އޮގަސްޓް 13، 2004ގެ ޖުމްހޫރީ މައިދާން އެއްވުން: މިއީ އެހާތަނަށް ރާއްޖޭގައި ސަރުކާރާ ދެކޮޅަށް ކުރި އެންމެ ބޮޑު އިހުތިޖާޖު

ރައްޔިތުންގެ ގަދަ ހިތްވަރުން ގެނައި ބަދަލުތައް އޮޔާ ދަނީ

ރާއްޖޭގައި 2003 އާއި 2012 ދެމެދު ބާރުމިނުގައި އިސްލާހީ މަސައްކަތްތަކެއް ކުރި؛ މިއަދު ފެންނަނީ އެކަން މަޑުޖެހި، ފަހަތަށް ފިޔަވަޅު އެޅޭ މަންޒަރު

ރާއްޖެއާ ބެހޭ ގޮތުން 29 ޖުލައި 2003ގައި އެމްނެސްޓީ އިންޓަނޭޝަނަލް އިން ނެރުނު ރިޕޯޓަކީ އޭރު އޮތް އަނިޔާވެރިކަމާއި ހައްގުތައް ނިގުޅައިގަތުމުގެ ސަގާފަތް މުޅި ދުނިޔެއަށް ތިލަކޮށްދިން ރިޕޯޓެކެވެ. ރާއްޖޭގެ ސަރުކާރުން އިސްލާހީ ފިޔަވަޅުތައް އެޅުމުގެ މަސައްކަތްތައް ފަށަން މަޖުބޫރު ކުރުވި ރިޕޯޓެއް ވެސް މެ އެވެ.

ތަޖުރިބާކާރުންނާއި މާހިރުން ސިފަކުރާ ގޮތުގައި، އެ ރިޕޯޓަށް ފަހު އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ރާއްޖެއިން އިންސާނީ ހައްގުތަކުގެ ދާއިރާއިން ކުރިއެރުން ހޯދީ ހައިރާން ކުރަނިވި ހަލުވިކަމަކާ އެކު އެވެ. ދުނިޔޭގެ އެހެން ގައުމުތަކާ އަޅާބަލާއިރު ރާއްޖެއިން ބޮޑެތި ބަދަލުތަކެއް ފެނުނީ ހީވެސް ނުކުރާހާ އަވަހަށެވެ. ސަރުކާރު ޒިންމާދާރު ކުރުވުމުގައި އާންމުންގެ ބައިވެރިވުމާއި ހިއްސާ ބޮޑެވެ. ނުލިބުނު ހައްގުތައް ހޯދަން ނުކުތީ ކެރުންތެރިކަމާ އެކު، ފަސްޖެހުމެއް ނެތި އެވެ.

"... [އިސްލާހީ މަސައްކަތަށް ބޭނުންވާ ކަންކަން] ކުރެވިއްޖެ ނަމަ، އޭޝިއާގައި އެކަންޏެއް ނޫން، މުޅި ދުނިޔޭގައި ވެސް އިސްލާހީ މަސައްކަތުގައި މިސާލެއްގެ ގޮތުގައި ނެގޭނެ ގައުމަކަށް ރާއްޖެ ވާނެ،" 

އެމްނެސްޓީ އިންޓަނޭޝަނަލްގެ ޑެޕިއުޓީ ސައުތު ޑިރެކްޓަރު ޑރ. ދިނުޝިކާ ޑިސަނަޔަކެ
އިސްލާހީ މަސައްކަތަށް ގޮވާލާ މައުމޫނުގެ ވެރިކަމުގައި ކުރި މުޒާހަރާއެއްގެ ތެރެއިން

ނަމަވެސް އެމްނެސްޓީގެ ތާރީހީ ރިޕޯޓަށް 20 އަހަރުވެ، އިސްލާހީ މަސައްކަތްތަކުގައި ރާއްޖެއިން ކުރިއެރުން ހޯދާފައިވާ މިންވަރު ވަޒަންކުރަން އެމްނެސްޓީ އިންޓަނޭޝަނަލްގެ ފަރާތުން މިދިއަ ހަފުތާގައި ބޭއްވި ޕެނަލް ޑިސްކަޝަންގެ ބައިވެރިންގެ ފަރާތުން ފެނުނީ ކަންބޮޑުވުމެވެ. އެ ދުވަހު ކުރެވުނު އުންމީދުތަކާ މުޅިން ތަފާތު މަންޒަރެއް މިއަދު ފެންނާތީ އެވެ. ހާލަތު ބަދަލުކުރަން ދިވެހިން އޭރު ނުކުމެ ކުރި ބުރަ މަސައްކަތް ކޮޅެއްގައި ނުޖެހި، ވަކި ހިސާބަކުން މަޑުޖެހިފައި ވާތީ އެވެ. ހުވަފެންތަކުގައި ކުލަ ނުޖެހި، ފަނޑުވެގެން ދާތީ އެވެ.

ގައުމެއްގެ އިސްލާހީ މަސައްކަތް ކުރިއަށްދަނީ ފިޔަވަހިތަކެއްގެ މައްޗަށެވެ. ފުރަތަމަ ފެންނަ މަންޒަރަކީ އަނިޔާވެރިކަމާއި ހައްގުތައް ނިގުޅައިގަތުން އާންމުވި ނަމަވެސް، އެއީ ނުވާ ކަމަކަށް ހަދައިގެން ތިބުމެވެ. ދެން، ވަކި ހިސާބަކުން އަނިޔާވެރިކަން ކޮޅުންލައިގެން ރައްޔިތުން ނުކުމެ އެކަމާ ދެކޮޅަށް ތެދުވުމެވެ. ސަރުކާރު ޖަވާބުދާރީކޮށް އިސްލާހީ ފިޔަވަޅުތައް އަޅަން މަޖުބޫރު ކުރުވުމެވެ. ދިވެހިން މި ހުރިހާ މަރުހަލާއެއް ކަޑައްތު ކުރި އެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ އުފެއްދި ސިޔާސީ ޕާޓީ އެމްޑީޕީގެ އިހުތިޖާޖެއް.

ފުރިހަމަ ނުކުރެވުނީ އެންމެ ފަހު މަރުހަލާ އެވެ. އިސްލާހީ މަސައްކަތް އެއްވާނެއްގައި ހުއްޓާނުލާ ކުރިއަށް ގެންގޮސް، އިންސާނީ ހައްގުތަކަކީ ކޮންމެ މީހަކަށް ވެސް ލިބެން ޖެހޭ އެއްޗެއްކަން ގަބޫލުކުރާ މުޖުތަމައުއެއް އުފައްދުމުގެ މަރުހަލާ އެވެ.

ރާއްޖެއިން 2003 އިން ފެށިގެން ހޯދި ބޮޑެތި ކުރިއެރުންތަކުގައި ބުރަކި ޖެހުނީ ގައުމުގައި ފެޅުނު ސިޔާސީ ހަލަބޮލިކަމުގެ ހުޅުގަނޑާ އެކު އެވެ. އެއާ އެކު ދިވެހިން ގަދަ ހިތްވަރާ އެކު އަމާޒު ހިފި މިސްރާބު ގެއްލުނެވެ. ނަތީޖާއަކަށް ވީ ހޯދުނު ކުރިއެރުމުން ދެމެހެއްޓެނިވި ނަތީޖާއެއް ނުނެރެވެނީސް، ހާސިލް ކުރަން މަސައްކަތް ކުރި ތަސައްވުރު ފަނޑުވެގެން ގޮސް، ލިބުނު ކޮންމެ މޮޅަކުން އާ ދެރައެއް އުފަންވުމެވެ.

ތިން ބާރު މަސްހުނިވެފައިވާ 'ޑިމޮކްރަސީއެއް'

ރާއްޖޭގައި އަދިވެސް އޮތީ 'ކަން ނުވެ ނަން ވެފައިވާ' ޑިމޮކްރަސީއެކެވެ. ވެރިކަން ހިންގުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރާއި ޝަރުއީ ދާއިރާ މަސްހުނިވެ، ނުފޫޒުން އެއްކިބާވާނެ ގޮތެއް ނެތިފަ އެވެ. ފެންނަނީ ރައްޔިތުންގެ މަޖިލީހުގައި، ވެރިކަން ކުރާ ޕާޓީގެ މެޖޯރިޓީ އޮވެ، 'ރަބާ ސްޓޭމްޕް' ޖެހި ގާނޫނުތައް ފާސްކުރާ މަންޒަރެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި މަޖިލީހުގެ މެމްބަރުންނާއި ސިޔާސީ ބޭފުޅުން ތިއްބަވައިގެން ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލާ، އަދަބު ކަނޑައަޅާ ތަނެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން (ފޮޓޯ/ މަޖިލިސް)

އެންމެ ފަހުގެ ރިޔާސީ އިންތިހާބު 2018ގައި ބޭއްވި އިރު، އިންތިހާބަށް ކުރިމަތިލާނެކަން އިއުލާނުކޮށްފައިވާ ބައެއް ކެންޑިޑޭޓުންނާއި ސިޔާސީ ދާއިރާގައި އިސްކޮށް އުޅުއްވާ ބޭފުޅުންގެ މައްޗަށް ވަނީ ބޮޑެތި ޖަލު ހުކުމްތައް ކޮށްފަ އެވެ. އޭގެ ތެރޭގައި:

  • މިހާރު ދަ ޑިމޮކްރެޓްސްގެ ބާނީ މުހައްމަދު ނަޝީދު

  • ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމް

  • މޯލްޑިވްސް ނޭޝަނަލަ ޕާޓީ (އެމްއެންޕީ)ގެ ކެންޑިޑޭޓް މުހައްމަދު ނާޒިމް

  • އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ

  • މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ޒައީމް މައުމޫން އަބްދުލްގައްޔޫމް

މި އަހަރުގެ ރިޔާސީ އިންތިހާބު ބޯމަތިވެފައިވާއިރު 2018ގައި ފެނުނު މިންވަރަށް 'ޕޮލިޓިކަލް ޕާސެކިއުޝަން' ނުފެނުނު ނަމަވެސް، އިދިކޮޅުގެ އެންމެ ވަރުގަދަ ރިޔާސީ ކެންޑިޑޭޓް، ޕީޕީއެމް-ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުންނެވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައެއްގައި ކުށް ސާބިތުވެ، ބަންދުގަ އެވެ.

ކުށެއް ކޮށްފި ނަމަ، އެ ކުށެއްގެ އަދަބު ލިބެން ޖެހޭނެ ކަމާ މެދު އެއްވެސް ސުވާލެއް ނެތެވެ. ނަމަވެސް ފާހަގަކޮށްލެވޭ ކަމަކީ، އެކި ސަރުކާރުތަކުގައި ދައުލަތުގެ އިސް މަގާމުތައް ފުރާފައިވާ 281 މީހުން އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ބައިވެރިވި ނަމަވެސް، އެ މައްސަލައިގައި ޖަލު ހުކުމެއްގައި ހުންނެވީ ޔާމީން އެކަނި ކަމެވެ.

ކުރީގެ ރައީސް ޔާމީނަށް ރިޔާސީ ޓިކެޓް ދެނީ: އެކަމަކު ހުކުމުގެ ސަބަބުން ކުރިމައްޗެއް ނުލެވޭ (ފޮޓޯ/ޕީޕީއެމް)

ހުކުމް ތަންފީޒު ކުރައްވަމުންދާތީ ޔާމީންގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފަ އެއް ނުވެ އެވެ. އެ މައްސަލަ މިހާރު އެ އޮތީ ސުޕްރީމް ކޯޓުގަ އެވެ. އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ޔާމީނަށް ގެއްލޭ ގޮތަށް ކޯޓުން ނިންމައިފި ނަމަ، އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނުފޫޒު ފޯރުވައިގެން، އިންތިހާބުގެ ވާދަވެރިކަން ކުޑަކުރަން ޔާމީން 'ދުއްވާލުން' ކަމުގައި ބުނުމުގެ ޖާގަ އިދިކޮޅުގެ މެމްބަރުންނަށް އޮންނާނެ އެވެ.

ފެންނަ މަންޒަރަކީ، ޑިމޮކްރަސީއެއް ގާއިމުވެ ތިން ދައުރު ފާއިތުވެގެން ދިޔައިރު، ޑިމޮކްރަސީގެ އެންމެ ފުރިހަމަ ރާހަތެއް ރައްޔިތުންނަށް ނުކޮށް، ގައުމުގެ ހާލަތު ބަދަލުކުރެވިދާނެ ކަމުގެ އުންމީދު ފަނޑު ވާ ތަނެވެ. ކުރީގެ ރިޔާސީ އިންތިހާބުތަކާ އަޅާބަލާއިރު، މިފަހަރުގެ އިންތިހާބަށް ވެސް ރައްޔިތުންގެ ޝައުގުވެރިކަން ކުޑަ ކަމެވެ. 

ލިބުނު ހައްގުތައް ވެސް ހަނިވަނީ

އެމްނެސްޓީގެ ޕެނަލްގެ ބައިވެރިން ފާހަގަކުރި އެންމެ ބޮޑެތި ކަންބޮޑުވުންތަކަކީ، ހަމައެކަނި ނިކަމެތި މީހާގެ މައްޗަށް ގާނޫނު ހިނގުމެވެ. ގައުމުގައި ބާރު އޮތް އިއްޒަތްތެރިން މަގާމުތަކުގައި ތިބެގެން ކިތައްމެ ބޮޑެތި ކުށްތަކަށް އަރައިގަތަސް 'މައުސޫމް' ވުމެވެ. ދައުލަތުގެ ވެރިން ޖަވާބުދާރީ ނުކުރެވުމެވެ. ރައްޔިތުންގެ ރައްކާތެރިކަން އިސް ނުކުރެވުމެވެ. ބޯހިޔާވަހިކަމާއި، ކެއިން ބުއިން ފަދަ އަސާސީ ހައްގުތައް އަދިވެސް އެންމެނަށް ކަށަވަރު ނުކުރެވުމެވެ.

އެބޭފުޅުން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރި އަނެއް ކަމަކީ ރައްޔިތުންނަށް ލިބިފައިވާ ހައްގުތައް ވެސް ހަނިވަމުން ދިޔުމެވެ. ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރި ގޮންޖެހުންތަކުން އެކަން ވަރަށް ސާފުކޮށް ފެންނަން އެބަ އޮތެވެ. އެގޮތުން:

  • ވަކި ބަޔަކު ހިތްހަމަނުޖެހޭ ފަދަ ވާހަކައެއް ދައްކައިފި ނަމަ މަރާލަފާނެ ކަމުގެ ބިރުވެރިކަން އޮވޭ

  • އޭގެ ހެއްކަކީ އަދިވެސް އިންސާފު ލިބިފައި ނުވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލަ 

  • އަދިވެސް ބިރުދެއްކުމާއި، އިންޒާރު ދިނުމާއި، ފުރައްސާރަކުރުމުގެ ބޮޑު ސަގާފަތެއް ރާއްޖޭގައި އެބަ އޮތް

  • ގާނޫނުއަސާސީން ހިޔާލު ފާޅުކުރުމުގެ ހައްގު ކަށަވަރު ކޮށްދީފައިވާ ނަމަވެސް، މިހާރު ރާއްޖޭގެ ހާލަތަކީ، ކުރިމަތިވެދާނެ ހަމަލާއެއްގެ ބިރަށް 'އަމިއްލަ ނަފްސު ސެންސަރު ކޮށްގެން ތިބުން'

ރިލްވާން ގެއްލުވާލުމާ ގުޅިގެން އޭރު ނޫސްވެރިން ކުރި މުޒާހަރާއެއްގެ ތެރެއިން

ރާއްޖޭގެ މިހާރުގެ ހާލަތަކީ ގާނޫނީ ގޮތުން ކުރިއަށް އެޅުނު ބައެއް ފިޔަވަޅުތައް ވެސް ފަހަތަށް އެޅެން ފަށާފައިވުމެވެ. އޭގެ އެއް މިސާލަކީ އަދިވެސް ރައްޔިތުންގެ މަޖިލީހުން އިސްލާހު ކޮށްފައި ނުވާ ހެއްކާ ބެހޭ ގާނޫނުގެ ދަށުން މަސްދަރު ހާމަކުރަން ނޫސްވެރިންނަށް މަޖުބޫރުކުރެވޭ ގޮތަށް އޮތް އޮތުމެވެ. ފަހަކަށް އައިސް މުޒާހަރާތަކުގެ ތެރެއިން ނޫސްވެރިންނަށް އަނިޔާ ކުރުން އިތުރުވެފައިވާ މައްސަލަ ވެސް ޕެނަލްގެ ބައިވެރިން ފާހަގަކުރި އެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގު ހަނިކޮށް، ހަމައެކަނި ކާނިވާ ސަރަހައްދަށް އެއްވެވޭ ގޮތަށް ގާނޫނު ބަދަލުކޮށްފައިވުމަކީ ވެސް އެފަދަ މިސާލެކެވެ. މި ސަރުކާރުން އެކަން ބަދަލުކުރާނެ ކަމުގެ ވައުދާ އެކު ވެރިކަމަށް އައި ނަމަވެސް، ދައުރު ނިމެންދާ އިރު ވެސް އެކަން އޮތީ މަޖިލީހުގައި ޕާކު ކޮށްފަ އެވެ. އިދިކޮޅުގެ މުޒާހަރާތަކުގައި ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް، ރައީސްގެ ކެމްޕޭން ދަތުރާ ދިމާކޮށް އިދިކޮޅުން ޝުއޫރު ފާޅުކޮށް ހަރުކޮށްފައިވާ ބެނާތައް ނަގާ ކަމުގެ ޝަކުވާގެ އަޑުތައް ވެސް ވަނީ ގަދަވެފަ އެވެ.

މަސްދަރު ހާމަކުރަން ޖެހޭ އިސްލާހާ ދެކޮޅަށް ނޫސްވެރިން މަޖިލިސް ދޮށުގައި 30 ޖޫން 2022 ވަނަ ދުވަހު އިހުތިޖާޖު ކުރަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އިޖުތިމާއީ މައްސަލަތައް އަޅާނުލާ ދޫކޮށްލެވިފައި

އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާ ދުވަހުން ދުވަހަކަށް އިތުރުވަނީ އެވެ. ޖިންސީ ކުށްތަކާއި ގެވެށި އަނިޔާގެ އަމަލުތައް ވަނީ 'ނޯމަލް' ވެފަ އެވެ. އާއިލާތައް ރޫޅި، ހިމާޔަތާއި ރައްކާތެރިކަމުން މަހުރޫމް ވެފައިވާ ކުޑަކުދިން ބައިވަރެވެ. ޅަ އުމުރުގައި ކުށުގެ ވެއްޓަށް ހުށަހެޅި ދިރިއުޅުން ހަލާކުވެގެންދާ އެތައް ބައެކެވެ. މަސްތުވާތަކެތީގެ މައްސަލަ އޮތީ އަތްނުފޯރާ ފަށުގަ އެވެ. ގޭދޮށު ކުދިންކޮޅެއް އެއްވެގެން އުފެއްދި ގްރޫޕްތަކަކީ މިހާރު ރާވައިގެން ޖަރީމާތައް ހިންގާ ބޮޑެތި ގޭންގުތަކެވެ.

އެމްނެސްޓީގެ ޕެނަލް ޑިސްކަޝަންގެ ބައެއް ބައިވެރިން ވެސް ރާއްޖޭގެ އިޖުތިމާއީ މައްސަލަތަކަށް އަލިއަޅުވާލި އެވެ.

އިޖުތިމާއީ މައްސަލަތައް ހައްލުކުރަން ރާއްޖެއިން ކޮށްފައިވާ އެންމެ ބޮޑު މަސައްކަތަކީ އެކަމަށް ހާއްސަ ގާނޫނުތައް ތަސްދީގުކޮށް އަމަލުކުރަން ފެށުމެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ ގާނޫނުތަކަކީ:

  • މަސްތުވާތަކެއްޗާ ބެހޭ ގާނޫނު

  • ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު

  • ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނު

  • ކުޑަކުދިންގެ އަދުލުގެ ގާނޫނު

  • ޖިންސީ ކުށުގެ ގާނޫނު

  • މިންތީގެ ހަމަހަމަކަމުގެ ގާނޫނު

މި ގާނޫނުތައް ކިތައްމެހާ ވެސް ފުރިހަމަ އެވެ. ނަމަވެސް، ތަންފީޒު ކުރެވޭ ތަނެއް ނާދެ އެވެ. މިފަދަ ކުށްތައް ތަހުގީގު ކުރެވި، ކޯޓު މަރުހަލާ ނިމި، ކުށް ސާބިތުވާ މީހުންގެ ނިސްބަތް ލަދުގަންނަން ޖެހޭހާ ދަށެވެ. އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާ އަކީ އަދިވެސް މުޖުތަމައުގެ ތެރޭގައި ދެވެން ޖެހޭ ވަރުގެ ސަމާލުކަމެއް ނުދެވި އޮތް، ހައްލު ކުރަން ޖެހޭ ބޮޑު މައްސަލައެކެވެ.

ޖިންސީ ގޯނާއާ ދެކޮޅަށް 29 ޖޫން 2020ގައި މާލޭގައި ބޭއްވި މުޒާހަރާއެއްގެ ތެރެއިން (ދައުރު ފޮޓޯ/ މާޝާ ނައީމް)

ކުޑަކުދިންނާއި އަންހެނުންނަށް ކުރާ އަނިޔާގެ މައްސަލަތައް ރާއްޖޭގައި ރިޕޯޓް ކުރާ މިންވަރު، ކަމާ ބެހޭ ފަރާތްތަކަށް އޮންނަ އިތުބާރު ކުޑަވުމުގެ ސަބަބުން، ކަންބޮޑުވާހާ މަދެވެ. ޖިންސީ ކުށްތަކުގެ މައްސަލަތަކާއި، މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ފުރައްސާރައިގެ މައްސަލަތައް ވެސް ހަމަ އެފަދަ އެވެ.

އެމްނެސްޓީގެ ޕެނަލްގައި ވާހަކަދައްކަވަމުން ވެސްޓްމިންސްޓާ ފައުންޑޭޝަން ފޯ ޑިމޮކްރަސީ އިން މޯލްޑިވްސްގެ ޑިރެކްޓަރު އަރީޖް ހުސައިން ވަނީ މީގެ އިތުރުން ވެސް އަންހެނުންނަށް ރާއްޖޭގައި ދިމާވާ ބައެއް ތަފާތު ކުރުންތައް ފާހަގަކޮށްފަ އެވެ. އެގޮތުން:

  • ކޮވިޑްގެ ސަބަބުން ފިރިހެނުންނަށް ވުރެ ބޮޑަށް އަންހެނުންނަށް އަސަރުކުރި؛ އެކަމަކު އިގްތިސޯދީ ލުއިތަކާ އެހީތައް ދިން އިރު އެކަމަށް ބަލާފައެއް ނުވޭ

  • މޫސުމީ ބަދަލުތަކުގެ ގެއްލުމުގެ އަސަރު ބޮޑަށް ކުރަނީ އަންހެނުންނަށް

  • މުސާރަ ނުލިބޭ 'އަންޕެއިޑް ލޭބާ'ގެ ގިނަ މަސައްކަތްތައް ކުރަނީ އަންހެނުން؛ އަންހެނުންނަށް ލިބޭ އުޖޫރަ ފިރިހެނުންނަށް ލިބޭ އުޖޫރައާ އަޅާބަލާއިރު ކުޑަ

  • އަންހެނުންނަށް މާ ގިނައިން ފުރައްސާރައާ ތަފާތުކުރުން ކުރިމަތިވޭ؛ އެއީ ރާއްޖޭގައި ސިޔާސީ މަގާމުތަކުގައި އަންހެނުންގެ ނިސްބަތް ދަށްވާ މައިގަނޑު އެއް ސަބަބު 

"އެކަމަކު އަހަރެމެންނަށް އަދިވެސް ނެތް މި މައްސަލަތަކުގެ ފުނަށް ވާސިލުވެ، ކަންކަން ހައްލުކުރަން ބޭނުންވާ 'ޕޮލިޓިކަލް ވިލް' އެއް. އަހަރެމެން ގަބޫލުކުރާ ގަބޫލުކުރުންތައް ބަދަލުކުރަން އެބަ ޖެހޭ. މުޖުތަމައުގައި ވަކިހިއްޕާލާފައިވާ 'ޕެޓްރިއާކަލް' ވިސްނުންތައް ބަދަލުކުރަން އެބަ ޖެހޭ. ދިވެހި އަންހެނުންގެ އަގު ވަޒަންކޮށް، ބަލައިގަންނަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

އިޖުތިމާއީ ގޮތުން ކަށަވަރުވާން ޖެހޭ ބައެއް ހައްގުތަކަށް ވެސް ވަނީ އަޅާނުލެވި (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

އެމްނެސްޓީގެ ޕެނަލް ޑިސްކަޝަނެއްގައި ވާހަކަދައްކަވަމުން އެޑްވޮކޭޓިން ފޯ ދަ ރައިޓްސް އޮފް ޗިލްރަން (އާކް)ގެ ޑިރެކްޓަރު މުރުތަލާ މޫސާ ވިދާޅުވީ ކުޑަކުދިންގެ ހައްގުތައް ނިގުޅައިގަތުމުގެ އެކި މައްސަލަތައް މިދިޔަ 20 އަހަރުގެ ތެރޭގައި ބޮޑުތަނުން އިތުރުވެ، ސީރިއަސްވެފައިވާ ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި:

  • ކުށްކުރުމުގައި ކުޑަކުދިން ބައިވެރިކޮށް، އެކުދިންގެ ބޭނުން ނާޖާއިޒް ގޮތުގައި ހިފުމުގެ މައްސަލަ ފަހަަކަށް އައިސް ވަނީ ވަރަށް ބޮޑުވެފައި

  • މަސްތުވާތަކެތި ވިއްކުން ފަދަ ކަންކަމުގައި ގޭންގު ތަކުން ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން އެކްސްޕްލޮއިޓް ކުރޭ

  • ދީނީ ހަރުކަށި ފިކުރަށް ވެސް ކުޑަކުދިން ދަނީ ހުށަހެޅެމުން؛ ކުޑަކުދިންނާއި، ޒުވާނުން ޓާގެޓް ކޮށް އެފަދަ ކަންކަމަށް ރިކްރޫޓް ކުރަމުންދޭ

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި:

  • ގައުމުގެ ކަންކަމުގައި ކުޑަކުދިންގެ ބައިވެރިވުމާއި ހިއްސާ ވަރަށް ކުޑަ؛ ކުދިން ބަސްބުނެ، އެމީހުންގެ އިހުސާސްތަކާއި ހިޔާލުތައް ފާޅުކުރާނެ ރަނގަޅު އިންތިޒާމްތަކެއް ގާއިމްކުރެވިފައެއް ނުވޭ

  • ކުޑަކުދިންނަށް ތައުލީމު ފޯރުކޮށްދިނުމުގައި ރާއްޖެއަކީ މި ސަރަހައްދުގައި އެންމެ ކުރިއަރާފައިވާ އެއް ގައުމުކަމުގައި ވިޔަސް، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ލިބޭ ފުރުސަތުތައް ވަރަށް ވެސް ހަނި

"ކުޑަކުދިންނަށް ކުރާ އަނިޔާ އާއި، ގައިންގަޔަށް ނާރާ ބަލިތަކާއި، މަސްތުވާތަކެތީގެ މައްސަލަ ފަދަ އިޖުތިމާއީ މައްސަލަތަކުގައި 'ޕްރިވެންޝަން' އަށް މިދިޔަ ސަރުކާރުތަކުގައި ދޭން ޖެހޭ އަހައްމިއްޔަތުކަން ދެވިފައެއް ނުވޭ. އެއީ އެފަދަ މަސައްކަތްތަކަކީ ސިޔާސީ ފަރާތްތަކަށް ފޮޓޯ ނަގާނެ މާ ބޮޑު ފުރުސަތެއް ލިބޭ މަސައްކަތެއް ނޫން، ނުވަތަ ބޮޑު އަދަދުން ފައިސާ ހަރަދުކޮށްގެން ހިންގާ ބޮޑެތި ކޮންޓްރެކްޓުތަކެއް ނޫން،" މުރުތަލާ ވިދާޅުވި އެވެ.

ޕްރިޒަން-ބޭސްޑް ޑްރަގް ރިހެބިލިޓޭޝަން ޕްރޮގުރާމް ފުރި ހަމަކުރި 32 ގައިދީން އާއިލާއާ ހަވާލުކުރުން: ރާއްޖޭގައި ޑްރަގްގެ މައްސަލަ ބޮޑު (ފޮޓޯ/ކަރެކްޝަންސް)

އޭގެ ބަދަލުގައި ސަރުކާރުތަކުގެ ސިޔާސަތަކީ، މުރުތަލާ ފާހަގަކުރެއްވި ގޮތުގައި، މައްސަލަތަކުން ނުކުންނަ ނުރަނގަޅު ނަތީޖާގައި 'މަލަން އަޅާ' ލުމެވެ. މަސްތުވާތަކެއްޗަށް ޒުވާނުންނާ ކުޑަކުދިން ހުށަހެޅެން މެދުވެރިވާ ސަބަބުތައް ދެނެގަނެ، އެ ސަބަބުތައް ނައްތާލުމުގެ ބަދަލުގައި އަދިވެސް އިސްކަން ދެނީ ރީހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމަށެވެ.

"ބަޖެޓު ވެބްސައިޓުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރުގެ ޖެނުއަރީން ފެށިގެން ނޮވެމްބަރާ ހަމައަށް އިޖުތިމާއީ ދާއިރާއަށް ސަރުކާރުން 3.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވޭ. އެކަމަކު އޭގެ ތެރެއިން ސީދާ ކުޑަކުދިންނާ އާއިލާތަކުގެ ހާލަތު ރަނގަޅު ކުރުމަށް ހަރަދު ކޮށްފައިވަނީ އެންމެ %6،" މުރުތަލާ ފާހަގަކުރެއްވި އެވެ.

ހިތްވަރު އެލުވާނުލާ، އަދިވެސް އުންމީދު އެބަ އޮތް

މިހުރިހާ ކަންބޮޑުވުންތަކާ އެކު ވެސް، ރާއްޖެއަކީ އަދިވެސް އުންމީދި ގައުމެކެވެ. މިގައުމަށް ޑިމޮކްރަސީ ގެނެސް، ނިގުޅައިގެންފައިވާ ހައްގުތަކާއި މިނިވަންކަން ހޯދަން ދިވެހިން ކޮށްފައިވަނީ ވަރުގަދަ ހަނގުރާމައެކެވެ. އެދުވަހު ރާއްޖެއިން ދެއްކި ލާމަސީލު މިސާލަކީ، އަދިވެސް ގައުމުގެ ކަންކަން ހަމަމަގަށް އަޅުވާ، 2003ގައި ފެށި މަސައްކަތް ނިންމުމުގެ ގާބިލުކަން ދިވެހިންގެ ކިބައިގައި ހުރި ކަމުގެ ހެއްކެކެވެ.

އެކަން ފާހަގަކުރައްވާ، އެމްނެސްޓީ އިންޓަނޭޝަނަލްގެ ޑެޕިއުޓީ ސައުތު ޑިރެކްޓަރު ޑރ. ދިނުޝިކާ ޑިސަނަޔަކެ ވިދާޅުވީ މިއީ އިސްލާހީ މަސައްކަތަށް އެންމެ "މުނާސަބު ވަގުތު" ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބެއް ބޯމަތިވެފައިވާ ދަނޑިވަޅެއްގައި 2003ގެ ރިޕޯޓަށް 20 އަހަރު ފުރޭ އިރު، ގައުމުގެ ކުރިމަގުގެ މިސްރާބު ހެޔޮ މަގަށް އެޅުވުމަށް ރައްޔިތުންނަށް ކުރެވޭނެ މުހިއްމު ކަންކަން އެބަހުއްޓެވެ.

ރައީސް ސޯލިހު ކެމްޕޭންގައި ފުލިދޫއަށް ވަޑައިގެން އާންމުންނާ ވާހަކަ ދައްކަވަނީ. (ފޮޓޯ/ރައީސްގެ ކެމްޕޭން ޓީމް)

"ދިވެހިންނަށް އަޅުގަނޑު ގޮވާލަން މި ފުރުސަތުގެ ބޭނުން ހިފާ، އިންސާނީ ހައްގުތައް ކަށަވަރު ކޮށްދޭނެ ކަމުގެ ޔަގީންކަން ސިޔާސީ ލީޑަރުންގެ ފަރާތުން ހޯދަން،" ދިނުޝިކާ އިލްތިމާސް ކުރެއްވި އެވެ.

\ދިނުޝިކާ އެދިވަޑައިގެންނެވި މައިގަނޑު ތިން ކަމަކީ:

  • އިސްލާހީ މަސައްކަތްތައް ކުރިއަށްދާން ޖެހޭ ގޮތަށް ކުރިއަށް ގޮސްފައި ނުވާ ކަމާ މެދު ކަންބޮޑުވުން ފާޅުކޮށް، އެ ބަދަލުތަކަށް ޑިމާންޑުކުރުން

  • އިސްލާހީ މަސައްކަތްތަކަށް ރިޔާސީ ކެންޑިޑޭޓުން އަހައްމިއްޔަތުކަން ދިނުން؛ އިންތިހާބާ ދިމާކޮށް ވޯޓު ހޯދުމުގެ ނިޔަތުގައި ވައުދުވުމުގެ ބަދަލުގައި، އިހުލާސްތެރި ނިޔަތެއްގައި މަސައްކަތް ކުރުން

  • ބަހަށް ވުރެ އަމަލު އިސްކުރުން؛ ރާއްޖޭގައި އޮތް ޖަވާބުދާރީ ނުވުމުގެ ސަގާފަތް ނިމުމަކަށް ގެނެސް، އިންސާނީ ހައްގުތައް ކަށަވަރުކުރަން ހުރި މަސައްކަތްތައް ފުރިހަމަ ކުރަން 'ޕޮލިޓިކަލް ވިލް'އާ އެކު މަސައްކަތް ކުރުން

"ކޮންމެ ގައުމެއްގައި ވެސް އުޅޭނެ މިފަދަ ބަދަލުތަކަށް ތާއީދު ނުކުރާ މީހުން، ވިސްނުމުގެ ސަބަބުން ނުވަތަ ދީނީ ގަބޫލުކުރުންތަކުގެ ސަބަބުން އަނިޔާވެރިކަމަށް ހިތްވަރުދޭ މީހުން،" އޭނާ ފާހަގަކުރެއްވި އެވެ.

ނަމަވެސް 'ޕޮލިޓިކަލް ވިލް' އޮވެެ، މިނިވަން މުއައްސަސާތައް މިނިވަންކަންމަތީ މަސައްކަތް ކުރުމުގެ ފުރުސަތު ފަހިކޮށްދީ، ކަންކަމަށް ބަޖެޓު ކަނޑައެޅި، ރަނގަޅަށް މޮނީޓަރު ކުރެވޭ ނަމަ، ރާއްޖޭގެ ހާލަތު ހަމަމަގަށް އެޅުވޭނެ ކަމާ މެދު އޭނާ ޝައްކެއް ނުކުރައްވަ އެވެ.

"... [މިކަންކަން] ކުރެވިއްޖެ ނަމަ، އޭޝިއާގައި އެކަންޏެއް ނޫން، މުޅި ދުނިޔޭގައި ވެސް އިސްލާހީ މަސައްކަތުގައި މިސާލެއްގެ ގޮތުގައި ނެގޭނެ ގައުމަކަށް ރާއްޖެ ވާނެ،" ދިނުޝިކާ ވިދާޅުވި އެވެ. 

2003ގެ އެމްނެސްޓީ ރިޕޯޓު ލިޔުއްވި އައްބާސް ފާއިޒް އާންމު ރައްޔިތުންނާ މަދަނީ ޖަމާއަތްތަކުގެ ކިބައިން އެދިވަޑައިގެންނެވީ ތިން ކަމަކަށެވެ. އެއީ:

  • 1-

    މިނިވަން މުއައްސާސަތަކުން ސިޔާސީ ޕާޓީތަކުގެ ނުފޫޒު ނައްތާލުން

  • 2-

    އެ މުއައްސަސާތަކަކީ މިނިވަންކަމާ އެކު މަސައްކަތް ކުރެވޭ ތަންތަން ކަމުގައި ހެދުން

  • 3-

    ސަރުކާރު ޒިންމާދާރުކުރުވުން

"2002 އާއި 2005އާ ދޭތެރޭގައި، ބަދަލަކަށް ބޭނުންވެގެން ނުކުތް ދިވެހިންގެ ފުރަތަމަ ޖީލު އެކަމަށްޓަކައި ވަރަށް ބޮޑެތި ގުރުބާނީތަކެއް ވި. އެމީހުން އެކަން ކުރީ ވަރަށް އުނދަގުލުން، ވަރަށް ބޮޑެތި ގޮންޖެހުން ކަޑައްތު ކޮށްފައި. އެތައް ބަޔަކު ޖަލަށް ލީ، އެތައް އަނިޔާއެއް ދިން."

"އެކަމަކު އެމީހުން ހުއްޓާނުލާ ކުރިއަށް ދިޔައީ. އެމީހުން ގެންނަން ބޭނުންވި ހާލަތު އުފެއްދީ. [އެކަމުގެ ނަތީޖާއެއްގެ ގޮތުން] މުޅިން އާ ގާނޫނުއަސާސީއެއް ވެސް އެކުލަވާލެވުނު،" ދެން ވެސް، ދިވެހިން މަސައްކަތް ކޮށްފި ނަމަ، އިސްލާހީ ފިޔަވަޅުތައް އެޅޭނެ ކަން ފާހަގަކުރައްވާ އައްބާސް ވިދާޅުވި އެވެ.

ޔާމީންގެ ވެރިކަމުގައި ސިޔާސީ ހައްޔަރީން ދޫކޮށްލަން ސުޕްރީމް ކޯޓުން ކުރި އަމުރު ތަންފީޒު ކުރުން ލަސްވުމާ ގުޅިގެން ރައްޔިތުން މުޒާހަރާ ކުރަނީ.

އެންމެ މުހިއްމީ ހައްގު މިންވަރު ހޯދަން ނުކުތުމެވެ. ބައިނަލްއަގުވާމީ ދުނިޔޭގެ އެހީތެރިކަން ހޯދައިގެން ނަމަވެސް ދައުލަތަށް ޕްރެޝަރު ކުރުމެވެ. ވެރިން ޖަވާބުދާރީކޮށް، އިހްލާސްތެރި ކަމާ އެކު މަސައްކަތް ކުރާނެ ބަޔަކު ވެރިކަމަށް ހޮވަން އިސްކަން ދިނުމެވެ. ނިގުޅައިގަނެވޭ ކޮންމެ ހައްގެއްގެ ވާހަކަ ހަރުއަޑުން ދައްކާ، ތާރީހަށްޓަކައި ލިޔެ ރައްކާ ކުރުމެވެ. ސިޔާސީ ކުލަވަރުން އެއްކިބާވެ، ހައްގުތައް ކަށަވަރުކުރަން މަސައްކަތް ކުރުމެވެ. ކެންޑިޑޭޓުން ވޯޓު ހޯދަން އައުމުން ބަނދަރަކަށް އެދިފައި ނިންމާ ނުލާ، ގައުމުގެ ކުރިމަގު ބައްޓަން ކުރުމުގައި މިހާރަށް ވުރެ ފުޅާ ނަޒަރަކުން ވިސްނަން ވެއްޖެ އެވެ.

އިސްކުރަންވީ ގައުމެވެ. ސިޔާސީ ލީޑަރުންނެއް ނޫނެވެ. އިސް ކުރަންވީ ތިމާގެ އަމިއްލަ ނަފްސަށާއި އަންނަން އޮތް ޖީލަށް ލިބެން ޖެހޭ ކަރާމާތާއި ހައްގުތަކެވެ. އިސްކުރަންވީ އާންމު ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމެވެ. ކޮންމެ އަތޮޅެއްގައި ދެތިން އެއާޕޯޓު އަޅައިގެން ގެންނަ "ތަރައްގީ"ގެ ބަދަލުގައި، އިސްކުރަންވީ މުޖުތަމައުގެ ދުޅަހެޔޮކަމާއި، ބުއްދި އާއި ވިސްނުމުގެ ތަރައްގީ އެވެ.

ސަރުކާރަށް ސަލާންޖެހުމުގެ ބަދަލުގައި ސަރުކާރު ޖަވާބުދާރީ ކުރުވަންވީ އެވެ. ބަދަލެއް އަންނަންދެން ބަދަލަކަށް އެދެންވީ އެވެ. ކޮޅެއްގައި ޖައްސާފައި ނޫނީ 2003ގައި ފެށި ތާރީހީ މަސައްކަތްތަކަށް ދޫ ނުދޭންވީ އެވެ. އަދިވެސް އެ ހުވަފެންތަކުގައި ކުލަ ޖެއްސުމުގެ ބާރު އޮތީ ހަމަ އަހަރެމެންގެ އަތް މަތީގަ އެވެ.

ކޮމެންޓް (1)

ޙުސެންބެމާހިރު65

5 އޯގަސްޓު 2023
މިހާތަނައް ނޫހަކުން ފެނުނު އެންމެ ބެލެންސްޑް އާޓިކަލް...ސަރުކާރުގެ ބަހެއް ހިމެނި ނަމަ ސަޅިވީސް އަދި
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް