ބެމްބޫ ޕްރޮޖެކްޓާ ބެހޭ ގޮތުން ބޭއްވި ޕްރެސް ގައި މީމު ޒަވިޔަނި ، މުހައްމަދު ޒާހިރު (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

ތިރީހުން ތިރީސް

ތިރީހުން ތިރީސް: މީމުޒަވިޔަނި ނޫން މީހަކު އޭރަކު ނެތް

އޭނާ އެންމެ މަޝްހޫރުވީ ތިމާވެށީގެ ލިއުންތެރިއެއްގެ ގޮތުގަ އެވެ. އެ ރޮނގުން ގްލޯބަލް 500 އެވޯޑް ވެސް، ކުރީގެ ރައީސް މައުމޫނަށް ފަހު، ހޯއްދެވި އެވެ.
17 މާރިޗު 2024
2

ކުރީގެ ދުވަހު ނޫސް 'ހަވީރު'ގައި 2 ޖެނުއަރީ 1993ގައި، 'މީހުން' ކޮލަމް ފެށި އެވެ. ބޭނުމަކީ ކޮންމެ ދުވަހަކު ވެސް ކޮންމެވެސް މީހަކާ ބެހޭ ހުލާސާ ލިއުމެއް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ. އެ ކޮލަމް ފުރަތަމަ ކުރިއަށް ގެންދިޔައީ ދިވެއްސަކާއި ބޭރުގެ މަޝްހޫރު ކޮންމެވެސް މީހަކާ ބެހޭ ލިއުމެއް ހިމަނައިގެންނެވެ. ފަހުން ހަމައެކަނި ދިވެހިންނަށް ހާއްސަކުރި އެވެ. 'މީހުން' ކޮލަމް 1 ޖެނުއަރީ 2000އާ ހަމައަށް ލިއުނީ އަޅުގަނޑެވެ. ޗުއްޓީގައި ހުރުން ނުވަތަ ނޫހުގެ އެހެން ކަމެއްގައި ރަށުން ބޭރަށް ދިއުން ފަދަ ހާލަތެއްގައި ނޫނީ ހަމަ ކޮންމެ ދުވަހަކުހެން އެ ކޮލަމް ފުރުމަކީ އަޅުގަނޑުގެ ޒިންމާއެކެވެ. 'ދައުރު'ގައި މި ރޯދަމަހު މި ބަލައިލަނީ މީގެ 30 އަހަރު ކުރިން 'މީހުން' ކޮލަމްގައި ޖެހި ބައެއް މީހުންނަށެވެ.

ތިން އުފަލުގެ މީމުޒަވިޔަނި

5 ޖޫން 1993

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ ހޯލްގައި އޮތް ގައުމީ އިނާމު ދިނުމުގެ ރަސްމީ ޖަލްސާ އެވެ. ގައުމަށް އެކި ރޮނގުރޮނގުން ހިދުމަތްކުރި މީހުންނަށް އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަތްޕުޅުން އިނާމު ދެއްވަމުން ގެންދެވި އިރު، ފޮޓޯގްރާފަރެއްގެ ގޮތުގައި، އިސްކޮޅުން ދިގު ޒުވާނަކު، ކެމެރާއާ އެކު ސްޓޭޖް ކައިރީގައި ހުއްޓެވެ.

ދެން އިވުނީ އޭނާގެ ނަން ވެސް ގޮވި އަޑެވެ. ރާއްޖޭގެ ތިމާވެއްޓަށް ހިދުމަތްކުރުމުގެ ރޮނގުން ގައުމީ އިނާމު ލިބެނީ މުހައްމަދު ޒާހިރު، ނުވަތަ މަޝްހޫރު ނަމުން ނަމަ، މީމުޒަވިޔަނި ކަމަށް، އިއުލާންކުރީ އެވެ.

ހޯލްގައި ހުރި ހުސް ގޮނޑިއެއްގައި ކެމެރާ ބާއްވާލި އެވެ. އިނާމު ބަލައި ސްޓޭޖަށް އެރި އެވެ. އެކަމަކު އިނާމާ އެކު ފައިބައި، އެހެން މީހުންހެން ގޮނޑީގައި އިށީނީކޫ ނޫނެވެ. އަނެއްކާވެސް ކެމެރާ ހިފައިގެން އޭނާ ހުއްޓުނީ، ޖަލްސާގެ ދެން ހުރި ފޮޓޯތައް ނަގާށެވެ.

އެއީ 1989 އެވެ. އެއީ ޒާހިރުގެ ނޫސްވެރިކަމުގެ ޒުވާން ދުވަސްވަރެވެ. ގައުމީ އިނާމާ ހަމައަށް އޭނާއަށް ވަޑައިގެންނެވުނީ 1986ގައި 'ހަވީރު'ގައި ކޮންމެ ހަފުތާއަކު ނެރެން ފެށި ތިމާވެށީގެ ސަފުހާގެ ސަބަބުންނެވެ. ރާއްޖޭގެ ތިމާވެށީގެ އެތައް މައްސަލައަކާ މެދު ކޮންމެ ހަފުތާއަކު އޭނާ ލިއުއްވި ގިނަ ލިއުންތަކެވެ. އޭރު ގިނަ މީހުންގެ ހިޔާލަށް ވެސް ނުގެނެވޭ ކަހަލަ މައްސަލަތަކެވެ. ހޭލުންތެރިކަން ފަތުރާލުމުގައި އޭނާ ހުންނެވީ ކުރީގަ އެވެ.

މުހައްމަދު ޒާހިރުއާ ބެހޭ ގޮތުން 5 ޖޫން 1992ގައި 'ހަވީރު'ގެ މީހުން ކޮލަމްގައި ލިއުނު ލިއުން

'މީހުން' ކޮލަމަށް މީމުޒަވިޔަނި އެރީ 5 ޖޫން 1993ގަ އެވެ. އެއީ ރާއްޖޭގެ ނޫސްވެރިކަމުގެ ރަން ޔޫބީލް ދުވަހެވެ. ދުނިޔޭގެ ތިމާވެށީގެ ދުވަސް ވެސް މެ އެވެ. މީމުޒަވިޔަނީގެ މަސައްކަތަށް ސަރުކާރުން ނޫސްވެރިކަމުގެ ރަން ގަލަން ދިނެވެ. އެހެންކަމުން ކޮލަމްގެ ސުރުހީގައި 'ތިން އުފަލުގެ މީމުޒަވިޔަނި' ކަމަށް ޖެހީ، އެ ތިން ކަމަށް ބަލައިގެންނެވެ.

މީމުޒަވިޔަނި ނޫން އެހެން ނޫސްވެރިޔަކު އޭރު ނެތް ފަދަ އެވެ. އާއެނކެވެ. ރާއްޖޭގެ އެއްވަނަ ނޫހުގެ ނިއުސްރޫމްގައި ވެސް ފުލްޓައިމް ނޫސްވެރިޔަކު، އޭނާ ފުރަތަމަ ލިއުއްވަން ފެއްޓެވިއިރު، ނެތެވެ. އެހެންކަމުން ދެން ޖެހުނީ ފޮޓޯ ވެސް ނަންގަވާށެވެ. ރެކޯޑަރު ހިއްޕަވައިގެން މަގުމައްޗަށް ވެސް ނުކުންނަވާށެވެ. ހާއްސަ މީހަކު ދިމާވެއްޖެ ނަމަ އިންޓަވިއު ނަންގަވާ ގޮތަށެވެ. އެގޮތަށް ނުކުންނަވައިގެން ރައީސް މައުމޫންގެ އިންޓަވިއުއެއް ވެސް ހޯއްދެވިމެ އެވެ.

މުހައްމަދު ޒާހިރު އޭނާއާ ބެހޭ ގޮތުން މީގެ 30 އަހަރު ކުރިން 'ހަވީރު'ގައި ޖެހި 'މީހުން' ކޮލަމްގެ ކޮޕީއެއް ކިޔާލަނީ: މީމުޒަވިޔަންޏަކީ ގްލޯބަލް 500 އެވޯޑް ލިބުނު ދެ ދިވެހިންގެ ތެރެއިން އެކަކު. ފުރަތަމަ ލިބުނީ ކުރީގެ ރައީސް މައުމޫނަށް

ލިއުމާއި ފޮޓޯގްރަފީ އާއި ސަރުކާރުގެ ވަޒީފާއަކީ ވެސް ޒާހިރުގެ ޒިންމާތަކެވެ. ސަރުކާރުން އޭނާއަށް ވަޒީފާ ދެއްވީ ސީދާ މައުމޫނެވެ. މާލޭގެ އިރުއުތުރު ފަރުގައި ދިގު ރެނދެން ލާފައި އޮތް ތަނުގެ ފޮޓޯ، އޭނާގެ އެކުވެރި ޑައިވަރު ލަކުޑިބޯ ހަސަންމަނިކާ އެކު ނެންގެވުމުން މައުމޫން ދައުވަތު ދެއްވީ ތީމުގެއަށް ވަޑައިގަތުމަށެވެ.

"ތީމުގޭގެ ފެންޑާ މަތީގައި ރައީސް އަޅުގަނޑުމެންނާ ބައްދަލުކުރެއްވީ. އަޅުގަނޑުމެންގެ އަތުގައި އޮތް ފޮޓޯތައް ދިނިން،" ޒާހިރު ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި އޭނާއަށް މައުމޫން ހުށައެޅުއްވީ ތިމާވެށީގެ ދާއިރާއިން ސަރުކާރަށް ހިދުމަތްކުރެއްވޭނެ ވަޒީފާއެކެވެ. މިއަދާ ހަމައަށް ވެސް އެ އުޅުއްވަނީ ސަރުކާރަށް އެ ވެންނެވި ގޮތަށެވެ.

'ގްލޯބަލް 500' އެވޯޑް

"މީމުޒަވިިޔަންޏަށް 'ގްލޯބަލް 500'ގެ އިނާމު ލިބިލެއްވިކަން އެއީ ބަޔަކު ފާހަގަނުކުރިޔަސް ރާއްޖޭގެ ނޫސްވެރިން ފާހަގަކުރާނެ ކަމެއްކަން ކަށަވަރެވެ،" ކޮލަމް ނިންމާލީ އެ އިބާރާތުންނެވެ.

އެގޮތަށް ލިއުމުގެ ސަބަބު ކިޔައިދޭނަމެވެ.

ދުނިޔޭގެ ތިމާވެއްޓަށް ހިދުމަތްކުރާ 500 ފަރާތަކަށް އދ. އިން 1987ގައި ދޭން ފެށި މި ހާއްސަ އެވޯޑް ރާއްޖެއިން ލިބިވަޑައިގަތީ މައުމޫން އާއި ޒާހިރަށް އެކަންޏެވެ. މައުމޫނަށް އެވޯޑް ދިނީ މޫސުމަށް އަންނަ ބަދަލުތަކާއި ކަނޑުގެ ލޮނޑުގަނޑު އުސްވުމުން ރާއްޖެ ފަދަ ގައުމުތަކަށް ދިމާވެދާނެ ނުރައްކަލާ މެދު ދުނިޔޭގެ ފެންވަރުގައި އެމަނިކުފާނު އިއްވެވި އަޑުތަކަށެވެ.

އެކަމަކު ޒާހިރު ތަފާތެވެ. އޭނާއަށް އެވޯޑް ލިބިވަޑައިގަތީ ތިމާވެއްޓާ ބެހޭ ގޮތުން އާންމުންގެ ހޭލުންތެރިކަމަށް ކުރެއްވި މަސައްކަތްތަކަށެވެ. އެހެންކަމުން އޭނާއަކީ އާންމުންގެ ތެރެއިން އުފެދުނު ހިދުމަތްތެރިއެކެވެ. 

ކުރީގެ ތިމާވެށީގެ ލިޔުންތެރިޔާ މުހައްމަދު ޒާހިރު (މީމުޒަވިޔަނި) އަށް ގްލޯބަލް 500 އެވޯޑް، މެކްސިކޯގައި 1992 ވަނަ އަހަރު ދެނީ. ރައީސް މައުމޫން ފިޔަވައި ދެން އެ އެވޯޑް ލިބުނު ހަމައެކަނި ދިވެއްސަކީ ޒާހިރު

އެ އެވޯޑަކީ ދެ ބޭފުޅުންނަށް ވެސް ބައިނަލްއަގުވާމީ ބޮޑު ޝަރަފެކެވެ. ނަމަވެސް 1988ގައި މައުމޫނަށް ލިބިވަޑައިގެންނެވި އެވޯޑް، އާންމު ދިވެއްސަކު ހޯއްދެވުމުން އޭގެ އަގު ސަރުކާރުން ވަޒަންކޮށްފައެއް ނުވެ އެވެ. މައުމޫނުގެ ޝަރަފުގައި ރައްޔިތުންގެ މަޖިލިހުގެ ހާއްސަ ޖަލްސާއެއް ވެސް ބޭއްވި އެވެ. އޭރު އެއީ އެހާ ވެސް ބޮޑު ކާމިޔާބީއެކެވެ. މައުމޫނަކީ ދުނިޔެ ހޫނުވާ މައްސަލަ އާއި ކަނޑުގެ ލޮނުގަނޑު އުސްވެގެން ކުރިމަގުގައި ރާއްޖެއަށް ދިމާވެދާނެ ނުރައްކަލާ މެދު ވަރަށް މުހިންމު ވާހަކަފުޅުތަކެއް ބައިނަލްއަގުވާމީ ފެންވަރުގައި ދެއްކެވި ބޭފުޅެކެވެ. މިހާ ކުޑަ ގައުމެއްގެ ވެރިޔަކަށް ބަލާ ނަމަ އެމަނިކުފާނުގެ މަސައްކަތްޕުޅު އެ ނިސްބަތުން ފާހަގަކުރަން ވެސް ޖެހެ އެވެ.

އޭގެ ހަތަރު އަހަރު ފަހުން، 1992ގައި މެކްސިކޯގައި އޮތް ރަސްމިއްޔާތެއްގައި، މީމުޒަވިޔަނި ހަމަ އެ އެވޯޑް ހޯއްދެވުމަކީ ވެސް، ދިވެހިންނަށް އެހާމެ ބޮޑު ޝަރަފެކެވެ. ރާއްޖޭގެ ނޫސްވެރިކަމަށް ވެސް ކާމިޔާބީއެކެވެ. އެދުވަހު ދުނިޔެއަށް ސާބިތުކޮށްދިނީ ތިމާވެށީގެ ރޮނގުން ބައިނަލްއަގުވާމީ ދުނިޔެ ގަބޫލުކުރާ ފެންވަރުގެ ހިދުމަތުގައި އާންމު ދިވެހިން ވެސް އުޅޭ ކަމެވެ.

ނަމަވެސް ޒާހިރަށް އެ އެވޯޑް ލިބިވަޑައިގަތުމުން ސަރުކާރުން އޭގެ އަގުވަޒަންކޮށްފައެއް ނުވެ އެވެ. އޭރުގެ ނޫސްވެރިން އެކަމާ ދެރަވި އެވެ. 

އުފާވެރި ދިރިއުޅުމެއް

އުމުރުން މިހާރު 62 އަހަރުގެ ޒާހިރުގެ ނޫސްވެރިކަމާއި ފޮޓޯގްރަފީގެ މަސައްކަތް 2000ގެ އަހަރުތަކުގެ މެދުތެރޭގައި ނިމުމަކަށް އަ އެވެ. ފާހަގަކުރަން ޖެހޭ ކަމަކީ 15 އަހަރަށް ވުރެ ގިނަ ދުވަހު އޭނާ ނޫސްވެރިކަމުގައި އުޅުއްވީ އާމްދަނީއަށް ވުރެ ބޮޑަށް އެކަމަށް އޮތް ޝައުގާއި ލޯތްބަށް ކަމަށް ވުމެވެ. 

"އެއީ ވަރަށް ޓަފް ލައިފެއް. އެ ލައިފް މިހާރުގެ ކުދިންނަކަށް ނޫޅެވޭނެ. ވަރަށް ދެރަ އެހެން ބުނަން ވެސް،" ޒާހިރު ވިދާޅުވި އެވެ.

އެދުވަސް އެއީ މިހާރު މާޒީ އެވެ. އޭގެ 30 އަހަރު ފަހުން މިއަދު އޭނާ ހުންނެވީ އުފަލުންނެވެ. މިހާރު އޭނާއަކީ ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް އެވެ. އޭނާ 1990ގެ އަހަރުތަކުގެ ކުރީކޮޅު އުފެއްދެވި އިކޯކެއާ ޖަމިއްޔާއަކީ ތިމާވެށީގެ ކަންކަމުގައި ނަމޫނާއެކެވެ.

ޒާހިރު ނިސްބަތްވެވަޑައިގަތީ އޭރު މާލޭގެ އެންމެ ފަގީރު އެއް އާއިލާއަށޭ ވިދާޅުވާކަށް ޖެހިލުމެއް ނުވެ އެވެ.

"އަޅުގަނޑު މާލެއަށް އުފަންވީ ވަރަށް ފަގީރު، އެންމެ ފަގީރު އެއް އާއިލާއަށް، ގޮނޑުދޮށުގައި ގެ ހުންނާނީ،" ޒާހިރު ވިދާޅުވި އެވެ.

އެކަމަކު މިއަދު އޭނާގެ އެގެ ވަނީ 10 ބުރިއަށް އިމާރާތްކުރައްވައިފަ އެވެ. އެއީ ތިން ކައިވެނިން ލިބިވަޑައިގެންނެވި ފަސް ކުދިންގެ މުސްތަގުބަލަށް ވެސް މުހިންމު މަސައްކަތެއް ކަމަށް ގަބޫލުކުރައްވަ އެވެ.

"އަޅުގަނޑު ވަރަށް ހެޕީ ލައިފް،" ޒާހިރު ވިދާޅުވި އެވެ.

ކޮމެންޓް (2)

ސަޅި

18 މާރިޗު 2024
މަރުހަބާ ޒާހިރު
2 0

ގޮތް އޮތް އަދިވެސް އެބަ އޮތް

17 މާރިޗު 2024
މޒ ނޫން މިހާރު ކުދިންނަށްވެސް ވާނެ އެ ކޮލިޓީ އެބަތިބި ހިތްވްރު ހުރި ކުދިން އެބައުޅޭ މޒ އަކީ ކެރެކްޓަރ އެއް - އަހްލާޤެއް ހަމަ ހިފެހެއްޓި ބޭފުޅެއް.. ކުރިއަށް އޮތް ތަނުގައި ވެސް އިހްލާސްތެރި އެތައްްއެތައް ކުދިންނެއް އަންނާނެ .. އެބައުޅޭވެސް މެ ޓްވިޓަރުގަ ނުވަތަ “އެކްސް” ގަ ހަޔާތް ކުޑަވާން ( ތިމާވަރު މީހެއްނެތުމާ ތިމާ ހިޔާލަކީ އެންމެ މޮޅު ހިޔާލޭ ހިތާ ) ލިޔެ ނޫޅުނަސް ގޮތް ފޮތް ތިބި އެތަކެއް ކުދިންނެއް މި ރާއްޖޭގަ އެބަތިބި މޒ ގެ މަސައްކަތް ކަަމިޔާބު އަދި ކާމިޔާބަކީ އަރައިގެން އަންނަ ކުދިންނަށް އޮތް ދަރުސް
5 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް