ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް. (ފޮޓޯ/ ރައްޔިތުންގެ މަޖިލިސް)

މިއީ މަޖިލިސް މެމްބަރުންގެ އަދަދު ލިމިޓް ކުރަން އެންމެ ރަނގަޅު ވަގުތެއް ނޫން: އަސްލަމް

އޭނާ ގަބޫލުކުރައްވާ ގޮތުގައި، މަޖިލިސް އިންތިހާބުގެ ކުރިން އެކަން ކުރެވޭނެ ވަގުތެއް ނެތް
9 އޮކްޓޯބަރު 2023
2

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު އިތުރުވަމުން ދިއުމުގެ މައްސަލައާ ގުޅިގެން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕް (ޕީޖީ) އާއި ޕާޓީގެ ކަންބޮޑުވުން އޮތް ނަމަވެސް، މިއީ މެމްބަރުންގެ އަދަދު ވަކި ވަރެއްގައި ހިފަހައްޓަން އެންމެ ރަނގަޅު ދަނޑިވަޅު ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އިދާރީ ދާއިރާތަކުގައި ރަޖިސްޓްރީކޮށްފައިވާ އާބާދީއަށް ރިއާޔަތްކޮށް މަޖިލިސް މެމްބަރުންގެ އަދަދު ކަނޑައަޅާ ގޮތަށް އުސޫލު އޮންނާތީ، އަންނަ އަހަރުގެ މަޖިލިސް އިންތިހާބުގައި 93 މެމްބަރުން އިންތިހާބު ކުރަން ޖެހެ އެވެ. މިއީ މިހާރު ހިނގަމުން އަންނަ 19 ވަނަ މަޖިލީހުގައި ތިއްބަވާ 78 މެމްބަރުންނަށް ވުރެ ހަ މެމްބަރުން އިތުރު އަދަދެކެވެ.

މަޖިލީހުގެ މެމްބަރުންގެ އަދަދު ހިފެހެއްޓުމެއް ނެތި އިތުރުވަމުން ދިއުމަށް ހައްލެއް ހޯދުމުގެ ގޮތުން މެމްބަރުންގެ އަދަދު 76އަށް މަދުކޮށް، އެ ވަރުގައި ހިފަހައްޓައި އޭގެ ތެރެއިން އަށް ގޮނޑި އަންހެނުންނަށް ހާއްސަކުރުމަށް ގާނޫނުއަސާސީ އިސްލާހުކުރުމަށް މަޖިލީހުގެ މައިނޯރިޓީ ތަަމްސީލުކުރާ ޑިމޮކްރެޓްސްގެ ފަރާތުން ވަނީ އޮގަސްޓްގައި މަޖިލީހަށް ބިލެއް ހުށަހަޅާފަ އެވެ.

ބުނީ ކީކޭ؟ - މަޖިލީހުގެ މަސައްކަތްތައް ހިނގަމުންދާ ގޮތާ ބެހޭ ގޮތުން މިއަދު އެމްޑީޕީގެ ޕީޖީއިން މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަސްލަމް ވިދާޅުވީ، އެކަމާ ގުޅިގެން އެމްޑީޕީގެ ކަންބޮޑުވުން ވެސް އެބަ އޮތް ކަމަށެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި، އެފަދަ ކަންކަމަށް ވަގުތު އޮންނަން ޖެހޭނެ. ކުރިމަތީގަ، ބޯމަތީގަ އިންތިހާބެއް އޮއްވާ އަނެއްކާވެސް އިންތިހާބަށް ކުރިމަތިލެއްވޭނެ މީހުންގެ އަދަދާއި [އެފަދަ ކަންކަމަށް ބަދަލު ގެންނަން]. އަޅުގަނޑުމެން ހަމަ ފުދޭ ވަރަކަށް ރަނގަޅަށް މަޝްވަރާކޮށްފައި އެފަދަ ކަމެއް[ގައި ގޮތް] ނިންމަން ވެސް ވާނީ،" އެކަމާ ގުޅޭ ގޮތުން ޕާލިމެންޓަރީ ގްރޫޕުން މިހާތަނަށް ވަކި ގޮތެއް ނިންމާފައި ނުވާތީ، އަމިއްލަ ހިޔާލު ފާޅުކުރައްވަމުން އަސްލަމް ވިދާޅުވި އެވެ.

"އެހެންވީމަ އަޅުގަނޑު ޕާސަނަލީ ނުއެއް ދެކެން އަޅުގަނޑުމެންނަށް ކުރިއަށް މި އޮތް އިންތިހާބަށް މިސާލަކަށް ލިމިޓުކޮށް، ގާނޫނުއަސާސީ ބަދަލުކޮށް އެކަން ކުރެވިދާނެ ކަމަކަށް. އަދި އެކަން އެ ގޮތަށް ކުރުން އެއީ އެންމެ ރަނގަޅު ގޮތް ކަމަކަށް އަޅުގަނޑު ޕާސަނަލީ ނުދެކެން."

އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ. (ފޮޓޯ/ މަޖިލިސް)

އޭނާގެ ހިޔާލު އެހެން ހުރި ނަމަވެސް، އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުންނާއި ޕާޓީން ވަކި ގޮތެއް ނިންމައިފި ނަމަ، ކުރިއަށްދާނީ އެ ގޮތެއްގެ މަތިންކަން އަސްލަމް ފާހަގަކުރެއްވި އެވެ.

ގުޅުން ހުރި ކަމެއް - މި ފަހަރު ރިޔާސީ އިންތިހާބުގައި ވާދަކުރި ހުރިހާ ޕާޓީއެއްގެ ފަރާތުން ވެސް މެމްބަރުންގެ އަދަދު ހިފެހެއްޓުމަށް ތާއީދުކޮށް އެކަން މެނިފެސްޓޯތަކުގައި ވެސް ހިމަނާފައިވެ އެވެ. އެހެންކަމުން، މިއީ މެމްބަރުންގެ އަދަދު ވަކި އަދަދެއްގައި ހިފަހައްޓާ، މަޖިލީހަށް ބޭނުންވާ އިސްލާހުތައް ގެނައުމަށް އެންމެ މުނާސަބު ވަގުތު ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އެނގުން މުހިއްމު - ގާނޫނުއަސާސީ މިހާރު އޮންނަ ގޮތުން ކޮންމެ 5،000 މީހުންގެ އާބާދީ އަކީ އިދާރީ ވަކި ދާއިރާ އެވެ. އެއާ އެކު، ކޮންމެ މަޖިލީހުގެ ދައުރަކަށް ފަހު، މެންބަރުންގެ އަދަދު ދަނީ އިތުރު ވަމުންނެވެ. އެގޮތުން:

  • 17 ވަނަ ރައްޔިތުންގެ މަޖިލިސް - 77 މެންބަރުން

  • 18 ވަނަ ރައްޔިތުންގެ މަޖިލިސް - 85 މެންބަރުން

  • 19 ވަނަ ރައްޔިތުންގެ މަޖިލިސް - 87 މެންބަރުން

މި އުސޫލުގެ ދަށުން އަންނަ އަހަރުގެ މަޖިލިސް އިންތިހާބަށް އަލަށް އިތުރުކުރާ ދާއިރާތަކަކީ:

  • ހުޅުމާލެ މެދު ދާއިރާ

  • ހުޅުމާލެ އުތުރު ދާއިރާ

  • ހިތާދޫ ދާއިރާ (ހިތާދޫ، މާޅޮސް، ދަރަވަންދޫ)

  • ހުރާ ދާއިރާ (ހުރާ، ހިންމަފުށި، ގުޅި)

  • ކޮލަމާފުށި ދާއިރާ (ކޮލަމާފުށި، ދެއްވަދޫ)

  • ފޭދޫ އުތުރު ދާއިރާ (ފޭދޫ، މަރަދޫފޭދޫ)

ކޮމެންޓް (2)

ލަނގުރި

9 އޮކްޓޯބަރު 2023
ދެން ދުވަހަކުވެސް ތިޔަ ކިޔާ މުނާސަބު ވަގުތެއް ނާންނާނެ. ގިނަ މީހުން ލައިގެން ގިނަ ކޮރަޕްޝަން ހިންގާލުން އަޒުމަކީ ދޮގެ؟؟؟
2 0

ޔަމާނި

9 އޮކްޓޯބަރު 2023
މީ ހަމަ މުނާސަބު ވަގުތު. ތި 6 މީހުންނަށް ކުރަންޖެހޭ ޚަރަދުތައް އެހާ ބޮޑުވާނެ. ހޭލާ ތިބެގެންވެސް ނިންމާ. ލިމިޓް ކުރޭ. ވަގުތަކީ ހޯދީމާ ލިބޭ އެއްޗެއް. ކަންނެތް ކަމާ އަޗާ ތެޅުން ހުއްޓާ މުރާލި ކަމާއި އެކު މަސައްކަތް ކުރައްވާ. ބަހަނާ ނުދައްކަވާ.
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް