އައްޑޫ

އައްޑޫ 8،000 އެނދު 'ހޮޅި ވައުދަކަށް'؛ އާ އަދަދަކީ 6،000

މި ދައުރު ނިމުމުގެ ކުރިން އައްޑޫގައި ފަތުރުވެރިކަމަށް ހާއްސަކޮށް 8،000 އެނދު ހެދުމަކީ ރައީސް ސޯލިހުގެ ވައުދެއް ނަމަވެސް އެކަން ހަގީގަތަކަށް ނުވެ، ކަަނޑައެޅި އާ އަދަދުވެސް މި ދައުރު ތެރޭ ހާސިލްވާނޭ ކަމުގެ އުންމީދު އަދި ވަރަށް ކުޑަ

"ހަންކެޑެގައި 1،000 އަށްވުރެ ގިނަ ކޮޓަރިއާ އެކުގައި މުޅި މި އައްޑޫ ސިޓީއަށް 8،000 އެނދު އިތުރުކުރުމަށް އަޅުގަނޑުމެން ވީ ވައުދު އިރާދަކުރެއްވިއްޔާ ފުދެމުންދާތަން ތިޔަ ބޭފުޅުންނަށް ލަސްތަކެއް ނުވެ ފެނިގެންދާނެ."

މިހެން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. މިއީ މާ ކުރީގެ ވާހަކައެއް ނޫނެވެ. އެއީ 26 ޖެނުއަރީ 2023 އެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި ރައީސް ސޯލިހު ބޭއްވެވި ފަހު ކެމްޕޭން ޖަލްސާގަ އެވެ. ޖަލްސާ އޮތީ އައްޑޫ ހިތަދޫގަ އެވެ. ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން މީހުން ބެލި ޖަލްސާއެއް ނަމަވެސް، އެމަނިކުފާނުގެ އެ ވާހަކަފުޅު އަމާޒުކުރެއްވީ ސީދާ އައްޑޫ ރައްޔިތުންނަށެވެ. ތަކުރާރު ކުރެއްވީ 2018ގެ އިންތިހާބުގައި ވެވަޑައިގަތް، އެހެން ނަމަވެސް ނުފުއްދި އޮތް ވައުދެއްގެ ވާހަކައެކެވެ. ދެއްވީ އެ ވައުދު ފުއްދާނޭ ކަމުގެ ޔަގީންކަމެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ނިންމާލުމުގެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޑޫ ހިތަދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ. (ފޮޓޯ/ރައީސްގެ ކެމްޕޭނު ޓީމު)

އެމަނިކުފާނު ވިދާޅުވި އެވެ؛ އައްޑޫގެ ރައްޔިތުން އެމަނިކުފާނަށް ހުށަހެޅި މެނިފެސްޓޯގައި ހިމަނާފައި އޮތް އެންމެ މުހިންމު މަސައްކަތަކީވެސް އެ އަތޮޅުގެ ބިން އިތުރުކޮށް، ފަތުރުވެރިކަން ގެނެސްދިނުމެވެ.

"އެގޮތުން، އައްޑޫ ސިޓީއަށް ބިން އިތުރުކުރުމަށް އަޅުގަނޑުމެން ކުރާ މަސައްކަތުގައި 236 ހެކްޓަރު އިތުރުކޮށް، އައްޑޫ ސިޓީގައި ފަސް ރިސޯޓު ގާއިމްކުރުމުގެ އަމަލީ މަސައްކަތް އިރާދަކުރެއްވިއްޔާ ފެށިގެން މިހާރު ކުރިއަށް އެ ދަނީ. އަދި ހަންކެޑެ މަޝްރޫއުގެ އެންމެ ފަހުގެ ޕްލޭންތައް ކުރެވި، އެއަށް ބޭނުންވާ ފައިސާވެސް ހޯދި، އެ މަސައްކަތްވެސް އަމަލީގޮތުން ފެށުމަށް މިވަގުތު ތައްޔާރުވަމުން އެ ދަނީ،" ރައީސް ވިދާޅުވި އެވެ.

"ހަންކެޑެގައި 1،000 އަށްވުރެ ގިނަ ކޮޓަރިއާ އެކުގައި މުޅި މި އައްޑޫ ސިޓީއަށް 8،000 އެނދު އިތުރުކުރުމަށް އަޅުގަނޑުމެން ވީ ވައުދު އިރާދަކުރެއްވިއްޔާ ފުދެމުންދާތަން ތިޔަ ބޭފުޅުންނަށް ލަސްތަކެއް ނުވެ ފެނިގެންދާނެ."

އެ ވާހަކަތަކަށް ޖަލްސާގައި ތިއްބެވި އެމަނިކުފާނުގެ ސަޕޯޓަރުން އަތްޖަހައި، ސާބަސް ދިނެވެ. އެ ވައުދާ އެކު ރައީސް ސޯލިހު އެ ޕްރައިމަރީ ކާމިޔާބުވެސް ކުރައްވައިފި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ނިންމާލުމުގެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޑޫ ހިތަދޫގައި 26 ޖެނުއަރީ 2023 ވަނަ ދުވަހުގެ ރޭ ބޭއްވި ޖަލްސާ. (ފޮޓޯ/ރައީސްގެ ކެމްޕޭނު ޓީމު)

8،000 އެއް ނޫން، 6،000

އެ ކާމިޔާބަށްފަހު ސަރުކާރުގެ ރާގު ބަދަލުވެއްޖެ އެވެ. ރައީސް އެހެން ވިދާޅުވިތާ އަދި ދެ މަސްވެސް ނުވެ އެވެ. ސަރުކާރުން ކުރިން ބުނި 8،000 އެނދުން 2،000 މަދުކޮށް އާ އަދަދެއް އައްޑުއަށް ދީފި އެވެ. މި ފަހަރު ދިނީ 6،000 އެނދެވެ. އެ އަދަދު ދެއްވީ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރަން އިންޑިއާގެ ރެނާޓަސް ކުންފުންޏާ ހަވާލުކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ފައްޔާޒު ވިދާޅުވި ގޮތުން ނަމަ އެއީ ފަށައިގަންނައިރު ރަނގަޅު އަދަދެކެވެ. އެކަމަކު 8،000 އެނދަކީ 2018ގެ ރިޔާސީ އިންތިހާބުގެ ކެމްޕޭން ދުވަސްވަރުގެ ވާހަކައެކެވެ. ވެރިކަން ލިބި، މި ދައުރު ހަމަވާން ދެން އޮތީ ކުޑަ ދުވަސްކޮޅެކެވެ. ކުރިން ބުނި އަދަދު ގޯސްވެ، ފަށައިގަންނަން ރަނގަޅު އަދަދު ސަރުކާރަށް މި ބުނެވުނީ އަދި ކިރިޔާ ހެއްޔެވެ؟

އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގައި (ކ-ވ) އިންޑިއާ ސަފީރު މޫނޫ މަހާވަރު، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން

އައްޑޫގެ ތަރައްގީއަށް ހުރަސް އެޅޭ ފަދަ ކަމެއް ނުކުރުމަށް އިއްޔެގެ ރަސްމިއްޔާތުގައި ފައްޔާޒު އިލްތިމާސެއް ކުރެއްވި އެވެ. މިއީ ހުރަސް އަޅަނީއެއް ނޫނެވެ. ކަން ވީ ގޮތަށް ބަލާއިރު، އުންމީދު ބޮޑީވެސް 8،000 އެނދަށްވުރެ 6،000 އެނދު ގެނެވޭނެ ކަމާ މެދު އެވެ. އެހެންވިޔަސް، ބުނަން މި އުޅެނީ ސަރުކާރުން ވެފައި އޮތް ވައުދެއް ބަދަލުކުރި ވާހަކަ އެވެ. ނުފުއްދުނުކަން ޔަގީނެވެ.

ފައްޔާޒު ވިދާޅުވި ގޮތުގައި އެއާޕޯޓު ތަރައްގީކޮށް ނިމުމާ އެކު އެންމެ ގިނަ ފުރުސަތުތައް ހުޅުވިގެން އަންނަނީ ފަތުރުވެރިކަމުގެ ސިނާއަތުންނެވެ. އެހެންވެ، އޭނާ ވިދާޅުވީ އެ ސަރަހައްދުގެ ފަތުރުވެރިކަމުގެ އެނދުތައް އެއާޕޯޓާ އެކުއެކީގައި މާކެޓަށް ނެރެން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

"މިގޮތުން، ހަންކެޑެ ވާން ޖެހޭ ތައްޔާރީތަކާއި އައްޑޫ ވިލިނގިލީގައި ގާއިމްކޮށްފައިވާ ރިސޯޓު އަލުން ހުޅުވުމަށް ހައްލުތަކެއް ހޯދުމާއި މީގެ އިތުރުން ބިން ހިއްކުމުގެ މަޝްރޫއުގެ ތެރެއިން ރިސޯޓުތަކެއް ތަރައްގީކުރުމަށް މުޅިން އަލަށް ފަސް ރަށެއް ހިއްކުމަށް ވަނީ ހަމަޖެހިފައި،" ފައްޔާޒު ވިދާޅުވި އެވެ.

"އެ މަސައްކަތް މިހާރު ކުރިއަށް އެބަދޭ. އަންނަމުން، އަންނަމުން، އަންނަމުން ގޮސް މިހާރު އެބަ ކުރިއަށްދޭ."

މިނިސްޓަރު ފައްޔާޒް. އައްޑުއަށް ފަށައިގަތުމަށް 6،000 އެނދަކީ ގޯސްނޫން އަދަދެއް ކަމަށް އޭނާ ވިދާޅުވި. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން

ވަރަށް ލަސް ސްޕީޑެއްގައިވިޔަސް، ފައްޔާޒު ވިދާޅުވި ގޮތަށް އަންނަމުން، އަންނަމުން ކަންތައްތަކެއް އެބަވެ އެވެ. އެހެން ނަމަވެސް، ފައްޔާޒުގެ ވާހަކައިން ކަށަވަރުވީ، އައުމުގެ މާ ކުރިން 8،000 އެނދުގެ ވައުދު މި ދައުރުގައި ފުއްދައިނުދެވޭނެ ކަމެވެ.

އައްޑުއަށް ގެންނަން ވައުދުވި 8،000 އެނދުގެ ތެރެއިން 4،000 އެނދު ގެންނަން ރާވާފައި އޮތީ އައްޑޫގެ ފަސް ސަރަހައްދެއްގައި ފަތުރުވެރިކަމަށް ހާއްސަ ޒޯންތަކެއް ކަނޑައަޅައި، އެ ޒޯންތަކުން ގެސްޓްހައުސް، ސިޓީ ހޮޓެލް އަދި އެ ނޫނަސް ފަތުރުވެރިކަމާ ގުޅޭ އެހެނިހެން ވިޔަފާރިތަކަށް ބިން ދޫކޮށްގެންނެވެ. އެކަމާ ގުޅޭ އެއްބަސްވުމެއްގައި ޓޫރިޒަމް މިނިސްޓްރީ އާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު، ސެޕްޓެމްބަރު 2019 ގައި ސޮއިކުރި އެވެ. ޓޫރިޒަމް ޒޯންތަކުގެ ގޮތުގައި ކަނޑައެޅި ސަރަހައްދުތަކަކީ:

  • ހިތަދޫ ޓޫރިޒަމް ޒޯން

  • ފޭދޫ ދިގިހެރަ ޓޫރިޒަމް ޒޯން

  • މަރަދޫ ވެންބޮޅަފުށި ޓޫރިޒަމް ޒޯން

  • ހުޅުދޫ މާފިށި ޓޫރިޒަމް ޒޯން

  • މީދޫ މުލިމަތި ޓޫރިޒަމް ޒޯން

އައްޑު އަތޮޅު ފޭދޫ މަތިން ނަގާފައިވާ ފޮޓޯއެއް. (ދައުރު ފޮޓޯ/އަލީ ރަފީގް)

2023 އެއް ނޫން، އާ ސުންގަޑިއަކީ 2025

އެކި ސަބަބުތަކާ ހުރެ ޓޫރިޒަމް ޒޯންތަކުން ދޫކުރި ބިންތަކުގައި ކަމެއް ކުރެވޭ ތަނެއް ނުފެނެ އެވެ. އެއީ ޓޫރިސްޓު ފެސިލިޓީ ތަރައްގީކުރާނެ ފައިސާ ހަމަނުޖެހުމާއި އެ ސަރަހައްދުތަކަށް ފެނާއި ކަރަންޓާއި ނަރުދަމާ ފަދަ ހިދުމަތްތައް ނުލިބުން ފަދަ ދަތިތައް ކަމަށް، ބައެއް ނޫސްތަކުން މީގެ ކުރިން މިކަމާ ގުޅޭގޮތުން ރިޕޯޓުކޮށްފައި އެބަހުއްޓެވެވެ. އެ ދަތިތަކުގެ ތެރެއިން، ފައިނޭންސް ހޯދުމުގައި ހުރި ދަތިތަކަށް އަލިމަގެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފައްޔާޒު އިއްޔެ ދެއްކެވި ވާހަކައިގައި ވިދާޅުވި އެވެ.

"ގެސްޓުހައުސްގެ ވިޔަފާރި ތަރައްގީކުރަން ބިން ލިބިފައިވާ ފަރާތްތަކަށް ފައިނޭންސް ހޯދުމުގައި ހުރި ގޮންޖެހުންތައް ނައްތާލުމަށްޓަކައި އަޅުގަނޑުމެން ޕްރޮގްރާމެއް ރާވައިގެން މިހާރު މި ދަނީ ގެސްޓްހައުސްތަކުގެ ވެރިފަރާތްތަކާ ވާހަކަ ދައްކައިގެން ހައްލުތަކެއް ހޯދުމަށް،" ފައްޔާޒު ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑު އުންމީދުކުރަނީ މި ހިނގާ މާޗު މަހު ނުވަތަ އޭޕްރީލް މަހުގެ ތެރޭގައި މޮބިލައިޒްކުރެވޭނެ ކަމަށް."

ހަންކެޑެ ޕްރޮޖެކްޓަށް ފައިސާ ހޯދުމުގެ މަސައްކަތް، ފައްޔާޒު ވިދާޅުވީ ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ. އެހެން ނަމަވެސް ގެސްޓުހައުސްތަކުގެ ބައި ނުނިމި ލަސްވަނީ، އޭނާ ވިދާޅުވި ގޮތުގައި ގެސްޓުހައުސްތަކުގެ ވެރިންނާއެކުގައި އަދި އެއްބަސްވުންތަކަކަށް ނާދެވޭތީ އެވެ.

"އެކަން ވާހާ އަވަހަށް އިރާދާކުރެއްވިއްޔާ އެ މަސައްކަތް ފެށިގެން ގޮސް، އެއާޕޯޓުގެ މަސައްކަތް ނިމޭއިރު އިރާދަކުރެއްވިއްޔާ ގާތްގަނޑަކަށް އައްޑޫގައި ގެސްޓްހައުސްއާއި ހަންކެޑެ ޕްރޮޖެކްޓާ ލައިގެން 6،000 އެނދު މި ޕްރޮޖެކްޓުގެ ތެރޭގައި ދާނެ،" ފައްޔާޒު ވިދާޅުވި އެވެ.

"8،000 އަދި ހަމައެއް ނުވޭ. 6،000 އަޅުގަނޑަށް ހީވަނީ ގޯސް އަދަދެއް ނޫންހެން ފެށުމަކަށް."

މިނިސްޓަރު ފައްޔާޒް އިސްމާއިލް. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން

ހަންކެޑެ މަޝްރޫއުއަކީ އެކި ފަހަރު މަތިން އިއުލާންކޮށް، ހަންކެނޑުނުއިރުވެެސް ކުރިއަށް ނުކަނޑައި އޮތް މަޝްރޫއެކެވެ. އާ ޑިޒައިނަކާ އެކު މަޝްރޫއު އެންމެ ފަހުން އިއުލާންކުރީ މިދިޔަ ޖެނުއަރީ މަހުގަ އެވެ. ސަރުކާރުގެ %100 ހިއްސާވާ މޯލްޑިވްސް ފަންޑު މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑުން މިފަހަރު ހަންކެޑެ ތަރައްގީ ކުރަނީ 1،041 ކޮޓަރި ހުންނަ ގޮތަށެވެ.

ހަންކެޑެ މަޝްރޫއުގައި މިއަދާ ހަމައަށްވެސް އެކި ފަހަރު މަތިން އެކި ކުރެހުންތައް ދެއްކުން ފިޔަވައި މާ ބޮޑު ކަމެއް ކުރެވިފައި އޮތް ތަނެއް ނުފެނެ އެވެ.

ހުރި ދަތިތައް: އައްޑޫ ޓޫރިޒަމް ތަފާތުވުމާއި ކަމެއް ކޮށްފައި ނެތުން

އައްޑުއަކީ، މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގެ އެހެން ސަރަހައްދުތަކާ އަޅާބަލާއިރު ތަފާތު ފަތުރުވެރިކަމެއް އޮތް ތަނެކެވެ. އެހެން ނަމަވެސް، އަދި އައްޑޫގެ ފަތުރުވެރިކަމަށް މި ސަރުކާރުން ކުރެހި ޕްލޭންގައި ހަގީގީ ކުލަ ނުޖެހުނަސް، މި ސަރުކާރުން ކުރާ އުންމީދު ބޮޑެވެ.

ތަފާތު ޕްރޮޑަކްޓަކަށް ވުމަކީ މައްސަލައެއް ނޫން ނަމަވެސް، ފައްޔާޒު ވިދާޅުވީ އެއީ ޕްރައިވެޓް ސެކްޓާ މެދުވެރިކޮށް މިކަން ކުރަން ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ ކަމެއް ކަމަށެވެ. އެއް ސަބަބެއް ކަމަށް ވިދާޅުވީ، ތަފާތު ޕްރޮޑަކްޓަކަށް އިންވެސްޓުކުރަން ވިޔަފާރިވެރިން ފަސްޖެހުމެވެ.  ދެ ވަނަ ކަމަކީ އައްޑޫއަށް އުމްރާނީ ތަރައްގީ ގެނެސްފައި ނެތުމެވެ.

"އެއީ އެކަމާ ގުޅޭ އިންފްރާސްޓްރަކްޗާވެސް ޑިވެލޮޕް ކުރެވިފައި ނެތުމުގެ ސަބަބުން. ޒަމާނުއްސުރެ އަންނަނީ، އަންނަނީ، އަންނަނީގައި އޮތް އެއާޕޯޓު ހެދުމާ މިކަންކަން ނުވެ އޮތީމަ އަޅުގަނޑުމެންނަށް އެއްފަހަރާ މިކަން ކުރަން ޖެހިފައި މި އޮތީ،" މިނިސްޓަރު ވިދާޅުވި އެވެ.

"އެއާޕޯޓު ތަރައްގީކޮށްފަ އޮތްނަމަ ޝަންގްރިއްަލާ ބަންދުކުރަން ނުޖެހުނީސް. އެއާޕޯޓު ތަރައްގީކޮށްފަ އޮތް ނަމަ ހެރެތެރެ ބަންދުކުރަން ނުޖެހުނީސް. އެހެން ނަމަކާ، އަޅުގަނޑުމެންނަށް ހަންކެޑެ އެތައް ބަޔަކަށް އެތައް ފަހަރަކު ކުއްޔަށްދީ ޓާމިނޭޓުކޮށް، މިކަން ކުރާކަށް ނުޖެހުނީސް. ގެސްޓުހައުސްތައް އޭގެ ޒާތުގައި ކުރިއަށްދާނެ."

ގަން އިންޓަނޭޝަނަލް އެއާޕޯޓް.

އާންމު އުސޫލަކީ ޕްރައިވެޓް ސެކްޓާއަށް ކަންކަން ދޫކޮށްލުން ކަމުގައި ވިޔަސް، މިނިސްޓަރު ވިދާޅުވީ ކަން މިހެން އޮތުމާ އެކު އެގޮތަށް އެކަން ކުރެވެން ނެތް ކަމަށެވެ. އެއީ އަވަސް ގޮތަކަށް މިކަން ކާމިޔާބު ކުރެވޭނެ ގޮތެއް ނޫން ކަމަށް ވިދާޅުވި އެވެ.

"މި ދެންނެވިހެން ވޭތުވެދިޔަ 30 އަހަރު، 40 އަހަރުގައި މިކަންކަން މަޑުމަޑުން ކޮށްފައި އޮތް ނަމަ، ވަރަށް ތަފާތު ވާހަކައެއް މި ދައްކަނީ. މިއަދު އަޅުގަނޑުމެންނާ ހިސާބަށް އައިއިރުގައި އެކަންކަން ކޮށްފައި ނެތީމަ މި ޖެހެނީ ހުރިހާ ކަމެއް އެއްފަހަރާ ކުރަން،" އޭނާ ވިދާޅުވި އެވެ.

"އެއާޕޯޓު ހެދުނީމަ ގެސްޓުހައުސް ހެދެނީ. ގެސްޓުހައުސް ހެދުނީމަ އެއާޕޯޓު މި ހެދެނީ. ބިސްތޯ ކުކުޅުތޯ ދޮށިވާ ކަހަލަ ގޮތަކަށް މިކަން މިވަނީ. އެ ރިސްކު މި ނަގަނީ ސަރުކާރުން. އެއީ ސަރުކާރަށް އައްޑޫގެ ޓޫރިޒަމާ އައްޑޫގެ އިގްތިސާދާ ދޭތެރޭގައި ޔަގީންކަން އޮތީމަ އަޅުގަނޑުމެންނަށް އެ ރިސްކު ނަގަން ކެރިގެން މި ނަގަނީ."

ރިސްކު ނެގުމޭ ފައްޔާޒު ވިދާޅުވީ، ސަރުކާރުން ގަން އެއާޕޯޓު ތަރައްގީ ކުރުމަށާއި އެނދު އިތުރުކުރަން ހަރަދުކޮށްދިނުމަށެވެ.

"އެ ރިސްކު އަޅުގަނޑުމެން މި ނެގީ. އެއާއެއްކޮށް އަޅުގަނޑުމެން ގަބޫލުކުރަނީ ދެން ޕްރައިވެޓް ސެކްޓާއަށް އޭގެން ފަހި މާހައުލެއް ކްރިއޭޓް ވެގެންދާނެ ކަމަށް،" ފައްޔާޒު ވިދާޅުވި އެވެ.

އެހެން ނަމަވެސް، ގެންގުޅެންވީ 'ޕޮޒިޓިވް ވައިބް'

އައްޑޫގައި ޓޫރިޒަމް ނޫނަސް، އެހެން މަޝްރޫއުތަކުގެ ސްޕީޑު އިންތިހާއަށް ދަށްވެ، އެކަމުގެ ޝަކުވާ އެ އަތޮޅު މީހުން އަބަދުވެސް ކުރެ އެވެ. 

ފައްޔާޒު ވިދާޅުވީ އެކި ސަބަބުތަކާ ހުރެ މަޝްރޫއުތައް ލަސްވާކަން ގަބޫލުކުރައްވާ ކަމަށާއި އެކަމާ މެދު ވިދާޅުވާނެ އެއްޗެއް ނެތް ކަމަށެވެ. އެހެން ނަމަވެސް، އޭނާ ވިދާޅުވީ އައްޑޫގައި މަޝްރޫއުތައް ހިންގަން ސިޔާސީ ގޮތުން ނޫނަސް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެކިއެކި ސިޔާސީ ގޮންޖެހުންތައް ކުރިމަތިވާއިރުވެސް އެންމެ އަރައިގަންނަން އުނދަގޫ ކަމަކީ އައްޑޫގެ ރައްޔިތުންގެ ތެރެއިން ބައެއް ބޭފުޅުންގެ އިތުބާރު، މިކަންކަން [އައްޑޫގެ ތަރައްގީއަށް ކުރާ ކަންތައްތައް] ވާނެ ކަމަށް ނޯންނާތީ. އޭގެ ސަބަބުން ހަގީގަތުގައި މިކަންކަން ކުރުމަށް ހިޔަނި އެޅިގެންދޭ،" ފައްޔާޒު ވިދާޅުވި އެވެ.

"އަޅުގަނޑު އުންމީދުކުރަން އަޅުގަނޑުމެން ދެއްކި ވާހަކައިގެ ތެރެއިން އެންމެ ފަހުން އޮޮތީ ހަގީގަތުގައި ބޮޑު ޕްރޮޖެކްޓަކަށް އެއާޕޯޓުގެ މަސައްކަތް. އެހެން ކަންކަން ހަމަގައިމުވެސް ލޯ ކުރިމައްޗަށް ފެންނަމުންދަނީ. އެހެންވީމަ ޕޮޒިޓިވް ވައިބު ހުރުމަކީ އަޅުގަނޑުމެން މަސައްކަތް ކުރަން ތިބޭ މީހުންނަށްވެސް އެކަން ކުރުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރަކަށް ވޭ."

ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކޮށް ނިމުމުން އޮންނާނެ ގޮތް ރަމްޒުކޮށްދޭ ރެންޑާއެއް.

ކޮންމެއަކަސް، ވައުދާ އެއްގޮތަށް، ވެރިކަމުގެ މި ދައުރުގައި 8،000 އެނދު ގެނެވޭ ގޮތެއް ނުވި އެވެ. އެކަން 'ހޮޅި ވާހަކަ'އަކަށްވީ އެވެ. ގަން އެއާޕޯޓު ޒަމާނީ ފެންވަރަށް ތަރައްގީކޮށް ނިންމަން އިންޑިއާގެ ރެނާޓަސް ކުންފުންޏަށް ދިނީ ދެ އަހަރު ދުވަހެވެ. އެހެންކަމުން، މިނިސްޓަރު އެ ވިދާޅުވި 6،000 އެނދު އުފައްދަން މަސައްކަތް ފަށައި، އެއާޕޯޓް މަސައްކަތް ނިމެންވާއިރަށް އެ މަސައްކަތް ކާމިޔާބުވިޔަސް ވާނީ 2025 އަށެވެ.

ދެން އޮތީ އެ ވިދާޅުވި 6،000 އެނދު ގެނެވޭތޯ ބަލައި، 'ޕޮޒިޓިވް ވައިބްސް'އާ އެކު އިންތިޒާރު ކުރުމެވެ.

ކޮމެންޓް (4)

މިސްބާ

7 މާރިޗު 2023
6000 ވެސް ރަނގަޅު ދޯ - އަދި ފަހުން 2000 ޖަހާލާނީ
0 1

ބަޑީ

7 މާރިޗު 2023
@މިސްބާ 8000، 6000، 2000 ކިޔާނޭ ކަމެއް ނެއް. ރ.ސޯލިހައް އައްޑޫގާ އެންމެ އެނދެއް ވެސް އިތުރެއް ނުކޮއްދެވޭ. އައިއިރައްވުރެން ވެސް މަދުވީ
0 0

އެލެކްސަ

6 މާރިޗު 2023
މާބޮޑު ކަމަކަށް ނަހަދާ ބަންކް ބެޑް ބަހައްޓާލަބަލަ. އޭރުން ބުނެފަ އޮތް ވަރަށްވުރެ އިތުރުވީނު
0 0

ތަކުރު

6 މާރިޗު 2023
ވަރައް އަވަހައް ބޯ ކާލެވޭ ބައެއް އަޑޫގަ އުޅެނީ... ލޮލް
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް