މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި އަމީން އާންމު ނިޔުޝާ އަދި އިދާރީ މުވައްޒަފުން. (ފޮޓޯ/މަޖިލިސް)

ކޮމިޓީތައް އެކުލަވާލުން މަޑުޖައްސާލީ އަސްލަމް އެދިގެން: އަމީން އާންމު

އިވާ ވަކިކުރުމުގެ މައްސަލައިގައި ގޮތެއް ނުނިމުނު ނަމަވެސް، ގަވައިދުގެ ދަށުން މަޖިލީހުގެ އެހެން މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ކަމަށް ވެސް ނިޔުޝާ ދެކެވަޑައިގަންނަވާ

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުން މަޑުޖައްސާލީ އެކަމާ ގުޅޭ ގޮތުން ޕާޓީތަކާ މަޝްވަރާކުރަން ބޭނުންވެގެން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް އެދިވަޑައިގަތުމުން ކަމަށް މަޖިލީހުގެ އަމީން އާންމު ފާތުމަތު ނިޔުޝާ މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މަޖިލީހުގެ ކޮމިޓީތައް އެކުލަވާލާފައި ނުވާތީ، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ މަޖިލީހުގެ ނައިބު ރައީސް ކަމުން ވަކިކުރަން ހުށަހަޅާފައިވާ މައްސަލަ ގަވައިދުގައިވާ ގޮތުގެ މަތިން މަޑުޖައްސާލާފައިވާ ކަމަށް ނިޔުޝާ ވަނީ މިދިޔަ ބުރާސްފަތި ދުވަހު މެންބަރުންނަށް އަންގަވާފަ އެވެ.

ނިޔުޝާގެ އެ ނިންމުމާ މެދު ހިތްހަމަޖެހިވަޑައިނުގަތް، ކޮމިޓީތައް ބޭއްވުމަށާއި އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް މަޖިލީހުގެ އެހެން މަސައްކަތެއް ނުކުރެވޭނެ ކަމަށް ވިދާޅުވެ، އަސްލަމް ވަނީ ހަމަ އެ ދުވަހު ނިޔުޝާއަށް ސިޓީއެއް ފޮނުއްވާފަ އެވެ.

ނިޔުޝާ ވަނީ އަސްލަމްގެ ސިޓީއަށް މިއަދު ޖަވާބު ދެއްވާފަ އެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ނިޔުޝާގެ ޖަވާބު މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕޫގައި މިއަދު އާންމުކުރައްވާފަ އެވެ. އޭގެ ކޮޕީއެއް 'ދައުރު'އަށް ވަނީ ލިބިފަ އެވެ.

ތަފްސީލު - ނިޔުޝާ އަސްލަމްއަށް ދެއްވި ޖަވާބުގައި ވިދާޅުވީ:

  • މަޖިލީހުގައި ސިޔާސީ ޕާޓީތަކަށް މެންބަރުން ބެހިފައިވާ ގޮތަށް އައި ބަދަލާ އެކު، ކޮމިޓީތައް އަލުން އެކުލަވާލުމަށް ވޯޓަށް އެހުން މިިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ޖަލްސާގެ ވޯޓު ގަޑީގައި އޮންނާނެކަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ދުވަހު އިއުލާން ކުރެއްވި

  • އެކަން މަޑުޖައްސާލީ އަސްލަމްގެ އެެދިވަޑައިގަތުމަށް

"މަޖިލީހުގެ ރައީސް އެ ގޮތަށް އިއުލާނުކުރައްވާފައި ވަނިކޮށް، މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި މެންބަރުން ތަމްސީލުކުރައްވާނެ ހަމައަށް ބަދަލުގެންނެވުމަށް މަޖިލީހުގެ މެޖޯރިޓީ އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރުގެ ހައިސިއްޔަތުން މަނިކުފާނު އެދިވަޑައިގެންނެވުމުން، އެ ޖަލްސާގައި އެ މައްސަލަ ވޯޓަށް އެހުން ފަސްކުރައްވައި މަޖިލީހުގެ ގަވައިދުގެ 33 ވަނަ މާއްދާގެ (ހ)ގެ ދަށުން ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރުންނާ މަޝްވަރާކުރައްވައިގެން އަލުން އެ ނިސްބަތް ކަނޑައެޅުއްވުމަށް މަޖިލީހުން ނިންމެވި،" ނިޔުޝާގެ ސިޓީގައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން މަޖިލީހުގެ ރައީސް ނަޝީދު އަދި އަމީން އާންމު ފާތިމަތު ނިޔުޝާ. (ފޮޓޯ/ މަޖިލިސް)

އަސްލަމް ނިޔުޝާއަށް ފޮނުއްވާފައިވާ ސިޓިގައިވާ ގޮތުން، މަޖިލީހުގައި އިތުރު އެއްވެސް ކަމަކާ މެދު ބަހުސް ކުރެވޭނީ ނުވަތަ ގޮތެއް ނިންމޭނީ އީވާ ނައިބު ރައީސްކަމުން ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލައަށް ގޮތެއް ނިންމިގެންނެވެ. އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެސް އަސްލަމް ވަނީ، މަޖިލީހުގެ ގަވައިދުގެ 205 މާއްދާގެ (ރ)އާ ހަވާލާދެއްވައި އެމްޑީޕީގެ ސްޓޭންޑަކީ އެއީކަން ހާމަކުރައްވާފަ އެވެ.

އެކަމާ ގުޅޭ ގޮތުން ނިޔުޝާގެ ސިޓީގައި ވަނީ، އަސްލަމް ގަވައިދުގެ އެ މާއްދާ މާނަކުރައްވާފައިވަނީ ގޯސްކޮށް ކަމަށެވެ.

"އެހެން އެއްވެސް ކަމަކާ މެދު ބަހުސް ކުރުން ނުވަތަ ގޮތެއް ނިންމުން މާނަވެގެން ވަނީ، އެ ގަރާރުގެ ނޯޓިހުގެ މުއްދަތު ހަމަވެގެން މަޖިލީހުގެ ޖަލްސާއަށް އެ ގަރާރު [އިތުބާރު ނެތް ކަމުގެ މައްސަލަ] ހުށަހެޅުމަށް ފަހުގައި،" އެ މައްސަލައިގެ ނޯޓިސް އީވާއަށް ދީފައި ވިޔަސް އެ މައްސަލަ އަދި މަޖިލީހުގެ ޖަލްސާއަށް ހުށަހަޅާފައި ނުވާކަން ފާހަގަކުރައްވައި ނިޔުޝާ ވިދާޅުވި އެވެ.

އެހެންކަމުން، ނިޔުޝާގެ ރައުޔަކީ، މަޖިލީހުގެ ޖަލްސާއަށް އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަދި ހުށަހަޅާފައި ނުވާތީ އެކަމާ މެދު ގޮތެއް ނުނިންމިޔަސް، މަޖިލީހުގެ އެހެން މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ސިޓީގައި ނިޔުޝާ އިތުރަށް ވިދާޅުވީ: 

  • މަޖިލީހުގައި ޕާޓީތައް ތަމްސީލުކުރާ ގޮތަށް މިހާރު އައިސްގެން އުޅެނީ ބޮޑު ބަދަލެއް؛ އެމްޑީޕީން ވަކިވި 13 މެންބަރުން ދާއިމީ ކޮމިޓީތަކުގައި ތަމްސީލުކުރަމުންދިޔަ ހައިސިއްޔަތު މިހާރު ވަނީ ގެއްލިފައި

  • މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، ކޮންމެ މެންބަރަކީ ވެސް މަޖިލީހުގެ ކޮންމެވެސް އެއް ކޮމިޓީއެއްގައި މެންބަރުކަން ކުރައްވަން ޖެހޭ ބޭފުޅެއް؛ ސިޔާސީ ޕާޓީތަކަށް ނިސްބަތް ނުުވާ މެންބަރުންގެ މަސްލަހަތުތައް ހިމާޔަތް ކުރައްވާނީ މަޖިލީހުގެ ރައީސްކަން ވެސް ބަޔާންކޮށްފައިވޭ

  • ގަވައިދުގައިވާ ގޮތުން، ކޮމިޓީތައް ދެން ހިންގެން އޮތީ، ކޮމިޓީތަކުގައި ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެންބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރުން ހިމެނޭ ނިސްބަތަށް އަންނަ ބަދަލުތައް މަޖިލީހުން ފާސްކޮށްގެން

  • މިހާރު ކުރިއަށްދަނީ، މަޝްވަރާގެ މަތިން އެ މަސްލަހަތުތައް ވެސް ހިމާޔަތް ކުރެވޭނެ ގޮތަށް ކޮމިޓީ އެކުލަވާލުމުގެ މަޝްވަރާ

އެނގުން މުހިންމު - މިދިޔަ ބުރާސްފަތި ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ:

  • އާއްމު ކޮމިޓީގެ މަސައްކަތް މަޖިލީހުގެ ގަވައިދާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް އެންގުމަކީ އަމީން އާންމުގެ މަސްއޫލިއްޔަތެއް 

  • މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅައި އެ ބޭފުޅުންނަށް ފޮނުވާ މައްސަލައިގެ ނޯޓިސްގެ މުއްދަތު ހަމަވާ ފަހުން އެ އިދާރާގައި އިތުރު އެއްވެސް މަސައްކަތެއް ކުރިއަށް ގެންދިއުމަށް ގަވާއިދުން ޖާގައެއް ނުދޭ

  • ކޮމިޓީތައް އެކުލަވާލުމުގައި އެމްޑީޕީގެ ފަރާތުން ދެވެން އޮތް ހުރިހާ ލުޔެއް ދިނިން

ފަސްމަންޒަރު - އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މިހާރު ވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެސް މަޖިލީހަށް ވައްދާފަ އެވެ. އެ މައްސަލަ ހުށަހެޅުމުގެ އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި އެމްޑީޕީން ބުނަނީ ކޮމިޓީތައް އަލުން އެކުލަވާލުން ނަޝީދު ގަސްތުގައި ލަސްކުރެއްވުމެވެ.

މަޖިލީހުގެ ރައީސާއި ނައިބު ރައީސް ވަކިކުރުމުގެ މައްސަލަ އެއްފަހަރާ ހުށަހެޅުމުން މަޖިލީހުގައި މަރުތަޅު އެޅުވިފައިވާ ކަމަށް ބުނެ، އެމްޑީޕީ އާއި ނަޝީދު އަލަށް އުފައްދަވާ 'ދަ ޑިމޮކްރެޓްސް' ޕާޓީން މިހާރު ދަނީ އެއް ބަޔަކު އަނެއް ބަޔަކަށް ތުހުމަތު ކުރަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް