ރައްޔިތުންގެ މަޖިލިސް 2020 ވަނަ އަހަރަށް ހުޅުވަން ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ (ފައިލް ފޮޓޯ/ މަޖިލިސް)
މަޖިލިސް ހުއްޓުވުމުގައި ދެ ފަޅިން ވެސް ފެންނަނީ ގޯސްތައް
ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއްބާރު 'މަރުތަޅު އެޅުވިފައި' އޮންނަތާ މިހާރު ތިން ހަފްތާއެއްހާ ދުވަސް ވީ އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އިވާ އަބްދުﷲގެ މަގާމުން ވަކިކުރުމުގެ މައްސަލަ އެމްޑީޕީން އޮތީ ވައްދާފަ އެވެ. މިއީ މަޖިލީހުގެ ހަޔާތުގައި ވެސް ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެއްފަހަރާ ވެއްދި ފުރަތަމަ ފަހަރެވެ. ނަމަވެސް، ސިޔާސީ މި ބޮޑު ހައިޖާނުގަނޑުގެ ތެރެއިން މުޅި މަޖިލީހުގެ މަސައްކަތް އެކީ ކަހަލަ ގޮތަކަށް މިއޮތީ ހުއްޓުމަކަށް އައިސްފަ އެވެ.
މިފަދަ ކަމެއް ހިނގާފާނެ ކަމަށް ބަލައި، މަޖިލިހުގެ ގަވާއިދުގައި ވެސް އެ ހާލަތާ ބެހޭ މާ ބޮޑު ތަފްސީލުތަކެއް ނެތެވެ. ގާނޫނީ މި ބޮޑު މައްސަލަގަނޑު ތެރޭގައި ސަރުކާރާއި ސަރުކާރާ ދެކޮޅު މެންބަރުން އެބަޔަކަށް ފައިދާވާނެ ގޮތަކަށް ގަވާއިދު މާނަކުރަން ފުރުސަތު ލިބުނީ ވެސް އެހެންވެ އެވެ. އެކަމަކު މިއަދު އެމްޑީޕީ ޕީޖީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ހުށައެޅުއްވި އިސްލާހާ އެކު، މިހާރު މި އޮތް ހުއްޓުމަށް ހައްލެއް އައުން ކައިރި އެވެ.
މި މައްސަލަގަނޑުގެ ޓައިމްލައިން
11 މެއި: ބަންޑާރަނައިބު ވަކިކުރަން 13 މެމްބަރަކު ސޮއިކޮށް، މައްސަލަ ވެއްދި
15 މެއި: ނަޝީދު ފެކްޝަނުގެ މެމްބަރުންތަކެއް ކޮމިޓީތަކަކުން ބަދަލުކުރަން އެމްޑީޕީ ޕީޖީން ހުށަހެޅުމުން ނަޝީދު ދެކޮޅު ހެއްދެވި
16 މެއި: ބަންޑާރަނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އަލީ އާޒިމް އެމްޑީޕީން ވަކިކުރި
17 މެއި: އާޒިމްއަށް ފިޔަވަޅު އެޅުމުން ނަޝީދު ފެކްޝަނުގެ 12 މެމްބަރަކު އެމްޑީޕީން އަމިއްލައަށް ވަކިވެ, އާ ޕާޓީއެއް ހެދުމުގެ މަސައްކަތް ފެށި
18 މެއި: މަޖިލީހުގައި އެމްޑީޕީން ވަކިވި 12 މެމްބަރުންނަށް އެމްޑީޕީގެ ބަހުސް ވަގުތުން ވަގުތު ދޭތީ މެމްބަރުން ނުރުހުން ފާޅުކުރި
18 މެއި: ޖުމްލަ 13 މެންބަރުންގެ ސޮޔާ އެކު މިނިސްޓަރު ޝާހިދު މަގާމުން ވަކިކުރުމުގެ މައްސަލަ ހުށަހެޅި
21 މެއި: 'ދަ ޑިމޮކްރެޓްސް' އުފެއްދުމުގެ ހުއްދައަށް އިލެކްޝަންސް ކޮމިޝަންގައި އެދުނު. އަދި އެމްޑީޕީން ވަކިވި 12 މެމްބަރުން އެ ޕާޓީން ވަކިވިކަން މަޖިލީހަށް އެންގި
22 މެއި: އެމްޑީޕީން ވަކިވި މެންބަރުންނާ އެކު މަޖިލީހުގެ ކޮމްޕޮޒިޝަނަށް އައި ބަދަލު ރިޔާސަތުން އިއުލާންކޮށް، ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް ފެށި
23 މެއި: މަޖިލީހުގެ ނައިބު ރައީސް ކަމުން އީވާ އަބްދުالله ވަކިކުރަން 50 މެންބަރުންގެ ސޮޔާ އެކު ހުށަހެޅި
31 މެއި: އިތުބާރު ނެތްކަމުގެ މައްސަލައިގައި ބަންޑާރަނައިބު ލިޔުމުން މަޖިލީހަށް ޖަވާބު ދިނުމުން ހިޔާލު ތަފާތުވެ, މައްސަލަ މަޑުޖެހުނު
5 ޖޫން: ލިޔުމުން ދިން ޖަވާބު ހިފެހެއްޓުމުން, ބަންޑާރަނައިބު މަޖިލީހަށް ވަޑައިގެން ޖަވާބުދާރީވި. އެކަމަކު ޖަލްސާގެ ނިޒާމު ގެއްލި, ޖަލްސާ ހުއްޓާލި
5 ޖޫން: ކޮމިޓީތައް އެކުލަވާ ނުލެވި, ބަހުސްގެ ވަގުތު ކަނޑަނޭޅި އޮތުމުން، ޝާހިދުގެ މައްސަލަ އެޖެންޑާއިން ނެގި
6 ޖޫން: ބަންޑާރަނައިބުގެ އިމްތިޔާޒުގެ މައްސަލައެއް ހުށަހެޅިފައި އޮތުމުން، މަގާމުން ވަކިކުރުމުގެ މައްސަލަ ކުރިއަށް ނުގެންގޮސް މަޑުޖައްސާލަން ރިޔާސަތުން ނިންމި.
6 ޖޫން: ނަޝީދު، މަޖިލިސް ރައީސްކަމުން ވަކިކުރުމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީގެ ޕީޖީން ފާސްކުރި
7 ޖޫން: މަޖިލީހުގެ 54 މެންބަރުންގެ ސޮޔާ އެކު ނަޝީދު މަގާމުން ވަކިކުރަން ހުށަހެޅި
8 ޖޫން: ކޮމިޓީތައް އެކުލަވާލެވިފައި ނުވާތީ، ބަހުސްގެ ވަގުތު ކަނޑަނޭޅި އޮތުމުން އީވާގެ މައްސަލަ އެޖެންޑާއިން ނެގި
12 ޖޫން: އިތުބާރު ނެތް ކަމުގެ މައްސަލައިގައި ގޮތެއް ނިމެންދެން މަޖިލީހުގެ ރިޔާސަތުގައި ނީންނަވަން ނަޝީދު އުޒުރުވެރިވި
13 ޖޫން: މި މައްސަލަގަނޑުން ނުކުންނާނެ މަގެއް ހޯދަން މަޖިލިހުގެ ގަވާއިދު ބަދަލުކުރަން އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް މަޖިލިހަށް ހުށައެޅުއްވި
ނަޝީދު މިހާރު ވަނީ ރިޔާސަތު ދޫކުރައްވައިފަ އެވެ. މިއަދު އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ތާވަލްކޮށްފައި އޮތަސް ރިޔާސަތުގައި އިންނަވަން އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް، ނަޝީދު އިއްޔެ ވަނީ ސިޓީފުޅަކުން މަޖިލިހަށް އަންގަވައިފަ އެވެ. އެއާ އެކު މިއަދުގެ ޖަލްސާ ފެށުމުގެ ކުރިން އަމީން އާންމު ފާތުމަތު ނިޔުޝާ ވިދާޅުވީ، ރިޔާސަތުގައި އިންވަން ނަޝީދު ދެކޮޅުހައްދަވާތީ، ރިޔާސަތާ މެދު ގޮތެއް ނިންމުމުގެ ކުރިން މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
އެހެންކަމުން އެ އޮތީ ޖަލްސާ ހުއްޓިފަ އެވެ. ރިޔާސަތާ މެދު ގޮތެއް ނުނިންމުނެވެ.
މި މައްސަލަގަނޑު ފެށެން މެދުވެރިވި މައިގަނޑު އެއް ސަބަބަކީ، ނަޝީދަށް ތާއީދުކުރާ މަޖިލީހުގެ 13 މެމްބަރުން އެމްޑީޕީން ވަކިވުމާ އެކު، މަޖިލީހުގެ ކޮމްޕޮޒިޝަނަށް އައި ބަދަލެވެ. އެ ބަދަލާ އެކު މަޖިލީހުގެ ކޮމިޓީތައް އަލުން އެކުލަވާލަން ޖެހުމެެވެ. ވަކިވި މެންބަރުންގެ ތެރޭގައި މުހިންމު ކޮމިޓީތަކެއްގެ މުގައްރިރުން ވެސް ހިމެނެ އެވެ. އެމީހުން ވަކިވިއިރު ވެސް، ކޮމިޓީތަކަށް ބަދަލު ގެންނަން އެމްޑީޕީގެ ޕީޖީން އޮތީ އެދިފަ އެވެ.
ކޮމިޓީތައް އެކުލަވާނުލާ އޮތުމުން ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް އޮތީ މަޑުއްޖައްސާލައިފަ އެވެ.
ރިއްފަތުގެ މައްސަލަ ޕާކްކޮށްލުން ގަވައިދާ ހިލާފު؟
ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ލިއުމުން ދެއްވި ޖަވާބު މަޖިލިހުގެ ރިޔާސަތުން ބަލައިނުގަތުމުން، ރިއްފަތު ނިންމެވީ މަޖިލިހަށް ވަޑައިގެން ޖަވާބުދާރީވެވަޑައިގަންނަވާށެވެ. އެގޮތުން އޭނާ މަޖިލިހަށް ވަޑައިގަތެވެ.
ނަމަވެސް މަޖިލިސް ތެރޭގައި އިދިކޮޅުން އުފެއްދި ހައިޖާނުގަނޑުގައި، އެމްޑީޕީގެ މެމްބަރުންނާއި އިދިކޮޅު މެމްބަރުންގެ ޒުވާބުތަކުން، ރިއްފަތުގެ މައްސަލަ ކުރިއަށް ގެންދަން ހުރަސްއެޅުނެވެ.
-
އިތުރަށް ކިޔާލަން: އޭޖީ މައްސަލާގައި ގޮތެއް ނުނިމުނު؛ ނަޝީދު ބޭނުންވަނީ ކޯޓުގެ ލަފާ
އިދިކޮޅުން އެގޮތަށް ބޭނުންވީ ރިއްފަތު މަގާމުން ވަކިކުރަން ބޭނުންވާ އަދަދަށް ވޯޓު ހަމަނުވާނެ ކަން އެނގޭތީ އެވެ. އެމްޑީޕީގެ މެންބަރުންތަކެއް އެއްފަހަރާ ވަކިވެ، ކުރިން އޮތް ސުޕަ މެޖޯރިޓީ ގެއްލުނު ނަމަވެސް، 55 މެންބަރުންނާ އެކު އަދިވެސް ސާފު އަގުލަބިއްޔަތެއް އޮތީ އެ ޕާޓީއަށެވެ.
ރިއްފަތު މަޖިލީހަށް ހާޒިރުވެވަޑައިގެންނެވި ދެ ވަނަ ދުވަހު އިދިކޮޅުން ހުށަހެޅީ އޭނާއާ ގުޅޭ އިމްތިޔާޒުގެ މައްސަލައެކެވެ. ނަމަވެސް އެ މައްސަލަ ވޯޓަށް އެހުމުން ތާއީދު ނުލިބު ބޭރުކޮށްލި އެވެ. އެ ހުށައެޅުމުގައި މަޖިިލިހުގައި ބަހުސް ނުކޮށް ސީދާ އާންމު ކޮމިޓީއަށް ފޮނުވާ ގޮތަށް ވެސް އޮތުމުން، ރިޔާސަތުން ނަޝީދު ނިންމެވީ ކޮމިޓީއަށް ފޮނުއްވާށެވެ. އަދި ރިއްފަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޑުޖައްސާލުމަށެވެ.
ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގައި ބުނަނީ އިމްތިޔާޒުގެ މައްސަލައެއް ހުށައަޅައިފި ނަމަ އިސްކަން ދޭންވާނީ އެ މައްސަލަ ނިންމުމަށް ކަމަށެވެ. ނަމަވެސް ރިއްފަތުގެ މައްސަލަ މަޑުޖައްސާލީ ގަވާއިދާ ހިލާފަށް ކަމަށް، ގާނޫނީ ބައެއް ފަރާތްތަކުން ދެކެ އެވެ. ރިއްފަތާ ދެކޮޅަށް ސޮއިކުރެއްވި އެމްއެންޕީގެ ނައިބު ރައީސް އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވެސް އެގޮތަށް އެއްބަސްވެވަޑައިގަނެ އެވެ.
"އިމްތިޔާޒުގެ މައްސަލަ އޮތުމުން، ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ގަވައިދުގައި ނެތް. ގަވައިދުގައި މިހާރު އޮތް އެއްޗަކަށް ބަލާފައި އަޅުގަނޑުގެ ޕާސަނަލް އޮޕީނިއަންއަކީ، ރިއްފަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދަން ޖެހޭނެ،" ސިޔާސީ ގޮތުން ހިޔާލުތަފާތު ވިޔަސް، އަބަދުވެސް އުސޫލުތައް ހިފަހައްޓަވާ މަޖިލީހުގެ މަދު މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އުޝާމް ވިދާޅުވި އެވެ.
ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލްކަން ވެސް ކުރެއްވި އުޝާމް ދެކެވަޑައިގަންނަވާ ގޮތުގައި ކޮމިޓީއަށް އިމްތިޔާޒުގެ މައްސަލަ ހުށަހެޅުމަކީ، އިތުބާރު ނެތްކަމުގެ މައްސަލަ މަޑުޖައްސާލަން ޖެހޭ ސަބަބެއް ނޫނެވެ.
އެކަމަކު ގާނޫނީ ވަކީލު އަދި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިންގެ ހިޔާލު ތަފާތެވެ.
"އަޅުގަނޑު ގަބޫލެއް ނުކުރަން ކޮމިޓީން [އިމްތިޔާޒުގެ] މައްސަލަ ނުބަލައި، ބަންޑާރަނައިބުގެ މައްސަލަ އިތުރަށް އެޖެންޑާ ކުރެވޭނެ ކަމަށް. އިމްތިޔާޒުގެ މައްސަލަ ބަލައިގެން ކުރިއަށް ގެންދެވޭނީ،" ނޫސްވެރިންގެ ބައްދަލުވުމެއްގައި 'ދައުރު'ން ކުރި ސުވާލުގެ ޖަވާބުގައި އަލީ ހުސައިން ވިދާޅުވި އެވެ.
ކޮމިޓީތައް އެކުލަވާނުލެވި އޮތުމުން، ރިއްފަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އާއި އޭނާއާ ގުޅޭ އިމްތިޔާޒުގެ މައްސަލަ ވެސް އެ އޮތީ ޕާކްވެފައި/ޕާކްކޮށްފަ އެވެ. ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީ މެމްބަރުން މަޖިލީހަށް ހުށަހަޅަން ޖެހުނު މައިގަނޑު ސަބަބަކީ ވެސް އެއީ އެވެ.
ކޮމިޓީތައް އެކުލަވާލަން އެެއްވެސް ބަޔަކު ތިބީ ދޫދޭ ގޮތަކަށް ނޫން
ކޮމިޓީންތައް އެކުލަވާނުލެވުމުގައި ދެ ފަރާތުން ވެސް ގެންދަނީ އެއް ބަޔަކު އަނެއް ބަޔަކު ގޯސްކުރަމުންނެވެ. މަޖިލީހުން ބުނަނީ ޕާޓީތަކުގެ ލީޑަރުންގެ މެދުގައި އަދިވެސް އެއްބަސްވުމަކަށް ނާދެވޭ ކަމަށެވެ.
ކޮމިޓީތަކަށް ގެންނަ ބަދަލުތައް ފާސްކުރުމާ ގުޅޭ ގޮތުން ވޯޓަށް އަހަން މިދިޔަ މަހުގެ 23ގައި ބޭއްވި ޖަލްސާއަށް ތައްޔާރުވެފައި ވަނިކޮށް، އެ ވޯޓު ފަސްކުރީ އަސްލަމްގެ އެދިވަޑައިގަތުމަށް ކަމަށް މަޖިލީހުން ބުނެ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެއްބަސް ނުވެވުނީ، އެމްޑީޕީއަށް މެޖޯރިޓީ ގެއްލޭ ގޮތަށް ކޮމިޓީތައް އެކުލަވާލާފައި އޮތުމުންނެވެ.
"އެމްޑީޕީއަކީ މަޖިލީހުގެ މެޖޯރިޓީ ޕާޓީ. އަޅުގަނޑުމެންނަށް މެޖޯރިޓީ ގެއްލޭ ގޮތަށް އެއްވެސް ކޮމިޓީއެއް އޮވެގެން ވާނެ ކަމަކަށް އެމްޑީޕީގެ ޕީޖީން ގަބޫލެއްނުކުރޭ. އެ ދުވަހު ރިޔާސަތުން ހުށަހަޅަން އުޅުނު ބަދަލުތަކުގައި އޮތީ އަޅުގަނޑުމެންނަށް ބައެއް ކޮމިޓީތަކުން މެޖޯރިޓީ ގެއްލޭ ގޮތަށް،" އަސްލަމް ވިދާޅުވި އެވެ.
ނަމަވެސް ސަރުކާރާ ދެކޮޅު މެންބަރުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އެ ހުށަހެޅުންތަކުގައި އޮތީ އެމްޑީޕީއަށް މެޖޯރިޓީ ލިބޭ ގޮތަށް ކަމަށެވެ. އޭރު އެ ވޯޓު ލަސްކުރަން ބޭނުންވީ، ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލްމުހްސިން ހަމީދު، އެމްޑީޕީއާ ގުޅިވަޑައިގަންނަވަން އުޅުއްވާތީ، އެ ކޮމްޕްޒިޝަންއާ އެކު ވޯޓަށް އަހަން ކަމަށް އިދިކޮޅުން ތުހުމަތުކުރެ އެވެ.
"ވޯޓަށް އަހަން ތައްޔާރުވެފައި އޮތް ޓޭބަލަށް ބަލާއިރު ކޮންމެ ކޮމިޓީއެއްގެ %53، %58 އެމްޑީޕީއަށް ލިބިފައި އޮތީ. އެހެން ނަމަވެސް، އެ ބޭފުޅުން އޭރުގައި އެ ގޮތް ކުރިއަށް ގެންދާކަށް ބޭނުމެއް ނުވި. އަޅުގަނޑަކަށް ނޭނގޭ ކީއްވެގެން ކަމެއް،" އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ކުރީގެ ލީޑަރު އަދި މިހާރު ނަޝީދުގެ ފެކްޝަނުން އުފައްދަން އުޅޭ ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވެވަޑައިގަންނަވާ އަލީ އާޒިމް ވިދާޅުވި އެވެ.
މަޖިލީހުގައި ޕާޓީތައް ތަމްސީލުކުރާ ނިސްބަތަށް ބަލައިގެން ކޮމިޓީތަކުގެ ސްލޮޓުތައް ބަހަން ގަވާއިދުގައި ބަޔާނެއް ނުކުރެ އެވެ. އެކަން އޮންނަނީ ޕާޓީތަކުގެ ޕާލިމެންޓްރީ ގްރޫޕުތަކުގެ ލީޑަރުންނަށް އެއްބަސްވެވޭ ގޮތަކަށް ކޮމިޓީތައް އެކުލަވާލަން ދޫކޮށްލައިފަ އެވެ.
އެމްޑީޕީގެ މެމްބަރުން ވިދާޅުވަނީ ކޮމިޓީތައް އެކުލަވާލުން ލަސްކޮށްގެން އުޅެނީ ނަޝީދު އިސްވެ އުފައްދާ ޑިމޮކްރެޓްސް ޕާޓީ ރަޖިސްޓްރީ ވަންދެން ކަމަށެވެ.
މިހާރު ހުރި ކޮމިޓީތަކުގެ ބައްދަލުވުންތައް ނުބޭއްވޭނެތަ؟
އެމްޑީޕީގެ ޕީޖީ ގްރޫޕުން ދެކޭ ގޮތުގައި ކޮމިޓީތައް އެކުލަވާލަން އެއްބަސް ނުވެގެން ކަމަށް ބުނެ، ކޮމިޓީތަކުގެ މަސައްކަތް ހުއްޓުވައެއް ނުލެވޭނެ އެވެ.
"ވަކިވި މެންބަރުންނާ ނުލާ ވެސް ކޮމިޓީތައް ހިނގަން ޖެހޭ. އެ ގޮތަށް [ހުއްޓުވާފައި] ނުބޭއްވޭނެ. ގަވައިދު އޮތީ ވަކި މީހަކު ބޭނުންވީމާ މުޅި މަޖިލިސް ހިސޯރުކުރާ ގޮތަކަށް ނޫން،" އަސްލަމް ވިދާޅުވި އެވެ.
ކޮމިޓީތަކުގެ ބައްދަލުވުން ބާއްވަން ޖެހޭ ކަމަށް އެމްޑީޕީން ދިފާއުއަކަށް ނަގަނީ، ގަވައިދުގެ 106 ވަނަ މާއްދާ (ހ) އެވެ. އެ މާއްދާގައި ބުނަނީ، ދާއިމީ ކޮމިޓީތަކަކީ، އަބަދުވެސް ދެމިއޮންނަ، އަދި ވަކި މަސްއޫލިއްޔަތުތަކެއް ހަވާލުކުރެވިގެންވާ ކޮމިޓީތަކެއް ކަމަށެވެ.
ސަރުކާރާ ދެކޮޅު މެންބަރުން ބުނާ ގޮތުން ކޮމިޓީތަކެއް ނޫވެ އެވެ. ދިމާވެގެން މިއުޅެނީ ކޮމިޓީތަކުން ވަކިވި މެންބަރުން އަލުން ކޮމިޓީތަކަށް އައްޔަންކުރުމުގެ މައްސަލައެކެވެ.
"މަޖިލިސް ގަވައިދުގައި އެބަ ބުނޭ، ކޮންމެ މެންބަރަކު ވެސް ކޮންމެވެސް ކޮމިޓީއެއްގައި އިންނަން ވާނެއޭ. އެހެންވީމަ، އެ 13 މެންބަރުން ވެސް [އެމްޑީޕީން ވަކިވި) ކޮންމެވެސް ކޮމިޓީއަކަށް ހަމަޖައްސަން ޖެހޭ. ހަމަނުޖައްސާ ކޮމިޓީ ބޭއްވޭނެ ކަމަކަށް ނުދެކެން،" އުޝާމް ވިދާޅުވި އެވެ.
ރިޔާސަތާ މެދު އުފެދުނު ބަހުސް
ނަޝީދާއި ނައިބު ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި އޮތުމުން، އެ ބޭފުޅުންނަށް ދެން ރިޔާސަތުގައި ނީންނެވޭނެ ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަަރު އަސްލަމް ދެކެވަޑައިގަންނަވަ އެވެ. މަޖިލީހުގެ އިދާރާގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ދެ ވާހަކައެއް ދެއްކެވި އެވެ. އެއް ވާހަކައަކީ، ނަޝީދަށް މަޖިލީހުގެ ރިޔާސަތުގައި ނީންނެވޭނެ ކަމަށް އުފެއްދެވި ބަހުސް އެވެ. އަދި އީވާގެ މައްސަލައިގައި ގޮތެއް ނުނިމި، އިތުރު މަސައްކަތެއް ދެން ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވި ވާހަކަ އެވެ.
"މަޖިލިސް ގަވައިދުގެ 205 ވަނަ މާއްދާގެ (ރ) ރަނގަޅަށް ބައްލަވާލައްވާ. ވަރަށް ސާފުކޮށް ކަޅާއި ހުދުން ލިޔެފައި އޮތީ، އެފަދަ މައްސަލައެއް [ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް] ހުށަހެޅި ނޯޓިސް ހަމަވުމުން ދެން މަޖިލީހުގެ އެއްވެސް ކަމެއް ކުރެވޭނީ އެކަން [އިތުބާރު ނެތްކަމުގެ މައްސަލަ] ނިންމުމަށް ފަހު،" އަސްލަމް ވިދާޅުވި އެވެ.
ނަމަވެސް އެދުވަހު އެ މާއްދާގައި އޮތް އެއްޗެއް އޭނާ ވިދާޅުވީ އޮޅުވާލައްވައިގެންނެވެ. ނުވަތަ ބޭނުންވާ ގޮތަކަށް މާނަކުރެއްވީ އެވެ.
މަޖިލީހުގެ ގަވައިދުގެ 205 މާއްދާގެ (ރ)ގައި ބުނަނީ:
-
އިތުބާރު ނެތްކަމުގެ މައްސަލައެއްގައި މަޖިލީހުގެ ރައީސް/ނައިބު ރައީސަށް ދޭ ނޯޓިސްގެ މުއްދަތު ހަމަވެގެން، މަގާމުން ވަކިކުރުމުގެ ގަރާރެއް 'މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުމަށް ފަހު،' އެ ވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާ މެދު ބަހުސްކުރެވޭނީ، ނުވަތަ ގޮތެއް ނިންމަންވާނީ، މަގާމުން ވަކިކުރުމުގެ މައްސަލައިގައި ގޮތެއް ނިންމުމަށް ފަހު
އީވާއަށް ދިން 14 ދުވަހުގެ ނޯޓިސް ވަނީ މިދިއަ އާދިއްތަދުވަހަށް ހަމަވެފަ އެވެ. ނަމަވެސް އާންމު ކޮމިޓީން ބަހުސްގެ ވަގުތު ކަނޑަނާޅާ އޮތުމުން، އެ މައްސަލަ ޖަލްސާއަށް ހުށައެއްނާޅަ އެވެ. އެހެންކަމުން މަޖިލީހުގެ ޖަލްސާގެ އެހެން މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ގަވައިދު ހުރަހެއްނާޅަ އެވެ. މިދިޔަ ހޮނިހިރު ދުވަހު މަޖިލިހުގެ އަމީންއާންމު ފާތުމަތު ނިޔުޝާ އަސްލަމްއަށް ފޮނުއްވި ސިޓީގައި ވެސް އެކަން ފާހަގަކުރެއްވި އެވެ.
ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޑުޖައްސާލީ ގަވައިދާ ހިލާފަށް ކަމަށް އެއްބަސްވެވަޑައިގެންނެވި އުޝާމް ވެސް ނިޔުޝާގެ އެ ރައުޔަށް ތާއީދުކުރެއްވި އެވެ.
"މަޖިލިސް ގަވައިދުގައި ވަރަށް ސާފުކޮށް އެބަ ބުނޭ، ނޯޓިސް ހަމަވެގެން އެ ގަރާރު މަޖިލީހަށް ހުށަހެޅުމަށް ފަހުއޭ، އިތުރު މަސައްކަތެއް ކުރެވޭނީ. އަދި ގަރާރު ހުށަނާޅާ އޮތުމުން، މަސައްކަތްތައް ކުރިއަށް ގެންދެވޭނެ،" އުޝާމް ވިދާޅުވި އެވެ.
އަސްލަމް ދެން އުފެއްދެވީ ނަޝީދަށް ރިޔާސަތުގައި ނީންނެވޭނެ ކަމުގެ ބަހުސް އެވެ. ގަވައިދުގެ ވަކި މާއްދާއަކަށް ހަވާލާ ނުދެއްވި ނަމަވެސް އަސްލަމް ވިދާޅުވީ ނަޝީދުގެ އިތުބާރު ނެތް ކަމަށް ބޮޑު އަގުލަބިއްޔަތެއް ސޮއިކޮށް ހުށަހެޅުމުން އާންމު އުސޫލުން، ރީތި ގޮތަކީ އަމިއްލައަށް އިތުބާރު ނެތްކަން ގަބޫލުކުރެއްވުން ކަމަށެވެ.
"އުސޫލެއްގެ ގޮތުުން ހޯމަދުވަހު ޖަލްސާއެއް ބާއްވައިގެން [އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިޔުން ފިޔަވައި ޖަލްސާގައި] އިތުރަށް ކުރެވޭނެ ކަމެއް ނެތް،" އަސްލަމް ވިދާޅުވި އެވެ.
މަރުތަޅެއްގައި އޮތުމުން ފައިދާ ބޮޑީ ކޮން ބަޔަކަށް؟
ކުރުކޮށް ބުނާ ނަމަ، މިކަމުގައި ދެ ފަރާތަށް ވެސް ސިޔާސީ ފައިދާ އެބަ އޮތެވެ؛ އެމްޑީޕީން ބުނަނީ ނަޝީދާއި އީވާ ބޭނުންވަނީ، އިތުބާރު ނެތަސް މަގާމުގައި ދެމިތިއްބެވުމަށް ކަމަށެވެ. އެއީ ރައްޔިތުންނަށް ފައިދާވާނެ އެތައް ކަމެއް ކުރުން މަޖިލިސް ތެެރެއިން ހުއްޓުވާށެވެ. ނަމަވެސް ސަރުކާރާ ދެކޮޅު މެންބަރުން ބުނަނީ މިކަމުގައި ފައިދާ ބޮޑީ ސަރުކާރަށް ކަމަށެވެ. އެއީ، މަޖިލީހުގައި އިދިކޮޅު އަޑު ކަނޑުވާލުމުގެ ބޭނުމުގައި ކުރި ކަމެއްގެ ގޮތަށް ވެސް އިދިކޮޅުން ސިފަކުރެ އެވެ.
އަންނަ ހަފްތާ ނިމުމާ އެކު މަޖިލިސް ޗުއްޓީއަށް ދާނެ އެވެ. ދެން ޖަލްސާތައް ފެށޭނީ، 15 އޮގަސްޓްގަ އެވެ. އޭރު އިންތިހާބަށް އޮންނާނީ ޖުމްލަ މަހެއްހާ ދުވަހެވެ. މިހާރުން މިހާރަށް ނަޝީދާއި އީވާ ވަކިކުރަން އެމްޑީޕީން ބޭނުންވަނީ އެކަން ނުކޮށްފި ނަމަ އިންތިހާބާ ކައިރިވާ ވަރަކަށް އޭގެ ގެއްލުން ބޮޑުވާނެތީ އެވެ.
މިހާރު ހުށައަޅާފައި އޮތް އިތުބާރު ނެތްކަމުގެ މައްސަލަތައް ކާމިޔާބުކުރެވޭ ވަރުގެ ވޯޓެއް އިދިކޮޅަށް ވެސް އަދި ނަޝީދުގެ ފަޅިއަށް ވެސް ލިބިފައެއް ނުވެ އެވެ. އެހެންކަމުން މިހާރު ނަޝީދާއި އިދިކޮޅުން އެކައްޗެއް ކިޔައިގެން މި އުޅެނީ މަޖިލިހުގެ ހުރިހާ ކަމެއް ލަސްކުރަން ކަމަށް ބެލެވެ އެވެ.
ނަޝީދު އިސްވެ ހުންނަވައިގެން އުފައްދާ ޕާޓީގައި ހަރަކާތްތެރިވާ ބައެއް މެންބަރުންނަކީ ބައެއް ކޮމިޓީތަކުގެ މުގައްރިރުންނެވެ. އަލުން ކޮމިޓީތައް އެކުލަވާލައިފި ނަމަ، އެ ކޮމިޓީތަކުން އެ ބޭފުޅުންނަށް މެޖޯރިޓީ އާއި މުގައްރިރުކަން ވެސް ގެއްލޭނެ އެވެ. ޕާޓީ ރަޖިސްޓްރީ ވަންދެން، އެ މެންބަރުން ތިއްބަވާނީ އަމިއްލަ މެންބަރުންގެެ ގޮތުގަ އެވެ. އެހެންކަމުން ކޮމިޓީ ބަހާއިރާއި ބަހުސްގެ ވަގުތު ކަނޑައަޅާއިރު، އެ މެންބަރުންނަށް އޮންނާނީ ހަނި ފުރުސަތުތަކެކެވެ. ޕާޓީ ރަޖިސްޓްރީވުމާ އެކު ޕާޓީގެ ސްލޮޓްތަކުގައި ކޮމިޓީތަކުން އިތުރު ޖާގަ ލިބޭނެ އެވެ. ބަހުސްކުރަން ވެސް އިތުރު ވަގުތު ލިބޭނެ އެވެ. ޕާޓީ ރަޖިސްޓްރީވެގެން ކޮމިޓީތައް އެކުލަވާލުމަކީ ޑިމޮކްރެޓުންނަށް ވެސް ލިބޭނެ ފައިދާއެކެވެ.
މި މައްސަލަގަނޑު ނިއުޅިގެން އައި ގޮތަށް ބަލާއިރު، އެއް ކަމެއް ވަރަށް ސާފެވެ؛ އެއްވެސް ބައެއްގެ އިހުލާސްތެރިކަމެއް ނެތުމެވެ. އިހުލާސްތެރިކަން ހުރި ނަމަ، ކޮމިޓީތައް އެކުލަވާލުމުގައި ދެ ފަރާތުން ވެސް ދޫދީ، މައްސަލަތައް ކުރިއަށް ގެންދިޔުމަށް ޖާގަ ދޭނެ އެވެ.
އެމްޑީޕީގެ އިސް ދެ ލީޑަރުންގެ ދެމެދުގައި އޮތް ވާދަވެރިކަމުގެ ތެރެއިން، މަޖިލިސް ހުއްޓުވުމުގައި ދެބައި މީހުންގެ ބައިވެރިވުން ވެސް އެބަ އޮތެވެ. ދައުލަތުގެ ތިން ބާރުން އެއް ބާރު މިވަނީ ހަމަ ގަސްތުގައި ހުއްޓުވާލައިފަ އެވެ.