އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން

މިއީ އެންމެ އަވަހަށް ގަން އެއާޕޯޓް ތަރައްގީކުރެވޭނެ ގޮތްް؛ ފަހުން ބޮޑުކުރާނީ: ފައްޔާޒް

ފައްޔާޒު ވިދާޅުވީ ގަން އެއާޕޯޓު ތަރައްގީކުރަން ޕްލޭނެއް އެކުލަވައިލީ އެ އެއާޕޯޓު ހިންގާ ކުންފުނީގެ މަޝްވަރާއާ އެކު، އެންމެ އަވަހަށް ތަރައްގީ ކުރެވޭނެ ގޮތަށް ކަމަށް

ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރަން މިއަދު ހަވާލުކުރީ، އެކަން ކުރެވެން އޮތް އެންމެ އަވަސް ގޮތަށް ކުރަން ކަމަށާއި އެއާޕޯޓަށް އާމްދަނީ ލިބެން ފެށުމުން ފަހުން އަނެއްކާވެސް ބޮޑުކުރާނީ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރާއްޖޭގެ އެންމެ ދުވަސްވީ އެއާޕޯޓު ކަމަށްވާ އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކޮށް، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަން އިންޑިއާގެ ރެނާޓަސް ޕްރޮޖެކްޓްސްއާ ހަވާލުކޮށް، އެކަމާ ގުޅޭ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފަ އެވެ.

އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އިންޑިއާގެ ރެނާޓަސްއާ އެކު ސޮއިކުރުމުގެ ރަސްމިއްޔާތު. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން

ބުނީ ކީކޭ؟ - އެއްބަސްވުމުގައި ސޮއިކުރަން މިއަދު ހ. މީރުމާގެ ކޮންފަރެންސް ހޯލްގައި ބޭއްވި ރަސްމިއްޔާތުގައި ފައްޔާޒު ވިދާޅުވި ގޮތުގައި ގަން އެއާޕޯޓު ތަރައްގީކުރުމުގެ މަަޝްރޫއު ރާވާފައިވަނީ އެ އެއާޕޯޓު ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކުންފުނީގެ މަޝްވަރާއާ އެކު، އެ ކުންފުނިން ބޭނުންވި ގޮތަށް ކަމަށެވެ.

"އަޅުގަނޑުމެން މި ވޭތުވެދިޔަ ދުވަސްތަކުގައި އައްޑޫ އެއާޕޯޓު ތަރައްގީކުރުމުގައި އެއާޕޯޓު ކުންފުނީގެ ހިއްސާދާރުންނާއި ބޯޑު މަޝްވަރާއާ އެއްކޮށް އެ ބޭފުޅުން ބޭނުންވި ގޮތަށް އެއަށް ބޭނުންވާ ފައިސާ ހޯދައިގެން މި ކަން މި ކުރަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑު މިހެން މި ފާހަގަކޮށްލީ، މިކަން ވީމަ ބައެއް ބޭފުޅުން ފާހަގަކުރޭ އައްޑޫ ވީމަ ދެން ހާދަހާ އާދައިގެ ޓާމިނަލެކޭ. އަޅުގަނޑުމެން މިކަން މި ކުރީ އެންމެ އަވަހަށް އައްޑޫގެ އިގްތިސާދު ކުރިއަށްގެންދަން. ފަހުން ތަޅާލާފައި އާ އެއްޗެއް ހަދާނީ ލާރި ލިބެން ފެށީމަ. ވަރަށް ޕްރެކްޓިކަލް ވިސްނުމެއްގައި މިކަން ކުރަމުން މިދަނީ."

ގުޅުން ހުރި ކަމެއް - ފައްޔާޒު އެގޮތަށް ވިދާޅުވީ، ގަން އެއާޕޯޓު ތަރައްގީކުރުމުގެ ޕްލޭންގައި ޕްރައިވެޓް ސެކްޓާގެ ދައުރު ބޮޑުކަމަށް ފާހަގަކުރައްވަމުންނެވެ.

އައްޑޫގެ އެއާޕޯޓާއި ބަނދަރު އަމިއްލަ ފަރާތަކަށް ކުއްޔަށް ދިނުމަށް ގޮވާލާ ގަރާރެއް 15 ފެބްރުއަރީ 2023 ގައި ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅާފަ އެވެ.

އެކަމަށް ރައްދު ދެއްވައި ފައްޔާޒު ވިދާޅުވީ އެއީ މާ ކުރިން ޕްރައިވެޓައިޒްކޮށްފައި އޮތް ތަނެއް ކަމަށާއި އަލުން ޕްރައިވެޓައިޒް ކުރާނެ ގޮތެއް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިގެން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ޕްރައިވެޓައިޒް ކުރުމުގެ ވާހަކަ ދައްކަމުންދާއިރު، މީގެ އެތައް އަހަރެއް ކުރިން މިއީ ޕްރައިވެޓައިޒް ކުރެވިފައި އޮތް ކުންފުންޏެއް. މި ކުންފުނީގައި އާންމު ޕްރައިވެޓް ހިއްސާދާރުން ތިބި ކުންފުންޏެއް. މިއީ ސަރުކާރުގެ އެކަނި ކުންފުންޏެއް ނޫން," މިނިސްޓަރު ވިދާޅުވި އެވެ.

"އެހެންވީމަ މިތަން ތަރައްގީކުރުމުގައި، ތަރައްގީ ކުރާނެ މިންވަރާއި ތަރައްގީ ކުރާނެ ގޮތާއި މި ހުރިހާ ކަމެއްގައި ވަރަށް ބޮޑު ހިއްސާއެއް ވަރަށް ބޮޑަށް ޝާމިލްވޭ އެ ފަރާތުގެ ރައުޔު."

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކުންފުނީގެ ހިއްސާ ބެހިފައިވަނީ:

  • ސަރުކާރު: %70

  • ކާސާ ހޯލްޑިންގްސް: %30

ގަން އިންޓަނޭޝަނަލް އެއާޕޯޓު މަޝްރޫއު

  • އަގު: 29.7 މިލިއަން ޑޮލަރު (455.9 މިިލިއަން ރުފިޔާ)

  • ނިންމަން ދީފައިވާ މުއްދަތު: ދެ އަހަރު

  • އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ވަރުގެ ޒަމާނީ ވަސީލަތްތަކާ އެކު އިންޓަނޭޝަނަލް ޓާމިނަލެއް ތަރައްގީކުރާނެ

  • އާ ކޮންޓްރޯލް ޓަވަރެއް އިމާރާތްކުރާނެ

  • ފަޔާ ސްޓޭޝަނެއް އިމާރާތްކުރާނެ

  • އެއާޕޯޓަށް ބޭނުންވާ ކޯލްޑް ސްޓޯރޭޖާ އެކު ކާގޯ ވަސީލަތްތައް ތަރައްގީކުރާނެ

  • އެއާޕޯޓުގެ މަގުތަކާއި ޕާކިން ސަރަހައްދެއް ތަރައްގީކުރާނެ

ކޮމެންޓް (1)

މުހައްމަދު

5 މާރިޗު 2023
ޝުކުރުވެރިވާން ދަސްކުރަންވީ ހުރިހާ އެންމެންވެސް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް