އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އިންޑިއާގެ ރެނާޓަސްއާ އެކު މިއަދު ސޮއިކުރަނީ. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން

އައްޑޫ

އައްޑޫ އެއާޕޯޓު ތަރައްގީކުރަން އިންޑިއާގެ ރެނާޓަސްއާ ހަވާލުކޮށްފި

ގަން އެއާޕޯޓު ތަރައްގީކުރަނީ އިންޑިއާގެ އެގްޒިމް ބޭންކުން ދޭ 29 މިލިއަން ޑޮލަރުގެ ލޯނެއްގެ ދަށުން

ރާއްޖޭގެ އެންމެ ދުވަސްވީ އެއާޕޯޓު ކަމަށްވާ އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރަން އިންޑިއާގެ ރެނާޓަސް ޕްރޮޖެކްޓްސްއާ މިއަދު ހަވާލުކޮށްފި އެވެ.

ވީ ކިހިނެއް؟ - މިއަދު ހ. މީރުމާގެ ކޮންފަރެންސް ހޯލްގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ:

  • އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އެމްޑީ ގައިސް ނަސީރު

  • ރެނާޓަސް ކުންފުނީގެ ޗެއާމަން ސިލްވަސުންދަރަމް

އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އިންޑިއާގެ ރެނާޓަސްއާ އެކު މިއަދު ސޮއިކުރަނީ. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން

ތަފްސީލު - ގަން އެއާޕޯޓު ތަރައްގީކުރަނީ އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެއަށް ދޫކޮށްފައިވާ ލައިން އޮފް ކްރެޑިޓްގެ ދަށުން، 29 މިލިއަން ޑޮލަރު (455 މިލިއަން ރުފިޔާ) ހަރަދުކޮށްގެންނެވެ.

މި މަޝްރޫއުގެ ދަށުން:

  • އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ވަރުގެ ޒަމާނީ ވަސީލަތްތަކާ އެކު ޓާމިނަލް ތަރައްގީ ކުރާނެ

  • އާ ކޮންޓްރޯލް ޓަވަރެއް އިމާރާތް ކުރާނެ

  • ފަޔާ ސްޓޭޝަން އިމާރާތް ކުރާނެ

  • އެއާޕޯޓަށް ބޭނުންވާ ކޯލްޑް ސްޓޯރޭޖަކާ އެކު ކާގޯ ވަސީލަތްތައް ތަރައްގީ ކުރާނެ

  • އެއާޕޯޓުގެ މަގުތަކާއި ޕާކިން ސަރަހައްދެއް ތަރައްގީ ކުރާނެ

ބުނީ ކީކޭ؟ - ސޮއިކުރުމުގެ ރަސްމިއްޔާތުގައި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މެނޭޖިން ޑިރެކްޓަރު ގައިސް ނަސީރު ވިދާޅުވީ މި މަޝްރޫއުގެ ސަބަބުން ދެކުނު އިގްތިސާދަށް ރަނގަޅު ބަދަލުތަކެއް އަންނާނެ ކަމަށެވެ. އަދި އޭނާ ވިދާޅުވި ގޮތުގައި މިއީ އައްޑޫ ތަރައްގީކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގަތް ވައުދުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއްބަ އެވެ.

"މި މަޝްރޫއު ނިމިގެންދާއިރު ގަން އިންޓަނޭޝަނަލް އެއާޕޯޓު ވެގެންދާނީ އިންޓަނޭޝަނަލް އެއާޕޯޓެއްގައި ގާއިމްވެފައި ހުންނަން ޖެހޭ ހުރިހާ ވަސީލަތްތައް ފުރިހަމައަށް ގާއިމްވެފައި ހުރި، އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރުގެ ތަނަކަށް،" ގައިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގަން އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް ކުރަން ރާވާފައިވަނީ އެ ކުންފުނިން އެކުލަވައިލާފައިވާ ޕްލޭނާ އެއްގޮތަށް ކަމަށެވެ. އަދި އެއާޕޯޓު ތަރައްގީއާ އެކު އޭނާ ވިދާޅުވީ އިތުރު ކަންތައްތަކެއް ކުރަން ވެސް ރާވާފައިވާ ކަމަށެވެ.

"އެގޮތުން އައްޑޫ ގަމުގައި 130 ކޮޓަރީގެ ދޫގަސް ހޮޓަލާއި 50 ކޮޓަރީގެ ބުޓީކް ހޮޓަލެއްގެ މަސައްކަތް ވެސް މި އަހަރުގެ ތެރޭގައި ފެށޭނެކަމަށް އަޅުގަނޑަށް ބެލެވެނީ،" އޭނާ ވިދާޅުވި އެވެ.

އިންޑިއާ ސަފީރު ދެއްވީ މަޝްރޫއު ކުރިއަށްދާނެކަމުގެ ޔަގީންކަން

އެ ރަސްމިއްޔާތުގައި އިންޑިއާގެ ސަފީރު މަނޫ މަހާވަރު ދެއްކެވި ވާހަކަފުޅުގައި، މި މަޝްރޫއުގެ މަސައްކަތް ބަރާބަރަށް ކުރިއަށްދާނެކަމުގެ ޔަގީންކަން ދެއްވި އެވެ.

އެގޮތުން ހަމަ މިފަދަ މަޝްރޫއެއްގެ ގޮތުގައި ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާއިރު ވަރަށް ފަހުން އެ ސައިޓަށް ވަޑައިގެންނެވި ކަމަށާއި އެ ތަނުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން މަހާވަރު ވިދާޅުވީ މި ދެ މަޝްރޫއު ނިމުމުން ފަތުރުވެރިކަމަށް ވެސް ކުރިއެރުމެއް އަންނާނެ ކަމަށެވެ.

"ފާއިތުވެދިޔަ ތިން އަހަރު ވެސް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި މާކެޓަކީ އިންޑިއާ. ހަނިމާދު އާއި ގަން އެއާޕޯޓު ޕްރޮޖެކްޓުތައް ނިމުމުން އިންޑިއާއިން ފަތުރުވެރިން އަންނަ އަދަދު އިތުރަށް ބޫސްޓްވާނެ ކަމުގެ ޔަގީންކަން އެބަ އޮތް،" މަހާވަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންޑިއާގެ 'ނެއިބަހުޑް ފަސްޓް ޕޮލިސީ'ގައި ރާއްޖެއަށް ވަރަށް ހާއްސަ މަގާމެއް ދީފައިވާއިރު، އެ ސިޔާސަތުގެ ދަށުން ދެ ގައުމުގެ ދެމެދުގައި ގުޅިގެން ހިންގާ ތަރައްގީގެ މަޝްރޫއުތަކުގެ ފައިދާ އެންމެ ބޮޑަށް ލިބިފައިވަނީ ވެސް އައްޑުއަށް ކަމަށެވެ. އެގޮތުން، އިންޑިއާގެ ގްރާންޓް އެސިސްޓެންސްގެ ދަށުން އައްޑޫގެ 10 މަޝްރޫއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ޓޫރިޒަމް ޒޯންތައް

  • މަސް ޕްރޮސެސްކުރާ ޕްލާންޓުތައް

  • ޑިޓޮކްސް ސެންޓަރު

  • މެޑިކަލް ޔުނިޓު

އެ 10 މަޝްރޫއުގެ ތެރެއިން ފަސް މަޝްރޫއެއް މިހާރު މުޅިން ނިމިފައިވާއިރު، މަހާވަރު ވިދާޅުވީ އިންޑިއާ ލައިން އޮފް ކްރެޑިޓްގެ ދަށުން އައްޑޫގެ މަގު ހެދުމާއި ބިން ހިއްކުމާއި އެ ނޫނަސް ބައެއް މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް (1)

އައްލާ ބެއްޔާ

5 މާރިޗު 2023
ވަރަށް އުފާ ވެގެ މިކޯ، އެހެންވެ އަފިރިން ބެނަނީ އިބޫ ވަރަ ކޫދަކާ ނެތައު
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް