ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ (ފޮޓޯ/ ރައްޔިތުންގެ މަޖިލިސް)

ފޯރަމް

ގިނަ އަދަދެއްގެ ކިއުންތެރިން ބުނަނީ ރައްޔިތުންގެ މަޖިލިސް ކުޑަކުރަން ޖެހޭ ކަމަށް

ބައެއް ކިއުންތެރިން ދެކޭ ގޮތުގައި މަޖިލިހުގެ މެމްބަރުންގެ މުސާރަ ކަނޑައަޅަން ޖެހޭނީ ވަކި ބޯޑަކުން. މަޖިލިސް ކުޑަކުރުމަކީ ހައްލެއް ނޫން ކަމަށް ވެސް ބައެއް ކިއުންތެރިން ބުނި
17 މާރިޗު 2024

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ އަދަދު މަދުކުުރުމާ މެދު ކިއުންތެރިން ދެކޭ ގޮތް ބެލުމުގެ ގޮތުން 7-15 މާޗްއަށް 'ދައުރު'ން ބޭއްވި ހިޔާލު ހޯދުމުގެ ފޯރަމްގައި ބައިވެރިވި ގިނަ މީހުން ދެކޭގޮތުގައި މިހާރު އޮތް މަޖިލިސް މާ ބޮޑެވެ. 

ކިއުންތެރިން ބުނަނީ ކީކޭ؟

  • އެ ފޯރަމްގައި ހިމަނާފައިވާ ޚިޔާލު ހޯދުމުގެ ވޯޓްގައި ބައިވެރިވި މީހުންގެ ތެރެއިން މެމްބަރުންގެ އަދަދު މަދުކުރުމަށް %91ގެ ތާއީދުކުރެ އެވެ. މެމްބަރުގެ އަދަދު މަދުކުރުމާ ދެކޮޅީ އެންމެ %7 އެވެ.

  • މެމްބަރުންގެ އަދަދު 87 އިން 76 އަށް ދަށްކުރުމާ މެދު ކިޔުންތެރިން ދެކޭ ގޮތް ބެލުމަށް ދައުރުގެ ފަރާތުން މިދިޔަ 29 ނޮވެމްބަރުއިން 2 ޑިސެމްބަރަށް ކުރިއަށް ގެންދިޔަ ހިޔާލު ހޯދުމުގައި ބައިވެރިވި މީހުންގެ %89 ތާއީދުކުރީ މަޖިލިސް މެމްބަރުންގެ އަދަދު 76 އަށް ދަށްކުރުމަށެވެ. އެކަމާ ދެކޮޅަށް ލިބިފައިވަނީ %8 އެވެ.  މި ޕޯލްއަށް 1،143 ވޯޓު ލިބުނެވެ.

މެމްބަރުންގެ އަދަދު މަދުކުރުމުގެ އިތުރުން މަޖިލިހުގެ މުސާރަ ކުޑަކުރުމަކީ ވެސް ކުރަން ޖެހޭ ކަމެއް ކަމަށް ހިޔާލު ހުށަހެޅި ގިނަ ބަޔަކު ދެކެ އެވެ.

މެމްބަރުން ގިނަވުމަކީ ދައުލަތަށް ބާރުބޮޑުވާނެ ކަމެއް

"މިކަހަލަ މީސްކޮޅު މަދު އަދި އާމްދަނީ ލިބޭނެ ވަސީލަތްތައް މަދު ގައުމެއްގައި މިހާ ގިނަ މަޖިލީސް މެމްބަރުން ތިބުމަކީ ގައުމުގެ ރައުސުލް މާލަށް ބާރު ބޮޑު، އަދި އެކަމުގެ ސަބަބުން ރައްޔިތުންނަށް އިތުރު މަންފާއެއްވުމުގެ ބަދަލުގައި، ބޮޑު އިސްރާފެއް ކުރެވިގެން ދާކަމެއް،" ކިޔުންތެރިޔަކު ހިޔާލު ފާޅުކުރި އެވެ.

އޭނާ ބުނި ގޮތުގައި؛

  • މަޖިލީހުގެ މެމްބަރުންގެ އަދަދު އަތޮޅުގެ ނިސްބަތުން ކޮންމެ އަތޮޅަކަށް މެމްބަރެއް ހަމަޖެއްސުމާ އެކު މެމްބަރުންގެ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅަންވާނީ މުސްތަގިއްލު ވަކި ބޮޑީއެއް ނުވަތަ ބޯޑެއް އުފައްދައިގެން އޭގެ ދަށުން

  • މިހާރު ރައްޔިތުން މަޖިލީހަށް އަންނަނީ މުއްސަނދިކަން ހޯދަން. ސިޔާސީ ނުފޫޒުން ކަންކަން ހާސިލްލުކުރުމަށް. ރައްޔަތުންނަށް ހެޔޮއެދިގެނެއް ނޫން.

އެނގުން މުހިންމު - މެމްބަރުންގެ އިނާޔަތާއި މުސާރައަށް ވަރަށް ބޮޑު ހޭދައެއް ކުރަން ޖެހޭއިރު މެމްބަރުންގެ އަދަދު އިތުރުވުމަކީ މާލީ ގޮތުން ވަރަށް ބޮޑު ހޭދައެކެވެ. މެމްބަރުންނަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި މަހަކު 82،500ރ. ލިބިވަޑައިގަންނަވަ އެވެ. އެއީ:

  • މުސާރަ: 42،500ރ.

  • ލިވިން އެލަވަންސް: 20،000ރ.

  • ކޮމިޓީ އެލަވަންސް (ހާޒިރީއަށް ބިނާކޮށް): 20،000ރ.

މައްސަލައަކީ އަހުލާގާއި އިލްމީ ގާބިލްކަން ނެތުން

މުހައްމަދުގެ ނަމުގައި ހިޔާލު ފޮނުވި މީހަކު ބުނި ގޮތުގައި އޭނާއަށް މައްސަލައަކީ މެމްބަރުންގެ އަދަދެއް ނޫނެވެ. 

"މައްސަލައަކީ އެއްވެސް ކަހަލަ އަދަބެއް އަހުލާގެއް ނެތް، އިލްމީކަމެއް ނެތް މެމްބަރުންތައް ގިނަވީމަ،" އޭނާ ލިއުނެވެ.

"އެބަ ޖެހޭނު ކުޑަމިނުން މިތަނަށް ކުރިމަތިލެވޭ މީހުންގެ މިނިމަމް ކޮލިފިކޭޝަން އެޓްލީސްޓް ޑިގްރީގަނޑަކަށް ވިޔަސް ހަދަން. ނޫނީ ކުރިމަތިލާ ދާއިރާއެއްގައި ކޮންމެވެސް ވަރަކަށް އުޅެފައި މަސައްކަތްތަކެއް ކޮށްފައިވާ ބަޔަކަށް ވާން."

މެމްބަރުންގެ އަދަދު 50 އަށް

އެހެން ކިއުންތެރިއެއްގެ ހިޔާލުގައި މަޖިލިސްގެ މެންބަރުންގެ އަދަދަކީ 50 ކަމަށް ކަނޑައަޅައި އެ 50 މީހުން ހޮވަން، މިހާރު މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުން ރައީސުލްޖުމްހޫރިއްޔާ ހޮވަން ވޯޓުލާ ގޮތަށް ހުރިހާ ރައްޔިތުން އެއް ބަޔަކަށް ވޯޓު ލާންވީ އެވެ.

އޭނާގެ އެ ހިޔާލުގެ ތަފުސީލު ދެމުން ބުނި ގޮތުގައި؛

  • އެބަޔަކީ ޕާޓީތަކުން ނެރެފައި އޮންނަ ޕާޓީ ލިސްޓް. ޕާޓީއަށް މުޅި ރާއްޖޭން ވޯޓު ލިބޭ ނިސްބަތުން ޕާޓީއަށް ގޮނޑި ކަށަވަރު ވާނީ. 

  • ފަސް އަހަރަށް އެ އަދަދަށް ގޮނޑީގެ އަދަދު ބަދަލުނުވެ އެ ޕާޓީއަކަށް އޮންނާނެ. އެ ގޮނޑިތަކަށް ޕާޓީތަކުން އެ މީހުންގެ މެންބަރުންގެ ގޮތުގައި ކަނޑައަޅާ ބަޔަކު މަޖިިލިސްގައި ތިބޭނީ. 

  • ވަގު ހަދައިފި ނަމަ ޕާޓީން އެ މީހާ މަޖިލިހުން ވަކިކޮށް އަނެއް މީހާ ލައި މި ގޮތަށް ކުރިޔަށް ދާނީ. 

  • މިހާރު ގޮތަށް ގޮނޑި ސޭލް އަޅުވައިގެން ފަސް އަހަރަށް ހިނގާ މީހެއް ގޮތުގައި އެ މީހަކަށް ނޫޅެވޭނެ އޭރުން. 

މަޖުލިސް މެމްބަރުން މަދުކުރުމަކީ ވަރަށް ގިނަ ގޮތްގޮތުން ގައުމަށް ފައިދާ ހުރި ކަމެއް ކަމަށް ވެސް ކިޔުންތެރިއަކު ބުންޏެވެ. މިހާރު މެމްބަރު އިންތިހާބު ވުމަށް ބޭނުންވާ 1،000 ނުވަތަ 5،000 ރައްޔިތުންގެ ވޯޓަކީ މާ ކުޑަ އަދަދެއް ކަމަށް އޭނާ ދެކެ އެވެ.

އެހެންކަމުން ކޮންމެ މެމްބަރަކަށް ވޯޓުލާ މެމްބަރުންގެ އަދަދު 5،000-10،000އާ ދެމެދަށް ހަދަން ފެންނަ ކަމަށް އޭނާ ބުންޏެވެ.  

މިހާރުގެ މަޖިލިހުގައި 87 މެމްބަރު ހިމެނޭ. ކުރިއަށް އޮތް މަޖިލިހަށް އިތުރު ހަ މެމްބަރުން ހޮވާނެ (ފޮޓޯ/ރައްޔިތުންގެ މަޖިލިސް)

މެމްބަރުންގެ އަދަދަށް އަންނަ ބަދަލު

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ އަދަދު ކަނޑައެޅުން އާބާދީ އިތުރުވާ މިންވަރާ ގުޅިފައި އޮތުމުން މެމްބަރުންގެ އަދަދު ކޮންމެ މަޖިލިސް އިންތިހާބެއްގައި އިތުރުވާނެ އެވެ. އެގޮތުން މި އަހަރު މަޖިލިހަށް ހަ މެމްބަރުން އިތުރުވާނެ ކަމަށް އިލެކްޝަސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. ތިރީގައި މިވަނީ މެމްބަރުންގެ އަދަދު އިތުރުވަމުން އަންނަ މިންވަރެވެ:

  • 2009 - 77 މެމްބަރުން

  • 2014 - 85 މެމްބަރުން

  • 2019 - 87 މެމްބަރުން

  • 2024 - 93 މެމްބަރުން

 މަޖިލިހުގެ މެމްބަރުންގެ އަދަދު  50ގައި ބަހައްޓަން ތާއީދުކުރި އެހެން މީހަކު ބުނި ގޮތުގައި؛

  • ކޮންމެ އަތޮޅެއް، އަދި ސިޓީއަކަށް މަދުވެގެން 1 މެންބަރު ޖުމްލަ 24. 

  • ބާކީ 26 މެންބަރުން އެ ސަރަހައްދެއްގައި ދިރިއުޅޭ (ނޮޓް ރަޖިސްޓާޑް) އާބާދީގެ ނިސްބަތުން ބަހާލަން

  • މެންބަރުން ހޮވާނީ ޕާޓީ ލިސްޓަށް ވޯޓު ދީގެން، ލިބޭ ވޯޓުގެ ނިސްބަތުން. ވޯޓުދޭނީ ދިރިއުޅޭ ސަރަހައްދެއްގެ (މިސާލު، މާލެ، އއ. އަތޮޅު.. ކުދިކުދި ދާއިރާ ނަހަދާނެ) ފޮއްޓަށް އެއް ވޯޓު.

މަޖިލިސް ކުޑަކުރުމަކީ ހައްލެއް ނޫން

މެމްބަރުންގެ އަދު މަދުކުރުމާ ދެކޮޅަށް ހިޔާލު ފާޅުކުރި މީހަކު ބުނި ގޮތުގައި 'ރާއްޖޭގައި މިހާރު މިހިރަ މައްސަލަތަކަކީ ރިޔާސީ ނިޒާމްގައި މައުމޫނު ޒަމާނުއްސުރެ ހުރި މައްސަލަތަކެ'ވެ. އަދި މަޖިލިސް ކުޑަކުރުމަކީ މިހާރު ހުރި މައްސަލަތައް ހައްލުވާނޭ ކަމެއް ނޫން ކަމަށް ވެސް އޭނާ ބުންޏެވެ.

އޭނާ ފާހަގަކުރި އެހެން ކަންކަމަކީ؛

  • މަޖިލިހަށް ހޮވޭ މީހުން ހިޔާނާތް ވުމާއި އިލްމު ނެތުމާއި މި ކަންތަކަކީ އެ މަޖިލިސް އުވާލާން ނުވަތަ ކުޑަކުރަން ޖެހޭ ސަބަބެއް ނޫން. 

  • އެ މަޖިލިހަށް ހޮވޭ މީހުން ރަނގަޅުކުރުމާއި ރަނގަޅު މީހުން ހޮވުމާއި މަޖިލިސް އެކުލެވޭ ގޮތް ބަދަލުކުރުމާއި ތަމްސީލް ކުރެވޭ ގޮތް ބަދަލުކުރުން

"މަޖިލިސް ކުޑަކުރުމަކީ ރައްޔިތުންގެ ބައިވެރިކުރުވުން ކުޑަކުރުން، ތަމްސީލްކުރެވުން ކުޑަ ކުރުން، ޑިމޮކްރަސީ އުވުން،" އޭނާ ބުންޏެވެ.

"ކުރާންވީ ކަމަކީ މަޖިލިހަށް މޮޅުު މީހުން ހޮވުމާއި ކޮރަޕްޝަން ނައްތާލުމާއި މުސާރަތައް އެކަށީގެންވާ ކުޑަ މިންވަރަކަށް ބަދަލުކުރުން. މަޖިލިސް ބޮޑުކުރުމުން އެކެއްގެ އަތުގައި ހުރިހާ ބާރެއް އޮންނަ ރިޔާސީ ނިޒާމްގައި ވެރިކަމުގެ ފަރާތުން މި ހިންގާ ކޮރަޕްޝަނާއި ހުދުމުހުތާރުކަން ކުޑަކުރެވި ރަނގަޅު ގުޑް ގަވަނެންސްގެ ނިޒާމަކާއި ދިމާއަށް ދެވޭނީ." 

މަޖިލިސް ލިމިޓްކުރާ ނަމަ ސިޔާސީ މަގާމުތައް ވެސް މަދުކުރަން ޖެހޭ

އެހެން ކިއުންތެރިޔަކު ދެކޭ ގޮތުގައި މަޖިލީހުގެ މެމްބަރުންގެ އަދަދު އެކަނި މަދުކުރުމަކީ އަދި ހައްލެއް ނޫނެވެ.

އޭނާ ބުނިގޮތުގައި މަޖިލިހުގެ މެމްބަރުންގެ އަދަދު ކުޑަކުރާ ނަމަ ސިޔާސީ މަގާމުތައް ވެސް މަދުކުރަން ޖެހޭނެ އެވެ.

"ނަމަވެސް މަޖިލިހުގެ މުސާރަ މިހާރަށް ވުރެ ބޮޑުނުކުރެވޭނެ ގޮތެއް ހެދުން މުހިންމު،" އެ ކިއުންތެރިޔާ ހިޔާލު ފާޅުކުރި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް