ތިރީހުން ތިރީސް

ތިރީހުން ތިރީސް: ބަޔަކު ކިޔާ އެއްޗަކަށް ވަލީދާއެއް ނުގުޑާނެ

ކުރީގެ ނެށުންތެރިޔާ/ފިލްމީ ތަރި އެންމެ ފަހުން ފެނުނީ ސިޔާސީ މަތީ މަގާމަކުން. އެއީ ވެސް އޭނާ ހިތްވަރު ދޫނުކޮށް ކުރެއްވި މަސައްކަތުގެ މޭވާއެއް
21 މާރިޗު 2024

މިއީ ކުރީގެ ދުވަހު ނޫސް 'ހަވީރު'ގެ 'މީހުން' ކޮލަމްގައި މީގެ 30 އަހަރުު ކުރިން އަޅުގަނޑު ލިއުނު ބައެއް ޝަހުސިއްޔަތުތަކާ ބެހޭ ގޮތުން އަލުން ލިއަމުން އަންނަ ސިލްސިލާއެކެވެ.

9 މޭ 1994

ނެށުމުގެ ވަލީދާ

އޭރުގެ މަޝްހޫރު 'ގެލެކްސީ' ޝޯތަކުގައި ވަލީދާ ވަލީދުގެ ނެށުމެއް ނެތް ނަމަ އެއީ ބެލުންތެރިންނަށް އެހާމެ ބޮޑު އުނިކަމެކެވެ. އޭނާއަކީ އެ ދުވަސްވަރު ރާއްޖޭގައި އުފެދުނު އެންމެ މަޝްހޫރު، އެންމެ ހުނަރުވެރި ނެށުންތެރިޔާ އެވެ. އީދު ޝޯތަކުގެ އެންމެ ހިނގި އެއް ނަމެވެ.

އެކަމަކު ވަލީދާގެ ހުނަރު ނިމެނީ ނެށުމުގެ ފައި ހަރުކުރުމާ ހަމަޔަކުން ނޫނެވެ. އޭނާ ވަނީ އެކްޓަރެއްގެ ގޮތުގައި ވެސް ގިނަ ފިލްމުތަކަކާއި ޓީވީ ސިލްސިލާތަކުގައި ހަރަކާތްތެރިވެފަ އެވެ. ދެން ގޭތެރޭގައި އޭނާގެ ފަންނީ މަސައްކަތަށް ބަލާ ނަމަ ފެހުމެވެ. އެކަން ވެސް ހުރީ މަތީ ފެންވަރުގަ އެވެ.

ވަލީދާއާ ބެހޭ ގޮތުން މީގެ 30 އަހަރު ކުރިން 'ހަވީރު'ގެ 'މީހުން' ކޮލަމްގައި ޖެހި ލިއުން

މީގެ 30 އަހަރު ކުރިން 'މީހުން' ކޮލަމަށް ވަލީދާ އެރީ އޭރު ހަދަމުން އައި 'މާޕާ'ގެ ފިލްމު 'ތުހުމަތު'ގެ ބަތަލާއަކަށް އޭނާ ކަނޑައެޅުމާ އެކު އެވެ. އެއީ ނެށުމުގެ ބައި ހިމެނުނު ފިލްމެކެވެ. އަދި ނެށުމާ ދުރަށް ދިޔަކަމުގެ އަޑުތައް އަރާފައި އޮއްވާ، ހަމ އެދުވަސްވަރު އޮލިމްޕަހުގައި އޮތް ގެލެކްސީ ޝޯތަކުން ވެސް ފެނުމުންނެވެ. 

"އަޅުގަނޑުގެ ފެމިލީއަކު ވެސް އަސްލު ނޫޅޭ ފިލްމު ކުޅެ ހަދާ [މީހެއް]. މަންމައަކީ ހިރިލަންދޫ މީހެއް. ހިރިލަންދުއަކީ ވަރަށް ނެށުމުގެ ކަންތައްތައް އޮންނަ ރަށެއް،" މާޒީގެ ހުލާސާއެއް ދެއްވަމުން ވަލީދާ ވިދާޅުވި އެވެ.

"ވަރަށް ގިނަ މީހުން ބުނާނެ މަންމައަކީ އޭރު ހިރިލަންދޫގައި އެކަހަލަ އޮކޭޝަންސްތަކުގައި  ވަރަށް ނަށާ ވަރަށް ޓެލެންޓެޑް މީހެއް ކަމަށް. އެ ހުނަރު ކަންނޭނގެ އަޅުގަނޑަށް އައީ."

އުމުރުން އެންމެ 14 އަހަރެވެ. ކުރީގެ ޑައިރެކްޓަރު ބޮޑުފެންވަޅުގޭ މުހައްމަދު މުސްތަފާ ހުސެއިން ތައްޔާރުކުރެއްވި ލަވަޔަކަށް ވަލީދާ ނެންގެވި އެވެ. އެ ލަވަ ނަގަމުން ދިޔައިރު އުމުރުން ވަލީދާ އެހާ ހަގު ކަމެއް މުސްތަފާއަށް ވެސް އެނގިވަޑައެއްނުގަންނަވަ އެވެ. 

"އެ ލަވަ ނެރުއްވަން ވެސް ޖެހިލުންވި އެ ބޭފުޅާ،" ވަލީދާ ވިދާޅުވި އެވެ.

ނަމަވެސް 1980ގެ މެދުތެރޭގައި ތައްޔާރުކުރި ލަވައާ އެކު މުސްތަފާ އޭރު ވިދާޅުވި ވާހަކައިން ވަލީދާއަށް ގެނެސްދިނީ އުއްމީދެވެ.

"މުސްތަފާ ވިދާޅުވި ވަލީދާއަކީ ވަރަށް ކުރިއަށް ދާނެ ކުއްޖެކޭ،" އެ ހަނދާންތައް އޭނާ އާކުރެއްވި އެވެ.

އާއެނކެވެ. ވަލީދާގެ ވާހަކަ 'މީހުން' ކޮލަމްގައި ލިއުނު އިރު އޭނާ ހުންނެވީ ހުނަރުގެ ގޮތުން ކުރީގަ އެވެ. އާންމުންގެ ލޯބި އެހާމެ ބޮޑެވެ.

މިހާރު މި އޮތީ ސިޔާސީވެފައި

މިދިއަ އަހަރުތަކުގައި ވަލީދާއަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެ އެވެ. އޭނާގެ ހުނަރުތަކުގެ ތެރެއިން މިހާރު ދޫނުކޮށް ހުންނެވީ ފެހުމުގެ މަސައްކަތުގަ އެވެ. ނަމަވެސް ފެހުމަށް ވުރެ ވެސް ބޮޑަށް އޭނާ އާންމުންގެ ތެރޭގައި މަޝްހޫރު ވާނީ ސިޔާސީ ބޭފުޅެއްގެ ގޮތުގަ އެވެ.

ކުރީ ސަރުކާރުގެ މަތީ މަގާމެއް ފުރުއްވިތާ އަދި މާ ގިނަ ދުވަހެއް ނުވެ އެވެ. އޭރުގެ އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަކީ، މިއަދު އޭނާގެ ހަޔާތުގެ ވަރަށް މުހިންމު ތަޖުރިބާއެކެވެ.

ސިޔާސީ ދާއިރާއަށް ހުސްވުމުގެ ސަބަބަކީ ސިޔާސީ ކަންކަމަށް ހުރި ލޯބި ފިޔަވައި އެހެން އެއްޗެއް ނޫނެވެ. އެކަމަކު ޝައުގުވެރިކަން ހުއްޓަސް، ޖުމްހޫރީ ޕާޓީއަށް ވެންނެވުމުގެ ކުރިން ސިޔާސީ ކަމެއްގައި އުޅެވިދާނެ ކަމަށް އޭނާ ހިއެއްނުކުރައްވަ އެވެ. 

"[މުހައްމަދު އަބްދުﷲ] މުހައްމާ ބުނަނީ ޖުމްހޫރީ ޕާޓީއާ ޖޮއިންކުރަންވީ ނޫންހޭ. ވަލީދާއަކީ ކޮންމެ މަސައްކަތެއް ކުރިޔަސް ވަރަށް ރަނގަޅަށް ކޮށްދޭ މީހެކޭ. އެ ހާލަތުގައި [ހިތަށްއެރީ] ރަނގަޅު ކަމެކޭ،" ވަލީދާ ވިދާޅުވި އެވެ.

ސިޔާސީ އެއްވުމެއްގައި ވަލީދާ (ކ) 2017 ވަނަ އަހަރު: އޭނާ ދެ ފަހަރަކު ފުލުހުން ހައްޔަރުކުރި

އޭރު ވެސް އާމްދަނީ ހޯއްދަވަން ވަލީދާ ކުރައްވަމުން ގެންދެވީ ފެހުމުގެ މަސައްކަތެވެ. އެކަމަކު ޖޭޕީއާ ގުޅިވަޑައިގަތުމާ އެކު ގިނަ ވަގުތު ހޭދަކުރެއްވީ ސިޔާސީ ހަރަކާތުގަ އެވެ. އިދިކޮޅުގައި ޖޭޕީ އޮތް އިރު މަގުމަތީގެ އެއްވުންތަކަށް ވެސް ނުކުންނެވި އެވެ. ދެ ފަހަރަކު ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ގެންދިޔަ އެވެ.

ޖޭޕީގެ އެކި މަގާމުތައް ފުރުއްވަމުން އެންމެ ފަހުން އޭނާ ހުންނެވީ އަންހެނުންގެ ލީގުގެ ރައީސްގެ މަގާމުގަ އެވެ. އެހެންކަމުން ޕާޓީގެ ކައުންސިލުން ވެސް އޭނާއަށް ޖާގަ އޮތެވެ.

އެމްޑީޕީގެ އާ ސަރުކާރުގައި ޖޭޕީއަށް ދިން ފުރުސަތުތަކުގެ ތެރެއިން ވަލީދާއަށް ޑެޕިއުޓީ މިނިސްޓަރުކަން ލިބިވަޑައިގަތީ، އޭރު ބައެއް މީހުން ފާޑުކީ ގޮތުން ނަމަ، 'މަގުމަތީގައި އުޅެގެންނެ'ވެ. ނަމަވެސް ވަލީދާ ގަބޫލުކުރައްވަނީ ޖޭޕީގައި އޭނާ ނެންގެވި ޒިންމާތަކަކީ އެ މަގާމު ލިބިވަޑައިގަތުމުގެ ސަބަބު ކަމަށެވެ.

"ވަޒީފާ އަސްލު ލިބުނީ ޖުމްހޫރީ ޕާޓީގައި އެވަގުތު ތިބި އަންހެނުންގެ ތެރެއިން އޭރު އަންހެން ލީގުގެ ޕްރެޒިޑެންޓަށް ވެފައި، އަނެއްކާ ކައުންސިލް މެމްބަރަށް ވީމާ،" ވަލީދާ ވިދާޅުވި އެވެ.

އެމްޑީޕީ ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި ވަލީދާ ވަލީދު (ކ) އެ ސަރުކާރުގެ އަންހެން އިސް ބައެއް ވެރިންނާ އެކު

ސިޔާސީ މީހުންނާއި މުނިފޫހިފިލުވުމުގެ ދާއިރާގެ ފަންނާނުންނަށް ފާޑުކިއުންތަކާ އަބަދުވެސް އަމާޒުވެ އެވެ. ހާއްސަކޮށް ސޯޝަލް މީޑިއާގެ މި ޒަމާނުގައި އެ ފާޑުކިއުންތައް ގިނަ މީހުންނާ ހަމައަށް ދާލެއް އަވަސްވެފައި، އެކަމުގައި ބައިވެރިވާ މީހުން ވެސް ގިނަ އެވެ.

"ވަރަށް ފާޑުކިޔުން އައި ސިޔާސީ ގޮތުން ވެސް. ފިލްމު ކުޅެ މިކަހަލަ މަސައްކަތެއް ކޮށްފައި ހުރި މީހެއް ވިއްޔާ އަދި ވަރަށް ފާޑުކިއުން އަންނާނެ،" ވަލީދާ ވިދާޅުވި އެވެ.

އެ ވާހަކައާ އެކު އޭނާ ދެން ފާހަގަކުރެއްވީ ފާޑުކިޔާ ގިނަ މީހުންގެ ހުންނަ އުނި ސިފަތަކެވެ.

"އެއްވެސް މީހަކަށް އަނެއް މީހަކު ޅައިރުއްސުރެ އުޅެފައި އެ ހިސާބަށް އާދެވުނު ގޮތެއް ބަލާކަށް ވެސް ބޭނުމެއް ނުވޭ. އޭނާ ޖަޖްކުރަން ފަށާނެ."

ފާޑުކިޔައިގެން ޖެހިލުންވެ، ހިތް މަރެއް ނުވާނެ

ވަލީދާ ވަރަށް ސާފުކޮށް ވިދާޅުވި އެއް ވާހަކައަކީ ބަޔަކު ފާޑުކިޔައިގެން އޭނާގެ އުއްމީދުތައް ނަގާނުލެވޭނެ ކަމެވެ. ހިތްވަރު އެލުވާލައިގެން ނުހުންނަވާނެ ކަމެވެ. އޭގެ ބަދަލުގައި އޭނާގެ އަޒުމަކަށް އަބަދުވެސް އޮންނާނީ އެކަން އަދި މާ ގަދައަށް ކުރެއްވުން ކަމެވެ.

"ވަރަށް ފާޑުކިއުން އައި. ވަރަށް ބުލީކުރި. އެކަމަކު އަޅުގަނޑަށް ވާގޮތަކީ އެކަހަލަ ކަންކަން އައިމާ އިތުރު ހިތްވަރެއް ލިބެނީ ކުރަން. ކޮށްފައި ދައްކަން،" ވަލީދާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ޑެޕިއުޓީ މިނިސްޓަރުކަން ލިބުނީމާ ނުވާނެއޭ ބުނީމާ އިންޝާالله، ވަރަށް ކާމިޔާބު."

ވަކި ކަމެއް ކުރަން ނިޔަތް ގަނެ އެކަމަކު މީހުންގެ ފާޑުކިއުންތަކާ ހެދި ޖެހިލުންވެފައި ތިބޭ މީހުންނަށް އޭނާގެ ނަސޭހަތެއް އެބަ އޮތެވެ؛ ދޫނުކޮށް ހިފެހެއްޓުމެވެ.

ވަލީދާ 'ދައުރު'އަށް އިންޓަވިއު ދެއްވަނީ

"އަސްލު ގިވަޕްކޮށްގެން ނުވާނެ. އެއީ މީހުން ފާޑުނުކިޔާނެ ގޮތަކަށް ނުވެސް އުޅެވޭނެ. ގޭގައި ހުއްޓަސް ބުނާނެ މިހާރު އަބަދު ގޭގައޭ. އެހެންވީމާ ކުރަން ބޭނުން ކަމެއް ހާސިލްވާނީ ވަރަށް ހިތްވަރު ހުރެގެން،" އޭނާ ވިދާޅުވި އެވެ.

އެ ހުރިހާ ހިތްވަރާ އެކު ވަލީދާގެ ދިރިއުޅުން ކިހާ ކާމިޔާބު ހެއްޔެވެ؟ އޭނާއަށް ޖަވާބު ވަރަށް ފަސޭހަ އެވެ.

"އަސްލު ވަރަށް، ވަރަށް ކާމިޔާބު،" ވަލީދާ ވިދާޅުވި އެވެ.

"އަޅުގަނޑަކަށް ނުބުނެވޭނެ އަޅުގަނޑު ނާކާމިޔާބެކޭ ހަމަ އެއްގޮތަކަށް ވެސް. އެއީ ކުރަން ވިސްނި އެއްވެސް ކަމެއްގައި އަޅުގަނޑު ފަހަތަކަށް ނުޖެހެން. ޕްރޫވް ވެސް ކޮށްދެވިފައި މި އޮތީ."

ހަމައެކަނި ނެށުމާއި ފިލްމު ކުޅުމާއި ސިޔާސީ ގޮތުން އެކަންޏެއް ނޫނެވެ. އޭނާ ކައިރިއަށް ފަހަން ދާ ގިނަ މީހުންނަކީ ވެސް ވަލީދާގެ މަސައްކަތުގެ ކާމިޔާބުކަން ދައްކައިދޭ ހެއްކެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް