އަހުމަދު ޒާހިރު (ފެއަރީ) 'ދައުރު' އަށް އިންޓަވިއު ދެއްވަނީ (ދައުރު ފޮޓޯ/މުހައްމަދު އަމާން)

ތިރީހުން ތިރީސް

ތިރީހުން ތިރީސް: ފެއަރީ ޒާހިރުގެ ގައުމީ ހިދުމަތަށް އޮތީ ޝުކުރު

ރާއްޖެއިން ލިޔަންކިޔަން ނުދަތުން ފިލުވާލުމުގެ އަގުހުރި މަސައްކަތުގެ ކުރީގައި އޭނާ ހުންނެވި އިރު އެއީ އެހާމެ ފާހަގަކޮށްލެވުނު ނޫސްވެރިއެއް ވެސް މެ
25 މާރިޗު 2024
1

މިއީ ކުރީގެ ދުވަހު ނޫސް 'ހަވީރު'ގެ 'މީހުން' ކޮލަމްގައި މީގެ 30 އަހަރުު ކުރިން އަޅުގަނޑު ލިއުނު ބައެއް ޝަހުސިއްޔަތުތަކާ ބެހޭ ގޮތުން އަލުން ލިއަމުން އަންނަ ސިލްސިލާއެކެވެ.

20 ފެބްރުއަރީ 1994

ނޫސްވެރިކަމުގެ ފެއަރީ

ނަމުގެ ބަދަލުގައި އަކުރަކުން ފުއްދާލަ އެވެ. ރާއްޖޭގައި އެންމެ ގިނަ ދުވަހު ނެރުނު އެއް ނޫސް 'އާފަތިސް'ގައި 'ފ.ޒ' ޖަހާފައި ހުންނަ ލިއުންތަކުގެ ހައްގުވެރިޔަކީ އަހުމަދު ޒާހިރެވެ. އޭނާގެ މަޝްހޫރު ވަނަން ބޭނުންކުރާ ނަމަ ފެއަރީ ޒާހިރެވެ. 'ފ.ޒ' އެ އަންނަނީ އެ ދެ ނަން ފެށޭ ދެ އަކުރުގެ ގޮތުގަ އެވެ.

ޒާހިރަކީ 1990ގެ އަހަރުތަކުގައި އާންމުންނަށް ވަރަށް ގިނަ މައުލޫމާތު ގެނެސްދެއްވި ނޫސްވެރިއެކެވެ. އޭނާގެ އަސްލު މަސައްކަތަކީ، އެންމެ ފުރަތަމަ ޓީޗަރުކަމެވެ. އޭގެ ފަހުން އެޑިޔުކޭޝަން މިނިސްޓްރީގެ ޑިޕާޓްމަންޓެއް ކަމަށްވާ ނުރަސްމީ ތައުލީމު ދޭ ބައިގެ އެކި މަގާމުތަކެވެ. މުޅި ރާއްޖޭގައި އޭނާ ދަތުރުކުރެއްވި އެވެ. ލިޔަންކިޔަން ނޭނގޭ މީހުންގެ ނިސްބަތް އޭރު ހުރީ %25ގަ އެވެ. ނަމަވެސް އެ ނިސްބަތް އާބާދީގެ އެންމެ %2އަށް ވުރެ ވެސް ދަށަށް ގެންދިޔަ އެވެ. މާނައަކީ ރާއްޖޭގައި ލިޔަންކިޔަން އެނގޭ މީހުންގެ ނިސްބަތް %98އަށް މަތިކުރުމެވެ. އެކަމުގައި އޭނާގެ ވެސް އަމަލީ ވަރަށް ބޮޑު މަސައްކަތެއް އޮތެވެ.

ފެއަރީ ޒާހިރުއާ ބެހޭ ގޮތުން 'ހަވީރު'ގެ މީހުން ކޮލަމްގައި 20 ފެބްރުއަރީ 1994ގައި ޖެހި އާޓިކަލް

ޒާހިރުގެ ވާހަކަ 'ހަވީރު'ގެ 'މީހުން' ކޮލަމްގައި އަޅުގަނޑު ލިއުނީ ފުލްޓައިމްކޮށް ސަރުކާރުގައި އަދި ޕާޓްޓައިމްކޮށް ނޫސްވެރިކަމުގައި އޭނާ ކުރައްވަމުން ގެންދެވި ހިދުމަތްތަކަށް ބިނާކޮށެވެ. އޭގެ ގާތްގަނޑަކަށް އަހަރެއް ކުރިން ރާއްޖޭގައި ނޫސްވެރިކަމުގެ ރަން ޔޫބީލް ފާހަގަކުރި އިރު ނޫސްވެރިންނަށް ދިން ރަން އަދި ރިހި ގަލަން ޒާހިރަށް ލިބިވަޑައެއް ނުގަންނަވަ އެވެ.

"އަޅުގަނޑަށް ހީވަނީ އެދުވަސްވަރު އަޅުގަނޑު ހުރީ އިނގިރޭސި ވިލާތުގައި ކޯހެއްގައި. އެހެންވެ އެ އިނާމު އަތުނުވެ ދިޔައީ،" އެ ހަނދާންތައް އާކުރައްވަމުން އޭނާ ވިދާޅުވި އެވެ.

ފެއަރީ އަހުމަދު ޒާހިރު، ކުރީގެ ނޫސް 'އާފަތިސް'ގެ އިސް ލިއުންތެރިން ކަމަށްވާ އަބްދުﷲ ނައީމް އިބްރާހިމް (މ) އަދި މުހައްމަދު ޝާހިދު (ކ)އާ އެކު

ހިދުމަތަކީ ހަމައެކަނި އެވޯޑެއް ލިބުމެއް ނޫނެވެ. ތިމާ ކުރާ މަސައްކަތުގެ އަގު އެހެން ބަޔަކަށް ނޭނގުނަސް އެއާ މެދު ކަންބޮޑުވުމެއް ނެތި ކުރިއަށް ދިއުމަކީ ހިތްވަރެވެ. ނުވަތަ އެ ކަމަކަށް އޭނާގެ އޮންނަ ލޯތްބެވެ. ނޫސްވެރިކަމާއި ސަރުކާރުގައި އޭނާ ނަންގަވާ ޒިންމާތަކުން، ޒާހިރުގެ ކިބައިން ފެންނަނީ އެ ސިފަ އެވެ. އެ ލޯތްބާއި އެ ޝައުގުގައި ކުރާ ހިދުމަތުގެ އަގު ފަހުން ނަމަވެސް ވަޒަންކުރެ އެވެ. 

"އޭގެ މާ ގިނަ އަހަރެއް ނުވެ އަޅުގަނޑަށް ނޫސްވެރިކަމުގެ ގައުމީ އިނާމު ލިބުނު،" ހިތްހަމަޖެހުމާ އެކު ޒާހިރު ވިދާޅުވި އެވެ.

މުޅި ރާއްޖޭގައި ދަތުރު

'ދައުރު' އޮފީހުގައި އޭނާގެ ހިދުމަތްތަކާ ބެހޭ ގޮތުން ވާހަކަ ދެއްކެވި އިރު ޒާހިރު ހުންނެވީ ސަރުކާރުން ރިޓަޔަކުރެއްވުމުގެ މަގުމަތީގަ އެވެ. ސަރުކާރަށް ހިދުމަތްކުރެއްވުމުގައި 40 އަހަރަކީ ވަރަށް ދިގު މުއްދަތެކެވެ. އޭނާޔަކީ ތައުލީމީ ދާއިރާގެ ފަންނީ ބޭފުޅަކަށް ވާތީ، ރިޓަޔަކުރެއްވުމުން މަހުންމަހަށް ޕެންޝަނެއް މިހާރު ލިބެން އޮތީ ވަކި މުއްދަތެއްގެ ތެރޭގައި ރިޓަޔަކުރެއްވުމުންނެވެ. އެހެންކަމުން ޕޭ ކޮމިޝަނުން ތައްޔާރުކޮށްފައިވާ ތައުލީމީ ދާއިރާގެ ޕޭ ފްރޭމް ވޯކްއިން ދީފައިވާ މި މުއްދަތުގައި ރިޓަޔަކުރެއްވުމާ މެދު އޭނާ ވެސް ގެންދަވަނީ ވިސްނަވަމުންނެވެ. މި މުއްދަތު އަންނަ އަހަރުގެ 31 ޖެނުއަރީއަށް ހަމަވާނެ އެވެ.

އެ ދިގު މުއްދަތުގެ ހިދުމަތްތަކުން ދުރަށް ވަޑައިގަންނަވާއިރު އޭނާގެ މާޒީގައި އޮތީ އުފާވެރި ދުވަސްތަކެކެވެ. އަބަދުމެ ހަނދާނަށް އަންނާނެ މަސައްކަތްތަކެކެވެ.

"ރާއްޖޭގައި އޭރު ނޯންނާނެ އެއް ފަހަރު، ދެ ފަހަރު އަޅުގަނޑު ނުދާ ރަށެއް މީހުން ދިރިއުޅޭ،" ޒާހިރު ވިދާޅުވި އެވެ.

ފެއަރީ އަހުމަދު ޒާހިރު ޓީޗަރެއްގެ ގޮޮތުން މަސައްކަތްކުރެއްވި އިރު، 1980ގެ އަހަރުތަކުގެ ކުރީކޮޅު ދަރިވަރުންތަކަކާ އެކު

ޓީޗަރަކަށް އުޅުއްވުމަށް ފަހު ނުރަސްމީ ތައުލީމު ދޭ ބަޔާ ގުޅިވަޑައިގަތީ 1987 ހިސާބުގަ އެވެ. ރާއްޖޭގެ އެކި ރަށްރަށުގައި ތިބި ލިޔަންކިޔަން ނޭނގޭ މީހުން އެ ނޭނގުމުގެ ތެރެއިން ނެރުމަކީ ގައުމީ މަސައްކަތެކެވެ. އެ މަސައްކަތުގައި އުޅެމުން އެ އަންނަނީ، އާންމުކޮށް ގިނަ މީހުންނަށް ނޭނގުނަސް، މަތީ ހިދުމަތްތެރިންނެވެ.

ފެއަރީ ޒާހިރު (ކ)، ރަށަކަށް ވަޑައިގަންނަވަނީ: އޭނާގެ ކައިރީގައި އޭރު އީޑީސީގައި މަަސައްކަތްކުރެއްވި އަދި ފަހުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އިސްމާއިލް ހަބީބު

"ސަރުކާރުން އެ ޕްރޮގްރާމް ފަށައިގަތް އިރު އާބާދީގެ %25އަށް ލިޔަން ކިޔާކަށް ނޭނގޭ. އަޅުގަނޑުމެންނަށް ރާއްޖޭގައި ލިޔަންކިޔަން އެނގޭ މީހުންގެ ނިސްބަތް ގެނެވުނު %98:34 އަށް،" ޒާހިރު ވިދާޅުވި އެވެ.

"އެއީ ވަރަށް ހާއްސަ މަސައްކަތްތަކެއް ކޮށްގެން. އޭގެ ތެރޭގައި އަޅުގަނޑަށް އުޅެވުނު."

ރަށަކަށް ކުރެއްވި ޒިޔާރަތެއްގައި ޒާހިރު ވީޑިއޯކުރަނީ: ލިޔަންކިޔަން ނުދަތުން ނައްތާލުމުގައި އަމަލީ ގޮތުން މަސައްކަތެއް ކުރެއްވި

މިހާރު ވެސް ރާއްޖޭގައި ލިޔަންކިޔަން ނުދަން ކުދިން އެބަ އުފެދެ އެވެ. ސްކޫލްތަކަށް ނުފޮނުވާ ކުދިންނާއި ސްކޫލަށް ދިޔަސް ލިޔަންކިޔަން ނޭނގޭ ދަރިވަރުން، ތައުލީމީ ހަޔާތުން ކޮންމެވެސް ވަރަކަށް ބޭރުވެ އެވެ. އެފަދަ ކުދިންނަށް ލިޔަންކިޔަން އެނގޭވަރު ކޮށްދިނުމަކީ، ޒާހިރު މަސައްކަތްކުރައްވާ ޑިޕާޓްމަންޓުގެ އެއް ޒިންމާ އެވެ.

"ލިޔަންކިޔަން ނުދަންނަ ކުދިން މިހާރު ވެސް ރަސްމީކޮށް އޮންނަ ލިޓްރަސީ ޕްރޮގްރާމްގެ ދަށުން ހޯދާނެ،" އޭނާ ވިދާޅުވި އެވެ.

ނޫސްވެރިކަން، މިހާރު ކުރިއާ އެއްފަދައެއް ނޫން

އެއީ މަދު ވަސީލަތްތަކެއް ލިބެން ހުރި، މިނިވަންކަން ވެސް އެހާމެ ކުޑަ، އެކަމަކު ނޫސްވެރިކަމުގެ މަތީ ހަމަތައް ހިފަހައްޓަން މަސައްކަތްކުރި ޒަމާނެކެވެ. އާންމުންނަށް މައުލޫމާތު ލިބެން އޮންނަނީ ޓީވީ/ރޭޑިއޯގެ އިތުރުން މާލޭގައި ނުުކުންނަ މަދު ނޫހެކެވެ.

ޒާހިރުގެ މައިގަނޑު މަސައްކަތަކީ ދުނިޔޭގެ ހަބަރުތަކާއި ދުނިޔޭގެ ކުޅިވަރު 'އާފަތިސް'ގައި ލިއުއްވުމެވެ. އޭގެ އިތުރުން ދިވެހިރާއްޖޭގެ އަޑަށް ވެސް ބޭރުގެ ހަބަރުތައް ތަރުޖަމާކޮށްދެއްވި އެވެ.

މެންޗެސްޓަ ޔުނިވަސިޓީގައި ނޫސްވެރިކަމުގެ ދާއިރާއިން ފެއަރީ ޒާހިރު ތަމްރީން ހަދަނީ

"އަޅުގަނޑަށް ކޮށްދެވުނު އެންމެ ބޮޑު ކަމަކީ ބޭރުގައި ހިނގާ ކަންކަން ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ފޯރުކޮށްދިނުން. އެކަމުގައި އަޅުގަަނޑުގެ ހިއްސާ ވެސް އޮންނާނެ،" ޒާހިރު ވިދާޅުވި އެވެ.

'އާފަތިސް'ގެ އެޑިޓަރުކަން އޭނާ ކުރެއްވި އެވެ. އެ ނޫހުގައި ދުނިޔޭގެ ކުޅިވަރު ހަބަރު ލިއުއްވަން ފެއްޓެވީ ވެސް އޭނާ އެވެ. ސަރުކާރުގެ ކޯހެއްގައި އިނގިރޭސި ވިލާތުގެ މެންޗެސްޓަ ޔުނިވަސިޓީން ނޫސްވެރިކަމުގެ ރޮނގުން ކިޔަވާވިދާޅުވި އެވެ.

1990ގެ އަހަރުތަކުގެ ކުރީކޮޅު ދިވެހިރާއްޖޭގެ އަޑަށް ބޭރުގެ ހަބަރު ލިއުއްވަނީ

މިދިއަ 30 އަހަރުގެ ތެރޭގައި އޭނާއަށް ވަނީ ނޫސްވެރިކަމުގެ ވަރަށް ބޮޑެތި ބަދަލުތައް ފެނިވަޑައިގެންފަ އެވެ. މިއީ ސޯޝަލް މީޑިއާގެ ނުފޫޒު ގަދަ ޒަމާނެވެ. ނޫސްވެރިންނާއި މީޑިއާތައް ވެސް އެހާމެ ގިނަ ވެއްޖެ އެވެ. އެކަމަކު މި ގިނަވުމަކީ އޭރު ހިފެހެއްޓި ހަމަތައް ރަނގަޅުކޮށްދިން ކުރިއެރުމެއް ނޫނެވެ.

ޒާހިރު ވިދާޅުވި ގޮތުގައި އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރެއްވެނީ ހަބަރެއް ގެނެސްދޭ އިރު އޭގެ ތެދުދޮގު ރަނގަޅަށް ކަށަވަރުނުކުރުމެވެ. އެހެންކަމުން އޭނާގެ އާދައަކީ ސޯޝަލް މީޑިއާއިން ހަބަރެއް ފެނުނަސް އެއީ ތެދެއްތޯ ބަލަން އޭނާއަށް ޔަގީންކުރެއްވޭ ވެބްސައިޓެއް ޗެކްކުރެއްވުމެވެ.

"އޭރާއި މިހާރުގެ ނޫސްވެރިންގެ ތަފާތު އެއް ކަމެއްގެ ގޮތުގައި ފެންނަނީ އޭރުގެ ނޫސްވެރިން މާ ބޮޑަށް ކަންތައްތަކުގެ މައުލޫމާތު ހޯދަން މަސައްކަތްކުރޭ. ދަތިތަކާ އެކު ވެސް ރަނގަޅު ވާހަކަތައް ގެނެސްދެވޭތޯ، ތެދު ހަގީގަތް ގެެނެސްދެވޭތޯ ވަަރަށް ބޮޑަށް މަސައްކަތްކުރޭ،" ޒާހިރު ވިދާޅުވި އެވެ.

ފެއަރީ ޒާހިރު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އިންޓަވިއުއެއް 'އާފަތިސް' ނޫހަށް ނަންގަވަނީ

"މިހާރު ފެންނަ ހަބަރުތައް ވަރަށް މަދު ނޫހެއްގައި ނޫނީ ޕާސަނަލީ އެ ވެރިފައިކުރަން ބޭނުންވޭ. ބައެއް ކަހަލަ ނޫސްތަކުގައި ހުންނަ އެއްޗެހި ކިޔާފައި އަޅުގަނޑަށް އެނގޭނެ ދޮގުކަން."

ކަންކަން އަންނާނީ އަބަދުވެސް ބަދަލުވަމުންނެވެ. މީގެ 30 އަހަރު ކުރިން އޭނާއާ ބެހޭ ގޮތުން ލިއުނު ކުރު ލިއުން ނިންމާލީ 'ފެއަރީ ޒާހިރަކީ ޒުވާން ނޫސްވެރިންގެ ތެރޭ ހިމެނޭ އެންމެ ރަނގަޅު އެކެެއް' ކަމަށް ބުނަމުންނެވެ. އޭރު އުމުރުން އެންމެ 29 އަހަރެވެ. މިއަދު 59 އަހަރުގައި ޒާހިރު އެ ހުންނެވީ އޭނާގެ ގައުމީ ހިދުމަތުން ވެސް ދުރަށް ވަޑައިގަންނަވަން ތައްޔާރުވެފަ އެވެ.

ހިދުމަތުގެ ގޮތުން ބަލާ ނަމަ މިއީ ގައުމީ ފެންވަރުގެ ބޭފުޅެކެވެ. 

ކޮމެންޓް (1)

އިންސައްތަ

25 މާރިޗު 2024
ލިޔަންކިޔަން ނޭނގޭ މީހުންގެ ނިސްބަތް %25ގައި ހުއްޓާ %އަށް ތިރިކުރީ އެކަމުގައި އޭނާގެ ވެސް އަމަލީ ވަރަށް ބޮޑު މަސައްކަތެއް އޮވެގެންނެވެ. ލިޔަންކިޔަން ނޭނގޭ މީހުންގެ ނިސްބަތް %75ގައި ހުއްޓާ %02އަށް ތިރިކުރީ އެކަމުގައި އޭނާގެ ވެސް އަމަލީ ވަރަށް ބޮޑު މަސައްކަތެއް އޮވެގެންނެވެ. ލިޔަން ކިޔަން ދަސްވެފައިވާ މީހުންގެ ނިސްބަތް އިތުރުވީ އެވެ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް