ކ. ދިއްފުށީގައި ހިންގާ ސްކައި ބީޗް ގެސްޓްހައުސްއަށް ޓޫރިސްޓުން ވަންނަނީ.

ނިއުސް ފީޗާ

'މާރުކުރާ ވަރަކަށް ނުލިބޭ؛ ދެން ކަޅު ބާޒާރުން ގަންނަންވީ؟'

ކޮންމެ ފަތުރުވެރިއަކަށް ވަކި ރޭޓަކުން ރާއްޖޭގެ ބޭންކަކަށް ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް މަރުކަޒީ ބޭންކުން އިއްޔެ ވަނީ ގަވާއިދެއް އެކުލަވާލާފައި؛ އެ ގޮތަށް ހެދުމުން، ސިނާއަތުގެ ފާޑުކިޔުން އެ ގަވާއިދަށް ވަނީ އަމާޒުވެފައި
2 އޮކްޓޯބަރު 2024
5

އިއްޔެ މަރުކަޒީ ބޭންކު، އެމްއެމްއޭއިން ރާއްޖޭގެ ބޭންކަކަށް ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގަވާއިދު ތައާރަފްކުރުމާ އެކު ފަތުރުވެރިކަމުގެ ސިނާއަތުގެ އެކި ފަންތީގެ މީހުން އެކަމާ މެދު އަންނަނީ ހިޔާލު ފާޅުކުރަމުންނެވެ.

އެ ގަވާއިދުގެ މަގްސަދަކީ ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ މައްސަލަ ހައްލުކުރުމަށްޓަކައި ބޭރު ފައިސާއިން އާމްދަނީ ލިބޭ ތަންތަނުން ރާއްޖޭގެ ބޭންކަކަށް އާމްދަނީގެ ވަކި ނިސްބަތެއް މާރުކުރުވުމެވެ. ނަމަވެސް އެ ގަވާއިދު އެކުލަވާލި ގޮތުން ސިނާއަތުގެ ގިނަ މީހުން، ވަކިން ހާއްސަކޮށް ގެސްޓުހައުސް ވިޔަފާރިވެރިން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

'މާރުކުރާ ވަރަކަށް ނުލިބޭ؛ ދެން ކަޅު ބާޒާރުން ގަންނަންވީ؟'

ރާއްޖޭގައި ފުޅާދާއިރާއެއްގައި ހިންގާ ގެސްޓުހައުސް ވިޔަފާރިކުރާ ކާނި ހޮޓެލްސްގެ ސީއީއޯ އަދި ނެޝަނަލް ހޮޓެލްސް އެންޑް ގެސްޓުހައުސް އެސޯސިއޭޝަންގެ ރައީސް އަބްދުﷲ ނަޝީދު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި އެމްއެމްއޭގެ ގަވާއިދަށް ވަރަށް ބޮޑަށް ވަނީ ފާޑުވިދާޅުވެފަ އެވެ.

ނަޝީދު ވިދާޅުވީ ލިބޭ ކާނި ހޮޓެލްސްއިން ކޮޓަރި ވިއްކާ އަގާ އަޅާބަލާއިރު ގަވާއިދުގައި ބުނާ އަދަދަށް ޑޮލަރު މާރުކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"އަހަރެމެންގެ އެވަރޭޖް ރޫމް ރޭޓް ރެއަކަށް މި ހުންނަނީ ދެ މީހުންނަށް 100 ޑޮލަރު. އާންމުކޮށް ގެސްޓުން އަންނަނީ 3-4 ރެއަށް. ކޮންމެ ކޮޓަރިއަކުން މި ލިބެނީ 300-400 ޑޮލަރު. އެކަމަކު އަހަރެމެން އެބަޖެހޭ ދެ ގެސްޓުންނަށް 1،000 ޑޮލަރު މާރުކުރަން،" އޭނާ ވިދާޅުވި އެވެ.

"އެހެންވީމަ ކަޅު ބާޒާރުން ޑޮލަރު ގަނެގެންތަ ބޭންކަށް މާރުކުރަންވީ؟"

ކާނި ހޮޓެލްސްއިން ހިންގާ ގެސްޓްހައުސްއެއް(ފޮޓޮ/ކާނި ހޮޓެލްސް)

އެމްއެމްއޭގެ ގަވާއިދުގައި ޑޮލަރު މާރުކުރަން ދެ ކެޓަގަރީއެއް ވަނީ ކަނޑައަޅާފަ އެވެ. އެއީ:

  • ކެޓަގަރީ އޭގައި ހިމެނޭ ފަތުރުވެރިކަމުގެ ހިދުމަތް ދޭ ތަންތަނުން މަހެއްގެ ތެރޭގައި އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރުގެ ރޭޓުން އެ މަހެއްގެ ތެރޭގައި އައިސްފައިވާ ޖުމްލަ ފަތުރުވެރިންނަށް ޖެހޭ އަދަދު، އެ މަހަށް ފަހު ހިނގާ ތިންވަނަ މަހުގެ 28 ވަނަ ދުވަހު ކުރިން ބޭންކެއް މެދުވެރިކޮށް ދިވެހި ރުފިޔާއަށް މާރުކުރަން ޖެހޭނެ

  • ކެޓަގަރީ ބީގައި ހިމެނޭ ފަތުރުވެރިކަމުގެ ހިދުމަތް ދޭ ތަންތަނުން ވެސް ހަމަ މިގޮތަށް ބޭރު ފައިސާ މާރުކުރަން ޖެހޭނެ؛ ނަމަވެސް އެއީ ކޮންމެ ފަތުރުވެރިއަކަށް 25 ޑޮލަރުގެ ރޭޓުން

ކެޓަގަރީ އޭގައި ހިމެނެނީ ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ގްރީން ޓެކްސް ދައްކަންޖެހޭ ފަތުރުވެރިން އަންނަ ތަންތަނުގެ ތެރެއިން ރިސޯޓު، އިންޓަގްރޭޓަޑް ރިސޯޓު، ރިސޯޓް ހޮޓާ، ހޮޓާ، ޓޫރިސްޓް އުޅަނދު އަދި އެ ނޫނަސް އެފަދަ ތަންތަނެވެ.

ކެޓަގަރީ ބީގައި ހިމެނެނީ ގެސްޓުހައުސްތަކާއި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކުގެ ތެރެއިން 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު އަދަދެއްގެ ކޮޓަރި ރަޖިސްޓްރީކޮށްފައިވާ ތަންތަނެވެ.

'ރިސޯޓުތަކަކީ މުޅި އިންޑަސްޓްރީއެއް ނޫން؛ ހުރިހާ އުނދަގުލެއް ގެސްޓުހައުސްތަކަށް'

ކުދި ގެސްޓުހައުސްތަކުން މާރުކުރަން ޖެހޭ މިންވަރު ކުޑަ ނަމަވެސް، މި ކެޓަގަރީގެ ވިޔަފާރިވެރިންގެ މެދުގައި ވެސް އެ ކަންބޮޑުވުން އެބައޮތެވެ.

ވ. އަތޮޅުގެ ރަށެއްގައި ގެސްޓުހައުސް ވިޔަފާރިކުރާ މީހަކު ނަން ނުޖަހާ ގޮތަށް ވާހަކަދައްކަމުން މިއަދު ވިދާޅުވީ މިއީ އެއްގޮތަކަށް ވެސް ކުރަން ރަނގަޅު ކަމެއް ނޫން ކަމަށެވެ.

އޭނާގެ ގެސްޓުހައުސްއިން ކޮޓަރިއެއް ވިއްކަނީ ރެއަކަށް 50 ޑޮލަރާއި 55 ޑޮލަރަށެވެ. އެހެންކަމުން، ލިބޭ އާމްދަނީގެ ބޮޑު ބައެއް މި ގަވާއިދުގެ ސަބަބުން މާރުކުރަން ޖެހޭނެ އެވެ.

މި ގަވާއިދާ މެދު ހުރި ހިތްހަމަނުޖެހުން ހިއްސާކުރަމުން އޭނާ ވިދާޅުވީ އަބަދުވެސް، ކޮންމެ ކަމެއް ވެސް ކުރަނީ އާދައިގެ މީހުންނަށް އުނދަގޫވާ ގޮތަށް ކަމަށެވެ.

"ކުދި ތަންތަނަށް ވަރަށް އުނދަގޫ ކަމެއް މިއީ. ދައުލަތަށް ޑޮލަރު ނުލިބުނީމަ އޭގެ މާނައަކީ އެންމެ ނިކަމެތި މީހާއަށް ލިބޭ 50 ވަރަކަށް ޑޮލަރު މާރުކުރަން ޖެއްސުމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

"އަނެއްކާ ހަމަ ނޯޓިސްއެއް އެއްޗެއް ނުދީ، ޓައްކިޔާފައި ގަވާއިދެއް ހެދުމަކީ ރަނގަޅު ކަމެއް ނޫން. އިންޑަސްޓްރީ މީހުންނަކީ ހަމައެކަނި ބޮޑެތި ރިސޯޓުތަކުގެ މީހުންނެއް ނޫން. ކުދި ތަންތަނުގެ ހިޔާލު ވެސް ހޯދަންވާނެ. ރައްޔިތުންގެ މައްސަލައެއް ނޫން ސަރުކާރުގައި ޑޮލަރު ނެތުމަކީ. އަހަރެމެން ދަރަނިވެރިނުކޮށް ވެސް ޑޮލަރު ހޯދޭނެ އެހެން ގޮތްތައް ހުންނާނެ. އަބަދުވެސް އާދައިގެ މީހާ ދަރާވިކުން ފިޔަވާ އިތުރުކަމެއް ނުވޭ."

ސިނާއަތުގެ މީހުންގެ އިތުރުން ބައެއް ސިޔާސީ ބޭފުޅުން ވެސް މި ގަވާއިދާ ދެކޮޅަށް އަންނަނީ ހިޔާލުފާޅު ކުރައްވަމުންނެވެ.

ވ. ކެޔޮދޫ މަތިން ނަގާފައިވާ ފޮޓޯއެއް. (ފޮޓޯ/ ވިޒިޓް ކެޔޮދޫ)

މި ބަދަލުން ބޭންކިން ނިޒާމުން ފައިސާ ވާނީ މަދު: ނަޝީދު

"އަޅުގަނޑަށް ހިއެއް ނުވޭ އެމްއެމްއޭގެ ގަވާއިދުން ރާއްޖޭގެ ބޭންކިން ސިސްޓަމަށް ބޭރު ފައިސާ އިތުރަށް ވަދެ، ގްރޮސް ރިޒާވް އިތުރުވާނެ ކަމަށް. މި ގަވާއިދުގެ ސަބަބުން ގްރޮސް ރިޒާވް ދަށްވުމުގެ ފުރުސަތު މާ ބޮޑު،" މިކަމާ ގުޅޭ ގޮތުން ޓޫރިޒަމް ވަޓްސްއެޕް ގްރޫޕަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ފޮނުއްވި މެސެޖެއްގައިވެ އެވެ.

އެކަން ތަފްސީލުކޮށްދެއްވަމުން ނަޝީދު ވިދާޅުވީ ރިސޯޓުތަކުން ހިދުމަތްތައް ވިއްކާނީ ބޭރު ގަވާއިދުތަކާއި ޓެކްސް ލުއި ގައުމުތަކުގައި (މިސާލަށް ދުބާއީގައި) ހިންގާ ކުންފުންޏަކަށް، ވަރަށް އަގުހެޔޮކޮށް ކަމަށެވެ. އަދި ފަތުރުވެރިންނަށް އެ ހިދުމަތް ނުވަތަ ކޮޓަރީގެ އަސްލު އަގުގައި ވިއްކާނީ، ނަޝީދު ވިދާޅުވި ގޮތުގައި، އެ އޮފްޝޯ ކުންފުނިންނެވެ.

ވިޔަފާރިވެރިން ރާއްޖޭގައި ފައިސާ ރައްކާނުކުރަނީ، ނަޝީދު ވިދާޅުވި ގޮތުގައި، މިއީ އެ ކަމަށް ރައްކާތެރި ގައުމެއް ނޫން ކަމުގެ ބިރު އޮންނާތީ ކުއްލިއަކަށް ގެންނަ ގާނޫނީ ބަދަލަކުން އެ މީހުންގެ ފައިސާކޮޅު ގެއްލިދާނެތީ ކަމަށެވެ.

"ބޭންކިން ސިސްޓަމަށް ފައިސާ އިތުރަށް ވައްދަން ބޭނުންވާ ނަމަ އެމްއެމްއޭއިން މި ކުރި ކަމުގެ އިދިކޮޅަށް ކަން ކުރަން ޖެހޭނީ. ސަރުކާރުން މިކަމުގެ ތެރެއަށް ވަނުން ކުޑަކުރަންވީ. ގަވާއިދުތަކާއި ޓެކުހަށް ލުއި ދޭންވީ،" ނަޝީދު ވިދާޅުވި އެވެ.

"[އެ މަނިކުފާނުގެ ވެރިކަމުގައި،] 2009ގައި ތައާރަފްކުރި ޓެކުހުގެ ނިޒާމުގެ މަގްސަދަކީ ވެސް ސަރުކާރުން ވިޔަފާރިއަށް ވަނުން ކުޑަކުރުން."

އާމްދަނީއިން ވަކި އިންސައްތައެއް ނެގުން މާ ރަނގަޅުވާނެ: އެމްޑީޕީ 

އިދިކޮޅު އެމްޑީޕީއިން ވެސް ވަނީ އެ ގަވާއިދާ މެދެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން އެމްޑީޕީއަށް ފެންނަ ރަނގަޅު ގޮތަކީ ބޮލަކަށް ވަކި އަދަދެއް ކަނޑައަޅައިގެން ނެގުމުގެ ބަދަލުގައި އެ ތަނަކަށް ދާ ފަތުރުވެރިންގެ ޖުމްލަ އަދަދަށް ބެލުމަށްފަހު ލިބޭ އާމްދަނީއިން ވަކި އިންސައްތައެއް ނެގުމަށެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވާ ގޮތުގައި މި ނިންމުމުން އެކަނި ޑޮލަރު މައްސަލަ ހައްލެއް ވެސް ނުވާނެ އެވެ. ޑޮލަރު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ، އޭނާ ވިދާޅުވާ ގޮތުގައި ސަރުކާރުގެ ބޭކާރު ހަރަދުތައް ވެސް ކުޑަކޮށް، ފައިސާ މާރުކުރާ ތަންތަން މޮނީޓާކުރުން ފަދަ ކަންތައް ހަރުދަނާކޮށްގެންނެވެ.

ކޮމެންޓް (5)

ބަރޯ

4 އޮކްޓޯބަރު 2024
ބަލަ ކާނި ސޭޓޫ!! ކަލޭ މާރުކުރަން ޤަވާއިދުގައި އޮތީ ބޮލަކަށް 25 ޑޮލަރު. އޮޅުވާލަން ނޫޅޭ.. ރެޔަކަށް 25 ޑޮލަރު ކަމަށް ދައްކައިގެން ފިތުނަ އުފައްދަން ނޫޅޭ..
3 0

ކޮސް

2 އޮކްޓޯބަރު 2024
މިކަހަލަ ކޮސް ކަންތައް ކުރެވޭނެތީ ގިނަބަޔަކު މިބުނަނީ މިހާރު ހުރި މިނިސްޓަރު ވަކިކޮށް ކަމަށް ގާބިލް މީހަކު ޓޫރިޒަމް މިނިސްޓަރަކަށް ލާށޭ. ދެން ބުނެފާނެ އެއީ އޭނާގެ ކަމެއް ނޫނޭ، މަނިިޓަރީގެ ކަމެކޭ. އެކަމަކު ރައީސްގެ ވިސްނުމަކީ މިގޮތް ނަމަވެސް ، ޓޫރިޒަމް މިނިސްޓަރެއްގެ ހައިސިއްޔަތުން ލަފައެއް އެރުވޭހާ ޤާބިލުކަމެއް ނެތިއްޔާ ވާނެ ގޮތަކީ، ރައީސްގެ ނިންމުމަށް އަތްޖަހާ، ހަވާއަރުވާނީ . ޤާބިލުކަމެއް ނެތީމަ އެއްޗެއް ނުބުނާނެކަން ރައީސަށް ވެސް އެނގޭނެ.
0 5

ހިތަދޫ ހުސެން

3 އޮކްޓޯބަރު 2024
@ކޮސް މީކީ ޓޫރިޒަމް މިނިސްޓަރުގެ އެކަނި ނިންމުމެއް ނޫން. މީ އެމްއެމްއޭ އަދި ފިނޭންސް ގެ ނިންމުމެއް. ފައިސަލް މަގާމަށް ރަނގަޅެކޭ ނޫން މިކިޔަނީ
1 0

އަންނި

2 އޮކްޓޯބަރު 2024
15:42 އެއީ އަސްލު އަގު ކަމަށް ބާލައިގެން ހުރިހާ ވިޔަފާރިއެއްވެސް ސެޓް ކޮށްފައި ހުންނާނީ . ޑޮލަރު ނަވާރައަށް ވިއްސަށް ވިއްކައިގެން ނިކަމެތި ރައްޔިތުން ފެލާލައި ބައި އެއީ ތިމީހުންގެ ބޯނަސް ބައި . ދެން ކޮން ގެއްލުމެެއްވާނީ. މި އެއްވެސް ސަރުކާރަކަށް ކުރަން ނުކެރިފައި އޮތް ކަމެއް
6 0

ހިތަދޫ ހުސެން

2 އޮކްޓޯބަރު 2024
ރައްޔިތުންގެ މައްސަލައެއް ނޫން ސަރުކާރުގައި ޑޮލަރު ނެތުމަކީ. ރައްޔިތަކަށް ވަނީ ހަމަ އެކަނި ގެސްޓްހައުސް ހިނގާމީހާ؟ ދެން އަނެއްކާ މީކީ ޓެކްސް އެއްވެސް ނޫން ސަރުކާރުން ކަނޑާޅާފަ އޮންނަ ރޭޓަށް މާރުކުރުން. އާމްދަނީ ލިބެންޔާ ޑޮލަރުވެސް ހުންނާނެ މާރު ކުރަން މާރު ކުރީމަ ރުފިޔާ ހުންނާނެ ހަރަދު ކުރަން އަދި ރައްކާ ކުރަން. މި ގައުމުގެ ރުފިޔާ އަގު ހިފަހައްޓަން މިކުރަނީ މިކަން. އޮޅުވާލަން ނޫޅޭ. ކާނި ސޭޓުވެސް އެމްއެމްއޭގަ އެދުނީމަ ގަވާއިދުގެ ދަށުން $25 ޑޮލަރަށް ބަދަލް ކޮއްދޭނެ އެހެން އޮތީ ގަވާއިދު ހަދާފަ.. 50 ކޮޓަރިއަށް ވުރެ ގިން ގެސްޓްހައުސް މަދުވާނެ، އެހެން ދިމާވާ އެރާއެއް އެއީ. އަސްލު ވާގޮތަކީ ދެން 20-30% ވެލްތް ގެއްލޭނެ އެމީހުން ހިނގި ބްލެކް މާކެޓް ގެއްލުނީމަ.. އެހެންވެ ކަނބޮޑުވަނީ.. ނިކަމެތި ވަނީކީ ނޫން އާންމުނަން ބޭންކުން ލުއިފަސޭހަކޮށް ޑޮލަރު ލިބިދާނެތީ ކަނބޮޑުވަނީ
7 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް