ކެލާ އަހުމަދު ނިޒާމް އޭނާއާ ބެހޭ ގޮތުން މީގެ 30 އަހަރު ކުރިން 'ހަވީރު'ގައި ޖެހި 'މީހުން' ކޮލަމް ވިދާޅުވަނީ: ނިޒާމްއަކީ އޭރު ރާއްޖޭގެ އެންމެ މަޝްހޫރު ރެސްޓޯރެންޓް 'ޗެއާޒް'ގެ އެއް ބާނީ.

ތިރީހުން ތިރީސް

ތިރީހުން ތިރީސް: ޗިއާޒް ދެމިގަތީ އެހާ ބާރަށް، އެ މާޒީގެ އިސް ބޭފުޅަކީ ނިޒާމް

ކެލާ އަހުމަދު ނިޒާމް އާއި އޭނާގެ އާއިލާއިން 1990ގެ ކުރީކޮޅު ހިންގި 'ޗިއާޒް' ރެސްޓޯރެންޓަކީ އޭރުގެ އެއް ވަނަ. އެ ވިޔަފާރިއަށް ޗިއާޒްއިން އާދަޔާ ހިލާފު ބަދަލެއް ގެނައި
11 މާރިޗު 2024

ކުރީގެ ދުވަހު ނޫސް 'ހަވީރު'ގައި 2 ޖެނުއަރީ 1993ގައި، 'މީހުން' ކޮލަމް ފެށި އެވެ. ބޭނުމަކީ ކޮންމެ ދުވަހަކު ވެސް ކޮންމެވެސް މީހަކާ ބެހޭ ހުލާސާ ލިއުމެއް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ. އެ ކޮލަމް ފުރަތަމަ ކުރިއަށް ގެންދިޔައީ ދިވެއްސަކާއި ބޭރުގެ މަޝްހޫރު ކޮންމެވެސް މީހަކާ ބެހޭ ލިއުމެއް ހިމަނައިގެންނެވެ. ފަހުން ހަމައެކަނި ދިވެހިންނަށް ހާއްސަކުރި އެވެ. 'މީހުން' ކޮލަމް 1 ޖެނުއަރީ 2000އާ ހަމައަށް ލިއުނީ އަޅުގަނޑެވެ. ޗުއްޓީގައި ހުރުން ނުވަތަ ނޫހުގެ އެހެން ކަމެއްގައި ރަށުން ބޭރަށް ދިއުން ފަދަ ހާލަތެއްގައި ނޫނީ ހަމަ ކޮންމެ ދުވަހަކުހެން އެ ކޮލަމް ފުރުމަކީ އަޅުގަނޑުގެ ޒިންމާއެކެވެ. 'ދައުރު'ގައި މި ރޯދަމަހު މި ބަލައިލަނީ މީގެ 30 އަހަރު ކުރިން 'މީހުން' ކޮލަމްގައި ޖެހި ބައެއް މީހުންނަށެވެ.

'ޗިއާޒް'ގެ ކައްޕި

14 ޖެނުއަރީ 1994

އަހުމަދު ނިޒާމްގެ އެ ހަނދާންތައް ފޮންޏެވެ. އެކަމަކު އެ ހަނދާންތަކާ ގުޅިފައި އޮތް 'ޗިއާޒް' ރެސްޓޯރެންޓް މިހާރަކު ނެތެވެ. މާލޭގައި އެ ދުވަސްވަރު އެންމެ މަޝްހޫރު ރެސްޓޯރެންޓް ބްރޭންޑް މާޒީވިިތާ ވެސް އެތައް އަހަރެކެވެ.

މިހާރު މިއީ މާޒީގެ ވާހަކަ އެވެ. އެ މާޒީއާ ގުޅިފައި އޮތް ހަނދާންތަކެވެ. އުފަލަކީ ކުރު މުއްދަތެއްގެ ތެރޭގައި 'ޗިއާޒް'ގެ ނަން މަޝްހޫރުވެ، އެތަނުގެ ކެއުންތަކަށް ގިނަ ބައެއްގެ ލޯބި ލިބުން އެކަންޏެއް ނޫނެވެ. ޗިއާޒް އިން ހުޅުވާލަދިން ފުރުސަތުތަކުގެ ބޭނުން ހިފި ޒުވާނުންނަށް ދެވުނު އެހީތެރިކަމާ މެދު އޭރުވެސް އަދި މިހާރު ވެސް ނިޒާމް އެ ހުންނެވީ ހިތްހަމަޖެހިވަޑައިގެންނެވެ.

"އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޗިއާޒް އަންހެން ކުދިންނަށް މަސއްކަތްކުރެވޭ ކަހަލަ މާހައުލެއް އުފެއްދުން. ބޭރުގައި ނަމަ މެކްނޮޑަލްސް، ކޭއެފްސީ ކަހަލަ ތަންތަނުގައި ސްކޫލް ކުދިން މަސައްކަތްކުރޭ އިތުރު ގަޑީގައި. އެކަހަަލަ ތަނަކަށް ޗިއާޒް ވެގެން ދިޔައީ،" ނިޒާމް ވިދާޅުވި އެވެ.

މިއީ 14 ޖެނުއަރީ 1994ގައި އޭރުގެ 'ހަވީރ'ގައި ހިމެނުނު 'މީހުން' ކޮލަމްގައި ލިއުނު އަހުމަދު ނިޒާމްގެ ކުރު ޕްރޮފައިލް

"ބައެއް ބޭފުޅުން ވެސް އެކަހަލަ ކަމެއް ކުރައްވާނެ ކަމަށް ހީވެސް ނުކުރެވޭ ބޭފުޅުން ރައްޓެހި ކުދިންނާ އެއްކޮށް [ޗިއާޒް] ޔުނިފޯމް އަޅުއްވައިގެން އައި."

އެ ކުދިންނާއި ޒުވާނުން، ސްކޫލް ގަޑިއަށް ފަހު ދަނީ ޗިއާޒްގެ ކަސްޓަމަރުންނަށް ހިދުމަތް ދޭށެވެ. ނުވަތަ ޗިއާޒްއިން ކޭޓަރިންގެ ބައި އަދާކުރާ ކޮންމެވެސް އިވެންޓެއްގައި ވޭޓަރުންގެ ޒިންމާއާ ހަވާލުވެގެން، އެތަނަކަށެވެ.

އޭރު ޗިއާޒްގައި ހިމެނުނު ކުދިން މިހާރު ތިބީ ގައުމީ ހިދުމަތުގެ މަތީ ފަންތީގަ އެވެ. ނިޒާމް ވިދާޅުވި ގޮތުން ނަމަ މިހާރުގެ ބައެއް ފަނޑިޔާރުންނާއި ޑޮކްޓަރުންނާއި ގާނޫނީ ވަކީލުން ވެސް އެ ލިސްޓްގައި ހިމެނެ އެވެ. އެހެންކަމުން ޗިއާޒްއަކީ އެތައް ޒުވާނަކަށް މަގު ދައްކައިގެން ހަޔާތުގެ ބައިވެރިއެއް ވެސް މެ އެވެ.

ނިޒާމަކީ ހއ. ކެލައަށް އުފަން ބޭފުޅެކެވެ. ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމަކީ އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ އެވެ. މައުސޫމްގެ އިތުރުން އާއިލާގެ އެހެން މެމްބަރުންނާއި ދެބެންގެ ދެދަރި ބައެއް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެން ޗިއާސް އުފެއްދެވީ، މިހާރަށް ބަލާ ނަމަ ކުޑަކުޑަ ކެފޭއަކުން، 1990ގަ އެވެ. އޭގެ ހަތަރު އަހަރު ފަހުން އަޅުގަނޑު ލިއުނު 'މީހުން' ކޮލަމަށް ނިޒާމް އެރިއިރު، މާލޭގައި އޭގެ ތިން ރެސްޓޯރެންޓް ހުއްޓެވެ. އެ ވިޔަފާރިން އަތް ދޫކޮށްލެއްވި އިރު، ހދ. ހަނިމާދޫގައި އެއް ތަން، މާލޭގައި ގާތްގަނޑަކަށް ހައެއްކަ ތަން ހިންގެވި އެވެ.

'ޗިއާޒް'އިން ރާއްޖޭގެ އެންމެ ބޮޑު އެއް ކްލަބް، ވެލެންސިއާގެ މައި ސްޕޮންސަރުގެ ގޮތުގައި ވެސް ހަރަކާތްތެރިވި. ކުރީގެ މަޝްހޫރު ކުޅުންތެރިޔާ މޫސާ މަނިކު (ކުޑަމޫސަ) ގައުމީ ފުޓްބޯޅަ މުބާރާތުގެ ތަށި ހިފައިގެން ފައިބަނީ

އޭރަށް ބަލާ ނަމަ މިއީ ވަރަށް އާދަޔާ ހިލާފު ކުރިއެރުމެކެވެ. ނިޒާމް ގަބޫލުކުރައްވާ ގޮތުގައި އެ ބާރު ދުވެލި އައީ މެނޭޖްމަންޓުން ގެންގުޅުނު ވިސްނުން ރަނގަޅުވެގެންނެވެ. މިސާލަކަށް ތަނަކަށް ކޭޓަރިންގެ ހިދުމަތް ދޭން ލިބިއްޖެ ނަމަ، އޭނާ ވިދާޅުވި ގޮތުގައި، 'ދެން ބަލާނީ ހަރަދަށް ވުރެ ފެންވަރު ހިފެހެއްޓުމަށެ'ވެ.

"ވަރަށް ބޮޑަށް އަޅުގަނޑުމެން ފެންވަރަށް ބެލިން. އެހެންވެ އަޅުގަނޑުމެން އޭރު އުޅޭނީ ކޭޓަރިންގެ ދާއިރާގައި އެންމެ ކުރީގައި، އަޅުގަނޑުމެންނާއި ހޮޓެލް ސްކޫލް،" ނިޒާމް ވިދާޅުވި އެވެ.

ފުޓްބޯޅައިގެ ފޯރިން ރާއްޖެ ފުރިފައި އޮތް ދުވަސްވަރު، އޭރުގެ އެންމެ ބޮޑު ކްލަބް ވެލެންސިއާގެ ޖާޒީގައި 'ޗިއާޒް' ޖެހުމުން ފެށިގެން ކުޅިވަރާއި އިޖުތިމާއީ ކަންކަމުގައި ވެސް އެ ނަން ވިދި އެވެ. ޗިއާޒްގެ އަހަރީ ދުވަހެއްގައި އިސްކަންދަރު ސްކޫލްގައި ބޭއްވި ހާއްސަ ޑިނާ ނައިޓްގެ ހަނދާން ހުރި މީހުންނަށް އެއީ ކޮން ފެންވަރެއްގެ ހަފުލާއެއްކަން މިހާރު ވެސް އެނގޭނެ އެވެ

"އިސްކަންދަރު އެއްކޮށް ފުރި، މީހުން ނުވަދެވިގެން. އެ ދުވަސްވަރު ވަރަށް އަގުބޮޑުކޮށް ޓިކެޓް ވެސް ވިއްކީ. ޓިކެޓް ވިއްކުން ހުއްޓާލަން ޖެހޭ ހިސާބަށް ދިޔަ," ނިޒާމް ވިދާޅުވި އެވެ.

ހިތާމައަކީ އެ ކުރިއެރުން ހުއްޓި، ޗިއާޒް ވެސް އަޅުގަނޑުމެންނާ ވަކިވުމެވެ. އެ ހަނދާންތައް ވަރަށް ހުލާސާ ގޮތެއްގައި އާކުރައްވަމުން ނިޒާމް ފުރަތަމަ ވެސް ވިދާޅުވީ ގާތް ރައްޓެއްސަކު ބުނި ވާހަކައެކެވެ: ނިޒާމް އެވެ. ތި އަޅާ ފިޔަވަޅުތަކަށް ވިސްނައްޗެވެ.

'ޗިއާޒް'ގެ ހިއްސާދާރުންގެ ތެރޭގައި ހިމެނޭ ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް (ވ) އަދި އޭނާގެ ބޭބެ އަހުމަދު ނިޒާމް (މ)، ޗިއާޒްގެ ނަން ޖެހި ޓީޝާޓްގައި

"އަޅުގަނޑަށް ހީވަނީ މާ އަވަހަށް ކުރިއަށް ދާން އުޅެވުނީ ކަންނޭނގެ. މާ ބޮޑު ސޭވިންއަކަށް ވުރެ ބިޒްނަސް ޑިވެލޮޕްކުރަމުން ގެންދިޔައީ ތަންކޮޅެއް ބާރަށް،" ނިޒާމް ވިދާޅުވި އެވެ.

ހަޔާތުގައި އަންނާނީ ވެއްޓުމާއި އެރުމެވެ. އެ ހަގީގަތުގެ ތެރެއިން، ގާތްގަނޑަކަށް 10 ވަރަކަށް އަހަރުގެ ތެރޭގައި ޗިއާޒްގެ ނަން މާލެއިން ނެތުނީ އެވެ

ނިޒާމް ސިޔާސީ ބޭފުޅެއް ވެސް މެ

ނިޒާމަކީ ތަފާތު ދާއިރާތަކުގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ. މަޖީދިއްޔާއިން ކިޔަވާ ވިދާޅުވެ އޭނާ ވަޑައިގަތީ އޭރު ރާއްޖޭގެ ބިޔަ ޝިޕިންލައިން އެމްއެސްއެލްގެ ކެޑޭޑަކަށެވެ. ހަތް އަހަރުގެ އެ މަސައްކަތް ނިންމަވައި، އެއްގަމަށް ފައިބައިވަޑައިގެންނެވި އިރު ބައެއް ބޯޓުފަހަރުގެ ކެޕްޓަންކަން ވެސް ކުރެއްވި އެވެ.

ޗިއާޒްގެ ވިޔަފާރީގައި އުޅުއްވި އިރު ވެސް ދޯނިފަހަރު ދުއްވި އެވެ. އެކަން ކުރިއަށް ގެންދެވީ އެހެން މީހުންނަށް އެ އުޅަނދުފަހަރު ކުއްޔަށް ދެއްވައިގެންނެވެލޯންޗުފަހަރު ވެސް ކުއްޔަށް ދުއްވި އެވެ.

ސިޔާސީ ވިސްނުމުގެ ބޭފުޅަކަށް ވާތީ ރައްޔިތުންގެ މަޖިލިހަށް އޭނާ ބެހެއްޓެވި ޝައުގުވެރިކަން ވަރަށް ބޮޑެވެ. އެންމެ ފުރަތަމަ ހާއްސަ މަޖިލިހުގެ ހއ. މެމްބަރެއްގެ ގޮތުގަ އެވެ. އޭގެ ފަހުން 1999ގައި އޮތް އެހާމެ ވާދަވެރި އާންމު އިންތިހާބުގައި ހއ.ގެ ދެ ގޮނޑީގެ ތެރެއިން އެއް ގޮނޑި، އުމުރުން އެންމެ 36 އަހަރުގައި، ހޯއްދެވި އެވެ

ނިޒާމް 

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް 1980ގެ އަހަރުތަކުގެ ކުރީކޮޅު ފެއްޓެވި އޭރުގެ ގާނޫނުއަސާސީ އިސްލާހުކުރުމުގެ މަސައްކަތް 1997ގައި ނިންމި އިރު، ނިޒާމް އިންނެވީ ހާއްސަ މަޖިލިހުގަ އެވެ. މިހާރުގެ ގާނޫނުއަސާސީ ހެދުމުގެ ހޫނު ދުވަސްތައް 2004ގައި ފެށީ ވެސް އޭނާ މަޖިލިހުގައި އިންނަވަނިކޮށެވެ. ނަމަވެސް އެ އަހަރުގެ އާންމު އިންތިހާބު ކާމިޔާބެއް ނުކުރެއްވުނެވެ.

އޭގެ ފަހުން އާއިލާއާ އެކު ސްރީ ލަންކާގައި ފަސް އަހަރު ހޭދަކުރެއްވި އެވެ. ރެސްޓޯރެންޓް ވިޔަފާރިގައި މިހާރު ނޫޅުއްވިޔަސް، ކޮންމެވެސް ވަރަކަށް އެކި ކަހަލަ ވިޔަފާރިތަކުގައި މިހާރު ވެސް ވަގުތު ހޭދަކުރައްވަ އެވެ. އަދި ކުރިން އަމިއްލަ ރަށުގައި ޖަމިއްޔާއެއް ހިންގެވި ގޮތަށް މިހާރު ހުޅުމާލޭގައި، 'ޕާތުވޭ މޯލްޑިވްސް'ގެ ނަމުގައި ވެސް ޖަމިއްޔާއެއް ކުރިއަށް ގެންދަވަ އެވެ.

ނަމަވެސް ނިޒާމްގެ މާޒީގައި އެންމެ ބޮޑު ގުޅުމެއް އޮތީ، އާދަޔާ ހިލާފު ކުރިއެރުމެއް ހޯދި ޗިއާޒްއާ އެވެ. އެއީ އޭރަށް އާދައިގެ ނަމެއް ނޫނެވެ. އެންމެ މަޝްހޫރު އެއް ނަމެވެ.

"އަޅުގަނޑުމެންނަށް އަސްލު ވަރަށް ބޮޑަށް ކުރިއަށް ގެންދެވުނު. ވަރަށް ތަފާތު ކަންކަން ކުރެވުނު އޭގެ ތެރެއިން،" މިހާރު އުމުރުން 60 އަހަރުގެ ނިޒާމް ވިދާޅުވި އެވެ.

"ކޮލިޓީ ހިފެހެއްޓުމާއި ޒުވާނުންނަށް އެ ދިން ފުރުސަތު. އެއީ ހަމަ ވަަރަށް ބޮޑަށް ފާހަގަކޮށްލެވޭ ކަމެއް."

އިތުރު އާޓިކަލް

އިތުރު އާޓިކަލް