ޕެންޝަން

ރާއްޖޭގެ ޕެންޝަން ނިޒާމަށް އާ ދިރުންތަކެއް ބޭނުންވެފައި

މިހާރު ޕެންޝަން ނިޒާމުގައި ހުރި މައްސަލަތައް ހައްލުކުރަން ޒަމާނީ ހައްލުތަކެއް ހޯދަން ޖެހޭ. ޕެންޝަން ނުދައްކާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުން ފެށިގެން ރިޓަޔަމެންޓް ސްކީމްތަކަށް ވެސް ބަދަލު ބޭނުންވޭ
7 އޯގަސްޓު 2025
10

މުހިންމު ނުކުތާތައް

ރިޓަޔަމެންޓް ޕެކޭޖްތަކާ އެކު ރިޓަޔަވުމަށް ފަހު އަނެއްކާ ދައުލަތުގެ ވަޒީފާ އަދާކުރާ މީހުންގެ މައްސަލަ ވެސް ހައްލުކުރެވެން އެބަ އޮތް

ވަޒީފާއިން މުސްކުޅިވާ އުމުރު މަތިކުރިޔަސް އެ މީހުންނަށް ޕެންޝަންގެ ކޮންމެވެސް އިނާޔަތެއް ލިބެން ޖެހޭނެ

ޕެންޝަން ފަންޑުން އިންވެސްޓްކުރެވެން ހުރި ދާއިރާތައް ގިނަކޮށް ގާނޫނަށް ބަދަލު ގެނައުމުން މިހާރު ވެސް ލަސް

އުމުރުން ދުވަސްވީ ކުރީގެ ހިދުމަތްތެރިންނާ ބައްދަލުވުމުން ބުނެ އެވެ. އަހަރެންގެ މުޅި އުމުރު ހޭދަކުރީ ދައުލަތަށް ހިދުމަތްކުރުމުގަ އެވެ. ނަމަވެސް އުމުރުން 65 އަހަރު ވުމާ އެކު، ދައުލަތަށް އެއްވެސް ހިދުމަތެއް ނުކުރާ މީހެކޭ އަހަންނެކޭ އެއްފަދަ އެވެ. ކުރިން ލިބުނު ޕެންޝަން ލާރިކޮޅު ނުލިބި މިހާރު ހަމައެކަނި އޮތީ 5،000ރ.އަށް ބަރާސޯވުމެވެ.

މިއީ ދިގު މުއްދަތެއްގައި ދައުލަތަށް ހިދުމަތްކުރި އެތައް ބައެއްގެ ޝަކުވާ އެވެ.

އަނެއް ބަޔަކު ބުނަނީ ޕެންޝަނަށް ރައްކާކުރާ ފައިސާ އަހަރެން ދުނިޔޭގައި ހުންނަ އިރު ނުލިބި ވެސް ހިނގައި ދާނެ އެވެ. އެހެންވީމާ މުސާރައިން ޕެންޝަނަށް ކެނޑުމަކީ އަހަންނަށް ފައިދާއެއް ހުރި ކަމެއް ނޫނެވެ.

އެހެން ބަޔަކު ބުނެފާނެ އެވެ. ޕެންޝަނަށް ކަނޑާ އެއްޗެއް އަހަރެމެން ބޭނުން އިރަކު ލިބެން ޖެހޭނެ އެވެ.

ޕެންޝަން އޮފީހުގެ ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ކުރިއަށް ދަނީ: ރާއްޖޭގެ ޕެންޝަން ނިޒާމަށް ހުރި ގޮންޖެހުންތައް ގިނަ (ފޮޓޯ/ޕެންޝަން އޮފީސް)

ދެން ފެންނަނީ ރިޓަޔާމެންޓް ޕެކޭޖަކާ އެކު ވަޒީފާއިން ރިޓަޔަކުރާ ބައެއް މީހުން ވެސް އަނެއްކާ ދައުލަތުގެ އެކި މަގާމުތައް ފުރާ ތަނެވެ. އެ މީހުންނަށް އެ މަގާމުތަކުގެ މުސާރައިގެ އިތުރުން ރިޓަޔަމެންޓް އެލަވަންސް ވެސް ލިބެ އެވެ.

މި ހުރީ ރާއްޖޭގެ ޕެންޝަން ނިޒާމާ ގުޅިފައި ހުރި ޝަކުވާތަކާއި މައްސަލަތަކެވެ. ކޮންމެ ކަމެއްގައި ވެސް ޝަކުވާ ހުންނާނެ އެވެ. އެކި މީހުންގެ ވިސްނުން ތަފާތުވުމުން ތިމާއަށް ވަކި ކަމެއް ނަގައިގަނެވޭ ގޮތާއި އެކަން އަސްލު އޮންނަ ގޮތް ވެސް ތަފާތުވެ އެވެ. ޕެންޝަން ނިޒާމަށް ވެސް އެ ހިޔާލު ތަފާތުވުން އަމާޒުވެ އެވެ.

ގާނޫނެއްގެ ދަށުން ރާއްޖޭގައި ޕެންޝަން އޮފީސް ރަސްމީކޮށް ގާއިމްކޮށް މޯލްޑިވްސް ރިޓަޔަމެންޓް ޕެންޝަން ސްކީމް ފެށީ 2009ގަ އެވެ. އޭގެ އިތުރުން ޕެންޝަން އޮފީހުގެ ޒިންމާގެ ތެރޭގައި ޕެންޝަންގެ އެހެން ބައިބައި ވެސް ހިމެނެ އެވެ. މިސާލަކަށް 65 އަހަރު ވުމުން ދައުލަތުން ދޭ އަސާސީ ޕެންޝަނާއި ދައުލަތުގެ އެކި އިދާރާތަކުން ރިޓަޔަވުމުން ދޭ ހާއްސަ އެލަވަންސް ފަދަ މާލީ އެހީތެރިކަން ވެސް، ޕެންޝަން އޮފީހުން ބަލަހައްޓަ އެވެ.

ޕެންޝަން އޮފީހުގެ ބައެއް ތަފާސްހިސާބު

  • 194،855: ރިޓަޔަމެންޓް ޕެންޝަންސް ސްކީމްގެ ބައިވެރިން

  • 185،615: މިހާރު ވެސް ޕެންޝަނަށް ފައިސާ ރައްކާކުރާ މީހުންގެ އަދަދު (މަހުން މަހަށް ބަދަލު އާދޭ)

  • 1.8 ބިލިއަން ރުފިޔާ: 2024ގައި ޕެންޝަނާއި އެހެން އިނާޔަތްތަކުގެ ގޮތުގައި ދޫކުރި

  • 113 މިލިއަން ރުފިޔާ: އަސާސީ ޕެންޝަނަށް މިދިއަ 12 މަސް ދުވަހު މަހަކު އެވްރެޖްކޮށް ދޫކުރި މިންވަރު

  • 13.3 މިލިއަން ރުފިޔާ: ރިޓަޔަމެންޓް ޕެންޝަން ސްކީމްގެ ތެރެއިން މިދިއަ 12 މަހު އެވްރެޖްކޮށް މަހަކަށް ދޫކުރި

ރާއްޖޭގެ ޕެންޝަން ނިޒާމް ކުރިއަށް ގެންދަނީ ވަރަށް ފަރުވާތެރިކަމާ އެކުގަ އެވެ. އެކަން އެނގިވަޑައިގަންނަވާ އެއް ބޭފުޅަކީ ޕެންޝަން އޮފީހުގެ އިސް މަގާމުތަކެއް ފުރުއްވި މާލީ އަދި އެކައުންޓިން ދާއިރާގެ ތަޖުރިބާކާރެއް ކަަމަށްވާ މުހައްމަދު ޝާހިދު އެވެ. އޭނާ ވަނީ ޕެންޝަން އޮފީހުގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއީއޯ)ގެ މަގާމު ފަސް އަހަރު އަދާކުރައްވައިފަ އެވެ.

ޝާހިދަކީ ޕެންޝަން ނިޒާމްގެ މުހިންކަން ގަބޫލުކުރައްވައި އެ ނިޒާމް މިހާރަށް ވުރެ ވެސް ފުޅާކުރައްވަން ޖެހޭނެ ކަމަށް، އެކި ބައްދަލުވުންތަކުގައި ވާހަކަ ދައްކަވާ ބޭފުޅެކެވެ. މިހާރު ކުރިމަތިވާ މައްސަލަތަކަށް ގެނެވިދާނެ ހައްލުތަކާ މެދު ވެސް ވިސްނަވަ އެވެ.

މި ފަހުން އިމިގްރޭޝަނަށް މުވައްޒަފުން ހޯދަން ކުރި އިއުލާނާ ގުޅިގެން ޒުވާނުންތަކެއް އިންޓަވިއުއަށް ގޮސް: ވަޒީފާ އަދާކުރާ އިރު ޕެންޝަނަށް ވަކި މިންވަރެއް ކަނޑަނީ ކުރިމަގަށްޓަކައި (ފޮޓޯ/އިމިގްރޭޝަން)

ޝާހިދުގެ ނަޒަރުގައި ޕެންޝަނަށް ފައިސާ ރައްކާކުރުމަކީ ކޮންމެ މީހެއްގެ ވެސް ކުރިމަގަށް އޮތް ހެވެކެވެ. އެކަން ކުރުމުގެ ފައިދާ ވެސް ހަޔާތުގެ ފަހުކޮޅު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން އަމިއްލައަށް ވެސް ޕެންޝަން ސްކީމްގައި ބައިވެރިވެ، ފައިސާ ރައްކާކުރުމަކީ މުހިންމު ކަމެއް ކަަމަށް އޭނާ ދެކެވަޑައިގަނެ އެވެ.

ބައެއް މީހުން "މި ސުވާލު ކުރަނީ 5،000ރ. ލިބޭނެ ނޫންހޭ [65 އަހަރު ވީމާ]. އެހެންވީމާ ކީއްކުރަންހޭ ސޭވްކުރަނީ؟ އެކަމަކު އެއީ އަމިއްލައަށް ރައްކާކުރުން. އެއްޗެއް ސޭވްކުރުމަކީ ލިބޭ ފަހުރެއް،" ޝާހިދު ވިދާޅުވި އެވެ.

"އަނެއްކޮޅުން ބަލާއިރު އެއީ ގެރެންޓީއެއް އޭނާއަށް އެ ފައިސާ ލިބޭނެކަން. [އެހެންވީމާ] ހަމައެކަނި 5،000ރ.އަށް ބަރޯސާނުވެ އިތުރުކުރަންވިއްޔޭ. [އޭރުން] ސޭވްކުރާ ވަރަކަށް ރިޓަޔާވެގެން އެ ލިބޭ ވަރު އިތުރުވެގެން ދާނެ."

މިހާރު ގާނޫނު އޮތް ގޮތުން ވަޒީފާގައި އުޅޭ މީހާ އާއި ވަޒީފާ ދޭ ފަރާތުން، ކޮންމެ ބަޔަކު، މުސާރައިގެ %7 ޕެންޝަނަށް ދައްކަން ޖެހެ އެވެ. މާނައަކީ ޕެންޝަނަށް ފައިސާ ދައްކާ މީހާގެ މުސާރައިގެ ނިސްބަތުން %14 ޖަމާވަމުން ދިއުމެވެ. އުމުރުން 65 އަހަރު ވާ އިރު ދައުލަތުން ދޭ 5،000ރ.އަށް ވުރެ އޭނާގެ ޕެންޝަން ސްކީމްގައި ހުރި އަދަދުން މަހަކަށް ޖެހޭ މިންވަރު 10،000ރ.އަށް އަރާ ނަމަ އެއިން ވެސް ބައެއް އެމީހަކަށް ލިބެ އެވެ. ޕެންޝަން ސްކީމްގައި ހުރި އަދަދުން މަހަކަށް ޖެހޭ ވަރު 10،000ރ.އަށް ވުރެ ބޮޑު ނަމަ އެ މިންވަރުގެ އިނާޔަތެއް ކޮންމެ މަހަކު ލިބޭނެ އެވެ.

ވީއައިއޭގައި ޓޫރިސްޓުންގެ ހިދުމަތުގައި ރިސޯޓްތަކުގެ ރެޕުން ހަރަކާތްތެރިވަނީ: އިގުތިސާދު ފުޅާވާ ވަރަކަށް ވަޒީފާ ވެސް ގިނަވަންވާނެ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އެހެންކަމުން ދުރު މުސްތަގުބަލަށް ބަލާ ނަމަ ވަޒީފާގެ ދުވަސްވަރު ޕެންޝަން ނިޒާމުގައި ބައިވެރިވެ ފައިސާ ރައްކާކުރުން ވަރަށް މުހިންމެވެ.

އެކަމަކު މުޅި ނިޒާމަށް ބަލާއިރު ޝާހިދުގެ ކަންބޮޑުވުންތަކެއް ވެސް އެބަ ހުއްޓެވެ. އޭގެ ތެރެއިން ޕެންޝަނަށް ފައިސާ ކެނޑުމަށް ފަހު ޖަމާނުކުރުމަކީ އެއް މައްސަލަ އެވެ. އަނެއް މައްސަލައަކީ ޕެންޝަންގައި ބައިވެރިވިޔަސް ވަޒީފާ ދޭ ފަރާތްތަކުން އަމަލްނުކުރުމެވެ. 

"ޕެންޝަނަށް ކަނޑާފައި އެެ ފައިސާ ޖަމާނުކޮށްދީ އެބަ ހުރޭ. މިއީ ވަރަށް ދެރަކަމެއް ހަގީގަތުގައި. އެއީ އަމާނާތެއް އަދާކުރަން ޖެހޭ،" ޝާހިދު ވިދާޅުވި އެވެ.

ޕެންޝަނަށް ފައިސާ ނުދައްކާ ނަމަ ފިޔަވަޅު އެޅިދާނެ

މުވައްޒަފުންގެ މުސާރައިން ޕެންޝަނަށް ފައިސާ ކަނޑާ ނަމަ އެ އޮފީހަކުން ނުވަތަ ކުންފުންޏަކުން މުވައްޒަފުންގެ ޕެންޝަން އެކައުންޓަށް އެ ޖަމާކުރަންވާނެ އެވެ. ޝާހިދު ވިދާޅުވި ގޮތުގައި ސަރުކާރުގެ ބައެއް ތަންތަނާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުން ވެސް އެ ފައިސާ ނުދައްކާ ހުރެ އެވެ.

"އަޅުގަނޑު އެންމެ ކަންބޮޑުވަނީ ދައުލަތުގެ ބައެއް ތަންތަން ވެސް އެ ލިސްޓަށް އައިސް ހުރުން،" ޝާހިދު ވިދާޅުވި އެވެ.

"މިސާލަކަށް ހުރެދާނެ ޖަމާކުރާ ދުވަސް އަދި 15 ވަނަ ދުވަހަށް ޖަމާނުކުރިޔަސް ވަގުތުކޮޅެއް ހިނގައިދާނެ. އެހެންނަމަވެސް އެއް މަސް ދެ މަސް ދާއިރު އެއީ ހަގީގަތުގައި ވެގެންވާނެ ގޮތެއް ނޫން."

ޕެންޝަނަށް ފައިސާ ނުދައްކާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުން މިހާރަށް ވުރެ ހަރުދަނާކުރަން އޭނާ ތާއީދުކުރައްވަ އެވެ. އެއީ ބައެއް ކަންކަމުގައި ސަރުކާރުން ގެންގުޅޭ އުސޫލަށް ބަލާއިރު ވެސް ކުރެވިދާނެ ކަމެކެވެ.

މިސާލެއްގެ ގޮތުން ޝާހިދު ނެންގެވީ ސަރުކާރުގެ ބައެއް ކަންކަމަށް ހުށައަޅާއިރު ޓެކްސް ދައްކާފައި އޮތްތޯ ބަލަން މީރާއިން ހޯދާ ލިއުމެވެ. ސަރުކާރުން ދޭ ގައުމީ އިނާމު ފަދަ އެއްޗިއްސަށް ކުރިމަތިލާ އިރު ވެސް މީރާގައި އެ މީހެއްގެ ރެކޯޑް ސާފުތޯ ބަލަ އެވެ. އާ ވިޔަފާރިއެއް ރަޖިސްޓްރީކުރާއިރު އެ ވިޔަފާރިއެއް އޮޓަމެޓިކުން ޕެންޝަންގައި ވެސް ރަޖިސްޓްރީވެ އެވެ. އެކަމަކު ޕެންޝަން ދައްކާތޯ ގަވާއިދުން ބަލައި، ނުދައްކާ ބަޔަކާ މެދު ފިޔަވަޅެއް ނޭޅެ އެވެ.

ޝާހިދު ވިދާޅުވި ގޮތުގައި ޕެންޝަން ނިޒާމަށް ގެންނަ ޖެހޭ ބަދަލުތައް އަވަސްކުރުން މުހިންމު (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް)

ޝާހިދު ވިދާޅުވި ގޮތުގައި މީރާއިން ރެކޯޑް ސާފުކުރާ ގޮތަށް ޕެންޝަންގެ ކަންކަން ވެސް ބެލުން ރަނގަޅެވެ.

އެއްގޮތަކީ، ޝާހިދުގެ ނަޒަރުގައި، މީރާއިން ސާފުކުރަން ޖެހޭ މައުލޫމާތު ހޯދަން ޖެހޭ ކަންކަމުގެ ތެރެއަށް ޕެންޝަންގެ މުއާމަލާތްތައް ހުރީ ރަނގަޅަށްތޯ އިތުރުކުރުމެވެ.

މިސާލަކަށް އޮފީހެއް ނުވަތަ ކުންފުންޏެއްގައި "ދިވެހިންގެ ފަސް މުވައްޒަފުން ތިބި ކަމަށް އެއްވެސް މުއައްސަސާއެއްގެ ރެކޯޑްތަކުން ދައްކާ ނަމަ އަނެއް މުއައްސަސާއަކުން އޭތި ބޭނުންކުރެވިދާނެެ. އެގޮތަށް މަސައްކަތްކުރެވޭނެ ގޮތްތައް ހުންނާނެ،" ޝާހިދު ވިދާޅުވި އެވެ. 

މުހިންމީ، އޭނާ ވިދާޅުވި ގޮތުގައި، އުސޫލުތަކަށް އަމަލްނުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމެވެ. ހާއްސަކޮށް ޕެންޝަން ކަހަލަ، ވަޒީފާ އަދާކުރާ މީހާގެ އެހާ ބޮޑު ހައްގެއް ނިގުޅައިގަނެވޭ ނަމަ އެވެ.

14% އެއްކޮށް ދައްކައިދޭ ނަމޫނާ ފަރާތްތައް

ޕެންޝަން ގާނޫނު ބުނާ ގޮތުން ވަޒީފާ ދޭ ފަރާތުން ޕެންޝަންގެ މުޅި ޖުމްލަ ޖަމާކުރުމުގެ ފުރުސަތު ވެސް އޮވެ އެވެ. މާނައަކީ މުވައްޒަފު އަތުން އެއްވެސް އެއްޗެއް ނުކަނޑައި، މުސާރައިގެ %14 އަށް ޖެހޭ މިންވަރު އެ ކުންފުނިން ދެއްކުމެވެ.

ޝާހިދު ވިދާޅުވި ގޮތުގައި އެފަދަ ކުންފުނިތައް ރާއްޖޭގައި ހިންގަ އެވެ. އޭނާގެ ނަޒާރުގައި އެއީ ނަމޫނާ ކުންފުނިތަކެެކެވެ. އެއީ މުވައްޒަފުންގެ އަގު ރަނގަޅަށް ވަޒަންކުރުމެވެ.

"މުވައްޒަފުންނަށް ރަނގަޅަށް ކަމެއް ކޮށްދިނުމުގެ ނިޔަތުގައި 14 ޕަސެންޓް އެއްކޮށް ކުންފުނީގެ ފަރާތުން ދޭ ތަންތަން އެބަ ހުރި،" ޕެންޝަން އޮފީހުގައި މަސައްކަތްކުރެއްވި އިރުގެ ތަޖުރިބާ ހިއްސާކުރައްވަމުން ޝާހިދު ވިދާޅުވި އެވެ.

"ހަގީގަތުގައި އެކަހަލަ ކުންފުނިތަކަކީ މުވައްޒަފުންގެ މަސައްކަތުން ކުންފުންޏަށް ލިބޭ ކުރިއެރުން އަގުވަޒަންކޮށް އެކަން ސާބިތުކޮށްދޭ ބައެއް. ހަގީގަތުގައި ކުންފުންޏެއް ނޫނީ ވިޔަފާރިއަކަށް އެންމެ ބޮޑު ކުރިއެރުމެއް ހޯދައިދިނުމުގައި ބުރަކޮށް މަސައްކަތްކުރާ ބަޔަކީ މުވައްޒަފުން."

މި ނަމޫނާ ކުންފުނިތަކުގެ ވާހަކަ ގިނަ މީހުންނަކަށް ނޭނގޭނެ އެވެ. އެ ކުންފުނިތަކުން އެ ވާހަކަ އާންމެއް ވެސް ނުކުރެ އެވެ. އެކަމަކު މިއީ ގާނޫނުގައި ލާޒިމްކުރާ މިންވަރަށް ވުރެ ވެސް ބޮޑަށް މުވައްޒަފުންގެ ކުރިމަގަށް އެ ކުންފުނިތަކުން އަޅާލުމެވެ.

އިންވެސްޓްކުރުން ފަސޭހަކޮށްދޭން ޖެހޭ

ޕެންޝަން ފަންޑަކީ އަބަދުވެސް ދިރިދިރި އޮންނަން ޖެހޭ އެއްޗެކެވެ. ވަޒީފާއިން ރިޓަޔަކުރާ މީހުންނަށް ޕެންޝަނަށް ދޫކުރާ ފައިސާ ލިބޭ މައިގަނޑު އެއް މަގަކީ ވަޒީފާ އަދާކުރާ މީހުން ޖަމާކުރާ ބަ އެވެ. އަނެއް ވަސީލަތަކީ ފަންޑުގައި ހުންނަ ފައިސާ އެހެން ކަންކަމަށް އިންވެސްޓްކުރުމެވެ. މިހާރު ވެސް ޕެންޝަން ފަންޑުގެ ބޮޑު ބައެއް ހުރީ އެކި ކަންކަމަށް އިންވެސްޓްކޮށްފަ އެވެ.

ނަމަވެސް ޕެންޝަން ގާނޫނަށް އަމަލްކުރަން ފެށީ މީގެ 15 އަހަރު ކުރިން ކަމަށް ވާތީ ޒަމާނާ އެކު އަންނަން ޖެހޭ ބަދަލުތަކެއް އެބަ ހުއްޓެވެ. އޭރަށް ވުރެ އިންވެސްޓްކުރެވޭނެ ދާއިރާތައް ގިނަ ވެއްޖެ އެވެ. ނަމަވެސް ޕެންޝަން އޮފީހަށް ގާނޫނީ ގޮތުން ހުރި ހުރަސްތައް ގިނަ އެވެ.

ޝާހިދު ވިދާޅުވި ގޮތުގައި ސިއްހަތު ރަނގަޅު ޕެންޝަން ސްކީމެއް ހިންގަން ބޭނުން ނަމަ އިތުރު މަގުތައް ހޯދައިދޭން ޖެހޭނެ އެވެ.

ހުޅުމާލޭ ދެވަނަ ފޭސްގައި ހަދާފައި ހުރި ފްލެޓްތަކެއް: ބޯހިޔާވަހިކަމުގެ ދާއިރާ ފަދަ ކަންކަމަށް ޕެންޝަން ފަންޑުން އިންވެސްޓްކުރެވޭނެ ގޮތެއް މިހާރަކު ނެތް (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

"މިސާލަކަށް ބަލާ ނަމަ ރައްޖޭގެ އެންމެ ބޮޑު އަސާސީ އެއް ކަމަކީ ބޯހިޔާވަހިކަން. އެކަމަކު ބޯހިޔާވަހިކަމަށް އިންވެސްޓްކުރެވޭނެ މެކޭނިޒަމެއް އަދި ނެތް ޕެންޝަން ފަންޑު މެދުވެރިކޮށް. އެއީ ގަނޫނުން އެކަހަލަ އިންވެސްޓްކުރެވެން ނެތް،" ޝާހިދު ވިދާޅުވި އެވެ.

މިހާރު އިންވެސްޓް މިކުރެވެނީ "ހަމައެކަނި ވަރަށް އަސާސީ [ކަންކަން] ހިއްސާ ގަތުން ނޫނީ ފިކްސްޑް ޑިޕޮސިޓް. ރަނގަޅު އާމްދަނީއެއް ހޯދައި ފައިދާއެއް ލިބޭ ވިޔަފާރިއަކަށް އިންވެސްޓްކުރަން ފުރުސަތު ހުޅުވާލުން...އެއީ އެއް ކަންތައް [ކުރެވޭނެ.]"

ޕެންޝަން ފަންޑުތަކުން އިންވެސްޓްކުރާ އިރު ވަރަށް ބޮޑަށް ވިސްނައި، ވަރަށް ރަނގަޅަށް ކަންކަން ބަލަހައްޓަ އެވެ. އެއީ އެތައް ބައެއްގެ ދިރިއުޅުމާ ގުޅިފައި އޮންނަ މާލީ ބާރަކަށް ވުމާ އެކު، ގޯހެއް ހެދި، ގެއްލުން ވެއްޖެ ނަމަ އޭގެ ނުބައި އަސަރު އުމުރުން ދުވަސްވީ މީހުންނަށް ފޯރަ އެވެ. އެހެންކަމުން ޕެންޝަން ފަންޑްތަކުގެ އިންވެސްޓްމަންޓްތަކަށް ފަރުވާތެރިވުން، އާންމު އެހެން ވިޔަފާރިތަކަށް ވުރެ، ބޮޑުވެ އެވެ.

ނަމަވެސް އޭގެ މާނައަކީ ފައިދާ ކަށަވަރުވާ ކަންކަމަށް އިންވެސްޓްނުކޮށް ތިބުމެއް ނޫނެވެ. 

ރިޓަޔަމަންޓް އެލަވަންސް ނުލިބޭ ގޮތަށް ވަޒީފާ އަދާކުރެވިދާނެ

ރާއްޖެއިން މިހާރު ފެންނަ އާންމު މަންޒަރެކެވެ. ދައުލަތުގެ އިދާރާއަކުން ބޮޑު ޕެކޭޖަކާ އެކު ރިޓަޔަކުރަނީ އެވެ. އެކަމަކު ހަމަ އެ މީހާއަށް ދައުލަތުގެ އެހެން މަގާމެއް އެބަ ދެ އެވެ. އެ މުސާރަ އާއި ރިޓަޔަމެންޓް ސްކީމްގެ އެލަވަންސް އެކުއެކުގައި ހިނގަނީ އެވެ. މިއީ އާންމުންގެ ވެސް ފާޑުކިޔުން އަމާޒުވެފައި އޮތް މައްސަލައެކެވެ.

ޝާހިދު ވިދާޅުވީ އެކަމަށް ވެސް ހައްލުތަކެއް ގެނެވިދާނެ ކަމަށެވެ. އެގޮތުން އޭނާ ނެންގެވި ޕޮއިންޓަކީ ރިޓަޔަކޮށްފައި ހުރި މީހަކު ދައުލަތުން މުސާރަ ލިބޭ މަގާމެއް އަަދާކުރާ ނަމަ އޭނާގެ ރިޓަޔަމެންޓް އެލަވަންސް ހިފެހެއްޓުމެވެ.

"އެ ބޭފުޅަކު އަނބުރާ ވަޒީފާ އަދާކުރާ ކަމަަށް ވަނީ ވިއްޔާ ކޮންމެ މަހަކަށް ލިބޭ އެތި އެެއީ އޭނާގެ ފަރާތުން ޕެންޝަން ފަންޑަށް ޖަމާކުރާ އެއްޗަކަށް ހެދިމާ ނިމުނީ،" ޝާހިދު ވިދާޅުވި އެވެ.

"އެގޮތަށް ބަދަލުކުރީމާ  އޭނާއަށް ލިބޭ އެއްޗެއް އުނިވަނީކީ ނޫން. އަތަށް ދިނުމުގެ ބަދަލުގައި ޕެންޝަންގެ އެކައުންޓަށް [ވަންނަނީ]. އޭރުން ޕެންޝަން އެކައުންޓްގައި އެ ފައިސާ ބޮޑުވެގެން އޭނާ [އަނެއްކާ] ރިޓަޔަވާއިރު ލިބޭ އެއްޗެއް ބޮޑުވެގެން ދާނެ."

ބަދަލަކަށް ބޭނުންވޭ. އެހެން ނޫނީ ކުރިމަގު އައްޔެއް ނޫން

ޕެންޝަން ނިޒާމު ހަރުދަނާކޮށް އޮތަސް ގައުމުގެ ބަދަލުވަމުން އަންނަ ހާލަތާ އެއްގޮތަށް އެ ނިޒާމު ވެސް ދިރުވަން ޖެހެ އެވެ. މިދިއަ އެޕްރީލް މަހު ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން ވަނީ ޕެންޝަން ނިޒާމަށް ގެންނަ އިސްލާހުތަކާ މެދު ޕެންޝަން އޮފީހުގެ ހިޔާލު ވެސް ހޯދައިފަ އެވެ.

ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާ ހަލީމުގެ ކަންބޮޑުވުންތަކެއް އެ ބައްދަލުވުމުގައި ވިދާޅުވި އެވެ. އެގޮތުން ޕެންޝަނުން އެކި މީހުންނަށް މިހާރު ލިބޭ އެއްޗެއް ބޮޑު ތަނުން މަދުވެގެން ނުވާނެކަން ފާހަގަކުރެއްވި އެވެ.

"ބަޔަކަށް ލިބެމުން ދާ އެއްޗެއް ހުއްޓުން، ނުވަތަ މާ ބޮޑަށް މަދުވެގެން ދިޔުމަކީ އެހާ އެދެވޭ ގޮތަކަށް ނުވާނެ އިސްލާހެއް ގެންނައިރު،" ސުޖާތާ ވިދާޅުވި އެވެ. 

ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާ ހަލީމް: އޭނާ ވިދާޅުވީ ޕެންޝަންގެ ނިޒާމަށް އިސްލާހުތަކެއް ބޭނުންވާ ކަމަށް (ފޮޓޯ/ޕެންޝަން އޮފީސް)

އޭނާ ދެން ހުށައެޅުއްވީ މިހާރު ވަޒީފާއިން މުސްކުޅިކުރާ އުމުރު ކަަމަށްވާ 65 އަހަރު މަތިކުރުމެވެ. އެގޮތަށް ހުށައެޅުއްވުމުގެ ސަބަބު ވެސް އެބަ އޮތެވެ: ރާއްޖޭގެ އާބާދީގައި އުމުރުން ދުވަސްވީ މީހުން ގިނަވުމާއި އެއާ އެކު ދައުލަތުން ޕެންޝަނަށް ކުރާ ހޭދަ ވެސް މަތިވުމެވެ. ހިސާބުތަކުން ދައްކާ ގޮތުން މިވަގުތު އަސާސީ ޕެންޝަން ލިބޭ މީހުންގެ ނިސްބަތް އާބާދީގެ %4ގައި ހުރި އިރު 2030ގައި އެ މިންވަރު %7އަށް އަރާނެ އެވެ.

މިހާރު އަސާސީ ޕެންޝަނަށް މަހަކު އެވްރެޖްކޮށް 110 މިލިއަނަށް ވުރެ ބޮޑު އެއްޗެއް ހޭދަކުރެ އެވެ. މީގެ ފަސް އަހަރު ފަހުން އެ މިންވަރު 200 މިލިއަން ރުފިޔާއަށް އަރާނެ އެވެ. އެއީ އަހަރަކަށް 2.4 ބިލިއަން ރުފިޔާ އެވެ.

އެކަމަކު ޝާހިދު ވިދާޅުވި ގޮތުގައި ވަޒީފާއިން މުސްކުޅިކުރާ އުމުރު 65 އަހަރަށް ބަދަލުކުރުމުން ނުކުމެދާނެ އެހެން ގޯސްތަކެއް ހުރެދާނެ އެވެ. އެއީ ޕެންޝަންގެ އިނާޔަތް ލިބޭ މުއްދަތު، މީހާގެ އުމުރުން ކުރުވުމެވެ. މިސާލަކަށް ވަޒީފާއިން މުސްކުޅިވާ އުމުރު 70 އަހަރަށް ހަދައިފި ނަމަ ރާއްޖޭގެ އެވްރެޖް އުމުރަށް ބަލާއިރު ދެން އޮންނާނީ ވަރަށް ކުރު މުއްދަތެކެވެ.

އެޕްރީލް މަހު ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ޕެންޝަން އޮފީހާއި ސިވިލް ސާވިސް ކޮމިޝަންގެ ވެރިން ބައިވެރިވަނީ (ފޮޓޯ/މަޖިލިސް)

ޝާހިދު ދެކެވަޑައިގަންނަވާ ގޮތުގައި ވަޒީފާއިން މުސްކުޅިވާ އުމުރު ދިގު ކުރިޔަސް ޕެންޝަންގެ ކޮންމެވެސް އެއްޗެއް ލިބޭ ގޮތް ހެދިދާނެ އެވެ.

"މިހާރު ވެސް ޝަކުވާއަކީ ތިމަންނަ ރައްކާކުރި އެއްޗެެއް ތިމަންނައަށް އުމުރުން ބާކީ އޮތް ބައިގައި ހޭދަކޮށްލަން ލިބޭނީ ކޮން އިރަކުންހޭ. މިހާރުގެ ޖަވާބަކީ 65 އަހަރޭ. އެކަަމަކު އެ އޭޖް މަތިކޮށްފިއްޔާ އެދިޔައީތާ އެބައި ވެސް،" ޝާހިދު ވިދާޅުވި އެވެ.

"އެހެންވިއްޔާ އެއްކަލަ ބަދަލު ގެންނަ ކަމަށް ވާ ނަމަ އެއް ކަމެއް އެއީ 65 އަހަރުން ފެށިގެން، މިސާލަކަށް ރިޓަޔަމެންޓް އޭޖަކީ 70 އަހަރު ކަަމަށްވާ ނަމަ 65 އަހަރާއި 70 އަހަރާ ދެމެދު ހަދާށޭ ކޮންމެވެސް ވަރެއްގެ އިނާޔަތެއް ލިބޭ ގޮތަށް، އޭރުން އެއީ ލިބޭ ހިތްހަމަޖެހުމެއްތާ ސޭވްކުރި އެއްޗަކުން ކޮންމެވެސް އެއްޗެއް ލިބޭތީ."

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ސުޖާތާ އެހެން ކަންބޮޑުވުމެއް ވެސް ފާހަގަކުރެއްވި އެވެ. އެއީ ވަޒީފާ އަދާކުރާ މީހުން މަދުވެ ޕެންޝަނަށް ޖަމާވާ މިންވަރު ވެސް ދަށްވަމުން ދިއުމެވެ. އެކަމަކު އިގުތިސާދު ފުޅާވާ ވަރަކަށް ވަޒީފާ އިތުރުވުމަކީ ތަބީއީ ކަމެކެވެ. އެހެން ކަމަށް ވާ ނަމަ ވަޒީފާ އަދާކުރާ މީހުންގެ އަދަދު މަދުވަނީ ކިހިނެއްތޯ އާއި އެއީ ވަޒީފާ އަދާކުރިިޔަސް ޕެންޝަންގައި ރަޖިސްޓްރީވާ މީހުން މަދުވުންތޯ ކަށަވަރުކުރަން ޖެހެ އެވެ.

އާބާދީ މުސްކުޅިވާ ވަރަކަށް ޕެންޝަން ނިޒާމަށް ހުރި ގޮންޖެހުންތައް ގިނަވާނެ އެވެ. ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކަށް ވެސް އޮތީ އެ މައްސަލަ އެވެ. އެހެންކަމުން ރާއްޖޭގެ ޕެންޝަން ނިޒާމުގެ ކުރިމަގު އުޖާލާވާނީ މި ޒަމާނަށް ފެތޭ ބަދަލުތައް އަވަހަށް ގެނެސްގެންނެވެ.

ކޮމެންޓް (10)

އިބޫ

19 އޯގަސްޓު 2025
މިއީ ވ ނާއިންސާފު ފަންޑް އެއް.. މަސައްކަތް ކުރާ މީހުނަށް ހިތްވަރު ލިބޭ ފަންޑެއް ނޫން... އަޅުގަނޑު އުމުރު އެކުގައި މަސައްކަތް ކޮށް ފަންޑަށް ފައިސާ ލީ އިރު މި ހުރީ 8.25 ލައްކަ ރުފިޔާ، އެ 14 އަހަރަށް ބެހުމުން މަހަކަށް މިޖެހެނީ 4910.71ރ އެހން ވީމަ އެކިޔާ އަސާސީ ޕެންސްނަ ގޮތުގައި މި ލިބެނީ 89.29ރ . އެކަމު އެއވެސް ކޮންޓްރިބިޔުޝަން އެއް ނުކުރާ މީހާ އަސް ދައުލަތުން 5000ރ އެބް ދޭ...
1 0

އައިޖޭ

19 އޯގަސްޓު 2025
ޕެންސަން ފަންޑް މި 4% ގެ ޓީބިލް އަިން ސލާމަތް ކުރަން ޖެހޭ.. ހައުސިންގ ގައި އިންވެސްޓް ކޮށް، ސިންގަޕޯރ އެޗްޑީބީ މޮޑެލް އަށް ދާންޖެހޭ... ހަުއސިންގ އަށް ބެްނކް ތަކުން %9 - %11.75 އަށް ލޯން ދޭ އިރު ޕެންސަން ފައިސާ ސަރުކާރު ގެ ޓީބިލް ގައި %4 ގަިއ ތާށި ވެފައި.. މިކަމަށް ހައްލެއް ބޭނުންވޭ... ޕެންސަން ފަންޑް އިން އެފްޑީސީ، އެމްޓީސީ އާއިއެކު ހައުސިންގ ޕާޓްނަރ އަކަށް މިހާރުވެސ ްވެވިދާނެ ދޯ
1 0

ހ. ހުސައިން

9 އޯގަސްޓު 2025
މައްސަލަ ހައްލުނުވެ ދިގުލައިގެން މި ގައުމުގައި ދަނީ އެކަން ނޭންގިގެން ކަމަށް ގަބޫލުކުރަން ދަތި. ނަމަވެސް އިހުލާސްތެރި ކަމެއް ނެތީމާ ގައުމަށް ލިބޭންނުޖެހޭ އެތަކެއް ދެރައެއް ތަކުރާރުކޮށް ލިބެމުންއެދަނީ.
1 0

ސުލްބާން

8 އޯގަސްޓު 2025
ގައުމު ލޫޓުވައި، ޑަބަލް ޕެންޝަންގެ ހަރާން ފައިސާ ލިބޭ މީހުންނަށް އެ ލިބޭ ހަރާމް ލާރި ލިބުން ހުއްޓެން ނޭދޭ ކަމަށް ވިދާޅުވެ ޕެންޝަން އޮފީހުގެ ވެރިޔާ ދެއްކެވި ވާހަކަ އާ މެދު އޭނާގެ މައިންބަފައިންނާ ދަރިންވެސް ފަހުރުވެރި ވާނެ. އެއީ އެ ފުރިހަމަ ބަސްތަކުން އޭނާގެ ވަޒީފާގެ ޔަގީންކަން ހޯދައިގަތީމައެވެ
4 0

ޑަންޑަން

7 އޯގަސްޓު 2025
ޕެންޝަން ސްކީމަކީ ބޭކާރު ސްކީމެއް. 16 އަހަރު ވެެއްޖެ މުސާރަ ބޮދުނިކުރާތާ،
2 0

ދޫނި

7 އޯގަސްޓު 2025
ޕެންޝަން އޮފީހުގެ ސީއީއޯ ނެންގެވީ ފަހުރުވެރިވާ ފަދަ ކަންބޮޑު ވުމެކެވެ. ޑަބަލް ޕެންޝަން ނަގަނީ ގައުމު ލޫޓުވާ މީހުންނެވެ. އެމީހުންނަށް (ނަހަލާލު ގޮތުގައި) ލިބޭ އެެއްޗެއް އުނިވާގޮތަށް ވާހަކަ ދައްކައިފި ނަމަ ވަޒީފާ ގެއްލޭނެއެވެ.
6 0

ޙުސޭނިބެ

7 އޯގަސްޓު 2025
ޥަރަށް ފެންވަރު ދަށް ރިޕޯޓެއް.
5 0

ހަސަނު

7 އޯގަސްޓު 2025
މީހާ ދުނިޔޭގެ ކިތަންމެ ބޮޑު ބައްޔެއްގަ އުޅުނަސް ތި ޕެންޝަން ލާރީގަ އަތް ނުލެވޭ. އެކަމަކު މަރުވީމަ ގަނޑުކޮށް ވާރިސުންނަށް ލާރިގަނޑު ލިބޭ. ކިހާ ސަޅި؟
2 0

ސިކުނޑި

7 އޯގަސްޓު 2025
ޕެންޝަން އޮފީހުންވެސް ހަދަނީ ހަދާނެ އެއްޗެއް! ޕެންޝަން ދޭއިރު އެމީހެއްގެ މުސާރައިން ކެނޑި ބައައި އެއްކޮށް ޖަމާކޮށްދޭންޖެހޭނެ! މަހުން މަހަށް ދެންޏާ ސަރުކާރުން އިތުރުކުރި ބައިދީ! ޕެންޝަން ސްކީމުގައި ބައިވެރި ނުވާ މީހަކަށް އަހަރު ވިޔަސް ޕެންޝަނެއް ދޭކަށް ނުޖެހޭނެ! ސިޔާސީ މީހުން މުސްކުޅިންގެ ރުހުން ހޯދަން އެދޭނަމަ ސަރުކާރުގެ އެހެން ކޮންމެވެސް ފަންޑެއް ހުޅުވައިގެން އެކަން ކުރަންޖެހޭ!
1 1

މުހައްމަދު

7 އޯގަސްޓު 2025
‏‎ތީގެން ފައިދާ ވަނީ މީހާ މަރުވީމަ ވާރިސުންނަށް އެކަނި. ސަބަބަކީ ތިޔަށް ލާރި ނުލާ ކިތަންމެ ބަޔަކަށް 65 އަހަރު ވީމަ 5000 ރުފިޔާ އެބަ ދޭ ދައުލަތުން! ތިޔަށް ލާރި ލާ މީހާ އަށް އެވަރުވެސް ނުލިބޭ! ތީ ސީދާ ސަރުކާރަށް ލާރި ހޯދަން ޖެހި ދަންތުރަ އެއް! ‎
6 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް