ރާއްޖެ ދުށް އެންމެ ކާމިޔާބު އެއް ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް، އޭނާގެ ހަޔާތުގެ ވާހަކަ 'ދައުރު'އަށް ކިޔައިދެއްވަނީ --ފޮޓޯ/ދައުރު

ދޫނި ހިފަން އެރި ރަށް ބޮޑު ރިސޯޓަކަށް ހެދި ކުއްޖާގެ ހަޔާތުގެ ވާހަކަ

ގާސިމް އިބްރާހިމްގެ ސަން އައިލެންޑް ރިސޯޓްގެ ތަރައްގީއަށް އެކަނި ބަލައިލިޔަސް، އޭނާއަކީ ހުރަސްތައް ގިރާކޮށް، ހުވަފެން ހަގީގަތަކަށް ހައްދަވާ ދުރުވިސްނޭ ބޭފުޅެއްކަން ސާބިތުވޭ

މުހިންމު ނުކުތާތައް

މާމިގިލިން މާލެއަށް ވަޑައިގަތީ ކިޔަވަން، އެކަމަކު ބޭނުންފުޅުވި ގޮތަށް އެކަން ކުރިއަކަށް ނުގެންދެވުނު

ވިޔަފާރީގެ ތަޖުރިބާ ހޯއްދެވީ އެލިއާ އާއި ކްރެސެންޓް އަދި އެމްޖީބީއެސް (އެސްޓީއޯ)ގެ ފިހާރަތަކުގައި އުޅުއްވައިގެން

އަމިއްލަ މުއްސަނދިކަމުގައި އޭނާގެ އެހީތެރިކަން ދިވެހިންނަށް އަބަދުމެ ހުންނަނީ ލިބިލިބި

ސަން އައިލެންޑް (ވިލާ ޕާކް) - އެއީ 1950ގެ އަހަރުތަކުގެ ފަހުކޮޅެވެ. އެ ކުއްޖާގެ އުމުރުން އަށެއްކަ އަހަރެވެ. އދ. މާމިގިލިން ބޮއްކުރައެއްގައި ކަނބަމުން އައިސް ލަފަނީ، ރީތި ބޮޑު ފަޅުތެރޭގައި އޮތް، މި ރަށަށެވެ: ނަލަގުރައިދު އެވެ. މިރަށުގައި އޭނާ ދޫނިހިފަ އެވެ. ކުރުނބާ އަޅައިގެން ބޮ އެވެ.

ރަށް ބަލަހައްޓަވަމުން ގެންދެވީ އޭނާގެ ބައްޕަ އެވެ. މުރާލި، މަސައްކަތްތެރި ބައްޕަ އެވެ. 

އުފާވެރި އެ ދަތުރުތަކާ އެކު ބޮޑުވި ފިރިހެން ކުއްޖާ، މާމިގިލިން ތައުލީމު ލިބެން އޮތް އެންމެ މައްޗަކަށް ކިޔެވި އެވެ. އޭގެ ފަހުން ބައްޕައާ އެކު ކުޑައިރު މަސައްކަތުގެ ތެރެއަށް ވަނެވެ. ދަސްވީ ހިތްވަރުކުރާށެވެ. ވިސްނުނީ އެތައް ކަމެކެވެ؛ ތިމާގެ ކުރިމަގު ކުރަހާނީ ތިމާ އަމިއްލައަށް ކަމެވެ. ތިމާ ނޫޅޭ ވަރަކުން ހަޔާތުގެ ދުވަސްތައް އުޖާލާނުވާނެކަމެވެ. ފުރުސަތަކީ ހޯދީމާ ލިބޭ އެއްޗެއްކަމެވެ. ފުރުސަތުގެ ބޭނުން ހިފާނެ ގޮތް ކަނޑައަޅާނީ ތިމާ ކަމެވެ.

މި ހުރިހާ ސިފަތަކެއް ރަނގަޅަށް ހުރެއްޖެ ނަމަ ތިމާއަކީ ކާމިޔާބު މީހެކެވެ.

މިހާރު މިއީ އޭގެ ގާތްގަނޑަކަށް 62 އަހަރު ފަހެވެ. 

މިހާރު ނަލަގުރައިދުއަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ރިސޯޓެވެ. 

ގާސިމް އޭނާގެ ދެ ބޭފުޅަކާ އެކު 1990ގެ އަހަރުތަކުގެ ތެރޭގައި

މޫދު ކޮޓަރިތައް ރަށާ ގުޅުވާލަދޭ ލަކުޑި ފާލަން، ރަށުގެ ހުދު ދޮންވެލިގަނޑަށް ނިމޭ ހިސާބުގައި އަޅުގަނޑު ހުއްޓިގެން ހުރެ ވިސްނަމުން ދިޔައީ، އަށް އަހަރުގެ އެ ކުއްޖާ ބޮޑުވެގެން ދިވެހި ގައުމަށް ދެއްކެވި ކާމިޔާބު މިސާލާ މެދުގަ އެވެ. ބަނަ ދުވަހެއް ނަމަވެސް އަޅުގަނޑު ހުރި ދިމާލުން ރަށުގެ އިރުމައްޗަށް ނަޒަރު ހިންގާލި އިރު ރީތިކޮށް ފެންނަން އެ އޮތީ، އެ މިސާލުގެ ބައެއް ހަގީގަތްތަކެވެ. ވިޔަފާރީގެ ބޮޑެތި ކާމިޔާބީތަކުން އެންމެ ތިން ވާހަކަ އެވެ.

ސަން އައިލެންޑަކީ އެއް ވާހަކަ އެވެ. މިރަށް ނިމޭ ކޮޅުން ފެންނަން އެ އޮތް ހޮލިޑޭ އައިލެންޑް ރިސޯޓަކީ އޭގެ އަނެއް ވާހަކަ އެވެ. އެ ރަށުގެ ބިއްދޮށުން ފެންނަ މާމިގިލީ އިންޓަނޭޝަނަލް އެއާޕޯޓަކީ ތިން ވަނަ ވާހަކަ އެވެ.

މިއީ މުޅިން ވެސް ގާސިމް އިބްރާހިމްގެ ކާމިޔާބު ހަޔާތުގެ ސަފުހާތަކެވެ. އޭނާ އުފެއްދެވި 'ވިލާ'ގެ ބިޔަ ވިޔަފާރީގެ ކުރިއެރުންތަކެވެ.

އަމިއްލަ އެއާޕޯޓް އަމިއްލަ ރަށް މާމިގިލީގައި ހަދަމުން ދިޔަ ދުވަސްވަރު މަސައްކަތް ބައްލަވަނީ: ގާސިމަކީ ކަންކަން ގާތުން ބައްލަވާ ބޭފުޅެއް

އަބަދުވެސް ބައްލަވަނީ ފުރުސަތަކަށް

ބައްޕަ އަރިހު ގާސިމް ވިދާޅުވި އެވެ؛ އަޅުގަނޑު ބޭނުންވަނީ ކިޔަވަން މާލެ ދާށެވެ. ބައްޕައަކީ މާލޭގެ ބޮޑެތި ބައެއް އާއިލާތަކުގެ ރަހުމަތްތެރިއެކެވެ. އެ ގުޅުމުގެ ތެރެއިން ގާސިމް މާލެ ވަޑައިގަތެވެ. ނަމަވެސް އޭރު ރަށްރަށުން މާލެއަށް ކިޔަވަން ދާ ކުދިންނަށް ކިޔަވާނެ ވަގުތަށް ވުރެ ގިނަވާނީ މަސައްކަތުގައި އުޅެން ޖެހޭ ވަގުތެވެ. އެހެންކަމުން ގާސިމް ހީކުރެއްވިހާ ފަސޭހައިން، ކިޔެވުމުގެ ބައި ކުރިއަކަށް ނުގެންދެވުނެވެ. އޭރު މާލޭގައި ހިންގި މަޝްހޫރު އަމިއްލަ މަދަރުސާ، 'އާލިއާ'އަށް ވަންނަވާފައި ވެސް ޖެހިވަޑައިގަތީ އެ އުއްމީދު ދޫކުރައްވާށެވެ.

ސްކޫލް ތައުލީމުން ބޭރުވެ، ދެން އޭނާ ފެއްޓެވީ އެދުވަސްވަރު އެންމެ އާންމު އުނގެނުން ކަމަށްވާ، އެކި ސަނަދުތައް ނަންގަވާށެވެ. 'އެންދެރިމާގެ' އިން އޭނާއަށް ހިޔާވަހިކަން ލިބިވަޑައިގަތީ އެހާ ހިސާބުންނެވެ. އެތައް މިނިސްޓްރީއެއްގެ މިނިސްޓަރުކަން ކުރެއްވި އިލްޔާސް އިބްރާހިމްއަށް ގާސިމް ވިދާޅުވަނީ 'އިލްޔާސްބެ' އެވެ. އެހާ ވެސް އެންދެރިމާގޭގެ ބޭފުޅުންގެ ފަރާތުން އޭނާގެ ޒުވާން ދުވަސްވަރު ލިބިވަޑައިގެންނެވި އެހީތެރިކަން ބޮޑެވެ.

ގާސިމް ވަޒީފާ އަދާކުރައްވަން ފެއްޓެވީ އޭރު ރާއްޖޭގައި ހުރި ހަމައެކަނި ހޮސްޕިޓަލް، ސެންޓްރަލް ހޮސްޕިޓަލްގެ އިދާރީ ބައިގަ އެވެ. އޭގެ ފަހުން އެލިއާ ފިހާރަ އާއި ކްރެސެންޓް ފިހާރަ އަދި އޭރުގެ އެމްޖީބީއެސް (ފަހުން އެސްޓީއޯ)ގަ އެވެ.

ސަން އައިލެންޑް ރިސޯޓްގެ އިމާރާތެއްގެ މަސައްކަތް ކުރިއަށް ދަނީ: މިއީ އޭރަށް ބަލާއިރު އެންމެ ބޮޑު އެއް ޕްރޮޖެކްޓް

ގާސިމްގެ އެއް ކަމެއް ވަރަށް ފުރިހަމަ އެވެ: ފުރުސަތު ދެނެގަތުމެވެ. އެމްޖީބީއެސްގެ ފިހާރަތައް ހުންނަނީ، 1،2،3 މިގޮތަށް، އެކި ނަންބަރުތަކަށް ބަހާލައިފަ އެވެ. އެއިން ފިހާރައަކަށް ކަނޑައަޅާފައި އޮންނަ ވިޔަފާރީގެ ފައިދާއަށް ވުރެ ބޮޑު ފައިދާއެއް ލިބިއްޖެ ނަމަ، އެ ފައިދާގެ ވަކި މިންވަރެއް މުވައްޒަފުންނަށް ބަހަ އެވެ. އޭނާ އިސްކޮށް ހުންނެވި ފިހާރައިގެ ފައިދާ ބޮޑުވެ، ބައެއް މަސް މަހު މުސާރައިގެ އިތުރަށް 250-300ރ ވެސް ލިބިވަޑައިގަނެ އެވެ. އެއީ އޭރު ވަރަށް ބޮޑު އަދަދެކެވެ.

"އަޅުގަނޑު އެ ފައިސާ ރައްކާކޮށް، މާލޭގައި ހިއްކި ގެއާ ޖެހިގެން އޮތް އެހެން ބިމެއް ވެސް ގަތިން،" އަމިއްލަ ގެކޮޅު 'މާފަންނު ވިލާ'އާ ގުޅުވާލަން ބައްލަވައިގަތް ބިމާ ބެހޭ ގޮތުން ގާސިމް ވިދާޅުވި އެވެ.

ގާސިމްގެ ކުރީގެ ހަނދާންތައް ގެނުވައިދޭ ގެއެއްގެ ކައިރީގައި: ކުޑައިރާއި ޒުވާން އިރު އޭނާގެ ހުރިހާ ވެސް މަސައްކަތަކީ ދިރިއުޅުން ކާމިޔާބުކުރުން

އޭނާގެ ހަޔާތުގެ ދަތުރު އަމިއްލަ ވިޔަފާރިއެއްގެ އައްސޭރި ފަށަށް ގެންގޮސްދިނީ 1976ގަ އެވެ. ވިޔަފާރީގެ ތަޖުރިބާ އޭނާގެ ހުއްޓެވެ. އެކަމަކު ކާޑުގެ ބާވަތްތަކާއި ދުންފަތް ފަދަ ސާމާނާ އެކު ފެއްޓެވި ވިޔަފާރި އެނބުރުނީ ހީކުރެއްވި ކަހަލަ ފައިދާއަކާ ދިމާއަކަށް ނޫނެވެ.

ދެން އޮތް ފުރުސަތު ވެސް ގާސިމަށް ފެނިވަޑައިގަތެވެ. އެމްޖީބީއެސްގައި އުޅުއްވި އިރު އެނގިވަޑައިގަތީ އާންމު މުދަލަށް ވުރެ ތެލުގެ ފައިދާ ބޮޑުކަމެވެ. އޭރު ވެސް ރާއްޖެއަށް ތެޔޮ އެތެރެކުރަނީ އެމްޖީބީއެސްއިންނެވެ. އެކަމަކު ތެޔޮ ވިއްކުމުގެ ވިޔަފާރީގެ ތެރެއަށް އަމިއްލަ މީސްމީހުން ނުވަދެ އެވެ.

"އޭރު އިންޖީނު އަޅާ ދޯނިފަހަރު ވެސް ގިނަވާކަން އެނގޭ. އެހެންވެ އަޅުގަނޑަށް އެނގުނު ދުވަހުން ދުވަހަށް ތެޔޮ ވިކުން ވެސް ގިނަވާނޭ، މައްޗަށޭ ދާނީ،" ގާސިމް ވިދާޅުވި އެވެ.

މާލޭގެ ބާޒާރުމަތިން، ތެލުގެ ވިޔަފާރީގެ މުޅިން އާ ފެށުމެއް އައީ އޭނާގެ ފަރާތްޕުޅުންނެވެ. އެއީ މާލޭގައި ލޮރީ އާއި ޕިކަޕްގެ ޒަމާނެއް ނޫނެވެ. އެއް ތަނުން އަނެއް ތަނަށް ތެޔޮ ފީފާ ގެންދަނީ ކޮއްޕަމުންނެވެ. އެ ހުރިހާ ކަމެއް ގާސިމް ކުރެއްވީ އަމިއްލަ އަތްޕުޅުންނެވެ.

'މާފަންނު ވިލާ' މޯގޭޖްކޮށް، އެސްބީއައި އިން އޭނާ ނެންގެވި 2،000 ޑޮލަރު (މިހާރުގެ އަގުން ނަމަ 30،840ރ) އަކީ ވަރަށް ބޮޑު އެހީއެކެވެ. ފިހާރައަށް ވެއްދެވި ތެލާ އެކު ވިޔަފާރިއަށް ލިބުނު ދުވެލި ބާރުވީ އެހާމެ އަވަހަށެވެ. ދުވާލަކު އެންމެ ފީފާއެއްގެ ތެލެއް ނޫނެވެ. ދެ ފީފާ، ތިން ފީފާ، ހަތަރު ފީފާ، މިހެން ގޮސް އެ އަަދަދު މައްޗަށް ގޮސް، ރާއްޖޭގައި ޒުވާން އަދި ކާމިޔާބު އާ ވިޔަފާރިވެރިއެއް އުފެދުނީ އެވެ. 

ފަހަތަށް އެނބުރުމެއް ނެތް ބުރަ މަސައްކަތް

ގާސިމްގެ ވިސްނުން ވަރަށް ތަފާތެވެ.

އޭނާ ބައްލަވަނީ ކުރިއަށް ދާން އޮންނަ މަގަށް ހުރަސް އެޅޭ ނަމަ އެ ހުރަސް ގިރާކުރައްވާނެ ގޮތެކެވެ. ވިޔަފާރި ފުޅާކުރަން، ނުވަތަ އޭގެ ޒާތުގައި ފުޅާވާން، ބޭނުންވާ ބޭރު ފައިސާގެ ތިޔާގިކަމެއް ރާއްޖެއަކު ނެތެވެ. ކިރިޔާ ވެސް އެކަމަށް ހައްލެއް ލިބެން އޮންނަނީ ޓޫރިޒަމްގެ ތެރެއަށް ވަދެގެންނެވެ. 

ފަލަސްތީންގެ މިނިވަންކަމަށް އުފެއްދި ޕީއެލްއޯއަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، ރިސޯޓެއް ހަދަން މާލެ އަތޮޅު ބޮޑުފިނޮޅު ދިނެވެ. އެރަށުގައި 44 ކޮޓަރީގެ ފަން އައިލެންޑް ރިސޯޓް 1980ގައި ހުޅުވި އެވެ. ނަމަވެސް 1986އާ ހިސާބަށް ދިޔަ އިރު ތަން ނުހިންގި އޮތީ ހުއްޓާލައިފަ އެވެ.

ގާސިމަށް ފެނިވަޑައިގަތީ އެއީ ރަނގަޅު ފުރުސަތެއްގެ ގޮތުގަ އެވެ. އޭނާ ފަން އައިލެންޑް ބައްލަވައިގަތެވެ. ރާއްޖޭގެ ކުރިމަގުގެ މައި އިންޑަސްޓްރީއަށް ވަމުން އައި ޓޫރިޒަމްގައި 'ވިލާ'ގެ ފައިތިލަ ފުރަތަމަ ފަހަރަށް އެޅީ އެ ހިސާބުންނެވެ. އޭގެ 10 އަހަރު ކުރިން، އާންމު މުދަލަށް ވުރެ ތެލުގެ ފައިދާ ބޮޑުކަން އެނގިވަޑައިގެންނެވި ވިޔަފާރިވެރިޔާއަށް ޓޫރިޒަމް ދަސްވަމުން އައީ ތެލަށް ވުރެ ވެސް އަގުހުރި އެއްޗެއްގެ ގޮތުގަ އެވެ.

ސަން އައިލެންޑް ރިސޯޓް 1998ގައި ރަސްމީކޮށް ހުޅުވަން އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަޑައިގަތް ރިސޯޓް ބައްލަވާލައްވަނީ

ބާޒާރުމަތީގައި ގާސިމަކީ މަޝްހޫރު ނަމެކެވެ. ވިޔަފާރީގެ ފުރަތަމަ 20 އަހަރު ނިންމާލެއްވި އިރު އޭނާގެ އެ ނަމާ ގުޅިފައި އޮތް ރިސޯޓްތަކުގެ ލިސްޓަށް ޕެރެޑައިސް، ހޮލިޑޭ އަދި ސަން އައިލެންޑް އިތުރުވި އެވެ. އެ ހިސާބުން އޭނާއަކީ ރާއްޖޭގައި އެންމެ ގިނަ ރިސޯޓް އޮތް އެއް އިންވެސްޓަރަށް ވެވަޑައިގެންފި އެވެ.

އޭގެ ތެރެއިން ވެސް މި ރަށް، ސަން އައިލެންޑް ރިސޯޓް، ހާއްސަ އެވެ. މިއީ އޭނާގެ އުފާވެރި ކުޑައިރުގެ ހަނދާނާ ގުޅިފައި އޮތް ރަށެވެ. ރަށް ހޯއްދެވީ ބީލަމުންނެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭންކް ގެރެންޓީއެއް ބަހައްޓަން ޖެހުނު ދެ ރަށުގެ ތެރެއިން އެއް ރަށެވެ. 

ކުޑައިރުގެ ހަނދާންތަކާ އެހާ ބޮޑަށް ގުޅިފައިވާ އަދި ބައްޕަގެ ބެލުމުގެ ދަށުގައި 30 އަހަރަށް ވުރެ ގިނަ ދުވަހު އޮތް މިރަށް މެދުވެރިކޮށް އޭނާ ބޭނުންފުޅުވީ ދިވެހި ޓޫރިޒަމުން މުޅިން ތަފާތު މަންޒަރެއް ދައްކަވާށެވެ.

މި ރަށަކީ އިންގިލާބެކެވެ. ރާއްޖޭގައި 472 ކޮޓަރީގެ ބިޔަ ރިސޯޓެއް ހެދިދާނެ ކަމަށް، އިންޑަސްޓްރީގެ ތަޖުރިބާކާރުން ވެސް އޭރު ގަބޫލެއްނުކުރެ އެވެ. ގާސިމަށް އިވިވަޑައިގަތީ 'ނުވާނެ، ނުކުރެވޭނެ،" ކަމުގެ އަޑުތަކެވެ. 'ފުނޑޭނެ، ބަނގުރޫޓުވާނެ' ފަދަ، ހިތަށް އަސަރުކުރުވާނެ، ބަސްތަކެވެ. ނަމަވެސް 1،000 މީހުންގެ ޖާގައިގެ ބޮޑު ރެސްޓޯރެންޓުން ފެށިގެން ދަމާލި ރޯނު، ކޮފީ ޝޮޕުން، ރިސެޕްޝަނުން ފިހާރަތަކުން، ކުޅިވަރުގެ ހޯލްތަކުން ދެމިގެން ގޮސް ބޮޑު ބާގެ ކޮޅަށް ނިންމާލުމަކީ، ރާއްޖޭގެ އެންމެ ދިގު ކޮންކްރީޓް ފައުންޑޭޝަނެވެ. އޭގެ މަތީގައި އަޅާފައި އެ އޮތީ އެންމެ ދިގު ފުރާޅެވެ.

"މިރަށުގައި އަޅުގަނޑަށް ނޭނގޭނެ ފާހާނާ ހޮޅިއެއް، ކަރަންޓް ނަރެއް، ފައިބާ އޮޕްޓިކް ކޭބަލެއް ނޯންނާނެ،" ސީދާ އޭނާ ހުންނަވައިގެން، އޭނާގެ އިރުޝާދުގެ ދަށުން، އޭނާގެ ފުރިހަމަ ބައިވެރިވެވަޑައިގަތުމާ އެކު ތަރައްގީކުރެއްވި ރަށެއްކަން ކިޔައިދެއްވަމުން، ގާސިމް ވިދާޅުވި އެވެ.

"މިތަނުގައި މަސައްކަތްކޮށްފައި ރޭގަނޑު ހޮލިޑޭއަށް ދެވޭ އިރު އަޅުގަނޑުގެ ދެފައިކޮޅުގައި ވަރެއް ނުހުރޭ، އައްސިވެފައި ހުންނަނީ."

ސަން އައިލެންޑް ރިސޯޓް: މިއީ 1990ގެ އަހަރުތަކަށް ބަލާއިރު ރާއްޖެ ދުށް އެންމެ ބޮޑު އެއް އިންވެސްޓްމަންޓް

ހެނދުނު ނުވައެއް ޖަހަންވާއިރަށް މިރަށަށް ވަޑައިގެން މަސައްކަތް ފައްޓަވަ އެވެ. ދިގުމިނުގައި 1.8 ކިލޯމީޓަރު ހުރި ރަށުގެ އެއް ތަނުން އަނެއް ގޮސް ގިނައިން އުޅުއްވީ ފައިމަގުންނެވެ. ކޮޅަށް އެހާ ގިނަ އިރު އެވެ.

ފައިގައި އެގޮތަށް ރިއްސާތީ ފައި މޮޑެދޭން މީހަކު ހުރެ އެވެ. އެކަމަކު އެނދުގައި އޮށޯވެ، ފައިގެ މަސާޖު ފެށުމާ އެކު ލޯ ހުޅުއްވައިގެން އޮންނެވޭ ވަރަށް ވުރެ ހަށިގަނޑަށް ފެތުރިފައި އޮތް ވަރުބަލިކަން މާ ބޮޑެވެ.

"އަޅުގަނޑަށް ހަމަ ކުއްލިއަކަށް ނިދޭނީ،" ގާސިމް ވިދާޅުވި އެވެ.

މިއީ އާދައިގެ ވާހަކައެއް ނޫނެވެ. މިއީ 48 މިލިއަން ޑޮލަރުގެ ވާހަކައެކެވެ. އަމިއްލަ މަސައްކަތު މީހުން ނުލައި، އަމިއްލައަށް ހުރިހާ ކަމެއް ނުކުރައްވައި، އެހެން ބަޔަކާ ހަވާލުކުރި ނަމަ 1990ގެ އަހަރުތަކުގެ މެދުތެރޭގައި ކުރިއަށް ގެންދެވި މަޝްރޫއުގެ އަގު '200 ވަރަކަށް މިލިއަން ޑޮލަރަށް ވެސް' އެރީސް ކަމަށް، އޭނާ ލަފާކުރައްވަ އެވެ.

މިވަރުގެ ބޮޑު ރިސްކެއް ގާސިމް ނެންގެވީ ކުރިމަގު އެނގިވަޑައިގެން ހުންނަވަ އެވެ. މިއަދު މި ބޮޑު ރިސޯޓް ފުރި ބަންޑުންވާ ދުވަސްތައް އާދެ އެވެ. ގާސިމަށް، އޭނާގެ ވިލާ ގްރޫޕަށް 1998ގައި ލިބެން ފެށި އާމްދަނީ ވެސް އެހާމެ މަތިވާނެކަމާ މެދު ޝައްކެއް ނެތެވެ.

އެހެން ދިވެހިންނަށްޓަކައި

ގާސިމްގެ މުއްސަނދިކަން އޮތީ އޭނާއަށް އެކަންޏެއް ނޫނެވެ. ދިވެހިން ގާސިމް ދަންނަނީ ރާއްޖޭގެ ގިނަ މުއްސަނދިންނާ ހިލާފަށް، 'އާންމު މީހާގެ އެހީތެރިއެއް'ގެ ގޮތަށެވެ.

އެ ދުވަސް ދުށް މީހުން ހަނދާނުގައި ހުންނާނެ އެވެ. ރާއްޖެއިން ލިބެން ނެތް ފަރުވާތަކަށް ދިވެހިން ބޭރަށް ފޮނުވަން ސަރުކާރުން ކަނޑައެޅި ބަޖެޓަށް ވުރެ، އާންމުންގެ ސިއްހީ ފަރުވާއަށް ގާސިމް ހޭދަކުރެއްވި ބަޖެޓް އެތައް ތަނެއް ބޮޑުވި އަހަރުތަކެއް ދިޔަ އެވެ.

ވިލާ ފައުންޑޭޝަން ހައްދަވައިގެން އެތައް ސަތޭކަ ދަރިވަރުން މަތީ ތައުލީމަށް ބޭރަށް ފޮނުއްވި އެވެ. 

އެ ނޫން ވެސް އެތައް ކަމެއްގައި ގާސިމްގެ މުއްސަނދިކަން ދިވެހިންނަށް ހޭދަކުރެއްވި އެވެ.

މާމިގިލީގައި ހުރި ބޮޑު ވޯކްޝޮޕްގައި ގާސިމް ސައި ތައްޔާރުކުރައްވަނީ: އޭނާގެ ދިރިއުޅުމުން އަދިވެސް ފެންނަނީ ވަރަށް އާދައިގެ ސިފަތަކެއް

"ކީއްތޯ ކުރާނީ. އަޅުގަނޑު ކައިރިއަށް އައިމާ އަޅުގަނޑު ދޭން ޖެހޭނެ ނޫންތޯ،" ހަޔާތުގެ ވާހަކަ ކިޔައިދެއްވަމުން އޭނާ ވިދާޅުވި އެވެ.

ގާސިމްގެ އެހީގައި ބޭސްކޮށްގެން ރަނގަޅުވެ، އަލުން ދިރިއުޅުން ބިނާކުރި މީހުންނާއި ކިޔަވައިގެން މޮޅުވެ ދިރިއުޅުން ކޮޅަށް ޖެހި ޒުވާނުންގެ އަދަދު ބެލުމުގެ ބޭނުމެއް ނެތެވެ. އޭނާއަށް ކޮންމެ ދުވަހަކީ ވެސް އާ ޗެލެންޖެކެވެ.

މިދިއަ ހޮނިހިރުދުވަހު އަޅުގަނޑު އުޅުނީ ގާސިމާ އެކުގަ އެވެ. އުމުރުފުޅުން 70ގެ އަހަރުތަކުގައި އުޅުއްވިޔަސް އޭނާގެ ދުވަސް އޮންނަނީ މަސައްކަތުން ފުރިފަ އެވެ. މާމިގިލީ އެއާޕޯޓް ބޮޑުކުރުމުގެ މަސައްކަތް ދަނީ ބާރާށް ކުރިއަށެވެ. ބިން ހިއްކާ ނިމެނީ އެވެ. ތާރު އަޅަން އާ މެޝިންތައް ގެނެސް އަތުރާލައިފި އެވެ. މުޅި ރަށް ވަށައި ހިލައިން ޖަހާފައި ހުރި ބިޔަ ކަނޑު ތޮށިގަނޑު ފެނުނަސް، މިއީ 'ކަމަކަށް ކަމެއް ކޮށްލާ' ބޭފުޅެއް ނޫންކަން އެނގެ އެވެ.

ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މާމިގިއްޔަށް ވަޑައިގެން މަސައްކަތްތަށް އަމިއްލަ ލޮލުން ދެކެވަޑައިގަނެ އެވެ. އަދިވެސް ކަންކަމުގެ ތެރެއަށް ރަނގަޅަށް ވަދެގެން ނޫނީ ހިތްހަމަޖެހިވަޑައިގަތުމެއް ނޯވެ އެވެ. ވިލާ ކުންފުނީގެ ދޯނިފަހަރު މަރާމާތުކުރުމާއި ހިލަ އާއި ހިލަވެލި ބަންދުކުރާ ކާރުހާނާ އާއި ބޮޑެތި ވޯކްޝޮޕްތަކުގެ މުވައްޒަފުންނާ ވާހަކަ ދައްކަވަ އެވެ.

މާމިގިލީ އެއާޕޯޓްގެ ބޭރުގައި ހުރި ކުޑައެއްގެ ދަށުގައި އާންމު މީހަކާ ގާސިމް ބައްދަލުކުރައްވަނީ: އޭނާގެ އެހީތެރިކަން ދިވެހިންނަށް ވަރަށް ބޮޑު

އެންމެ ބޮޑު ވޯކްޝޮޕްގެ އެތެރޭގައި ކުޑަކުޑަ ސްޓޭޖެއް ކަހަލަ ގޮތަކަށް މޭޒެއް ހުއްޓެވެ. ގާސިމް އެ މޭޒުގައި އިށީންނެވި އެވެ. އޭނާގެ ކައިރީގައި 30 އަހަރަށް ވުރެ ދިގު މުއްދަތެއް ހޭދަކުރި ތެދުވެރި މުވައްޒަފަކު، ހޫނު ފެނާއި ތަށިތައް ގެނެސް އަތުރާލި އެވެ. ދިގު ބިއްލޫރި ތައްޓެއްގައި ގާސިމް ތައްޔާރުކުރެއްވީ ކަޅު ސަޔެކެވެ. ދެން އޭގެ ތެރެއަށް ކޯސްޓް ކިރު ދަޅުން ކިރު އެޅުއްވި އެވެ. ޕްލާސްޓިކް ކޮންޓޭނަރެއްގައި ހުރި ފާރޮށި، އެ ކިރު ސަޔާ ޖައްސައިގެން ފަރިއްކުޅުވާން ފެއްޓެވި އެވެ.

އެއީ މުޅި ރަށުގައި، އޭނާގެ އެކި މަސައްކަތްތައް ބައްލަވަމުން، އިރުޝާދު ދެއްވަމުން ގޮސް، މެންދުރުފަހުގެ އެ ގަޑީގައި އޭނާ ހިޔާރުކުރެއްވި މެންދުރު 'ކެއުމެ'ވެ. 

"ކަމަކާ މާ ބޮޑަށް ފިކުރުކުރަން ޖެހިއްޖެއްޔާ މިތަނަށް އައިސް މި ގޮތަށް މި އަޑުތަކުގެ ތެރޭގައި އުޅެލީމާ އެ ނިމުނީ. ހުރިހާ ކަމެއް ހަނދާން ނެތޭ،" ގާސިމް ހިނިތުންވެފައި، ސަމާސާއަކަށް، ވިދާޅުވި އެވެ.

ޖޭޕީގެ ގައުމީ ކޮންފަރެންސްގައި ގާސިމް ބައިވެރިވެވަޑައިގަންނަވަނީ: މާދަމާ ރޭ އޭނާ މެނިފެސްޓޯ އިއުލާންކުރައްވާނެ (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

އޭރު އެ މޭޒާ ޖެހިގެން ކަހަލަ ގޮތަކަށް އޭނާގެ މުވައްޒަފުން ގެންދިޔައީ ދިގު ދަގަނޑު ހޮޅިތަކެއް ގުޅުވަމުން، ގާނަމުންނެވެ. އިރުއިރުކޮޅާ މުޅި ތަނަށް ފެތުރޭ ގަދަ އަޑުފައްގަނޑުން، ބައެއް ފަހަރަށް ކިޔާނުކިޔާއެއް އެނގޭ ވަރެއް ވެސް ނުވެ އެވެ.

މިއީ ގާސިމްގެ އާދައިގެ ދުވަހެއް ކަމަށް ބަލަމާ ހިނގާށެވެ. އެކަމަކު މާދަމާ ރެއަކީ އާދައިގެ ރެއެއް ނޫނެވެ. މާލޭގެ ކާނިވާ ސަރަހައްދުގެ ސްޓޭޖަށް އޭނާ އަރައިވަޑައިގަންނަވާނީ މުޅިން އެހެން ކަމެއްގަ އެވެ. ރާއްޖޭގެ އެންމެ މަތީ ވެރިޔާގެ މަގާމު ހޯއްދެވުމުގެ ރޭހުގައި، ރައްޔިތުންނަށް އޭނާ ވެވަޑައިގަންނަވާ ވައުދުތަކާ އެކުގަ އެވެ.

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެވެ. ރާއްޖޭގެ ރިޔާސީ އިންތިހާބަށް އޭނާ ނުކުމެވަޑައިގަންނަވާ ތިން ވަނަ ފަހަރެވެ. 

ގާސިމް ގަބޫލުފުޅުކުރައްވަނީ، އޭނާގެ ހަޔާތުގައި ލިބިވަޑައިގެންނެވި ތަޖުރިބާއަކީ ގައުމު ހިންގަން މުހިންމު ފިލާވަޅެއް ކަމަށެވެ. އޭނާގެ އަމަލީ މަސައްކަތުން ނެރުނު ނަތީޖާތަކަކީ ގައުމު ކުރިއަށް ގެންދަން ނަމޫނާއެއް ކަމަށެވެ.

އަޅުގަނޑު ސަން އައިލެންޑަށް ދަތުރުކުރީ، މާމިގިއްޔަށް ނިސްބަތްވެވަޑައިގަންނަވާ ގާސިމް، ގާސިމަކަށް ވީ ގޮތުގެ ހަނދާންތައް އާކޮށްލާށެވެ. މިއީ އަޅުގަނޑުގެ ނޫސްވެރިކަމުގެ 34 އަހަރުގެ ތެރޭގައި، އިންޓަވިއުއެއްގައި، ގާސީމާ ސީދާ ބައްދަލުކުރި ފުރަތަމަ ފަހަރެވެ. އޭނާގެ ދުލުން، އޭނާގެ ހަޔާތުގެ މުހިންމު ބައިތައް ކިޔައިދެއްވި އިރު، އިހުސާސްކުރެވުނީ ހުވަފެންތައް ހަގީގަތަކަށް ހެއްދެވުމުގައި ގާސިމްގެ ހިތްވަރުނޭލޭ އަޒުމެވެ.

މަސައްކަތުގައި އޭނާ ފޫސެއްނުވެ އެވެ. ކުރައްވާ މަސައްކަތް ރަނގަޅަށް އެނގިވަޑައިގަނެ އެވެ.

އެހެން އެއްވެސް ވެރިޔަކަށް ވުރެ ރަނގަޅަށް ސަރުކާރު ހިންގަވާނެކަމުގެ ޔަގީންކަން ގާސިމް ދެއްވަ އެވެ. އެކަމަކު އުމުރުން އެންމެ އަށް އަހަރުގައި، ބޮއްކުރައެއްގައި، މިރަށަށް އައިސް ދޫނިހިފައި، ކުރުނބާ އަޅައި އުޅުނު ކުޑަކުޑަ ކުއްޖާގެ އަމިއްލަ ދިރިއުޅުން ފުރިހަމަކުރެއްވި ގޮތާއި ރާއްޖޭގެ ވެރިކަން ލިބިވަޑައިގަންނަވާ ގޮތް ތަފާތެވެ. އެއީ ވޯޓު ލާ ގިނަ މީހުންގެ 'އާނބަހާ' އެކު ހޯއްދެވޭ މަގާމެކެވެ.

ގާސިމަށް މިހާތަނަށް ނުހޯއްދެވުނީ އެ ނަތީޖާ އެވެ. އެކަމަކު މާދަމާ ރޭ، އޭނާގެ ވައުދުނާމާއާ އެކު ރައްޔިތުންގެ ކުރިމައްޗަށް އެ ނުކުންނަވަނީ އުއްމީދާއި އާ ހިތްވަރަކާ އެކުގަ އެވެ. އާނއެކެވެ. ހިތްވަރެވެ. އުއްމީދެވެ.

ގާސިމްގެ ކާމިޔާބީތަކުގެ ފަހަތުގައި އެ ދެ ސިފަ އޮންނަނީ، އަބަދުވެސް ދިރިދިރި އެވެ.

އެޑިޓަރުގެ ނޯޓު: މިއީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓުންނާ ބެހޭ ގޮތުން 'ދައުރު'ން ގެނެސްދޭ ހާއްސަ ކަވަރޭޖްގެ ފުރަތަމަ ރިޕޯޓެވެ.

ކޮމެންޓް (7)

އެންދެރި އަވަށްޓެރިޔާ

8 ޖޫން 2023
މީނައަށްވުރެ މާކުރިން މާލެ ފައިބާ ދަމާ ކަނޑާ މަޖޫރީކުރަން ނޫނީ އެހެންވެސް މަސައްކަތު އުޅުނު ރާއްޖެތެރޭ އެހެން ރައްޔިތުންނަށް ގޯއްޗެއް ބިމެއް މާލެއިން ނުލިބި މީނައަށް ބޮޑު ސިންގާ ގޯއްޗެއް މާލެއިން ލިބެން ޖެހުނު ސަބަބުވެސް ލިޔެބަލަ. ތެލޭ ހަކުރޭ ނުކިޔާ. ތިޔަ ވިޔަފާރި ފެށުނީ ކިހިނެއް ކަމާ އަޑީގަ ހުރީ ކާކުކަމާ މިއީ ހުރިހާ އެންމެން ދަންނަ ބޮޑު ސިއްރެއް.
5 0

އމފ ނގބ

8 ޖޫން 2023
ގަދަ ގޮލައެއް
1 2

ދަ ބިންގޯ

8 ޖޫން 2023
ކިތައްމެ ރިޕޯޓެއް ލިޔެވިދާނެ ހިއްވަރޭ މިންނަތޭ ކިޔާފަ. އެކަމަކު ނަމުގަ މައުމޫނު ހުއްޓަސް ކަމުން ހަގީގީ ކިންގު އިލްޔާސް ތިޖޫރިއަށް އަތް ބާނާފަ ނެގުނު ވަރަކަށް ނަގާފަ އަން ކިޔާފަ ދިނީމަ ފެށުނީ. ދެން ކާޑޭ ތެލޭ ހަކުރޭ ކިޔައިގެން އެއީ ހަމަ ލޯ ކުރިމައްޗަށް ދައްކާ އެއްޗެއް.
4 0

އިލްޔާސްބެ

8 ޖޫން 2023
މާފަންނުވިލާ ލިބުނީ ކިހިނެކޯ؟
3 0

އައްބާސް ކޮއްކޮ

8 ޖޫން 2023
@އިލްޔާސްބެ ފުރަމާލޭގެ އެތައް މީހުންނަކަށް ގޯތި ނުލިބި އޮއްވާ އިލްޔާސް އިބްރާހިމަށް މާލޭން ބާރަ ގޯތި ލިބުނު ގޮތަށް.
3 0

އިލްޔާސްބެ

8 ޖޫން 2023
@އައްބާސް ކޮއްކޮ ރޮވިއްޖެ.
2 0

އައްބާސް ކޮއްކޮ

8 ޖޫން 2023
@އިލްޔާސްބެ އާއު. ސޯ ސްވީޓް
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް