މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަދައްކަވަނީ. (ފޮޓޯ/މަޖިލީސް)

އޭޖީގެ މައްސަލާގައި ލީޑަރުންނަށް ގޮތެއް ނުނިންމުނު؛ ނަޝީދު ބޭނުންވަނީ ސުޕްރީމް ކޯޓުގެ ލަފައެއް

ނަޝީދު ވިދާޅުވީ، އޭޖީގެ އިތުބާރު ނެތްކަމުގެ މައްސަލަ އޭނާ މަޖިލީހަށް ހާޒިރުނުވެ ކުރިއަށްގެންދެވޭނެ ކަމަށް، މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީ ފިޔަވައި ދެން އެއްވެސް ޕާޓީއަކަށް އެއްބަސްނުވެވޭ ކަމަށް

އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގައި ޖަވާބުދާރީވުމަށް އޭނާ މިއަދުގެ ޖަލްސާއަށް ހާޒިރުނުވުމުން އެ އިދާރާއިން ކަންތައް ކުރާނެ ގޮތަކާ މެދު ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް ގޮތެއް ނުނިންމުމުން ދެން ޖެހޭނީ ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯދަން ކަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މައްސަލަ މަޑުޖައްސާލައްވައިފި އެވެ.

އެނގުން މުހިއްމު - ޗާގޯސް މައްސަލައިގައި ސަރުކާރުގެ ނިންމުންތަކާ ވިދިގެން ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނީ އިދިކޮޅު ޕީޕީއެމް-ޕީއެންސީ އާއި އެމްއެންޕީ އާއި ޖުމްހޫރީ ޕާޓީ އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ 'ފިކުރެއްގެ ދިރުން' ފެކްޝަނަށް ނިސްބަތްވާ 13 މެންބަރުންގެ ސޮޔާ އެކު އެވެ.

ވީ ކިހިނެއް؟- އެ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާކުރިއިރު، އޭޖީ ނިންމެވީ މަޖިލީހަށް ހާޒިރުނުވެ، ލިޔުމުން ޖަވާބުދާރީވެވަޑައިގެންނެވުމަށެވެ. އޭޖީ މަޖިލީހަށް ހާޒިރުނުވެ ޖަވާބުދާރީވާނެ ގޮތަކާ މެދު މަޖިލީހުގެ އާއްމު ކޮމިޓީން ގޮތެއް ނިންމާފައި ނުވާތީ އެ ކަމުގެ ސަބަބުން އިދާރީ މައްސަލައެއް އުފެދިފައިވާ ކަމަށް ބުނެ ސިޔާސީ ލީޑަރުންގެ މެދުގައި މަޝްވަރާކުރުމަށް ރިޔާސަތުން ޖަލްސާ މެދުކަނޑާލީ އެވެ.

ބުނީ ކީކޭ؟ - ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ އެކު ކުރެއްވި މަޝްވަރާތަކަށް ފަހު ޖަލްސާ އަލުން ފައްޓަވައި ވާހަކަދައްކަވަމުން، ރިޔާސަތުގައި އިންނެވި ނަޝީދު ވިދާޅުވީ އެ މަޝްވަރާތަކުން އެއްވެސް ނަތީޖާއެއް ނުނުކުންނަ ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ، އޭޖީގެ އިތުބާރު ނެތްކަމުގެ މައްސަލަ އޭނާ މަޖިލީހަށް ހާޒިރުނުވެ ކުރިއަށްގެންދެވޭނެ ކަމަށް، މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީ ފިޔަވައި ދެން އެއްވެސް ޕާޓީއަކަށް އެއްބަސްނުވެވޭ ކަމަށެވެ.

"ގާނޫނުއަސާސީގައި ބަންޑާރަ ނައިބަށާއި ވަޒީރު ބޭފުޅުންނަށް ލިބިދީފައިވާ ހައްގަކީ، ޕީޕީއެމް، ޕީއެންސީ، އެމްއެންޕީން ބުނާ ގޮތުގައި ކިތާބީ ހެއްކާ އެކުގައި، ޑޮކިއުމެންޓްރީ އެވިޑެންސާ އެކުގައި މި ތަނުގައި ޖަވާބުދާރީވެވަޑައިގަތުމޭ،" ނަޝީދު ވިދާޅުވި އެވެ.

އެކަން ފާހަގަކުރައްވަމުން އެ މަނިކުފާނު ވަނީ މީގެ ކުރިން މަޖިލީހުގައި ކުރިއަށްގެންދިޔަ އިތުބާރު ނެތް ކަމުގެ މައްސަލަތަކަށް އަލިއަޅުވާލައްވާ ފައެވެ. އެގޮތުން:

  • 2009ގައި، އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ހާރިޖީ ވަޒީރު ޑރ. އަހްމަދު ޝަހީދުގެ އިތުބާރު  ނެތް ކަމުގެ މައްސަލަ - އޭނާ ޖަވާބުދާރީވެވަޑައިގެންނެވީ މަޖިލީހަށް ހާޒިރުވެ ހުންނަވައިގެން

  • 2013 ވަނަ އަހަރު އޭރުގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރުގެ އިތުބާރު ނެތް ކަމުގެ މައްސަލަ - އޭނާ އެއްވެސް ގޮތަކަށް ޖަވާބުދާރީވެވަޑައެއް ނުގަނަނަވާ އަދި ފަހު ވަގުތު ވިދާޅުވީ އާލާސްކަންފުޅާ އުޅުއްވާ ކަމަށް

  • 2015 ވަނަ އަހަރު، އޭރުގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ - ޖަމީލް ސޮއިނުކުރައްވާ ލިޔުމެއް މަޖިލީހަށް ލިބުނު؛ ޖަމީލް ބޭނުންވެވަޑައިގެންނެވީ އޭނާގެ ފަރާތުން ވަކީލަކު މަޖިލީހަށް ޖަވާބުދާރީވުމަށް، އެކަމަކު އެ ފުރުސަތެއް ނުދޭ

އެކަން ކަމަށް އަލިއަޅުވާލެއްވުމަށް ފަހު ނަޝީދު ވިދާޅުވީ ދެން ޖެހިވަޑައިގަންނަވާނީ ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯދުމަށް ކަމަށެވެ.

"މި ބާވަތުގެ ކަންކަމުގައި އަޅުގަނޑު ޖެހޭނީ އިސްތިޝާރީ ލަފައެއް ހޯދަން. ގާނޫނުއަސާސީ މާނަކުރެވުނުއިރު ނުވަތަ އެކުލަވާލެވުނުއިރު އޮތް ގޮތާއި މި ބާވަތުގެ ގާނޫނީ ވާހަކަތައް އަޅުގަނޑު އެދޭ ގޮތަކީ ސުޕްރީމް ކޯޓުން ނިންމެވުން،" ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު މި ތާނގައި އިނދެ، މި ގޮނޑީގައި އިނދެ ގާނޫނުއަސާސީއާ ހިލާފަށް ވަޒީރު ބޭފުޅަކު ވަކިކުރުމުގެ މަސައްކަތް އިޖުރާއަތުތައް ހިންގުން އެއީ އަޅުގަނޑަށް ކުރެވެން އޮތް ކަމެއް ނޫން."

އެނގުން މުހިއްމު - ގާނޫނުއަސާސީގެ 101 ވަނަ މާއްދާ ބުނާ ގޮތުން، އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި ވަޒީރުންނަށް އަނގަބަހުންނާއި ލިޔުމުން އޭނާގެ ދިފާއުގައި މަސައްކަތް ކުރުމުގެ ހައްގު ލިބިގެންވެ އެވެ.

ކޮމެންޓް (1)

މަރީ

31 މޭ 2023
ކެނެރީގޭ ނަޝީދު ބޭނުންވާ ގޮތަކަށް މި ގަމުގެ މީހުން ނޭވާ ވެސް ލާން ޖެހޭނީ. އޭނައަކީ އެއްވެސް ގާނޫނަކަށް، ގަވާއިދަކަށް ބޯލަނބާނެ މީހެއް ނޫން. މީނަގެ ކިބައިން އަހަރެމެންނާއި އަހަރެމެނއގެ ދަރިން ސަލާމަތް ވާނީ ކޮން ދުވަހަކުންބާ؟ މުޅި ގަައުމުގެ އިޖުތިމާއީ ފޭރާން ވީދިއްޖެ.
0 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް