ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެްގެ ތެރެއިން (ފޮޓޯ/ ރައްޔިތުންގެ މަޖިލިސް)
މެންބަރުންގެ އަދަދު މަދުކޮށް، އަންހެން ކެންޑިޑޭޓުގެ ކޯޓާއެއް ކަނޑައަޅަން ގާނޫނުއަސާސީއަށް އިސްލާހެއް
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރުމަށާއި ޕާޓީތަކުގެ ފަރާތުން މަޖިލީހަށް ވާދަކުރާ އަންހެން ކެންޑިޑޭޓުން އިތުރުކުރަން ގާނޫނުއަސާސީއަށް ދަ ޑިމޮކްރެޓްސްގެ ފަރާތުން މަޖިލީހަށް މިއަދު އިސްލާހެއް ހުށަހަޅައިފި އެވެ.
ވީ ކިހިނެއް؟ - ގާނޫނުއަސާސީގެ 71 އާއި 72 ވަނަ މާއްދާއަށް އެ ދެ އިސްލާހު ގެނައުމުގެ ބިލު، ޑިމޮކްރެޓްސްގެ ފަރާތުން ހުށަހެޅުއްވީ އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެވެ.
ތަފްސީލު - އާޒިމް ހުށަހެޅުއްވި ބިލުގައި އެ އިސްލާހަށް އަމަލުކުރަން އޮތީ 2029ގައި އިންތިހާބު ކުރާ 21 ވަނަ މަޖިލީހުން ފެށިގެންނެވެ. އެ ބަދަލުތައް މި އަހަރު ބާއްވާ މަޖިލިސް އިންތިހާބަކަށް އަމާޒެއް ނުކުރެ އެެވެ.
މެންބަރުގެ އަދަދު ކަނޑައެޅުމުގެ އުސޫލު ބަޔާންކުރާ 71 ވަނަ މާއްދާއަށް އާޒިމް ހުށަހަޅުއްވާފައި ވަނީ:
-
އިދާރީ ދާއިރާތަކުގެ ތެރެއިން ޖުމްލަ އާބާދީ 6،000 މީހުންނާއި 12،000 މީހުންނަށް 1 މެންބަރަކު
-
އިދާރީ ދާއިރާތަކުގެ ތެރެއިން ޖުމްލަ އާބާދީ 12،000 މީހުންންނާއި 18،000 މީހުންނަށް 2 މެންބަރުން
-
އިދާރީ ދާއިރާތަކުގެ ތެރެއިން ޖުމްލަ އާބާދީ 18،000 މީހުންނާއި 24،000 މީހުންނަށް 3 މެންބަރުން
-
އިދާރީ ދާއިރާތަކުގެ ތެރެއިން ޖުމްލަ އާބާދީ 24،000 މީހުންނާއި 36،000 މީހުންނަށް 4 މެންބަރުން
-
އިދާރީ ދާއިރާތަކުގެ ތެރެއިން ޖުމްލަ އާބާދީ 36،000 މީހުންނަށް ވުރެ ގިނަ ނަމަ 5 މެންބަރުން
ގާނޫނުއަސާސީގެ 71 ވަނަ މާއްދާ މިހާރު އޮންނަ އޮތުން، ކޮންމެ އިދާރީ ދާއިރާއެއްގެ 5،000ގެ އާބާދީއަކަށް މެންބަރެއް އިންތިހާބުކުރަން ޖެހެ އެވެ. ނަމަވެސް އާޒިމްގެ މި އިސްލާހު ފާސްވެއްޖެ ނަމަ، ދާއިރާއަކަށް މެމްބަރަކު ލިބޭނީ އާބާދީ މަދުވެގެން 6،000އަށް އެރުމުންނެވެ.
އިދާރީ ދާއިރާތައް ގާނޫނުއަސާސީގައި މާނަކުރަނީ، އިދާރީ ގޮތުން ރާއްޖޭގެ ރަށްރަށް އަތޮޅުތަކުގެ މައްޗަށް ބެހިގެންވާ ގޮތެވެ. މިސާލަކަށް އައްޑޫ އަތޮޅު ނުވަތަ ތިލަންދުމަތި އުތުރު ބުރި އެވެ.
އަންހެން ކެންޑިޑޭޓުން އިތުރުކުރުން
މަޖިލީހުގައި އަންހެން މެންބަރުން އިތުރުކުރަން ބާރު އެޅުމުގެ ގޮތުން ގާނޫނުއަސާސީގެ 72 ވަނަ މާއްދާއަށް އާޒިމް ހުށަހެޅުއްވި އިސްލާހަކީ، ސިޔާސީ ޕާޓީތަކުން ވަކި އަދަދަކަށް އަންހެން ކެންޑިޑޭޓުން ނެރެން މަޖުބޫރުކުރުމެވެ. އެގޮތުން އޭނާ ހުށަހެޅުއްވީ:
-
ސިޔާސީ ޕާޓީތަކުން އިންތިހާބީ ދާއިރާއަކަށް ވާދަކުރާ ކޮންމެ 10 ދާއިރާކުން އެއް ދާއިރާ އަންހެން ކެންޑިޑޭޓުންނަށް ހާއްސަކުރަން ޖެހޭނެ ކަމަށް؛ (މިސާލަކަށް އެ އިންތިހާބަށް ޕާޓީއަކުން 80 ކެންޑިޑޭޓުން ވާދަކުރާ ނަމަ، މަދުވެގެން އަންހެން އަށް ކެންޑިޑޭޓުން ތިބެން ޖެހޭނެ)
-
އެގޮތަށް އަންހެން ކެންޑިޑޭޓުން ކަނޑައަޅަން އެކަމާ ގުޅޭ ތަފްސީލުތައް ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނުގައި ހިމެނުމަށް
ފާހަގަކޮށްލެވޭ ކަމެއް - މިހާރު ހިނގަމުންދާ މަޖިލީހުގައި ތިއްބަވަނީ އަންހެން ފަސް މެންބަރުންނެވެ. ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ޕާޓީތަކުން ވާދަކުރައްވާ އަންހެން މެންބަރުން ނިސްބަތުން މަދުވުމުން، އޭގެ ކަންބޮޑުވުން އާންމުން ވެސް ފާޅުކުރެ އެވެ.
އޭގެ އިތުރުން މެންބަރުންގެ އަދަދު ކޮންމެ އިންތިހާބަކާ ދިމާކޮށް އިތުރުވަމުން ދާތީވެ، އެކަމާ ވެސް އާންމުންނާއި ބައެއް ޕާޓީތަކުން ކަންބޮޑުވެ އެވެ. އެ އަދަދު ލިމިޓްކުރަން މިހާރުގެ މަޖިލިސް ތެރޭގައި ވެސް އިސްލާހުތަކެއް ހުށަހެޅި އެވެ. އެކަމަކު އެ ބިލުތައް ވަނީ ބޭރުކޮށްލައިފަ އެވެ.
ކޮމެންޓް (1)
އަސްމޭން