ގާސިމް މި ދައްކަވަނީ، ސަރުކާރުން 'ބޭނުންނުވި'، 430 ބިލިއަން ރުފިޔާގެ ވާހަކައެއް

ފިނޭންސް މިނިސްޓަރަކަށް އޭނާ ހުންނެވި އިރު ތައްޔާރުކުރެއްވި ހުށައެޅުމަށް ރައީސް މައުމޫންގެ ތާއީދު ލިބުނު ނަމަ ރާއްޖެއަށް 28 ބިލިއަން ޑޮލަރު ލިބުނީސް ކަމަށް ގާސިމް ވިދާޅުވި
10 އޯގަސްޓު 2023
3

މުހިންމު ނުކުތާތައް

ޕްލޭނަކީ ބައިނަލްއަގުވާމީ ބިޑަކަށް އެއްފަހަރާ 100 ރަށް، 100 އަހަރަށް ލުން

އަހަރަކަށް ދޭ ކުލީގެ %50 އެޑްވާންސްކޮށް ދައްކަން ޖެހޭ ގޮތަށް ކަނޑައެޅި

ގާސިމްގެ އެ ހުށައެޅުން ކެބިނެޓަށް ގެންދަވަން ވެސް މައުމޫން ބޭނުންފުޅެއް ނުވި

ގާސިމް އިބްރާހިމް އެ ވާހަކަ ފެއްޓެވީ ފިނޭންސް މިނިސްޓަރަކަށް ހުންނެވި އިރު އޭނާ ހުށައެޅުއްވި ބައެއް ކަންކަމަށް އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ރުހުން ނުލިބުނު ކަމަށް ވިދާޅުވުމުން، އޭގެ މިސާލެއް ދައްކަވަން، 'ދައުރު'ން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެކަމަކު އެ ޖަވާބުން ހައިރާންވި އެވެ. އެއީ ހަގީގަތަކަށް ހެދިދާނެ ހުށައެޅުމެއްތޯ، އެތައް ބައެއްގެ ހިތަށް އަރާފާނެ އެވެ.

ޝައްކު އުފެދޭ މީހުންން އެ ޝައްކުގެ މަތީގައި ތިބޭށެވެ. ގާސިމް އޭރު ވެސް އަދި މިހާރު ވެސް ގަބޫލުކުރައްވަނީ، އެއީ ރާއްޖެއަށް އެއްފަހަރާ 28 ބިލިއަން ޑޮލަރު ލިބެން އޮތް ފުރުސަތެއްގެ ގޮތަށެވެ.

ތަފުސީލަށް ދަމާ ހިނގާށެވެ. މައުމޫންގެ ސަރުކާރަށް 'ބާގީއަކުން ބަތަލަކަށް' ގާސިމް ބަދަލުވީ 12-13 އޮގަސްޓް 2004ގެ ޖުމްހޫރީ މައިދާންގެ ބޮޑު އެއްވުމަށް ފަހު ޖަލަށް ލައި، ގޭ ބަންދުގައި ހުންނަވަނިކޮށް އެރި ސުނާމީއާ ގުޅިގެން ރައީސް މައާފު ދެއްވައި، އޭގެ ފަހުން 28 ޖުލައި 2005ގައި ފިނޭންސް މިނިސްޓަރުކަން ލިބިވަޑައިގަތުމުންނެވެ. އޭނާގެ ފިނޭންސް މިނިސްޓަރުކަމުގައި ވަރަށް ބޮޑެތި ބަދަލުތަކެއް ފެނުނެވެ. ދައުލަތުގެ ބަޖެޓް (ލަފާކުރި އަދަދަށް އާމްދަނީ ނުލިބުނަސް) އެތައް ބިލިއަން ރުފިޔާއަކުން މައްޗަށް ޖައްސާލި އެވެ.

ކުރީގެ ރަައީސް މައުމޫން އަބްދުލްގައްޔޫމް، ރަސްމިއްޔާތެއްގައި: ރާއްޖޭގެ ވެރިކަމުގައި 30 އަހަރު ހުންނެވި

ރާއްޖެ އޭގެ ކުރިން ނުދެކޭ ފަދަ ބޮޑު އާމްދަނީއަކާ ދިމާލަށް ގެންދަން ގާސިމް ހުށައެޅުއްވީ 100 ރަށް 100 އަހަރަށް ކުއްޔަށް ދޫކޮށްލާށެވެ. ބައިނަލްއަގުވާމީ މާކެޓަށް ވެސް ހުޅުވާލައިގެން، ބީލަމުގެ އުސޫލުންނެވެ. އެއިން ރަށަކަށް އަހަރަކަށް ހުށައަޅާ ކުލީގެ %50 ސަރުކާރަށް އެއްފަހަރާ ހޯދުމަކީ، އެ ޕްލޭންގެ މައިގަނޑު އެއް ބޭނުމެވެ.

މިސާލަކަށް އަހަރަކު 1 މިލިއަން ޑޮލަރުގެ ކުއްޔެއް ހުށައަޅައިފި ނަމަ އެއީ 100 އަހަރަށް 100 މިލިއަން ރުފިޔާ އެވެ. އޭގެ %50 ޕަސެންޓަކީ 50 މިލިއަން ޑޮލަރެވެ.

ރަނގަޅު މާކެޓިންގެ މަސައްކަތެއްގެ ތެރެއިން ބިޑުގެ ކަންކަން ގެންގޮސްގެން އެއަށް ވުރެ މާ ބޮޑު އަގެއް ރާއްޖޭގެ ރަށްރަށަށް ލިބޭނެ ކަމުގެ ޔަގީންކަން ގާސިމަށް އޮތެވެ.

"އޭރު ބަލައިލިއިރު ގާތްގަނޑަކަށް 28 ބިލިއަން ޑޮލަރު އަޅުގަނޑުމެންނަށް...ލިބޭނެ،" ގާސިމް ވިދާޅުވި އެވެ.

އެއީ ޑޮލަރުގެ މިހާރުގެ އަގުން ނަމަ ގާތްގަނޑަކަށް 430 ބިލިއަން ރުފިޔާ އެވެ. އެއީ މި އަހަރަށް ލަފާކުރި ދައުލަތުގެ ބަޖެޓް ކަމަށްވާ 40 ބިލިއަން ރުފިޔާއިން ބެލި ނަމަވެސް 10 އަހަރު ދުވަހުގެ ބަޖެޓެވެ. 

ގާސިމް ވިދާޅުވި ގޮތުގައި އޭނާގެ ޕްލޭނަށް ލަފާ ހޯދަން ބައިނަލްއަގުވާމީ ތަޖުރިބާކާރުންނާ ވެސް ބައްދަލުކުރެއްވި އެވެ.

"ދުނިޔޭގައި ތިބި އެކަން ކުރަން އެންމެ މޮޅެތި މީހުންނާ ވާހަކަ ވެސް ދެއްކިން. އަޅުގަނޑު އުއްމީދުކުރިން [އެކަން] ހިނގާނެ ކަމަށް،" ގާސިމް ވިދާޅުވި އެވެ.

އޭނާގެ ވިސްނުމުގައި އޮތީ އެވަރުގެ ބޮޑު މަސައްކަތެއްގެ އަގަކަށް ވަކި ޕަސެންޓެއް، ބިޑްގެ ކަންކަން ހިންގާ ފަރާތަށް ދޭ ގޮތަށެވެ. މިސާލަކަށް ހުރިހާ ރަށަކުން ލިބޭ އެއްޗެއްގެ %1.5 ނުވަތަ %1 ދިނުމެވެ. މިއީ އެފަދަ މުއާމަލާތްތަކުގައި ތަޖުރިބާކާރުން އަގު ކިޔާ އެއް ގޮތެވެ.

ކެބިނެޓަށް ވެސް ނުގެންދެވި

އެކި މިނިސްޓަރުންގެ ވިސްނުމާއި ބޭނުންވާ ކަންކަން ވަރަށް ބޮޑަށް ތަފާތުވެ އެވެ. އެކަމަކު މިނިސްޓަރެއްގެ ހުށައެޅުން ގަބޫލުކުރެއްވުމާއި ނުކުރެއްވުން އޮންނަނީ ރައީސްގެ އިހުތިޔާރުގަ އެވެ. ގާސިމްގެ ޕްލޭން ހަމައެކަނި މައުމޫނާ ހަމައިން 'ވަށިގަނޑަށް' ވައްޓާލެއްވީކީ ނޫނެވެ. ކެބިނެޓްގެ ބަހުސަކަށް ވެސް ނުގެންދަވަ އެވެ.

އެކަމާ ވަކިން މައުމޫނާ ސުވާލުކުރެއްވި ކަމަށް ގާސިމް ވިދާޅުވި އެވެ.

"އެޖެންޑާ ނުކޮށްދެއްވީމާ އަޅުގަނޑު ދެންނެވިން ކިީއްވެގެއްތޯއޭ ކެބިނެޓަށް ނުގެންނެވީ. ދެން ވިދާޅުވީ ތިމަންނަ މުޅި ގައުމު ވިއްކާލި ކަމަށް ނޫންހޭ ވާނީ،" މީގެ 15 އަހަރު ކުރީގެ މާޒީއެއްގެ ހަނދާންތައް އާކުރައްވަމުން ގާސިމް ވިދާޅުވި އެވެ.

"އަޅުގަނޑު ދެންނެވިން ދަންނަވަންތޯއޭ ވާހަކައެއް. މުޅި ގައުމު ވިއްކާލީ ކަމަކަށް ނޫނޭ ވާނީ، މުޅި ގައުމުގެ ރައްޔިތުންގެ އިގުތިސާދު ހަމަޖެއްސުމަށްޓަކައި ތައުލީމާއި އިޖުތިމާއީ ހުރިހާ ކަމެއް ކުރިއަށް ގެންދަން މީހުންނަށް ބަރޯސާނުވެ އެހެން މީސްމީހުން ކައިރިން ސަލާން ނުޖަހާ އަޅުގަނޑުމެން އަމިއްލަ ފައިމައްޗަށް ތެދުވެގެން ތިބެވޭނެ ގޮތޭ އަޅުގަނޑު މިދަންނަވަނީ."

އެ ދުވަސްވަރު ސަރުކާރުން އޮތީ ރިސޯޓް ހަދަން އެތައް ރަށެއް ދޫކޮށްފަ އެވެ. އޭގެ ތެރެއިން ގިނަ ރަށްރަށް ތަރައްގީއެއްނުކުރެވެ އެވެ. ލޯނު ހޯދަން އެތައް ހުރަހެއް ދިމާވި އެވެ. ދިވެހި ބައެއް ވިޔަފާރިވެރިންގެ ބޮލުގައި އެޅުނު ދަރަނިން އަދިވެސް ސަލާމަތެއް ނުވެ އެވެ.

'ދައުރު'ގެ ހާއްސަ ކަވަރޭޖަށް ގާސިމް އިންޓަވިއު ދެއްވަމުން އޭނާގެ މާޒީގެ ތަޖުރިބާތައް ކިޔައިދެއްވަނީ

ރައީސެއްގެ ހައިސިއްޔަތުން މައުމޫން ވިސްނަވާފާނެ އެހެން ކަންކަން ވެސް ހުރެދާނެ އެވެ. މިސާލަކަށް ރާއްޖޭގެ މުޅި ޓޫރިޒަމް އިންޑަސްޓްރީއަށް ކޮށްފާނެ އަސަރެކެވެ. ރިސޯޓްތައް ހިންގަމުން އަންނަ އަދި އޭރު ބޮޑެތި އިންވެސްޓްތައް ކޮށްފައި ހުރި ވިޔަފާރިވެރިން ހިތްހަމަނުޖެހިދާނެ ކަންކަމެވެ.

އަނެއްކޮޅުން ގާސިމަކީ ވެސް އެތައް ރިސޯޓެއްގެ ވެރިޔަކަށް ވެފައި، އެ ވިޔަފާރިއަށް ބޮޑު ގެއްލުމެއް ކުރިމަތިވެދާނެ ކަންކަން އޭނާއަށް ވެސް އެނގިވަޑައިގަންނަވާނެ އެވެ.

ގާސިމްގެ އެ ޕްލޭން ކާމިޔާބުވާނެކަމުގެ ޔަގީންކަން އޮތް ސަބަބު އޭނާއަށް ވަރަށް ސާފެވެ؛ ބޭރު މަހުޖަނުންގެ އަތުގައި ހުރި ފައިސާ ގިނަވުމެވެ. އޭނާ ސިފަކުރެއްވި ގޮތުގައި "އެއީ ދުނިޔޭގައި ފައިނޭންސް، ފައިސާ، ކޯދުލާ އަރަމުން ދިޔަ ދުވަސްވަރެކެ'ވެ. ފައިސާ އެހާ ތަނަވަސްވި ދުވަސްވަރެއް އޭނާއަށް ވެސް ފެނިވަޑައިގެންފައެއް ނުވެ އެވެ.

"ވެހޭ ދުވަހުގައޭ ވާރޭ ފެން ނަގާނީ ބުނާހެން އޭރު އެއީ ދުނިޔޭގައި ފައިސާ އެންމެ ތަނަވަސްވީ ދުވަސްވަރު. ލިކިއުޑިޓީ އިނގޭތޯ އެންމެ ތަނަވަސްވެފައި."

'ގައުމު ވިއްކާލުމުގެ ބަދުނާމުން' ސަލާމަތްވެވަޑައިގަތުމަށް ނަމަވެސް އެ ޕްލޭނަށް މައުމޫން ފުރަގަސްދެއްވީ، ގާސިމް ގަބޫލުކުރައްވާ ގޮތުގައި، އިގުތިސާދީ ވިސްނުން އެމަނިކުފާނުގެ ނެތުމުންނެވެ. ފިނޭންސް މިނިސްޓަރެއްގެ ހައިސިއްޔަތުން އޭނާ ހުށައެޅުއްވީ، މިހާރު ވެސް ގާސިމް ވިދާޅުވާ ގޮތުގައި، ދިވެހިންނަށް ބޭނުންވާ ހުރިހާ ކަމެއް ފުއްދާލެވޭނެ ވަރުގެ އާމްދަނީއެއް ހޯދާށެވެ.

"އިގުތިސާދީ ވިސްނުމެއް ނެތިއްޔާ އެކަމެއް ނުކުރާނެ، ނުކުރެވޭނެ. އަސްލު ހަގީގަތުގައި މައުމޫނަކީ އިގުތިސާދީ ވިސްނުންފުޅު އެއްވެސް ވަރަކަށް ގެންގުޅުއްވި ބޭފުޅެއް ނޫނޭ އަޅުގަނޑު ދަންނަވާނީ،" ގާސިމް ވިދާޅުވި އެވެ.

"އެ ބޭފުޅާގެ އަރިހުގައި ތިއްބެވި މިނިސްޓަރުން އަޅުގަނޑަކަށް ނޭނގޭ އެ މީހުން ވިސްނީ ކޮން އެއްޗެއް ކަމެއް."

ބަކަރީގެ ކަރުގައި ވާ ޖަހައިގެން ހިނގުން ފަދަ ކަންކަން ފެންނާނެ

އެ ދުވަސްވަރު ނެގެން އޮތް ފައިދާ ދޫކޮށްލައިފި ނަމަ ފަހުން އޭގެ އަގު ވެއްޓޭނެ މިންވަރު ވެސް ގާސިމަށް އޮތީ، އޭނާގެ ވާހަކަތަކުން ދޭހަވާ ގޮތުގައި، ލަފާކުރެއްވިފަ އެވެ. މައުމޫން ނުކުރެއްވި ނަމަ ދެން އަންނަ ސަރުކާރަކުން، ނުވަތަ އޭގެ ފަހުން އަންނަ ސަރުކާރަކުން ނަމަވެސް އެކަން ކުރާނެ ކަމަށް ވިދާޅުވި އެވެ. އެކަމަކު އޭރު ރަށްރަށުގެ އަގު ވެއްޓި 'ބަކަރި ކަރުގައި ވާ ޖަހައިގެން ވިއްކަން ހިނގާ ގޮތަށް ހިނގާނެ' ކަމަށް، އޭނާ ލަފާކުރެއްވި އެވެ.

އެ މަންޒަރު މައުމޫނަށް ފަހު ވެރިކަމަށް ވަޑައިގެންނެވި ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ފެނުނެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެކަން އަދި މާ ބޮޑެވެ.

ރާއްޖޭގެ މަތީ ފަންތީގެ ރިސޯޓެއް: ގާސިމް ވިދާޅުވާ ގޮތުގައި އޭނާ ފިނޭންސް މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު ދުނިޔޭގެ ބާޒާރުގައި ފައިސާ އޮތީ ގިނަވެފައި

"[ނަޝީދު]ގެ ސަރުކާރުގައި ދިޔައީ ކިހިނެއްތޯ، ހަމަ އެހެން ދެއްތޯ ދިޔައީ. ޔާމީން ސަރުކާރުގައި ކިހިނެއްތޯ ދިޔައީ. އެއަށް ވުރެ ވެސް ފަސޭހަކޮށްލާފައި އެމްއެމްޕީއާރުސީ ކިޔާ ތަނެއް ހަދައިގެން، ލިސްޓް ހަދައިގެން ރަށްރަށް ޖަހައިގެން ނުކުމެގެން ހިނގީ. ހިނގައިގެން މީސްމީހުން ލައްވާ އެ ކުރި ކަންތައްތަކުގެ ސަބަބުން ދެއްތޯ، އެހުރިހާ ކޮރަޕްޝަނެއް މެދުވެރިވެގެން ދިޔައީ،" މި އަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވައި، ކެމްޕެއިން ކުރައްވަމުން އަންނަ ގާސިމް ވިދާޅުވި އެވެ.

މިއަދު "ދައުލަތަށް ލާރި ނުވަދެ، މޭޒު ދަށުން ދެބައިކުޅަ އެއްބައި، ތިންބައި ކުޅަ ދެބައި މޭޒު ދަށުން އެކަންކުރާ ބަޔަކަށް، ނޫނީ އެވަގުތު ސަރުކާރުގައި އޮންނަ ބަޔަކަށް ލިބޭ ތޯއްޗެ. ދައުލަތަށް ވަންނަނީ ކުޑަކުޑަ އެއްޗެއް. ނުވަތަ ދައުލަތަށް ވަންނަން އޮތް އެއްޗެއް ނުލިބޭ."

100 ރަށަށް 100 ރަށް ހިއްކައިދިނީމުސް

ތިމާވެއްޓަށް ލޯބިކުރާ މީހުން މި ވާހަކައަށް ނަފުރަތުކުރާނެ އެވެ. އެކަމަކު ގާސިމަށް ފެނިވަޑައިގަންނަވަނީ އިގުތިސާދީ ނަފާ ނެގޭނެ ގޮތްތަކެވެ. އެ ފައިދާއިން އިތުރަށް ކުރެވޭނެ ކަންކަމެވެ. އެގޮތުން އޭނާ ވިދާޅުވީ އެފަހަރު 100 ރަށް ކުއްޔަށް ދޫކޮށްލުމުގެ ބަދަލުގައި 100 ރަށް ހިއްކައިދޭނެ ވާހަކަ ވެސް މައުމޫނަށް ދެންނެވި ކަމަށެވެ.

"ގާތްގަނޑަކަށް ހައެއްކަ ބިލިއަން ޑޮލަރު ލިބިއްޖެއްޔާ، 100 ރަށް ނޫންހޭ [ކުއްޔަށް ދޫކޮށްލަނީ]، އަޅުގަނޑު 200 ރަށް ހިއްކައިދޭނަމޭ. ހިއްކާފައި އެތަންތަން އިމާރާތްކޮށް ހުރިހާ ކަމެއް ނިންމައިދޭނަމޭ،" ގާސިމް ވިދާޅުވި އެވެ.

"އެހެންވެ 100 ރަށުގެ ބަދަލުގައި ބޭނުންވާ މުހިންމު ލޮކޭޝަންތަކުން ހިއްކާފައި އަޅުގަނޑުމެން އަމިއްލައަށް ޑްރެޖަރު ގަނެގެން، އަޅުގަނޑުމެންގެ މީހުން ޓްރެއިންކޮށް ހުރިހާ ކަމެއް ނިމުނީމާ ދިވެހިންނޭ އެންގޭޖްކުރާނީ."

ކ. އަތޮޅުގައި ބިން ހިއްކައިގެން ހަދާފައިވާ ރިޒް ކާލްޓަން މޯލްޑިވްސް، ފަރި އައިލެންޑްސް ރިސޯޓް: ސަރުކާރުން ބޭނުންވި ނަމަ 100 ރަށް ވެސް ހިއްކައިދިނީސް ކަމަށް ގާސިމް ވިދާޅުވި (ފޮޓޯ/ ބުކިން.ކޮމް)

އެހެން ވިދާޅުވެފައި މޭޒުމަތީގައި ބާރަށް އަތުން ވެސް ޖެއްސެވި އެވެ. ހީވީ އޭނާގެ އެ ޕްލޭން ކާމިޔާބުކުރާނެ ހުރިހާ ގޮތެއް ކަނޑައަޅާފައި އޮއްވާ އެ ފުރުސަތު ލިބިވަޑައިނުގަތުމުގެ މާޔޫސްކަން އަދިވެސް އޮތް ހެންނެވެ. 

ގާސިމް އެ ދެއްކެވީ އޭރު ވެސް އަދި މިހާރު ވެސް، އާންމު މީހަކަށް ބޭއިހުތިޔާރުގައި އަމިއްލަ އިނގިލީގައި ދަތް އެޅިދާނެ ފަދަ ވާހަކައެކެވެ. ދިވެހިން ބޭނުން، ދިވެހިން ޑިމާންޑްކުރާ އެތައް ކަމެއް ހުރީ ނުކުރެވި އެވެ. ނަމަވެސް 28 ބިލިއަން ޑޮލަރު، އެވަރު ނުލިބުނު ނަމަ، 10 ބިލިއަން ޑޮލަރު (154 ބިލިއަން ރުފިޔާ) ދައުލަތަށް ވެއްދުނަސް، ދިވެހިންގެ އެތައް ކަމަކަށް، އެތައް އަހަރަކަށް ބޭނުންވާ ފައިސާ ލިބުނީހެވެ.

ގާސިމްގެ ވާހަކަ ގަބޫލުކުރަން އުނދަގޫވެދާނެ އެވެ. އެކަމަކު ކާމިޔާބު ވިޔަފާވެރިވެރިޔަކަށް ވެފައި، ރާއްޖޭގެ ޓޫރިޒަމްގެ ވެސް ވަރަށް މުހިންމު އިންވެސްޓަރަކަށް ވާތީ، އޭނާގެ އެ ވިސްނުން އަންނާނީ އެކަން ހަގީގަތަކަށް ވުމުގެ މަގު ވެސް، ކޮންމެވެސް ގޮތަކަށް ފެނިވަޑައިގަންނަވާތީ އެވެ. ނަމަވެސް އެއީ ވެދާނެ ކަމެއްތޯ ސަރުކާރު ބަލާފައެއް ނުވެ އެވެ. ގާސިމް ދެރަވަނީ އަޖުމަބަލައިލަން ވެސް އެ ފުރުސަތު ލިބިވަޑައިނުގަތުމުންނެވެ.

އިތުރަށް ކިޔާލަން:

ކޮމެންޓް (3)

ކޯޑިނޭޓަރ

10 އޯގަސްޓު 2023
މައުމޫނު ޒަމާނުގައި މަހުޖަނުން މައުމޫނަށް ވިސްނާ ދިނީ ފަތުރުވެރިކަން އިތުރަށް ފުޅާ ނުކޮށް އިންޑަސްޓްރީ އެމީހުންނަށް މޮނޮއްޕޮލައިޒް ކުރެވޭނެ ގޮތަށް ބާއްވަން . ޤާސިމު މަހުޖަނަކަަށް ވެ ހުރެ ތި ފަދަ ޚިޔާލެއް ހުށަހެޅުން އެއީ ޤާސިމް އާއި އެހެން މީހުންނާ ހުރި ތަފާތަކީ.
5 1

އައިޝާ

10 އޯގަސްޓު 2023
ނަސީބެއް މައުމޫނު ގާސިމްގެ ތިމޮޔަވާހަކަ އަޑުނޭއްސެވިކަން، އެހެން ނޫންނަމަ އަޅުގަޑުމެންގެ ޓޫރިޒަމް އިންޑަސްޓްރީ އެއްކޮށް ހަލާކުވީސް، މިވަރުމީހުން ވެރިކަމާހެދި މިއުޅެނީ، ހެޔޮނުވާނެ ގާސިމަށް ވެރިކަންދޭން
7 3

ހިތަދު 2

10 އޯގަސްޓު 2023
މޮޅު ވާހަކަ ދައްކާތި، އެއްފަހަރާ ތިވަރަށް ރަށް ދޫކޮށްގެން ރާއްޖޭގެ ވެލިއު ދަށް ވާނީ. މައުމޫން މެން ވެރިކަން ކުރި އިރު ރާއްޖޭގެ ރަށްތަކުގެ އަގު ހުންނާނެ އިންތިހާ ދަރަނި ކިހާވަރެއްގަ ހުރީ؟ މިހާރު މިއުޅެނީ އަނގަޔާ އަތާ ދިމާ ނުވެ ކޮންމެ މަހަކު މުސާރަ ދޭން ވީމާ ޓ-ބިލް ވިއްކައިގެން!؟
5 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް