އަރަފާތުގެ ނަޖިސް ބަދިގެ: ހަޑިމުޑުދާރު ހާއްޔެއް، ކުނިވަހާއި ފުޅަ

އަރަފާތު ހިންގި ތިން ބުރީގެ ލަކުޑި ބަދިގޭގައި ގިނަ އަދަދަކަށް ގޭސް ފުޅި ވެސް ބަހައްޓާފައި ހުރި؛ އަދި އޭނާ ގެންގުޅުނު ބައެއް މުވައްޒަފުންނަށް ވަގު ޑޮލަރުން މުސާރަ ދިން މައްސަލަ ވެސް ހިމެނޭ

ބަންގްލަދޭޝްގެ އަރަފާތު ހޮސައިން، 32،ގެ މައްޗަށް ތުހުމަތު ކުރަނީ މާލޭގެ މަގުމަތީގައި އުޅޭ ބުޅާތައް ހިފައި މަރާލުމަށް ފަހު އެ ބުޅަލުގެ މަސް ބޭނުންކޮށްގެން ތަފާތު ކާނާ ތައްޔާރުކޮށް ވިއްކާ ކަމަށެވެ. މިއީ އިއްޔެއާ ހަމައަށް ވެސް ރާއްޖޭގައި މީހަކު ކޮށްފާނެ ކަމެއް ކަމަށް، ދިވެހިންގެ ސިކުނޑިއަށް ގަބޫލުކުރެވިފައިވާ ކަމެއް ނޫނެވެ.

އެހެންވެ، އަރަފާތުގެ މައްޗަށް ކުރެވުނު ތުހުމަތުން އެންމެން ތިބީ މިއަދު ސިހިފަ އެވެ. ބިދޭސީން ހިންގާ ވިޔަފާރިތަކާއި އެ މީހުން އުފައްދާ ކާތަކެތީގެ ނުތާހިރުކަމުގެ ވާހަކަ އެންމެން މިއަދު ދައްކަނީ އެވެ. 

އަރަފާތު ކާބޯތަކެތި ތައްޔާރު ކުރަމުން އައީ، ގަލޮޅު ސަހަރާ މަގުގައި ހުންނަ ރަނައުރާގެއާގެ ހަނި ގޯޅި ތޭރޭގައި ލަކުޑިން ތިން ބުރިއަށް ހަދާފައި ހުންނަ ބައިގަ އެވެ.  ގާތްގަނޑަކަށް ހަތަރު ފޫޓު، ހަތް ފޫޓުގެ ޖާގައެއް ކޮންމެ ބުރިއެއްގައި ހުރިއިރު އެންމެ ތިރީ ބައި ބޭނުން ކުރަނީ ކެއްކުމަށެވެ. 

އަރަފާތު ބަދިގެ ހިންގި ގ. ރަނައުރާގެއާގެ: ބަދިގެ ހުންނަނީ އެ ގޭގެ ހަނި ގޯޅި ތެރޭގައި ތިން ބުރިއަށް ހަދާފައި ހުންނަ ބައިގައި (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
ރަނައުރާގެއާގޭގެ ހަނި ގޯޅި ތެރެ: މިތަނުގައި ތިން ވަރަކަށް ބައިގައި މީހުން ދަނީ ދިރިއުޅެމުން. އެތަނުން އެއް ބަަޔަކީ، އަރަފާތު ކުއްޔައް ނަގާފައި ހުންނަ ބައި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އެތަނަށް ވަނުމުން ފުރަތަމަ ވެސް ނޭފަތުގައި ޖެހުނީ މަސް ކުނި ވަހެވެ. ފުރިޖުގެ އެންމެ މަތީ ބައިގައި ކުޅުކުޅު ފަޔާއި ފުރެންދެން މަސް ލާފައި ހުއްޓެވެ. ތިރީ ބައިގައި އެކި ބާވަތުގެ ތަރުކާރީ ހުއްޓެވެ. ބައެއް ތަކެތި ހުރީ ހަލާކުވެފަ އެވެ.

މަސް ކޮށަނީ ޑީފްރިޖް މަތީގައި ފިލާގަނޑެއް ބާއްވައިގެން އޭގަ އެވެ. އެ ހިއްލާލައި ޑީފްރިޖް ހުޅުވާލިއިރު ފުރެންދެން މަސް ހުއްޓެވެ. އެއާ އެކު، މުޅި ތަނުން ދުވަމުން ދިޔަ މަސް ކުނިވަސް އިތުރަށް ގަދަވި އެވެ. 

ބަދިގެ ހުންނަ ބައިގައި ބަހައްޓައިފައި ހުރި ފްރިޖްގެ މަތީ ބައިގައި މަސް ރައްކާކޮށްފައި. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ދެވަނަ ބުރިއަކީ ކާ އެއްޗެހި ތައްޔާރު ކުރުމަށް ބޭނުންކުރާ ތަކެތި ބަހައްޓާފައި ހުންނަ ތަނެވެ. އެތަނުގެ ތެރޭ ވަރަށް ކުޑަ ފާހަނައެއް ވެސް ހުއްޓެވެ. ލާ އަންނައުނު ފަދަ ތަކެތި ވެސް އެބައިގައި ހުރިއިރު ކައްކަން ބޭނުންކުރާ ގޭސް ފުޅިތައް ވެސް ރައްކާކުރަނީ، އެ ތަނުގަ އެވެ. އަވައްޓެރިން ބުނާ ގޮތުގައި 10 ވަރަކަށް ގޭސްފުޅި އެތާ ތެރޭ ހުއްޓާ ފެނިފައިވެ އެވެ. އެ ފުޅިތައް މިހާރު ހުރީ ހަނި ގޯޅިތެރެއަށް ނެރެފަ އެވެ. 

  • ގ. ރަނައުރާގެއާގޭގައި ބުޅާ މަރާ ކައްކާ ކަމަށް ތުހުމަތުކުރެވޭ އަރަފާތު ދިރިއުޅޭ ތަން. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
  • އަރަފާތު ބޭނުންކުރި ބަދިގެ: މުޅި ތަނުން ފެނުނީ މުޑުދާރު ކަމުގެ އިންތިހާ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
  • ބަދިގޭގައި ހުންނަ ސިންކު (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
  • ކައްކާއިރު ވަސް ބޭރު ކުރުމަށް ޖަހާފައިވާ އެގްޒޯސްޓް (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
  • ބަދިގެތެރެ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ތިން ވަނަ ބުރީގައި ވެސް ކާއެއްޗިހި ތައްޔާރުކުރަން ބޭނުންކުރާ އެކި ޒާތުގެ ތަކެތި ކޭސްކޭސް ޖަހާފައި ހުއްޓެވެ. އެތަން އޮތީ ގުދަނެއްހެން އެއްވެސް ތަރުތީބެއް ނެތި އެކި ތަންތަނަށް ތަކެތި އުކާލައިފަ އެވެ. ތިން ވަނަ ބުރީގައި އިތުރު ޑެކެއް އަޅާފައި ނިދުމަށް ބޭނުންކުރާ ތަނެއް ހަދާފައި ހުއްޓެވެ. ބުޅާތައް ބައިތިއްބަނީ އެތަނުގައިކަން އެތަނުން ދުވި ވަހުން އެނގެ އެވެ.

މުޅި ތަނުން ވެސް ފެނުނީ ހަޑިމުޑުދާރުކަމާއި ނަޖިސްކަމެވެ. ތަނުގައި ދުވަނީ ތަތްމުޑުވަހެވެ. 

އަވައްޓެރިން ޓަކި ނުޖަހާ އިދާރާއެއް ނެތް؛ އަޅާނުލީ

"ދިހަ ވަރަކަށް ފުޅި ގޭސް އެބަ ގެންގުޅޭ، އެހެންވީމަ ކިހާ ނުރައްކާ ކަމެއް މިއީ. އެހެންވެ އެ ކަންތަކުގައި ޕޮލިހަށް އަންގައިފިން. ސިޓީ ކައުންސިލުން ވަރަށް ގިނަ ދުވަސް ދުވަހު އައިސްފި. ހެލްތު [މިނިސްޓްރީ]ގައި ވެސް މައްސަލަ ޖައްސައިފިން. އެކަމަކު މިކަން ނުއެއް ހުއްޓުވުނު،" އެ ގޯޅި ތެރޭގައި ދިރިއުޅޭ އަންހެނަކު އޭނާގެ ވާހަކަ ފެށީ އެ ހިސާބުންނެވެ.

އޭނާ ބުނި ގޮތުގައި ފުލުހުންނަށް ގުޅުމުން ބުނަނީ އެމްއެންޑީއެފްއަށް ގުޅުމަށެވެ. އެމްއެންޑީއެފްއަށް ގުޅުމުން ބުނަނީ ފުލުހަށް ގުޅުމަށެވެ. 

"މި މައްސަލަ ބޮޑުވެގެން ޓަކި ނުޖަހާ އެންމެ އިދާރާއެއް ވެސް ނެތް. ދެން މިކަން ހައްލުކުރަން ދާނެ ތަނެއް ނެތް،" އޭނާ ބުންޏެވެ.

ދެ ވަނަ ބުރީގައި ބަހައްޓާފައި ހުރި ގޭސް ފުޅިއެއް: ބައެއް ގޭސް ފުޅިތައް މިހާރު ވަނީ އެތަނުން ނެރެފައި. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

މީގެ ތިން އަހަރު ކުރިން، އަރަފާތަށް އެތަން ކުއްޔަށް ދީފައި ވަނީ، ދިރިއުޅުމަށެވެ. ނަމަވެސް ބަދިގެ ހިންގައިގެން ކާބޯތަކެތި ތައްޔާރުކުރާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް އެ ގޯޅިތެރޭގައި ދިރިއުޅޭ މީހުން ބުނެ އެވެ.

"ކައްކާތީވެ، ހޫނުވެގެން ޖެހިގެން ހުންނަ ކޮޓަރިތަކުގެ އެތެރެ ހުންނަނީ ހަލާކުވެފައި. ބޭރުން ދާއިރު، އެ ކޮޓަރީގެ ފާރުގައި އަތް ޖައްސާނުލެވޭ ހޫނުކަމުން،" އަންހެން މީހާ ކިޔައިދިނެވެ.

ފުރަތަމަ ކައްކަމުން ދިޔައީ ވައި ބޭރުކުރާނެ އެއްވެސް ވަސީލަތެއް ނެތި އެވެ. ނަމަވެސް މި ފަހުން، ޝަކުވާ ކުުރުމުން ބޭރަށް ދުންހޮޅިއެއް ވަނީ ލައިފަ އެވެ. 

އަރަފާތު ބަދިގޭގެ ވަސް ބޭރު ކުރަން ޖަހާފައިވާ ހޮޅި (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ، ރައްކާތެރިވާން ސަލާމަތީ ގޮތުން އެއްވެސް ވަސީލަތެއް ނެތެވެ. އެެފަދަ ކަމެއް ހިނގައިފި ނަމަ، އެ ގޯޅިގަނޑުގައި ހުންނަ ހުރިހާ ގެއަކަށް އޭގެ އަސަރުކޮށް ހިތާމަވެރި ހާދިސާއެއް ހިނގުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

އެ ގޯޅިގަނޑުގައި ދިރިއުޅޭ އެންމެން ވެސް ތިބީ އަލިފާނުގެ ހާދިސާއެއް ހިނގާފާނެތީ ބިރުންނެވެ. 

'ބުޅާ ރޯ އަޑު އިވޭ؛ ބޯބުރިކޮށްލާފައި ވެސް އޮތް'

މިދިޔަ އެއް އަހަރު ތެރޭ އަރަފާތު ކާބޯތަކެތި ހަދައި ވިއްކުމުގެ ބޮޑު ވިޔަފާރިއެއް ހިންގި އިރު އެ ގޯޅި ތެރެއިން އޭގެ ކުރިއަކުން ބުޅަލެއް ނުފެނެ އެވެ. ބުޅާތައް ފެންނަން ފެށީ މި ފަހުުން ކަމަށް ގޯޅިގަނޑު ތެރޭ ދިރިއުޅޭ މީހަކު ބުންޏެވެ.

އަވައްޓެރިންނަށް ބުޅާ ރޯ އަޑު އިވުމުގެ އިތުރުން ބޯބުރިކޮށްލާފައި އޮތް ބުޅަލެއް ވެސް ފެނިފައިވެ އެވެ.

އޭގެ ތެރެއިން އެކަކީ، އަަރަފާތު ދިރިއުޅެމުން އަންނަ ތަނާ ޖެހިގެން ހުންނަ އިމާރާތުގައި އުޅޭ މުހައްމަދު މުފައްސިރެވެ.

"ބުޅާ ރޯއަޑު އިވޭ...ހަތަރު ދުވަސް ކުރިން ޑަސްބިން ނެރުނު ގަޑީގައި ބޯ ބުރިކޮށްލާފައި އޮތް ބުޅަލެއް ފެނުނު،" މުފައްސިރު ކިޔައިދިނެވެ.

އޭނާ ކިޔައިދިން ގޮތުގައި، އަރަފާތު ބުޅާ ގެންގުޅެމުން އައީ ބޭރަށް ނުނެރެ، އޭނާ ކުއްޔަށް ދިރިއުޅުނު ތަނުގެ ތެރޭގަ އެވެ.

އަރަފާތު އެއްޗެހި ކޮށަން ބޭނުންކުރި ފިލާ، ޑީ ފްރިޖް މަތީގައި (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
ޑީ ފްރިޖް ފުރެންދެން ހުރީ މަސް އަޅާާފައި. ހުޅުވުމުން ދުވީ ކުނި ވަސް (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

މުފައްސިރު ކިޔައިދިން ގޮތުގައި އަރަފާތު ގެންގުޅޭ ބުޅާތަކަށް ކާން ނުދޭތީ ބައެއް ފަހަރު ވައި ބޭރުކުރަން ހަދާފައި ހުންނަ ބާގަނޑުން ބޭރަށް ނުކުމެ ގޮވާ ހަދަ އެވެ. 

"ދެ ދުވަހު ދެ ބުޅާ ރޯވަރުން ދޫކޮށްލައިފިން އެ ބޮކްސް ތެރޭ އިންދާ،" އޭނާ ބުންޏެވެ.

އަރަފާތު ބުޅާ މަސް ބޭނުންކޮށްގެން ކާ އެއްޗެހި ތައްޔާރުކުރާކަން އަވައްޓެރިންނަށް ރޭކާލީ، އެ މީހުން ބުނި ގޮތުގައި، އޭނާ ބުޅާ ވަގަށް ނަގާ މައްސަލަ ފެންމަތިވެ، އިއްޔެ ބަޔަކު އެ ގެއަށް އައުމުންނެވެ.

އެކަން ގަބޫލުކުރަން އެ މީހުންނަށް އަދިވެސް ތިބީ ދަތިވެފަ އެވެ.

އޭނާ އެ ތަނުގެ ތެރޭ ބަތާއި ރިހަ ކައްކައިގެން ޕާރުސަލް ހަދައިގެން ވިއްކަ އެވެ. އަދި ސަބްމެރިން އާއި ސޭންޑްވިޗާއި ބާގާ ފަދަ އެކި ވައްތަރުގެ ތައްޔާރީ ކާނާ ވެސް އެތަނުގެ ތެރޭ ހަދަ އެވެ. އެ ތަކެތި އޭނާ ލަނީ ކަންމަތީ އެކި ފިހާރަތަކަށެވެ.

އާންމުކޮށް ކައްކަނީ ވެސް ދަންވަރު އެވެ. ބައެއް ދުވަސް ދުވަހު ހެނދުނު ވެސް ކައްކާ ކަމަށް އަވައްޓެރިން ބުންޏެވެ. 

އެ ބަދިގޭގައި އޭނާ ކައްކާއިންގެ ގޮތުގައި މުސާރަ ދީގެން މީހުން ވެސް ގެންގުޅެ އެވެ. 

"އެއިން ކައްކާއެއް މާކަ ގިނަ ދުވަހަކު މަޑެއް ނުކުރޭ. އަބަދުވެސް އެހެން ކައްކާއެއް ފެންނާނެ ދުވަސްގަނޑަކުން،" މުފައްސިރު ބުންޏެވެ.

އަރަފާތުގެ ބަދިގެތެރެ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އޭގެ އެއް ސަބަބަކީ، އެ މީހުންނަށް މުސާރަ ނުދިނުންކަން ފާހަގަކޮށް މުފައްސިރު ބުނިގޮތުގައި ބައެއް މީހުންނަށް ވަގު ޑޮލަރުން މުސާރަ ދިން މައްސަލައެއް މިފަހުން ފެންމަތިވި އެވެ.

"އިންޑޮނޭޝިއާ ކައްކާއެއް ގެންގުޅުނުއިރު، އެ މީހާ ބުނެގެން ބެލިއިރު މުސާރައަށް ދީފައި ހުރީ 50ގެ ވަގު ޑޮލަރު،" އޭނާ ބުންޏެވެ.

އަވައްޓެރިން އަރަފާތު ސިފަކުރީ އިންތިހާއަށް ރުޅިގަދަ، ވަރަށް ބޮޑު މަކަރުވެރިއެއްގެ ގޮތުގަ އެވެ. އޭނާގެ އުނދަގުލުން އެ މީހުން ސަލާމަތްވާން ބޭނުންވެފައި ތިބިތާ ކިތަންމެ ދުވަހެކެވެ.

އެންމެ ފަހުން އެ ހުރިހާ ކަމެއް ފަޅާއަރައި އިމިގުރޭޝަނުން އޭނާ ހޯދަން އިއްޔެ އިއުލާން ކުރި އެވެ. މިއަދު އޭނާ ހައްޔަރުކޮށްފައި ވަނީ ފިލައިގެން އުޅެނިކޮށެވެ.

އިމިގްރޭޝަނުން ބުނީ އޭނާ އަތުލައިގަތީ ސިފަ ބަދަލުކުރަން ބޯކޮށާ ސެލޫނެއްގެ ތެރޭގައި ބޯ ބާލަން ގޮސް ހުއްޓާ ކަމަށެވެ. 

ކޮމެންޓް (10)

އަހުމަދު

30 އޯގަސްޓު 2024
މިއީ އިމިގްރޭޝަނުން ހަދައިގެން އުޅޭ ޑްރާމާއެއް ނޫންތަ؟ އަރަފާތަކީ ހަމައެކަނި އެކްޓަރެއް ނޫންތަ. އަހަރެން ގަބޫލެއް ނުކުރަން. ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ކުރާކަމެއް ޕްރޮޕެގެންޑާ ފެތުރުމަކީ. މިސަރުކާރުން އުޅެނީ ގައުމިއްޔަތު ބޭނުންކޮށް އަހަރުމެން ގުބޯ ހައްދަން.
0 0

ރީމް

20 އޯގަސްޓު 2024
ސަބްމެރިންއާ ބާރގާ ކާން ފަކުރު ގަނޭ އެބަ
6 0

ކަނޑަހަގަލާ

20 އޯގަސްޓު 2024
އަދިވެސް ރާއްޖޭގެ އާބާދީގެ ބޮޑުބައި މިސަރަހައްދަށް ތޮއްޖައްސަން އިތުރު ފަޅުތައް ހިއްކާ. ދެތިން އަކަކިލޯމީޓަރު ނެތް ރަށެއްގައި އެއްލައްކަ ދިވެހިންނާއި އެއްލައްކަ ބިދޭސީން އުޅޭއިރު ބަލަހައްޓަން ގައިމު ފަސޭހައެއް ނުވާނެ. ރޫޓް ކޯޒް. އަސްލު މައްސަލައިގެ ވާހަކަ ދައްކަމާ. އަސްލު މައްސަލައަކީ ތޮއްޖެއްސުން. އޭގެ ތެރެއިން އުފެދެނީ އަމިއްލައެދުމާއި، ބޮޑުކުލީގައި ސަރވައިވްވާން ބޭނުންވެގެން ރިޝްވަތުދިނުމާއި، ރިޝްވަތު ހިފުމާއި، ބުޅާ މެރުމާއި، މަސް ކާންދިނުން.
9 0

އިދުރީސްބޭ

20 އޯގަސްޓު 2024
އަދި މިވަރުން އަރަފާތު ބުޅާ މަސް ބޭނުންކޮށްގެން އެެއްވެސް އެއްޗެއް ހެދިކަމެއް ނެތެންނު އިނގޭކަށް. ބުޅަލެއް ބޯބުރިކޮށްލާފައި އޮތުމަކީ އޭގެ މަހުން ބާގާރ ހެދިކަމަށް ވެސް ބެލޭކަށް ނެތް.. އެކަމް ބުނަން އެތަން އެހެރީ އިންސާނުން އުޅެން ހެޔޮ ނުވާވަރަށް.. އަރަފާތު ޑީޕޯރޓް ކޮށްލާ
4 3

މުހަންމަދުރަޞީދު

20 އޯގަސްޓު 2024
ދެންވެސް ބަލަ ބަލާ ނޫ ތިބެންވީ. ބަންގާޅިން ހިންގާ ހުރިހާ ތަނެއް ސަރުކާރުން އެބަޖެހޭ ބަންދުކޮއް އެކަން ހުއްޓުވަން
11 0

ދުޝުން

20 އޯގަސްޓު 2024
ދިވެހިންވާނީ ދިވެހިންނަށް އަދިވެސް ހޭނާރާނެ. މާލެތެރޭގަ މިހާ ބަލިގިނަވެގެންވެސް މިއުޅޭނީ މި ބޭރުމީހުންގެ މުޑުދާރުކަމުންނާއި،އެމީހުން ހަދާ މުޑުދާރުކާތަކެތި ކާތީ. ވަރުވަރުން މިނިސްޓްރީތައް ހަދާފަ ޓެކުސް ފައިސާ ނަގާގެން މުސާރަ ނަގާގެން ބަޔަކު ކަމެއްނުކޮށް ތިބުމުގެ ނަތީޖާ މިއަދުމިފެންނަނީ.
20 1

ހިތަދޫ ހުސެން

20 އޯގަސްޓު 2024
ތަން ކުއްޔަ ދެވުނީމަ ގިނަ މީހުންނަށް ނިމުނީ، އެ ވަރިހަމަ ކޮންމެ ބޭނުމެއް ކުރިޔަސް، ނާސިގެ ހިނގަން ވީ، ބަދިގެއަކަށް ހިނގަންވީ، މަސްތުވާ އައްޑާ އަކަށް ހިނގަންވީ، މިހާރު މި ހާމަވާ ކަންކަމުން އިނގެނީ ބޮޑެތި މުސާރަ ނަގައިގެން ނުކަތާ ވަރަށް މީހުން ލައިގެން އަހަރެއްގެ 1/3 ޗުއްޓީ ލިބޭ އޭސީ ކޮޓަރީގަ މަސައްކަތް ކުރާ ވެރިން ފޭލިވެފަ ތިބިވަރު. ތިޔަ އެފްޑީއޭ ގެ ތިބި ހުރިހާ އިސް ވެރިން ޖެހޭ ވަކިކުރަން. މީ ވަރަށް ބޮޑު އިހުމާލެއް.
21 0

ނަލަ ހުސެން

20 އޯގަސްޓު 2024
@ހިތަދޫ ހުސެން ބަލަ ލިބޭ މުސާރައާ އިނާޔަތް ކުޑަވެފަ ވަސީލަތް ނެތީމަ ކީއްތޯ ކުރާނީ، މިއީ އެމީހުން ދޭނެ ޖަވާބަކީ.
10 1

އަބްދުލް

20 އޯގަސްޓު 2024
"މި މައްސަލަ ބޮޑު ވެގެން ޓަކި ނުޖަހާ އެންމެ އިދާރާއެއް ވެސް ނެތް. ދެން މިކަން ހައްލު ކުރަން ދާނެ ތަނެއް ނެތް،" އޭނާ ބުންޏެވެ. ދައުލަތެއް ފެއިލްވާނީ މިވަރަކަށް. ތިއީ ވަގަށް ކުރާ ކަމެއް، އެއްމެންގެ ލޯމަތީ ނަޖިސް ފެނުން މަހާ ތަރުކާރީ ދޮވެގެން ވިއްކާ އެ ނަގަނީ، ފެންނަ އިދާރާއެއް އެޅޭ ފިޔަވަޅެއް މިގައުމުގަ ނެތް. ތިޔަ އަރަފާތު މާދަން ނޫން އަނެއް ދުވަހު މިނިމަސް ލައިގެން ސޭންޑްވިޗް ހަދާފަ ވިއްކިއަގެން "ހައްޔަރު" ކުރިޔަސް އަހަރުމެން ހައިރާނެއް ނުވާނަން.
12 0

ޙަހާ

21 އޯގަސްޓު 2024
@އަބްދުލް ރިއަލް ޓޯލްކް.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް