ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާ ކޮންފަރެންސެއްގައި ވާހަކަ ދައްކަވަނީ (ފޮޓޯ/ޕެންޝަން އޮފީސް)

ޕެންޝަން އޮފީސް

ޕެންޝަން އިސްލާހުތަކުން މިހާރު ލިބޭ އެއްޗެއް ކެނޑިގެން ނުވާނެ: ޕެންޝަން އޮފީސް

ޕެންޝަން ނިޒާމަށް ބަދަލު ގެންނައިރު ވަޒީފާއިން މުސްކުޅިކުރަން ޖެހޭ އުމުރު 65 އަހަރަށް ވުރެ މަތިކުރަން އެ އޮފީހުން އެދުނު
21 އޭޕްރީލު 2025
1

ޕެންޝަން ދޭ އުސޫލުތައް ބަދަލުކުރާއިރު އެކަން ކުރަންވާނީ މިހާރު ޕެންޝަންގެ ގޮތުގައި ފައިސާ ލިބޭ މީހުންނަށް ލިބޭ ޕެންޝަން ނުހުއްޓޭނޭ ގޮތަކަށް ކަމަށް ޕެންޝަން އޮފީހުން މިއަދު މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ބުނެފި އެވެ. 

ވީ ކިހިނެއް؟ - މިއަދު ބޭއްވި މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާ ހަލީމް ވިދާޅުވީ މިހާރު ކުރިމަތިވެގެން އުޅޭ އެންމެ ބޮޑު މައްސަލައަކީ ޕެންޝަން ނިޒާމުގެ ބޭރުން އެހެން ގާނޫނުތަކުގެ ތެރެއިން ވެސް ޕެންޝަންގެ އިނާޔަތްތައް ދެމުން ދިޔުން ކަމަށެވެ. 

ބުނީ ކީކޭ؟ - ޕެންޝަނަށް ކުރަން ޖެހޭ ހަރަދު އަހަރުން އަހަރަށް އެތައް ގުނައެއް ބޮޑުވާކަން ފާހަގަ ކުރައްވައި ސުޖާތާ ވިދާޅުވީ ޕެންޝަން ނިޒާމަށް ބަދަލު ގެންނަން ޖެހޭ ކަމަށް އެ އޮފީހުން ވެސް ގަބޫލުކުރާ ކަމަށެވެ. ނަމަވެސް އޭނާ ވަނީ އެކަން ކުރަންވާނީ އަސަރުތައް ވީހާ ވެސް ކުޑަވާނޭ ގޮތަަށްކަން ފާހަގަ ކުރައްވާފަ އެވެ.

އޭނާ ހުށަހެޅުއްވި ގޮތްތަކަކީ: 

  • ރިޓަޔާކޮށް ޕެންޝަންގެ އިންތިޒާރުގައި މިވަގުތު ތިބި ފަރާތްތަކަށް ލިބެން އޮތް ޕެންޝަނަށް އަސަރުނުކުރާނޭ ފަދަ ގޮތަކަށް އިސްލާހުތައް ގެނައުން 

  • މިހާރު ޕެންޝަން ލިބޭ ފަރާތްތަކުގެ ޕެންޝަން މާ ބޮޑަށް ކެނޑިގެން ދާނެ ފަދަ ގޮތަކަށް އަމަލުނުކުރުން 

  • ޕެންޝަނަށް ބަދަލު ގެންނާނެ ތާރީހެއް ކަނޑައެޅުން

"ޕެންޝަން ގާނޫނު އައުމަށް ފަހު މިހާރު ވެސް 15 އަހަރު ވެއްޖެ. އެބަ ކުރިއަށްދޭ އެކިއެކި ނިޒާމުތައް، ދާއިރު މިހާރުގެ އެކްސްޕެކްޓޭޝަން ކޮންމެވެސް ވަރަކަށް މީޓްކުރެވޭ މިޑުލް ގްރައުންޑެއްގައި އަޅުގަނޑުމެން މަސައްކަތް ކުރުން މުހިންމު. ބަޔަކަށް ލިބެމުން ދާ އެއްޗެއް ހުއްޓުން، ނުވަތަ މާ ބޮޑަށް މަދުވެގެން ދިޔުމަކީ އެހާ އެދެވޭ ގޮތަކަށް ނުވާނެ އިސްލާހެއް ގެންނައިރު،" ސުޖާތާ ވިދާޅުވި އެވެ. 

ޕެންޝަން އޮފީހާއި ސީއެސްސީގެ ވެރިން މިއަދުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި (ފޮޓޯ/މަޖިލިސް)

ތަފްސީލް - އޭނާ ވިދާޅުވީ 65 އަހަރު ވުމުން މިހާރު ދޭ އަސާސީ ޕެންޝަނަށް މަހަކު 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކުރަން ޖެހޭ ކަމަށެވެ. އަދި މިހާރު އަސާސީ ޕެންޝަން ލިބޭ މީހުންގެ އަދަދު ހުރީ އާބާދީގެ %4ގައި ނަމަވެސް 2030 ވަނަ އަހަރު އެ އަދަދު %7އަށް ދާނޭ ކަމަށް ވެސް ސުޖާތާ ވިދާޅުވި އެވެ. އެއީ ދެމެހެއްޓެނިވި ގޮތެއްގައި ޕެންޝަން ދެވޭނޭ އަދަދަކަށް ނުވާނޭ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑުމެންގެ އާބާދީ މި ދަނީ މުސްކުޅި ވަމުން. އެއާ އެކު 2030އަށް އަންނައިރު މި އަދަދު ވަރަށް ބޮޑަށް މައްޗަށް ދާނެ. އެހެން ވީމާ މިކަންކަމަށް އެބަ ރިއާޔަތްކޮށް ބަދަލުތަކެއް އަންނަން ޖެހޭ. މިއީ ކުރަން ޖެހޭ މަސައްކަތެއް،" ސުޖާތާ ވިދާޅުވި އެވެ.

ޕެންޝަންގެ ގާނޫނަށް ބަދަލުތައް ގެންނައިރު ވިސްނަންވީ އެހެން ކަންކަމުގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ:

  • ވަޒީފާ އަދާކުރާ މީހުން މަދުވެ ޕެންޝަން ފަންޑަށް ފައިސާ ޖަމާވާވަރު މަދުވަމުން ދާތީ އެކަމަށް

  • ވަޒީފާއިން މުސްކުޅިކުރަން މަޖުބޫރުވާ އުމުރު 65 އަހަަރަށް ވުރެ މަތިކުރުން

  • ޕެންޝަން އެއްވަރެއްގައި ދީދީ ވެސް ނުތިބެވޭނެ؛ އިންފްލޭޝަނާ އެއްވަރަށް ޕެންޝަނަށް ލިބޭ އަދަދު ވެސް ބޮޑުކުރުން

އޭނާ ވިދާޅުވީ ޕެންޝަނެއް ދީ މީހުން ވަޒީފާއިން މުސްކުޅިކުރުމުގެ އެއް ބޭނުމަކީ ސަރުކާރުން ކުރަން ޖެހޭ ހަރަދު ކުޑަކުރުން ނަމަވެސް ރާއްޖޭގައި ކަން ހިނގާ ގޮތުން މުސާރަ ދީފައި ބަޔަކު ގޭގައި ބައިތިއްބަނީ ކަމަށެވެ. މުސްކުޅިވުމަށް ފަހު މުސާރައާ އެއްވަރުގެ އަދަދެއް ޕެންޝަނަށް ލިބެން ނުޖެހޭނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕެންޝަނަކީ އިޖުތިމާއީ ރައްކާތެރިކަމުގެ އެއް ތަބު. މީގައި އަންނަން އެބަ ޖެހޭ ރިޓަޔާމަންޓަށް އިންޝްއަރެންސާއި ހައުސިންއާ މި ހުރިހާ އެއްޗެއް ވެސް. ޕެންޝަނެއް މި ދެނީ ވަޒީފާ އަދާނުކުރި އަސް މީހާގެ ދިރިއުޅުން ދަށް ހާލަތަކަށް ނުދިޔުމަށް ޓަކައި. އޭގެ ބައެއް މިއީ ޕެންޝަން،" ސުޖާތާ ވިދާޅުވި އެވެ.

މިއަދުގެ ކޮމިޓީގެ ބައްދަލުވުމުގައި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް މުހައްމަދު ނާސިހު ވިދާޅުވީ ޕެންޝަނާ ގުޅޭ ކަންކަން ވަކިވަކި އޮފިސްތަކުން ކުރުން އެއްގޮތަކަށް ވެސް ރަނގަޅު ނޫން ކަމަށެވެ. އެހެންކަމުން ޕެންޝަނާ ގުޅޭ ހުރިހާ ކަމެއް ޕެންޝަން އޮފީހަށް ބަދަލުކުރަން ނާސިހު ތާއީދު ކުރެއްވި އެވެ. އަދި އެ ބަދަލުތައް އަވަހަށް ގާނޫނަށް ގެނެސްދެއްވުމަށް އޭނާ އެދިވަޑައިގަތެވެ.

އޭނާ ވަނީ ސިވިލް ސާވިސް ގާނޫނުގެ ދަށުން މިހާރު ޕެންޝަން ދޭ ފަރާތްތަކުގެ އަދަދުތައް ހާމަކުރައްވައިފަ އެވެ. އެގޮތުން:

  • މުސްކުޅިކުރުމުގެ އިނާޔަތް - 5،300 ފަރާތަކަށް 

  • 55 އަހަރު ވެގެން މުސްކުޅިކުރި - 1،612 ފަރާތަކަށް

  • 65 އަހަރު ވެގެން މުސްކުޅިކުރި - 3،726 ފަރާތަކަށް 

ކޮމެންޓް (1)

ތެދުވެރި ގާބިލު ސިވިލްސާރވަންޓް

25 އޭޕްރީލު 2025
ތިޔައިން އެއްވެސް އެއްޗެއް ހައްގުވާ މީހަކަށް ނުވިއެވެ. 32 އަހަރުވަންދެން ގައުމަށް މުހިއްމު މަސައްކަތްތަކެއް ކުރުމަށް ފަހު އުމުރުން 53 އަހަރުގައި ގާނޫނުތަކާއި އެއްގޮތަށް ވަޒީފާ އަދާކުރެވެން ނެތިގެން ވަކިވާން މަޖުބޫރުވެގެން ވަކިވީއެވެ. އޭގެ ފަހުން ވަޒީފާ ހޯދަން އުޅުނު ކޮންމެ ފުރުސަތެއްގައި ހުރަސްއެޅިއެވެ. އުމުރުން 55 އަހަރު ވުމުން ސިވިލްސާވިސް ގެ ވަޒީފާ ލިބުމުގެ ފުރުސަތު ގެއްލުނީއެވެ. ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވާތީ ސިޔާސީ ވަޒީފާއެއްދޭން ކަމުދާ މީހަކަށް ނުވިއެވެ. ގައުމަށް އެއްވެސް ކަމެއް ކޮށް ނުދޭ މީހުންނަށް ދޭ ކެޓަގަރީ އިން އެހީ އެއް ލިބޭނީވެސް އުމުރުން 65 އަހަރުވެގެން އެ ހޯދަން އެދުނީމައެވެ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް