ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް މިއަދު މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން (ފޮޓޯ/ މަޖިލީސް)

މަޖިލިސް ކުޑަކޮށް، އަންހެނުންނަށް ކޯޓާއެއް ކަނޑައަޅަން ޑިމޮކްރެޓްސްއިން އިސްލާހު ހުށަހަޅައިފި

އިލްޔާސް ވިދާޅުވީ ސަރުކާރުގައި ނެތަސް، އެފަދަ ބިލެއް ހުށަހެޅުމަށް ނިންމީ އެއީ އެ ޕާޓީއަށް "މިވަގުތު ކުރެވޭނެ" ކަމަކަށް ވާތީ
2 އޯގަސްޓު 2023

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު 76އަށް މަދުކޮށް، އެ ވަރުގައި ހިފަހައްޓައި އޭގެ ތެރެއިން އަށް ގޮނޑި އަންހެނުންނަށް ހާއްސަކުރުމަށް ގާނޫނު އަސާސީ އިސްލާހުކުރުމަށް ޑިމޮކްރެޓްސްގެ ފަރާތުން މިއަދު ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

ވީ ކިހިނެއް؟ - މަޖިލީހުގެ މައިނޯރިޓީ ތަމްސީލުކުރާ ޑިމޮކްރެޓްސް އިން މަޖިލީހުގެ އަންނަ ދައުރުގައި ގާނޫނުއަސާސީ އިސްލާހުކުރުމަށް މިއަދު ބިލެއް ހުށަހަޅާފައިވާކަން ހާމަކުރެއްވީ، ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ވާދަކުރައްވާ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް މިއަދު މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

އެނގުން މުހިއްމު - މި އަހަރުގެ ދެވަނަ ދައުރު ނިންމާލުމަށް ފަހު މަޖިލިސް މިހާރު އޮތީ ޗުއްޓީގަ އެވެ. ޗުއްޓީއަށް ފަހު މި އަހަރުގެ ތިން ވަނަ ދައުރަށް މަޖިލީހުގެ މަސައްކަތްތައް ފަށާނީ މި މަހުގެ 16ގަ އެވެ.

ބުނީ ކީކޭ؟ - އިލްޔާސް ވިދާޅުވީ، ޑިމޮކްރެޓްސް އިން ސަރުކާރުގައި ނެތަސް އެފަދަ ބިލެއް ހުށަހެޅުމަށް ނިންމީ، އެއީ އެ ޕާޓީއަށް "މިވަގުތު ކުރެވޭނެ" ކަމަކަށް ވާތީ ކަމަށެވެ. އޭނާ ވިދާޅުވީ އެ ބިލު ހުށަހެޅުމަށް ފަހު، އެހެން ސިޔާސީ ޕާޓީތަކާއި ރައްޔިތުންނާ މަޝްވަރާކޮށްގެން އެ ބިލަށް ތާއީދު ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

"ދެން މި ކަމަކީ ސަރުކާރެއްގައި އަޅުގަނޑުމެން ނެތަސް އަޅުގަނޑަށް މި ވަގުތު ކުރެވޭނެ ކަމެއް ކަމުގައި އަޅުގަނޑު ދެކޭތީ އަޅުގަނޑު ނިންމީ މި ވަގުތު މި ގާނޫނުއަސާސީއަށް މި ގެންނަ ބަދަލުގެ ބިލު މަޖިލީހަށް ހުށަހަޅަން،" އިލްޔާސް ވިދާޅުވި އެވެ.

"އަދި ހުށަހެޅުމަށް ފަހު އަޅުގަނޑު އެހެން ޕާޓީތަކާ އެކީ ވެސް އަދި އެހެން ދާއިރާތަކުގެ ރައްޔިތުންނާ އެކީގައި ވެސް މި ކަމަށް ލޮބީކޮށް، މިކަމުގެ މަސައްކަތް ކުރިއަށް ގެންދާނަން."

އިލްޔާސް ވިދާޅުވީ ގާނޫނުއަސާސީ އިސްލާހުކުރެވުމުން، އިންތިހާބާ ބެހޭ ގާނޫނަށް ވެސް އިސްލާހު ހުށަހަޅުއްވާނެ ކަމަށެވެ.

ތަފްސީލް - އަންނަ މަހުގެ 9ގައި ބާއްވާ ރިޔާސީ އިންތިހާބަށް ތައްޔާރުވަމުން އަންނަ ޑިމޮކްރެޓްސްގެ ފަރާތުން މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ ބިލަކީ އެ ޕާޓީން ދާދި ފަހުން އިފްތިތާހުކުރި 'މުޅި ރާއްޖޭގެ މަޖިލިސް' ސިޔާސަތުގެ ދަށުން ހުށަހަޅާ ބިލެކެވެ. 

ޑިމޮކްރެޓްސްގެ އެ ސިޔާސަތުގެ ދަށުން ވެއްދި މި ބިލުގެ ދަށުން، މަޖިލިސް އެކުލެވިގެންވާ ގޮތަށް ބޮޑެތި ބަދަލުތަކެއް ގެންނަން ވަނީ ހުށަހަޅާފަ އެވެ. އެގޮތުން:

  • މަޖިލީހުގެ މެމްބަރުންގެ އަދަދު 76 ގޮނޑިއަށް މަދުކޮށް، އެ ވަރުގައި ހިފަހައްޓާނެ؛ މި ގޮތަަށް ހިމަނަން ނިންމީ އަންނަ މަޖިލީހުގެ ދައުރުން ފެށިގެން

  • ކުދި ދާއިރާތަކުގެ ބަދަލުގައި މެމްބަރުން އިންތިހާބު ކުރާނީ މުޅި އަތޮޅުން

  • އަތޮޅުތަކާއި މާލެއިން އިންތިހާބުކުރާ ޖުމްލަ ގޮނޑީގެ އަދަދަކީ 55

  • އަންހެނުންނަށް ހާއްސަކޮށް އުތުރު، ހުޅަނގު، މެދު އަދި ދެކުނު ރާއްޖެއިން ޖުމްލަ އަށް ގޮނޑި 

  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ތަމްސީލް ކުރުމަށް މުޅި ރާއްޖެއިން ދެ ގޮނޑި

  • 'ޕްރޮޕޯޝަނަލް ރެޕްރެޒެންޓޭޝަން'ގެ ތެރެއިން ޕާޓީތަކަށް ވޯޓު ލިބޭ ނިސްބަތުން ލިބޭ ގޮތަށް 11 ގޮނޑި 

ފާހަގަކޮށްލެވޭ ކަމެއް - މަޖިލީހުން އަންހެނުންނަށް އަށް ގޮނޑި ކަނޑައެޅުމަށް ޑިމޮކްރެޓްސްގެ ފަރާތުން ހުށަހަޅާއިރު، ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް %50 އަކީ އަންހެނުންނެވެ.

މަޖިލީހުގެ ގޮނޑީގެ އަދަދު 76އަށް ކަނޑައަޅަން އެ ޕާޓީން ހުށަހަޅާއިރު، އަންހެނުންނަށް ހާއްސަކުރާނީ އޭގެ %10 އެވެ. މިހާރު މަޖިލީހުގައި ތިއްބަވަނީ އެންމެ ހަތަރު އަންހެން މެމްބަރުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް