ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެންދަނީ: ގޭންގް ކުށްތައް ހުއްޓުވަން ސަރުކާރުން ބޭނުންވަނީ ހަރުކަށި އުސޫލުތަކެއް -- (ދައުރު ފޮޓޯ/ އަހްމަދު ސަދޫފް މޫސާ)

ކުށްކުރުން

ކުށުގެ ތުހުމަތުވާ މީހާއަށް ލިބޭ ހައްގުތައް މާ ގިނައީތަ؟

މިނިސްޓަރު އަލީ އިހުސާން ގަބޫލުކުރައްވަނީ ކުށުން ދިފާއުވާން ދީފައިވަނީ ފުޅާ ދާއިރާއެއްގެ ހަައްގުތަކެއް ކަމަށް. އެކަމަކު އޭނާގެ އެ ވިސްނުމާ ބައެއް ވަކީލުންގެ ހިޔާލު މުޅިން ތަފާތު
2 ޑިސެމްބަރު 2024
1

މުހިންމު ނުކުތާތައް

ގޭންގު ކުށްތައް ހުއްޓުވުމުގެ އާ ގާނޫނުގެ ޑްރާފްޓުން އެނގެނީ ސަރުކާރުން ބޭނުންވަނީ އުސޫލުތައް ހަރުކަށިކުރުން ކަން

ބައެއް ވަކީލުން ގަބޫލުކުރައްވަނީ ކުށުން ދިފާއުވުމުގެ އަސާސީ ހައްގުތައް ހަނިކޮށްގެން ނުވާނެ ކަމަށް

އިހުސާން ވިދާޅުވީ ގާނޫނުތައް ހުރީ ކުށް ހުއްޓުވުމުގެ މަގުސަދަށް ވުރެ ކުށްކުރާ މީހާގެ ދިފާއީ ހައްގުތަކަށް ބުރަވެފައި ކަމަށް

'މޭޒުމަތީ ބަޔާން' ނަގުވައިގެން ހުކުމްކުރާ ގޮތުގެ ވާހަކަ ދޮށީ އުމުރުގެ މީހުންގެ ފަރާތުން ވަރަށް ގިނައިން އިވޭނެ އެވެ. އެ ބުނަނީ ފުލުހުން ހިތްހަމަނުޖެހޭ މީހަކު ހިފައި ހައްޔަރުކޮށް ގެންގޮސް އަނިޔާކޮށްގެން ބަޔާން ނަގާ ވާހަކަ އެވެ. އެ ބަޔާނުގެ މައްޗަށް އެ މީހަކަށް ބޭއިންސާފުން ހުކުމްކުރާ ވާހަކަ އެވެ.

މުޖުތަމައުއަށް ނުރައްކަލަށްވާ ކަންކަން ކުރާ މީހުންނަށް އަދަބު ދިނުމަށާއި މުޖުތަމައުގެ މުޅި ސަލާމަތަށް ފުލުހުންނަށް ބާރުތަކެއް ލިބިފައި އޮންނަން ޖެހެ އެވެ. ނަމަވެސް ހުދޫދެއް ނެތް ބާރާ އެކު ބޭއިންސާފުން ކަންކަން ކުރަން ވެސް ފުރުސަތު ލިބެ އެވެ. ކުށެއް ކުރި ކަމަށް ބެލެވޭ އެކަށޭނަ ހެކި ނެތި ތަންތަނަށް ވަދެ، ހެކި އުފެއްދުމާއި އުފައްދާ ހެކިތަކުގެ މައްޗަށް ދޮގު ތުހުމަތު ވުޖޫދުކޮށްގެން މީގެ ކުރިން ވެސް މީހުން ބަންދުކޮށްފައި އެބަ ހުއްޓެވެ.

ކުށެއްގެ ތުހުމަތުގައި ދައުވާކުރާ މީހަކަށް ވެސް ލިބިދޭނެ ހައްގުތަކެއް ފެހި ގާނޫނު އަސާސީގައި ލިޔަން ޖެހުނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އެއީ ބޭއިންސާފު ސަގާފަތެއް އޮންނަން ބޭނުން ނުވެގެން، ދިވެހިންގެ ތެރެއިން ބަޔަކު ނުކުމެ އުފުލި އަޑުތަކާއި ކުރި އިހުތިޖާޖުތަކުގެ ނަތީޖާ އެވެ.

ދައުވާއިން ދިފާއުވާން ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ އިތުރަށް އެކަށީގެންވާ ވަސީލަތާއި ވަގުތު ލިބިދޭން ޖެހޭނެ ކަމަށް ލިޔުނެވެ. ތަނަވަސްކަން ނެތިއްޔާ ދައުލަތުން ވަކީލަކު ހަމަޖައްސައިދޭން ޖެހޭނެ ކަމަށް ވެސް ލިޔުނެވެ. ހަނުހުރުމާއި ވަކީލެއްގެ ހާޒިރުގައި ތަހުގީގަށް ޖަވާބުދާރީވުމުގެ ފުރުސަތު ވެސް ލިބިދެވޭނެ ކަމަށް ލިޔުނެވެ. މީހުންގެ މުދަލާއި ގޯތިގެދޮރަށް ވަދެ ބަލައިފާސްކުރަން ކޯޓު އަމުރެއް ހޯދަން ޖެހޭ ގޮތަށް ޖިނާއީ އަދުލުގެ ނިޒާމު ތަރުތީބު ކުރި އެވެ. ގިނަ ގާނޫނުތައް އެކުލަވާލީ މި ހައްގުތައް ހިމާޔަތްކުރުމުގެ ނަޒަރަކުން ވެސް ބަލައިގެންނެވެ.

މިހާރުގެ ހޯމް މިނިސްޓަރު އަލީ އިހުސާން ގަބޫލުކުރައްވާ ގޮތުގައި ނުރައްކާތެރި ކުށްކުރުން ހުއްޓުވަން އެކުލަވާލި ހާއްސަ ގާނޫނުތައް އޮތީ ކުށުގެ ތުހުމަތުވާ މީހާއަށް ހައްގުތަކެއް ކަށަވަރުކޮށްދިނުމުގެ ވިސްނުމާ ދިމާއަށް މާ ބޮޑަށް ބުރަވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ގާނޫނުގެ ހަގީގީ ބޭނުން ކަމަށްވާ ކުށް ހުއްޓުވުމުގެ މަގުސަދު އެއަކުން ހާސިލެއް ނުވެ އެވެ.

"އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ ހަގީގަތަކީ މި ގޮތަށް މިކަން އޮތުމުން ހައްލެއް ނުވާކަން. ކަންކަން ވީ ގޯސްކަން. ގާނޫނަށް ގެންނަ ބަދަލެއް ގެންނާނީ ހައްލެއް ހޯދަން. ގާނޫނުތަކުން މި ކަންކަން ހައްލުކުރުމަށް މަގު ކޮށުމަށް ވުރެ ބޮޑަށް، އަބަދުވެސް ކުށްވެރިވާ މީހާގެ ދިފާއުގައި ގާނޫނުތައް ހެދިފައި މި އޮންނަނީ،" އިހުސާން 'ދައުރު'އަށް ވިދާޅުވިި އެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ނޫސްވެރިންނާ ވާހަކަދައްކަވަނީ. (ދައުރު ފައިލް ފޮޓޯ/އަނޫފް ޖުނައިދު)

ކުށްތައް ހުއްޓުވަން ހަރުކަށި ސިޔާސަތުތަކަކާ ދިމާއަށް

ގާނޫނުތަކުގައި މިހާރު ހުރި އުސޫލުތައް ބަދަލުކޮށް ހަރުކަށި ސިޔާސަތުތަކަކާ ދިމާއަށް މި ސަރުކާރުން މިސްރާބު ޖަހާފައި ވަނީ އިންތިޒާމުވެގެން ހިންގާ ކުށްތައް އާއްމުވެފައިވާ ދަނޑިވަޅެއްގަ އެވެ. ގިނަ ބަޔަކު ބައިވެރިވެ ޖަމާއަތް ހަދައިގެން ހިންގާ ކުށްތަކެވެ. ކުށް ކުރަނީ އެ ކުށެއް ކުރުމަށް ފަހު، ޖިނާއީ އަދުލުގެ ނިޒާމުން ސަލާމަތް ވެވެން ހުރި މަގުތައް ދުރާލައި ހޯދައި ރަނގަޅަށް ތައްޔާރުވެގެންނެވެ.

އެގޮތަށް އިންތިޒާމުވުމުން އަދަބު ނުލިބޭނެ ކަމަށް ލިބިފައި އޮންނަ ޔަގީންކަމަކީ ކުށް ކުރުމަށް ލިބޭ ހިތްވަރެކެވެ. ކުށް ކުރުމަށް ބިރުވެރިކަމެއް އުފެދިފައި އޮންނާނީ އެ ކުށެއް ކުރުމުން އޭނާއަށް އަދަބު ލިބުން ގާތްކަމުގެ އިހުސާސްކުރެވޭ ނަމަ އެވެ.

ގޭންގު ކުށްތައް ހުއްޓުވަން މުޅިން އާ ގާނޫނެއް ފަރުމާކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެޓާނީ ޖެނެރަލްގެ އޮފީހަށް ހޯމް މިނިސްޓްރީން ފޮނުވާފައިވާ އެ ބިލުގެ ކޮޕީއެއް 'ދައުރު'އަށް ލިބިފައިވެ އެވެ. އޭގެ މުޅި ވިސްނުން ބުރަ ވެފައިވަނީ ފުލުހުންނަށް ގިނަ ބާރުތަކެއް ދިނުމަށާއި ކުށުގެ ތުހުމަތުވާ މީހާއަށް ދޭން ކަނޑައަޅާފައިވާ ހައްގުތަކަށް ހިފެހެއްޓުންތަކެއް ގެނައުމަށެވެ.

ބިލުގައި ހައްގުތައް ހިފަހައްޓާފައިވާ މިންވަރަކީ:

  • ގޭންގު ކުށުގެ ތުހުމަތެއްގައި ހައްޔަރުކުރާ މީހަކަށް ހަނުހުރުމުގެ ހައްގު އެއްގޮތަކަށް ވެސް ނުލިބޭނެ

  • ގޭންގު ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރާ މީހަކު ތަހުގީގު މަރުހަލާ އާއި ޝަރީއަތުގެ މަރުހަލާ ނިމެންދެން ބަންދުކުރަން ޖެހޭނެ ކަން ބަޔާންކޮށް، ބަންދުން ދޫވުމަށް އެދުމުގެ ހައްގު މި މިންވަރަށް ހިފެހެއްޓިފައިވާ ކަމަށް ވެސް ބަޔާންކޮށްފައިވޭ

  • ގާނޫނީ ވަކީލެއްގެ ހާޒިރުގައި ފުލުހުން ސުވާލުކުރަން އެދޭ ނަމަ ވަކީލަކު އައްޔަންކުރަން ދޭން ވާނީ ހަ ގަޑިއިރު ކަމަށް؛ ވަކީލަކު އައްޔަންކޮށްފައި ހާޒިރުނުވެއްޖެ ހާލަތެއްގައި އެހެން ވަކީލަކު އައްޔަންކޮށް ހާޒިރުވާން ވެސް ހަ ގަޑިއިރުގެ ފުރުސަތު ދޭ

  • ހައްޔަރުކުރާ ހިނދުން ފެށިގެން ފުރަތަމަ 96 ގަޑިއިރު ނުވަތަ ފުރަތަމަ ހަތަރު ދުވަހު ވަކީލަކާ ވަކިން މަޝްވަރާ ކުރުމުގެ ފުރުސަތެއް ނުލިބޭ. ފުރަތަމަ ހަތަރު ދުވަހު މަޝްވަރާ ކުރެވޭނީ ފުލުހެއްގެ ހާޒިރުގައި

  • ގާނޫނުގައި ބަޔާންކުރާ ކުށްތަކަކީ ކަފާލާތު ނުދެވޭނެ ކުށްތަކެއް ކަން ބަޔާންކޮށްފައިވޭ

  • އޭގެ އިތުރުން ޕެރޯލާއި މާފު ވެސް ނުދެވޭނެ ކުށްތަކެއް ކަމަށް ކަނޑައަޅާފައިވޭ

 ފުލުހުންނަށް މިހާރު ނުކުރެވޭ އެތައް ކަމެއް ވެސް ބިލުގައި ބަޔާންކުރާ ކުށްތަކުގެ މައްސަލަތަކުގައި ލިބިދެ އެވެ. އޭގެ ތެރޭގައި:

  • މައުލޫމާތު ދޭން އެންގުމުގެ ބާރު ފުލުހުންނަށް ލިބޭ. އެ ގޮތަށް އަމަލުނުކޮށްފި ނަމަ ހައްޔަރުކުރުމަކަށް ނުވާ ގޮތަށް ފުލުހުންގެ ބެލުމުގެ ދަށަށް 12 ގަޑިއިރަށް ގެންދެވޭނެ

  • ގޭންގު މެމްބަރުން އެއްވެ އުޅޭއިރު، އެ ސަރަހައްދުގައި އުޅޭ މީހުންގެ ހިތުގައި ބިރުވެރިކަމެއް ނުވަތަ ކަންބޮޑުވުމެއް އުފެދިއްޖެ ނަމަ، ކޯޓު އަމުރަކާ ނުލައި އެތަންތަނަށް ވަނުމުގެ ބާރު

  • ގޭންގު ހަރަކާތެއްގައި ބޭނުންކުރާ ވެހިކަލް، ކޯޓު އަމުރަކާ ނުލައި 90 ދުވަހުގެ މުއްދަތަށް ހިފެހެއްޓުމުގެ ބާރު

  • ސަބް އިންސްޕެކްޓާ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީގެ އޮފިސަރަކަށް އެންގުމަށް ފަހު، މިފަދަ ކުށެއްގެ ތުހުމަތުގައި ކޯޓު އަމުރަކާ ނުލައި މީހުން ހައްޔަރުކުރުމުގެ ބާރު

  • ސަބް އިންސްޕެކްޓާ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީގެ އޮފިސަރެއްގެ ހުއްދަ ހޯދައިގެން ކޯޓު އަމުރަކާ ނުލައި ފޮޓޯ ނެގުމާއި ހުއްޓުވާފައި ބަލައިފާސްކުރުމުގެ ބާރު. 

އިހުސާން ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ފުލުހުންނަށް އިތުރު ބާރުތަކެއް ދީ، މުޅި މުޖުތަމައުގެ ސަލާމަތް ކަށަވަރުކުރުން ކަމަށެވެ. އެ ކަން ކުރެވެން އޮތީ ޖަމާއަތް ހަދައިގެން އިންތިޒާމުވެގެން ހިންގާ ކުށްތައް ހުއްޓުވައިގެން ކަމަށް އޭނާ ދެކެވަޑައިގަނެ އެވެ.

މި ކުށްތައް ކުރުމުގައި ގާނޫނުތަކުގައި ހުރި އިޖުރާއަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި މިހާރު ހިފާ ކަމަށް އިހުސާން ގަބޫލުކުރައްވަ އެވެ.

"ގާނޫނުގައި ހުރި އިޖުރާއަތްތައް ވެސް ނަގައިގެން އެބަ ސަލާމަތްވޭ، ސީސީޓީވީ ފުޓޭޖުން މާއްދީ ހެކިތައް ދެއްކިޔަސް ރިއާޔަތެއް ނުކުރެވޭ އިޖުރާއަތެއްގެ ކުޑަ ތަންކޮޅެއް ހިފައި ދަމާލާއިރަށް. އަބަދުވެސް ކޮންމެވެސް ލޫޕްހޯލެއް އިންނާނެ. އެދޭތެރެއަކުން މީހާ ސަލާމަތް ވާނެ،" އިހުސާންގެ ތަޖުރިބާ ހިއްސާކުރައްވަމުން ވިދާޅުވި އެވެ.

'ކުށްވެރިންގެ ހައްގޭ ނުކިޔާ، މިއީ އިންސާނީ ހައްގުތައް'

'ކުށްވެރިންގެ ހައްގުތައް' ގޮތުގައި މިނިސްޓަރު އިހުސާން ސިފަކުރައްވާފައި ވާތީ އާއި ކުށުން ދިފާއުވާން ދޭ ހައްގުތައް ހަނިކުރުމުގެ ވިސްނުމަކާ ދިމާއަށް ސަރުކާރުގެ ސިޔާސަތުތައް ބައްޓަވަމުން ދާތީ ބައެއް ވަކީލުންގެ ކަންބޮޑުވުން އެބަ ހުއްޓެވެ. މި ވަކީލުން ގަބޫލުކުރައްވާ ގޮތުގައި އެއީ އިންސާނަކަށް ވީތީ ދޭން ޖެހޭނެ ހައްގުތަކެވެ. ކޮންމެހެން ކުށުގެ ތުހުމަތު އެޅިގެން ވަކި ބަޔަކަށް ލިބޭ ހައްގުތަކެއް ނޫނެވެ.

"ގާނޫނުތައް އެކުލަވާލާފައި ވަނީ ހުރިހާ ފަރުދުންގެ ސަލާމަތަށް. އޭގައި ހިމަނާފައިވަނީ އިންސާނީ ހައްގުތަކެއް. އެހެން ނޫން ކަމަށް ވާ ނަމަ ބޭއިންސާފުން ތުހުމަތުކުރެވޭ މީހުން ހައްޔަރުކޮށް ބަންދުގައި ބަހައްޓައިގެން، ބައެއް ފަހަރު އެތައް އަހަރެއް ވަންދެން ކުށެއް ނެތް މީހުން ހިމާޔަތް ނުކުރެވިދާނެ،" ތަޖުރިބާކާރު ވަކީލު މައުމޫން ހަމީދު، ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރެއްވި އެވެ.

ދިފާއީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައްވާ ހަމްޒާ ލަތީފު ވެސް ކަންބޮޑުވުން ފާޅުކުރައްވަ އެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި ރާއްޖެއަކީ މިހާރު ވެސް އެހެން ގައުމުތަކުގައި ކުށުން ދިފާއުވާން ދޭ ގިނަ ހައްގުތައް ހިފަހައްޓާފައިވާ ގައުމެކެވެ. އިތުރަށް ހައްގުތައް ހިފަހައްޓައި، ހަނިކުރަންވީ ސަބަބެއް ނުވިސްނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުޑަކުއްޖެއްގެ ހެކިބަހަށް ދިފާއުން ސުވާލު އުފައްދަން ފުރުސަތު ނުދީ ބުރަދަންދޭ ގައުމެއް މި ނޫނީ ނެތް. ދިފާއަށް ކްރޮސްއެގްޒާމިނޭޝަނަށް ސުވާލު ނުކުރެވޭ ގޮތަށް ކޯޓަށް ހެކިބަސްނުދީ ތަހުގީގަށް ދީފައިވާ ބަޔާނަށް ބުރަދަންދެވޭ. ދިފާއީ ވަކީލަކަށް ލިބެން ޖެހޭ ހައްގުތައް މި ވަރަށް ހަނިކޮށްފައިވާ ގައުމެއް މި ނޫނީ ނެތް،" ސޯޝަލް މީޑިއާގައި ލިއުއްވަމުން ހަމްޒާ ވިދާޅުވި އެވެ.

ކުރީގެ މެންބަރު އިމްތިޔާޒު ފަހުމީ ޖުޑީޝަރީ ކޮމިޓީގެ މުގައްރިރެއް ގޮތުގައި މަސައްކަތް ކުރެއްވި އިރު (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

ޖިނާއީ އަދުލުގެ ނިޒާމާ ގުޅުން ހުރި ގިނަ ގާނޫނުތައް އެކުލަވާލުމުގައި އިސް ދައުރެއް އަދާކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިމްތިޒާމު ފަހުމީ (އިންތި) ވެސް ގަބޫލުކުރައްވާ ގޮތުގައި އެހެން ގައުމުތަކާ ހިލާފަށް ރާއްޖޭގައި މިހާރު ވެސް ހާއްސަ ގާނޫނުތަކުން ފުލުހުންނަށް ގިނަ ބާރުތަކެއް ދީފައިވެ އެވެ. ހައްގުތަކުގެ ނަޒަރުން އެކަނި ވިސްނައިގެން ގާނޫނުތައް އެކުލަވާލި ކަމަށް ބުނާ ވާހަކައަށް އިމްތިޔާޒު އެއްބަހެއް ނުވެ އެވެ.

"ތޫނު ހަތިޔާރު ބޭނުންކޮށްގެން ހިންގާ ކުށްތައް ހުއްޓުވަން ހެދި ގާނޫނުގައި ވެސް ހުންނާނެ ގިނަ ބާރުތަކެއް، ހަމަ އާދަޔާ ހިލާފު ބާރުތަކެއް ފުލުހުންނަށް ދީފައި. ގޭންގު ކުށްތަކަށް މިހާރު އޮތް ގާނޫނުގައި ވެސް، ޓެރަރިޒަމް ހުއްޓުވަން މިދިޔަ މަޖިލީހުގައި ގާނޫނަށް ގެނައި ބަދަލުތަކުގައި ވެސް ގިނަ ބާރުތަކެއް އޮންނާނީ ދީފައި،" އިމްތިޔާޒު ވިދާޅުވި އެވެ.

އިތުރަށް ހައްގުތައް ހަނިކުރަން އިމްތިޔާޒު ވެސް ތާއީދެއް ނުކުރައްވަ އެވެ. އަމުދުން ހަނުހުރުމުގެ ހައްގާއި ވަކީލެއް ނެތި ފުލުހުންނަށް ޖަވާބުދާރީވާން ނިންމުމަކީ އަސާސީ ވަރަށް ބޮޑު ހައްގުތަކެއް ނިގުޅައިގަތުން ކަމަށް އޭނާ ވިދާޅުވި އެވެ. އެފަދަ ހައްގުތައް އެއްވެސް ވަރަކަށް ހަނިކޮށްގެން ނުވާނެ ކަމަށް ގަބޫލުކުރައްވަ އެވެ.

"ކުށްކުރި ކަމަށް ތުހުމަތުވާ މީހާ ނުޖެހޭ އެއްޗެއް ބުނާކަށް. ފުލުހުންނާއި ދައުލަތުގެ މައްޗަށް އޮތް ޒިންމާއެއް އެއީ ހެކިތައް ހޯދައިގެން އެ ކުރާ ތުހުމަތެއް ސާބިތު ކުރުމަކީ. ކުށެއް ސާބިތުކުރާނީ ކުށްކުރި ކަމަށް ސާބިތުވާނެ ހެކި ހުށަހަޅައިގެން، އެއީކީ މީހާ ލައްވައި އެއްޗެއް ބުނުވައިގެން ކުރަން އޮންނަ ކަމެއް ނޫން،" އިމްތިޔާޒު ވިދާޅުވި އެވެ.

ގޭންގު ބިލުގެ ފުރަތަމަ ޑްރާފްޓާ ގުޅޭ ގޮތުން ލިޔެފައިވާ ރިޕޯޓެއް

ވަޒީރުގެ ޖަވާބު: އަނިޔާއަށް ޖަގާ ނުލިބޭނެކަން ޔަގީންކުރާނަން

ގޭންގު ކުށްތައް ހުއްޓުވަން އާ ގާނޫނެއް އެކުލަވާލަން ނިންމައި އޭގެ ފައިނަލް ޑްރާފްޓްގައި ހުރި ކަންކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން މިނިސްޓަރު އިހުސާން ވިދާޅުވީ އެއީ އަދި ހޯމް މިނިސްޓްރީން އެކުލަވާލުމަށް ފަހު އެޓާނީ ޖެނެރަލް އޮފީހަށް ފޮނުވާފައިވާ ޑްރާފްޓެއް ކަމަށެވެ. ސަރުކާރުގެ ހުރިހާ ސިޔާސަތަކަށް ފުށުނާރާނެ ގޮތަށް ބިލު ބައްޓަން ކުރުމުގެ މަސައްކަތް އޮތުމުން، ސީދާ އެ ބިލަށް އެއްޗެއް ވިދާޅުވާން ބޭނުމެއް ނުވި އެވެ.

"އެއީ އަދި ވަރަށް ކުރީ މަރުހަލާއެއްގައި އޮތް ބިލެއް، ސަރުކާރުގެ ހުރިހާ ސިޔާސަތަކަށް ބިލު ފުށުނާރާތޯ އާއި ގާނޫނުއަސާސީއާ ފުށުއަރާ ކަމެއް އެބަ އޮތްތޯ، މިހެން ވަރަށް ގިނަ ކަންކަމަށް އަދި އެޓާނީ ޖެނެރަލްގެ އޮފީހުންނާއި ރައީސް އޮފީހުން ވެސް ބަލާނެ. އެހެންވެގެން މިހާރު އޮތް ޑްރާފްޓަށް އެއްޗެއް ބުނަން ބޭނުމެއް ނުވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ފުލުހުންގެ އާބިޓްރަރީ ޕަވާ ނުވަތަ ހުދޫދެއް ނެތް ބާރެއް އުފައްދަން އަނެއްކާވެސް ޖާގަ ލިބި، މާޒީގައި ތަޖުރިބާކުރި އަނިޔާ ތަކުރާރުވެދާނެތީ ހުރި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން އިތުރަށް ސުވާލުކުރުމުން އިހުސާން ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ކުށެއް ނުކުރާ ބަޔަކަށް އަދަބުތަކެއް ދިނުން ނޫން ކަމަށެވެ.

ކުށްތައް ހުއްޓުވުމުގެ މަގުސަދުގައި ގާނޫނުތައް ވަރުގަދަ ކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރޭގައި، ގާނޫނުތައް އެކުލަވާލާނީ މީހަކު ނުކުރާ ކުށަކަށް އޭނާއަށް އަނިޔާއެއް ދޭން ޖާގަ ނުދެވޭނެ ގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފާނެ ބަޔަކު ތިބޭނެ ކަން ބަލައި އެފަދަ ކަންކަމަށް ޖަވާބުދާރީކޮށް ފިޔަވަޅު އެޅޭނެ އުސޫލުތައް ވެސް ހިމަނާނެ ކަމުގެ ޔަގީންކަން އިހުސާން ދެއްވި އެވެ.

"ކުށްނުކުރާ މީހެއްގެ ހައްގުތަކަށް އަރައިނުގަނެވޭނެ ގޮތަކަށް އަޅުގަނޑުމެން ގާނޫނުތައް އެކުލަވާލައި އުސޫލުތައް ލިޔާނީ، އެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް. އެ ޔަގީންކަން ދޭން ކެރޭނެ. ސިޔާސީ ބޭނުމަކަށް ނަހަމަ ގޮތުގައި އެ ގާނޫނެއްގެ ބޭނުން ނުހިފޭނެ ކަން ވެސް، އެ ޔަގީން ކަން ވެސް ދެން،" މިނިސްޓަރު ވިދާޅުވި އެވެ.

ކޮމެންޓް (1)

profile-image-placeholder

އަލިދީ

2 ޑިސެމްބަރު 2024
މިއުޅެނީ ގާނޫނުގެ މައްސަލައެއް ނޫން. ގާނޫނު ތަންފީޒުކުރަން ތިބި މީހުންގެ އެކަން ކުރަން ބޭނުން ނުވެގެން ނުވަތަ ފެންވަރު ނެތިގެން މިއުޅެނީ. ފަނޑިޔާރުން ގާނޫނު ހިންގަން ބޭނުން ނުވެގެން މިއުޅެނީ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް