މ. ވޭވަށް މޫދު ކައިރީގައި އެ ރަށުގެ ބަޔަކު މޫދަށް އެރި މަޖާ ކުރަނީ
މ. އަތޮޅުގެ 'މުތަށް' އެތައް މިލިއަން ޑޮލަރުގެ މަޝްރޫއެއް؛ އެކަމަކު ހުރަސްތަކެއް
ރާއްޖޭގެ އާބާދީ އެންމެ މަދު އެއް އަތޮޅަށް ޔަގީނުން ވެސް މ. އަތޮޅުވާނެ އެވެ. އެކަމަކު އެ ކުޑަ އަތޮޅުގެ ކައުންސިލްގެ ރައީސް މުހައްމަދު ނިމާލްއަށް ގުޅާލުމުން އޭނާ ފެއްޓެވީ މިލިއަން ޑޮލަރުގެ މަޝްރޫއުތަކެއްގެ ވާހަކަ އެވެ. އެ އަތޮޅުގެ އެކި ރަށްރަށަށް ސީދާ އާމްދަނީ ވަންނާނޭ ގޮތަށް އެއްބަސްވުންތައް ހަދައި ސޮއިކޮށްފައި ހުރި އެތައް މިލިއަން ޑޮލަރުގެ އެ މަޝްރޫއުތަކާ އެކު އޭނާ އެ ހުރީ ހިތްހަމަޖެހިގެންނެވެ.
"އަޅުގަނޑުމެން [އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކުން] މިދިޔަ އަހަރުގެ ފަހުކޮޅު ތައިލެންޑަށް ކުރި ދަތުރަކާ އެކު އެމްއޯޔޫއެއްގައި ސޮއިކުރީ ޓޫރިޒަމަށް، ދަނޑުވެރިކަމަށް އިންވެސްޓަރުން ހޯދަން. އެއާ އެކު ދިއްގަރު، ވޭވަށް މި ރަށްރަށަށް ބޮޑެތި ޓޫރިޒަމްގެ ޕްރޮޖެކްޓްތައް ހިންގަން ޝައުގުވެރިވެ، އެއްބަސްވުންތަކުގައި އެ ހުރީ މިހާރު ސޮއިކޮށްފައި،" ނިމާލް ވިދާޅުވި އެވެ.
"ގާތްގަނޑަކަށް 8 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އެއްޗެއް މި މަޝްރޫއުތަކުގެ އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި އަޅުގަނޑުމެން އެންމެންގެ މަސައްކަތުން އެ ހުރީ މިހާރު ދިއްގަރާއި ވޭވަށު ކައުންސިލަށް އެ ފައިސާ ޖަމާވެފައި. މިއީ ކުޑަ އެއްޗެއް ނޫން."
އަހަރަކު 12 މިލިއަން ލިބޭނެ މަޝްރޫއުތަކެއް
އޭގެ އެއް މަޝްރޫއުގެ ތަފްސީލް ދެއްވަމުން ވޭވަށު ކައުންސިލްގެ ރައީސް މަމްދޫހު ވަހީދު ވިދާޅުވީ އެ ރަށުގެ ޓޫރިޒަމްގެ މަޝްރޫއަށް ބީލަން ހުށަހެޅި ފަރާތްތަކުގެ ބިޑްތައް އިވެލުއޭޓްކޮށް ބޭރުގެ އިންވެސްޓަރަކާ އެކު ދެ މަޝްރޫއެއް ހިންގަން ސޮއިކޮށްފައިވާ ކަމަށެވެ.
ގާތްގަނޑަކަށް 8 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އެއްޗެއް މި މަޝްރޫއުތަކުގެ އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި އަޅުގަނޑުމެން އެންމެންގެ މަސައްކަތުން އެ ހުރީ މިހާރު ދިއްގަރާއި ވޭވަށު ކައުންސިލަށް އެ ފައިސާ ޖަމާވެފައި. މިއީ ކުޑަ އެއްޗެއް ނޫން.
އެއް މަޝްރޫއަކީ ވޭވަށު ފަޅުން 10 ހެކްޓަރު ހިއްކައިގެން 500 ކޮޓަރީގެ ރިސޯޓެއް ހެދުމާއި އަދި އެ ރަށުގެ 70،000 އަކަފޫޓުގެ ބިމެއްގައި 58 ކޮޓަރީގެ ގެސްޓްހައުސްއެއް ތަރައްގީ ކުރުމެވެ. މަމްދޫހު ވިދާޅުވި ގޮތުގައި، އެ ދެ މަޝްރޫއުގެ އެކުއިޒިޝަން ކޮސްޓް ނުވަތަ މަޝްރޫއު ހިންގަން ފުރަތަމަ ދައްކަން ޖެހޭ ފައިސާގެ ގޮތުގައި 500،000 ޑޮލަރު (7.7 މިލިއަން ރުފިޔާ) މިހާރު ވަނީ ކައުންސިލްގެ އެކައުންޓަށް އެ ފަރާތުން ޖަމާކޮށްފަ އެވެ.
"މި މަޝްރޫއު ދެ އަހަރުން ނިންމަން ޖެހޭ މަޝްރޫއެއް. އެގްރިމަންޓުކޮށްފައި އޮތީ އެ މަޝްރޫއު ދެ އަހަރުން ނިންމާފައި ކައުންސިލަށް އޭރުން އަހަރަކު 12-14 މިލިއަން ރުފިޔާ ކޮންމެ އަހަރަކު އެ ފަރާތުން ދޭން ޖެހޭ ގޮތަށް،" މަމްދޫހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެ މަޝްރޫއާ އެކު ސަރުކާރަށް ބަރޯސާނުވެ ކައުންސިލަށް އަމިއްލަ ފައި މައްޗަށް ތެދުވެވޭނެ އެވެ. އޭނާ ވިދާޅުވީ އެފަދަ މަޝްރޫއުތަކާ އެކު ކައުންސިލުން މިހާރު ވެސް ވަރަށް ގިނަ ހަރަދުތައް ކުރަނީ ސަރުކާރަށް ބަރޯސާނުވެ އަމިއްލައަށެވެ. މަމްދޫހު ގަބޫލުކުރައްވާ ގޮތުން، ކައުންސިލްތަކުގެ ސައިޒް ކުޑަ ކުރިޔަސް ކައުންސިލްތަކަށް ދީފައިވާ ބާރުތައް އެގޮތުގައި ބާއްވަން ޖެހެ އެވެ. އޭރުން އެ މީހުން އަމިއްލައަށް މަޝްރޫއުތައް ހިންގާ އާމްދަނީ ހޯދައިގެން ދުރު މުސްތަގުބަލެއްގައި ރަށްތައް ހިންގޭނެ އެވެ.
"މިހާރު ވެސް މި ރަށުގެ ސްކޫލާއި ސިއްހީ މަރުކަޒުގެ މުސާރަ ދިނުން ނޫން ހަރަދުތައް މިހާރު ވެސް މި ކުރަނީ ހަމަ އަޅުގަނޑުމެން ކައުންސިލުން. މި ދެ ތަނުގެ %95 ހަރަދު މި ކުރަނީ އަޅުގަނޑުމެން. އެހެން ވީމާ މި ފުދުންތެރިކަން އިތުރުވާ ވަރަކަށް އަޅުގަނޑުމެންނަށް ބަޖެޓަށް ބަރޯސާ ނުވެވެސް ރަށް ހިންގަމުން ދެވޭނެ. އެއީ ނޫންތޯ ލާމަރުކަޒީ ނިޒާމެއްގެ ބޭނުމަކީ،" މަމްދޫހު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ތައިލެންޑަށް އެކުރި ދަތުރަށް ހަރަދުވި ފައިސާއަށް ވުރެ ގިނައިން އަޅުގަނޑުމެންނަށް ފައިސާ ހޯދިއްޖެ."
މަޝްރޫއު ހުއްޓިދާނެ ކަމުގެ ބިރު
ވޭވަށާއި ދިއްގަރުގައި ހިންގަން ސޮއިކޮށްފައިވާ ޓޫރިޒަމްގެ މަޝްރޫއުތައް ކިތަންމެ އުންމީދީ ނަމަވެސް އެ މަސައްކަތްތައް ކުރިއަށް ދާނެ ކަމާ މެދު އެ ކައުންސިލްތަކުން މިހާރު ތިބީ ޝައްކެއްގެ މަތީގަ އެވެ. ސަބަބަކީ، ސަރުކާރުގެ ސިޔާސަތުތަކަށް އަންނަ ބަދަލެވެ.
މ. ރައީސް ނިމާލް ވިދާޅުވީ އެންމެ ފަހުން އޭނާއަށް މައުލޫމާތު ލިބިވަޑައިގެންފައި އޮތީ އެ މަޝްރޫއު ހިންގާނެ ގޮތުގެ ފައިނަލް ކުރެހުމާއި ބިން ހިއްކުން ފަދަ ކަންކަމަށް ބޭނުންވާ ހުއްދަތައް ހޯދުމަށް ޓޫރިޒަމް މިނިސްޓްރީއަށް ހުށަހަޅާ މަރުހަލާގައި ހުރި ކަމަށެވެ.
އަޅުގަނޑުމެން ތައިލެންޑަށް އެކުރި ދަތުރަށް ހަރަދުވި ފައިސާއަށް ވުރެ ގިނައިން އަޅުގަނޑުމެންނަށް ފައިސާ ހޯދިއްޖެ.
ދިއްގަރު ކައުންސިލުން ޓޫރިޒަމަށް ހުއްދަތަކަށް ހުށަހެޅުމުން އަދިވެސް ހުއްދަ ދީފައި ނުވާކަމުގެ މައުލޫމާތު ލިބިފައިވާ އޭނާ ވިދާޅުވި އެވެ.
"އެކި ބަހަނާތައް ދައްކާ ކަމަށް އަޅުގަނޑަށް އެނގިފައި އޮތީ. އަދި ހަމަ ކުރިއަށް ދާގޮތް ނުވެފައި މި އޮތީ. އެކަމަކު މި މަޝްރޫއުތައް ހުއްޓެން ޖެހިއްޖެ ނަމަ އެއީ ވަރަށް ބޮޑު ގެއްލުމަކަށް ވާނީ،" ނިމާލް ވިދާޅުވި އެވެ.
ވޭވަށު ރައީސް މަމްދޫހު ވިދާޅުވީ އެ ރަށުގެ ޕްލޭން އަދި މިނިސްޓްރީގެ ހުއްދައަށް ނުފޮނުވާ ކަމަށެވެ. ނަމަވެސް ދިއްގަރުގެ މަޝްރޫއަށް ހުއްދަ ނުލިބި އޮތީ މިނިސްޓްރީގެ ޕޮލިސީއަށް ބަދަލުތަކެއް އަންނާތީ ކަމަށް ބުނެ ކަމަށް މިނިސްޓްރީން އަންގާފައިވާ ކަމަށެވެ. އެހެންކަމުން، ވޭވަށު މަޝްރޫއަށް ވެސް ހުއްދަ ނުލިބޭނޭކަން ގާތްގަނޑަކަށް ޔަގީންވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުރެހުން ލީމާ [މިނިސްޓްރީން] ހޯލްޑް ކޮށްލާފައި އޮތީ. އަޅުގަނޑުމެންނަށް އެބަ އަޑުއިވޭ މިނިސްޓްރީގެ ތެރެއަށް މި މަޝްރޫއުތައް ބަދަލުކުރަންށޭ ބޭނުން ވަނީ. އެކަމަކު އެއީ އަޅުގަނޑުމެން ހޯދި އެއްޗެއް ޖަހައިގަތުން ކަހަލަ ކަމެއް މިއީ. އެއީ ރަނގަޅު ގޮތެއް ނޫން،" މަމްދޫހު ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެދެނީ އަޅުގަނޑުމެން މިކަން ކުރަން ދޫކޮށްލަން."
އެކަމާ ގުޅިގެން މިނިސްޓްރީގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ކާމިޔާބުވާ ގޮތެއް ނުވި އެވެ.
ކުޑަކުޑަ މ. އަތޮޅު މިވީ ހަގީގަތުގައި މިލިއަން ޑޮލަރުގެ އަގުބޮޑު މުތަކަށެވެ. އެކަމަކު، އެ މުތުގެ ހަގީގީ ފައިދާ ނަގަން ފުރުސަތު ލިބިދާނެތޯ އެއީ މިހާރު އޮތް ސުވާލެކެވެ. އެ މުތުގެ ފައިދާ ނަގަން އޮތް ހުރަހަކަށް މި ވަނީ ބަދަލުވާ ސިޔާސަތެވެ.
ކޮމެންޓް (7)
ދެކޮޅު ބަލާލުން ރަގަޅު
ބެއްޔާގެ ދަރި
ސަމަދު
ވަރައް އަގުބޮޑު މަސްރޫއެއް އެއީ މުލަކަތޮޅުގެ ތަރައްގީ އައްއެޅިގެންދާނެ ފާލަމެއް
ޔޫސުފް
މިރާކް
ޠެޔދހގސޔސ