އުމަރު ވިދާޅުވަނީ ވާހަކަ ދައްކައިގެން ހައްލުނުވެއްޖެ ނަމަ އިންޑިއާ ސިފައިން ޑިޕޯޓްކޮށް ހެލިކޮޕްޓަރު ރޫޅާލާނެ ކަމަށް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވެސް ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ރައްކާތެރިކުރުމުގެ އެންމެ ވަރުގަދަ ބާރަކީ 'ރާއްޖެ އާއި ބައިނަލްއަގުވާމީ މުޖުތަމައުއާ ދެމެދުގައި އޮތް ރަހުމަތްތެރި ބަދަހި ގުޅުން' ކަމަށެވެ.
"އެ ގުޅުމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށް ދިރުން ލިބިއްޖެ،" މިނިވަންދުވަހު ދެއްވި ރަސްމީ ތަގުރީރުގައި ރައީސް ސޯލިހު ވިދާޅުވި އެވެ.
މީގެ ދެ ދުވަސް ކުރިން އަޅުގަނޑުގެ ކުރިމަތީގައި އިންނެވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހާ ދެކޮޅަށް ނުކުންނަވާނެ ކަމަށް ބެލެވޭ އެއް ކެންޑިޑޭޓް އުމަރު ނަސީރެވެ. އޭނާއަކީ މި ސަރުކާރަށް އިންޑިއާގެ ނުފޫޒު އޮތްލެއް ބޮޑުކަމުން އެކަމާ އެންމެ ބޮޑަށް ވާހަކަ ދައްކަވާ އެއް ލީޑަރެވެ. އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަކީ އުމަރުގެ އެންމެ މުހިންމު އެއް ސިޔާސަތަކަށް ހެދުން ވެސް ކައިރި އެވެ.
މި ސަރުކާރުން ހިންގާ އުމުރާނީ މަޝްރޫއުތަކަށް ލޯނު ނަގަނީ އިންޑިއާ އިންނެވެ. މިހާރު ފަށާފައިވާ މަޝްރޫއުތަކަށް ވެސް ބިލިއަނަކަށް ވުރެ ގިނަ ޑޮލަރުގެ ލޯނު، އިންޑިއާގެ މާލީ އެކި އިދާރާތަކުން ވަނީ ނަގައިފަ އެވެ.
އުމަރު ގަބޫލުކުރައްވާ ގޮތުގައި، އިންޑިއާ ސިފައިން ތިބުމާއި އިންޑިއާގެ ނުފޫޒު މިހާރު އޮތް މިންވަރުން އެ ދަރަނި ގޮސް ނިމޭނީ ރާއްޖެއަށް ފިއްތަން ބޭނުންކުރާ 'ޓޫލެއް'ގެ ގޮތުގަ އެވެ.
ރާއްޖޭގެ ދަރަނި 100 ބިލިއަން ރުފިޔާއަށް ވުރެ ބޮޑެވެ. އޭގެ ތެރޭގައި ބޭރުގެ ދަރަނި ވެސް އެހާ މައްޗެވެ. މިހާތަނަށް އަހަރެއްގެ ތެރޭގައި ރާއްޖެއިން ދަރަންޏަށް އެއް ފަހަރާ އެންމެ ގިނަ އަދަދެއް ދައްކަން ޖެހޭނީ 2026ގަ އެވެ. ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވައި، ރައީސްކަމާ ހަވާލުވެވަޑައިގަންނަވާ ބޭފުޅަކަށް އޮންނާނެ އެންމެ ބޮޑު އެއް ބޮލުގެރިހުމަކަށް ވާނީ ވެސް އެ ދަރަންޏެވެ.
"އެންމެ ބޮޑަށް ކަންބޮޑުވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް މި ފަހަރު ހޮވިއްޖެއްޔާ ގޭންގްތައް ކޮންޓްރޯލްކުރާނެ ގޮތަކަށް ނޫން، މަސްތުވާތަކެތި މައްސަލަ ހައްލުކުރާނެ ގޮތެއް ނޫން. އެންމެ ކަންބޮޑުވަނީ ދަރަންޏާ ދޭތެރޭ،" އުމަރު ވިދާޅުވި އެވެ.
"އެއީ ގާތްގަނޑަކަށް 1 ބިލިއަން ޑޮލަރުގެ ދަރަންޏާ 2026ގައި ދިވެހިރާއްޖެ ބައްދަލުކުރާނެ. 900 މިލިއަން ޑޮލަރު ރިޕޭކުރަން ޖެހޭ."
އެހާ ހިސާބަށް ވާހަކަ ގެންދަވާފައި ދެން ބޭނުންކުރެއްވި މައުލޫމާތު ސައްހައެއް ނޫނެވެ. އެއީ އެ އަހަރު ރާއްޖެއިން ގިނަ ދަރަނި ދައްކަން ޖެހެނީ އިންޑިއާއަށް ކަމަށް ވިދާޅުވި ވާހަކަ އެވެ. ނަމަވެސް 2026ގައި ދައްކަން ޖެހެނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އަބޫ ދާބީ ފަންޑު ފޯ ޑިވެލޮޕްމަންޓް މެދުވެރިކޮށް 2017ގައި ނެގި 100 މިލިއަން ޑޮލަރާއި ކޮވިޑް-19އާ ގުޅިގެން ދައުލަތުގެ މާލީ ކަންކަން ހަމަޔަކަށް އަޅުވަން މި ސަރުކާރުން ސުކޫކް ވިއްކައިގެން 2021ގައި ނެގި 500 މިލިއަން ޑޮލަރެވެ. އެ ބޮންޑު ވިއްކީ އިންޑިއާގެ މާލީ އިދާރާތަކަކަށް ނޫނެވެ.
އިތުރަށް ކިޔާލަން: އަހަރަކު 150-300 މިލިއަން ޑޮލަރުގެ ދަރަނި ދެއްކޭނެ؛ އިންޓަރެސްޓް ބޮޑުވުމުގެ ނުރައްކާ ކުޑަ: ސަަރުކާރު
ރާއްޖެއިން 2026ގެ ދަރަނި ދެއްކުމާއި އިންޑިއާގެ ނުފޫޒާ ގުޅުވާލައްވަމުން އޭނާ ނެންގެވި އެއް ޕޮއިންޓަކީ އިންޑިއާ ސިފައިންގެ ވާހަކަ އެވެ.
"އިންޑިއާ ސިފައިން ދިވެހިރާއްޖޭގައި އެބަ ތިބި. އިންޑިއާގެ ވަރަށް ބޮޑު ނުފޫޒެއް އެބަ އޮތް މިހާރު. އެހެންވެ އެ ނުފޫޒުތަކުން އަޅުގަނޑުމެން އެއްކިބާވެ، އެ އެއްޗެހި ފޭކޮށްލާ ގަޑީގައި އެމީހުން ދަރަނި ބޭނުންކުރާނީ ޓޫލްއަކަށް،" އުމަރު ވިދާޅުވި އެވެ.
"އެއީ އަޅުގަނޑު އެންމެ ކަންބޮޑުވާ [އެއް] ކަމަކީ."
އިންޑިއާ ސިފައިންގެ ވާހަކަ އައުމުން އަޅުގަނޑު ދެންނެވި ސުވާލަކީ، އުމަރުގެ ވެރިކަމެއްގައި ޑިޕްލޮމަސީ ބޭނުންކޮށްގެން އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލެވިދާނެތޯ އެވެ.
"އަޅުގަނޑަށް ވަރަށް ބޮޑަށް ހީވޭ އެކަން ކުރެވިދާނެހެން. އަޅުގަނޑު ނުނަގާނަން މުގުރެއް ނެގޯޝިއޭޓްކޮށްގެން އެކަން ކުރެވެން އޮއްވަކާއެއް،" އުމަރު ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑު އިންޑިއާ ސަރުކާރާ ވަރަށް ގާތް ގުޅުން ވެސް ބާއްވާނަން. އެމީހުންނާ ނެގޯޝިއޭޓް ކުރާނަން އެކަން [އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭތިބުން] ނިމުމަކަށް ގެންނަން. ނެގޯޝިއޭޓްކޮށްގެން ނިމުމަކަށް ނުގެނެވިއްޖެއްޔާމު ބާރުގެ ބޭނުންކޮށްގެން ނަމަވެސް އެކަން ކުރާނަން."
އެ ވާހަކައާ ގުޅިގެން އުފެދެނީ މާ ބޮޑު ސުވާލެކެވެ. ރާއްޖެ ކަހަލަ ކުޑަކުޑަ ގައުމަކަށް އިންޑިއާ ކަހަލަ ދުނިޔޭގެ ބޮޑު ބާރަކާ ދެކޮޅަށް ބާރުގެ ބޭނުންކުރާނީ ކިހިނެއް ހެއްޔެވެ؟ އެ ސުވާލު އުމަރަށް ދެންނެވުމުން އޭނާގެ ޖަވާބު އައީ، ވަރަށް ސާދާ ގޮތަކަށެވެ.
"އެއީ މި ތަނަށް އައިސް ތިބި ސިފައިން، އެމީހުން ގެންގޮސް މަތިންދާބޯޓަކަށް ލާފައި ޑިޕޯޓްކުރުން، އެއީ އެކަމަކީ،" ބޭނުންކުރާނެ ބާރާ ބެހޭ ގޮތުން އުމަރު ވިދާޅުވި އެވެ.
"[އިންޑިއާ]ގެ ހެލިކޮޕްޓަރު ރޫޅާލައި، ފޮށިގަނޑަކަށް ލައި ބޯޓަކަށް ލައި، ފޮނުވާލުން."
ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު މި ސަރުކާރުން ހާމައެއްނުކުރެ އެވެ. އެކަމަކު ރާއްޖޭގައި ދުއްވާ އިންޑިއާގެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓް އޮޕަރޭޓްކުރަން އިންޑިއާ ސިފައިން ތިބެ އެވެ.
ސަރުކާރުން ބުނަނީ އިންޑިއާއާ އެކު ގާތް ގުޅުމެއް ބޭއްވުން، ރާއްޖޭގެ ރައްކާތެރިކަމަށް ވެސް މުހިންމު ކަމަށެވެ. ހާއްސަކޮށް އިންޑިއާ ކަނޑުގެ ސަލާމަތާއި ޓެރަރިޒަމްގެ ނުރައްކާތައް ހުއްޓުވުމުގަ އެވެ.
އެކަމަކު އުމަރު ކަހަލަ ސިޔާސީ ލީޑަރުން ގަބޫލުކުރައްވަނީ އިންޑިއާއާ އެކު ގާތް ގުޅުމެއް ބާއްވަން އިންޑިއާ ސިފައިން ރާއްޖޭގައި ތިބެން ނުޖެހޭނެ ކަމެވެ.
ކޮމެންޓް (1)
ސޯލިޙު