މަރުކަޒީ ބޭންކް، އެމްއެމްއޭ. (ދައުރު ފައިލް ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އޭސީސީ

ނަގުދު ފައިސާއިން މުއާމަލާތްކުރެވޭނެ ވަރެއް ކަނޑައަޅަން އޭސީސީން ލަފާ ދީފި

އެމްއެމްއޭ އިން އެފަދަ ލިމިޓެއް ކަނޑައަޅަންވާނީ ރާއްޖޭގެ މާހައުލާ ގުޅޭ ގޮތަށް، ވިޔަފާރިތަކަށް ހުރަސް ނޭޅޭ ގޮތަކަށް ކަމަށް އޭސީސީން ބުނި
16 ފެބްރުއަރީ 2023

ރާއްޖޭގައި ކުރާ ނަގުދު ފައިސާގެ މުއާމަލާތްތަކުގައި އެންމެ ގިނަ އަދަދަކަށް ބޭނުންކުރެވޭނެ ފައިސާގެ މިންވަރު ކަނޑައެޅުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ލަފާ ދީފި އެވެ.

ވީ ކިހިނެއް؟ - އޭސީސީން މިގޮތަށް ލަފާދީފައިވަނީ އެ ކޮމިޝަނުން ރޭ އާއްމުކުރި 'އެސެޓް ރިކަވަރީގެ ނިޒާމު ރާއްޖޭގައި އޮތް ގޮތް ދެނެގަތުމަށް ހެދި ދިރާސާ ރިޕޯޓު'ގަ އެވެ.

ތަފްސީލް - ރާއްޖޭގެ އެސެޓް ރިކަވަރީ ނިޒާމުގެ މައްސަލަތައް ފާހަގަކޮށް އޭސީސީން ވަނީ ގިނަ ލަފާތަކެއް އެ ރިޕޯޓުގައި ހިމަނާފަ އެވެ. ރާއްޖޭގައި ނަގުދު ފައިސާއިން ކުރާ މުއާމާލަތްތައް ލިމިޓުކުރުމަށް ހުށަހަޅާފައިވަނީ އެ ރިޕޯޓުގަ އެވެ. އޭސީސީން ބުނީ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެފަދަ ލިމިޓެއް ކަނޑައަޅާ ނަމަ، ކަނޑައަޅަންވާނީ ރާއްޖޭގެ މާހައުލާ ގުޅޭ ގޮތަށް، ވިޔަފާރިތަކަށް ހުރަސް ނޭޅޭ ގޮތަކަށް ކަމަށެވެ.

ގުޅުން ހުރި ކަމެއް - ނަގުދު ފައިސާގެ މުއާމަލާތްތަކުގައި ލިމިޓެއް ކަނޑައެޅުމަށް އޭސީސީން ލަފާ ދިން އިރު އެމްއެމްއޭއިން ވަނީ ޗެކު ބޭނުންކޮށްގެން ފައިސާގެ މުއާމަލާތްތައް ކުރުން ވީހާ ވެސް މަދުކުރުމަށް ރާއްޖޭގައި ޗެކުން މުއާމަލާތް ކުރެވޭނެ އެންމެ މަތީ މި ފަހުން އަދަދެއް ކަނޑައަޅާފަ އެވެ. އެގޮތުން، ޗެކު ދޫކުރެވޭ އެންމެ މަތީ ލިމިޓަކީ:

  • ދިވެހި ރުފިޔާއިން - 50،000ރ.

  • ޑޮލަރުން - 3،000 ޑޮލަރު

އެނގުން މުހިއްމު - ނަގުދު ފައިސާގެ މުއާމަލާތްތަކުގައި ލިމިޓެއް ކަނޑައެޅުމުގެ އިތުރުން އޭސީސީން ހުށަހަޅާފައިވާ ލަފާތަކަކީ:

  • ކޮރަޕްޝަންގެ ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެކަން ގާނޫނަކުން ކަނޑައެޅިގެން ބަޔާންކުރުން

  • ތަހުގީގީ އިދާރާތަކުން ބަދަލުން އަންނަ މައްސަލައެއްގައި ހިމެނޭ މުދަލާއި ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާ އާއި މުދަލާއި އެކަށިގެންވާ ހެކި ތަހުގީގީ އިދާރާތަކަށް ލިބިފައި ވާނަމަ، އެ ފައިސާ އަދި މުދާ މަދަނީ މިންގަނޑުގެ ތެރެއިން ދައުލަތަށް ނެގޭނެ ބާރު ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ދިނުން

  • އެސެޓް ރިކަވަރީއަށް ހާއްސަ ގާނޫނެއް އެކުލަވާލުން

  • މިހާރު މަޖިލީހަށް ހުށަހަޅާފައިވާ އެސެޓް ޑެކްލަރޭޝަންއާ ގުޅޭ ބިލުގައި ބައިނަލްއަގްވާމީ ބެސްޓް ޕްރެކްޓިސްތަކަށް ފެތޭ އަދި އާއްމުކޮށްފައިވާ ދިރާސާތަކުގައި ހިމެނޭ ރެކޮމެންޑޭޝަން ހިމެނިފައިވޭތޯ ކަށަވަރުކުރުން

  • އެސެޓް ޑެކްލަރޭޝަން ނިޒާމް ގާއިމުވެގެން އަންނައިރު އެ ނިޒާމުގެ ތެރެއިން ކޮންމެހެން ހާމަކުރަން ޖެހޭ މައުލޫމާތު އާއްމުންނަށް ފެންނާނެ ފަދަ ދެ ފުށް ފެންނަ ނިޒާމެއް ގާއިމުކުރުން

  • ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގުމުގައި ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން މަސައްކަތް ކުރާނެ ގޮތް ލިޔުމުން އެކުލަވާލުމާއި މި ލިޔުމުގައި އިދާރާތަކުގެ މެދުގައި މައުލޫމާތު ހިއްސާކުރާނެ ގޮތް ބަޔާންކުރުން

  • ދައުލަތުގެ މުދަލާ ގުޅޭ މައުލޫމާތު އެއް ހަމަކުރުމަށް ދައުލަތުގެ އިދާރާތަކުން ބަލަހައްޓާ މުދަލުގެ މައުލޫމާތު ނަގައި ރައްކާކުރާނެ އެއް ފޯމެޓެއް ކަނޑައެޅުން

  • މާލީ ކަންކަމާ ގުޅުން ނެތް ވިޔަފާރިތައް އަދި ދާއިރާތައް ނުވަތަ ޑެޒިގްނޭޑެޓް ނޮން ފައިނޭންޝަން ބިޒްނަސް އެންޑް ޕްރޮފެޝަންސް (ޑީއެންއެފްބީޕީ) ރެގިއުލޭޓްކުރުމަށް ގާނޫނީ އޮނިގަނޑެއް އެކުލަވާލުން

  • އެސެޓް ރިކަވަރީ ނިޒާމާ ގުޅޭ ގޮތުން ގުޅުންހުރި ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންނަށް ބޭނުންވާ ފަންނީ ގާބިލުކަމާއި އިދާރީ ގާބިލު ކަމަށް ބޭނުންވާނެ ތަމްރީނާ ތަޖުރިބާ އާއި ވަސީލަތްތައް ހޯދައިދިނުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް