ހއ. ފިއްލަދޫ (ފޮޓޯ/ ފޭސްބުކް)

ދައްޕަރު މައްސަލަ: ފިއްލަދޫ ރައްޔިތުން ބޭނުންވަނީ ރަނގަޅު ޖަވާބެއް

އިގުތިސާދީ ކޮންމެ މަސައްކަތެއް ކުރިޔަސް ވަރިހަމަ. އެކަމަކު ސެކަންޑް ހޯމް ޕްރޮޖެކްޓާ ދެކޮޅު

ހއ. ފިއްލަދުއާ އެއްފަސްކޮށް އޮންނަ ދައްޕަރަކީ ޒަމާނުއްސުރެ ވެސް ފިއްލަދޫގެ ބައެއްގެ ގޮތުގައި ބަލަމުން އައި ތަނެކެވެ. އެރަށުގެ ރައްޔިތުން އަދިވެސް ދެކެނީ އެގޮތަށެވެ. ނަމަވެސް ފަހުގެ ތާރީހެއްގައި ފިއްލަދޫ ރައްޔިތުން ކަންބޮޑުވާ ގޮތަށް ސަރުކާރުތަކުން ކަންތައްތަކެއް ކޮށްފައިވެ އެވެ. އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި 2010 ވަނަ އަހަރު ދައްޕަރު ދިނީ އަޑި ނޭނގޭ ކަންތައްގަނޑެއްގައި އުޅެމުން އައި 'ނޫމަޑި' އަށެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ސިޔާސަތަކަށް ވި، ބައެއް ރަށްރަށުގައި ގެދޮރު އަޅައިދިނުމުން ޓޫރިސްޓް ކޮޓަރިތަކެއް ތަރައްގީކުރަން ބިން ދިނުމުގެ ތެރެއިން ދައްޕަރު ލިބުނީ ނޫމަޑިއަށެވެ.

ފިއްލަދޫ ރައްޔިތުން އެކަމާ މުޅިން ދެކޮޅެވެ. އެރަށަށް އެއްވެސް ފައިދާއެއް ނެތި ދައްޕަރު އެހެން ބަޔަކަށް ދިނުމުގެ ނާއިންސާފު އެ ރައްޔިތުންނަށް އޮވެ އެވެ. 

ނޫމަޑިން ދައްޕަރު ދޫކޮށްލީ ޓޫރިޒަމްއަށް ރަނގަޅު ނޫން ކަމަށް ބުނެ، އޭގެ ބަދަލުގައި އެހެން ރަށެއް ހޯދައިފަ އެވެ. މި ސަރުކާރުން ނޫމަޑިއަށް ބަދަލެއްގެ ގޮތުން ގާތްގަނޑަކަށް 800 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދިނީ، ފަހުން މި ބުނި ރަށް، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނެގުމުންނެވެ.

ފިއްލަދޫގެ އިހުތިސޯސްގެ ތެރެއަށް ދައްޕަރު އަނެއްކާވެސް ވަނެ. ނަމަވެސް އެއީ އޮގަސްޓް 29 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ގަރާރެއް އައުމާ ހަމައަށެވެ. އެ ގަރާރާ އެކު ދައްޕަރު ވަނީ ފިއްލަދޫން ވަކިކޮށް، ޓޫރިޒަމަށް ހާއްސަކޮށްފަ އެވެ. 

މިހާރު އަނެއްކާ މި އޮތީ ދައްޕަރުގެ މައްސަލަ އެވެ.

ސޭވް ދައްޕަރު ޕެޓިޝަންގައި ސޮއިކުރަން ފިއްލަދޫގައި ކުރިއަށް ގެންދިޔަ ހަރަކާތް

ދައްޕަރުން ލިބޭ ނަފާ ފިއްލަދުއަށް

ފިއްލަދޫ ރައްޔިތުން އިސްނަގައިގެން 'ސޭވް ދައްޕަރު' ގެ ނަމުގައި ކެމްޕެއިނެއް ފެށީ ސަބަބުތަކެއް އޮވެގެންނެވެ. އެ ކެމްޕެއިނުގެ ދަށުން ރަށުގެ ގިނަ ބައެއްގެ ސޮޔާ އެކު ރައީސް އޮފީހަށާއި ރައްޔިތުންގެ މަޖިލީހަށް މިހާރު ވަނީ ޕެޓިޝަނެއް ހުށަހަޅައިފަ އެވެ.

ސޭވް ދައްޕަރު ކެމްޕެއިނުގައި އިސްކޮށް ހަރަކާތްތެރިވާ، ފިއްލަދޫގެ ރައްޔިތެއް ކަމަށްވާ މުހައްމަދު ވަހީދު ބުނީ ދައްޕަރުގައި އިގްތިސޯދީ ކޮންމެ މަސައްކަތެއް ކުރި ނަމަވެސް އޭގެ ނަފާ ރަށުގެ ރައްޔިތުންނަށް ލިބެން ޖެހޭނެ ކަމަށެވެ.

ހއ. ފިއްލަދޫ: ރާއްޖޭގެ އެންމެ ބޮޑު އެއް ރަށް

"ބޭނުންވަނީ ކައުންސިލުގެ ބަލަދުވެރިކަމުގައި ދައްޕަރު އޮވެގެން ރައްޔިތުންނަށް އޭގެ ނަފާ ލިބޭނެ ގޮތަކަށް މަސައްކަތް ކުރުން، އޭގައި މައްސަލައެއް ނެތް ރިސޯޓެއް ހިންގިޔަސް، އިންޑަސްޓްރިއަލް މަސައްކަތް ކުރިޔަސް،" ވަހީދު ބުންޏެވެ.

އެކަމަކު އޭނާ ބުނީ މިހާރު އަޑުއަރާފައި އޮތް ގޮތަށް ދައްޕަރުގައި "ސެކަންޑް ހޯމް ޕްރޮޖެކްޓެއް" ހިންގަން ރައްޔިތުން ގަބޫލު ނޫން ކަމަށެވެ.

ސެކަންޑް ހޯމް ޕްރޮޖަކީ ދައްޕަރުގައި ހަދާ ގެތައް ބޭރު މީހުންނަށް ގަތުމުގެ ފުރުސަތު ދިނުމެވެ.

"އެނޫން ކޮންމެ ކަމަކަށް ވެސް ފިއްލަދޫ ރައްޔިތުން މަރުހަބާ ކިޔާނެ،" ވަހީދު ބުންޏެވެ.

އެކަމަކު ދައްޕަރުގައި ސެކަންޑް ހޯމް ޕައިލެޓް ޕްރޮޖެކްޓެއް ހިންގަން އުޅޭ ކަމުގެ އިޝާރާތެއް އިކޮނޮމިކް ޑިވެލޮޕްމެންޓް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ މީގެ ކުރިން ދެއްވައިފަ އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއެއްގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ އެ ތަނުގައި އެޕާޓްމެންޓާއި ވިލާ އެޅުމަށް ފަހު ދިގު މުއްދަތަކަށް އެ ތަންތަން ވިއްކާލައި، ގަންނަ ފަރާތްތަކަށް ރެސިޑެންސް ވިސާ ދިނުމުގެ ވިސްނުމެއް ސަރުކާރުން ގެންގުޅޭ ކަމަށެވެ.

މި ސަރުކާރުން އިންޑިއާއާ އެކު ވަރަށް ގާތް ގުޅުމެއް ބާއްވާތީ، ބައެއް އާންމުން، އޭގެ ތެރޭގައި ފިއްލަދޫގެ ބައެއް މީހުން ވެސް ހިމެނޭ ގޮތަށް، ގަބޫލުކުރަނީ ދައްޕަރު ތަރައްގީކޮށް، ގެތައް ވިއްކާނީ ވެސް އިންޑިއާ މީހުންނަށް ކަމަށެވެ. 

'ސޭވް ދައްޕަރު' މަަސައްކަތުގައި އުޅޭ ބަޔަކު މަޖިލީހަށް ޕެޓިޝަން ހުށަހެޅުމަށް ފަހު މަޖިލިސް އިދާރާގެ ބޭރުގައި. (ދައުރު ފޮޓޯ/ ފަރީހާ އަބްދުﷲ)

ފިއްލަދޫގެ ޒުވާނަކު ބުނީ ދައްޕަރުގައި ސަރުކާރުން އިގްތިސޯދީ އެހެން ކޮންމެ މަސައްކަތެއް ކުރިއަށް ގެންދަން ވެސް ރައްޔިތުން ދެކޮޅު ނޫން ކަމަށެވެ.

އެކަމަކު "ރަށުގެ އިހުތިސޯސުން [ދައްޕަރު] ވަކިނުކުރާށޭ،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކި، ޒުވާނާ ބުންޏެވެ.

ކޮންމެ މަސައްކަތެއް ކުރިޔަސް ސެކަންޑް ހޯމް ޕްރޮޖެކްޓު ދައްޕަރުގައި ހިންގަން ރައްޔިތުން ގަބޫލެއް ނޫން

މުހައްމަދު ވަހީދު، ފިއްލަދޫ ޒުވާނެއް

ފިއްލަދޫ ކައުންސިލްގެ ރައީސް ފަތުހުﷲ ހަސަންގެ ވެސް އެދިވޑައިގަތުމަކީ އެ އެވެ. އޭނާ ވިދާޅުވީ ފިއްލަދޫގެ އިހުތިސޯސްގެ ދަށުން ދައްޕަރު ވަކިކޮށް އެތަން ބޭނުންކުރަން ސަރުކާރުން ނިންމާފައިވާ ގޮތް އެނގިވަޑައިނުގަންނަވާ ކަމަށެވެ. 

"މިހާރު މި މަސައްކަތް ކުރަނީ އެތަން [ދައްޕަރު] ލިބޭތޯ. ވަރަށް އުއްމީދު އެބަ އޮތް ރައީސް ހައްލެއް ހޯދައިދެއްވާނެ ކަމަށް،" އޭނާ އެވެ.

"މިއަދު ލާމަރުކަޒީކޮށް ދައުލަތް ހިންގަން އުޅޭއިރު ރަށުގެ އެއްބައިގެ ވާހަކަ މި ދައްކަނީ. މާލެ އިން ބަލާ ނަމަ ހެންވޭރާއި މާފަންނު ވަކިކޮށްލުން ކަހަލަ ކަމެއް."

މަޖިލީސް މެންބަރުންގެ ވާހަކަ

ދައްޕަރު މައްސަލާގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޕެޓިޝަނާ ގުޅޭ ގޮތުން ބުދަދުވަހު ޕެޓިޝަން ކޮމެޓީގައި ވަނީ މަޝްވަރާކޮށްފަ އެވެ. ފިއްލަދޫ ނިސްބަތްވާ ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ރައީސް ހައްލެއް ހޯދައިދެއްވާނެ ކަމަށް އޭނާ ވެސް ޔަގީންކުރައްވާ ކަމަށެވެ.

މި ފަހުން ޝަރީފް ފިއްލަދުއަށް ވަޑައިގަތުމުން، ދައްޕަރު މައްސަލާގައި، ރައްޔިތުންގެ ބައެއް މީހުން ނުކުމެ އޭނާ ވަނީ ރަށުން ބާލައިފަ އެވެ.

ކެޔޮދޫ ދާއިރާގެ މެންބަރު ހުސެއިން ގާސިމް ވަކާލާތުކުރެއްވީ ފިއްލަދޫ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ކައުންސިލްގެ ފަރާތުން ރައީސަށް ހުށަހަޅައި އެ ކަންބޮޑުވުންތަކަށް ހައްލެއް އަންނަންދެން ޕެޓިޝަން ދިރާސާކުރުން މަޑުޖައްސާލާ ގޮތަށެވެ.

"ކޮންމެ ގޮތެއްވިޔަސް އަޅުގަނޑުމެން ސަރުކާރަށް އެއްބާރުލުން ދޭން ޖެހޭ. ސަރުކާރުން ކުރާ ކަންކަމާ އެއްބާރުލުން ދޭން ޖެހޭ .ސަރުކާރަށް އަބަދު ގުޑުން އަންނަ ގޮތަށް، ރަށްރަށުގެ ގާނޫނުތައް މިއަދު ހެދި، އެ ހުރިހާ ކަމެއް ވެފައި އޮއްވާ، އަޅުގަނޑަށް ފެންނަނީ އެމްޕީ މެދުވެރިވެވަޑައިގެން ކައުންސިލާއި އެމްޕީއާ ރައީސްއާ މަޝްވަރާކުރެއްވުން،" ގާސިމް ވިދާޅުވި އެވެ.

އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު ވިދާޅުވީ ކޮމެޓީގައި މައްސަލަ މަޑުޖައްސާލަން އޭނާ ވެސް ތާއީދުކުރައްވާ ކަމަށެވެ. 

"ސަރުކާރުން ބޭނުންވޭ ރާއްޖޭގައި ވަޒީފާތަކާއި ޑިވެލޮޕްމެންޓާ އެއްޗެހި ގެނެސް ސަރުކާރުގެ ޕްލޭނާ އެއްގޮތަށް ރާއްޖެ ބިނާކުރަން. އެހެންވެއްޖެއްޔާ އެ އޮޕްޝަން އެބަ އޮތޭ މިއަދު ވެސް މި ކަންބޮޑުވުމަށް،" ހަސަން ވިދާޅުވި އެވެ.

"މި ޕެޓިޝަން ހުށަހަޅައިގެން ފްލޯއަށް ގޮސްގެން އަނެއްކާ ސަރުކާރާ ދިމާއަށް ރައްޔިތުން އެއްޗެހި ކިޔުމުގެ ބަދަލުގައި އެތެރެއިން މިކަން ކޮށްލަ ދެއްވުމަކީ އަޅުގަނޑު އެދޭ ކަމަކަށް ވާތީ ދަންނަވާލީ،" މެންބަރު ޝަރީފް އިސްނަންގަވައިގެން ރައީސާ ބައްދަލުކުރަން އެދިވަޑައިގަންނަވަމުން ހަސަން ވިދާޅުވި އެވެ.

ސަރުކާރާ ކައުންސިލާ މަޝްވަރާކުރި، ބޭނުންވާ ޖަވާބެއް ނުލިބޭ

ދައްޕަރު މައްސަލައިގެ ކަންބޮޑުވުންތަކާ އެކު ފިއްލަދޫ ކައުންސިލާއި އިކޮނޮމިކް މިނިސްޓަރު އަދި ޓޫރިޒަމް މިނިސްޓަރު ހިމެނޭހެން ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ ވަނީ ބައްދަލުވުމެއް ބާއްވައިފަ އެވެ.

އެ ބައްދަލުވުމާ ގުޅޭ ގޮތުން 'ދައުރު'އާ ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޑ. އަބްދުﷲ މައުސޫމް ވިދާޅުވީ ދައްޕަރު މައްސަލާގައި ރައްޔިތުން އެދޭ ގޮތަށް ކަންތައް ދާނެ ކަމަށް ކައުންސިލާ ހިއްސާކުރައްވާފައި ވާނެ ކަމަށެވެ.

"ދައްޕަރަކީ ރައީސް ފަތުރުވެރިކަން ތަރައްގީކުރަން ކަނޑައަޅާފައި އޮތް ތަނެއް. ފަހުން މި ދިމާވި މައްސަލައަކީ އެތަނުގެ އިހުތިސޯސް، ފިއްލަދޫގެ ސީދާ އިހުތިސޯސްގެ ތެރޭގައި ނެތް ކަންތައް. ރަށެއްގެ އިހުތިސޯސްއަށް އައިސްފިއްޔާ އެތަނުގެ ބިމު ކުލި ލިބޭނީ އެ ރަށަކަށް. އެއީ ކައުންސިލުތަކުން ވަރަށް އުއްމީދާ އެކު ބަލަމުން އަންނަ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ފަތުރުވެރިކަމުގެ މަސައްކަތަށް ބިމުގެ ކުލި ނަގަނީ ޓޫރިޒަމް ގާނޫނުންނެވެ. އެ ގާނޫނުގެ ދަށުން ޓޫރިޒަމް މަސައްކަތް ކުރާ ތަނުގެ ބިމު ކުލި ސީދާ ކައުންސިލްތަކަށް ނުލިބެ އެވެ. ކައުންސިލަށް ލިބެނީ އެތަނުގައި ކުރާ އެހެން މަސައްކަތުން ލިބޭ އާމްދަނީ އެވެ.

މައުސޫމް ވިދާޅުވީ ރަށްރަށުގެ އިހުތިސޯސްގެ ތެރެއިން ބައެއް ވަކިކުރަން ޖެހޭ ހާލަތްތައް އަންނަނީ އިންވެސްޓަރުން ބައެއް ފަހަރު، ސީދާ މައި ސަރުކާރާ އެކު އެގްރިމެންޓް އެކުލަވާލަން ބޭނުންވާތީ ކަމަށެވެ.

ދައްޕަރުގައި ކުރިއަށް ގެންދަން ރާވާފައިވާ ސީދާ މަޝްރޫއެއް އޭނާ ވެސް ވިދާޅެއް ނުވެ އެވެ. އަދި ފައްޔާޒު ވެސް އެކަމާ ބެހޭ ގޮތުން ފަހުން ވާހަކަ ދައްކަވާފައެއް ނުވެ އެވެ.

ސެކަންޑް ހޯމް ޕްރޮޖެކްޓަކީ އޭގެ ތަފުސީލުތައް ސަރުކާރުން އަދި ހާމަނުކުރިޔަސް ވަރަށް އުއްމީދީ މަޝްރޫއެއް ކަމަށް، ސަރުކާރުގެ ބައެއް ބޭފުޅުން ނުރަސްމީކޮށް ވިދާޅުވެފައި އެބަ ހުއްޓެވެ. އަނެއްކާ ރައީސް ސޯލިހު ކުއްލިއަކަށް އެ ގަރާރު ނެރުއްވާނީ ވެސް، އެކަހަލަ މަޝްރޫއުއެއް ސަރުކާރުގެ ތެރެއިން ތިލަވަމުން އަންނާތީ ކަމަށް ވެސް ބެލެވެ އެވެ.

އެކަމަކު މިހާރު މި އޮތީ ފުރަތަމަ ފިއްލަދޫގެ ރައްޔިތުން ހިތްހަމަޖައްސައިދޭން ޖެހިފަ އެވެ.

އިތުރަށް ކިޔާލަން:

ކޮމެންޓް (2)

ހަސަނު

2 އޮކްޓޯބަރު 2021
ދައްޕަރާ ބެހޭ ގޮތުން ސަރުކާރުގެ ވިސްނުން ރަނގަޅު ކަމަކަށް ނުފެނޭ. ނިޔަތް ގޯސް ކަމަށް ފެންނަނީ.
3 0

ޒާހިރު

2 އޮކްޓޯބަރު 2021
ދައްޕަރުގަ އަތްނުލާ ފިއްލަދޫ ބާއްވަބަލަ، އޭރުން ފިއްލަދޫ ބޭނުންވާ ގޮތްވީނު އެހެން އޮވެދާނު
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް