9 ޖޫން 2004ގައި، އިސްލާމީ މަރުކަޒުގައި، ރައީސް މައުމޫން އަބްދުލްގައްޔޫމް، އެމަނިކުފާނުގެ އިސްލާހީ އެޖެންޑާ އިއުލާންކުރައްވަމުން، ގަޑި ދައްކާލައްވަނީ

މީގެ 20 އަހަރު ކުރިން އެ ރިޕޯޓަކީ ދިވެހި ސަރުކާރަށް ބޮމެއް

ސަރުކާރަށް ފާޑުކިޔާ މީހުންނާ ދޭތެރޭ ގެންގުޅުނު ހަރުކަށި ގޮތާއި ޖަލުތަކުގައި އަނިޔާކުރުމާ ބެހޭ ގޮތުން އެމްނެސްޓީން ތައްޔާރުކުރި ރިޕޯޓާ އެކު ރައީސް މައުމޫނަށް ކުރިމަތިވީ ބޮޑު ޗެލެންޖެއް
30 ޖުލައި 2023
11

ރައީސް މައުމޫން އަބްދުލްގައްޔޫމް ތައްޔާރުވަމުން އައީ ހަ ވަނަ ރިޔާސީ ދައުރެއް ކަށަވަރުކުރައްވަން ރިޔާސީ އިންތިހާބަށެވެ. ސަރުކާރަށް ފާޑުކިޔުމެއް ނެތެވެ. ސިޔާސީ ވާދަވަރިއެއް ވެސް ނެތް މެ އެވެ. ހުރިހާ ކަމެއް އޮތީ ހިފަހައްޓައިފަ އެވެ. އިންޓަނެޓްގައި ސިއްރުން ނެރުނު 'ސަންދާނު' ނޫހުގެ ބައިވެރިން، ޓެރަރިޒަމްގެ ކުށުގައި ޖަލުގަ އެވެ. ރައްޔިތުންގެ މަޖިލިހުގައި ސަރުކާރާ ދެކޮޅަށް ފާޅުގައި ކެރިގެން ފާޑުވިދާޅުވަމުން ގެންދެވި ހަމައެކަނި މެމްބަރު މުހައްމަދު ނަޝީދުގެ ގޮނޑި ގެއްލުވާލައި، ޖަލަށް ލައި، އެ 'އުނދަގުލުން' ވެސް ސަރުކާރު އޮތީ 'ސަލާމަތްވެގެންނެ'ވެ.

ޖަލުގައި އަނިޔާކުރުމެވެ. ކުށްތަކަށް ގަދަކަމުން އެއްބަސްކުރުވުމެވެ. ފުލުހުންގެ ބައި ވެސް ސިފައިންގެ ތެރޭގަ އެވެ. ގާނޫނީ ވަކީލެއްގެ އެހީތެރިކަމެއް ނެތެވެ. ކޯޓަށް ގެންދާ އިރު އޮންނަނީ ހުކުމް ނިމިފަ އެވެ.

އެކަމަކު އެ ހުރިހާ ކަމަކަށް ލޯ މަރާލައިގެން އަބަދު ދިވެހި ސަރުކާރަށް ވެސް ނޯވެވޭނެކަން 29 ޖުލައި 2003ގައި އެނގުނެވެ. އެމްނެސްޓީ އިންޓަނޭޝަނަލް އިން ރާއްޖެއާ ބެހޭ ގޮތުން އެ ދުވަހު ނެރުނު ރިޕޯޓަކީ އެހާ ތަނަށް ރާއްޖޭގެ އެތެރޭގެ ހާލަތު ދުނިޔެއަށް، އެހާ ތަފުސީލުކޮށ،ް ހާމަކޮށްދިން ފުރަތަމަ ރިޕޯޓެވެ.

"ސަރުކާރު ހަމަ ވަރަށް ބޮޑަށް ތެޅިގަތް އެ ރިޕޯޓުން،" މައުމޫން ސަރުކާރުގެ އިސް މަގާމެއްގައި އޭރު ހުންނެވި ބޭފުޅަކު، މިވަގުތުގެ ހާލަތުން ނަން ޖަހަން އުޒުރުވެރިވެވަޑައިގަންނަވަމުން، ވިދާޅުވި އެވެ.

"އޭގެ ކުރިން 93ގައި ވެސް ނެރުނު ރާއްޖެއާ ބެހޭ ރިޕޯޓެއް. އެކަމަކު އޭރު އެހާ ބޮޑު ކަމަކަށް ނުވި. އެހެންވެ ސަރުކާރަށް ހީވީ 2003ގެ ރިޕޯޓް ވެސް އެހެންނޭ ދާނީ."

ކަން ވީ އެގޮތަކަށް ނޫނެވެ. އެމްނެސްޓީގެ ރިޕޯޓާ އެކު ބީބީސީ ކަހަލަ ދުނިޔޭގެ ބޮޑެތި މީޑިއާތަކުގެ ހެޑްލައިންއަށް ރާއްޖެ އެރި އެވެ. ރާއްޖެއާ ބެހޭ ހާއްސަ ރިޕޯޓްތައް ގެންނަން ފެށި އެވެ.

މައުމޫންގެ 2003ގެ ރިޔާސީ އިންތިހާބުގެ ކުރިން ސަރުކާރުގެ ކުރިމަތީގައި މި ގޮއްވާލީ ހަގީގަތުގައި ވަރުގަދަ ބޮމެކެވެ.

ރިޕޯޓްގައި ބުނަނީ ކީކޭ؟

ބޮޑަށް އޮތީ ސަރުކާރުގެ އަނިޔާވެރިކަމުގެ ވާހަކަ އެވެ. އޭގެ ހެއްކެއްގެ ގޮތުން ނަޝީދުގެ އިތުރުން 'ސަންދާނު'ގެ ބާނީން ކަމަށްވާ ނަޒާކީ މުހައްމަދު ޒަކީ އާއި އަހުމަދު ދީދީ އާއި އިބްރާހިމް ލުތުފީ އަދި ފާތުމަތު ނިސްރީންގެ ވާހަކަ ގެނެސްދިނެވެ. 

"ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރާ ދެކޮޅުކަމަށް ތުހުމަތުކުރެވޭ މީހުންނާއި ފާޑުކިޔާ މީހުންނަށް ކުރިމަތިލާން ޖެހެނީ ބަދަލުހިފުމުގެ ހަރުކަށި ފިޔަވަޅުތަކާ އެވެ،" ރިޕޯޓްގައި ލިއުނެވެ.

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނެތުމުގެ އިތުރުން ޖަލުގައި ކުރާ އަނިޔާތަކަށް ވެސް ރިޕޯޓްގައި ބަލާފައިވެ އެވެ. ތަހުގީގުގައި ގަދަކަމުން އެއްބަސްކުރުވުމަކީ އާދައެއް ކަމާއި އޭގެ ފަހުން ޝަރުއީ ނިޒާމުގައި ވެސް އެ މީހުންނަށް ކުރިމަތިވަނީ ބޭއިންސާފުކަން،  އެމްނެސްޓީން ފާހަގަކުރި އެވެ. މިސާލު ދައްކަމުން، ޖަލުގައި ސިފައިން އަނިޔާކޮށްގެން މަރުވި އެކެއްގެ ވާހަކަ ހިމެނި އެވެ. އެ އަނިޔާވެރި ހާދިސާ ހިނގީ ޖެނުއަރީ 2003ގެ ކުރީކޮޅު ކަމަށް އެމްނެސްޓީން ލފާކުރެ އެވެ. އުމުރުން 19 އަހަރުގެ އެ ޒުވާނާގެ މަރާ ގުޅޭ ގޮތުން މައުމޫނަށް 21 ޖެނުއަރީ 2003ގައި އެމްނެސްޓީން ސިޓީއެއް ފޮނުވި ނަމަވެސް އެއަށް ސަރުކާރުން އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ.

މާފުށީ ޖަލުގައި ސިފައިން 20 ސެޕްޓެމްބަރު 2003 ގައި ބަޑި ޖެހުމުން ޒަހަމްވި މީހުން ޖަލުގެ ގޯތި ތެރޭގައި

ރިޕޯޓްގައި ސަރުކާރުން އަޅަމުން އަންނަ ރަނގަޅު ބައެއް ކަންކަން ވެސް ފާހަގަކުރި އެވެ. އެގޮތުން 1997 އިން ފެށިގެން ޝަރުއީ ނިޒާމު އިސްލާހުކުރުމުގެ މަސައްކަތް ހިމެނެ އެވެ. ނަމަވެސް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ބަލާއިރު އެކަން ވެސް އެހާ ފުރިހަމަ ނޫން ކަމަށް ބުނެފައިވެ އެވެ.

"މި ރިޕޯޓާ އެކު ރައީސް މައުމޫން ބޭނުންފުޅުވި އޭގައި ރަނގަޅު ކުރަން އެދުނު ކަންކަން ކުރަން. އެކަން އިއުލާންކުރަން ނިންމެވީ އާ ރިޔާސީ ދައުރުގައި،" އޭރުގެ  ކަންކަން  އެނގިވަޑައިގެން ހުންނެވި ބޭފުޅަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.

އެކަމަކު އޭގެ ކުރިން މާފުށީ ޖަލު ކެކިގެންފި އެވެ. އެމްނެސްޓީ އިންޓަނޭޝަނަލްގެ ރިޕޯޓް ނެރުނުތާ ދެ މަސް ނުވެ އެވެ. ޖަލުގައި ސިފައިން ހިންގާ އަނިޔާވެރި އަމަލްތައް، 19 ސެޕްޓެމްބަރު 2003ގައި، އީވާން ނަސީމުގެ މަރާ އެކު އާންމުންނާ ހަމައަށް ތިލަވީ އެވެ. އެ މަރާ ގުޅިގެން ޖަލުގައި އުފެދުނު ހަމަނުޖެހުންތައް ކޮންޓްރޯލްކުރަން ސިފައިން ބަޑި ޖެހުމާ އެކު އިތުރު ގައިދީންތަކެއް މަރުވުމުން މުޅި މާލެ ކެކިއަރައިގަތެވެ.

މާފުށީ ޖަލުގެ ހާދިސާއާ އެކު އެމްނެސްޓީގެ ރިޕޯޓަކީ ސަމާސާއެއް ނޫންކަން ދިވެހިންނަށް ކަށަވަރުވި އެވެ. 

"އެ ރިޕޯޓް އަސްލު ވައިގައި ހިފީ ބީބީސީ ކަހަލަ މީޑިއާތަކުން އެ ކަވަރުކުރަން ފެށީމާ. ސަރުކާރަށް ވެސް ޖެހުނީ އެއަށް ޖަވާބުދާރީވާން،" ކުރިން ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވައި، ހަ ވަނަ ދައުރަކަށް މައުމޫން ހުވާކުރެއްވި އެވެ. އަދި ދެން އޮތީ އެމްނެސްޓީން ފާހަގަކުރި ކަހަލަ ބަދަލުތައް ރާއްޖެއަށް ގެނައުން ކަމަށް، މާފުށީ ޖަލުގެ ލޭ އޮހޮރުވުމުން މައުމޫނަށް ގަބޫލުފުޅުކުރެއްވުނެވެ. އެހެންވެ 10 ޑިސެމްބަރު 2003ގައި، މުޅިން މިނިވަން މުއައްސަސާއެއްގެ ގޮތަށް ހިއުމަން ރައިޓްސް ކޮމިޝަން އުފެއްދެވި އެވެ.

"އެއީ އެހާ ތަނަށް ސަރުކާރުން އުފެއްދި ބޮޑީއެއް، ސަރުކާރަށް ފާޑުކިޔޭނެ ފެންވަރަކަށް މިނިވަންކުރި ފުރަތަމަ ފަހަރު،" މައުމޫން އަރިހުގައި، އިސްލާހީ މަސައްކަތުގައި އުޅުއްވި އިސް ބޭފުޅަކު ވިދާޅުވި އެވެ.

ހަސަން ސައީދުގެ ދައުރު ވަރަށް ބޮޑު

މައުމޫންގެ އާ ސަރުކާރުގެ ބަންޑާރަނައިބުކަން ދެއްވީ ވަރަށް ޒުވާން ބޭފުޅެއް ކަމަށްވާ ޑރ. ހަސަން ސައީދަށެވެ. ސަރުކާރު ދިފާއުކުރެއްވުމުގެ އިތުރުން ހަސަންގެ އިސްތަށިފުޅުގައި އެޅުނު ޒިންމާއަކީ ހުޅުވާލެވިފައިވާ ސިޔާސީ މާހައުލަކާއި އަސާސީ ހައްގުތައް ކަށަވަރުކޮށްދޭ ގައުމަކަށް ރާއްޖެ ހެދުމުގެ ގާނޫނީ އޮނިގަނޑެއްގެ މަސައްކަތެވެ.

އިސްލާހީ އެޖެންޑާ މައުމޫން އިއުލާންކުރެއްވީ 9 ޖޫން 2004ގަ އެވެ. އޭރު މައުމޫންގެ އިސްތިއުފާއަށް ގޮވުމަކީ 'ގާނޫނީ ކުށެކެ'ވެ. ނަމަވެސް 'ދައުރު'އާ ވާހަކަ ދެއްކެވި ބައެއް ބޭފުޅުން ވިދާޅުވީ މައުމޫންގެ އިސްތިއުފާއަށް ފުރަތަމަ ގޮވަން ފެށި މީހުން ހައްޔަރުކޮށް އަދަބު ނުދެވުނީ ހަސަން އެކަމާ ދެކޮޅު ހެއްދެވުމުން ކަމަށެވެ.

"ޕްރެޝަރު ހުރި އެ މީހުން ހައްޔަރުކުރަން. އެކަމަކު ހަސަން ވިދާޅުވަމުން ގެންދެވީ އެފަދަ ކަންކަމަށް ޖާގަ އޮންނަން ޖެހޭނެ ކަމަށް،" އެއް ބޭފުޅަކު ވިދާޅުވި އެވެ.

މައުމޫންގެ އިސްލާހީ އެޖެންޑާ އިއުލާންކުރެއްވި އިރުގެ ބަންޑާރަނައިބު ޑރ. ހަސަން ސައީދު، އޭގެ ފަހުން އޮތް ރިޔާސީ އިންތިހާބުގައި ވޯޓު ލައްވަނީ (ފޮޓޯ/ހަވީރު)

އެމްނެސްޓީގެ ރިޕޯޓާއި ޖަލުގެ ލޭ އޮހޮރުވުމާ އެކު ސަރުކާރުގެ މޫނުމަތި ރީތިކުރަން ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަން މައުމޫން ހޯއްދެވި އެވެ. އެގޮތުން އައި އެއް ބަޔަކު ދިން ލަފާގައި، ސިޔާސީ ޕާޓީތަކަށް ފުރުސަތު ދޭން ޖެހޭނެ ކަމަށް ހުށައެޅި އެވެ. އެއާ އެކު 2005ގައި ސަރުކާރުން އެ ފުރުސަތު ހުޅުވާލި އެވެ. ގާނޫނުއަސާސީގައި ނެތް ކަމަށް ބުނެ 2001ގައި ރައްޔިތުންގެ މަޖިލިހުން ރުހުން ނުދިން މައްސަލަ، 2005ގައި ފާސްވީ އެ ފުރުސަތު ގާނޫނުއަސާސީގެ ދަށުން ލިބޭ ކަމަށެވެ. އެގޮތަށް މަޖިލިހަށް ލަފާ ދެއްވީ ހަސަން އެވެ.

"މި ހުރިހާ ކަމެއްގެ އަސްލު ފެށުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެމްނެސްޓީގެ ރިޕޯޓް،" ކުރިން ވާހަކަ ދެއްކެވި އެއް ބޭފުޅަކު ވިދާޅުވި އެވެ.

އޭގެ ކުރިން 1993 އިން ފެށިގެން ވެސް ދޭތެރެ ދޭތެރެއިން ރާއްޖޭގެ ހާލަތާ ބެހޭ ގޮތުން އެމްނެސްޓީން ސަރުކާރަށް ޕްރެޝަރުކުރި އެވެ. ނަމަވެސް އޭރުގެ ރިޕޯޓްތައް ދުނިޔޭގެ ސަމާލުކަމަކަށް ނާދެ އެވެ.

ކޮންމެ ކަމަކަށް ވެސް ވަގުތެއް އޮވެ އެވެ. މައުމޫންގެ އިސްލާހީ އެޖެންޑާއަށް ވަގުތު ޖެހުނީ މީގެ 20 އަހަރު ކުރިން 29 ޖުލައި 2003ގައި ނެރުނު އެމްނެސްޓީގެ ރިޕޯޓްކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ. އިސްލާހީ އެ މަސައްކަތުގެ މަރުހަލާ ބާރަށް ދުއްވައިގަތީ، ރިޕޯޓްގައި ފާހަގަކުރި އަނިޔާވެރިކަން މާފުށީ ޖަލުން ރައްޔިތުންނަށް ސާބިތުވުމުންނެވެ.

ކޮމެންޓް (11)

މޫސީ

30 ޖުލައި 2023
މޫސަ އަދިވެސް ނޫޅޭ މައުމޫން ދޫކޮށްލާކަށް...ކީކޭ ދެން މަ ބުނާނީ
7 6

ހަސަން ފަހުމީ

30 ޖުލައި 2023
އިސްލާމީ ގައުމެއްގެ ވެރިކަންކުރަން ހުވާކުރާއިރި، ރައްޔިތުންނަށް ގައުމަށް އިހުލާސްތެރިވާން ހުވާކޮށްފައި، އެ މިންވަރަށް އަނިޔާވެރިވުމަކީ ރައްޔިތުންނަށް ޣައްދާރުވުން
7 2

އަބޫބަކުރު އިބުރާހިމް

30 ޖުލައި 2023
މިހާހިސާބަށް އައިއިރު ޙާލަތު އޮތީ ކިހިނެއްތޯ!؟ މިހާރު މިއޮތީ ނަމުން ޑިމޮކްރެޓިކް ރަސްކަމެއް. ހުރިހާ މިނިވަން މުއައްސަސާތަކެއްގަ ރަސްގެފާނުގެ މީހުން. ފަނޑިޔާރުގެ ކޮންޓްރޯލްކުރަނީ ރަސްކަމުގެ ފަރާތުން. މަޖިލީހުގެ ސްޕަރމެޖޯރިޓީ. ތިޔަރިޕޯޓް ލިޔުނުމީހުންގެ ޚަބަރެއްނުވޭ. ޙަސަން ސަޢީދު ތިޔަބުނާ ޙަސަންސަޢީދުވެސް ވީތަނެއްނޭނގޭ. ސަންދާނުވެސް ހަނު.
12 1

އާބިދާ

30 ޖުލައި 2023
ދިވެހިންގެ މައްޗަށް އަނިޔާވެރިވުމުގެ ގައުމީ ޝަރަފް މައުމޫނަށް ހައްގު
6 8

އުހްތާ

31 ޖުލައި 2023
@އާބިދާ ތިޔަބުނާ އަނިޔާވެރިކަން ނިމުނުތާ 20 އަހަރު ފުރިއްޖެއެވެ. ބަދަލުވި އެއްޗަކީ ލަދުހަޔާތެވެ. އިޖުތިމާއީގޮތުން އިނދަޖެހިފަ އޮތްމިންވަރު މިދިޔައަހަރަށް 20 ފުރުނު ކުދިންހޯދާ ދިރާސާއެއް ހަދާލާށެވެ. އެއީ އައު ބްރޭންޑެކެވެ. އަންނި ހަނީމޫން ހެދުމަށްފަހު އުފަންކުރުވާ ވަހީދު ހިނގަންދަސްކޮށްލަދީ، ޔާމީނު ތައުލީމުދީ، އިބޫ ގްރެޖުއޭޓް ކުރުވި ކޮލަބޮރޭޓިވް ބްރޭންޑެކެވެ. އެކުދިންގެފަރާތުން ދިވެހިގައުމަށް ވަނީ ނުވަތަ ވާނީ ފައިދާތޯ ނިންމާނީ ރައްޔިތުންނެވެ. އަދިވެސް މަށަށް ގައުމު ގާޑިޔަލުގަވިއަސް ހިންގާތަން މި ފެންނަނީ މައުމޫނު އުފެއްދި 30 ވޮޓް ބްރޭންޑުންނެވެ
8 1

ޑރ. އަލީ ރަޝީދު

30 ޖުލައި 2023
އަޅުގަނޑު އިގިރޭސިވިލާތުން ކިޔަވައިގެން އައިއިރު ރައީސަކީ މައުމޫނު. މައުމޫނު ވެރިކަންކުރާގޮތް ފެނިފައި ހައިރާންވީ. އޭރު ހިތަށްއަރާ ގައުމެއްގެ ވެރިކަންކުރަން އެހާވަރަށް އަނިޔާވެރިވަނީ ކީއްވެބާއޭ. އެކަމަށް އޭރުވެސް މިހާރުވެސް ވިސްނޭ ޖަވާބަކީ ހަމަ ޖާހިލުކަމޭ
4 7

އިނގިރޭސި ވިލާތް

30 ޖުލައި 2023
@ޑރ. އަލީ ރަޝީދު އެތަނުގައި ވެރިކަން ކުރާ ގޮތް ނުފެނޭތަ؟ ރަސްކަމެއް .. އަދި އެހާ ނުފޫޒު ގަދަ .. ޕްރިންސް ހެރީ އަފްގާނިސްތާނަށް ހަނގުރާމައަށް ދާން ޖެހުމުން ވީ ގޮތް ތިބޭފުޅާއަށް އެނގި ނުލައްވާދޯ .. އެހެންވީމަ އެއީ ނަމޫނާ ވެރިކަމެއްކަމަށް ބަލައިގެން އެވާހަކަ ނުދައްކާ
6 1

ޞަން އަބީނު

31 ޖުލައި 2023
@އިނގިރޭސި ވިލާތް ބަލަ މޮޔަޔާ، އިގިރޭސިވިލާތުގެ މޮޅުވާހަކައެއް މީހަކު ނުދައްކާ، މައުމޫނަށް ތާއީދުކުރާ ގިނަމީހުންތިބެނީ ބީތާވެފަ
5 1

ކުރާ

30 ޖުލައި 2023
މީދެން ކޮން ވާހަކައެއް މިހާރު ލިޔަން. ލިޔާނެ އެއްޗެއް ނެތީތަ.
10 3

އަގްލީން

30 ޖުލައި 2023
@ކުރާ ރައީސް ނަޝީދަކީ އެދުވަހު ދެކޮޅަށް އަޑުއުފުލަން ކެރުނު ހަމައެކަނި މެމްބަރު. އިބޫ އޭރުވެސް ހަނު. މިގައުމު ބަދަލު ކުރި ހިތްވަރަކީ ނަޝީދުގެ ފަރާތުން ނުކުތް ހިތްވަރު. މިތާރީޚް ބަދަލެއް ނުވާނެ ދެން ކިތަންމެ ނުރުހުނަސް.
5 5

ހާއިއިބްރީ

31 ޖުލައި 2023
@އަގްލީން އަންނި މިގައުމަށް ގެނަ ބަދަލަކީ އިންސާނުންގެ ކިބައިން ލަދުހަޔާތް ކެނޑުވުން. އަންނި ކުރާހާވެސް ކަމަކީ މަވަރެއް ނެތްކަމަށް ދައްކައިގެން ދައުލަތުގެ އަތާބަތާ ތިމާއާ އަދި ގާތްއާއިލީ މީހުންނަށް ލިބޭނެގޮތް ހެދުން. މަނޫން މީހަކު ވެރިކަމުގަ ހުރީމާ ކެތްނުވެގެން ތެޅިބާލާ ވައްތަރު ނިކަން ދެކެބަލަ. ގާނޫނުއަސާސީގަ އޮތީ 2 ދައުރުގެ ވާހަކަ. އެކަމު ކެތް ކޮށްނުލެވުނު އަންނިއަކަށް. ވެރިކަމުގަ ލައްޒަތުގަ.
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް