންވަރު ދަށްވެގެނެއް ނުދޭ. މިހާރު މަރާމާތު ވެސް ކޮށްނުލެވެނީ،" އޭނާ ބުންޏެވެ. 

ކާޑެއްދޫ އެއާޕޯޓް: މި އެއާޕޯޓް ވިލާއާ ހަވާލުކުރުމުގެ މަސައްކަތް ދަނީ ކުރިއަށް --

އެ ޝަކުވާތައް ބޮޑުވެފައި ވަނިކޮށް ވިލާ ގުރޫޕްގެ ވެރިޔާ، މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އޭނާގެ އެކްސް އެކައުންޓުގައި އާންމުކުރެއްވި ސިޓީއަކުން އެނގުނީ ކާޑެއްދޫ އެއާޕޯޓް އަނބުރާ ސަރުކާރާ ހަވާލުކުރަން، ވިލާއިން ކުރަމުން އަންނަ މަސައްކަތް މިހާރު ނިމުމަކާ ގާތްވެފައިވާ ކަމެވެ. 

އެކަމަކު، އެކަމަށް އާންމުން ދައްކަން ޖެހޭ އަގު ވަރަށް ބޮޑެވެ ބޮޑެވެ. އެކަމަކު ގިނަ ބައެއްގެ ސުވާލަކީ، އެ އެއާޕޯޓް ސަރުކާރާ ހަވާލުކުރަން ރައްޔިތުން ވިލާ ކުންފުންޏަށް އަގު ދައްކަން ޖެހޭ ހެއްޔެވެ؟ 

ބުނިހާ ގޮތަކަށް ރުހިގެން: ނާޖާއިޒު މަންފާ ހޯދައިދިނުމެއް

ގާސިމް އާންމުކުރެއްވި ސިޓީއިން ހާމަވީ ވިލާއިން އެދުނީ ކާޑެއްދޫ އެއާޕޯޓް ދިނުމުގެ ބަދަލަކަށް 21 މިލިއަން ޑޮލަރު (323.8 މިލިއަން ރުފިޔާ) ދިނުމަށެވެ. އަދި އެކަމަށް ބާރު ދިނުމުގެ ގޮތުން ވިލާއިން ހުށައެޅީ އާނެސްޓް އެންޑް ޔަންގުގެ އޮޑިޓް ރިޕޯޓެކެވެ. އެ ރިޕޯޓުގައި ކާޑެއްދޫ އެއާޕޯޓް އަގުކޮށްފައި އޮތީ 18.5 މިލިއަން ޑޮލަރަށެވެ.

މާލީ ބަދަލެއް ދޭންވާނީ ގާނޫނުއަސާސީގައި ދައުލަތުގެ އޮޑިޓާ ކަމަށް ކަނޑައަޅާފައިވާ އޮޑިޓް އޮފީހުން އާންމުކުރާ ހިސާބަކަށް ފަހު. އެ ނޫންގޮތަކަށް ބަދަލު ދިނުމަކީ ވަކި ފަރާތަކަށް މަންފާ ހޯދައިދިނުމުގެ އަމަލެއް.

އިސްމާއިލް ޒަރިއްޔަންދު / ދައުލަތުގެ ކުރީގެ އޮޑިޓަރެއް

ސަރުކާރުން ނިންމީ ވިލާއިން އެދޭ ގޮތަށް 21 މިލިއަން ޑޮލަރު ދެވެން ނެތް ކަމަށާއި އެކަމަކު ވިލާއިން ހެދި އޮޑިޓްގައިވާ ގޮތަށް އެއާޕޯޓްގެ އަގުކަމަށްވާ 18 މިލިއަން ޑޮލަރު (278 މިލިއަން ރުފިޔާ) ދީ މައްސަލަ ނިންމިދާނެ ކަމަށެވެ. ނުވަތަ 18 މިލިއަން ޑޮލަރަށްވާ ޓެކްސް ފައިސާ މާފު ކޮށްދެވިދާނެ އެވެ. ގާތްގަނޑަކަށް ވިލާއިން އެދުނު ގޮތަށް ސަރުކާރުން އެއްބަސްވީ އެވެ.

ވިލާއިން އެދުނުހާ އަގަކަށް ސަރުކާރުން ރުހި ދީލައިލުމަކީ ޒިންމާދާރު ގޮތެއް ހެއްޔެވެ؟ މާލީ ދާއިރާގެ ތަޖުރިބާ ހުންނެވި ބޭފުޅުން ވިދާޅުވާ ގޮތުން ނަމަ، މިއީ ސަރުކާރުން ބަދަލު ދިނުމުގައި އަމަލު ކުރަން ޖެހޭ ޒިންމާދާރު ގޮތެއް ނޫނެވެ.

ކާޑެއްދޫ އެއާޕޯޓުގެ މައްސަލައާ ގުޅޭ ގޮތުން ވިލާ އެއާގެ ބޭފުޅުންނާ ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީގައި ބޭއްވި ބައްދަލުވުމުގައި ޗެއާމަން ގާސިމް އިބްރާހިމް (ފޮޓޯ/މަޖިލިސް)

އޮޑިޓް އޮފީހާއި ފިނޭންސް މިނިސްޓްރީގެ އިސް މަގާމުތައް ވެސް މީގެ ކުރިން ފުރުއްވާފައިވާ އިސްމާއިލް ޒަރިއްޔަންދު ގަބޫލުކުރައްވާ ގޮތުގައި، ދައުލަތުން އެއްވެސް ފަރާތަކަށް ބަދަލެއް ދޭން ޖެހޭ ހާލަތެއް ކުރިމަތިވެއްޖެ ނަމަ އެކަމުގައި އޮޑިޓާ ޖެނެރަލްގެ ބައިވެރިވުން އޮންނަން ޖެހެ އެވެ. އަދި އޮޑިޓާ ޖެނެރަލް ހަދާ އޮޑިޓަކުން ނިންމާ އަދަދުތަކާއި ހޯދުންތަކުގައި މައްޗަށް ބަލާފައި ނޫނީ ބަދަލު ދެވިގެން ނުވާނޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

"ދައުލަތުން އެއްވެސް ފަރާތަކަށް [ވިލާ ކުންފުނިވެސް ހިމަނައިގެން] މާލީ ބަދަލެއް ދޭންވާނީ ގާނޫނުއަސާސީގައި ދައުލަތުގެ އޮޑިޓާ ކަމަށް ކަނޑައަޅާފައިވާ އޮޑިޓް އޮފީހުން އާންމުކުރާ ހިސާބަކަށް ފަހު. އެ ނޫން ގޮތަކަށް ބަދަލު ދިނުމަކީ ވަކި ފަރާތަކަށް މަންފާ ހޯދައިދިނުމުގެ އަމަލެއް،" ޒަރިޔަންދު އެކްސްގައި ލިޔުއްވި އެވެ. 

އޭނާ ވިދާޅުވި ގޮތުގައި، އެހެން ހަދަން ޖެހެނީ އަމިއްލަ ފަރާތަކުން ކުރާ އޮޑިޓެއްގައި އަގުތައް ބޮޑު ކުރުމާއި އެ ފަރާތަށް މަންފާވާ ގޮތަށް އަދަދުތައް އަނބުރާލުން ފަދަ ކަންކަން ހިނގާނެތީ އެވެ.

ކާޑެއްދޫ އެއާޕޯޓް، 1994ގައި ހުރި ގޮތާއި 2021ގައި ވެސް ހުރި ގޮތް ފެންނަ ފޮޓޯއެއް.

ބަދަލު ދިނުމުގެ މުއާމަލާތްތަކުގައި ދައުލަތަށް ފައިދާ ހުރި ގޮތް ދެނެގަނެވޭނީ އޮޑިޓް އޮފީހާއި ދެ ފަރާތުން އެއްބަސްވާ މިނިވަން އޮޑިޓަރެއް ލައްވާ ހަދާ އޮޑިޓްތަކުން ކަމަށް ވެސް ޒަރިޔަންދު ފާހަގަކުރެއްވި އެވެ. އޭނާ ވަނީ ބަދަލުދިނުމުގައި ގެންގުޅޭ ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސް ނުވަތަ އައިއެސްއެސްއޭއައިގެ ދަށުން އަމަލު ކުރަން ޖެހޭ އުސޫލުތައް ވިދާޅުވެ ދެއްވައިފަ އެވެ. އެއީ:

  • ބަދަލު ދޭން ޖެހޭ ގާނޫނީ ހުއްޖަތެއް ނުވަތަ އެކަށީގެންވާ ސަބަބެއް އޮތްތޯ ބެލުން

  • މިނިވަން ފަރާތަކުން އޮޑިޓްކޮށް އަދަދުތައް ސައްހަކުރުން

  • އިގްތިސާދު ހާލަތަށް ރިއާޔަތްކުރުމާ އެކު އަދި ދެ ފުށް ފެންނަ ގޮތަށް ކުރުން

  • އޮޑިޓާ ޖެނެރަލްގެ އޮފީހުން ރިވިއުއެއް ހަދައި ސަރުކާރުން ޗެލެންޖްކުރުން

ސުވާލަކީ މީގެ އެއްވެސް ކަމެއް ވިލާއަށް ބޮޑު ބަދަލެއް ބަދަލުދޭން ސަރުކާރުން އެއްބަސްވީއިރު ހިންގި ހެއްޔެވެ؟ އެކަމާ ގުޅޭ ގޮތުން ސަރުކާރުގެ އެކި ފެންވަރުގެ އޮފިޝަލުންނާ ސުވާލުކުރި ނަމަވެސް އެކަންކަން ފުރިހަމަ ކުރި ކަމުގެ އެއްވެސް ހެއްކެއް އެބޭފުޅުން ނުދެއްކެވި އެވެ. ހަމައެކަނި ވިދާޅުވީ ދެ ފަރާތުން މަޝްވަރާކުރި ކަމަށެވެ. 

އެ ހިސާބުން އެ ނިމުނީ ހެއްޔެވެ؟ 

 ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ (ފޮޓޯ/ ރައީސް އޮފީސް)

ރައްޔިތުންގެ މާލިއްޔާއިން 278 މިލިއަން ރުފިޔާ ނަގައި އަމިއްލަ ފަރާތްތަކަށް ދޭން ނިންމާލީ ވަޒީރުންގެ ކުޑަ ކޮމިޓީއެއް ކަމަށްވާ އިކޮނޮމިކް ކައުންސިލުން އެއްވެލައިގެންނެވެ. އޮޑިޓް އޮފީހުގައި އަހާލުމެއް ވެސްނެތެވެ. ވިލާއިން ބުނާ އަގާ ގުޅިގެން ސަރުކާރުން އަމިއްލައަށް އެތަން އަގުމަގެއް ނުކުރެ އެވެ. އެގްރިމަންޓާ އެއްގޮތަށް ވިލާއިން އަމަލު ކުރިތޯ ވެސް ބަލައެއް ނުލަ އެވެ. ވިލާއިން ފޮނުވި ސިޓީއަށް، އާ މިގޮތް ރަނގަޅޭ ބުނެ ނިންމާލި އެވެ. 

ނުކުރާ އިންވެސްޓްމަންޓަކަށް ބަދަލުދޭންޖެހޭ އެއްވެސް ސަބަބެއް ނެތް. ބަދަލެއް ދެންޏާ ދޭންވީ ވިލާއިން ހުވަދޫ އަތޮޅު ރައްޔިތުންނަށް.

އަހުމަދު މައުރޫފް / ރައީސް އޮފީހުގެ ކުރީގެ ލީޑަލް ހެޑް

ވިލާއިން އެއްބަސްވުމާ ހިލާފުވި؛ އޭގެ ބަދަލު ކޮބާ؟ 

ކޯޓުން ހުކުމްކޮށްގެން މިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ވިލާއާ އަލުން ކާޑެއްދޫ އެއާޕޯޓް ހަވާލުކުރީ 1 މާޗް 2022ގަ އެވެ.

އޭރު އެ މުއާމަލާތް ހިންގިއިރު ރައީސް އޮފީހުގެ ލީގަލް ނުވަތަ ގާނޫނީ ކަންކަމާ ގުޅޭ ސެކްޝަންގައި އިސްކޮށް ހުންނެވި ގާނޫނީ ވަކީލެއް ކަމަށްވާ އަހުމަދު މައުރޫފް ވިދާޅުވި ގޮތުގައި އޭރު ސޮއިކުރި އެގްރީމަންޓުގައި ހަތް އަހަރު ތެރޭ އެއްކޮށް ކާޑެއްދޫ އެއާޕޯޓް ތަރައްގީކުރުމަށް ޝަރުތުތަކެއް ހިމަނައިފައިވެ އެވެ. އެގޮތުން އޭނާ ވިދާޅުވީ: 

  • ފުރަތަމަ އަހަރު: އެތެރޭގެ އުދުހުންތަކުގެ ހިދުމަތްތައް ސީއޭއޭގެ ސާޓިފައިޑް ސްޓެންޑާޑްތަކަށް ތަރައްގީ ކުރަން ޖެހޭ

  • އަނެއް ހަ އަހަރު: އިންޓަނޭޝަނަލް އޮޕަރޭޝަންގެ ވަސީލަތްތައް، ސިވިލް އޭވިއޭޝަން ޤަބޫލުކުރާ މިންގަނޑަށް ތަރައްގީކޮށް ސީއޭއޭގެ ސާޓިފައިޑް ފެންވަރުގެ ބައިނަލްއަގުވާމީ އެއާޕޯޓެއްގެ ގޮތުގައި ކާޑެއްދޫ ތަރައްގީކުރުން

"އެގްރީމަންޓްގެ ދަށުން އެއާޕޯޓް ތަރައްގީކުރުމަށް އެއްވެސް މަސައްކަތެއް ވިލާއިން މިހާތަނަށް ކޮށްފައިނުވޭ. މަސައްކަތް ފަށާފައި ވެސް ނުވޭ. އެހެންކަމުން، ވިލާއިން މި ވަނީ އެގްރީމަންޓާ ހިލާފުވެފައި،" މައުރޫފް ވިދާޅުވި އެވެ. 

ކާޑެއްދޫ އެއާޕޯޓު ވިލާ އެއާއާ އަލުން ހަވާލުކުރުމުގެ އެއްބަސްވުމުގައި 1 މާޗު 2022ގައި ސޮއިކުރަނީ (ފޮޓޯ/ޓްރާންސްޕޯޓް މިނިސްޓްރީ)

ކާޑެއްދޫ އެއާޕޯޓަކީ އެއްވެސް އިރެއްގައި ވިލާއިން ތަރައްގީ ކުރި ތަނެއް ނޫނެވެ. އެއީ ސަރުކާރުން ތަރައްގީކޮށް އަހަރުތަކެއްގައި ހިންގުމަށް ފަހު އަމިއްލަ ފަރާތްތަކުން ހިންގަން ކުއްޔަށް ދޫކުރި ތަނެކެވެ. ވިލާއިން އެ ތަނާ ހަވާލުވީ އެ އުސޫލުންނެވެ.

މައުރޫފް ވިދާޅުވި ގޮތުގައި، ވިލާއިން އެތަނަށް ކުރި އިތުރު އިންވެސްޓްމަންޓެއް ނެތެވެ. އެހެންވެ، އޭނާ ގަބޫލުކުރައްވާ ގޮތުގައި ސަރުކާރުން ބޭނުންނަމަ އެގްރީމަންޓް ބާތިލުކުރުމަށް ފަހު އެއާޕޯޓް ސަރުކާރަށް ނަގަންވީ އެވެ.

"ނުކުރާ އިންވެސްޓްމަންޓަކަށް ބަދަލުދޭންޖެހޭ އެއްވެސް ސަބަބެއް ނެތް،" މައުރޫފް އެކްސްގައި ލިޔުއްވި އެވެ.

ކާޑެއްދޫ އެއާޕޯޓްގެ ފަސިންޖަރުންނަށް ލަގަޖް ބަހައްޓާ ސަރަހައްދު: އެ އެއާޕޯޓް އޮތީ ވަރަށް ހާލުގައި

ކާޑެއްދޫ އެއާޕޯޓްގެ މައްސަލަ ހޫނުވުމާ ގުޅިގެން ގާސިމް ނެރުއްވި ބަޔާނުގައި ވެސް އޭނާ މުޅިންހެން ދައްކަވާފައި އޮތީ ބަހަނާ އެވެ. އަދި އިއުތުރާފްވެފައި އޮތީ 278 މިލިއަން ރުފިޔާގެ ބަދަލެއް ލިބެން ޖެހޭ ވަރާ ގާތަށް ވެސް އޭނާގެ ކުންފުނިން އެ އެއާޕޯޓަށް ހަރަދު ނުކުރާ ކަމަށެވެ. އެގޮތުން ކާޑެއްދޫ އެއާޕޯޓަށް ވިލާ ކުންފުނިން ކުރި ކަމަށް ގާސިމް ވިދާޅުވާ ހަރަދު ތަކަކީ:

  • ޖަނަރޭޓަރު އާ ކުރުން

  • ރަންވޭ ފެންސް ޖެހުން

  • އެއާޕޯޓް ހިންގުމުގެ އިދާރީ ސާމާނު

  • ފަޔާ ލޮރީ

  • އެމްބިއުލަންސެއް

  • އެކްސްްރޭ މެޝިއެއް

  • ޕަންޕެއް 

މިފަދަ ކަންކަމުގެ މައުލޫމާތު އެނގޭ ބޭފުޅަކު ވިދާޅުވި ގޮތުގައި، މިކަންކަމުގެ ހަރަދު 18 މިލިއަން ޑޮލަރާ ކައިރި ވެސް ނުކުރާނެ އެވެ. މިއީ ގާސިމް ކާޑެއްދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ތަސައްވަރުކޮށްފައިވާ ކަންކަމަށް ވުރެ އެތައް ގުނައެއް ދަށް ހަރަދުތަކެކެވެ. 

"މިއަށް އިންވެސްޓްމަންޓެކޭ ވެސް ނުކިޔާނެ. މިއެއް ނޫނެއް ނޫންތޯ އެއްބަސްވުމުގައި އެއްބަސްވި ކަންކަމަކީ،" ތަޖުރިބާކާރު އެބޭފުޅާ ވިދާޅުވި އެވެ. 

މައުރޫފް ވިދާޅުވި ގޮތުގައި، ކާޑެއްދޫ އެއާޕޯޓް ތަރައްގީނުކޮށް އެތައް އަހަރެއް ފާއިތުވެގެން ދިޔުމުގެ ސަބަބުން، ހުވަދޫ އަތޮޅުގެ ޓޫރިޒަމް ކުރިއެރުމަށް ހުރަސްއެޅި، އެ ސަރަހައްދުގެ ރައްޔިތުންނަށް އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ނުހަނު ބޮޑަށް ގެއްލުން ވެއްޖެ އެވެ. އެއީ ވެސް ކާޑެއްދޫ އެއާޕޯޓާ ގުޅިގެން ސަރުކާރުން ވިލާއަށް އެއްވެސް ބަދަލެއް ދޭން ނުޖެހޭނެ ސަބަބެއް ކަމަށް ވެސް ވިދާޅުވި އެވެ.

"ބަދަލެއް ދެންޏާ ދޭންވީ ވިލާއިން ހުވަދޫ އަތޮޅު ރައްޔިތުންނަށް،" މައުރޫފް ވިދާޅުވި އެވެ. 

މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމެއްގައި ގާސިމް އިބްރާހިމް (ފޮޓޯ/މަޖިލިސް)

ކާޑެއްދޫ އެއާޕޯޓް ތަރައްގީ ނުކުރެވުމުގައި ގާސިމް ދެން ދައްކަވާ އަނެއް ބަހަނާ އަކީ އޭނާގެ މާމިގިލީ އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތްތަކެއް ހިނގާތީ އެކަން ނިމުމުން ކާޑެއްދޫ އެއާޕޯޓް ތަރައްގީ ކުރަން ފަށާނޭ ކަމަށެވެ. އެކަމަކު، މިއީ ސަރުކާރަކުން ވިސްނަން ޖެހޭ ކަމެއް ހެއްޔެވެ؟ އަދި ސަރުކާރުން ބޮޑު ބަދަލެއް ދޭން ޖެހޭ ހުއްޖަތެއް ހެއްޔެވެ؟ 

ގާސިމްގެ އަނެއް ބަހަނާ އަކީ ކުރީގެ ސަރުކާރުގެ ސިޔާސަތާއި ރައީސް މުހައްމަދު މުއިއްޒުގެ ސިޔާސަތު އެ އަތޮޅުގައި ބައިނަލްއަގުވާމީ އެއާޕޯޓް އެޅުމުގައި ތަފާތުވުމެވެ. އެގޮތުން ތިނަދޫގައި ބައިނަލްއަގުވާމީ އެއާޕޯޓެއް ގާއިމްކުރަން ސޮއިކުރުމާއި މިހެން ކަންކަން ކުރުމުން ސަރުކާރުގެ ސިޔާސަތު ސާފުނުވެ އިންވެސްޓްމަންޓެއް ކުރަން ފަސް ޖެހުނީ ކަމަށް ގާސިމް ވިދާޅުވެފައިވެ އެވެ.

ތިނަދޫ ރައްޔިތުންނަށް ވީ ބައިނަލްއަގުވާމީ އެއާޕޯޓްގެ ވައުދު ފުއްދަން، ކާޑެއްދޫ އެއާޕޯޓް އޭނާގެ އަތުން އަނބުރާ ހޯދަން އެދުނީ ސަރުކާރުން ކަމަށް ވެސް ގާސިމް ވިދާޅުވެފައިވެ އެވެ.

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒު ލިޔުންތަކެއް ބައްލަވަނީ (ފޮޓޯ/ ރައީސް އޮފީސް)

އެކަމަކު، މީގެ އެއްވެސް ވާހަަކައަކީ އޭނާއަށް ބޮޑު ބަދަލެއް ދައުލަތުން ދޭން ޖެހޭ ފަދަ ހުއްޖަތެއް ހެއްޔެވެ؟ އަދި ނުކުރާ އިންވެސްޓްމަންޓަކަށް އަދި އެއްބަސްވުމާ އެއްގޮތަށް އަމަލު ވެސް ނުކޮށް އޮތްއިރު ދައުލަތުން ބޮޑު ބަދަލެއް ވިލާ ކުންފުންޏަށް ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ބުނެވެނީ އެހެންވެ އެވެ. 

ބަދަލު ދިނުމުގެ ޖަރީމާ މި ސަރުކާރުގައި ވެސް

އެޓާނީ ޖެނެރަލްގެ އޮފީހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި މިދިޔަ ސަރުކާރުގައި ބަދަލު ދިނުމަށް ހިންގާފައިވާ މުއާމަލާތްތަކަކީ ދައުލަތަށް ގެއްލުންވާ ގޮތަށް ކޮށްފައިހުރި މުއާމަލާތްތަކެކެވެ. އަދި އެކަންކަމާ ގުޅިގެން އެކި ފަރާތްތަކަށް ދީފައިވާ ފައިސާ ހޯދުމުގައި އެކަމުގައި އިސްކޮށް އުޅުނު ކުރީ ސަރުކާރުގެ ވެރިންނަށް ދައުވާ ކުރަން މަސައްކަތް ފަށާފައިވާކަން އޭޖީ އޮފީހުން އޭރު ބަޔާނެއް ނެރެ ހާމަކުރި އެވެ.

މީގެ އިތުރަށް ޕީޕީއެމް-ޕީއެންސީން އިދިކޮޅުގައި ތިބިއިރު އެމްޑީޕީގެ ސަރުކާރުގެ ހިޔާނާތާއި ކޮރަޕްޝަންގެ އެންމެ ބޮޑު ވާހަކައަކަށް ދެއްކީ ބޮޑެތި އަދަދުތަކުން އަމިއްލަ ކުންފުނިތަކަށް ބަދަލުދެމުން ދިޔުމެވެ. އެއީ އެމްޑީޕީގެ ގާތް ވިޔަފާރިތަކަށް ނާޖާއިޒު މަންފާތަކެއް ހޯދައިދީ އެ ފައިސާ އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކަށް ހޯދުމަށް ހިންގާ އަމަލެއް ކަމަށް އޭރު ބުންޏެވެ.

އެކަމަކު މި ސަރުކާރުން ވެސް، އެކި ސިފައިގައި އެކި ނަމުގައި ބަދަލު ދިނުމުގެ ކުޅިވަރު މި ވަނީ ފަށައިފަ އެވެ. ކާޑެއްދޫ އެއާޕޯޓް ސަރުކާރަށް އަލުން ނެގުމުގެ ނަމުގައި ވިލާއަށް 18 މިލިއަން ޑޮލަރެވެ. އެންސިސްގެ ހުޅުމާލޭ މަސް ފެކްޓަރީ މިފްކޯއަށް ގަތުމުގެ ނަމުގައި 32 މިލިއަން ޑޮލަރުގެ މުއާމަލާތަކަށް މަޝްވަރާކުރުމެވެ. މިއީ ހައްތަހާ ވެސް ބަދަލު ދިނުމުގެ ޖަރީމާގެ ގޮޅިއެއް ފެތޭ ކަންކަމެވެ. 

ކޮމެންޓް (4)

މޫސާ ޤާސިމް

25 އޯގަސްޓު 2025
ނާއިފް ތީނާގެ މާޒީ ބަލާބަލަ، އެސްކޮބާ ކޮލަމްބިއާގައި ސްކޫލްތަކާ ހޮސްޕިޓަލްތަކާ ކުޅިވަރު ކުޅޭ ތަންތަނާ ތައުލީމަށް އިންވެސްޓްކުރި އެކަމް ހަޤީގަތުގައި އޭނާ ކުރާ ކަންތައް ރައްޔިތުންނަ އިންގޭ ކޮވިޑްގެ ހުރިހާ ލުއިތަކެއް ނަގާގެން މުވައްޒިފުންނަ މުސާރައިގެ ގޮތުގައި ދިނީ އެއްހާސް ރުފިޔާ ކޮވިޑްގެ ލޮކްޑައުން އުވާލީ އިރު މީނާ ހުންނާނީ މާލޭގައި ފިހާރަތަކާ ވިލާކޮލެޖްގައި އެއިރު ހަދަމުން ދިޔަ އިމާރާތް ނިންމާފަ މީނާ ބޭނުންވާ ގޮތައް ބަދަލް ނުލިބުނީ ޔާމީން ވެރިކަމުގައި ދެން އެބުނާ މާމިގިލީ އެއާޕޯޓް 99އަހަރަށް އެގްރިމެންޓް ބަދަލްކުރި ދުވަހު މާމިގިލީ ގައި އަޅަން ބުނި 100 އެނދުގެ ހޮސްޕިޓަލްކޮބާ؟ މީނާ މާމިގިލީގައި ޕޮލިސް ޕޯސްޓްއަޅާށޭ ކިޔާފާ ފަހުން އެއްބަސްވުމެއް ގައި ސޮއިކުރީވެސް ތިޔަ 21މިލިޔަން ބޭނުމުގައި..
6 0

ތެފައާސާ.

25 އޯގަސްޓު 2025
އަހަރެންވެސް މިއުޅެނީ މަޖީދީމަގުގައި އާއިލާއިން ހިންގާ ކުޑަ ޗައްޕަލް ފިހާރައަކުން މިފަހަކަށް އައިސް މާބޮޑު ފައިދާއެއް ނުނެރެވޭތީ ހަދާނޭގޮތެއް ނޭގިގެން. 18 ވަރަކަށް މިލިއަން ޑޮލަރަށް ސަރުކާރަށް ތަނާއި ހުރި ހުރިހާ އުފުލޭ/ނުއުފުލޭ މުދަލަކާއިއެއްކޮށް ދޫކޮށްލަން މިތިބީ ތައްޔާރަށް. އޭސީއިން ފެން ފައިބާތީ ގްރީ އޭސީއެއް އެޅުވިތާވެސް އަދި ވާނީ 9 މަސް. ސައިޒު ކަޓާފައިތިބި ކުރީގެ ސްޓައިލް ބޫޓު ކޮޅަކާ ކޮންމެވެސް ވަރަކަށް ފައިވާން/ޗައްޕަލް ވެސް އުޅޭނެ. އިކޮނޮމިކް ކައުންސިލްގައި މަޝްވަރާކުރުމަށްފަހު ގޮތެއް އަންގަވައިދެއްވުން އެދެން. (ނޯޓް: ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކުރިން ޑީލް ނިންމައި ލާރިކޮޅު އަތަށް އަރައިފިނަމަ ޕީއެންސީ ކެމްޕޭނަށް 20% ޚަރަދު ކުރާނަން. ހަމަ ހިލޭ ސާބަހަށް، މުގާބިލުގައި އިތުރު އެއްޗެއްގެ ބޭނުމެއް ނެތި)
7 1

ހިމާރުލްގައުމު

25 އޯގަސްޓު 2025
ޔާމީނުގެ ވެރިކަމުގަ މީނަ ހިތުހުރި އެއްޗެއް ނެހެދުނީމަ ފަނޑިޔާރުންނަށް ލާރި އަޅައިގެން ވެރިކަން ވައްޓާލަން އުޅުނީ
7 0

ޣިޔާސަން

25 އޯގަސްޓު 2025
ވީ.އެމް.ސީ މޯލިޑްވްސް ވެސް..... ވިލާއަށް
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް