ރާއްޖޭގެ އެސެޓް ރިކަވަރީ ނިޒާމު އޮތް ގޮތުގެ މައްޗަށް އޭސީސީން ތައްޔާރުކުރި ދިރާސާ ރިޕޯޓު އާއްމުކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން (ފޮޓޯ/ އޭސީސީ)
ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ނެގޭނެ ގޮތެއް ގާނޫނުގައި ނެތުމުން އޭސީސީގެ ކަންބޮޑުވުން
ކުށްކޮށްގެންނާއި ކުށްކުރުމަށް ބޭނުންކުރާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެ ގޮތެއް ގާނޫނީ އޮނިގަނޑުގެ ތެރެއިން ކަނޑައެޅިފައި ނުވާތީ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ވީ ކިހިނެއް؟ - ކުށްކޮށްގެންނާއި ކުށްކުރުމަށް ބޭނުންކުރާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެ ގޮތެއް ގާނޫނުގައި ކަނޑައަޅާފައިނުވާކަން ފާހަގަކޮށް އޭސީސީން ކަންބޮޑުވުންފާޅުކޮށްފައިވަނީ ރޭ އެ ކޮމިޝަނުން އާއްމުކުރި 'އެސެޓް ރިކަވަރީގެ ނިޒާމު ރާއްޖޭގައި އޮތް ގޮތް ދެނެގަތުމަށް ހެދި ދިރާސާ ރިޕޯޓު'ގަ އެވެ.
އެ ކޮމިޝަނުގެ ރިޕޯޓުގައި، ރާއްޖޭގެ އެސެޓް ރިކަވަރީ ނިޒާމާ ގުޅިގެން ފާހަގަކުރެވުނު މައްސަލަތަކާ އެކު އެކަންކަން ހައްލުކުރުމަށް ލަފާ ވެސް ހުށަހަޅާފައިވެ އެވެ.
ކޮރަޕްޝަންގެ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެ ގޮތެއް ނެތް
-
މިހާރު ރާއްޖޭގެ ގާނޫނީ އޮނިގަނޑު އޮތް ގޮތުން ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން، ކޮރަޕްޝަންގެ ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނީ ކޮރަޕްޝަންގެ ކުށް ކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެކަން ގާނޫނަކުން ކަނޑައެޅިގެން
-
އެކަން ގާނޫނަކުން ކަނޑައަޅާފައި ނުވާތީ ކޮރަޕްޝަންގެ ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ މިހާރު ދައުލަތަށް ނެގެނީ ކޮރަޕްޝަނުގެ ކުށަކާއި މަނީ ލޯންޑްރިންގެ ކުށާ ގުޅޭ ހާލަތުގައި އެކަނި
-
މަނީ ލޯންޑްރިންގެ ކުށާ ގުޅުމެއް ނެތި ހަމައެކަނި ކޮރަޕްޝަންގެ ކުށް ކުރާ ހާލަތުގައި ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެ ގޮތެއް ނެތް
-
ކޮރަޕްޝަންގެ ކުށްތަކުން ހޯދާ މުދަލާއި ފައިސާ މަދަނީ މިންގަނޑުން ދައުލަތަށް ނެގުމަށް މާލިއްޔަތު ގަވާއިދުން މަގު ދެއްކި ނަމަވެސް، އެ ގަވާއިދުގައި ކުށްކޮށްގެން ހޯދި މުދަލުގެ މަންފާ ދައުލަތަށް ނެގުމަށް އަމަލުކުރާނެ ގޮތުގެ އިރުޝާދެއް ބަޔާންކޮށްފައެއް ނުވޭ
ލަފާ - ކޮރަޕްޝަންގެ ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެކަން ގާނޫނަކުން ކަނޑައެޅިގެން ބަޔާންކުރުމާއި ތަހުގީގީ އިދާރާތަކުން ބަދަލުން އަންނަ މައްސަލައެއްގައި ހިމެނޭ މުދަލާއި ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާ އާއި މުދަލާއި އެކަށިގެންވާ ހެކި ތަހުގީގީ އިދާރާތަކަށް ލިބިފައި ވާނަމަ، އެ ފައިސާ އަދި މުދާ މަދަނީ މިންގަނޑުގެ ތެރެއިން ދައުލަތަށް ނެގޭނެ ބާރު ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ދިނުމަށް ރިޕޯޓުގައި ލަފާ ދީފައިވެ އެވެ.
މުދަލާއި ފައިސާ އަނބުރާ ހޯދުމަށް ވަށާ ޖެހޭ ގާނޫނެއް ނެތް
-
މިހާރު ހުރި ގާނޫނުތަކުން ކުށްކޮށްގެން ހޯދާ މުދަލާ ފައިސާ ދައުލަތަށް ނެގޭނެ ގޮތްތަކާއި ގެއްލުމަށް ބަދަލު ނެގޭނެ ގޮތްތައް ބައެއް ގާނޫނުތަކާއި ގަވާއިދުތަކުގައި ބަޔާން ކުރިޔަސް، ވަށާ ޖެހޭ ނިޒާމެއްގެ ތެރެއިން އެކަންކަން ބަޔާންކޮށްފައި ނުވާތީ، ތަންފީޒީ އިދާރާތަކަށް ގޮންޖެހުންތަކާ ކުރިމަތިވޭ
-
އެކި އިދާރާތަކުން އެ އިދާރާއެއްގެ އިހުތިސާސްގެ ތެރެއިން މަސައްކަތް ކުރިޔަސް، އެސެޓް ރިކަވާކުރުމުގެ މަސައްކަތަށް މުޅި ރާއްޖޭގައި އަމަލުކުރާނެ އުސޫލީ މިންގަނޑެއް ނެތް އަދި ރާއްޖޭގެ އެސެޓް ރިކަވަރީ ނިޒާމު ބަލަހައްޓާނެ ބެލެނިވެރި މުއައްސަސާއެއް ނެތް
ލަފާ - އެސެޓް ރިކަވަރީއަށް ހާއްސަ ގާނޫނެއް އެކުލަވާލަން ވަނީ ލަފާ ދީފަ އެވެ.
މާލީ ބަޔާން ހުށަހެޅުމުގެ ހަރުދަނާ ނިޒާމެއް ނެތް
-
ދައުލަތުގެ މަސްއޫލު މަގާމުތައް އަދާކުރާ ފަރާތްތަކުގެ މުދަލާއި ފައިސާގެ ބަޔާން ހާމަކުރުން ލާޒިމުކުރުމަށާއި އެކަން ކުރަން ޖެހޭ ފަރާތްތައް ކަނޑައެޅުމާއި އެ މައުލޫމާތު ހުށަހެޅެން ޖެހޭ ފަރާތްތައް ކަނޑައެޅުމާ އަދި އެކަން ކުރުމުގައި އަމަލުކުރަން ޖެހޭ އުސޫލުތަކާއި ހަމަތައް ބަޔާންކުރުމަށް އެއް މިންގަނޑެއް ނެތް
-
ހުށަހަޅާ މާލީ ބަޔާންތައް ވެރިފައިކުރުމުގެ މަސައްކަތް އެންމެ އެދެވޭ ގޮތެއްގައި ކުރިއަށް ގެންދެވިފައެއް ނުވޭ
-
މާލީ ބަޔާން ހުށަހަޅާ ފަރާތްތަކުގެ ބަޔާންތަކަކީ އޮޑިޓްކޮށް އަދި އޭގެ ތެދުކަން ކަށަވަރުކޮށް ވެރިފައިކުރާ މައުލޫމާތެއް ނޫން
ލަފާ - މިހާރު މަޖިލީހަށް ހުށަހަޅާފައިވާ އެސެޓް ޑެކްލަރޭޝަންއާ ގުޅޭ ބިލުގައި ބައިނަލްއަގްވާމީ ބެސްޓް ޕްރެކްޓިސްތަކަށް ފެތޭ އަދި އާއްމުކޮށްފައިވާ ދިރާސާތަކުގައި ހިމެނޭ ރެކޮމެންޑޭޝަން ހިމެނިފައިވޭތޯ ކަށަވަރުކުރުމާއި އެސެޓް ޑެކްލަރޭޝަން ނިޒާމް ގާއިމުވެގެން އަންނައިރު އެ ނިޒާމުގެ ތެރެއިން ކޮންމެހެން ހާމަކުރަން ޖެހޭ މައުލޫމާތު އާއްމުންނަށް ފެންނާނެ ފަދަ ދެ ފުށް ފެންނަ ނިޒާމެއް ގާއިމުކުރުމަށް ލަފާ ދީފައިވެ އެވެ.
ގުޅިގެން މަސައްކަތް ކުރާނެ ނިޒާމެއް ނެތް
-
ބޭރު ގައުމުތަކުގައި، ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގުމުގެ މަސައްކަތް ކުރަނީ ގިނަ އިދާރާތަކެއް ގުޅިގެން
ލަފާ - ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގުމުގައި ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން މަސައްކަތް ކުރާނެ ގޮތް ލިޔުމުން އެކުލަވާލުމާއި މި ލިޔުމުގައި އިދާރާތަކުގެ މެދުގައި މައުލޫމާތު ހިއްސާކުރާނެ ގޮތް ބަޔާންކުރުމަށް އޭސީސީން ލަފާ ދީފައިވެ އެވެ.
ގުޅުން ހުރި ކަމެއް - ރާއްޖޭގެ އެސެޓް ރިކަވަރީ ނިޒާމު ހަރުދަނާ ކުރުމަށް އިތުރު ލަފާތަކެއް ވެސް އޭސީސީން ވަނީ އެ ރިޕޯޓުގައި ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
-
ރާއްޖޭގެ މާހައުލާ ގުޅޭ ގޮތުން އަދި ވިޔަފާރިތަކަށް ހުރަސް ނޭޅޭނެ ފަދަ ގޮތަކަށް ނަގުދު ފައިސާއިން ކުރާ މުއާމަލާތްތަކުގައި އެންމެ ގިނަ އަދަދަކަށް ބޭނުން ކުރެވޭނެ ފައިސާގެ މިންވަރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައެޅުން
-
ދައުލަތުގެ މުދަލާ ގުޅޭ މައުލޫމާތު އެއް ހަމަކުރުމަށް ދައުލަތުގެ އިދާރާތަކުން ބަލަހައްޓާ މުދަލުގެ މައުލޫމާތު ނަގައި ރައްކާކުރާނެ އެއް ފޯމެޓެއް ކަނޑައެޅުން
-
މާލީ ކަންކަމާ ގުޅުން ނެތް ވިޔަފާރިތައް އަދި ދާއިރާތައް ނުވަތަ ޑެޒިގްނޭޑެޓް ނޮން ފައިނޭންޝަން ބިޒްނަސް އެންޑް ޕްރޮފެޝަންސް (ޑީއެންއެފްބީޕީ) ރެގިއުލޭޓްކުރުމަށް ގާނޫނީ އޮނިގަނޑެއް އެކުލަވާލުން
-
އެސެޓް ރިކަވަރީ ނިޒާމާ ގުޅޭ ގޮތުން ގުޅުންހުރި ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންނަށް ބޭނުންވާ ފަންނީ ގާބިލުކަމާއި އިދާރީ ގާބިލު ކަމަށް ބޭނުންވާނެ ތަމްރީނާ ތަޖުރިބާ އާއި ވަސީލަތްތައް ހޯދައިދިނުން