ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ: ރާއްޖޭގެ އާބާދީއަށް ބަލާއިރު މަޖިލިހުގައި މެމްބަރުންގެ އަދަދު ގިނަ (ފޮޓޯ/ރައްޔިތުންގެ މަޖިލިސް)
މެމްބަރުންގެ އަދަދު އިތުރުވުމުގައި ކޮންޓްރޯލެއް ނެތް، 'ތަޅު އަޅުވަން' ޖެހިފައި
17608.34%
މަތީގައިވާ ޕަސެންޓޭޖަކީ ވޭތުވެދިޔަ 36 އަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖލީހުގެ މެމްބަރުންގެ މުސާރަ އާއި އެލަވަންސަށް އައިސްފައިވާ ބަދަލެވެ. ތާރީހަށް ޖެހިލާ ނަމަ 1980ގައި މެމްބަރެއްގެ މުސާރައަކީ މަހަކު 260 ރ. އެވެ. މިއީ އެދުވަސްވަރަށް ބަލާއިރު ވެސް މާ ބޮޑު މުސާރައެއް ނޫނެވެ. ނަމަވެސް 1990އިން ފެށިގެން މުސާރަ ދިޔައީ ބޮޑުވަމުންނެވެ. ކުރިއާ އަޅާބަލާ އިރު އެންމެ ބޮޑު ބަދަލެއް އައީ 2006 ގަ އެވެ. އެގޮތުން 2008 އާއި 2011ގައި ވެސް މުސާރަ އާއި އެލަވަންސްގެ ކުރިއެރުން ވަރަށް ބޮޑެވެ. މުސާރަ އާއި އެލަވަންސާ އެކު މެމްބަރަކަށް މިހާރު މަހަކު 82،500ރ. ލިބިވަޑައިގަންނަވަ އެވެ.
މަޖިލިހުގެ މެމްބަރަކަށް މިހާރު ލިބިވަޑައިގަންނަވަނީ:
-
މުސާރަ: 42،500ރ.
-
ލިވިން އެލަވަންސް: 20،000ރ.
-
ކޮމިޓީ އެލަވަންސް (ހާޒިރީއަށް ބިނާކޮށް): 20،000ރ.
-
މެޑިކަލް އިންޝޫރެންސަށް/ އަހަރަކަށް: 24،000ރ.
-
މައްސަލައިގެ ފުނަށް - މެމްބަރުންގެ މުސާރަ އާއި އެލަވަންސަށް އައިސްފައިވާ ބޮޑު ބަދަލުގެ އިތުރަށް، މެމްބަރުން އިތުރުވަމުން ދިއުމަކީ، ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި، ސީރިއަސްކޮށް ވިސްނަން ޖެހިފައިވާ މައްސަލައެކެވެ. ރާއްޖެ ފަދަ ކުޑަ ގައުމަކަށް އެހާ މެމްބަރުން ގިނަ ރައްޔިތުންގެ މަޖިލިހެއް ބޭނުން ހެއްޔެވެ؟ އާބާދީ އިތުރުވާ ނިސްބަތަށް ބަލައި، މެމްބަރުން އިތުރުކުރާ ނަމަ 50 ވަރަކަށް އަހަރުގެ ތެރޭގައި ނުވަތަ 100 އަހަރުގެ ތެރޭގައި އާބާދީ ބޮޑެތި ދާއިރާތަކަށް މެމްބަރުން އިންތިހާ އަށް އިތުރުވާނެ އެވެ. މިހާރު ތިބި 87 މެމްބަރުންގެ އަދަދު ކައިރި މުސްތަގުބަލެއްގައި 100 އަށް ވުރެ މައްޗަށްދާނެ އެވެ. ހަމަ އެއާ އެކު ޚަރަދުތައް ވެސް ދާނީ އަތްނުފޯރާ ފަށަށެވެ. އަދި ހުރިހާ ބުރައެއް އެންމެ އާދައިގެ މީހާ އިން ފެށިގެން ޓެކްސް ދައްކާ މީހާ އަށެވެ. އެހެންކަމުން މިއީ އިތުރު ވިސްނުމަކަށް ގޮސް ކޮންމެހެން ވެސް އާ ފޯމިއުލާއެއް ހޯދަން ޖެހިފައިވާ ކަމެކެވެ. މަޖިލީހުގެ މެމްބަރަކު ވިދާޅުވި ފަދައިން މިހާރުގެ ފޯމިއުލާއާ އެއްގޮތަށް މެމްބަރުން އިތުރުވުމަކީ އެއްގޮތަކަށް ވެސް "ކަމުދާ ކަމެއް ނޫނެވެ."
މުސާރަ ބޮޑެއް ނޫން، މައްސަލައަކީ މެމްބަރުންގެ އަދަދު އިތުރުވުން: ގާސިމް
ރައްޔިތުންގެ މަޖލީހުގެ މެމްބަރުންގެ މުސާރަ އާއި އިނާޔަތްތައް ބޮޑުވުމަކީ މައްސަލައެއް ނޫން ކަމަށް މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދެކެވަޑައިގަންނަވަ އެވެ.
"އަޅުގަނޑު ފިނޭންސް މިނިސްޓަރަކަށް ހުރިއިރު ދެ ފަހަރު ފްލޯ ނަގައިގެން ވާހަކަ ދައްކައި ހެދިން، މަޖިލިހުގެ މެމްބަރުންނަށް ކޮންވިންސްކޮށްދީ ހެދިން އެވަރުގެ މުސާރައެއް ދޭން ޖެހޭކަން. ދެން ކޮމިޓީ އެލަވަންސަކީ އޭގެ ފަހުން އިތުރުކުރެވުނު އެއްޗެއް،" 'ދައުރު' އަށް ދެއްވި އިންޓަވިއުއެއްގައި ގާސިމް ވިދާޅުވި އެވެ.
"މިހާރު އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ރައްޔިތުންގެ މަޖިލިސް މެމްބަރުންގެ މުސާރަ ބޮޑެއް ނޫން."
ނަމަވެސް ގާސިމް ފާހަގަކުރެއްވި އެއް މައްސަލައަކީ މަޖިލިސް މެމްބަރުންގެ އަދަދު އިތުރުވަމުން ދިއުމެވެ.
"މެމްބަރުން މި އިތުރުވާ އިތުރުވުމަކީ ކަމުދާކަމެއް ނޫން ކަމަށް އަޅުގަނޑު ވެސް ބުނެފައި އޮންނާނެ."
މެމްބަރުންނަށް އެކަށީގެންވާ މުސާރައެއް ދޭން ޖެހޭ
ރައްޔިތުންގެ މަޖިލިހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ބިލްގެ 7 ވަނަ މާއްދާގައިވާ ގޮތުން:
-
މަޖިލިހުގެ މެމްބަރުންނަށް އެކަށީގެންވާ މުސާރައެއް ދޭން ޖެހޭނެ އެވެ.
-
އަދި މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލިހުންނެވެ.
-
ކޮންމެ މެމްބަރަކާއި އެ މެމްބަރެއްގެ އަނބި ނުވަތަ ފިރިމީހާ އަދި އުމުރުން 18 އަހަރު ނުފުރޭ ދަރިން ރާއްޖެ އާއި ސާކު ގައުމުތަކާއި އަދި އާސިއާންގެ ގައުމުތަކުން ސިއްހީ ފަރުވާ ލިބޭ ފަދަ މެޑިކަލް އިންޝޫރެންސް ސްކީމެއްގައި ބައިވެރިކޮށްދޭން ޖެހޭނެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ބިލްގެ 8 ވަނަ މާއްދާގައި މެމްބަރުން ކޮށްފައިވާ ޚިދުމަތަށް ދޭން ޖެހޭ އިނާޔަތް ބަޔާންކޮށްފައިވެ އެވެ.
-
މަޖިލިހުގެ މެމްބަރުކަން އެއް ދައުރު ފުރިހަމަކޮށްފައިވާ ނަމަ މާލީ އިނާޔަތެއްގެ ގޮތުގައި މެމްބަރަކަށް އޮންނަ މުސާރައިގެ %30 ދޭންޖެހޭ. ދެ ދައުރު ފުރިހަމަކޮށްފައިވާ ނަމަ %45 ދޭން ޖެހޭ.
-
މި އިނާޔަތްތައް ލިބޭނީ މަޖިލިހުން ވަކިވުމަށް ފަހު އަދި އުމުރުން 55 އަހަރު ފުރުމުން
-
ދައުލަތުގެ ވަޒީފާއެއް އަދާކުރާ ނަމަ އެ ވަޒިފާއެއް އަދާކުރަމުންދާއިރު އިނާޔަތެއް ނުލިބޭނެ
-
މަޖިލިހުން އިނާޔަތް ލިބޭނަމަ އިތުރު ޕެންޝަނެއް ނުވަތަ މާލީ އިނާޔަތެއް ނުލިބޭނެ
-
މަޖިލިހުގެ މެމްބަރުކަން ކޮށްފައިވާ ކޮންމެ މީހަކަށް މެމްބަރުންނަށް އޮންނަ ހެލްތު އިންޝޫރެންސް ސްކީމުގެ ދަށުން ބޭސް ފަރުވާ ކޮށްދޭންޖެހޭ.
މެމްބަރުންގެ އަދަދާ މެދު އެހެން ވިސްނުމަކަށް ދިއުން
މަޖިލީހުގެ މެމްބަރުންނަށް މުސާރައާއި އިނާޔަތުގެ ގޮތުގައި ވަރަށް ބޮޑު ހޭދައެއް ކުރަމުންދާއިރު، ބައެއް ފަރާތްތަކުގެ ކަންބޮޑުވުމަކީ މެމްބަރުންގެ އަދަދު ވެސް އިތުރުވަމުން ދިއުމެވެ. އެންމެ ފަހުގެ ބޯހިމެނުމުގެ ހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގެ އާބާދީ އަކީ، 2014ގައި 339،000 އެވެ. އަދި 2054ގައި ދިވެހިންގެ އާބާދީ 557،700 އަށް އަރާނެކަމަށް އަންދާޒާކުރެވެ އެވެ.
އާބާދީ އިތުރުވަމުންދާ ވަރަކަށް އާބާދީ ބޮޑު އިދާރީ ދާއިރާތަކުގައި އިންތިޚާބީ ދާއިރާ އިތުރުވުގެން ދާނެ އެވެ. އެއް އިދާރީ ދާއިރާއަކަށް ބަލާއިރު އިންތިޚާބީ ދާއިރާ އެންމެ ގިނަވީ ހުޅުމާލެ އާއި ވިލިނގިލި ހިމެނޭ ގޮތަށް އުފައްދާފައިވާ މާލޭ އިދާރީ ދާއިރާގަ އެވެ. ތިރީގައި މިވަނީ އެ ހިސާބުތަކެވެ.
-
2019 (15 މެމްބަރުން)
-
2014 (13 މެމްބަރުން)
-
2009 (11 މެމްބަރުން)
2014ގެ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަކީ އާ ގާނޫނު އަސާސީގެ ދަށުން، އިންތިޚާބީ ދާއިރާތައް 77 އިން 85 އަށް އިތުރުކުރުމަށް ފަހު ބޭއްވި ފުރަތަމަ އިންތިޚާބެވެ. އަދި 2019ގެ އިންތިޚާބުގައި އިންތިޚާބީ ދާއިރާތައް 87 އަށް ވަނީ އިތުރުވެފަ އެވެ.
-
2019 -- 264،442/ ވޯޓްލުމުގެ ހައްގުލިބިފައިވާ މީހުން؛ 87 މެމްބަރުން
-
2014 -- 240,653/ ވޯޓްލުމުގެ ހައްގުލިބިފައިވާ މީހުން؛ 85 މެމްބަރުން
ދިވެހީންގެ އާބާދީ އިތުރުވަމުންދާ ވަރަކަށް މެމްބަރުންގެ އަދަދު ވެސް އިތުރުވަމުންދާނެ އެވެ. އެއީ މެމްބަރުންގެ އަދަދު އާބާދީއާ ގުޅިފައި ވާތީ އެވެ. ރާއްޖޭގައި 21 އިދާރީ ދާއިރާއަކަށް ބަހާލާފައިވާއިރު ކޮންމެ އިދާރީ ދާއިރާއެއްގައި ދެ މެމްބަރުން މަދުވެގެން ތިބެންޖެހޭ އިރު، އިތުރުވާ ކޮންމެ 5000 މީހެއްގެ އާބާދީ އަކަށް އިންތިޚާބީ ދާއިރާއެއް ކަނޑައަޅަން ޖެހެ އެވެ. އަދި ކޮންމެ އިންތިޚާބީ ދާއިރާއަކުން މެމްބަރަކު ހޮވަންވެސް ޖެހެ އެވެ.
ގާނޫނު އަސާސީ ގެ 71 ވަނަ މާއްދާގައި މަޖިލީހުގެ މެމްބަރުންގެ އަދަދު ކަނޑައަޅާނެ އުސޫލުވަނީ ހިމަނައިފަ އެވެ:
-
ދިވެހި ރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީކޮށްފައިވާ އާބާދީގެ ފުރަތަމަ 5000 މީހަކަށް ނުވަތަ 5000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެންބަރުން.
-
ދިވެހި ރާއްޖޭގެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީކޮށްފައިވާ އާބާދީ 5000 އަށް ވުރެ އިތުރުވާ ނަމަ، އާބާދީގެ ފުރަތަމަ 5000 މީހުންނަށް ވުރެ އިތުރުވާ ކޮންމެ 5000 މީހަކަށް މެންބަރެއް.
އިތުރުވަމުންދާ އާބާދީއާ އެކު މެމްބަރުންވެސް އިތުރުވާނެ
ބޯހިމެނުމުގެ ތަފާސް ހިސާބުތަކަށް ބަލާއިރު 2014ގައި ރާއްޖޭގައި ދިރިއުޅޭ ދިވެހިންގެ އާބާދީ އަކީ 344،000 އެވެ. ނޭޝަނަލް ސްޓެޓިސްޓިކްސް ބިއުރޯގެ ޕްރޮޖެކްޝަނުން ދައްކާގޮތުގައި 2054ގައި ރާއްޖޭގައި ދިރިއުޅޭ ދިވެހިންގެ އާބާދީ 557،000 އަށްއަރާނެ އެވެ. މާލެ ފަދަ އާބާދީ ބޮޑު ދާއިރާތަކަށް މެމްބަރުން އިތުރުވެގެން ވެސް ދާނެ އެވެ.
މެމްބަރުންގެ އަދަދު:
-
1998 - 50 މެމްބަރުން
-
2009 - 77 މެމްބަރުން
-
2014 - 85 މެމްބަރުން
-
2019 - 87 މެމްބަރުން
މެމްބަރުންގެ އަދަދު މައްޗަށް ދިއުމަކީ ރަނގަޅުގޮތެއް ނޫންކަން ފާހަގަކުރައްވަމުން ގާސިމް ވިދާޅުވީ "އާބާދީ 1 މިލިއަން މީހުންނަށް ހަމަވީމާ އެހެން ގޮތަކަށް ވިސްނަން" ތާއީދުކުރައްވާ ކަމަށެވެ.
-
87 މެމްބަރުންނަށް ވުރެ އިތުރުނުކުރަން ފެނޭ: "އަޅުގަނޑަށް ފެންނަގޮތުގައި މިހާރު ތިބި 87 މެމްބަރުން އިތުރު ނުކޮށް 1 މިލިއަން މީހުން ހަމަވަންދެން [މެންބަރުން] އިތުރުނުކޮށް ތިބުންކަންނޭގެ ރަނގަޅީ،" ގާސިމް ވިދާޅުވި އެވެ.
އަޅުގަނޑަށް ފެންނަގޮތުގައި މިހާރު ތިބި 87 މެމްބަރުން އިތުރު ނުކޮށް 1 މިލިއަން މީހުން ހަމަވަންދެން އިތުރުނުކޮށް ތިބުންކަންނޭގެ ރަނގަޅީ
މެމްބަރުންގެ އަދަދު އިތުރުވުމާ މެދު ކަންބޮޑުވުން ވަރަށްބޮޑަށް ފާޅުކުރައްވާ އެއް ބޭފުޅަކީ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރެވެ. ރައްޔިތުންގެ މަޖިލިސް ކުޑަކުރުމަކީ މިހާރު މިއޮތް ސިޔާސީ މަސްރަހުގައި ތަންކޮޅެއް އުނދަގޫ ކަމަކަށް ވެދާނެކަން ފާހަގަކުރައްވަމުން އާމިރު ވިދާޅުވީ "އެކަމަކު ހެޔޮ ނިޔަތުގައި އެއްޗެއް ދަންނަވަނީ ކަމަށްވަންޏާ ހަމަ ކުޑަކުރަންޖެހޭ،" ކަމަށެވެ.
-
"އެއީ ރާއްޖެ ކަހަލަ ކުޑަކުޑަ އާބާދީއަކަށް އެއްގޮތަކަށް ވެސް ރަނގަޅު ކަމެއް ނޫން. ... ކޮންމެ ދައުރަކަށް [މެންބަރުން] އިތުރުވެގެންދާތީ އޭގައި ތަޅު އެޅުވުމަށް، 77 މެމްބަރުންގެ އަދަދުގައި ބެހެއްޓުމަށް ހުށަހެޅީ،" އާމިރު ވިދާޅުވި އެވެ.
-
މެމްބަރުންގެ އަދަދު އިތުރުވިޔަ ނުދިނުމަށް ޓަކައި ނޮވެމްބަރު 2014ގައި ގާނޫނު އަސާސީގެ 72 އަދި 71 ވަނަ މާއްދާއަށް އޭނާ އިސްލާހުތަކެއް ހުށަހެޅުއްވި އެވެ. އެ އިސްލާހުތަކުގެ ބޭނުމަކީ މެމްބަރުންގެ އަދަދު އިތުރުވިޔަ ނުދިނުމެވެ. އިސްލާހުތައް ހުށަހެޅުއްވި ސަބަބެއްކަމަށް އާމިރު އެއިރު ވިދާޅުވެފައި ވަނީ "މެމްބަރުންގެ އަދަދު އިތުރުވެގެންދިއުމަކީ ... ގައުމުގެ އިގްތިސާދަށާއި އިދާރީ ހިންގުމަށް ގެނެވޭނެ އެންމެ އެދެވޭ ބަދަލެއްކަމުގައި ގަބޫލުނުކުރެވޭތީ" އެވެ.
މިހާރު މެމްބަރުން އިތުރުވާ ގޮތަށް ގާނޫނު އަސާސީގައި އޮތް ގޮތަކީ ކުޑަކުޑަ އާބާދީ އެއް އޮތް ގައުމަކަށް އެއީ ވަރަށް ކަންބޮޑުވުން އޮތް ކަމެއް. މިހާރުން މިހާރަށް ވެސް އޭގައި ތަޅު އަޅުވަން ޖެހޭ. ނުވަތަ މެމްބަރުންގެ އަދަދު މަދުކުރަން ޖެހޭ.
'ދައުރު' އަށް ދެއްވި އިންޓަވިއުއެއްގައި އާމިރު ވިދާޅުވީ މިހާރުން މިހާރަށް ވެސް މެމްބަރުންގެ އަދަދު މަދުކުރަންޖެހޭ ކަމަށެވެ.
-
ތަޅުއަޅުވަން ޖެހޭ: "މިހާރު މެމްބަރުން އިތުރުވާ ގޮތަށް ގާނޫނު އަސާސީގައި އޮތް ގޮތަކީ ކުޑަކުޑަ އާބާދީއެއް އޮތް ގައުމަކަށް އެއީ ވަރަށް ކަންބޮޑުވުން އޮތް ކަމެއް. މިހާރުން މިހާރަށް ވެސް އޭގައި ތަޅު އަޅުވަން ޖެހޭ. ނުވަތަ މެމްބަރުންގެ އަދަދު މަދުކުރަން ޖެހޭ،" އާމިރު ވިދާޅުވި އެވެ.
-
އަތޮޅަކުން 2 މެމްބަރުން: އެންމެ އައިޑިއަލް ސައިޒަކީ 50 ވަރަކަށް މެމްބަރުން. ކުރީގައި އޮންނަ ގޮަތަށް އަޅުގަނޑަށް ގަބޫލުކުރެވެނީ އަތޮޅަކުން ދެ މެމްބަރުން ތިބެފައި ދެން މާލެފަދަ އާބާދީ ބޮޑެތި ސަރަހައްދުތަކުގައި އާބާދީގެ ނިސްބަތުން އަދަުތައް ކަނޑައެޅުން. މިހާރު އޮތްގޮަތަށް ކޮންމެ 5000 މީހަކަށް މެމްބަރަކު އޮތީމާ ރަނގަޅެއް ނޫން. މިހާރުން މިހާރަށް ވެސް [މެމްބަރުން އިތުރުވުން] ނިމުމަކަށް ގެންނަން ޖެހޭ. ނުވަތަ މަދުކުރެވޭނެ ފޯމިއުލާ އަކަށް ދާންޖެހޭ. އެއީ އަޅުގަނޑު ގަބޫލުކުރާގޮތަކީ.
ބަރުލަމާނީ ނިޒާމްގެ ތެރެއިން ބަދަލުގެނައުން
ހެންވޭރު ހުޅަނގު ދާރިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވާ ގޮތުގައި މެމްބަރުންގެ އަދަދު ވަކިވަރެއްގައި ހިފެހެއްޓުމުގެ ގޮތުން ވަރަށް ގިނަ ކަންތައްތަކަށް ބަލާފައި ބަދަލުގެނައުން ރަނގަޅެވެ. އެގޮތުން ގައުމުގެ ހާލަތާއި ލިބޭ އާމްދަނީ އާއި ރައްޔިތުންގެ ފުދުންތެރިކަމާއި މިހުރިހާ ކަމެއްގެ މައްޗަށް ބަލާފައި އަދި އިދާރީ ގޮތުން ރާއްޖެ ހިންގަން ބޭނުންވާ ގޮތްތަކާއި މި ހުރިހާ ކަމެއްގެ މައްޗަށް ބަލާފައި އެ ކަންކަމަކީ ބަދަލުކުރަން މުހިންމު ކަމެއްކަމުގައި ވާނަމަ ބަދަލުކުރުން ރަނގަޅެވެ.
-
އެންމެ ރަނގަޅީ ބަރުލަމާނީ ނިޒާމް: "ގާނޫނު އަސާސީއަކީ އެހެން ގާނޫނުތައް ބަދަލުކޮށްލާހާ ފަސޭހައިން ބަދަލުގެންނަން އޮތް އެއްޗެއް ނޫން. އެއަށް ވުރެ ބޮޑަށް ވިސްނާފައި މަޝްވަރާކުރެވިގެންނޭ ގާނޫނު އަސާސީ އަށް ބަދަލުގެންނަންވާނީ. އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖެއަށް އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމް. އެ ނިޒާމަށް ބަދަލު އަންނައިރު އެ ބަދަލު [މެމްބަރުންގެ އަދަދު ވަކިވަރެއްގައި ހިފެހެއްޓުން] އައުމަކީ އެކަށީގެންވާ ކަމެއް. ހަމަ އެކަނި އާބާދީގެ ނިސްބަތް އިތުރުވެގެނެއް ނޫން. މަޖިލިސް އޮންނަގޮތް އަދި ވެރިކަން ހިންގާ ނިޒާމް އޮންނަގޮތް މިވެސް މުހިންމުކަމެއް އޭގެ ތެރޭގައި ބަލަން.
އަޅުގަނޑު ދެކޭގޮތުގައި ރާއްޖެއަށް އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމް. އެ ނިޒާމަށް ބަދަލު އަންނައިރު އެ ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް.
-
ދިވެހި ރާއްޖެ އަށް "މާ ބޮޑަށް ވެސް ރަނގަޅު ބަރުލަމާނީ ނިޒާމެއް އޮތުން"ކަން ފާހަގަކުރައްވަމުން ހަސަން ލަތީފު ވިދާޅުވީ މެމްބަރުންގެ އަދަދު އިތުުރުވިޔަނުދިނުމަށް ގާނޫނު އަސާސީ އަށް ގެންނަން ޖެހޭ ބަދަލުތައް ވެސް ހުންނާނެ ކަމަށެވެ.
މަޖިލީހުގެ މެމްބަރުންގެ އަދަދު ކަނޑައެޅުގައި މިހާރު އަމަލުކުރަމުންދާ ގާނޫނު އެކުލަވައިލުމުގައި ކުރިން ވިސްނުން ގެންގުޅުނީ އާބާދީގެ ނިސްބަތުން ކަނޑައެޅުމަށެވެ. ކޮންމެ އަތޮޅަކަށް ދެމެމްބަރުން ތިބުމުމުގެ ބަދަލުގައި އަތޮޅެއްގެ އާބާދީއަށް ބެލުމަށް ފަހު އިންތިޚާބީ ދާއިރާތައް ކަނޑައެޅުމަށެވެ.
ކޮންމެ އިންތިޚާބީ ދާއިރާއެއްގެ އާބާދީއަކީ 10،000 ކަމަށް ހަމަޖައްސަން ހުށަހެޅި
ރައްޔިތުންގެ މަޖލީހުގެ ރައީސްކަމާއި މެމްބަރުކަން ކުރައްވާފައިވާ އަހްމަދު ޒާހިރު (ސީނާ ޒާހިރު) ވިދާޅުވާ ގޮތުގައި މަޖިލީހުގެ މެމްބަރުންގެ އަދަދު ކަނޑައެޅުމުގައި އެއިރުގެ ވިސްނުމަކީ އާބާދީގެ ނިސްބަތުން މެމްބަރުން ކަނޑައެޅުމެވެ.
"މިސާލަކަށް ވ. އަތޮޅުގެ އާބާދީ ވަރަށްކުޑަ. ގދ. އެންމެ ރަށެއްގައި ވެސް ވ. އަތޮޅާ އެއްވަރުގެ އާބާދީ އެއް އޮވެދާނެ. އެހެންވެ އަޅުގަނޑުމެން ހުށަހެޅީ ކޮންމެ 10،000 މީހަކަށް މެމްބަރަކު ހަމަޖެއްސުމަށް. ނަމަވެސް ބައެއް މީހުން އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރި. ބުނަނީ އެއީ މާބޮޑު އަދަދެކޭ،" ޒާހިރު ވިދާޅުވި އެވެ.
މިހާރުގެ މޮޑެލް ބަދަލުވާން ޖެހޭ. އެއްގޮތަކީ ކުޑަޔަސް ބޮޑަސް [އަތޮޅަކުން] ދެ މެމްބަރުން، ކުރިން އޮތްގޮތަށް ހަމަޖެއްސުން. ދެން އޮތްގޮތަކީ އާބާދީއަށް ބެލުން. ކޮންމެ 10،000 ނޫނީ 15،000 މީހަކަށް މެމްބަރަކު ހުންނަގޮތަށް ހަމަޖެއްސުން.
ޒާހިރު ވިދާޅުވި ގޮތުގައި މިހާރު މިއޮތީ އެހާ ރަނގަޅު މޮޑެލް އެއް ނޫނެވެ. މިހާރުގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ފާހަގަކުރައްވާފަދައިން މެމްބަރުން އިރުތުވާ ނަމަ އެއީ އިގްތިސާދީގޮތުން ވަރަށްބޮޑު ބުރައެކެވެ.
-
މިހާރުގެ މޮޑެލް ބަދަލުވާން ޖެހޭ - "ފުރަތަމަ ކޮންމެ 5000 މީހަކަށް މެމްބަރަކު ހަމަޖައްސަން ނިންމި އިރު އަޅުގަނޑުމެން [ބުނިން] ކިހިނެއްހޭ ހިފަހައްޓާލާނީ. އާބާދީ ބޮޑުވަމުންނޭ ދަނީ. ކޮންތާކުންހޭ އެމީހުންނަށް މުސާރަ ދެވޭނީ. އެކަމަކު މަޖިލިހުން އެގޮތަށް ނިންމާފައި ފާސްކޮށްލީ. މިހާރުގެ މޮޑެލް ބަދަލުވާން ޖެހޭ. އެއްގޮތަކީ ކުޑަޔަސް ބޮޑަސް [އަތޮޅަކުން] ދެ މެމްބަރުން، ކުރިން އޮތްގޮތަށް ހަމަޖެއްސުން. ދެން އޮތް [އަނެއް] ގޮތަކީ އާބާދީއަށް ބެލުން؛ ކޮންމެ 10،000 ނޫނީ 15،000 މީހަކަށް މެމްބަރަކު ހުންނަގޮތަށް ހަމަޖެއްސުން،" ޒާހިރު ވިދާޅުވި އެވެ.
ކުރިން އޮތީ ވެސް ހަމަ ރަނގަޅު ގޮތެއްކަން ފާހަގަކުރައްވަމުން ޒާހިރު ވިދާޅުވި ގޮތުގައި ކުރިން އޮތީ ރަނގަޅު ގޮތެއްކަން މިހާރު ވިސްނެ އެވެ. އެމެރިކާގެ ސެނެޓް މިއޮންނަ ގޮތަށް ކުޑަޔަސް ބޮޑަސް [ސްޓޭޓަކުން] ދެ މީހުން ތިބޭ އިރު ކޮންމެ އަތޮޅެއް ތަމްސީލުކުރަން ދެ މީހުން މިހާރު މާރަނގަޅު ކަމަށް ފެންނަ ކަމަށް ވެސް ޒާހިރު ވިދާޅުވި އެވެ.
-
މިހާރު މެމްބަރުން ބޭނުމެއްނުވާނެ އަދަދު މަދުކުރަން - "މީ ރަނގަޅެއް ނޫން. މީގެ އަދަދު ރަނގަޅެއް ނޫން. ކިހިނެއްތޯ މެމްބަރަކަށް 82،500ރ. ދީގެން ހަމަޖައްސާނީ. އަދި އޭޝިއާގެ ގައުމުތަކުން މި ދެނީ މެޑިކަލް އިންޝޫރެންސް. ދެން މިހާރު މެމްބަރުން ބޭނުމެއް ނުވާނެ އަދަދު މަދުކުރާކަށް، އެއީ އެ މީހުންގެ ސީޓް ގެއްލޭނެތާ،" ޒާހިރު ވިދާޅުވި އެވެ.
އިންތިޚާބީ ދާއިރާތައް ކަނޑައެޅުމުގައި ބަލާ އާބާދީގެ އަދަދު މަތިކުރުމުގެ މުހިންމުކަން ބޮޑުވަނީ، ޒާހިރު ފާހަގަކުރެއްވި ގޮަތަށް، ރާއްޖޭގެ އިގްތިސާދަށް ބަލާއިރު ވަރަށް ބޮޑު ހޭދައެއް މަޖިލީހުގެ މެމްބަރުންނަށް ކުރަންޖެހޭތީ އެވެ. އަދި މެމްބަރުންގެ އަދަދު ދައުރުން ދައުރަށް އިތުރުވަމުންދާނެތީ އެވެ.
ތިރީގައި މިވާ ޗާޓުން ފެންނަގޮތުގައި އާބާދީ ބޮޑެތި ގައުމުތަކުގައި ނިސްބަތުން މެމްބަރުން ތިބޭވަރު މަދެވެ. ގާތްގަނޑަކަށް900،000 މީހުން ދިރިއުޅޭ ފިޖީގައި ތިބެނީ 51 މެމްބަރުންނެވެ. މޯލްޓާގައި67 އަދި ގާތްގަނޑަަށް ހަ މިލިއަންގެ އާބާދީއެއް އޮންނަ ސިންގަޕޫރުގައި 93 މެމްބަރުންނެވެ.
ފުދޭވަރެއްގެ ބޮޑު ހޭދައެއް މެމްބަރުންނަށް ކުރަމުންދާއިރު، އިންތިޚާބީ ދާއިރާއަކަށް އިތުރުވާ ކޮންމެ 5000 މީހަކަށް މެމްބަރަކު އިންތިޚާބުކުރާ ގޮތަށް އޮތުމަކީ ރާއްޖެ ފަދަ ކުޑަ ގައުމަކަށް އިގްތިސާދީ ގޮތުން ވެސް ބޮޑު ބުރައަކަށް ވާނެ އެވެ. އަދި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން މިކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުންދާ އިރު، މިއީ ހުރިހާ ފެންވަރެއްގައި ވެސް މިކަމާމެދު ޚިޔާލު ބަދަލުކޮށް ދެވަނަ ވިސްނުމަކަށް ދާންޖެހިފައިވާ ގައުމީ ކަމެކެވެ.
ކުޑަހުވަދޫ ދާއިރާގެ މެމްބަރު އާމިރު ވިދާޅުވާ ގޮތުން ނަމަ މިއީ "މިހާރުން މިހާރަށް ވެސް އޭގައި ތަޅު އަޅުވަން" ޖެހިފައިވާ ކަމެކެވެ.
ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ އަދަދަށް އައިސްފައިވާ ބަދަލު (1932-2019)
ރާއްޖޭގެ ފުރަތަމަ ގާނޫނު އަސާސީއާ އެކު އެކުލަވައލި ފުރަތަމަ ރައްޔިތުންގެ މަޖިލިސްގައި ތިއްބެވީ47 މެމްބަރުންނެވެ. އެއަށް ފަހު އެކި ދައޮރުތަކުގައި މެމްބަރުންގެ އަދަދު މަދުވެ އަދި އިތުރުވެފައިވެ އެވެ. ނަވާރަސަތޭކަ ތިރީސް ހަތަރު ވަނަ އަހަރު 33 މެމްބަރު ތިބި އިރު 1950ގެ ތެރޭގައި 34 އިން 54 އަށް ވަނީ އިތުރުވެފަ އެވެ. އެކަމަކު 1975ގައި މެމްބަރުންގެ އަދަދު 48 އަށް ދަށްވި އެވެ. އެއީ ކުރިން މާލެއިން ހޮވަމުން އައި އަދަދު އަށަކުން ދޭކަށް ބަދަލުކުރުމުންނެވެ. ނަވާރަސަތޭކަ ނުވަދިހަ އަށެއްގައި އިދާރީ ދާއިރާ19 އިން20 އަށް ބަދަލުކުރުމުން މެމްބަރުންގެ އަދަދު 50 އަށް އިތުރުވީ އެވެ. އެއިރު ތިއްބަވަނީ ރައީސް އައްޔަންކުރައްވާ އަށް މެމްބަރުންނާއި 20 އަތޮޅުން އިންތިޚާބުކުރާ 40 މެމްބަރުންގެ އިތުރަށް މާލެއިން ހޮވާ ދެ މެމްބަރުންނެވެ.
ތިރީގައި މިވަނީ މަޖިލިސްގެ މެމްބަރުންގެ އަދަދަށް 1932 އިން ފެށިގެން އައިސްފައިވާ ބަދަލުތަކެވެ.
1932 - ރައްޔިތުންގެ މަޖިލިސް - 47 މެމްބަރުން
-
ބޮޑު އަތޮޅަކުން 4 މީހުން
-
ކުޑަ އަތޮޅަކުން 2 މީހުން
-
ފުވައްމުލަކުން 1
-
މާލެ އިން 4 މީހުން
އިންތިޚާބު އޮންނާނީ އަހަރަކު އެއް ފަހަރު. ވޯޓު ލުމުގެ ހައްގު ލިބިފައިވަނީ 25 އަހަރުން މަތީގެ ފިރިހެނުންނަށް.
1932 - ގާނޫނު ހަދާ މަޖިލިސް - 28 މެމްބަރުން
-
ރަދުން އައްޔަންކުރައްވާ 8 މެމްބަރުން
-
މާލޭ ހަތަރު އަވަށުން އިންތިޚާބުކުރާ 4 މީހުން
-
ރައްޔިތުންގެ މަޖިލިހުން އިންތިޚާބުކުރާ 17 މެމްބަރުން
ގާނޫނު ހަދާ މަޖިލިސް އިންތިޚާބު އޮންނާނީ ކޮންމެ ފަސް އަހަރަކުން . ވޯޓު ލުމުގެ ހައްގު ލިބިފައިވަނީ 25 އަހަރުން މަތީގެ ފިރިހެނުންނަށް.
1934 - 33 މެމްބަރުން
-
ބޮޑު އަތޮޅަކުން 4 މީހުން
-
ކުޑަ އަތޮޅަކުން 2 މީހުން
-
ފުވައްމުލަކުން 1
-
މާލެ އިން 4 މީހުން
ނަވާރަސަތޭކަ ބައްތިރީހުގެ ގާނޫނު އަސާސީގައިވާ ގޮތުން ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު އޮންނާނީ އަހަރަކު އެއްފަހަރު ރަޖަބު މަހު އެވެ. ވޯޓު ލުމުގެ ހައްގު ލިބިފައިވަނީ 25 އަހަރުން މަތީގެ ފިރިހެނުންނަށް.
1937 - 33 މެމްބަރުން
-
ބޮޑު އަތޮޅަކުން 4 މީހުން
-
ކުޑަ އަތޮޅަކުން 2 މީހުން
-
ފުވައްމުލަކުން 1
-
މާލެ އިން 4 މީހުން
އިންތިޚާބު އޮންނާނީ އަހަރަކު އެއް ފަހަރު. ވޯޓު ލުމުގެ ހައްގު ލިބިފައިވަނީ 25 އަހަރުން މަތީގެ ފިރިހެނުންނަށް.
1951 - 34 މެމްބަރުން
-
ރަދުން އައްޔަންކުރައްވާ 6 މެމްބަރުން
-
ރައްޔިތުން އިންތިޚާބުކުރާ 19 މެމްބަރުން
-
ތިލަދުންމަތިން 2 މެމްބަރުން
-
ހުވަދު އަތޮޅުން 2 މެމްބަރުން
-
ފުވައްމުލަކުން 1 މެމްބަރު
-
ދެން އޮތް 14 އަތޮޅުން 14 މެމްބަރުން
-
މާލެ އިން 8 މެމްބަރުން
-
ވިޔަފާރިވެރިން އިންތިޚާބުކުރާ 1 މެމްބަރު
ރައްޔިތުންގެ މަޖިލިސް އިންތިޚާބުކުރަނީ ފަސް އަހަރުން އެއް ފަހަރު.
1953 -- މަޖިލިސް އެކުލެވިގެންވަނީ ދެ ގެއެއްގެ މައްޗަށް
-
1-
ރައްޔިތުންގެ ގެ (އިންތިޚާބުކުރާ 47 މެމްބަރުން)
-
މާލެ އިން 8 މެމްބަރުން
-
ތިލަދުންމަތިން 4 މެމްބަރުން
-
ހުވަދު އަތޮޅުން 4 މެމްބަރުން
-
ފުވައްމުލަކުން 2 މެމްބަރު
-
ދެން އޮތް 14 އަތޮޅުން 28 މެމްބަރުން
-
ވިޔަފާރިވެރިން އިންތިޚާބުކުރާ 1 މެމްބަރު
ރައްޔިތުންގެ މަޖިލިސް އިންތިޚާބުކުރާނީ ފަސް އަހަރުން އެއް ފަހަރު. ވޯޓުލުމުގެ ހައްގު 21 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ލިބިގެންވޭ. ފުރަތަަމަ ފަހަރަށް އަންހެނުންނަށް ވެސް ވޯޓުލުމުގެ ހައްގު ލިބުނު
-
1-
ސެނެޓް (18 މެމްބަރުން )
-
2-
ވަލިއްޔުލް އަމްރު އައްޔަންކުރައްވާ 9 މެމްބަރުން
-
3-
ރައްޔިތުންގެ ގެއިން އިންތިޚާބުކުރާ 9 މެމްބަރުން
ސެނެޓްގެ މުއްދަތަކީ 6 އަހަރު. ނަމަވެސް ސެނެޓަރުންގެ ތިންބައިކުޅަ އެއްބައި ކޮންމެ ދެ އަހަރުން އެއް އަހަރު ވަކިވާނެ.
1954 - 54 މެމްބަރުން
-
ރަދުން އައްޔަންކުރައްވާ 6 މެމްބަރުން
-
އަތޮޅުތަކުން އިންތިޚާބުކުރާ 38 މެމްބަރުން
-
ތިލަދުންމަތިން 4 މެމްބަރުން
-
ހުވަދު އަތޮޅުން 4 މެމްބަރުން
-
ފުވައްމުލަކުން 2 މެމްބަރު
-
ދެން އޮތް 14 އަތޮޅުން 28 މެމްބަރުން
-
މާލޭ 4 އަވަށުން 8 މެމްބަރުން
-
ވިޔަފާރިވެރިން އިންތިޚާބުކުރާ 2 މެމްބަރުން
ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވޯޓު ދެވޭނީ އުމުރުން 21 އަހަރުން މަތީގެ ފިރިހެނުންނަށް. މަޖިލިހުގެ އުމުރަކީ ފަސް އަހަރު.
1964 - 54 މެމްބަރުން
-
ރަދުން އައްޔަންކުރައްވާ 8 މެމްބަރުން
-
ކޮންމެ އަތޮޅަކުން 2 މެމްބަރުން (19 އަތޮޅުން 38 މެމްބަރުން)
-
މާލެއިން 8 މެމްބަރުން
ވޯޓުލުމުގެ ހައްގު 21 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ލިބިގެންވޭ.
1967 - 54 މެމްބަރުން
-
ރަދުން އައްޔަންކުރައްވާ 8 މެމްބަރުން
-
ކޮންމެ އަތޮޅަކުން 2 މެމްބަރުން (19 އަތޮޅުން 38 މެމްބަރުން)
-
މާލެއިން 8 މެމްބަރުން
ވޯޓުލުމުގެ ހައްގު 21 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ލިބިގެންވޭ.
1968 - 54 މެމްބަރުން
-
ރައީސް އައްޔަންކުރައްވާ 8 މެމްބަރުން
-
ކޮންމެ އަތޮޅަކުން 2 މެމްބަރުން (19 އަތޮޅުން 38 މެމްބަރުން)
-
މާލެއިން 8 މެމްބަރުން
ވޯޓުލުމުގެ ހައްގު 21 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ލިބިގެންވޭ.
1975 - 48 މެމްބަރުން
-
ރައީސު އައްޔަންކުރައްވާ 8 މެމްބަރުން
-
ކޮންމެ އަތޮޅަކުން 2 މެމްބަރުން (19 އަތޮޅުން 38 މެމްބަރުން)
-
މާލެއިން 2 މެމްބަރުން
ވޯޓުލުމުގެ ހައްގު 21 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ލިބިގެންވޭ.
1998 - 50 މެމްބަރުން
-
ރައީސު އައްޔަންކުރައްވާ 8 މެމްބަރުން
-
ކޮންމެ އަތޮޅަކުން 2 މެމްބަރުން (20 އަތޮޅުން 40 މެމްބަރުން)
-
މާލެއިން 2 މެމްބަރުން
ވޯޓުލުމުގެ ހައްގު 21 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ލިބިގެންވޭ.
ކޮމެންޓް (2)
މިޒަމާން
ކަޅުބުޅާ