ފިނޭންސް މިނިސްޓަރު އަމީރު މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ފޮޓޯ މަޖިލީސް
އަހަރަކު 150-300 މިލިއަން ޑޮލަރުގެ ދަރަނި ދެއްކޭނެ؛ އިންޓަރެސްޓް ބޮޑުވުމުގެ ނުރައްކާ ކުޑަ: ސަރުކާރު
އަހަރެއްގެ ތެރޭގައި ބޭރުގެ ފަރާތްތަކަށް 150-300 މިލިއަން ޑޮލަރު (2.3-4.6 ބިލިއަން ރުފިޔާ)ގެ ދަރަނި ދެއްކޭނޭ ގާބިލްކަން ރާއްޖޭގައި އެބަހުރި ކަމަށާއި ދުނިޔޭގެ މާލީ ބާޒާރުގައި އިންޓަރެސްޓް ރޭޓްތައް މަތިކުރަމުން ދިޔަ ނަމަވެސް އޭގެ ނުރައްކާ ރާއްޖެއަށް ކުޑަ ކަމަށް ފިނޭންސް މިނިސްޓްރީއިން މިއަދު ރައްޔިތުންގެ މަޖިލީހުގައި ބުނެފި އެވެ.
ވީ ކިހިނެއް؟ - ރާއްޖޭގެ މާލީ ހާލަތާ ގުޅޭ ގޮތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފިނޭންސް މިނިސްޓްރީގެ ވެރިން ހާޒިރުކޮށް މިއަދު ބޭއްވި ބައްދަލުވުމުގައި، އެ މިނިސްޓްރީގެ ޑެޓް މެނޭޖްމަންޓް އެކްސްޕާޓް އަބްދުﷲ ހަސަން، ވިދާޅުވީ ކުރު މުއްދަތެއްގައި ބޭރުގެ ދަރަނި ދެއްކުމުގައި ރާއްޖެއަށް ދަތިތަކެއް ނެތް ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖެއިން ބޭރުގެ ފަރާތްތަކަށް މިހާރު ދައްކަން ޖެހެނީ އަހަރަކު 150-300 މިލިއަން ޑޮލަރު ކަމަށެވެ.
"އެއީ މެނޭޖް ކުރެވޭނެ އަދަދެއް. އެ އަދަދުތައް ދެއްކުމުގައި ދައްޗެއް ނެތް،" އަބްދުﷲ ވިދާޅުވި އެވެ.
ނަމަވެސް، އޭނާ ވިދާޅުވީ އަންނަ އަހަރަށް ފަހު ރާއްޖެއިން ބޮޑެތި އަދަދުތަކުން ދަރަނި ދައްކަން ޖެހޭނެ ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ:
-
2025 އަދި 2026ގައި އެއްފަހަރާ 100-500 މިލިއަން ޑޮލަރު (1.5-7.7 ބިލިއަން ރުފިޔާ) ދައްކަން ޖެހޭ
-
އެއިރަށް ވާއިރަށް ތައްޔާރުވާން ޖެހޭ އަދި ދަރަނި ދެއްކުމަށް މާލީ ބާޒާރާ ރަށްޓެހި ގޮތްތަކެއް ހޯދަން ޖެހޭ
ބުނީ ކީކޭ؟ - އަބްދުﷲ ވިދާޅުވި ގޮތުގައި މާލީ ބާޒާރަށް ގޮސް، ލިކިއުޑިޓީ މެނޭޖްމަންޓް ހަރަކާތެއްގެ ތެރެއިން އެ ދަރަނި މެނޭޖް ކުރެވޭނޭ ވަރުގެ ތަޖުރިބާ އާއި ގާބިލްކަން ފިނޭންސް މިނިސްޓްރީގައި އެބަހުރި ކަމަށެވެ. އެކަމުގެ ހެކި ދައްކަވަމުންް އޭނާ ވިދާޅުވީ 2022 ވަނަ އަހަރު ރާއްޖެއިން ދައްކަން ޖެހުނު 250 މިލިއަން ޑޮލަރު (3.9 ބިލިއަން ރުފިޔާ)ގެ 'ސަނީ ސައިޑް ބޮންޑް' މެނޭޖް ކުރީ ދުރާލާ މާލީ ބާޒާރަށް ގޮސްގެން، ފިނޭންސްގެ މުވައްޒަފުން ކުރި މަސައްކަތުން މާކެޓާ ރަށްޓެހި ގޮތަކަށް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، ކޮވިޑާ އެކު ޓޫރިޒަމް ހުއްޓި، އިގްތިސާދު އެކީ ދަށަށް ދިޔުމުގެ ސަބަބުން 2022ގައި ފައިސާ ދައްކަން ވެފައި އޮތް، ސަނީ ސައިޑް ބޮންޑަށް އަނބުރާ ދައްކަން ޖެހޭ އަދަދު ނުވަތަ ޔީލްޑް %26އަށް މަތިވެގެން ދިޔަ އެވެ. އެކަމުގެ ސަބަބުން ރާއްޖެއަށް ލޯނެއް ވެސް ލިބެން އޮތީ %26ގެ އިންޓަރެސްޓްގައި ކަމަށް އޭނާ ވިދާޅުވި އެވެ.
އަބްދުﷲ ވިދާޅުވީ އެ ދަނޑިވަޅުގައި ރާއްޖެއިން ޖެހުނީ އެއް އަހަރުގެ ތެރޭގައި ބޮންޑަށް ދައްކަން ޖެހޭ ފައިސާ ހޯދަން ކަމަށާއި، ނަމަވެސް އެ ދަތި ހާލަތް ވެސް ފިނޭންސުން، ބާޒާރާ ރަށްޓެހި ގޮތަކަށް މެނޭޖްކޮށް، ރާއްޖޭގެ ބޮންޑުގެ އިންޓަރެސްޓް %10.5އަށް ތިރިކުރި ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި، އެކަމުގެ ސަބަބުން އަހަރަކު ދަރަނީގެ ގޮތުގައި އިތުރަށް ދައްކަން ޖެހުނީ 7 މިލިއަން ޑޮލަރެވެ. އެ ބުރަ ނެގީ އިގްތިސާދު އަނބުރާ އިއާދަ ކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއީ ދުނިޔެއަށް ދިމާވި އެންމެ ބޮޑު އިގްތިސާދީ ހާލަތުގެ ވާހަކަ މި ދައްކަނީ. އޭރު އަޅުގަނޑުމެންނަށް ވުރެ މާ ރަނގަޅަށް ޕާފޯމްކުރި ސްރީ ލަންކާގެ ބޮންޑްތައް ވެސް. އެކަމަކު، އެ ބޭފުޅުން އެ ތިބީ މިއަދު ރީސްޓްރަކްޗާ ކުރަން ޖެހިފައި. އޭރު އަޅުގަނޑުމެން ވެސް ތިބީ އެފަދަ ހާލަތުގައި. ސްރީ ލަންކާއަށް ވެސް ދިމާވި ގޮތަކީ ބޮޑެތި ޕޭމަންޓްތަކެއް އެއް ފަހަރާ ދައްކަން ޖެހުނީމާ ރިޒާވްއަށް އެ ކުރި އަސަރު. އެކަމަކު އަޅުގަނޑުމެން ސްޓްރެޓަޖައިޒްކޮށްގެން އަޅުގަނޑުމެން މެނޭޖްކުރީ،" އަބްދުﷲ ވިދާޅުވި އެވެ.
މިވަގުތު ރާއްޖެއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ރީފައިނޭންސް ރިސްކް ކަމަށް އަބްދުﷲ ވިދާޅުވި އެވެ. ނަމަވެސް، ކުރީގެ ތަޖުރިބާއާ އެކު އެ ރިސްކް ނެގުމުގެ ގާބިލްކަން ފިނޭންސްގައި އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ކަމަށް މިހާރު ވެސް މި ދަނީ މަސައްކަތް ކުރަމުން. ރީސްޓްރަކްޗާ ނުކޮށް ބާޒާރާ ރަށްޓެހި ގޮތަކަށް އަޅުގަނޑުމެންނަށް މެނޭޖް ކުރެވޭނޭ ކަމުގެ ޔަގީންކަން އެބަ އޮތް،" އަބްދުﷲ ވިދާޅުވި އެވެ.
އިންޓަރެސްޓް ބޮޑުވުމުގެ އަސަރެއް ނުކުރާނެ
ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވަނީ ދުނިޔޭގެ މާލީ ބާޒާރުގައި އިންޓަރެސްޓް ރޭޓްތައް ބޮޑުވަމުން ދިޔުމުގެ ސަބަބުން އެކަމުން ރާއްޖޭގެ ދަރަނީގެ ހާލަތު އިތުރަށް ގޯސްވެދާނެތޯ ކޮމިޓީގައި ސުވާލު ކުރައްވައިފަ އެވެ.
އެ ސުވާލުގެ ޖަވާބުގައި އަބްދުﷲ ވިދާޅުވީ ރާއްޖޭގެ ޖުމްލަ ދަރަނީގެ އެވްރެޖް އިންޓަރެސްޓް ރޭޓް ހުރީ %4.2ގައި ކަމަށެވެ. އެގޮތުން:
-
ރާއްޖޭގެ ދަރަނީގެ %92 އަކީ ފިކްސްޑް ނޫނީ ބަދަލު ނުވާ އިންޓަރެސްޓް ރޭޓްގައި ހުރި ދަރަނި
-
އަނެއް %8 ދަރަންޏަކީ މާކެޓްގެ އަގާ އެކު ބަދަލުވާ އިންޓަރެސްޓްގައި ހުރި ދަރަނި
-
އިންޓަރެސްޓް ބޮޑުވަމުން ދަނީ %4ގައި
ނަމަވެސް، އެންމެ ގޯސް ހާލަތުގައި %5ގައި އިންޓަރެސްޓް ރޭޓް ބޮޑުވި ނަމަވެސް، ރާއްޖޭގެ ދަރަންޏަށް އިތުރުވާނީ އަހަރަކު 80 މިލިއަން ރުފިޔާ ކަމަށް ލަފާކުރެވޭ ކަމަށް އަބްދުﷲ ވިދާޅުވި އެވެ.
"އިންސިގިނިފިކެންޓް ރިސްކެއް [މާ ބޮޑު ރިސްކެއް ނޫން] ރާއްޖެއަށް އެއީ އިންޓަރެސްޓް ރޭޓް ބޮޑުވުމަކީ. ރާއްޖެއަށް އެންމެ ބޮޑު ރިސްކަކީ ރީފައިނޭންސްގެ ރިސްކް،" އަބްދުﷲ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ރީފައިނޭންސް ރިސްކް އޮތް ނަމަވެސް މެެދު ރާސްތާގައި ރާއްޖޭގެ ދަރަނީގެ އިންޓަރެސްޓް %4.2 އިން %3.2އަށް ކުޑަކުރެވޭނޭ ކަމަށެވެ. އަދި ރީފައިނޭންސް ރިސްކް ކުޑަކުރަން ރާއްޖެއަށް ޖާގަ އެބަ އޮތްކަން ވެސް އަބްދުﷲ ފާހަގަކުރެއްވި އެވެ.
'ބޮންޑްތަކުގެ ހާލަތު ރަނގަޅު'
ރާއްޖޭގެ ބޮންޑް މިވަގުތު ވެސް މާކެޓްގައި ހުރީ ރަނގަޅަށް ކަމަށް އަބްދުﷲ ވިދާޅުވި އެވެ. އެގޮތުން، އޭނާ ފާހަގަކުރެއްވި ގޮތުގައި:
-
ރާއްޖޭގެ ބޮންޑެއް 86 ޑޮލަރުގައި ގަންނަން ލިބޭއިރު 85 ޑޮލަރުގައި ބޮންޑް ވިއްކޭ
-
ކޮވިޑާ އެކު ރާއްޖޭގެ ބޮންޑް ޑޮލަރަކަށް 78 ސެންޓަށް ވެއްޓުނު
-
ބޮންޑުގެ ޔީލްޑް ނުވަތަ ސަރުކާރުން އިންވެސްޓަރުންނަށް އަނބުރާ ދައްކަން ޖެހޭ ފައިސާގެ ނިސްބަތް ހުުރީ %16
-
ރާއްޖެ ފަދަ އެހެން ގައުމުތަކާ އަޅާބަލާއިރު އެއީ ވަރަށް ރަނގަޅު މިންވަރެއް
"ޕާކިސްތާނު ކަހަލަ ގައުމުތަކުގެ ބޮންޑް ޔީލްޑް މި ހުންނަނީ %30 ނުވަތަ އެއަށް ވުރެ ވެސް މަތީގައި. އެހެން ވީމާ، އަޅުގަނޑުމެން އެހެން ގައުމުތަކާ ކޮމްޕެއާކުރާއިރު ރާއްޖޭގެ ބޮންޑް މި އުޅެނީ ހަމަ ރަނގަޅަށް ޕާފޯމް ކުރާ ހިސާބެއްގައި،" އަބްދުﷲ ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ކޮމިޓީގައި ވިދާޅުވީ ރާއްޖޭގެ މިހާރުގެ ސިޔާސަތަކީ މާލީ ބާޒާރުގައި ހަރަކާތްތެރިކޮށް މަސައްކަތް ކުރާ ގައުމެއްގެ ގޮތުގައި އޮތުން ކަމަށެވެ. އެކަމުގެ ސަބަބުން އިންވެސްޓަރުންނާ ގުޅުން ރަނގަޅުވެ، ބޭނުން ވަގުތުތަކުގައި ފައިސާ ހޯދުމަށް ރާއްޖެއަށް ފަސޭހަވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް، ރާއްޖެ ބަނގުރޫޓްވާ ކަމަށް ބުނެ، ހަގީގަތެއް ނެތް "ސްޕެކިއުލޭޝަންތައް" ބައެއް ޒިންމާދާރު މަގާމުތަކުގައި ތިބޭ ފަރާތްތަކުން ކުރުމަކީ މާލީ ބާޒާރުގައި ރާއްޖޭގެ ހާލަތަށް އަސަރު ކުރާ ކަމެއް ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.
މެދުރާސްތާގެ ފިސްކަލް ސްޓްރެޓެޖީ އަންގައިދޭ ބަޔާން، ދައުލަތުގެ ދަރަނީގެ ސްޓްރެޓެޖީ އަންގައިދޭ ބަޔާން އަދި 2023 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ކޭޝްފްލޯ ޕްލޭންއާ ގުޅޭގޮތުން މާލިއްޔަތު ކޮމިޓީ އިން މިނިސްޓްރީ އޮފް ފިނޭންސްގެ ބޭފުޅުންނާ ބައްދަލުކުރެއްވުން pic.twitter.com/z6L3t5xzvE
— People's Majlis (@mvpeoplesmajlis) March 29, 2023
ރާއްޖެ އޮތީ މާލީ ގޮތުން ވެސް އަދި އިގްތިސާދީ ގޮތުން ވެސް "ނުރައްކަލެއްގައި ނޫން"ކަން ފާހަގަކުރައްވައި އަމީރު ވަނީ އިގްތިސާދު އޮތް ގޮތް ތަފާސްހިސާބުތަކުން ވިދާޅުވެދެއްވައިފަ އެވެ. އެގޮތުން، އޭނާ ވިދާޅުވީ:
-
ކޮވިޑަށް ފަހު ރާއްޖޭގެ އިގްތިސާދު ވަނީ %42ގައި ކުރިއަރާފައި؛ މި އަހަރު ވެސް %7.6ގައި ކުރިއަރާނެ
-
ބަޖެޓްގައި ލަފާކުރީ އިންފްލޭޝަން %5.4ގައި ހުންނާނެ ކަމަށް؛ އަދި ހުރީ %3.9ގައި
-
ސަރުކާރާއި އަމިއްލަ ފަރާތްތަކުން ވެސް ވަޒީފާތައް އެބަ އިތުރުކުރޭ
-
މިދިޔަ އަހަރު ޖީޑީޕީގެ ނިސްބަތުން %150ގައި ހުރި ދަރަނި މިހާރު ވަނީ %96އަށް ތިރިކުރެވިފައި
-
ދައުލަތުން ދީފައިވާ ގެރެންޓީތައް ލައިގެން ވެސް ދަރަނި ހުރީ ޖީޑީޕީގެ %113ގައި
-
އާމްދަނީ ވެސް ލަފާކުރި ވަރަށް ވުރެ މާ ރަނގަޅު؛ ޓެކްސް އާމްދަނީ އަންދާޒާއަށް ވުރެ %30 އިތުރު
-
ހަރަދުތައް ވެސް އަންދާޒާކުރި ވަރުގައި އެބަ ހިފެހެއްޓޭ
'އިގްތިސާދީ ކާރިސާއަކަށް ދާނޭ ކަމަށް ނުބެލެވޭ'
ފިނޭންސްގެ ޗީފް ފައިނޭންޝަލް ބަޖެޓް އޮފިސަރު އަހުމަދު ސަރުވަސް ވިދާޅުވީ ރާއްޖޭގެ އިގްތިސާދަށް މިވަގުތު އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ތެލުގެ އަގު ބޮޑުވެ، ތަކެތީގެ އަގު ބޮޑުވުމުގެ ރިސްކު ކަމަށެވެ. އަދި ތެލުގެ އަގު ބޮޑުވެއްޖެ ނަމަ ސަބްސިޑީއަށް ކުރަން ޖެހޭ ހަރަދު ބޮޑުވުމުގެ ފުރުސަތު އޮންނާނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުވަސް ވިދާޅުވީ މިވަގުތު އިންފްލޭޝަންގެ ބިރު މުޅި ދުނިޔެއަށް އޮތް ނަމަވެސް އަދި މާލީ ބާޒާރަށް ގޮންޖެހުންތައް ހުރި ނަމަވެސް، އިގްތިސާދީ ކާރިސާއަކަށް ނުގޮސް ސަލާމަތްވާނޭ ކަމަށް މިހާރު ދުނިޔޭގެ މާލީ އިދާރާތަކުން ލަފާކޮށްފައިވާ ކަމަށެވެ. އަދި ދުނިޔޭގެ މަރުކަޒީ ބޭންކުތަކުން މިހާރު އަޅަމުން އަންނަ ފިޔަވަޅުތަކާ އެކު، މާލީ ބާޒާރުތައް ވެސް މި އަހަރު ހަމައަކަށް އެޅޭނޭ ކަމަށް އަންދާޒާ ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.