މަޖިލީހުގެ ޖަލްސާއެއްގައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު ރަޝީދު ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

އައްޑޫ އެއާޕޯޓާއި ބަނދަރު ޕްރައިވެޓައިޒްކުރަން ގޮވާލައި ގަރާރެއް

ސަރުކާރުގެ ކުންފުނިތައް ޕްރައިވެޓައިޒް ކުރަން މި ސަރުކާރުން މަސައްކަތް ކުރި ނަމަވެސް، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން އިގްތިސާދު ދަށަށް ދާތީ ޕްރައިވެޓައިޒޭޝަން ސިޔާސަތު މަޑުޖައްސާލަން ސަރުކާރުން ވަނީ ނިންމާފައި
15 ފެބްރުއަރީ 2023

އައްޑޫގެ އެއާޕޯޓާއި ބަނދަރު އަމިއްލަ ފަރާތަކަށް ކުއްޔަށް ދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

ވީ ކިހިނެއް؟ - ހިތަދޫ ދެކުނު ދާއިރާގެ މެމްބަަރު އަހުމަދު ރަޝީދު ހުށަހެޅުއްވި އެ ގަރާރުގެ ފުރަތަމަ ކިއުން އިއްވީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ އެވެ.

ތަފްސީލް - އެ ގަރާރުގައި އަހުމަދު ރަޝީދު ވިދާޅުވީ އައްޑޫ ސަރަހައްދުގައި ފަތުރުވެރިކަން ކުރިއަރުވައި އެ ޒޯންގައިވާ އެހެން އަތޮޅުތައް ހިމެނޭ ގޮތަށް ހަބެއްގެ ގޮތުގައި ތަރައްގީކުރެވޭނީ އައްޑޫ އެއާޕޯޓާއި އައްޑޫ ރީޖަނަލް ސީޕޯޓް ތަރައްގީކޮށް، އެއާޕޯޓާއި ސީޕޯޓާއި އަދި ޓޫރިޒަމާ ކަނެކްޓިވިޓީ އިތުރުކޮށްގެން ކަމަށެވެ. އެ ތަންތަން ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެ ކަމަށް ބޮޑު ހަރަދެއް ހިނގާނެ ކަމަށް ބެލެވޭ ކަމަށް ވެސް އެ މައްސަލައިގައި ވިދާޅުވެފައިވެ އެވެ. 

"ދުނިޔެއަށް ދިމާވެފައިވާ ކޮވިޑް-19ގެ ހާލަތުން އަރައިގަނެ މި ދަނޑިވަޅުގައި ސަރުކާރުން މި ޕްރޮޖެކްޓުތަކަށް ފައިސާ ހޯދުމަށް ދަތިވާނެ ކަމަށް ބެލެވޭ،" ގަރާރުގައި އޭނާ ފާހަގަކުރެއްވި އެވެ.

ހިތަދޫ މެދު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު މަޖިލިސް ޖަލްސާއެއްގައި ވާހަކަދައްކަވަނީ. (ފޮޓޯ/ މަޖިލިސް)

އަހުމަދު ރަޝީދު ވިދާޅުވީ، އައްޑޫ އެއާޕޯޓާއި އައްޑޫ ރީޖަނަލް ސީޕޯޓް ސްޓްރެޓެޖިކް ޕާޓްނަޝިޕް އަދި ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕްގެ އުސޫލުން ޕްރައިވަޓައިޒްކޮށްފި ނަމަ:

  • އައްޑޫ ރައްޔިތުން އެދެމުން އަންނަ ތަރައްގީ އެ ސަރަހައްދަށް ގެނެވޭނެ

  • ސަރުކާރުން އެ ސަރަހައްދަށް ތަސައްވުރުކުރާ ތަރައްގީ ގެނެވޭނެ

  • އައްޑޫ އެއާޕޯޓާއި އައްޑޫ ރީޖަނަލް ސީޕޯޓުން ސަރުކާރަށް ފައިސާ ވަނުން އިތުރުވާނެ

  • ގާބިލު އަދި ތަޖުރިބާ ހުރި ފަރާތެއްގެ ބައިވެރިވުމާ އެކު އެ ކުންފުނިތައް ރީސްޓްރަކްޗާކޮށް އެފިޝަންޓްވެގެންދާނެ 

"ވީމާ އައްޑޫ އެއާޕޯޓާއި އައްޑޫ ރީޖަނަލް ސީޕޯޓް ސްޓްރެޓީޖިކް ޕާޓްނަޝިޕް އަދި ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕްގެ ދަށުން ޕްރައިވެޓައިޒްކުރުމުގެ އޮޕްޝަންތަކަށް ރިއާޔަތްކޮށް މީގެ ތެރެއިން އެންމެ ފައިދާވާނެ ގޮތަކަށް ޕްރައިވަޓައިޒްކުރުމަށް އެދި ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ 167 ވަނަ މާއްދާގެ ދަށުން މި ގަރާރު ހުށަހަޅަމެވެ،" މެމްބަރު ވިދާޅުވި އެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރާ ގޮތުގެ ޑިޒައިންގެ ފޮޓޯއެއް (ފޮޓޯ/ އިކޮނޮމިކް މިނިސްޓްރީ)

އެނގުން މުހިންމު - ސަރުކާރުގެ ކުންފުނިތައް ޕްރައިވެޓައިޒް ކުރަން މި ސަރުކާރުން މަސައްކަތް ކުރި ނަމަވެސް، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން އިގްތިސާދު ދަށަށް ދާތީ ޕްރައިވެޓައިޒޭޝަން ސިޔާސަތު މަޑުޖައްސާލަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. ސަރުކާރުން ބުނަނީ މި ދަނޑިވަޅުގައި ކުންފުނިތައް ޕްރައިވެޓައިޒް ކުރަން އުޅެފި ނަމަ އެކަން ކުރަން ޖެހޭނީ ނުއަގުގައި ކަމަށެވެ.

ގުޅުންހުރި ކަމެއް - އަހަރަކު 1.5 މިލިއަން ފަސިންޖަރުން ހިދުމަތް ދެވޭ ފެންވަރަށް އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރާ މަޝްރޫއުގެ ބީލަކަށް ހުޅުވާލީ މިދިޔަ އޮކްޓޯބަރުގަ އެވެ. ގަން އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު މިދިޔަ އަހަރުގެ ފަހުކޮޅު ފަށާނެ ކަމަށް ސަރުކާރުން މީގެ ކުރިން ބުނި ނަމަވެސް، އެ މަސައްކަތް އަދި އޮތީ އެވޯޑް ކުރުމުގެ މަރުހަލާގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް